ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ މީހުން އުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ ޖަނަވަރީ 28 ން 30 އަށް ވަނީ، ތިލަދުންމަތީ އުތުރު ބުރީގެ 10 ރަށަކަށް ވަޑައިގެންފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިނގަމުންދާ އަދި އަލަށް ފައްޓަވަން ހަމަޖައްސަވާފައިވާ އެކި މަޝްރޫއުތަކާ ގުޅުންހުރި ވުޒާރާތަކުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން ހިމެނޭ ބޮޑު ވަފުދެއް ބައިވެރިކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާ ބެހޭ އިސް ބޭފުޅުންނާއި ބައެއް މީޑިޔާތަކުގެ ނޫސްވެރިން ވެސް ބައިވެރި ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގެންނެވި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ކަންކަން ހުރިނެތްގޮތް ބައްލަވައި މައުލޫމާތު ހޯއްދެވިއެވެ.
އަދި އެއިން ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މީގެ ކުރިން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވަޑައިގެންނެވި ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުތައް އައުކުރައްވައި މިވަގުތަށް އެންމެ އިސްކަން ދެއްވާނެކަން ހާމަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ އިސްކަންދެއްވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ފެށުމަށް ފަހު، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރުގެ ކުންފުނިތައް މޮބިލައިޒްކޮށް، އެ މަޝްރޫޢުތައް ނިންމުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޑައިގަތް ކޮންމެ ރަށަކަށް ވެސް އިސްކަން ދެއްވާނެ ކަންކަން ވިދާޅުވެ ރައްޔިތުންގެ އުންމީދުތައް އައުކޮށްދެއްވިއެވެ.
އެ ގޮތުން، ހއ. ދިއްދޫގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ދެއްވަމުން, މާތް ﷲގެ އިރާދަފުޅާއެކު އެ މަނިކުފާނު ދެން ހއ. ދިއްދޫއަށް ވަޑައިގަންނަވާނީ، އެ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއަރޕޯޓް ހުޅުވައިދެއްވުމަށް ކަމަށް ވިދާޅުވިއެވެ.
ހއ. ތަކަންދޫއަކީ، ދިވެހި ޤައުމުގެ ޤައުމިއްޔަތު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ރަށެއްކަމަށާއި، ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އާބާދީގެ ގޮތުން މީހުން މަދުނަމަވެސް ތަރައްޤީގެ ގޮތުން ތަކަންދޫ ކުރިއަށްގެންދާނީ ޤައުމުގެ ތާރީޚު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއިން ވަރަށް މުހިންމު އިސްކަމެއް ދެއްވައިގެންކަމުގައި ވިދާޅުވިއެވެ.
އިހަވަންދޫއަކީ މަސްވެރިކަމުގެ ރަށެއްކަމަށާއި، އެ ރަށުގައި ބިންގާ އެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫޢަކީ ސިނާޢަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަމަށާއި، މި އަހަރުގެ މޭމަހު އަމަލީ މަސައްކަތް ފެށި، 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ
ފިއްލަދޫގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުން ކަމަށާއި ފިއްލަދޫއަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގެ ތެރޭގައި ހިމެނޭ ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާވެސް ވަކި ތަރުތީބަކުން ކުރިއަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
ހއ. އުތީމަކީ، ދިވެހި ޤައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމުގައި، އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުރަންޖެހޭ ރަށެއް ކަމުގައި ސިފަކުރައްވައި، ކުރިޔަށް އޮތް ދެ އަހަރު އުތީމުގައި ގައުމީ ދުވަސް ފާހަގަކުރައްވަން ގަސްތުކުރައްވަނީ، މަޝްރޫއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.
ހއ. މުރައިދޫއަށް މި ވަގުތަށް އެންމެ މުހިންމީ ބަނދަރުގެ މަޝްރޫއުކަމަށާއި އަދި ބޭރުތޮށީގެ މައްސަލަ ހައްލުކުރެއްވުމަށްފަހު، މަގު ހެދުމަށް ވެވަޑައިގެންނެވި ވަޢުދު ވެސް މި ދައުރުތެރޭގައި ފުއްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހއ. މާރަންދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފަށައި، ހުއްޓިފައި ހުރިކަން ފާހަގަކުރައްވަމުން، އެ ކަންކަންވެސް ކުރިއަށް ގެންދެވޭނެ މަގުތައް އަދުގެ ސަރުކާރުން ހޯއްދަވާފައިވާ ކަމަށާ، ބަނދަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ. މާރަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ސްކޫލުގެ ޖާގައިގެ މައްސަލައާއި މިނޫން ވެސް ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މާ ލަސްތަކެއް ނުވެ، މަސައްކަތްތައް ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހއ. އުލިގަމުގައި ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް ބިނާކޮށް ދެއްވާނެކަމަށާއި ބަނދަރު ބޮޑުކުރެއްވުމާއި އެއްގަމު ތޮށީގެ މަސައްކަތްކަތް ވެސް ކުރިޔަށް ގެންގޮސްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނޭކަމަށް ވަނީ އިޢުލާންކުރައްވާފައެވެ. އަދި، ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ބޮއި، ފެބްރުއަރީ މަހު ހަރުކުރެވި، އޭގެ ފައިދާ އުލިގަމު ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހއ. މޮޅަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިޔަށް ގެންގޮސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އެ ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވަނީ ވިދާޅުވެފައެވެ.
ހއ. ހޯރަފުށީގައި 200 އެނދުގެ ހައުސިން ޔުނިޓެއް ބިނާކުރައްވާނެ ކަމަށާއި ބިންހިއްކުމުގެ މަޝްރޫއަކާއި ހޮސްޕިޓަލުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްކަމުގެ ޒަމާނުގައި ވެސް ބައެއް ރަސްރަސްކަލުން ރަށްރަށަށް ވަޑައިގެންނެވި ނަމަވެސް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ހިންގަވަން ފެއްޓެވީ ރާއްޖޭގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އޭގެ ފަހުން ވަޑައިގަތް ކޮންމެ ރައީސަކު ވެސް ރިޔާސީ ވައުދުގެ ގޮތުގައާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ރަށްރަށުގެ ތަރައްގީގެ ވާހަކަތައް ވަރަށް ބާރުލައްވައި ދައްކަވަމުން ގެންދަވައެވެ. އެކަމަކު ގިނަ މަޝްރޫއުތައް އޮންނަނީ ފެށޭ ހިސާބުން ވާނުވާއެއް ނޭނގި ހުއްޓިފައެވެ. މިހެން ދެންނެވިޔަސް ރައީސުންގެ ދަތުރުފުޅުތަކުން ރަށްރަށުގެ ތަރައްގީއަށް އަންނަ ހެޔޮ ބަދަލުތައް މަދެކޭ ވެސް ދެންނެވޭކަށް ނެތެވެ.
________________
ފޮޓޯ: ރައީސް އޮފީސް