( 12 ޖަނަވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ދިލްނަޝީން ޚިޔާލީ ދުނިޔެއަކަށް ދޫވެގެން ދިޔައެވެ. އޭނާގެ ވިސްނުމަށް އައީ ، ޙަމްޒާއާއެކީ އޭނާ ހޭދަކުރި ވަގުތު ތަކާއި މެހެމަލް އޭނާއަށް ކޮށްފައިވާ އިންޒާރުގެ ބަސްތަކެވެ. ދިލްނަޝީނަށް ހޭވަރިކަންވީ ޙައިދަރު ގޮވައިލުމުނެވެ. )
ދިލްނަޝީން ބޭނުންވީ ތަންކޮޅެއް އަވަހަށް ޙައިދަރު ގޮވައިގެން އެތަނުން ނުކުންނާށެވެ. އެހެންނަމަވެސް ، އެއީ އެއޮފީހަށް ދިލްނަޝީން އައި ފުރަތަމަ ދުވަސްކަމަށްވާތީ ، ދިލްނަޝީނަށް އޮފީސް ދައްކާލައި ، އިސް މުއައްޒަފުންނަށް ދިލްނަޝީން ތަޢާރުފްކޮށްދޭން ޙައިދަރު ބޭނުންވިއެވެ. އެއަށްފަހު ، ދިލްނަޝީން ބޭނުންވާ ކޮންމެ ތާކަށްދާންވީއެވެ.
ދިލްނަޝީންމެންގެ ގޭގައިވެސް މިދުވަސްވަރު އޮތީ ހަމަ އެވާހަކައެވެ. ދިލްނަޝީންގެ ދިރިއުޅުމަށް ކުރިމަތިވެގެންއުޅޭ ، މައްސަލައެވެ. އައްވަލް ދެކޭގޮތުގައި އެއީ ، ދިލްނަޝީން ރާވައިގެން ކޮށްގެން އުޅޭ ކަމެކެވެ. ދިލްނަޝީން އެދިޔަތާކަށް ދަމުން އެދާނީ މެހެމަލްވެސް އަދި ރިދާވެސް އެތަނަށް ދާގޮތަށް ރާވާފައެވެ. އެއީ އިއްތިފާޤެއްނޫނެވެ. ދިލްނަޝީންގެ ރޭވުމުން ، ދިލްނަޝީނާ ޙަމްޒާގެ ގުޅުން މެހެމަލްއަށް އަޑުއިއްވީއެވެ. އޭރުން މައްސަލަ އުފެދި ، ޙައިދަރުގާތުން ސަލާމަތްވެގެން ، ދިލްނަޝީނަށް ޙަމްޒާގާތަށް ދެވޭނެއެވެ. އެކަމުގައި ރިދާއާ ދިލްނަޝީން އޮންނާނީ ބައިވެރިވެފައެވެ. ދިލްނަޝީން އެކުރާކަމެއް ކުރަނީ ވަރަށް ރޭވުންތެރިކަމާއެކީގައެވެ.
" އަހަރެމެން ގަދަކަމުން ދިލްނަޝީންގެ ކަރުގައި އެޅުވި ގުޅުމުގެ ހާރު ބުރިބުރިކޮށްލައި ، ދިލްނަޝީން ހިތްއެދޭގޮތް އެއުޅެނީ ފުރިހަމަ ކުރާށެވެ. އެއުޅެނީ ، އަހަރެމެންގެ މޫނުމަތީ ތަފާލެއް ޖަހާށެވެ. " އައްވަލްގެ ޚިޔާލު ފާޅުކުރިއެވެ.
އެކަހަލަކަމެއް ދިލްނަޝީން ނުކުރާނެކަމަށް ޢާފިޔާ ބުނަމުން ގެންދިޔައެވެ. އެކަމާ ދިލްނަޝީން ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެހެންނަމަވެސް ، އެ ވާހަކަ ދިލްނަޝީނު ޢާފިޔާއަށް ކިޔައިދީފަ އޮންނާނީ ކަންބޮޑުވެފައިހުރި ކަމެއްގެ ގޮތުގައެވެ. އެކަމަކު ، ދިލްނަޝީންގެ ނިޔަތް ސާފުވެދާނެކަމަކަށް އައްވަލަކަށް ޤަބޫލެއް ނުކުރެވެއެވެ. ފަހަރެއްގައި އެކަމުގެ އަޑީގައި ޙަމްޒާހުރީކަމަށްވެސް ވެދާނެއެވެ. އައްވަލް އޭނާގެ ދެވަނަ ޚިޔާލު ފާޅުކުރިއެވެ.
