ވިހަ ތީރު (68)

( 18 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ޙަމްޒާއަކީ ދިލްނަޝީންގެ ފުރަތަމަ ލޯތްބެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ ދެވަނަ ލޯތްބެވެ. މިފަދަ އެތައް ވަސްވާސްތަކެއް ، ދިލްނަޝީންގެ ހިތުގައި އުފައްދައި ، މެހެމަލް އެގެންދަނީ ދިލްނަޝީންގެ ހިތް ތަޣައްޔަރު ކުރަމުން ، އޭނާ ދަތުރުކުރަންވީ މަގު ކޮށައި ސާފު ކުރަމުންނެވެ. ކުރިޔަށް ދާންވީ ހުރިހާމަގެއް ދިލްނަޝީނަށް އެދަނީ ބަންދު ވަމުންނެވެ. )

އިސްލާމްއާބާދަށް ޙައިދަރުދިޔައީ ، މާސިންގާ މިސްކިތެއް އެޅުމަށް ބިޑަށް ހުޅުވައިލެވުނު ، ޕްރޮޖެކްޓެއް ހުށަހެޅުމަށްޓަކައެވެ. އެ ޕްރޮޖެކްޓް ޙައިދަރު ކާމިޔާބު ކުރިއެވެ. އެކަމުގެ އުފަލުގައި ޙައިދަރުގެ ދެމައިން ، ފޯނުން ވާހަކަ ދައްކަން ތިއްބާ އެތަނަށް ދިލްނަޝީނަށް އާދެވުނެވެ. އެ އުފާވެރި ޚަބަރު ، ދިލްނަޝީނަށްވެސް ކުލްސޫމް ދިނެވެ. ދިލްނަޝީންވެސް ޙައިދަރަށް މަރުޙަބާ ކިޔެވެ. އަދި ، ޙައިދަރު އަންނަނީ ކޮންއިރަކުންތޯ ސުއާލު ކުރިއެވެ. އޭނާގެ ޙާލު ކިހިނެއްތޯ އަހާ ހިސާބުން ، ޙައިދަރުގެ ޙާލު ރަނގަޅުކަމަށްބުނެ ، މެހެމަލް ކޮބައިތޯ ޙައިދަރު ސުއާލު ކުރިއެވެ. ޕްރޮޖެކްޓާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ، އޭނާ އެނބުރި ކަރާޗީއަށް އަންނާނެކަމަށް ޙައިދަރު ބުންޏެވެ. އެވަގުތު މެހެމަލްވެސް އެތަނަށް އައެވެ. އަދި ޙައިދަރަށް މަރުޙަބާ ކިޔައި ، މެހެމަލްވެސް އެއުފަލުގައި ބައިވެރިވިއެވެ.

ދިލްނަޝީނާ ދެއްކި ވާހަކަތަކަށްވުރެ އިތުރަށް މެހެމަލްއާ ، ޙައިދަރު ވާހަކަ ދައްކަމުން ގެންދިޔަކަން ދިލްނަޝީނަށް އިޙްސާސް ވިއެވެ. އެކަމުގެ ސަބަބުން ، ދިލްނަޝީންގެ ހިތަށްކުރި އަސަރު ފޮރުވަން މަސައްކަތް ކުރަމުން ، ގެއިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެތަން ފެނިފައި ، ދިލްނަޝީން އެދަނީ ކޮންތާކަށްތޯ ކުލްސޫމް ސުއާލު ކުރިއެވެ. ދިލްނަޝީން ތިރިޔަށް އައީ މަންމަމެންގެޔަށް ދާންވެގެންނެވެ. ޙައިދަރުގެ ފޯނު އައުމާއެކީ ވާހަކަ ދައްކައި ، މެހެމަލް އާއި ޙައިދަރުގެ ވާހަކަތަކުގެ ފޮނިކަން އިޙްސާސްވެ ، ހިތަށް ކުރިއަސަރުން ، އޭނާ ބޭރަށްދާވާހަކަ ކުލްސޫމްގާތު ބުނަން ހަނދާން ނެތުނީއެވެ.

ދިލްނަޝީން އެދަނީ މަންމަގެ ގެޔަށްކަމުގައި ބުންޏެވެ. އެއަޑު ޙައިދަރަށް އިއްވައިލުމަށްޓަކައި ، މެހެމަލްގެ ވާހަކަ މެދުކަނޑައިލިއެވެ.

