( 17 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ދިލްނަޝީނަށްވެސް ކުރެވިފައި އެއޮތީ އެކަހަލަ ކުށެކެވެ. ދިލްނަޝީނަށް ކުރެވުނު ކުށަށް ، އަނީސާ މަޢާފުނުކުރަން އެއުޅެނީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީންގެ މައްޗަށް އަނީސާގެ ހިތުގައި އުފެދިފައިވާ ލޯތްބާއި މައިވަންތަކަމުގެ ކުލުނު ، އަނީސާގެ މޫނުމަތިން ފާޅުވެއެވެ. އެކަން އެ ސިއްރުކުރަނީ ކީއްވެގެންކަމެއް ނޭނގެއެވެ. )
" މާފުކޮށްފީމެވެ. ދިލްނަޝީން ތިކުރިކަންކަމަށް މަންމަ ، މާފުކޮށްފީމެވެ. ދިލްނަޝީނަށް ކުރެވުނު ކުށް ، މަންމަ ހަނދާން ނައްތާލައިފީމެވެ. އެހެންނަމަވެސް ، ދިލްނަޝީންގެ މާޒީ ، މުސްތަޤްބަލާ މަސްހުނިކޮށް ގޯހެއްހަދައިފިނަމަ ، މާފެއް ނުކުރެވޭނެއެވެ. ދިލްނަޝީންގެ ހިތުގައި ތިއޮތް ކަހަލަ ލޯތްބަކީ ، ކަށިތަކުން ފުރިގެންވާ އެއްޗެކެވެ. އިޙްތިރާމް ކުރާކަށް ނޭނގޭނެއެވެ. ޙައިދަރުގެ ފަރާތުން ، އަހަރެމެންނަށް މިލިބެނީ ، ޢިއްޒަތެވެ. ދިލްނަޝީންގެ ނަން މަތިވެރިވެގެން ، މުޖުތަމަޢުގައި ޤަދަރުވެރިކަން އުފުލި އިޙްތިރާމް ލިބިގެން ދާނެއެވެ. އިސް އުފުލާލައި އަލުން ކުރިޔަށް ހިނގުމުގެ ހިތްވަރު އެދިނީ ޙައިދަރެވެ. " ދިލްނަޝީންގެ އަތުގައި ހިފައި ، އަނީސާ އޭނާގެ ދަރިފުޅަށް ހިތްވަރު ދެމުން ގެންދިޔައެވެ.
" މަންމަޔަށް ވަޢުދުވާށެވެ ! އެގޭގެ އުފާވެރިކަމާއި ބާއްޖަވެރިކަމުން އެގޭތެރެ އަލިކޮށްލަދޭނެ މީހަކީ ދިލްނަޝީން ކަމަށް މަންމަޔަށް ވަޢުދުވާށެވެ ! " އަނީސާ އިތުރަށް ބުންޏެވެ.
ދިލްނަޝީންގެ ޙާލަތު ، އަނީސާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކުށްވެރިޔަކީ ހަމައެކަނި ދިލްނަޝީނެއް ނޫނެވެ. ދިލްނަޝީންގެ ހިތުގައިވާ އުދާހާއި ކެކުޅުންތަކުގެ އަސަރު ، އެގޭތެރެޔަށް ދޫކޮށްލައި ގޭތެރޭގެ މާޙައުލު ޚަރާބުކޮށް ނުލުމަށް ، އަނީސާ ނަސޭޙަތް ދިނެވެ. ރޮވިފައި އިނދެމެ ، އެކަމަށް އެއްބަސްވުމަށް ދިލްނަޝީންގެ ބޯޖަހަމުން ގެންދިޔައެވެ.
