ވިހަ ތީރު (25)

 

( 22 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ބުޝްރާ އެކުރިކަމެއްކުރީ ، އެމީހުންގެ ޖާހާއި ފެންވަރު ހިފަހައްޓަން ވެގެންކަމަށް ބުންޏެވެ. އެހެނަސް ، އޭނާގެ ދަރިފުޅުގެ ފުރާނަޔަށްވުރެ ، އެމީހުންގެ ފެންވަރާއި ޖާހު ބޮޑުނޫންކަމަށް ބުނެ ޞާދިޤް ، އޭނާގެ އަންހެނުންނާދިމާލަށް ހަޅޭއްލަވައިގަތެވެ. )

އަންހެނުންނާ ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު ، އޭނާ އެދަނީ އޭނާގެ ދަރިފުޅަށް ދިލްނަޝީން ހޯދައިދިނުމަށްކަމަށްބުނެ ، ރިދާ ގޮވައިގެން ، ދިލްނަޝީންމެންގެ ގެޔަށް ދާން ޞާދިޤް މަސައްކަތް ފެއްޓިއެވެ. އެމީހުންނާއެކީ ، ބުޝްރާ އަޔަކަ ނުދިނެވެ. އެމީހުންނާއެކީ ބުޝްރާ ހިނގައްޖެއްޔާ ، ޞާދިގަކަށް އެކަމެއް ނުކުރެވޭނެއެވެ.

" މޮޔަވަނީ ހެއްޔެވެ ؟ އެކުއްޖާ އެހުރީ މީހަކާ އިންނަން ރަން ކިޔައިގެންނެވެ. މިއަދު އެއޮތީ ، އޭނާގެ ކައިވެނީގެ ރަސްމިއްޔާތުގެ ފެށުމެވެ. އެތަނަށްގޮސް ، އަނެއްކާވެސް ލަދުގަނެގެން އެނބުރި އަންނަން ޞާދިޤް ބޭނުންވަނީ ހެއްޔެވެ ؟ ދެނެއް އެކަމެއް ނުކުރެވޭނެއެވެ. ޙަމްޒާއަށް އޮތް ހަމައެކަނި ގޮތަކީ ، އެ ދިލްނަޝީންގެ މަތިން ހަނދާން ނައްތައިލުމެވެ. " ބުޝްރާ ބުންޏެވެ.

ބުޝްރާ އެދައްކާ އެއްވެސް ވާހަކައެއްގެ އަޑުއަހާކަށް ޞާދިޤް ބޭނުމެއް ނުވިއެވެ. ވާނީ ކިހިނެއްކަމާމެދު ވިސްނާކަށް ޞާދިޤް ބޭނުމެއް ނޫނެވެ. އެކަމުގައި ދެން ، ގޮތްނިންމާނީ އޭނާއެވެ. އޭނާ އެނބުރި ގެޔަށް އަންނާނީ ، ދިލްނަޝީން ގޮވައިގެންކަމަށް ބުންޏެވެ. ކުރިމަތީގައި އެއޮތީ ، އޭނާއަކީ ކިހާ ނުފޫޒުގަދަ އަދި ބާރުގަދަ މީހެއްކަން އަންގައިލުމުގެ ވަގުތެވެ. އޭނާގެ ދަރިފުޅު ، ޙަމްޒާއަށް ވީ ވަޢުދު ފުއްދޭވަރުގެ ބާރުގަދަ މީހެއްކަން އަންގައިލުމުގެ ވަގުތެވެ.

ދިލްނަޝީންގެ ކައިވެނީގެ ކުރިން ބޭއްވޭ ފުރަތަމަ ޙަފުލާއަށް މެހެމާނުން ޖަމާވަމުން ދިޔައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އެންމެ ފުރިހަމަ ގޮތުގައި އޭނާގެ ވާޖިބު އަދާކުރުމަށް ކުރިމަތިލައިގެން ހުރިކަން ، އައްވަލްގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމުން އެނގެއެވެ. ހިނިތުންވުމާއި އުފާވެރިކަމާއެކީ މެހެމާނުންނަށް މަރުޙަބާ ކިޔަމުން ގެންދެއެވެ.