" އަހަރެންގާތު ބުނެލުމެއްވެސް ނެތި ބޭރަށް ތިދަނީ ކީއްވެ ހެއްޔެވެ ؟ " ކުލްސޫމް ސުއާލު ކުރިއެވެ.

އޭނާގޮސްލިޔަސް ، އެންމެ ރަނގަޅުތޯ ދިލްނަޝީން ، ކުލްސޫމް ގާތު އެހިއެވެ.

" އަވަހަށް ދާށެވެ ! މައިމީހާގެ ގެޔަށްދިއުން ހުއްޓުވާނީ ކާކުހެއްޔެވެ ؟ އެކަމަކު ދަމުން ބުނެލިއްޔާ ވާނީ ކީއްހެއްޔެވެ ؟ " ކުލްސޫމްގެ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

މެހެމަލް އިނީ ، ކުލްސޫމާއި ދިލްނަޝީންގެ ވާހަކަ ޙައިދަރަށް އިއްވައިލުމަށްޓަކައި ވާހަކަ ނުދައްކައެވެ. އެކަމުންވެސް ، ދިލްނަޝީނާމެދު ޙައިދަރުގެ ހިތުގައި ކުޑަކުޑަ ފޫހިކަމެއް އުފެދުންވެސް އެއީ ، މެހެމަލްއަށް ލިބޭ ވަރަށްބޮޑު ކާމިޔާބީއެކެވެ.

ދިލްނަޝީން ދިއުމާއެކު ، މެހެމަލްއާއި ކުލްސޫމް ، ޙައިދަރާވާހަކަ ދައްކަމުން ގެންދިޔައެވެ. ޙައިދަރު ފޯނުކަނޑައިލުމުން ، އަވަސް އަވަހަށް ކޮޓަރިޔަށްވަދެ ، މަންމަމެންގެޔަށް ދިލްނަޝީން ދިޔަވާހަކަ ހަމްޒާއަށް އަންގައިލިއެވެ. ދިލްނަޝީނާ ދިމާކުރަން ބޭނުމިއްޔާ އަވަހަށް އެދިމާލަށް ނައްޓައިލުމަށް ޙަމްޒާއަށް ނަޞޭޙަތް ދިނެވެ. ދިލްނަޝީނާ ދިމާވެއްޖެނަމަ ، ޙަމްޒާގެ ލޯބި ދިލްނަޝީންގެ ލޮލުން ފެންނާނެކަމަށްބުނެ ، ޙަމްޒާއަށް ހިތްވަރު ދިނެވެ.

މަގުމަތީ ދުއްވުންމަނާ ބާރުމިނެއްގައި ކާރު ދުއްވަމުންގޮސް ، ދިލްނަޝީންގެ ކާރާ ޙަމްޒާއަށް އަރާ ހަމަކުރެވުނީ ، ހަމަކިރިޔާއެވެ. އޭރު ގެޔަށްގޮސް ދިލްނަޝީން ކާރުން ފައިބަނީއެވެ. އޭނާ ގެޔަށްދާން ވީމާ ގުޅައިލާނެކަމަށް ބުނެ ޑްރައިވަރު ފޮނުވައިލުމަށްފަހު ، ދިލްނަޝީން ހިނގައިގަތްތަނާ ، ޙަމްޒާ ފަހަތުން އައިސް ދިލްނަޝީނާ ހަމަކުރިއެވެ. ކާރުގެ ޑްރައިވަރަށްވެސް އެތަނަށް ފެންނާނެއެވެ.

ދިލްނަޝީނާ ވާހަކަ ދެއްކުމަށް ބޭނުންވާކަމުގައި ޙަމްޒާ ބުންޏެވެ. އޭނާއާ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް ކަމަށާއި ، އޭނާ ޙަމްޒާއާ އެއްވެސް ވާހަކައެއްދައްކަން ބޭނުންނުވާކަމުގައި ބުނެ ދިލްނަޝީން ގެޔާދިމާލަށް ހިނގައިގަތެވެ. ދެމިނިޓްގެ ވަގުތުކޮޅެއް އޭނާއަށް ދިނުމަށް ޙަމްޒާ އެދުނެވެ. އެކަމަށްއެދި ، ޙަމްޒާ އާދޭސްކުރަން ފެށުމާއެކީ ، ދިލްނަޝީން ހުއްޓިލިއެވެ.

