( 24 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( " ހަމަ ވިސްނުމުން ސިކުނޑިން ވިސްނާށެވެ ! ހިތުން ނުވިސްނާށެވެ ! އަހަރެމެންނަށް ހަމަނޭވާލައިގެން އުޅެވޭނެ ގޮތަކަށް ، މިރޭ މިގޭގައި މަޑުކޮށްލާފައި ، މާދަމާ މިގެއިން ނުކުމެގެން ދާށެވެ ! " ދަތްކުނޑި ވިކައިގެންހުރެ އަނީސާގެ ވާހަކަ ނިންމައިލިއެވެ. ދިލްނަޝީނަށް އެއްޗެކޭ ބުނާނެ ފުރުޞަތުނުދީ ، އަނީސާ އެތަނުން ދުރަށް ދިޔައެވެ. )
ހޮސްޕިޓަލުގައި ، ޞާދިޤާއި ބުޝްރާގެ ކަމަކީ ، ޙަމްޒާ ހިތްހަމަ ޖެހޭނެހާ ގޮތްގޮތަށް ، ދޮގުހަދައިގެން ، ޙަމްޒާގެ ކައިވެނީގެ ހުވަފެންތައް އޭނާއަށް ދެއްކުމެވެ. އެވާހަކަތައް އަޑުނީވޭ ހިސާބު ދުރަށްގޮސް އިންނަމަވެސް ، ރިދާއަށް އެވާހަކަތަކުގެ އަޑު އިވެއެވެ. ފަހުން ވެދާނެ ގޮތަކާމެދު ، ރިދާގެ ކަންބޮޑުވުން އެބައޮތެވެ. ދިލްނަޝީންގެ ލޯބީގައި ، ކޮންމެފަދަކަމެއްވެސް ޙަމްޒާ ކޮށްފާނެއެވެ.
އޮފީހަށްދާން ރީތިވާން އުޅެނިކޮށް ، ދިލްނަޝީން އައިސް އައްވަލުގެ ކޮޓަރިޔަށް ވަނެވެ. އޭރުވެސް ، އައްވަލްހުރީ ، ދިލްނަޝީންގެ ކައިވެންޏަށް އެންމެ ދުވަހަކަށްވެފައި އޮއްވާ ، ޞާދިޤް އެގެޔަށް އައިސް އެޖެހި ސަކަރާތަކުން ރުޅިއައިސް ރަތްވެފައެވެ. އެކަމާ ކުދި ކިޔަކިޔައެވެ. ދިލްނަޝީން ކޮޓަރިޔަށް ވަތްތަނުން ، އެތަނުން ނުކުމެގެން ދާން ، ދިލްނަޝީން ގާތު ބުނުމަށް ޢާފިޔާގާތު ، އައްވަލް އެދުނެވެ. އެހެނަސް ، ދިލްނަޝީން އެއަކަށް އަޅައެއް ނުލައެވެ. ބޭބެއާ ވާހަކަ ދެއްކިޔަދޭށޭ ބުނެ ، ޢާފިޔާގެ އަތް ފޮޅުވާލައިފާ އައްވަލް ގާތަށް އައެވެ. އެވަގުތު އަނީސާވެސް ދުވަމުންދުވަމުން އައިސް އެކޮޓަރިޔަށް ވަނެވެ.
" އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ރިދާ އައިސް ދިލްނަޝީނަށް ޙަމްޒާގެ މެސެޖް ދިންކަންވެސް އަހަރެންނަށް އެނގެއެވެ. މަންމާއެވެ ! މި އަންހެންކުއްޖާއަށް ވިސްނައިދޭށެވެ ! ކައިވެނީގެ އެއްދުވަސްކުރިން ، މި އަންހެންކުއްޖާގެ ޖަނާޒާ މިގޭގައި ބާއްވަން ބޭނުން ނޫންނަމަ ، މިތަނުން ނުކުމެގެން ދިއުމަށް ، މީނާގާތު ބުނާށެވެ ! " އައްވަލް ހަޅޭއްލަވައިގަތެވެ.
ޚުދު އަނީސާވެސް ހުރީ ، ދިލްނަޝީނާއި ރިދާދެކެ ރުޅި އައިސް ރަތްވެފައެވެ. އެ އަންހެންކުއްޖާ އެއައީ އޭނާގެ ބޭބެގެ ފަރާތުން ދިލްނަޝީނަށް މެސެޖް ހިފައިގެންކަމަށް ، އަނީސާވެސް ބުންޏެވެ. އެމީހުންގެ ފަރާތުން ، ކެއްސެއްނޫން އެހެން އެއްޗެއް ނުލިބޭނެކަން ، ދިލްނަޝީނަށް ވިސްނައިދެވޭތޯ އަނީސާވެސް މަސައްކަތް ކުރިއެވެ.
