ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ބޮޑު އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް 29 ސެޕްޓެންބަރު 2024 ގައި ހުޅުމާލޭގައި މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭގޮތަށް 27 ޒޯނަކަށް ބަހާލައިގެންނެވެ. މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ 200 އަށްވުރެން ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އުތޯރިޓީން ވެސް މި އިންސްޕެކްޝަންގައި ވަނީ ބައިވެރިވެފައެވެ.

މި އިންސްޕެކްޝަންގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުމެވެ.

ހުޅުމާލޭގައި ކުރިއަށް ދިއަ މި އިންސްޕެކްޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި މި ހަރަކާތާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުނަށް ފިޔަވަަޅު އަޅައި، ވަޒީފާ ދޭ ފަރާތް ޒިންމާދާރު ކުރުވުމަކީ މި އިންސްޕެކްޝަނުގެ މައިގަނޑު އެއް މަޤްސަދުކަމަށާއި، މި އިންސްޕެކްޝަނުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށެވެ.

ހަވީރު 16:00 އިން 18:00 އަށް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ހާއްސަ އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ވަނީ ސުވާލުކޮށްފައެވެ. ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައެވެ. އަދި ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިން (ވަޒީފާ ދޭ ފަރާތް) ނަށް ވަނީ ލިޔުމުން ނަސޭހަތްދީފައެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.