
( 5 ޖެނުއަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ދިލްނަޝީން މިހާރު ހުންނާނީ ކަންބޮޑުވެގެންގޮސް ހަމަޔަށް ނޭވާވެސް ނުލެވޭޙާލުގައެވެ. އެއީ ، އެމީހުން އެގެޔަށްގޮސް ، ދިލްނަޝީނަށް އެހީތެރިވުމުގެ ވަގުތުކަމަށް ޢާފިޔާ ބުންޏެވެ. އެހެނަސް ، އެގެޔަށްގޮސް ، ދިލްނަޝީން ހިންގާފައިވާ ލޯބީގެ ގުޅުމެއްގެ ވާހަކަ ބުނުމަކީ ، އަނީސާއަށް ކުރެވޭވަރުގެ ކަމެއްނޫނެވެ. )
" އެހާ އަވަހަކަށް ، މެހެމަލްއެއް ޙައިދަރުގާތު އެވާހަކައެއް ނުބުނާނެއެވެ. މެހެމަލްގެ ކަމަކަށްވާނީ ، ދިލްނަޝީން ބިރުގަންނުވައި ތަކުލީފު ދިނުމެވެ. އެކަމާ ބިރުނުގަތުމަށް ދިލްނަޝީންގާތު ބުނާށެވެ. ޙައިދަރު ސުއާލެއްކުރިޔަސް ، ކަންބޮޑުނުވެ ޖަވާބުދޭން ބުނާށެވެ. " އަނީސާ ބުންޏެވެ.
އެގޭތެރޭގައި ކަންހިނގަނީ ކިހިނެއްކަމެއް އަނީސާއަކަށްވެސް އަދި ޢާފިޔާއަކަށްވެސް ނޭނގޭނެއެވެ. ދިލްނަޝީނަށް ލިބޭނެ ތަކުލީފު އެންމެބޮޑަށް އިޙްސާސް ކުރެވޭނީވެސް އެދެމައިންނަށެވެ.
ބަދިގެތެރޭގައި ކާއެއްޗެއް ތައްޔާރުކުރަން ދިލްނަޝީން ހުއްޓާ ، މެހެމަލް ގޮސް އެތަނަށް ވަނެވެ. ދިލްނަޝީންގެ ޙާލު ކިހިނެއްތޯ ސުއާލު ކުރިއެވެ. އޭނާގެ ޙާލު އާދައިގެ ގޮތެކޭ ބުނެ ދިލްނަޝީން ޖަވާބު ދިނެވެ. އޭނާގެ ވާހަކައިން ދިލްނަޝީނަށް ތަކުލީފު ލިބެމުންދާކަން މެހެމަލް ކަށަވަރު ކޮށްލިއެވެ. ލޯބިވަނީ އެހެން މީހަކުދެކެއެވެ. ދިރިއުޅެނީ އެހެންމީހަކާ އެކީގައެވެ. އެހެންވީމާ އާދައިގެ ގޮތަކަށް ނޫންގޮތަކަށް ދުވަހެއް ނުދާނެތާއޭ ބުނެ ، މެހެމަލް ، ދިލްނަސީނާ ދިމާކުރަން ފެއްޓިއެވެ. މެހެމަލް މަޑުން ވާހަކަ ދެއްކުމަށް ދިލްނަޝީން އެދުނެވެ. މީހަކަށް އެއަޑު އިވިދާނެތީއެވެ.
" ޙައިދަރަށްވުރެ އެކުއްޖާ ރީތި ހެއްޔެވެ ؟ ހަމަގައިމުވެސް ޙައިދަރަށްވުރެ ޒުވާންދޯއެވެ ؟ " މެހެމަލް ބުންޏެވެ.