މަންމައާއި ބޭބެއަށް ވިސްނައިދިނުމަށް ދިލްނަޝީން ، ޢާފިޔާގެ ކިބައިން އެދުނެވެ.
" ވިސްނައިދޭންވީ އެމީހުންނަކަށް ނޫނެވެ. ވިސްނައިދޭންޖެހެނީ ދިލްނަޝީނަށެވެ. އެމީހުން މިގެޔަށް އައިސް ، ބޭނުންހާ ގޮތެއް އަހަރެމެންނަށް ހަދަން އެއީ ކޮންބައެއް ހެއްޔެވެ ؟ އެއްފަހަރު ހަތިޔާރު ހިފައިގެން ހަނގުރާމަޔަށް އައިސް ، އަނެއްފަހަރު ، މާފަށް އެދިފަ ، ކައިވެންޏަށް އެދެން ، މީ ކޮންފަދަ ސަކަރާތެއް ހެއްޔެވެ ؟ ލޯބީގެ ޖަޒުބާތުގައި ޖެހިފަ ، އެމީހުންނަކީ މާ ރަނގަޅުބައެއްކަމަށް ދިލްނަޝީނަށް ހީވިޔަސް ، އެއީ އަހަރެމެންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫނެވެ. ނިކަން ވިސްނައިލަ ބަލާށެވެ! ދިލްނަޝީންގެ ކައިވެންޏަށް އެދުނީމަ އެކަމާ ދެކޮޅު ހަދާފަ ، ޙަމްޒާ އަމިއްލަޔަށް މަރުވާން އުޅުނީމަ ، ދިލްނަޝީންގެ ކައިވެންޏަށް އެދޭނީ ، އަމިއްލަ އެދުމުން ފޯވެފައިތިބި ބަޔެކެވެ. " ޢާފިޔާވެސް ދިލްނަޝީނަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ.
އެއިން އެއްވެސްކަމެއް ދިލްނަޝީނަކަށް ނުވިސްނެއެވެ. އޭނާއަށް އެނގޭހާވެސް ކަމަކީ ، އޭނާދެކެ ޙަމްޒާ ޙަޤީޤީ ލޯބިވާކަންކަމުގައި ދިލްނަޝީން ބުނުމާއެކު ، ދެންހެވޭ ބުނެ އަޑުގެ ނެތްތަނަށް ، އައްވަލް ހަޅޭއްލަވައިގަތެވެ.
" މައްސަލައެއް ނެތެވެ. ދިލްނަޝީންދެކެ ޙަމްޒާ ލޯބިވާކަމަށް ދިލްނަޝީނަށް ފެންނަނަމަ ، ކައިވެނި ރޫޅާލައިފިކަމަށް ، ޙައިދަރުމެންނަށް އަހަރެން އަންގައިފާނަމެވެ. އެހެންނަމަވެސް ، ދިލްނަޝީން ބޭނުންވަނީ ، ޙަމްޒާތޯ ނުވަތަ ދިލްނަޝީންގެ އެއްބަނޑު އެއްބަފާ ބޭބެތޯ ނިންމާށެވެ! ގޮތެއް ނިންމުން އޮތީ ، ދިލްނަޝީންގެ އަތްމަތީގައެވެ. " އައްވަލް އެހެން ބުނުމަށްފަހު ، ވަތްގަނޑުން ފިސްތޯލައެއް ނަގައި ، އޭނާގެ ބޮލާ އަމާޒު ކުރިއެވެ.
އައްވަލްގެ އަތުން ފިސްތޯލަ އަތުލެވޭތޯ ޢާފިޔާއާއި އަނީސާ މަސައްކަތް ކުރަމުން ގެންދިޔައެވެ. އައްވަލް މަސައްކަތް ކުރަމުން ގެންދިޔައީ އޭނާގެ ބޮލަށް ފިސްތޯލަ ގޮއްވައިލުމަށެވެ.
ދިލްނަޝީނަށް ހަދާނެގޮތް ބޮޑުވިއެވެ. ބޭބެގެ ފައިބުޑަށް ތިރިވެ ، އައްވަލްގެ ދެފައިގާ ހިފިއެވެ. ދިލްނަޝީނަށް ބާރަށް ރޮއިގަނެވުނެވެ.