ދިލްނަޝީން ގޮވައިގެން ޢާފިޔާ އައިސް ޙަފުލާގެ ތެރެޔަށް ވަނުމާއެކު ، އެންމެންގެ ސަމާލުކަން ދިލްނަޝީންގެ މައްޗަށް ހުށްޓުނެވެ. ދިލްނަޝީންގެ މޫނުމަތިން ، އެ ފެންނަ އުފާވެރިކަމުގެ އަސަރަކީ ، ކަންބޮޑުވުމެއްގެ ތެރެއިން ގަދަކަމުން ނެރެ ދައްކާ އިޙްސާސެއްކަން ، އަނީސާއަށް އެނގެއެވެ. އެހެނަސް ، ކޮންމެ ޙާލެއްގައިވެސް ، ދިލްނަޝީން އޭނާއަށްވީ ވަޢުދު ފުއްދާނެކަން އަނީސާއަށް އެނގެއެވެ.

ކައިވެނިވާ ދެމީހުން ތިބުމަށް ޚާއްޞަކުރެވިފައިވާ ތަނަށް ދިލްނަޝީނާއި ޙައިދަރު ގެންދެވުނެވެ. ޙައިދަރު ، އިސް އުފުލައި ބަލައިލިއިރު ، ކުރިމަތީގައިހުރި މެހެމަލްއާ ހަތަރުކަޅި ހަމަވިއެވެ. މެހެމަލްގެ ލޮލުން ޙައިދަރުގެ ކަޅި ނައްޓައިލެވޭގޮތެއް ނުވިއެވެ. ސާރާއަށް އެކަން ފާހަގަ ކުރެވިގެން އައިސް ، އެދެމީހުންގެ މެދަށް ހުއްޓި ، އެކަމަށް ހުރަސް އެޅިއެވެ. ދިލްނަޝީނަށްވެސް ، ސާރާގެ އެ ޙަރަކާތް ފާހަގަ ކުރެވުނެވެ. މެހެމަލް އަކީ ކޮންމެފަދަކަމެއްވެސް ކޮށްފާނެ މީހެއްކަން ، ސާރާއަށްވެސް އަދި ކުލްސޫމަށްވެސް އެނގެއެވެ. އެ ދެމައިންވެސް ތިބީ އެކަމަށް ވިސްނައިގެންނެވެ. މެހެމަލްއާއި ޙައިދަރުގެ މާޒީ އެދެމައިންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. މެހެމަލްއާއި ޙައިދަރުގެ ކަޅި ސީދާވެއްޖެނަމަ ، ފަސޭހައިން ނައްޓައި ނުލެވިގެން އުޅޭކަންވެސް އެދެމައިންނަށް ފާހަގަ ކުރެވެއެވެ. އެހެންމީހަކަށް އެއިން އެއްވެސްކަމެއް އަޅައެއް ނުގަނެއެވެ.

ނުކިޔާ ރަށްރަށު މާލޫދަށް މީހުން އަރާހެން ، ނުމެޢީދަކު ނުމެރޯދަޔަކު ، ކުއްލިޔަކަށް ފެނުނީ ، ޞާދިޤާއި ރިދާ އެތަނަށް އައިސް ވަތްތަނެވެ. އެ ދެބަފައިންނަށް ، މާބޮޑަށް އެތެރެޔަށް ނުވަދެވެނިސް ، އައްވަލަށް އެމީހުން ފެނިގެން ، އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތެވެ. ކުއްލިޔަކަށް ، ވަކިދިމާލަކަށް އައްވަލް ހިނގައިގަތުމުން ، އަނީސާއަށްވެސް އެދިމާލަށް ބަލައިލެވުނެވެ. އަދި ޞާދިޤާއި ރިދާ ފެނުނެވެ. ދިލްނަޝީނަށްވެސް އެކަން ފާހަގަ ކުރެވިގެން ، އެދިމާލަށް ބަލައިލިތަނުން ، ރިދާއާ ހަތަރުކަޅި ހަމަވިއެވެ.

އައްވަލްގޮސް ، ޞާދިޤްގެ ކުރިމައްޗަށް ހުއްޓި ، އެތަނަށް އެމީހުން އައުމުގެ ބޭނުމަކީ ކޮބައިތޯ ސުއާލު ކުރުމުން ، ޞާދިޤް އޭނާގެ ވާހަކަ ފެއްޓިއެވެ.