ޙަމްޒާ ބޭނުންވީ އެހެންތާކަށްގޮސް ވާހަކަ ދައްކައިލުމަށެވެ. އެތަނުގައި އެދެމީހުން ތިބޭކަށް ޙަމްޒާ ބޭނުމެއް ނުވިއެވެ. އެތާ އެދެމީހުން ތިއްބާ މީހަކަށް ފެނިއްޖެނަމަ ، އެކަމުގެ ގެއްލުން އެންމެ ބޮޑުވާނީ ދިލްނަޝީނަށްކަން ޙަމްޒާ ސާފުކޮށްދިނެވެ.

ޙަމްޒާއާއެކީ ، ކާރުގައި އެއްވެސްތާކަށްދާން ބޭނުންނުވާކަމުގައި ދިލްނަޝީން ބުނަމުން ގެންދިޔައެވެ. އެހެނަސް ، ދެމިނިޓެއްހާއިރަށްވުރެ އިތުރު ވަގުތެއް ނުނަގާނެކަމަށާއި ، ގިނައިރެއް ނުކޮށް ދިލްނަޝީން ގެޔަށް ގެނެސްދޭނެކަމަށް ޙަމްޒާ ބުނަމުން ، ދިލްނަޝީނަށް އާދޭސް ކުރަމުން ގެންދިޔައެވެ. އޭނާއާއެކީ ، ނުގޮއްސިއްޔާ ދިލްނަޝީނާއެކީ އޭނާދާނީ ދިލްނަޝީނުގެ ގެޔަށްކަމުގައި ޙަމްޒާ ބުންޏެވެ. އެކަމާ ބިރުންގޮސް ދިލްނަޝީނަށް ހަޅޭއްލަވައިގަނެވުނެވެ. ޙަމްޒާއާއި ދިލްނަޝީން އެފަދަގޮތަކަށް ގެޔަށް ވަދެއްޖިއްޔާ މަންމަ އާއި ބޭބެއާ ދެމީހުން . އޭނާ އުލުބައިންދާނެއެވެ. އޭނާގެ ދިރިއުޅުން ބޮޑު މައްސަލަގަނޑަކަށް ހަދަން ޙަމްޒާ މަސައްކަތް އެކުރަނީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ.

ޙަމްޒާވެސް ގޮތެއް ދުލެއް ނުކުރިއެވެ. ހަމައެކަނި އެންމެ ދެމިނިޓް އޭނާއަށް ދިނުމަށް އެދި އާދޭސްކުރަމުން ގެންދިޔައެވެ. އެންމެފަހުން ، ހަދާނެއެހެންގޮތެއް ނެތި ، ދިލްނަޝީން ގޮސް ޙަމްޒާގެ ކާރުގެ ކުރީ ޝީޓްގައި އިށީނދެލިއެވެ. ކާރު ދުއްވަމުން ޙަމްޒާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާއާ ޖެހިގެން އެއްކާރެއްގައި ދިލްނަޝީން އިންނަތަން ފެނުމަކީ ހުވަފެނެއްހެން ، ޤަބޫލުނުކުރެވޭކަމެއް ކަމުގައި ޙަމްޒާ ބުންޏެވެ. ދިލްނަޝީނަށް ވަގުތު ނެތްކަމަށާއި ، މީހަކަށް ފެނިދާނެތީ އޭނާ ބިރުގަންނަކަމަށް ދިލްނަޝީން ބުނަމުން ގެންދިޔައެވެ. އަދި ، ޙަމްޒާ ބުނަން ބޭނުންވާ ވާހަކައެއް އަވަހަށްބުނެ ، އޭނާގެޔަށް ގެންގޮސްދިނުމަށް އާދޭސް ކުރަމުން ގެންދިޔައެވެ.