މެހެމަލްއަށް އެކަހަލަ ސުއާލެއްކުރަން އެނގުނު ގޮތަކާމެދު ދިލްނަޝީން ޙައިރާންވިއެވެ. އެއީ މެހެމަލްއަށް ނޭނގޭކަމެއްނޫނެވެ. އެންމެ ފުރަތަމަވެސް ، ކައިވެނި ކުރިދުވަހުވެސް ޙަމްޒާއޮތީ ، ދިލްނަޝިނާއި ޙައިދަރާދެމެދަށް އައިސްފައިކަމަށް މެހެމަލް ބުންޏެވެ. އެންމެންވެގެން އެކަން ސިއްރު ކުރީއެވެ.
" އަހަރެންގެ އޮތީ ހަމަ އެންމެ ބޭނުމެކެވެ. ޙައިދަރުގެ ޙަޔާތުން ދިލްނަޝީން ބޭރުކޮށްލުމެވެ. ޙައިދަރަށް ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެއީ އަހަރެންނާއި ޙައިދަރާ ދެމީހުންގެ ލޯބި އެއީ ، ދިލްނަޝީނަށް މައްސަލަޔަކަށް ނުވާކަން ޔަޤީން ކޮށްދިނުމެވެ. އެކަން ކުރާނީ ދިލްނަޝީނެވެ. އަދި އެއްކަމެކެވެ. އަހަރެން ޙައިދަރުގާތު ހުރެއްޖެނަމަ އަހަރެންނަށް ފުރުޞަތުދީފައި ދިލްނަޝީން އެތަނުން ދުރަށް ދިއުމެވެ. އެއްކަމެއް ޔަޤީން ކުރާށެވެ. ޙައިދަރަކީ ، އޭނާގެ އަނބިމީހާއާ އެހެންމީހަކާ ދެމެދު އެއްވެސް އިރެއްގައި ، އެއްވެސްކަހަލަ ގުޅުމެއް އޮންނަން ބޭނުންވާނެ މީހެއްނޫނެވެ. އަހަރެންނަށް ނިކަން ދެކިބަލާށެވެ. އަހަރެންނަށްޓަކައި ޖާނުދޭން އެހުންނަނީ ތައްޔާރުގައެވެ. އެކަމަކު އެހެންމީހަކާ އަހަރެން ކައިވެނި ކުރީތީ ، ޙައިދަރު އެހުންނަނީ އަހަރެންނާ ދުރުގައެވެ. އެއީ އަހަރެންދެކެ ޙައިދަރު ލޯބިނުވާތީއެއް ނޫނެވެ. ޝަރުޢީގޮތުން ހުއްދަގޮތުގައިވިޔަސް ، އަހަރެންނަށް އެހެންމީހަކާއެކީ ގުޅުމެއް ހިންގިފައިވާތީއެވެ.
ބަންދު ދުވަހެއްވީމަ ، ޙައިދަރު އޮފީހަކަށް ނުދެއެވެ. ބަގީޗާތެރޭ ޖައްސާލައިގެން ވާހަކަ ދައްކާލަން މަޑުކޮށްލައިގެން ، ޙައިދަރާއި ދިލްނަޝީންއާ ދެމީހުންތިއްބެވެ. ދިލްނަޝީނަށް ލިބިފައިވާ ކަންބޮޑުވުން ފޮރުވަން މަސައްކަތް ކުރިނަމަވެސް ، އެކަމެއް އޭނާއަކަށް ނުވެއެވެ. ދޭތެރެޔަކުން ގަބުވެފައި ޚިޔާލެއްގެ ތެރެޔަށް ގެއްލިގެން ދެއެވެ. އެހުރިހާކަމެއް ޙައިދަރަށް ނޯޓިސް ކުރެވެއެވެ. ޙައިދަރު އިނީ ، ފަރުވާތެރިކަމާއެކީ ، ދިލްނަޝީންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ދިލްނަޝީން އޭނާގެ މަޤްޞަދުގެ މަތިން ހަނދާންވެ ، ޙައިދަރު އެވިސްނަނީ ކޮންކަމަކާތޯ ސުއާލު ކުރިއެވެ. އެއީ ދިލްނަޝީނާ ޙައިދަރު ކުރަންޖެހޭ ސުއާލެކެވެ. އެސުއާލަށް ޖަވާބުދޭން ، ޙައިދަރު އަނގަހުޅުވާލިތަނާ ، ދިލްނަޝީން ވާހަކަ ދައްކަން ފެއްޓިއެވެ. ޙައިދަރުގެ އޮފީސް މަސައްކަތް އިއްޔެ ދިޔައީ ކިހިނެއްތޯ އަހައިލިއެވެ. ހަފުތާގެ އެންމެ ފަހުދުވަސް ވީމަ ، ޙައިދަރު އިއްޔެ އުޅުނީ ވަރަށް ބުރަކޮށޭ ބުނެ ، ދިލްނަޝީނާ ގާތަށް ޖެހިލިއެވެ. އަދި އޭނާ ވިސްނަމުން އެގެންދަނީ ............