ޞާދިޤް އެއައީ ، ވަރަށް މުހިންމު ކަމެއްގައި އައްވަލާ ވާހަކަ ދައްކާލަން ކަމަށް ބުންޏެވެ. އައްވަލް ވަށައިގެން ބަލައިލިއެވެ.

" މިވަގުތު ، މިއީ އަހަރެންގެ ކޮއްކޮގެ ކައިވެންޏަށް ތައްޔާރުވުމަށް ބޭއްވޭ ފުރަތަމަ ރަސްމިއްޔާތު ހިނގަމުންދާ ވަގުތެވެ. މިވަގުތު އަހަރެންނަށް ވާހަކަ ދެއްކޭކަށް ނެތެވެ. މިތަނަށް މެހެމާނުން އައިސް މިއޮތީ ފުރިފައެވެ. މިވަގުތު އަހަރެންނަށް މުހިންމު އެހެންކަމެއް ނުއޮންނާނެއެވެ. " އައްވަލް ބުންޏެވެ.

ޞާދިޤް އެއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަންކަމަށް ބުނެ ، އަނެއްކާވެސް ޞާދިޤްގެ ވާހަކަ ތަކުރާރު ކުރިއެވެ. އޭރު ، އަނީސާވެސް ހުރީ އެތަނަށް އައިހެވެ. އައްވަލް އޭނާގެ މަންމަޔަށް ބަލައިލުމާއެކީ ، ޞާދިޤް އެބުނަންއުޅޭ ވާހަކައެއް ބުނަން ފުރުޞަތު ދިނުމަށް ، އަނީސާގެ ބޮލުން ޙައިދަރަށް ޢިޝާރާތް ކޮށްލިއެވެ. އެތެރެޔަށް ވަދެ ވާހަކަ ދައްކާލަމާހޭ ބުނެ ޞާދިޤް ގޮވައިގެން އައްވަލް ، ގޭތެރެޔަށް ވަނެވެ. ރިދާ ، މަޑުމަޑުން ހިނގައިލާފައި އައިސް ، ދިލްނަޝީނަށް ސަލާމް ގޮވައިލިއެވެ. އަދި ދިލްނަޝީންގެ ކަންފަތްދޮށުގައި ވާހަކަތަކެއް ދެއްކިއެވެ. ރިދާ ބުނީ ، ޙަމްޒާ އޮތީ ހޮސްޕިޓަލުގައި ކަމަށެވެ. އެންމެ ފަހަރަކު ދިލްނަޝީން ޙަމްޒާއާ ވާހަކަ ދައްކައިލިޔަސް ، ޙަމްޒާއަށް ތަސައްލީ ލިބޭނެކަމަށެވެ. ރިދާ އޭނާގެ ފޯނުނަގައި ބުޝްރާއާ ގުޅިއެވެ. އަދި އޭނާއެހުރީ ދިލްނަޝީންގާތުގައި ކަމަށް ބުނެ ، ޙަމްޒާއަތަށް ފޯނުދިނުމަށް އެދުނެވެ. ޙަމްޒާ ފޯނު ނަގައި ، ސަލާމް ގޮވައިލިއެވެ. ދިލްނަޝީން އާނއެކޭ ބުނެ ޖަވާބު ދިނުމާއެކު ، ޙަމްޒާގެ މޫނުމަތިން އުފާވެރިކަން ފާޅުވެ ، މޫނު އަލިވެގެން ދިޔައެވެ. އަދި ، އޭނާގެ ބައްޕަ ދިލްނަޝީންމެންގެ ގެޔަށް ދިޔަތޯ ސުއާލު ކުރިއެވެ. ހުރިހާކަމެއް ރަނގަޅުވާނެ ކަމަށާއި އޭނާއަށް އިތުބާރުކުރުމަށް ، ޙަމްޒާ ބުނެފައި އޮތްކަންވެސް ހަނދާން ކޮށްދިނެވެ.

ޙައިދަރު އޭނާއާ ޖެހިގެން އިނުމާއެކީ އަދި ކުލްސޫމްވެސް އޭނާއާ ވަރަށްގާތުގައި އިށީނދެ އިނުމާއެކު ، ދިލްނަޝީނަށް އިނީ އުނދަގޫ ވެފައެވެ. ޙަމްޒާ ބުނަމުން ގެންދިޔަ ކޮންމެ ވާހަކަޔަކަށްވެސް ، އާނއެކޭ ނޫން އެއްޗެއް ދިލްނަޝީނަކަށް ނުބުނެވެއެވެ. އެހިސާބުން ، ރިދާ ފޯނުނަގައި ، އިތުރަށް ވާހަކަ ދައްކާނީ ފަހުންކަމަށް ބުނެ ފޯނު ކަނޑައިލިއެވެ.