ޙައިދަރުގެ މާޒީއަކީ ސަބަބެއްކަމަށް ބަލައިގެން ، ދިލްނަޝީން އެއުޅެނީ އެގުޅުމުން ވަކިވާންކަމަށް އޭނާއަށް ފެންނަކަމުގައި އަނީސާވެސް ބުންޏެވެ. ދިލްނަޝީންގެ ކައިވެނީގެ ޙަޔާތަކީ ޙައިދަރާއެކީ ކުރިޔަށް ދިއުމަށް ދިލްނަޝީން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއްނޫންކަމަށް އައްވަލް ބުންޏެވެ. ދިލްނަޝީނާއި ޙަމްޒާގެ ގުޅުން އަދިވެސް އެބަ ކުރިޔަށް ގެންދެއެވެ. އެކަން އެދެމީހުން ހުއްޓާލައިފިކަމަކަށް އައްވަލަކަށް ނުފެނެއެވެ.
އަނީސާ އެގެޔަށްގޮސް ދިލްނަޝީނާ ވާހަކަ ދައްކަން ލަސްވެއްޖެކަމަށް އަނީސާއަށް ފެނުނެވެ. އެހެންކަމުން ، ވީއެންމެ އަވަހަކަށް އެގެޔަށް ދިއުމަށް އަނީސާ ނިންމިއެވެ. ދިލްނަޝިން އެކުރަމުންގެންދަނީ ކިހާވަރެއްގެ ކަމެއްކަން ދިލްނަޝީނަށް އަންގައިދޭން އެބަ ޖެހެއެވެ. އެކަން ކުރާނީ އަނީސާއެވެ.
މެންދުރު ކެއުމަށްފަހު ދިލްނަޝީނާއި ޙައިދަރު އެކުގައި އައީ ގެޔަށެވެ. ދެމީހުން އަތުގުޅާލައިގެން ގެޔަށްއައިސް ވަތްއިރު ، ސިޓިންރޫމުގައި ރައިދާއިންތަން ފެނިފައި ދިލްނަޝީންގެ މޫނުމައްޗަށް އެނބުރުން އެރިއެވެ.
ދިލްނަޝީން އެއައީއޭ ބުނެ ، މެހެމަލް ކޮޅަށް ތެދުވެ ، ދިލްނަޝީނަށް ރިދާ ތަޢާރުފްކޮށްދިނެވެ. އެއީ ، އޭނާ ދިލްނަޝީނަށްދިން ސަޕްރައިޒެއްކަމަށް ބުނަމުން ، ރިދާއަކީ ދިލްނަޝީންގެ ޒަމާންވީ ރަޙުމަތްތެރިއެއްކަން ހާމަކުރިއެވެ.
ޙައިދަރުވެސް އެއީ ދިލްނަޝީންގެ ފިރިމީހާކަމަށް ބުނެ އަމިއްލަޔަށް ތަޢާރުފްވިއެވެ. އަދި އޭނާ ކޮށްލަންޖެހޭ މަސައްކަތެއް އެބައޮތްކަމަށް ބުނެ މައްޗަށް ދިޔައެވެ.
" މިހާރު އަހަރެންނަށް ރިދާ ފެނުނުތަން އެބަ ހަނދާން ވެއެވެ. ދިލްނަޝީންގެ ކައިވެނީގެ ރަސްމިއްޔާތަށް އައިސް ފެނިލާފައި ގެއްލުނު ކުއްޖަކީ ތިއީ ދޯއެވެ. " ކުލްސޫމް ބުންޏެވެ.
ރިދާވެސް ، އެރަސްމިއްޔާތަށް އޭނާދިޔަކަމަށް އެއްބަސްވިއެވެ. އަދި ކޮޅަށް ތެދުވެ ކުލްސޫމާ ގާތަށް ޖެހިލިއެވެ.
" ދިލްނަޝީނަކީ އަހަރެންގެ ރަޙުމަތްތެރިއެއް ނޫނެވެ. ދިލްނަޝީންވަނީ އަހަރެމެންނަށް މަކަރުހަދައި އޮޅުވައިލާފައެވެ. " ރިދާގެ ވާހަކަ ފެއްޓިއެވެ.