" އަހަރެން ވަޢުދު ވަމެވެ. މަންމަގެ ބޯތިރިކޮށް ، އިސްޖަހައިލާން ޖެހޭފަދަ ޙާލަތެއް އަހަރެންގެ ފަރާތުން ކުރިމަތިވެ ، މަންމަމެން ލަދުގަންނަން ޖެހޭނެ އެއްވެސް ކަމެއް ނުކުރާނެކަމަށް އަހަރެން ވަޢުދުވަމެވެ. ބޭބެގެ ބެލުން ތިރިކޮށް އިސްދަށަށް ޖަހައިލަންޖެހޭނެ އެއްވެސްކަމެއް ނުކުރާނެކަމަށް ވަޢުދު ވަމެވެ. މަންމަގެ ނަމަށް ހުތުރު އަރައި ، އިޙްތިރާމް ގެއްލި ، މަންމަ ލަދުގަންނަންޖެހޭނެ އެއްވެސް ކަމެއް ނުކުރާނަންކަމަށް ވަޢުދު ވަމެވެ. ކޮންމެފަދަ ޙާލެއްގައި އަހަރެން އުޅެންޖެހުނަސް ، އެފަދަ އެއްވެސްކަމެއް އަހަރެންގެ ފަރާތަކުން ، އިރާދަކުރެއްވިއްޔާ ، މަންމަމެންނަކަށް ދެނެއް ނުފެންނާނެއެވެ. " ދިލްނަޝީން ވަޢުދު ވިއެވެ.
ދިލްނަޝީން ވާހަކަ ދައްކަމުން ގެންދިޔައިރު ، އަނީސާގެ މޫނުމަތިން ހިތްހަމަޖެހުމާއި ހިނިތުންވުމުގެ އުފާވެރިކަން ފައުޅުވަމުން ދިޔައެވެ. އަނީސާ އޭނާގެ ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ. ދިލްނަޝީން އޭނާގެ މަންމަގެ އުނގުތެރެޔަށް ވަދެ ، މަންމަގެ ގައިގައި ބައްދައިލުމަށް ފުރުސަތު ދިނެވެ. ނުހަނު ލޯބިން ، ދިލްނަޝީންގެ ބޮލުގައްޔާއި ބުރަކަށީގައި ފިރުމަމުން ގެންދިޔައެވެ. އެހިސާބުން ، އަނީސާއަށްވެސް ރޮވުނެވެ.
******************************
ޑޮކްޓަރުގެ ކޮޓަރިޔަށް ، ޞާދިޤް އައިސް ވަތްތަނުން ، ޙަމްޒާގެ ރިޕޯޓްތައް އޭނާގެ މޭޒުމައްޗަށް ގެނެވުނެވެ. ވަރަށް ވިސްނުންތެރިކަމާއެކީ ، އެ ރިޕޯޓްތައް ޑޮކްޓަރު ބަލަމުން ގެންދިޔައެވެ. ރިޕޯޓްތައް ބަލަމުންދިޔަވަރަކަށް ، ޑޮކްޓަރުގެ ދެބުމަ ގޮށްޖެހެމުން ދިޔައެވެ. އެއަށްފަހު ، ޞާދިޤާ ކުރިމަތިލިއެވެ.
ޙަމްޒާގެ ޙާލަތާ ބެހޭގޮތުން އެއްވެސްކަމެއް ފޮރުވާކަށް ޑޮކްޓަރު ބޭނުމެއް ނުވިއެވެ. ޙަމްޒާގެ ޙާލަތު އެއޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ހަށިގަނޑުން ލޭބޭރުވިލެއް ގިނަކަމުން ، ހަށިގަނޑުގެ އެކި ގުނަވަންތަކަށް އެކަމުގެ އަސަރުވަނީ ކޮށްފައެވެ. ލޭ އެޅިޔަސް ، ހަށިގަނޑުގެ ގުނަވަންތައް ކުއްލިޔަކަށް މަސައްކަތެއް ނުކުރާނެއެވެ. އަޅަމުންދާ ލޭ ، ޙަމްޒާގެ ހަށިގަނޑުން ޤަބޫލެއް ނުކުރެއެވެ. ހަށިގަނޑުގެ ގުނަވަންތަކުން ، އެ ލޭ ޤަބޫލުނުކުރާހާ ހިނދެއްގައި ، ޙަމްޒާ އޮންނާނީ ކޯމާއެއްގައެވެ.