" މިއީ އަހަރެންގެ ކޮއްކޮގެ ކައިވެނީގެ ކުރިން ބޭއްވޭ ފުރަތަމަ ރަސްމިއްޔާތުގެ ވަގުތު ކޮޅެވެ. މާދަމާއަކީ ކައިވެނި ކުރެވޭ ދުވަހެވެ. ޞާދިޤަށް މިގެޔަށް އަންނަން އެނގުނީ މިއަދު ހެއްޔެވެ ؟ ދަރިފުޅުގެ ކައިވެނީގެ ހުށަހެޅުން އަހަރެމެންނާ ހަމަޔަށް ގެންނަން އެނގުނީ މިއަދު ހެއްޔެވެ ؟ އަހަރެމެންނަށް ކަލޭމެން ދިން އަނިޔާއާއި ތަކުލީފުގެމަތިން މިހާއަވަހަށް ހަނދާން ނެތުނީ ހެއްޔެވެ ؟ " ޞާދިޤްމެން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ ؟ ބޭނުންވީމާ ، ބާރާއި ނުފޫޒު ބޭނުންކޮށްގެން ، އަހަރެމެން ސިފައިންގެޔަށްވެސް ގެންދަންވީއެވެ. އަހަރެމެންގެ އަބުރާއި ޢިއްޒަތް ދުއްވާލައި މުޅިރަށަށް ބޭޒާރުކޮށް ލަދުގަންނުވައިލާންވީއެވެ. ބޭނުންވީމާ ލަދެއްނެތި މިގެޔަށް އައިސް އަހަރެންގެ ކޮއްކޮގެ ކައިވެންޏަށް އެދެންވީއެވެ. ނޫނެކެވެ. މިހާރު މާ ލަސްވެއްޖެއެވެ. ތިއައިކަންތައް ފުއްދޭނެގޮތެއް ނުއޮންނާނެއެވެ. އަހަރެންގެ ކޮއްކޮ ކައިވެނިކުރާ މީހާގެ ނަންޖެހިގެން ކައިވެނީގެ ދަޢުވަތު ކާޑުވެސް މިހާރު ޗާޕްކުރެވިއްޖެއެވެ. އެ ކާޑަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ. ތިގެޔަށްވެސް ކާޑެއް ފޮނުވާނަމެވެ. " ހިތްހަމަ ނުޖެހިފައިހުރެ ، އައްވަލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޞާދިޤް ހުރީ އަނގައިން ބުނަންވެސް ނޭނގިފައެވެ. އެހެނަސް ، އެއީ . މުއްސަނދިކަމާއި އަބުރާ އަދި ޢިއްޒަތުގެ މަތިން ހަނދާން ނައްތައިލާފައި ، އޭނާގެ ދަރިފުޅުގެ ޙައްޤުގައި ، ދިލްނަޝީންގެ ޢާއިލާއަށް އާދޭސްކުރަން ޖެހިފައިވާ ވަގުތެއްކަން ޞާދިޤަށް އެނގެއެވެ.

" އަހަރެމެންނަކީ ، އަހަރެމެންގެ ފެންވަރުން މުޖުތަމަޢުގެ އިޙްތިރާމް ލިބިގެންވާ ޤަދަރުވެރި ބަޔެކެވެ. އަހަރެމެންގެ އަބުރާއި ޢިއްޒަތް ، ކޮންމެ ޙާލެއްގައިވެސް އަހަރެމެން ހިފަހައްޓާނަމެވެ. އެއަށްވުރެ އަގުހުރި އެހެން އެއްޗެއް އަހަރެމެންނަކަށް ނުއޮންނާނެއެވެ. " އައްވަލް ބުންޏެވެ.