" އަހަރެންނަށް މަޢާފު ކުރާށެވެ ! ބޭބެދެކެ އަހަރެން ވަރަށް ލޯބި ވެއެވެ. ބޭބެގެ ލޯތްބަށްވުރެ މުހިންމު އެހެން އެއްޗެއް އަހަރެންނަކަށް ނޯންނާނެއެވެ. ބޭބެ ބުނާ ހުރިހާ ގޮތެއް ހަދާނަމެވެ. މީގެފަހުން ، ޙަމްޒާގެ ނަންވެސް އަހަރެންގެ ދުލުކުރިން ބޭރެއް ނުކުރާނަމެވެ. އަހަރެންނަށް ކޮންމެފަދަ ގޮތެއްވިޔަސް ވަރިހަމައެވެ. ޙައިދަރާ ކައިވެނިކުރަން އަހަރެން މިހުރީ ތައްޔާރަށެވެ. " ދިލްނަޝީން ބުނަމުން ގެންދިޔައެވެ.
***************************************
ޙަމްޒާ ، ހޮސްޕިޓަލުން ދޫކޮށްލުމަށް ޑޮކްޓަރުން ނިންމައިފިއެވެ. އަމީން ޞާދިޤްހުރީ ވަރަށް އުފަލުގައެވެ. އޭނާގެ ދަރިފުޅަށް އޭނާދިން ދޮގު އުއްމީދުގައި ލިބުނު ހަކަތައިން ، ހީކުރިވަރަށްވުރެ އަވަހަށް ޙަމްޒާ ރަނގަޅުވެއްޖެއެވެ. ގެޔަށް ގޮސް ރަނގަޅަށް ކައިބޮއި ހަދަންފެށީމަ ، އިސާހިތަކު މުޅިން ރަނގަޅުވެދާނެއެވެ.
ޞާދިޤާއި ބުޝްރާ ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ.
" ގެޔަށް ދާތަނުން ، ޙަމްޒާގެ ލޯބިވެރިޔާއާ ބެހޭ ތެދު މަޢުލޫމާތު ލިބުމުން ، ދެންވާނެގޮތަކާމެދު ޞާދިޤް ވިސްނައިލިން ހެއްޔެވެ ؟ ޞާދިޤް އޭނާއަށް ހެދި ދޮގު ފަޅާއެރުމުން ، ޙަމްޒާއަށް ވާނެގޮތް އެނގޭ ހެއްޔެވެ ؟ " ބުޝްރާ ބުންޏެވެ.
ކަމެއް ދިމާވެއްޖެނަމަ ، އެކަމުގެ ޒިންމާ ނަގަންޖެހޭނީ ބުޝްރާކަމުގައި ، ވަރަށް ސާފުކޮށް ، ޞާދިޤް ބުންޏެވެ. ޙަމްޒާއަށް އެ ލިބުނު އަނިޔާއާއި ތަކުލީފެއް އެ ލިބުނީ ބުޝްރާގެ ސަބަބުންނެވެ. ބުޝްރާގެ ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އެކަމުގައި ބުޝްރާގެ ބޮލުގައި ހުރިހާ އިލްޒާމެއް އަޅުވައި ، އެކަމުން ޞާދިޤް ރެކެން މަސައްކަތް ކުރީމާ ، ބުޝްރާގާތަށް ރުޅިއައެވެ. ބުޝްރާ އެކުރި އިންކާރުން ، ޞާދިޤަށް ސަލާމަތެއް ނުވެވޭނެއެވެ. އެ ނިންމުމަކީ ، ދެމަފިރިން ގުޅިގެން ނިންމި ނިންމުމެކެވެ. ހަމައެކަނި ބުޝްރާގެ ނިންމުމެއް ނޫނެވެ. ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ، ދިލްނަޝީނާއި އޭނާގެ ބޭބެ ސިފައިންގެޔަށް ފޮނުވީ ބުޝްރާއެއް ނޫނެވެ. އެއީ މިމައްސަލައިގެ ފެށުމެވެ. އެކަންކަމާ މިހާރު ނުވިސްނުމަށް ޞާދިޤް އެދުނެވެ. ގެޔަށްގޮސް ، ޙަމްޒާގެ ކުރިމަތީގައި އާދައިގެ ގޮތަކަށް އުޅުމަށް ބުޝްރާއަށް ޞާދިޤް ނަސޭޙަތް ލައިދިނެވެ. ޙަމްޒާއަށް ޝައްކު ކުރެވޭފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުނެ ބުޝްރާއަށް އިންޒާރު ކުރިއެވެ. ދިލްނަޝީންގެ ކައިވެނީގެ ޚަބަރު ، ވީހާގިނަދުވަހެއް ވަންދެން ޙަމްޒާއަށް ފޮރުވާފައި ބޭއްވުމަށް އެދުނެވެ. އެހެނަސް ، އެއީ އެހާގިނަދުވަހު ، ޙަމްޒާއަށް ސިއްރު ކޮށްފައި ބޭއްވޭކަހަލަ ކަމެއްނޫނެވެ. ރިދާގެ ފަރާތުންވެސް ދިލްނަޝީންގެ ޚަބަރުދަބަރު ސާފުކުރުމަށް ޙަމްޒާ މަސައްކަތް ކުރާނެއެވެ. ޙަމްޒާއަށް އެކަން ސިއްރުކުރުމުގެ ނަތީޖާ ޞާދިޤަށް އިޙްސާސްވާނީ ، ޙަޤީޤަތް ފަޅައި އެރީމާކަން ބުޝްރާ ހަނދާން ކޮށްދިނެވެ. އެދުވަހަކުން އެކަމުގެ ހިތިރަހަ ޞާދިޤުގެ ކަރުބުޑުގައި ލާނެއެވެ. ހިންދިރުވައި ނުލެވޭވަރުގެ ހިތި ޒަހަރެއްގެ ގޮތުގައެވެ.
ޙަމްޒާ ގެޔަށްގޮސް ފޫހިވެގެން އުޅޭއިރު ، އޭނާގެ ކައިވެންޏާމެދު ބައްޕަދިން އުއްމީދުން ހިތްހަމަ ޖައްސަމުން ގެންދިޔައެވެ. ދިލްނަޝީންމެންނަށް ފޯނުންގުޅައި ، މައްސަލައެއް އުފެދޭނެ އެއްވެސްކަމެއް ނުކުރުމަށް ބައްޕަ އޮތީ ބުނެފައެވެ. އެހެންކަމުން ، ބައްޕަޔަށް އިތުބާރުކޮށްފައި ، ބައްޕަގެ ބަސްއަހައި ، އެފަދަ ކަމެއް ނުކުރަން ޙަމްޒާހުރީ ނިންމައިގެންނެވެ. އޭގެ ބަދަލުގައި ، ޙަމްޒާ ތަޞައްވުރު ކުރަމުން ގެންދިޔައީ ، ކައިވެނީގެ ހެދުން އަޅައިގެން ދިލްނަޝީނާއި ޙަމްޒާ ، އާ ކައިވެންޏަށް ތައްޔާރުވަމުންދާ މަންޒަރު ތަކެވެ. އެ ދެމީހުންނަށް ލިބޭނެ އުފަލާއި ހިތްހަމަ ޖެހުމެވެ.
************************************
ކައިވެނިލައިދިނުމުގެ ރަސްމިއްޔާތަށް ދިލްނަޝީން ޒީނަތްތެރި ކުރުމަށް ، ޢާފިޔާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ކުއްލިޔަކަށް ދިލްނަޝީންގެ ކުރިމަތިން އެފެނުނީ ، އޭނާއާ ދިމާލަށް ޙަމްޒާ ހިނގައިލާފައި އަންނަ ތަނެވެ. ޙަމްޒާވެސް ހުރީ ކައިވެންޏަށް ތައްޔާރުވެ ހެދުން އަޅައިގެންނެވެ. ދިލްނަޝީންގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ. މޫނުމަތި އުޖާލާވެގެންދިޔައެވެ. ޙަމްޒާ އައިސް ދިލްނަޝީންގެ ގާތުގައި ހުއްޓިލިއެވެ. ކޮލުގައި ކޮށްޓާލައި ދިލްނަޝީން އިތުރަށް ހެއްވާލިއެވެ.