ރިދާގެ ވާހަކަ އިތުރަށް ކުރިޔަށްގެންދަން ފުރުޞަތުދީގެން ހުންނާކަށް ދިލްނަޝީނަކަށް ކެތެއް ނުވިއެވެ. ކުރިޔަށް ޖެހިލައި އޭނާގެ ޙަޔާތް ބަރުބާދުކޮށްނުލުމަށް އެދި ، ރިދާގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެ އާދޭސްކުރިއެވެ.
" އަހަރެން މިހުރީ ، ދިލްނަޝީންދެކެ ވަރަށް ރުޅިއައިއްސައެވެ. ކައިވެނީގެފަހުން ، އަހަރެމެން އެންމެންގެ މަތިން ދިލްނަޝީން ހަނދާން ނައްތާލައިފިއެވެ. މަންމައާއި ބައްޕަގެ މަތިންވެސް ހަނދާނެއް ނެތްހެއްޔެވެ ؟ " ރިދާ ، ކުއްލިޔަކަށް އޭނާގެ ވާހަކަ ބަދަލުކޮށްލިއެވެ.
ޙަމްޒާގެ ވާހަކަ ރިދާއަށް ނުބުނެވުނީ ، ދަނޑިވަޅުބަލާފައި ކުއްލިޔަކަށް ، ދިލްނަޝީން އެކަން މަނާކުރުމުންނެވެ. ރިދާ ބޭނުންވާ ކަމަށްވަންޏާ ، އެންމެންގެ ކިބައިން އޭނާ މަޢާފަށް އެދޭނެކަމަށް ދިލްނަޝީން ބުންޏެވެ. އެދެމީހުންގެ ވާހަކައަށް ބަލާފައި އެކަކު އަނެކަކަށް ހިތްހެޔޮކޮށްލައި ސަލާމްކޮށްލުމަށް ކުލްސޫމް ބުންޏެވެ. ދިލްނަޝީންވެސް ، ހިނިތުންވުމާއެކީގޮސް ރިދާގެ ގައިގާ ބައްދައިލިއެވެ. އެވަގުތު ، ރިދާވެސް ވައިއަޑުން ބުނެލިއެވެ.
" ދިލްނަޝީން އުފަލުގައި ހުއްޓާ ފެނުމުން ، އަހަރެންނަށް ވަރަށް ތަކުލީފު ލިބެއެވެ. "
އެއަށްފަހު އިތުރަށް މަޑުކުރަން ބޭނުން ނުވާތީ ، ކުލްސޫމަށް އެގެޔަށް ދިއުމަށް ދަޢުވަތު ދެމުން ރިދާ ނުކުތެވެ. ކުލްސޫމް އެގެޔަށް ކޮށްލާ ޒިޔާރަތަކުން ރިދާގެ ބައްޕަ އާއި މަންމަ ވަރަށް އުފާވާނެކަމަށް ރިދާ ބުންޏެވެ. ކުލްސޫމްވެސް ، އެ ދަޢުވަތު ޤަބޫލު ކުރިއެވެ. ދިލްނަޝީނާއި ރިދާގެ ރަޙުމަތްތެރިކަމުގެ ޙައްޤުގައިވެސް ، އެއީ ކުލްސޫމަށް ކުރަންޖެހޭނެކަމެއްކަމަށް ކުލްސޫމް ބެލިއެވެ.
ރިދާ ނުކުންނަން ހިނގައިގަތުމާއެކީ ، ރިދާއާއެކީ ބޭރަށް ނުކުމެ އޭނާއަށް ވަދާޢުގެ ސަލާމްވެސް ކޮށްނުލާނަންތޯ ދިލްނަޝީންއާ މެހެމަލް ސުއާލު ކުރިއެވެ. ކުލްސޫމްވެސް އެކަމަށް ބާރުއެޅުމާއެކީ ، އެކަންކުރަންވެސް ދިލްނަޝީނަށް މަޖުބޫރު ވިއެވެ.
ރިދާ ، ކާރަށް އަރަންދެން ، އޭނާގެ ޙަޔާތް ބަރުބާދުކޮށް ނުލުމަށް އެދި ދެއަތް ޖޯޑުކޮށް ، ރިދާއަށް އާދޭސްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ރިދާގާތަށް އައިސްހުރި ރުޅިގަނޑު މައިތިރިއެއް ނުވެއެވެ. އޭނާގެ ބޭބެގެ ދިރިއުޅުން ބަރުބާދު ކޮށްލާފައި ، ދިލްނަޝީން ހަމަޖެހިލައިގެން އުޅެން ، އޭނާ ދޫކޮށްނުލާނެކަމަށް ރިދާ ބުންޏެވެ.