" ބޮޑުދައިތަ ، ދިލްނަޝީނަށް އެބަ ގޮވައެވެ. ހަމައެކަނި ދިލްނަޝީނަށެވެ. " ކުއްލިޔަކަށް ، މެހެމަލް އެތަނަށް އައިސް ބުންޏެވެ.
މެހެމަލްގެ ބޭނުމަކީ ، ދިލްނަޝީން އެތަނުން ފޮނުވާލައި ، ޙައިދަރާއެކީ އޭނާ ވަގުތުކޮޅެއް ހޯދުމެވެ. ދިލްނަޝީނަށް ޖެހުނީ އަވަސް އަވަހަށް އެތަނުން ދާށެވެ. މެހެމަލްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، ދިލްނަޝީން އެތަނުން ދާން ތެދުވިއެވެ. މެހެމަލްއާއި ޙައިދަރަށް ވަގުތު ދިނުމަށް މެހެމަލް އޮތީ ކުރިންވެސް ދިލްނަޝީނަށް އިންޒާރު ދީފައެވެ. ޙައިދަރުގާތު ނީނދެ ، އެތަނުން ދުރަށް ދިއުމަކީ ، ދިލްނަޝީނަށް މިވަގުތު ކުރިމަތިވެފައިވާ މަޖުބޫރީ ޙާލަތެކެވެ. ދިލްނަޝީނާއެކީ ، ގޭތެރެޔަށް ދާން ޙައިދަރުވެސް ތެދުވިއެވެ.
" ބޮޑުދައިތަ ގޮވީ ހަމައެކަނި ކުލްސޫމަށެވެ. ޙައިދަރަކަށް ނޫނެވެ. ޙައިދަރު ދާކަށް ނުޖެހެއެވެ. " އެދެމީހުންނާ ދިމާލަށް ލޯބޮޑުކޮށްލަމުން މެހެމަލް ބުންޏެވެ.
އޭނާވެސް ޙައިދަރުގެ އަތުގައި ހިފާލަން ފުރުޞަތު ދިނުމަށް ޙައިދަރާ ދިމާލަށް މެހެމަލް ބުންޏެވެ. އެތަނުން ދުރަށްދާން ޙައިދަރު ހިނގައިގަތްތަނާ ، ވާހަކަ ދައްކަން ފައްޓާ ، ޙައިދަރު ހުއްޓުވުމަށްފަހު ، މެހެމަލް ޙައިދަރާ ގާތަށް ޖެހިލިއެވެ. ދިލްނަޝީން ، ގޭތެރެޔަށް ވަދެ ، ދޮރާނިވާވެ ހުއްޓިލިއެވެ. ޙައިދަރާއި މެހެމަލް ދައްކަނީ ކޮން ވާހަކައެއްތޯ ބަލަން އޭނާ ބޭނުންވިއެވެ. ދޮރާއެޅި ނިވާވެގެން ، އެދެމީހުން ދައްކާ ވާހަކަ އިވޭ ހިސާބުގައި ދިލްނަޝީން ފިލާ ހުއްޓެވެ.