ދިލްނަޝީންގެ ބޮލުގައި ޢާފިޔާ ހަރުކުރަން އުޅުނު ދައްޗަކުން ތަދުވެގެން ލިބުނު ސިހުމެއްގައި ، ދިލްނަޝީންވެސް ސިއްސައިގެން ދިޔައެވެ. އޭނާގެ ކުރިމަތިން ޙަމްޒާ ގެއްލުނެވެ. އެހެނަސް ، ދިލްނަޝީނަށް ވަށައިގެން ބަލައި ލެވުނެވެ. އޭނާއަށް ޙަމްޒާ ފެންނާކަށް ނެތެވެ. އެއީ އޭނާގެ ޚިޔާލަށް އައި ކަމެއްކަމަށް ނިންމުނީވެސް އެތައް އިރަކުންނެވެ.
ޞާދިޤް އައިސް ، ޙަމްޒާގެ ކޮޓަރިޔަށް ވަތްއިރު ، ޙަމްޒާއަށް އޮތީ ނިދިފައެވެ. ރަޖާގަނޑު ރަނގަޅުކޮށްލަ ދިނުމަށްފަހު ، ޞާދިޤް ކޮޓަރިން ނުކުތުމާއެކު ، ޙަމްޒާއަށް ހޭލެވުނެވެ. ރީތިވެލައިގެން ބޭރަށް ދާން ޙަމްޒާ ތައްޔާރުވެ ކާރުގައި ނައްޓައިލިއެވެ. އޭރު ، ޞާދިޤާއި ބުޝްރާ އެމީހުންގެ ކޮޓަރީގައި ތިބެގެން ވާހަކަ ދައްކަމުން އެގެންދަނީ ޙަމްޒާއާ ބެހޭގޮތުންނެވެ. ޙަމްޒާ ހޭއެރުމާއެކު ދިލްނަޝީންގެ ނަން އޭނާގެ ދުލުން ބޭރުވިކަން ، އެދެމަފިރިންވެސް ހަނދާން އެބަހުއްޓެވެ. ކިރިޔާވެސް ބޭރަށް ނުކުމެލެވޭވަރަށް ޙަމްޒާގެ ޙާލަތު ރަނގަޅު ވުމުން ، ދިލްނަޝީންއާ ބައްދަލުކުރަން ޙަމްޒާ ނުގޮހެއް ނުހުންނާނެއެވެ. އެގެޔަށް ޙަމްޒާ ދިއުމަކުން މިހާރު މައްސަލައެއްވެސް ނެތެވެ. އެމީހުންގެ ކައިވެންޏަށް ދިލްނަޝީންމެންގެ ޢާއިލާއިން ރުހިއްޖެކަމުގައި ޞާދިޤް އޮތީ ބުނެފައެވެ.
ޙަމްޒާ ، އެކަން އެގޮތަށް ކުރާނެކަން ޞާދިޤަށްވެސް އެނގެއެވެ. އެހެނަސް ، ކުޑަ ވަގުތުކޮޅަކަށްނަމަވެސް ، މަރުގެ ތުންފަތްމަތީ އޮތް ދަރިއެއްގެ ޙާލަތު ރަނގަޅުވާނެ އެއްވެސް ގޮތެއް އޮތްނަމަ ، ދޮގެއް ހަދައިގެންވެސް އެކަމުން އެ ދަރިޔަކު ސަލާމަތް ކުރުމަކީ ބަފައެއްގެ ވާޖިބެކެވެ. ޙަމްޒާއަށް ބައްޕަ އެހެދި ދޮގުގެ ޚަބަރު ލިބުމުން ، ޙަމްޒާގެ ސިކުނޑިޔަށް އެކަމުގެ އަސަރު ނުކޮށެއް ނުހުންނާނެއެވެ. ކޮންމެފަދަ ގޮތެއްވެސް ވެދާނެއެވެ. އެއީ އެމީހުންނަށް ނުއުފުއްލޭވަރުގެ ތަކުލީފަކަށް ވެދާނެކަން ، ޞާދިޤަށް ބުޝްރާ ހަނދާން ކޮށްދިނެވެ.
ޙަމްޒާ އެދިޔަގޮތަށްގޮސް ، ދިލްނަޝީންގެ ގޭގެ ދޮރުމައްޗަށް އޭނާގެ ކާރު ހުއްޓައިލިއެވެ. ކާރުން ފައިބައިގެން ހެމުން ނަށަމުން ސިޑިން އަރައިގެން ދިޔައެވެ. ދިލްނަޝީންމެންގެ ގޭގެ ދޮރާ ދިމާލަށް ، ޙަމްޒާ ހިނގައިގަތްތަނާ ، އެހެންލާފައިދިޔަ މީހަކު ، ޙަމްޒާއަށް ގޮވައިލިއެވެ. ދިލްނަޝީންގެ ކައިވެނި ޙަފުލާއޮތީ ، ގޭގައިނޫންކަމަށާއި ، ކަރާޗީގެ ވެޑިންގހޯލުގައިކަމަށް އެމީހަކު ބުންޏެވެ. އެމީހަކު ބުނީ އެމީހުންވެސް އެދަނީ އެ ހޯލަށް ކަމަށެވެ.