ޞާދިޤް އެހުރީ އެހުރިހާ ކަމަކާ ލަދުގެންފައިކަމަށް ބުންޏެވެ. ޞާދިޤް އެއައީ ، އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ވެގެންނެވެ. އެހެން އެއްވެސް ގޮތެއް އޮތްނަމަ ، އެގެޔަކަށް ޞާދިޤެއް ނާންނާނެއެވެ. އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްވުން އޮތީ ، އައްވަލްމެންގެ އަތްމަތީގައެވެ. ޙަމްޒާއަށް އާ ދިރިއުޅުމެއް ފެށުމުގެ މަގު ، އައްވަލްމެންނަށް ތަނަވަސް ކޮށްދެވިދާނެއެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވިދާނެއެވެ. ޞާދިޤްގެ އަޑުގައިހުރި ވޭނާއި ރިހުމުގެ އަސަރު ، މިހާރު ނުކުރާނެކަން ޞާދިޤަށްވެސް އެނގެއެވެ.

މީހެއްގެ ފުރާނަ ސަލާމަތްކޮށް ، މީހުންނަށް އައު ޙަޔާތެއް ދިނުން އެއީ އެމީހުންގެ އަތްމަތީ އޮތްކަމެއްނޫންކަމަށް އަނީސާ ބުންޏެވެ. އަދި ، ޙަމްޒާއަށް އަވަސް ޝިފާއެއް ދެއްވުންއެދި ﷲ ގެ ޙަޟުރަތަށް ދުޢާ ކުރިއެވެ. އެއަށްވުރެ އިތުރު އެއްވެސް ކަމެއް އެމީހުންނަށް ކޮށްދެވެން ނެތްކަމަށް އަނީސާވެސް ބުންޏެވެ. އަދި ، މާބޮޑު މައްސަލަތަކެއް ނުއުފައްދައި އެތަނުން ހަމަ މިހާރު ، ޞާދިޤް ދިއުމަށް އަނީސާ އެދުނެވެ.

ޞާދިޤް ހުރީ ، ޙަމްޒާއާ ދިލްނަޝީންގެ ކައިވެންޏަށް އެމީހުންގެ ރުހުން ނުލިބެނިސް ، އެގެއިން ނުކުމެގެން ދާގޮތަކަށް ނޫނެވެ.

" ޞާދިޤަށް ޖެހޭނީ ދާށެވެ ! އެއްވެސް އަގެއްގައި ތި ކައިވެންޏަށް އަހަރެމެން އާނއެކޭ ނުބުނާނަމެވެ. ފައިސާއަކުންވެސް ، ބާރަކުންވެސް ، އެކަމަށް އަހަރެމެންގެ ނިންމުން ބަދަލެއް ނުކުރެވޭނެއެވެ. ޞާދިޤްގެ ދަރިފުޅު އަނެއްކާވެސް އަމިއްލަޔަށް މަރުވާން އުޅުނަސް ، ދިރިދުނިޔޭގައި ހުއްޓަސް ، އޭނާއަކަށް ދިލްނަޝީނާ ކައިވެންޏެއް ނުކުރެވޭނެއެވެ. އެއީ އަހަރެމެންނާ ބެހޭކަމެއްނޫނެވެ. ޞާދިޤްގެ ދަރިފުޅުގެ ދިރިހުރުމާއި މަރާގުޅިފައި އަހަރެމެންގެ އެއްވެސްކަމެއް ނުއޮންނާނެއެވެ. ދެން އެންމެ ރަނގަޅުވާނީ މިތަނުން ދިއުމެވެ. " އައްވަލް ބުންޏެވެ.

އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އިތުރަށް ބުނާނެ އެއްޗެއްވެސް އަދި ކުރާނެކަމެއްވެސް ނެތުމާއެކު ، އެގެއިން ނުކުންނަން ޞާދިޤް ހިނގައިގަތެވެ. ވެގެންއުޅޭގޮތެއް ނޭނގި ބޭރުގައި ދެކޮޅަށްދެކޮޅަށް ހިނގާލަ ހިނގާލަހުރި ރިދާވެސް ، ޞާދިޤް ނުކުތުމާއެކީ ، ބައްޕަޔާއެކީ ، އެގެއިން ނުކުމެގެން ދިޔައެވެ.

އަނީސާމެން އައުމާއެކު ، އެމީހުންގެ މެހެމާނުން އެހާ އަވަހަށް ، މަޑުނުކޮށް އެދިޔައީ ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެއީ އަނީސާމެންގެ ތިމާގެ ބައެއްނޫންކަމަށާއި ، އެހާގާތްކަމެއް އޮތް ރައްޓެހިންނޫންކަމުގައި އަނީސާ ބުންޏެވެ.