ދަރިފުޅާމެދު ކުރެވޭ އުއްމީދު ނަގައިލުމަކަށް ، ޞާދިޤް ބޭނުމެއް ނުވިއެވެ. އޭނާގެ ދަރިފުޅުގެ ހަށިގަނޑުން ދެތިންތިކި ލޭ ނުކުތަސް ، އެއީ އޭނާ ދޫކޮށްލާފައި ދުނިޔެއިން ނުކުމެގެން ދާވަރަށްވުރެ ހިތްވަރުދެރަ ، ކުއްޖަކަށް ނުވާނެކަމަށް ޞާދިޤް ބުންޏެވެ. ޑޮކްޓަރުން އުއްމީދު ކަނޑައިލިޔަސް ، ﷲ ގެ ރަޙުމަތްފުޅުވާނީ ، އޭނާގެ ދަރިފުޅާއެކުގައި ކަމަށް ޞާދިޤް ޤަބޫލުކުރެއެވެ.
އޮފީހަށް ދިއުމަށްޓަކައި ، އައްވަލް ތައްޔާރުވަމުން ދަނިކޮށް ، އަނީސާ އައިސް ، އައްވަލުގެ ކޮޓަރިޔަށް ވަނެވެ. އަނިސާ އައީ ، ދިލްނަޝީންގެ އަތުގައި ހިފައިގެން ގަދަކަމުން ދަމަމުންނެވެ. އޭނާގެ ކޮޓަރިން ދިލްނަޝީން ފެނުމާއެކު ، އައްވަލްގެ ދެލޯބޮޑުވިއެވެ. އެކޮޓަރީގައި ދިލްނަޝީން އެހުރީ ކީއްވެތޯ އައްވަލް ސުއާލު ކުރިއެވެ. ޢާފިޔާވެސް ކޮޓަރީގެ އެއްކަނެއްގައި ހުއްޓި ހުށްޓެވެ.
ދިލްނަޝީން އެކޮޓަރިޔަށް ގެނައީ އޭނާކަމަށް އަނީސާ ބުންޏެވެ. އެހެނަސް ، އޭނާގެ ކޮޓަރިން ، ދިލްނަޝީން ފެނުމަކީ އައްވަލް ބޭނުންވާކަމެއް ނޫނެވެ. އޭނާއަށް ދިލްނަޝީން ފެންނަ ކޮންމެ ފަހަރަކު ، ލޭކެކިގެން ދެއެވެ. އެކަން ، މަންމަޔަށް އެނގޭނެކަމަށް އައްވަލް ބުނެ ، އެއީ ކޮންބޭނުމެއްގައި މަންމަކުރި ކަމެއްތޯ ، އައްވަލް ސުއާލު ކުރިއެވެ.
އަނީސާއަށް ދިލްނަޝީން އެކޮޓަރިޔަށް ގެންނަން ޖެހުނު ސަބަބަކީ އެއީއެވެ. ބޭބެގެ ކިބައިން މާފަށް އެދުމަށް ދިލްނަޝީންގާތު އަނިސާ ބުންޏެވެ. އަނީސާގެ ޖުމްލަ ނުނިމެނިސް ، އެހުރިތަނުގައި ދިލްނަޝީން ހުންނާށޭ ބުނެ ، އަޑުގެ ނެތްތަނަށް އައްވަލް ހަޅޭއްލަވައިގަތެވެ. އެންމެން ދިޔައީ ސިއްސައިގެންގޮސް އެއްލިގެންނެވެ. އަނީސާއަށް އައްވަލަށް ގޮވައިލެވުނެވެ. ރޮއިރޮއިފައި އޭނާގެ ކިބައިން މާފަށް އެދުމުގެ ބޭނުމެއް ނެތްކަމަށް އައްވަލް ބުންޏެވެ. ދިލްނަޝީން އެގެއިން ނުކުމެގެންދާން ދެންއޮތީ ދެތިން ދުވަހެވެ. އެދުވަސްކޮޅުގައި އޭނާ ފެންނަ ހިސާބަށް ދިލްނަޝީން ނައުމަކީ ، އައްވަލް އެންމެ އެދޭގޮތެވެ. އޭނާވެސް އުޅޭނީ ދިލްނަޝީނާ ދިމާނުވާނެ ގޮތްގޮތް ބަލައިގެންނެވެ. އޭނާއަށް ދިލްނަޝީންގެ ކައިވެނި ކޮށްދެވެނީކަމަށް ނުބަލައި ، ދިލްނަޝީން މަރުވެގެން ވަޅުލެވެނީކަމަށް ބެލުމަށް އައްވަލް އެދުނެވެ.