ޙަމްޒާއަށް ލިބުނު ޝޮކްގައި ދެފައި ތުރުތުރު އަޅައިގެން ދިޔައެވެ. އަރިއަޅާއިނުލީ ކިރިޔާއެވެ. އެވަގުތު އޭނާގެ ހަނދާނަށް އެއައީ އޭނާގެ ބައްޕަ ބުނި ވާހަކަ ތަކެވެ. ބައްޕަ އޭނާއަށް ހެދި ދޮގުތަކާއި އޮޅުވައިލުމެވެ.
އެމީހަކު އެބުނި ވެޑިންގހޯލަށް ދާން ، ޙަމްޒާ ދުއްވައިގަތެވެ. ސިޑިން ފައިބައިގެން އައިސް ކާރަށް އަރައި ބާރަށް ދުއްވައިލިއެވެ. ވެޑިންގހޯލުގައި ހިނގަމުންދަނީ އެހެން މަންޒަރެކެވެ. ޤާޒީއައިސް ، ދިލްނަޝީންގެ ކައިވެނި ލައިދިނުމުގެ ރަސްމިއްޔާތު ފެއްޓުނެވެ. ދިލްނަޝީންގެ ރަނަކަށް ކިޔާފައިވަނީ ބައިމިލިއަން ރުފިޔާއެވެ.
ޙަމްޒާ ކާރުދުއްވިލެއްބާރުކަމުން ، ވެޑިންގހޯލަށް ދާކަށް އެހާގިނައިރެއް ނުނެގިއެވެ. ކާރުން ފައިބައިގެން ދުވެފައިގޮސް ހޯލުތެރެޔަށްވަދެ ، ދިލްނަޝީނަށް ކުރިމަތިވާގޮތަށް ޙަމްޒާ ހުއްޓިލިއެވެ.
" ބައިމިލިއަން ރުފިޔާގެ ރަނަށް ދިލްނަޝީން އަޙްމަދު ، ޙައިދަރަށް ހިބަކޮށްދީފީމެވެ. " ޙަމްޒާގެ ކަންފަތުގައި އެއަޑު ގުގުމާލިއެވެ. އެވަގުތު ، ދިލްނަޝީނަށް ޙަމްޒާ ފެނުނެވެ. އޭނާގެ އަތުގައި ފިސްތޯލައެއް އޮތެވެ.
" ދިލްނަޝީން ކައިވެނިކުރާނީ ހަމައެކަނި އަހަރެންނާއެވެ. އެހެންމީހެއްގެ ޙައްޤަކަށް ދިލްނަޝީނަކަށް ނުވެވޭނެއެވެ. އެންމެ ފުރަތަމަ ، ދުނިޔެއިން ނުކުމެގެންދާނީ ، އަހަރެންގެ އަތުން ދިލްނަޝީން ޖަހައިގަންނަ ފިރިހެނާއެވެ. " ޙަމްޒާ އެހެން ބުނުމަށްފަހު ، ޙައިދަރުގެ ގަޔަށް ފިސްތޯލަ ޖެހިއެވެ.
ދިލްނަޝީން ދިޔައީ ސިއްސައިގެންނެވެ. ޙައިދަރު އޭ ބުނެ ، އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ދިލްނަޝީން އިނީ ދެލޯ ބޮޑުވެފައެވެ. (ނުނިމޭ)
ޙަމްޒާއާ ދޭތެރޭ ދިލްނަޝީން ދެން ކަންތައް ކުރާނީ ކިހިނެއްބާ ؟ ކައިވެނީގެ ރޭ އޭނާ އެ ހުވަފަތް ކޮށްލީ. ޙަމްޒާއަށް ޙައްޤު އަދަބު ލިބެންޖެހޭނެ. ޙައިދަރު ރަނގަޅުވެގެން ފަހަރެއްގައި ޙަމްޒާގެ ކިބައިން ބަދަލުވެސް ހިފައިފާނެ. ޙަމްޒާ މީ ކޮންކަހަލަ މީހެއްތަ ؟
Vvv.reethi shukuran