" މެހެމަލް އަދިވެސް ތި ދިރިއުޅެނީ މާޒީގެ ދުވަސްތަކުގައެވެ. އަހަރެން މިއުޅެނީ މިއަދުގެ ދުވަސްތަކުގައެވެ. އަހަރެންގެ މާޒީއެއް ނެތެވެ. އެއީ އަނބުރާ ހޯދޭނެ ދުވަސްތަކެއްނޫނެވެ. އެކަން ، މެހެމަލްއަށް ވިސްނޭނީ ، އެވާހަކަ ކިތައްފަހަރު ، އަހަރެން މެހެމަލްގާތު ބުނެގެން ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.
މެހެމަލް ، ޙައިދަރާ އިތުރަށް ގާތަށް ޖެހިލިއެވެ. މާޒީއަކީ އަނބުރާ ނާންނާނެ ދުވަސްތަކެއްކަމަށް މެހެމަލްވެސް ޤަބޫލު ކުރިއެވެ. އެހެނަސް ، މާޒީގައި އެމީހުނަށް އެކުގައި ނޫޅެވުނު ވަގުތަކީ ، މިހާރު ހޯދިދާނެ ފުރުޞަތެއްކަން މެހެމަލް ހަނދާން ކޮށްދިނެވެ. ﷲ ގެ ރަޙުމަތްފުޅުން ، އެކުގައި އުޅުމަށް އެދެމީހުންނަށް މިހާރު އެވަނީ އެ ފުރުޞަތު ތަނަވަސް ވެފައެވެ. ކުރިން ، އެކަކުއަނެކަކަށް ނުދެވުނު އުފާތައް ޙާޞިލްކުރުމުގެ ފުރުޞަތު މިހާރު އެބައޮތެވެ.
މެހެމަލްއަށް އެހެން އެހީވަނީ ، އަންޞާބުގާތުން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތީމައެވެ. އެއީ އަދި ، ޙައިދަރުގެ ދިރިއުޅުމަށް އެނބުރި އަންނަން މެހެމަލްއަށް ލިބޭ ލައިސަންސެއްނޫންކަމަށް ޙައިދަރު ބުންޏެވެ.
" އެކަމަކު ، ވާހަކައެއް ބުނަން ހެއްޔެވެ ؟ މެހެމަލް މީހަކާ އިނދެގެން އުޅުނަސް ، އަދި އެމީހާގާތުން ވަރިވިޔަސް ، އަދި ކީއްކުރަން ހެއްޔެވެ ؟ އަހަރެންގެ ކުރިމަތީ މިގޭގައި އަބަދު އެނބުރި މުގޯޅި އެޅިޔަސް ، އަހަރެންގެ ދިރިއުޅުމަށް އަންނާނެ ބަދަލެއް ނޯންނާނެއެވެ. މެހެމަލް ތިއީ މިހާރު އަހަރެންގެ ހަނދާނުން ފުހެލާފައިއޮތް ނަމެކެވެ. އެނަން އިތުރަށް އަހަރެންގެ ހިތުތެރެޔަކަށް ނުވަންނާނެއެވެ. އަހަރެން މިހާރު މިހުރީ މީހަކާ އިނދެގެންނެވެ. އަހަރެންގެ އަންހެނުން އުފަލުގައި ބެހެއްޓުމަކީ އަހަރެންގެ އެންމެ އިސް ވާޖިބެވެ. އެކައިވެންޏަށް އަހަރެން އަބަދުވެސް އިޙްތިރާމް ކުރާނަމެވެ. ދިލްނަޝީނަށް ބޭވަފާތެރިއެއް ނުވާނަމެވެ. ހަނދާން ނައްތާލަންޖެހޭ އެތައް ޙަޤީޤަތްތަކެއް މެހެމަލްއަށް ހަނދާން ނައްތައިލެވިދާނެއެވެ. އެކަމަކު ، އަހަރެންނަކަށް އެ ޙަޤީޤަތްތައް ހަނދާން ނައްތައެއް ނުލެވޭނެއެވެ." ޙައިދަރު ބުންޏެވެ.
