ގަދަގޭ ވަސީމާ: ހެންވޭރުގެ ކަނބަލުންގެތެރެއިން ތަނބެއް!

ފޮޓޯ: އޮނަރަބްލް ޢަބްދުﷲ ކަމާލުއްދީންގެ ފޭސްބުކް ޕޯސްޓަކުން

ހ.ގަދަގޭ ވަސީމާ މުޙައްމަދު، އަޅުގަނޑުމެން އާންމުކޮށް ކިޔާ ގޮތުން ގަދަގޭ ވަސީ އަޅުގަނޑު ދަންނަން ފެށީ ހެންވޭރު އަވަށު މަސައްކަތްތަކުގެ ތެރެއިންނެވެ. 1979 ހިސާބުން ފެށިގެންނެވެ. މާލޭގެ ފަޅުން ބިންހިއްކުމަށް ޓަކައި ހެންވޭރުގެ ރައްޔިތުން ވެލިފުނި ޖެހުމާއި ހެންވޭރު އަވަށު މަދަރުސާ ހެންވޭރު ސްކޫލް ބިނާ ކުރުމާއި އެ ނޫން ވެސް ހެންވޭރުގެ އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިންނެވެ.

އޭރުން ފެށިގެން ވެސް ވަސީ ދެކެފަރިތަ ވެއްޖެއެވެ. އޭގެ ފަހުންނާއި ކުރީން ވެސް އަވަށުގެ ހަރަކާތްތަކުގައި ވަސީއަކީ، ހެންވޭރު ކަނބަލުންގެ ތެރެއިން ވަރުގަދަ ތަނބެކެވެ. ކޮލެރާގެ ދުވަސްވަރު ގޭގޭއާއި މިސްކިތްތަކުގެ ވަޅަށް ކުލޮރިން އެޅުމާއި މުޅި ރާއްޖެ ބައިވެރިވާ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒުގައި ހެންވޭރު ބައިވެރި ކުރެއްވުމަށް ކަނބަލުންގެ ފެންވަރުގައި ހިނގަމުންދިޔަ ހުރިހާ ހަރަކާތްތަކެއްގައި ވެސް ވަސީގެ ދައުރު ވަރަށް ބޮޑެވެ.

1990ގައި އަޅުގަނޑު ވެސް ރަސްމީކޮށް އަވަށުގެ ހަރަކާތްތަކާ ގުޅުނު ހިސާބުން ފެށިގެން ވަސީގެ ޚިދުމަތް ވަރަށް ގާތުން ފެންނަން ފެށިއެވެ. ވަސީގެ ކިބައިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އެންމެންނާ ގުޅޭ އެންމެންނަށް އެހީތެރި ސަކަ މިޒާޖެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގައި ވަސީއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން މި ދެންނެވި ތަޖުރިބާ ވަރަށް ގާތުން ކުރެވުނެވެ. ހަމައެއާ އެކު ހެންވޭރު ސްކޫލް (މަދުރަސަތުލް އަމީރު އަޙްމަދު) ގައި މަސައްކަތް ކުރެވުނު 18ވަރަކަށް އަހަރުގެ ތެރޭގައި ވެސް މަދަރުސާ އަހަރީ މުނާސަބަތުތަކާއި އެނޫން ވެސް ތަފާތު ހަރަކާތްތަކަށް ވަސީ ދެއްވަމުން ގެންދެވި އެހީތެރިކަމަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

2008ގެ ފަހުން މަޑުމަޑުން އަވަށު ވާދައާއި ފޯރި ކެނޑި އަވަށު އޮފީސްތަކާއި އަވަށު ކޮމިޓީތައް އުވުނު ފަހުން ވެސް ވަސީއާ ބައްދަލުވާ ކޮންމެ ފަހަރަކު ހެން އޭރުގެ ހަނދާންތައް އައުކުރެވެއެވެ. ވަސީ ދިރިއުޅުއްވަމުން ގެންދެވި ހ. ގަދަގޭ މަގުން ވަރަށް ގިނައިން ދަތުރުކުރަން ޖެހުމަކީ، ދޭތެރެދޭތެރެއިން ވަސީއާ ދިމާވުމަށް މެދުވެރި އިއްތިފާގެކެވެ. ފަހަކަށް އައިސް އާލާސްކަންފުޅާ އުޅުއްވިޔަސް ގޭގެ ދޮރުމަތީގައި ފުރޮޅުލީ ގޮނޑިއެއްގައި އިންނަވާތީ ފެނެއެވެ. ކިރިޔާ ވެސް ވަގުތު އޮތިއްޔާ މަޑުކޮށްލައި ވާހަކަދައްކައިލަމެވެ. އެންމެ ފަހުން ބައްދަލުވީ ދުވަހު ވާހަކަދައްކައިލަން މަޑުކޮށްލެވޭ ގޮތެއް ނުވިއެވެ. މަގުމަތީގެ ކާރޫބާރޫ ބޮޑުކަމުންނެވެ. ނަމަވެސް އޭގެ ދެތިން ހަފުތާ ކުރިން ބައްދަލުވެގެން ވާހަކަދައްކައިލުމަށް ވަގުތުކޮޅެއްގައި މަޑުކޮށް ލީމެވެ. ވަސީ އެދިވަޑައިގަތީ، ވަސީކޮށްދެއްވި ޚިދުމަތަށް ގައުމީ އިނާމަށް ހުށަހަޅައި ދިނުމަށެވެ. ނަމަވެސް އޭރު އޮތީ މި އަހަރު އިނާމަށް ހުށަހެޅުމުގެ މުއްދަތު ހަމަވެފައެވެ. އެހެންކަމުން އަންނަ އަހަރު އިރާދަކުރެއްވިއްޔާ ތިކަމާ އުޅެންވާނެއޭ ދެންނެވީމެވެ. އަދި އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެއްވި ޚިދުމަތްތަކުގެ މައުލޫމާތާއި ފޮޓޯތައް އެއްކުރެއްވުމަށް ދެންނެވީމެވެ.

ދުނިޔެއަކީ، އިންސާނީ ހަޔާތުގެ ވަގުތީ ފާލަމެކެވެ. އެ ފާލަމުން ބައެއް މީހުންގެ ގިނަގުނަ އުންމީދުތައް ފުރިހަމަ ވާއިރު އަނެއް ބައެއްގެ އުންމީދުތައް މުޅީން ފުރިހަމަ ނުވުމަކީ، ދުނިޔޭގެ ސުންނަތެވެ. މިއަދު ކުއްލިއަކަށް ލިބުނީ، އެ ޚިދުމަތްތެރިޔާ ވެސް ދުނިޔޭ ދަންފަޅި ހަމަކޮށް ދެމި އޮތުމުގެ ގޮވައްޗަށް ދަތުރުކުރެއްވި ހިތާމަވެރި ޚަބަރެވެ. މަރުޙޫމާ ވަސީމާ މުޙައްމަދު އަޅުގަނޑުމެން ވަކިވީ ނަމަވެސް އޭނާގެ ޚިދުމަތްތަކުގެ ހަނދާންކުރާނޭ އެތައް ބަޔަކު އަދިވެސް އެބަތިއްބެވެ.

ވަސީމާ މުޙައްމަދަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. އާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.