އެހެނަސް ، ދިލްނަޝީން އޭނާގެ ކާރުގައި އިންހާ ހިނދަކު ، ޙަމްޒާއަށް ސަމާލުކަންދީ ، އޭނާއާ ވާހަކަ ދެއްކުމަށް ޙަމްޒާ ބުންޏެވެ. އެނާއަކީ ކައިވެންޏެއްގެ މަތީގައި ހުރި ، މީހެއްގެ އަނތްބެއްކަން ޙަމްޒާއަށް ދިލްނަޝީން ހަނދާން ކޮށްދިނެވެ. އެހެނަސް ، އެކަން އޭނާ ހަނދާންހުރީ ކުޑައިރުކޮޅެއް ކުރިންކަމަށް ބުނެ ، މިހާރު އެކަމުގެ މަތިން އޭނާއެއިނީ ހަނދާން ނައްތާލައިގެންކަމަށް ޙަމްޒާ ބުންޏެވެ.

" އެ ޙަޤީޤަތަކީ ، އަހަރެންގެ ހިތުގެ ވޭނަކަށްވެ ، އެވޭނާއި ތަކުލީފުގައި އަހަރެން މިހުރީ ދުނިޔެއިން ނެތިގޮސް އަނބުރާ އައިހެވެ. އެ ޙަޤީޤަތް ބަދަލުކުރަން ، އަހަރެންމިހާރު މިހުރީ ބަދަލުވެފައެވެ. އެކަން ހުއްޓުވަން ދިލްނަޝީނަށް ކުރެވޭނެކަމެއް ނޯންނާނެއެވެ. " ޙަމްޒާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ކުޑައިރުކޮޅެއްކުރިން ، ޙަމްޒާއަށް އެ ޤަބޫލުކުރެވުނު ޙަޤީޤަތް ، އަބަދުވެސް ޤަބޫލުކުރުމަށް ދިލްނަޝީން ބުންޏެވެ. އެހެނީ ، އެ ޙަޤީޤަތަކީ ދެން ދުވަހަކުވެސް ބަދަލުނުވާނެ ޙަޤީޤަތެކެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ މިލްކެކެވެ.

" ދިލްނަޝީނަށް ހީވަނީ އަހަރެން އެއްވެސްކަމެއް ނުކުރާކަމަށް ހެއްޔެވެ ؟ އަހަރެންނަށް ކުރެވުނު ކޮންމެކަމެއް ކުރީމެވެ. އަހަރެންނާއެކުގައިވި މީހުންނާއެކީ ، އަހަރެންނަށް ވަގުތު ބޭކާރުކުރެވުނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެކަމަކުވެސް އަހަރެންނަށް ޙާޞިލްކުރެވުނު އެއްވެސްކަމެއް ނެތެވެ. އެއީ އަހަރެންގެ ބާރުގައިވާ ކަމެއްނޫނެވެ. އަހަރެންނަށް ކުރެވުނު ހުރިހާކަމެއް ކުރިއިރުވެސް ، ދިލްނަޝީންގެ މަތިން އަހަރެންނަށް ހަނދާން ނައްތައެއް ނުލެވުނެވެ. " ޙަމްޒާ ބުންޏެވެ.

އެކަމާބެހޭގޮތުން އޭނާއަށް އެއްވެސް ވާހަކައެއް ދެއްކެން ނެތަކަމުގައި ދިލްނަޝީން ބުންޏެވެ. ދިލްނަޝީންގެ ހިތުގައި އޭނާގެ މައްޗަށް އެއްވެސް ކުލުނެއް ނެތީތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޙަމްޒާއަށްޓަކައި ދިލްނަޝީންގެ ހިތް ތެޅުނެވެ. އެކަމަކު ، ތެޅިތެޅިއޮތް އެހިތް މިހާރު އޮތީ ހަމަހިމޭން ވެފައެވެ. މިހާރު އެހިތުގެ އަމާޒަކީ އެއްމިސްރާބެކެވެ. އެއީ ދިލްނަޝީންގެ ފިރިމީހާ ޙައިދަރުކަމަށް ދިލްނަޝީން ބުންޏެވެ. އެއީ ވަރަށް ރަނގަޅު އިންސާނެކެވެ. އެގުޅުން ދެމެހެއްޓުމަށްޓަކައި ދިލްނަޝީން އެގެންދަނީ އޭނާއަށް ކުރެވުނު ކޮންމެ ކަމެއް ކުރަމުންނެވެ. ހިތާއި ރޫޙުން އަދި އުފަލާއެކީގައެވެ. އެހެން އެއްވެސް ފިރިހެނަކު ދިލްނަޝީންގެ ހިތަކު މިހާރަކު ނެތެވެ.