އެމީހުންނަށް ހަނދާން ނައްތާ ނުލެވޭނެ އެތައް ޙަޤީޤަތްތަކެއް އެބަހުރިކަމަށް މެހެމަލްވެސް އެއްބަސް ވިއެވެ. އެކަމަކު ، އެޙަޤީޤަތްތަކަކީ އެމީހުންގެ ގުޅުމާ ދުރަށް ގެންދެވިދާނެ ކަންތައްތަކެއްކަމަށް މެހެމަލް ބުންޏެވެ. އެކަންކަން ސިއްރުކޮށް ފޮރުވާފައި ބޭއްވިދާނެއެވެ.
" އަހަރެމެންގެ ކައިވެނީގެ ޚަބަރު އެއްވެސް މީހަކަށް ނާންގާ ސިއްރުކޮށްފައި ބޭއްވިދާނެއެވެ. އަހަރެންނާ ކައިވެނިކުރަން ، ޙައިދަރު އެއްބަސް ވާށެވެ. އެހެންހުރިހާކަމެއް އަހަރެންނަށް ދޫކޮށްލާށެވެ. ބޮޑުދައިތަޔަކަށްވެސް އަދި ދިލްނަޝީނަކަށްވެސް އެކަމެއް ނާންގާނަމެވެ. އެކަން ފަޅާއަރާނެ އެއްވެސްކަމެއް އަހަރެންނެއް ނުކުރާނަމެވެ.
އެއީ ، އޭނާ އެއްވެސް ޙާލެއްގައި ކުރާނެކަމެއް ނޫންކަމަށް ޙައިދަރު ބުންޏެވެ. މީހުންގެ ތެރޭ އިސްއުފުލައިގެން ހިނގަން އޭނާ ލަދުގަންނަންޖެހޭނެ އެއްވެސްކަމެއް ނުކުރާނެކަމަށް ހަރުއަޑުން ޙައިދަރު ބުންޏެވެ. ޙައިދަރުގެ އަޑުބާރުކަމުން މެހެމަލްވެސް ދިޔައީ ސިއްސައިގެންނެވެ.
" އާނއެކެވެ. އަހަރެންގެ ހަޔާތުގައި ވަގުތެއް އައެވެ. އެއީ ކޮންމެ ޙާލެއްގައިވެސް ، މެހެމަލް ޙާޞިލްކުރަން އަހަރެން ނިޔަތްގަތް ވަގުތެކެވެ. އެހެނަސް ، އެވަގުތު މިހާރު ފާއިތުވެ ހިނގައްޖެއެވެ. އެކަމާމެދު ވިސްނައިލާކަށްވެސް އަހަރެން ބޭނުމެއްނޫނެވެ. މެހެމަލްވެސް ތިދެކޭ ހުވަފެނުން ހޭލައި ، ޙަޤީޤަތާ ކުރިމަތިލާށެވެ. އަހަރެންނަކީ ދުވަހަކުވެސް މެހެމަލްއަށް ޙާޞިލް ކުރެވޭނެ މީހެއްނޫނެވެ. " ޙައިދަރު ބުންޏެވެ.
މެހެމަލް އާއި ޙައިދަރު އެ ދެއްކި ވާހަކައެއް ދައްކާފައި ގެޔަށް ވަންނަން ޙައިދަރު އެނބުރިލިތަނުން ކުރިމަތީގައި އެހުރީ ދިލްނަޝީނެވެ. އެމީހުން ދެއްކި ހުރިހާ ވާހަކައެއް ދިލްނަޝީނަށް އިވޭނެއެވެ. ޙައިދަރު ކުއްލިޔަކަށް ހުއްޓުނެވެ. ކުރިޔަށް ހިނގައިގަނެވޭގޮތެއް ނުވިއެވެ. ދިލްނަޝީން އިތުރަށް އެތަނުގައި ހުންނާކަށް ނުހެދިއެވެ. ދިލްނަޝީން ގެޔަށް ވަދެގެން ދިޔަތަނުން ، ޙައދަރުވެސް ދިލްނަޝީންގެ ފަހަތުން ހިނގައިގަތެވެ. މެހެމަލްއަކަށް އެއްވެސް ނަތީޖާއެއް ނުނެރެވުނެވެ.