" ދެން އަހަރެން ހަދާގޮތްބަލަން ނިކަން ހުންނާށެވެ ! ދިލްނަޝީން ތިކުރިކަމެއްގެ ތަކުލީފު ، ދިލްނަޝީނަށް ނުޖައްސާ އަހަރެން ހަމަނޭވައެއް ނުލާނަމެވެ. " ކާރަށް އަރަމުން ރިދާ ، ދިލްނަޝީނަށް އިންޒާރު ދިނެވެ.
މެހެމަލްއަށް އެތަނަށް އާދެވުނުއިރު ، ރިދާ ނައްޓާލައިފިއެވެ. ދިލްނަޝީން ބޭނުންކަމަށް ވަންޏާ ، ރިދާ މައިތިރި ކުރެވިދާނެކަމަށް މެހެމަލް ބުންޏެވެ. މެހެމަލްގެ އަތުގައި ރިދާގެ ފޯނުނަންބަރު އެބައޮތެވެ. ދިލްނަޝީން ބޭނުންކަމަށް ވަންޏާ ، ރިދާގެ ނަންބަރު ދިލްނަޝީނަށް ދީފާނެކަމަށް މެހެމަލް ބުންޏެވެ. ރިދާގެ ފޯނު ނަންބަރު ދިލްނަޝީންއަތުގައި މިހާރު ނޯންނާނެކަން މެހެމަލް އަށް އެނގެއެވެ. ތިކަހަލަ އަންހެންކުދިން ، ކައިވެންޏަށްފަހު ކުރިން ރައްޓެހިވެގެން އުޅުނު ކުދިންނާއި އެކުދިންނާ ގުޅުންހުރި އެންމެންގެ ފޯނުނަންބަރު ފޯނުން ޑިލީޓް ކޮށްލާނެއެވެ. ގުޅުން ކަނޑައިލާގޮތަށް ފޯނުނަންބަރުވެސް ކަނޑައިލާނެއެވެ. ކުރީގެ ފޯނުނަންބަރުތައް ޑިލީޓް ކޮށްލުމުން ، ހުރިހާކަމެއް ހަމަޖެހުނީކަމަށް ދިލްނަޝީނަށް ހީވަނީތޯ މެހެމަލް ސުއާލު ކުރިއެވެ.
ދިލްނަޝީނާ ގާތަށް މެހެމަލް ޖެހިލިއެވެ. އަދި ، ދިލްނަޝީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވައިލިއެވެ.
" ދިލްނަޝީނަކީ އަދި ޅަ ކުއްޖެކެވެ. ދިރިއުޅުމުގެ މާގިނަ ތަޖުރިބާތަކެއް ލިބިފައެއް ނުހުންނާނެއެވެ. އަހަރެން މަޑުން މިހުންނަނީ އެހެން ވެގެންނެވެ. އެހެންނަމަ ، އެންމެ ސިކުންތަކުވެސް އަހަރެންގެ ކުރިމަތީ ދިލްނަޝީން ނުހުނާނެ ބާރު އަހަރެންގައި އެބަހުށްޓެވެ. " މެހެމަލް ބުންޏެވެ.
ދިލްނަޝީނަށް އިންޒާރު ދިނުމަށްފަހު ، މެހެމަލް ގެޔާދިމާލަށް ހިނގައިގަތެވެ. ކުއްލިޔަކަށް އެއައި ތޫފާނާ ކުރިމަތިލާނެ ގޮތަކާމެދު ވިސްނައިލަން އިރުކޮޅަކު ދިލްނަޝީނަށް ހުރެވުނެވެ. ކުރިޔަކަށްވެސް ދެވޭކަށް ނެތެވެ. ފަހަތަށް ދާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވެއެވެ. ކުއްލިޔަކަށް ނުވެސްދެނެ ހުއްޓައި އޭނާގެ ދިރިއުޅުމަށް އެއައި ، މުޞީބާތެއްޖެހުމުގައި ދިލްނަޝީންގެ ކުށަކީ ކޮބައި ހެއްޔެވެ ؟ އޭނާ ކޮށްގެން އެހުރި ކައިވެންޏަކީ ، އޭނާ އެދިގެން ކުރި ކަމެއްނޫނެވެ. މީހަކާ އިންނާކަށް އޭނާ ބޭނުމެއްނޫނެވެ. އެކައިވެނި ކުރަން އޭނާއަށް މަޖުބޫރު ކުރުވީ މަންމައާއި ބޭބެއެވެ. ޙަމްޒާއަށްވެސް އޭނާއަށް އެތައް ފުރުޞަތެއް ދެވުނެވެ. ޙައިދަރާ ކައިވެނިކުރުމުގެ ކުރިން ، ޙަމްޒާ ކުރަން ޖެހުނު ކަންކަން ފުރިހަމަކުރިނަމަ ، މިދުވަހެއް ނާންނާނެއެވެ. ހުރިހާ ދިމާލަކުންވެސް ދިލްނަޝީނަށް ކުރިމަތިވެފައި އޮތީ މަޖުބޫރެވެ.