ދިލްނަޝީންގެ ކައިވެންޏާގުޅޭ ރަސްމިއްޔާތުން ، އެގެއިން ނުކުމެގެން ޞާދިޤްމެން ދަތުރުކުރީ ސީދާ ހޮސްޕިޓަލަށެވެ. ޙަމްޒާއަށް ބައްޕަ ދޭނީ ކޮންޖަވާބެއްތޯ ، ރިދާ ސުއާލު ކުރިއެވެ. އެ ސުއާލުގެ ޖަވާބުގެ އަޑުއިވުމުން ، ރިދާ ސިއްސައިގެން ދިޔައެވެ. ޞާދިޤް ބުނީ ، ޙަމްޒާގާތު އޭނާ ބުނާނީ ، ޙަމްޒާ އަޑުއަހަން ބޭނުންވާގޮތަށް ކަމުގައެވެ. މާދަމާއަކީ ، ދިލްނަޝީންގެ ކައިވެނި ކުރެވޭނެ ދުވަސްކަން ، ރިދާ އޭނާގެ ބައްޕަޔަށް ހަނދާން ކޮށްދިނެވެ.

" ކައިވެނި ކުރަނީ މާދަމާ ނޫންހެއްޔެވެ ؟ އެޙާލުގައި  ޙަމްޒާ އޮއްވާ އޭނާއަށް އެކަން އެނގިއްޖެނަމަ ، އޭނާ މަރުވާނީ މިއަދުނޫންކަމެއްވެސް ނޭނގެއެވެ. ދޮގެއް ހަދައިގެން ، އަހަރެންގެ ދަރިފުޅަށް އުފަލެއް ދެވެން އޮއްވާ ، އެކަން ނުކުރަންވީ ސަބަބަކީ ކޮބައި ހެއްޔެވެ ؟ އޭނާއަށް ލިބޭ އެ އުފަލުން އޭނާގެ ގައިގައި ވަރުޖެހިގެންދާނެއެވެ. ބޭސްފަރުވާއަށް އޭނާގެ ހަށިގަނޑު ތައްޔާރު ވާނެއެވެ. ތެދަށް ބުނެފިނަމަ ، އޭނާގެ އުއްމީދުތައް ގެއްލި އިތުރަށް ބަލި ބޮޑުވާނެއެވެ. އެހެން ނޫނަސް ، ޙަމްޒާގެ ހިތަށް ހަމަޖެހުން ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ޑޮކްޓަރުވެސް އޮތީ ބުނެފައެވެ. އޭނާގެ ހިތަށް އެ ތަކުލީފު އުފުއްލޭވަރަށް ރަނގަޅުވީމަ ، ހުރިހާ ވާހަކައެއްގެ ޙަޤީޤަތް އަހަރެން ކިޔައިދޭނަމެވެ. " ޙަމްޒާ ބުންޏެވެ.

ޞާދިޤް އައިސް ޙަމްޒާ ބޭއްވިފައި އޮތް ކޮޓަރިޔަށް ވަނުމާއެކު ، އެމީހުންބުނީ ކީކޭތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޞާދިޤަށް ، ނިތްކުރިޔަށް ރުލެއްވެސް އަރުވައިނުލާ ، އޭނާގެ ދަރިފުޅަށް ހަދަންޖެހުނީ ދޮގެކެވެ. އޭނާއަށް ފެންނަ ގޮތުގައި އެމީހުން އެއްބަސްވާނެކަމަށް ފެންނަކަމުގައި ޞާދިޤް ބުންޏެވެ. އަދި ، އަވަހަށް ރަނގަޅުވެގެން ، ޙަމްޒާ ގެޔަށް އައިހާ އަވަހަކަށް ، އޭނާ ގޮވައިގެން ، ޞާދިޤް އެގެޔަށް ދާނެކަމަށް ބުންޏެވެ. އެކަމަކު ، މީގެފަހުން އެމީހުން ހިތްހަމަ ނުޖެހޭނެ އެއްވެސްކަމެއް ، ޙަމްޒާ ނުކުރުމަށް ޞާދިޤް އެދުނެވެ. ފޯނުކޮށް އެއިން އެއްވެސް މީހަކަށް އުނދަގޫ ނުކުރުމަށް ޙަމްޒާގާތު ބުންޏެވެ.