ދިރިއުޅުމުގައި ކުރިމަތިވާ ކަންކަން ވިސްނާލައިގެން ކޮށްފިއްޔާ ، އެންމެންނަށްވެސް ފަސޭހަވާނެކަމަށް ބުނެ އަނީސާ ، ޙައިދަރު ހުއްޓުވިއެވެ. ދިލްނަޝީނަށް ގޯސްކޮށް އުޅެވުނުކަމަށް އަނީސާވެސް ޤަބޫލު ކުރެއެވެ. އެކަން އެއޮތީ ވެނިމިފައެވެ. ދެން އޮންނާނީ އެކަން ހަނދާން ނައްތާލައިފައި ، ކުރިޔަށް ދިއުމެވެ. އެހުރިހާކަމެއް ހިތުގައި ބާއްވައިގެން ކުރިޔަށް ދާންވެއްޖެނަމަ ، އެއްކަމެއްވެސް ދާންވާގޮތަކަށް ނުދާނެއެވެ. އެތައް މައްސަލަތަކެއް ކުރިމަތިވާނެއެވެ. ރަޙިމުގެ ގުޅުމަށް ލޯބިކޮށް އިޙްތިރާމް ކުރުމަށް ، އައްވަލްގެ ކިބައިން ، އަނީސާ އެދުނެވެ. އެއީ ، އެއްވެސް ޙާލެއްގައި ކަނޑައިލެވޭނެ ގުޅުމެއްނޫނެވެ. އެއއީ ، ދީނީގޮތުންވެސް މަނާ ކަމެކެވެ.
" ދިލްނަޝީންގެ ކައިވެނި ކުރުވަން އައްވަލް ބޭނުންނަމަ ، ބައްޕައެއްގެ ގޮތުގައި ބޭބެއެއްގެ ޙައިޞިއްޔަތުން ، އެންމެ ފުރިހަމަ ގޮތުގައި އެކަން ފުރިހަމަ ކޮށްދޭށެވެ. މުޞީބާތަކުން ސަލާމަތްވާން ކޮށްދޭކަމެއްގެ ގޮތުގައި ނުބަލާށެވެ. އެއީވެސް އިންސާނެއްކަމުގައި ބަލައިގެން ، ކޮށްދޭކަމެއް ކޮށްދޭށެވެ. " އަނީސާ ބުންޏެވެ.
ދިލްނަޝީންގެ ފަރާތުން އެ ފެންނަ ކަންކަން ނުފެންނަގޮތަށް ، ބައްޕަ ދުނިޔޭގައި ނެތްކަން އެއީ ، ނަސީބެއްކަމަށް އައްވަލް ބުންޏެވެ. އެހެން ނޫންނަމަ ، ހިތަށް ތަދުވެގެންގޮސްވެސް ބައްޕަ މަރުވީސްކަމަށްބުނެ ، އައްވަލް ހަޅޭއްލަވައިގަތެވެ.
ޢާފިޔާގެ ހިތަށް އުނދަގޫވެގެން އަނގައިން ނުބުނެ ހުރެވޭގޮތެއް ނުވިއެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް އައްވަލްގެ ކިބައިން ޢާފިޔާ އެދުނެވެ. އެހުންނަނީ ، އެއްވެސް ޙާލެއްގައި މީހުން ދައްކާ ކަހަލަ ވާހަކައެއްނޫނެވެ. އެހެނަސް ، ދިލްނަޝީނަށް މާފުކުރުމަށް އައްވަލްގެ ހިތެއް ނޭދެއެވެ. އެކަމާ ، އައްވަލްކުރާނީ ކީއްހެއްޔެވެ ؟ އައްވަލްގެ ބަސްތަކުން ދިލްނަޝީންގެ ހިތް ފޮތިފޮތިވެގެން ދިޔައެވެ. އޭނާއަށް މާފުކޮށްދޭށޭ ބުނެ އާދޭސް ކުރަމުން ދިލްނަޝީން ، އައްވަލާ ގާތަށް ޖެހިލިއެވެ.