" ޙައިދަރުދެކެ ދިލްނަޝީން ލޯބިވާކަމުގައި ނުބުނާށެވެ. " ޙަމްޒާ ބުންޏެވެ.

ދިލްނަޝީން ނޫނެކޭ ބުނެ ، ޙައިދަރުދެކެ އޭނާއަށް ލޯބިވެވިއްޖެކަމުގައި އިޢުތިރާފް ވިއެވެ.

" ދިލްނަޝީންއެވެ. އަހަރެން މިވަނީ މަރުގެ ތުންފަތްމަތީގައެވެ. މިފަހަރުވެސް ސަލާމަތް މިވީ ހަމަ ކިރިޔާއެވެ. " ކުރިމަތިން އައި ކާރަކުން ނައްޓާލަން ، ޙަމްޒާގެ ކާރު އަނބުރާލަމުން ޙަމްޒާ ބުންޏެވެ.

ދިލްނަޝީނަށް އިނދެވުނީ ބިރުންގޮސް އަނގަހުޅުވި ، ޙަމްޒާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

" އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ. އަހަރެންގެ ހިތުގައި ދިލްނަޝީންގެ ލޯބީގެ ކޯރެއް އުތުރި އަރަމުންދާކަމުގެ އިޙްސާސް އަދިވެސް އެބަ ކުރެވެއެވެ. އޭގެ ދިރުމަކަށް އަހަރެންނަކަށް ބާރެއް ނުފޯރުވެއެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ ؟ " ޙަމްޒާ ބުނަމުން ގެންދިޔައެވެ.

ކެތްތެރިވުމަށް ޙަމްޒާއަށް ދިލްނަޝީން ނަޞޭޙަތް ދިނެވެ. އެއާއެކު ، އޭނާ ކެތްކުރަންވީ ކިހާދުވަހަކުތޯ ބުނެ ޙަމްޒާ ހަޅޭއްލަވައިގަތެވެ. ޙަމްޒާ ކެތްތެރިވާންވީ އަބަދަށްޓަކައި ކަމުގައި ދިލްނަޝީން ބުންޏެވެ. އެހެން ނުބުނުމަށް ދިލްނަޝީންގާތު ޙަމްޒާ އާދޭސްކުރަމުން ގެންދިޔައެވެ. ދިލްނަޝީން ހަމަޖެހިލިއެވެ. އަދި ޙަމްޒާއަށް ވިސްނައިދެވޭތޯ މަޑުމައިތިރިކަމާއެކީ ވާޙަކަ ދައްކަމުން ގެންދިޔައެވެ.

" ޙަމްޒާއެވެ ! އަހަރެން މިހުރީ ކައިވެންޏެއްގެ މަތީގައެވެ. އަހަރެންގެ ފިރިމީހާ ، އަހަރެން ދޫކޮށެއްނުލާނަމެވެ. އެއީ ، އެއަށްވުރެ ރަނގަޅު އިންސާނެކެވެ. އޭނާއަށް ބޭވަފާތެރިވެ ، ޙަމްޒާއާ ބައްދަލުކުރުމަކަށްވެސް އަހަރެންނެއް ނުއަންނާނަމެވެ. އަހަރެންގެ ގެޔާއި އަހަރެންގެ ފިރިމީހާގެ ޢިއްޒަތް އޮތީ އަހަރެންގެ އަތްމަތީގައެވެ. އެއަށް އަހަރެން އިހުމާލެއް ނުވާނަމެވެ. ހުރިހާކަމެއް ހަނދާން ނައްތައިލާފައި ޙަމްޒާގާތަކަށް ދުވަހަކުވެސް ނުއަންނާނަމެވެ. އަހަރެން މިއަދު ޙަމްޒާއާއެކީ މިއަދު މިއައީ ، އަހަރެންގެމަތިން ހަނދާން ނައްތައިލާށޭ ބުނުމަށެވެ. އަހަރެންނާ ދުރުގައި ހުންނާށެވެ. " ދިލްނަޝީން ބުންޏެވެ.