ހާސްވެގެންގޮސް ނޭވާކުރުވަންފެށިތަނާ ، އަވަސްއަވަހަށް ގޮސް ، ދިލްނަޝީން އޭނާގެ ކޮޓަރިޔަށް ވަނެވެ. އެނދުމަތީ އޭނާ އިށީނދެއިން އިރު އެއިނދެވެނީ ކޮންތަނެއްގައިކަމެއް ހަނދާނެއް ނެތެވެ. ކުއްލި ސިހުމަކާއެކު ، ރަބަރު ބޯޅައެއް ބިމުގައި ޖެހިފައި މައްޗަށް އަރައި އަލުން ބިމުގައި ޖެހޭހެން ، ދިލްނަޝީނަށް ފުންމައިގެން ތެދުވެވި ، އެނދުގައި އިށީނދެލެވުނެވެ. އޭނާ ސިއްސައިގެން ދިޔައީ ، ޙައިދަރު އައިސް އޭނާގާތު އިށީނދެލިތަނާއެވެ. ދިލްނަޝީނަށް އެވީގޮތުން ، ޙައިދަރަށްވެސް ކުއްލި ޙައިރާންކަމެއް ލިބުނެވެ. ދިލްނަޝީނަށް ވެފައި އެއިނީ ކީއްކަމެއް ޙައިދަރަކަށް ނޭނގެއެވެ. ޙައިދަރުގެ ދެލޯހުރީ ބޮޑުވެފައެވެ. އޭނާއަށް އެއްވެސްކަމެއް ނުވާކަމަށް ދިލްނަޝީން ބުނިނަމަވެސް ، ދިލްނަޝީން ރަނނގަޅުކަމަކަށް ޙައިދަރަކަށް ނުފެނުނެވެ. އަދި ވެގެން އުޅޭގޮތެއް ސާފުކޮށް ބުނުމަށް ޙައިދަރު އެދުނެވެ. ދިލްނަޝީން ބިރުގަންނަނީކަމަށް އޭނާ ބުންޏެވެ. އެއީ އަދި ޙައިދަރުގެ ކަންބޮޑުވުން އިތުރުވެގެންދިޔަ ކަމެކެވެ. ދިލްނަޝީން ބިރުގަންނަންވީ ސަބަބެއް ޙައިދަރަށް އެނގެން ބޭނުންވިއެވެ. ބިރު ގަންނަނީ ، އޭނާއަށް ޙައިދަރު ގެއްލިދާނެތީކަމަށް ދިލްނަޝީން ބުންޏެވެ.
" އާދޭސް ކޮށްފައި ބުނަމެވެ. ހިތުގައި ތިއޮތް ބިރުވެރިކަން ހިތުންނެރެ ސާފުކޮށްލާށެވެ. މެހެމަލް އަހަރެންނަށް ހެދިގޮތް ، ދިލްނަޝީނަށް ހެދިޔަކަ ނުދޭނަމެވެ. އަހަރެންނަށް އެހިތްދަތި ތަކުލީފުގެ އަނިޔާގެ ވޭން މިހުރީ ލިބިފައެވެ. އެއީ ، އަހަރެންނަށް ކެތްކުރެވުނަސް ، ދިލްނަޝީންފަދަ މީހަކަށް ކުޅަދާނަކަމަކަށް ނުވާނެއެވެ. އެ އަނިޔާއާއި ހިތްދަތިކަން އެތައް އަހަރަކު ތަޙައްމަލުކޮށް ، ހިތްމަރުވެ ، އަހަރެންގެ ހިތަށް މިވަނީ އަލުން ދިރުން ލިބިފައެވެ. ލޯބިވާމީހަކު ޙަޔާތުން ގެއްލުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އަނިޔާއެވެ. " ޙައިދަރު ބުންޏެވެ.