ދިލްނަޝީން ދިޔަލެއް ބާރުކަމުން ، ޙައިދަރުވެސް ދިލްނަޝީނަށް ގޮވަމުން ފަހަތުންގޮސް ކޮޓަރިޔަށް ވަނެވެ.
" ދިލްނަޝީނެވެ ! ދިލްނަޝީންގެ ކަންބޮޑުވުން އަހަރެންނަށް އިޙްސާސް ކުރެވެއެވެ. މެހެމަލް މިގޭގައި ހުރުމަކީ ، ދިލްނަޝީނަށް އެތައްގޮތަކުން އުނދަގޫވާނެ ކަމެއްކަންވެސް އަހަރެންނަށް އެނގެއެވެ. އަހަރެން މިބުނަނީ ޙައްޤު ތެދެވެ. ދިލްނަޝީނަކަށް އަހަރެން ދޮގެއް ނުހަދާނަމެވެ. މަކަރުހަދައި އޮޅުވައެއްވެސް ނުލާނަމެވެ. މެހެމަލް އެބޭނުންވާ ކަހަލަ އެއްވެސްކަމެއް ކުރުމުގެ ވިސްނުމެއް އަހަރެންނެއް ނުގެންގުޅެމެވެ. " ޙައިދަރު ބުނަމުން ގެންދިޔައެވެ.
ދިލްނަޝީންގެ ހިތަށް އޭރުވެސް އަރަމުންދަނީ ، މެހެމަލް ދައްކާފައިހުރި ވާހަކަތަކެވެ. އޭނާ އާ ދިލްނަޝީން ވާހަކަ ދެއްކުމަށް ޙައިދަރު އެދެމުން ގެންދިޔައެވެ. އަނގައިން ނުބުނެ ނުރުހުމަށް އެދުނެވެ.
" ޙައިދަރު މެހެމަލްއާ ކައިވެނި ކުރާށެވެ ! " އަޅައަޅައިގެންފައި ދިލްނަޝީނަށް ބުނެވުނެވެ.
ދިލްނަޝީން އެބުނި ވާހަކަޔަކުން ޙައިދަރަށް ލިބުނު ޙައިރާންކަން ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. މުޅިމީހާ ގަބުވެގެންގޮސް ، ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެން އެތައް އިރަކު ހުރެވުނެވެ. މެހެމަލްއާ ކައިވެނި ކުރުމަކީ ، އޭނާގެ ޚިޔާލަށްވެސް އައިސްފައިވާ ކަމެއްނޫނެވެ. އެއީ އޭނާ ނުކުރަން ނިންމައިގެން ހުރި ކަމެކެވެ. އެކަމަކު ، ދިލްނަޝީން އެ އެދުނީ އެކަން ކުރާށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ މެހެމަލް އެހުރީ ދިލްނަޝީނަގެ ބޮލަށް ރަނގަޅަށް ސަވާރު ވެގެންނެވެ. ޙައިދަރާ ބެހޭގޮތުން ދިލްނަޝީންގާތު މެހެމަލް ދެއްކީ ކޮން ވާހަކައެއްކަމެއް ޙައިދަރަކަށް ނޭނގެއެވެ.
ދިލްނަޝީންގެ ބުއްދި ހުރީ ސަލާމަތުންތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީން ދެންމެ އެބުނީ ކިހާވަރެއްގެ ވާހަކައެއްކަން ދިލްނަޝީނަށް އެނގޭބާވައެވެ. ޙައިދަރުގާތަށް ހުރީ ރުޅި އައިއްސައެވެ.