ދުވަހެއްގެ ކޮޅުންވެސް ކޮޅުބަދަލުކޮށްލާފައި ޙަޔާތުގެ މަގުން ދިޔަކޮޅުން އަނބުރާލަން ޖެހިއްޖެނަމަ ، އަބަދުވެސް އޭނާ ދިލްނަޝީނަށްޓަކައި އިންތިޒާރުގައި ހުންނާނެކަމަށް ޙަމްޒާ ބުންޏެވެ. އެހިސާބުން ކާރު ހުއްޓައިލުމަށް ދިލްނަޝީން އެދެމުން ގެންދިޔައެވެ. ދިލްނަޝީން ކާރުން ފުންމާލަފާނެތީ ، އެހެންގޮތެއް ނެތިގެން ، މަގުގެ އެއްކައިރިޔަކަށް ކާރުހުއްޓާލުމާއެކީ ، ދިލްނަޝީން ކާރުން ފޭބިއެވެ. އޭރުހުރީ ގެޔާވެސް މާދުރުނޫން ހިސާބަކަށް އާދެވިފައެވެ. އެހެންކަމުން އޭނާގެ ގެޔާދިމާލަށް ދިލްނަޝީން ހިނގައިގަތެވެ.

ގެޔަށް އައިސް ވަތްއިރު ، އަނީސާހުރީ ކަންބޮޑުވެފައެވެ. ކުލްސޫމް ގުޅާފައި ދިލްނަޝީން އެގެޔަށް ދިޔަވާހަކަ ބުނިތާ ކިތަންމެ އިރެކެވެ. އައިސްފައިހުރި ރުޅީގައި ދިލްނަޝީނާދިމާލަށް އަނީސާ އެތިވަރު ގޮވައިގަތެވެ.

ދިލްނަޝީން މަސައްކަތް ކުރަމުން އެގެންދަނީ ވަފާތެރިކަމާއެކީ ، އޭނާގެ ކައިވެނީގެ ޙަޔާތް ދެމެހެއްޓުމަށްކަމުގައި ދިލްނަޝީން ބުންޏެވެ. އެހާވަރަށް ދިލްނަޝީން މަސައްކަތްކުރަމުން ގެންދާއިރުވެސް ، އޭނާއާމެދު ، އަދިވެސް މަންމަ ޝައްކުކުރަނީތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ކައިރި އަވައްޓެރިޔަކާ ދިމާވެގެން ސައިތަށްޓެއް ބޯލަން ތަނަކަށް ދިޔައީކަމަށް ބުނެ ، ދިލްނަޝީން ދޮގެއް ހަދައިލިއެވެ. އެހެންގޮތެއް ދިލްނަޝީނަކަށް ނުފެނުނެވެ. އޭނާގެ ނަޞީބުގައި ތަކުލީފުނޫން އެހެން ކަމެއް ލިޔުއްވާފައި ނެތްކަމުގައި ދިލްނަޝީން ބުންޏެވެ. ހިތަކަށްވެސް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ދުނިޔެވެސް އާބާދެއް ނުވެއެވެ. ހަފަރާތުން އޭނާގެ ދުނިޔެވަނީ ބެދިފައެވެ.

" އަހަރެންނަކީ ދަރިއެއްކަމަށް ބަލައި ހިތްހެޔޮކޮށްލާފައި އަހަރެންގައިގާ ، އޯގާތެރިކަމާއެކީ މަންމަ ބައްދައިލީ ކޮންދުވަހަކު ހެއްޔެވެ ؟ ދުނިޔެއަށް އުފަންވީއްސުރެ ، އަހަރެންގެ ފަރާތުން އެހެން މީހުންނަށް ލިބެނީ ހުސް ތަކުލީފެވެ. އަހަރެންދެކެ އެއްވެސްމީހަކު ލޯތްބެއް ނުވެއެވެ. މަންމަވެސް އަހަރެންދެކެ ލޯތްބެއް ނުވެއެވެ. އަބަދުވެސް ކިޔަނީ އެއްޗިއްސެވެ. ޙަމްޒާއާއެކީ އޮތް ގުޅުން ކަނޑައިލާ އަހަރެންގެ ހިތުން ފުހެލީމަވެސް ، އަހަރެންގެ ޙަޔާތަށް އަލިކަމެއް ނުލިބެއެވެ. ހިތުގައިއަޅާ ވޭނީ ޒަޚަމުން އެހިތުން އަބަދުވެސް ފައިބަމުންދަނީ ލޭކަރުނައެވެ. " ދިލްނަޝީން ، އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ބުނަމުން ގެންދިޔައެވެ.