ދިލްނަޝީން ބިރުގަންނަނީ ، މެހެމަލްގެ ލޮލުގައި އެހުންނަ ޖަޒުބާތަކުންނެވެ. ވިހަގަދަ ލޮލެއްގެ ޖަޒުބާތުން ، އިންސާނާގެ ދިރިއުޅުން ބަރުބާދުކޮށްލާނެކަމަށް މަންމަ ބުނެފައިވާކަމުގައި ދިލްނަޝީން ބުންޏެވެ. އިންސާނާގެ ގެޔާއި އުފާވެރިކަން އެފަދަ ލޮލެއްގެ ވިހައިން ދިރުވައިލާނެއެވެ.
އެއިން އެއްވެސްކަމެއް ދިލްނަޝީނަކަށް ނުވާނެއެވެ. ދިލްނަޝީންގެ އުފާތަކާ ކުޅެލެވޭނެ އިންސާނަކު ނުހުންނާނެއެވެ. އެމީހަކާ ކުރިމަތިލާނީ އޭނާކަމަށް ޙައިދަރު ބުންޏެވެ. އެކަން ގުޅިފައި އޮންނަނީ އިންސާނާގެ ނަޞީބާއެވެ. ނަޞީބުގައި ނެތްކަމެއް އެއްވެސް އިންސާނަކާ ކުރިމަތިނުވާނެކަމަށް ޙައިދަރު ބުންޏެވެ. މީހެއްގެ ލޮލުން ދިލްނަޝީންގެ މޫނަށް ފޯރާހޫނުވެސް ، ލޯޝަންޖަހައި އޭނާ ނިއްވައިލާނެކަމަށް ބުނަމުން ޙައިދަރު ، ދިލްނަޝީނާ ސަމާސާ ކޮށްލިއެވެ.
މެހެމަލްގެ ދެމައިން ނިދަން އެނދަށް އަރާތިއްބާ ، ޙައިދަރު އައިސް އެކޮޓަރިޔަށް ވަނެވެ. އެއީ މެހެމަލްއަށް ލިބުނު ކާމިޔާބީއެއްކަމަށް މެހެމަލްއަށް ފެނުނެވެ. މެހެމަލްއަށް ހީކުރެވުނީ ، އާ މަންޒިލެއް ފެނުނީމަ އޭނާއާ ދިމާލަށް އަންނަން ކުރާ ދަތުރުގެ މަގުއޮޅުނީކަމަށް ކަމުގައި މެހެމަލް ބުންޏެވެ. މެހެމަލްއާއި ޙައިދަރުގެ ގުޅިފައިވާ މާޒީން ، ހަމަ އެންމެތަންކޮޅެއްގެ ހަނދާންވެސް ޙައިދަރުގެ ނެތްކަހަލައެވެ. (ނުނިމޭ)
ދިލްނަޝީނަކީ ހިތްވަރުގަދަ ކުއްޖެއް. ޙަމްޒާމަތިން ހަނދާން ނައްތާލާފައި ، ދިލްނަޝީނަށް މިހާރު އެހުރީ ޙައިދަރު ދެކެ ލޯބިވެވި ، އެމީހުންގެ ކައިވެނި ސަލާމަތްކުރުމަށް ޢަޒުމް ކަނޑައަޅައިގެން. މެހެމަލްއާއި ރިދާގެ އުނދަގުލުން ސަލާމަތް ނުވެގެން އުޅޭއިރު ، ޚުދު ދިލްނަޝީންގެ މަންމައާއި ބޭބެވެސް ދިލްނަޝީނަކަށް ވާތްގެއް ނުދޭ. އެތިބެނީ ދިލާމ އިދިކޮޅަށް. ވާނެގޮތެއް ހަމަ ނޭނގޭ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ
ދިލްނަޝީން އަތުން ޙައިދަރު ގެއްލިގެންނުގޮސް ތިވިހަތީރުތަކުން ދިލްނަޝީން ނަޖާކުރައްވާނެބާ؟
ދިލްނަޝީން އާއި، ޙައިދަރުގެ ކައިވެނި އުފާވެރި ކާމިޔާބު
ކައިވެންޏަކަށް ވާނެބާ؟