" ޙައިދަރު ، މެހެމަލް ދެކެ ލޯބި ވެއެވެ. މެހެމަލްވެސް ޙައިދަރުދެކެ ލޯބި ވެއެވެ. ތިދެމީހުންގެ ދެމެދަށް ވަދެވިފައި މިހުރީ އަހަރެންނަށެވެ. ބަޔެއްގެ ދިރިއުޅުމުގެ ތެރެޔަށް ވަންނާކަށް އަހަރެން ބޭނުމެއްނޫނެވެ. " ދިލްނަޝީން ބުންޏެވެ.
ދިރިއުޅުމެއްގެ ތެރެޔަށް މީހަކަށް ވަދެވޭނީ ، ދެމީހެއްގެ މެދުގައި ދިރިއުޅުމެއް އޮވެގެންނެވެ. ޙައިދަރާއި މެހެމަލްއާ ދެމެދުގައި އެފަދަ ގުޅުމެއްނެތެވެ. އެއީ ދިލްނަޝީން ދައްކަން ޖެހޭކަހަލަ ވާހަކައެއްނޫންކަމަށް ޙައިދަރު ބުންޏެވެ. ދިލްނަޝީން އެދައްކާ ވާހަކައެއް އެދައްކަނީ ، ކަމުގެ ޙަޤީޤަތް ނޭނގި ހުރެކަން ޙައިދަރަށް އެނގެއެވެ.
" އަހަރެންނަށް ހުރިހާކަމެއްވެސް އެނގެއެވެ. އަހަރެން މިބުނަނީ ކީކޭކަންވެސް ރަނގަޅަށް އެނގެއެވެ. އެހުރިހާކަމެއް ހަނދާން ނައްތައިލާށެވެ. ޙައިދަރާ މެހެމަލް ކައިވެނިކުރަން ، އަހަރެން މި ހުއްދަ ދެނީއެވެ. މެހެމަލް ބުނާކަމެއް ބުނާގޮތަކަށް ކޮށްދޭށެވެ. މަންމަގާތު އެވާހަކަ ބުނާނެކަމެއް ނެތެވެ. " ދިލްނަޝީން ބުންޏެވެ.
ދިލްނަޝީން އެގޮތަށް އެވާހަކަ ދައްކަނީ ކީއްވެގެންކަމެއް ޙައިދަރަކަށް ނޭނގެއެވެ. އެކަމަކު ، އެއްކަމެއް އޭނާއަށް އެނގެއެވެ. ދިލްނަޝީން އެބުނަނީ ، އޭނާ ދުވަހަކުވެސް ނުކުރާނެކަމެއްގެ ވާހަކައެވެ.
ދިލްނަޝީން އިތުރަށް ވާހަކަ ދައްކަން ފެއްޓިތަނާ ، ދެން ހުއްޓާލާށޭ ބުނެ ، ދިލްނަޝީނާ ދިމާލަށް ޙައިދަރު ހަޅޭއްލަވައިގަތެވެ. ޙައިދަރަކީ ، ދުވަހަކުވެސް އަޑުބާރުކޮށް ދިލްނަޝީނާ ވާހަކަ ދެއްކި މީހެއްނޫނެވެ. އަދި އޭނާއަށް ރުޅިނައިސް ހުރެވޭނީ ވަކިވަރެއް ވަންދެން ކަމަށް ބުންޏެވެ. ދެން އިތުރަށް އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ދިލްނަޝީނަށް ލިބިގެންވާ ޙައްޤުން ބޭރަށް ނުދިއުމަށް ބުނެ ، ރުޅިއައިސް ރަތްވެފައިހުރެ ، ޙައިދަރު ކޮޓަރިން ނުކުމެގެން ދިޔައެވެ. ( ނުނިމޭ )
ހާދަހާ ރީއްޗޭ. ދިލްނަޝީނަށް އެއުޅެނީ އޭނާއަށް ކުރެވިފަ އޮތް ކަމެއްގެ ބޮޑުކަމުން ހިތްބިރުގަނެގެން. ދިލްނަޝީން މިވަގުތު ހަތިޔާރު ބަހައްޓައިފިއްޔާ މެހެމަލްގެ އަވާގައި ޖެހި ދިލްނަޝީނަށް ޙައިދަރު ގެއްލިދާނެ