ޙަމްޒާ ރަނގަޅުވެގެން ގެޔަށް އަންނަ ދުވަހު އެމީހުންގެ އެންގޭޖްމަންޓްގެ ކަންތައް ހަމަޖައްސާނެކަމަށް ޞާދިޤް ވަޢުދުވިއެވެ. އެހެނަސް ، އެގޮތް ޙަމްޒާއަކަށް ކަމަކު ނުދިޔައެވެ. ޙަމްޒާ ބޭނުންވީ ، ހަމަ އެދުވަހު ސީދާ ކައިވެނި ކުރާށެވެ. އެކަމަކަށްވެސް ޞާދިޤް ދެކޮޅެއް ނުހަދައެވެ.

ޙަމްޒައަށް ލިބުނު އުފާވެރިކަން ކޮޅުންލިއެވެ. ބައްޕަގެ ގައިގައި ބައްދާލައި ، ބައްޕަޔަށް ޝުކުރު އަދާކުރިއެވެ. ރިދާ ހުރީ ހާސްވެގެންގޮސް ނޭވާލާން އުނދަގޫވާ ވަރުވެފައެވެ. ދެން ވެދާނެ ގޮތަކާމެދު ކަންބޮޑުވެފައެވެ.

ރަސްމިއްޔާތު ނިމިގެން ، ހުރިހާ މެހެމާނުން ދިއުމުން ، އެއްޗެތިތައް ރަމަތަކުރުމަށް އަނީސާ އަވަދިނެތި އުޅެމުން ގެންދިޔައެވެ.  ދިލްނަޝީންވެސް ޖެހިލުންވެފައިހުރެ ، މަންމަގާތަށް ޖެހިލިއެވެ. އަދި މަންމަޔަށް އެހީތެރިވުމަށް މަސައްކަތް ކުރިއެވެ. ދިލްނަޝީންގެ މަޤްޞަދު ، އަނީސާ ވަގުތުން ދެނެގަތެވެ. އަދި ، ދިލްނަޝީންގެ އަތުގައި ހިފަހައްޓައި ، ނަޞޭޙަތްދޭން ފެއްޓިއެވެ.

" ކައިވެނިކުރެވޭ އަންހެންކުއްޖާ ލައްވާ މަސައްކަތް ކުރުވުމަކީ ، ޒަމާންވީ އާދައެއްނޫނެވެ. އަހަރެން ހުރިހާކަމެއް ކުރާނަމެވެ. " އަނީސާ ބުންޏެވެ.

ދިލްނަޝީން ބޭނުންވާ ގޮތާމެދު އިތުރަށް ވިސްނަން ފުރުޞަތުދޭކަށް އަނީސާ ބޭނުމެއްނޫނެވެ. އެހެންކަމުން ، މަންމާއޭ ދިލްނަޝީން ބުނިތަނުން ދިލްނަޝީން ހުއްޓުވިއެވެ.

" އެއްވެސް ވާހަކައެއް އަހަރެންގާތު ނާހާށެވެ ! ދެން އިތުރަށް ބަދަލުކުރެވޭނެ އެއްވެސްކަމެއް ނެތެވެ. އެކުއްޖާގެ ކޮއްކޮ ، ދިލްނަޝީންގެ ކަންފަތްދޮށުގައި ބުނިވާހަކަތައް އަޑުނީވޭކަމަށް ހަދާށެވެ. މިގެ އެކޮޅުކޮޅުން ޖެހި ޤިޔާމަތެއް އައުމުގެ ކުރިން ، ދިލްނަޝީންގެ ހިތުގައިވާ ޚިޔާލުތައް ހިތުން ނައްތާލާށެވެ. އެއީ ވާނެކަމެއްނޫނެވެ. ދިލްނަޝީންގެ ކައިވެނި މާދަމާ ކުރެވޭނެއެވެ، ޙައިދަރާ އެކީގައެވެ. ދުވަހެއް ބަދަލެއް ނުވާނެއެވެ. ކައިވެނިވާ ފިރިހެން ކުއްޖާވެސް ބަދަލެއް ނުވާނެއެވެ. " އަނީސާ ބުންޏެވެ.