ދިލްނަޝީންގެ ވާހަކަތަކުން ، އަނީސާއަށް ކޮންމެވެސް އަސަރެއް ކުރިކަހަލައެވެ. ދިލްނަޝީންގެ އަތުގައި ފިރުމާލިއެވެ. ގާބުރިތަކުން ބިނާކުރެވިފައިމިވާ ހުރިހާ ގެޔެއްގައިވެސް ވާހަކަތަކެއް ވެއެވެ. އޭގެ ތެރޭގައި ޒަވާޖީ ޙަޔާތުގެ އުފަލާއި ހިތާމައިގެ އެތައް ވާހަކައެއްވެސް ހިމެނެއެވެ. ހަމައެކަނި ތަފާތަކީ އެގެތަކުގައި ދިރިއުޅޭ މީހުންގެ ތަފާތެވެ. ކޮންމެމީހަކުވެސް އިމްތިޙާން ކުރެވެއެވެ. އެކިގޮތްގޮތުންނެވެ. ދިލްނަޝީން އުފުއްލަމުން އެގެންދާ ތަކުލީފުތަކުން އަނީސާއަށް ލިބިފައިވާ ހިތްދަތިކަން ، ދިލްނަޝީންގާތު ބުނެދޭނީ ކޮންގޮތަކަށްކަމެއް އަނީސާއަކަށް ނޭނގެއެވެ. ދިލްނަޝީންގެ ގޮތްދޫކޮށް ، އެތަކުލީފުތަކާ ކުރިމަތިލަމުން ގެންދާއިރު ، ދިލްނަޝީނާ ދިމާލަށް ކިތަންމެ އެތިވަރެއް ގޮވިނަމަވެސް ، އަނީސާގެ ހެޔޮ ދުޢާ އަބަދުވެސްވަނީ ދިލްނަޝީނާ އެކުގައިކަން އަނީސާ ހާމަކުރިއެވެ. އެމީހުންނަށް ގޮތްދޫކުރަން ޖެހެނީ ކީއްވެތޯ ދިލްނަޝީން އޭނާގެ މަންމައާ ސުއާލު ކުރިއެވެ. އެއީ މުޖުތަމަޢުގައި އިސްއުފުލާލައިގެން ހިނގައި އުޅުމަށްކަމުގައި އަނީސާ ބުންޏެވެ. ގެއެއްގެ ތެރެޔަށްވަދެ ބަލާލައިފިނަމަ ، މުޖުތަމަޢުގެ އެ އަސާސް ފުރިހަމަކުރުމަށްޓަކައި ، އެގެޔެއްގެ ތެރޭގައި މީހުންނަށް އުޅެންޖެހެނީ ކިހާވަރަކަށް އިސްޖަހައިގެންކަން އެނގޭނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ ؟ އެއީ ދުނިޔަވީ އާދަކަމަށްބުނެ ، އަނީސާ ޖަވާބުދިނެވެ.

" މަންމަމެންވެސް މަންމަމެންގެ ގެ ، އާބާދުކުރީ އެބީދައިންނެވެ. ދަރިފުޅުވެސް އެގޮތުގައި ކުރިޔަށްދާށެވެ ! އެއްދުވަހަކުން ، ދިލްނަޝީނަކީވެސް ، ދިލްނަޝީންގެ ދަރިފުޅުގެ ބޯ ، ދިލްނަޝީންގެ ކޮނޑުގައި އަޅާލައިގެން އޮންނާނެ މީހަކަށް ވާނެއެވެ. އެހާރުން ، އެދަރިފުޅުގެ އުއްމީދުތައް ނެތިކޮށްލުމަށް ދިލްނަޝީން ބުންޏެވެ. " އަނީސާގެ މޫނު ދިލްނަޝީންގެ ބޮލުގައި ޖައްސާލަމުން ބުންޏެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.