ޙަމްޒާ އެއޮތީ މަރުގެ ތުންފަތްމަތީގައިކަމަށް ދިލްނަޝީން ބުންޏެވެ. ކައިވެނީގެ ޚަބަރު ، ޙަމްޒާގެ ކަންފަތަށް ފޯރާތަނުން ޙަމްޒާ މަރުވެދާނެއެވެ. އެނާއަށް ވަރިހަމަކަމަށް އަނީސާ ބުންޏެވެ. އެހެންކަމަށްވަންޏާ ، އޭނާ މަރުވާންވީ އެވެ. އެއީ އެމީހުންނާ ބެހޭކަމެއްނޫނެވެ. މީހެއްގެ މަރެއް އެމީހުންނަކަށް ނުހިފެހެއްޓޭނެއެވެ.

" މަންމާއެވެ ! ތިހެން ނުހަދާށެވެ ! ޙަމްޒާގެ ބައްޕަ އައިސް މާފަށްވެސް އެދިއްޖެ ނޫންހެއްޔެވެ ؟ އަހަރެންގެ ކައިވެންޏަށް އެމީހުން ރުހި ، ކައިވެނިވެސް ހުށަހަޅައިފި ނޫންހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

އަނީސާގެ ވާހަކަ ސާދާވެފައި ވަރަށް ސާފެވެ. މާފަށް އެދުނީމަ އެމީހުންނަށް މާފު ލިބިދާނެއެވެ. އެހެނަސް ، އޭނާގެ ދަރިފުޅެއް އެމީހުންނަކަށް ނުލިބޭނެއެވެ. އަނީސާއަކީ ، ބަހުގައި ހިފަހައްޓާ ، ބުނާބަހުގެ އިތުބާރު ހިފަހައްޓާ މީހެކެވެ. އޭނާގެ ބަސް އެއްވެސްމީހެއްގެ ބޮލަކަށް އަނބުރާ ޖެހުމެއް ނޯންނާނެއެވެ. އެއްވެސްކަމެއް މަނާކޮށްފިނަމަ ، އެކަމެއް އަބަދުވެސް އޮންނާނީ މަނާ ވެފައެވެ. އެއީ ހުއްދަ ކުރެވޭނެކަމެއް ނޫނެވެ. އެކަމާބެހޭގޮތުން އެއްޗެއް ބުނުމުގެ ކުރިން ، ހާސްފަހަރު ވިސްނުމަށް ދިލްނަޝީންގާތު އަނީސާ ބުންޏެވެ. ދިލްނަޝީން ، ވާހަކަ ދައްކަން އުޅުމުން އެކަން އަނީސާ މަނާކުރިއެވެ. އަދި ، ދިލްނަޝީން އެގޭގައި ހުންނާނެ އެންމެ ފަހު ރެޔަކީ އެރޭ ކަމަށްވާތީ ، ހަމަޖެހުމާއެކީ އިޙްތިރާމް ލިބޭގޮތަށް ޢަމަލުތައް ބެހެއްޓުމަށް ، ދިލްނަޝީނަށް އެންގިއެވެ.

" ހަމަ ވިސްނުމުން ސިކުނޑިން ވިސްނާށެވެ ! ހިތުން ނުވިސްނާށެވެ ! އަހަރެމެންނަށް ހަމަނޭވާލައިގެން އުޅެވޭނެ ގޮތަކަށް ، މިރޭ މިގޭގައި މަޑުކޮށްލާފައި ، މާދަމާ މިގެއިން ނުކުމެގެން ދާށެވެ ! " ދަތްކުނޑި ވިކައިގެންހުރެ އަނީސާގެ ވާހަކަ ނިންމައިލިއެވެ. ދިލްނަޝީނަށް އެއްޗެކޭ ބުނާނެ ފުރުޞަތުނުދީ ، އަނީސާ އެތަނުން ދުރަށް ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. މީހަކަށް ދޫކުރާނެ މީހަކު ނެތް. އަނީސާވެސް އެހާ ކަންތައް ބޮޑު. ބުޝްރާއާއި ޞާދިޤްގެ ކަންތައް އަދި ވަކިން ބޮޑު. ވަރަށް އަސަރުގަދަ ކަންތައްތަކެއް ކުރިޔަށް އޮތް ތަނުގައި މިވާހަކައިން ފެންނާނެހެން ހީވަނީ. މިހާރުވެސް ސަސްޕެންސް އެހާ ގަދަ. ރީތި ، ވަރަށް ރީތި ވާހަކައެއް. ޝުކުރިއްޔާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.