" އަހަރެންނަށް މާފުކޮށްދޭށެވެ. އަހަރެންނަށް އެކުރެވުނީ ރަނގަޅުކަމެއްނޫންކަމަށް އަހަރެން އެއްބަސް ވަމެވެ. " އައްވަލްގެ ގައިގައި ބައްދައި ގަންނަމުން ދިލްނަޝީން ބުނަމުން ގެންދިޔައެވެ.
ދިލްނަޝީން އޭނާއާ ދުރަށް ދާށޭބުނެ ، އޭނާގެ ގަޔާ ދިލްނަޝީން ދުރުކުރުމަށް އައްވަލް މަސައްކަތް ކުރިނަމަވެސް ، ބޭބެއާ ދުރަށް ނުދާނެކަމަށްބުނެ ، އައްވަލްގެ ގައިގައި ބައްދާލައިގެން ހުރުމަށް ، ދިލްނަޝީން މަސައްކަތް ކުރަމުން ގެންދިޔައެވެ. ބައްޕަ ނިޔާވުމަށްފަހު ، ދަރިއެއްގެ ގޮތުގައި އޭނާ ބަލައި ބޮޑުކުރި ބޭބެއާ ، އޭނާއަށް ވަކި ނުވެވޭނެކަމުގައި ދިލްނަޝީން ބުނަމުން ގެންދިޔައެވެ. އޭނާއާއި އައްވަލަކީ ، އެއްބަނޑެއްގައި ގަރުބަގަނެ ، އެއްބަނޑަކުން ވިހޭ ދެ އިންސާނުންނެވެ. އެހާ ލޯބިން އެހާ އަޅައިލުމާއި އޯގާތެރިކަމާއެކީ އޭނާ ބަލައި ބޮޑުކުރުމަށްފަހު ، ދިލްނަޝީނަށް ކުރެވުނު އެންމެ ކުށަކުން ، އޭނާ ދުރުކޮށް ނުކުމަށް އެދި ، އައްވަލަށް އާދޭސްކުރަމުން ރޮމުން ގެންދިޔައެވެ. ދިލްނަޝީނަށް އެހެން ނުހެދުމަށް ، އަނީސާވެސް ލޮލުން ޢިޝާރާތް ކުރަމުން ގެންދިޔައެވެ. ޢާފިޔާވެސް ، އައްވަލްގެ ރުޅިގަނޑު މައިތިރިކުރުމަށް ، އައްވަލަށް ބާރުއަޅަމުން ގެންދިޔައެވެ. ދިލްނަޝީނަކީ ، ޢާފިޔާގެ ކޮއްކޮއެއްފަދަ ގާތް ކުއްޖެކެވެ. އައްވަލާ ކައިވެނިކޮށްގެން ޢާފިޔާ އެގެޔަށް އައީ ، ދިލްނަޝީން ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓައެވެ.
އައްވަލްގެ އަތް މަޑުމަޑުން އުފުލެމުންގޮސް ، ދިލްނަޝީންގެ ބޮލުގައި ބާއްވައިލިއެވެ. އޭނާގެ ހިތުގައިވާ ވޭނާއި ކެކުޅުމުގެ އުދާސްތައް ބޭރުކޮށްލައި ، މާނޭވާއެއް ލުމަށްފަހު ، މަތިބަލައިލިއެވެ. ޢާފިޔާގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. ދިލްނަޝީންގެ ރުއިންވެސް ކުއްލިޔަކަށް ހުއްޓި ، ތުންފަތުން ހިނިތުންވުމުގެ އަސަރު ފައުޅުވިއެވެ.
******************************
ޙަމްޒާ ހޭއެރުމާއެކު ، އެންމެ ފުރަތަމަވެސް ގޮވައިލީ ދިލްނަޝީނަށެވެ. ދިލްނަޝީންގެ ނަން ، އޭނާގެ ދުލުން ތަކުރާރުވަމުން ދިޔައެވެ. އެވަގުތު ، ޙަމްޒާގާތުގައި އިނީ ޞާދިޤެވެ. ޙަމްޒާގެ ދުލުން ދިލްނަޝީންގެ ނަން ކިޔެމުންދާ އަޑު ، ޞާދިޤަށް އިވެއެވެ. އެހެނަސް ، ޞާދިޤަށް ކުރެވޭނެ އެއްވެސްކަމެއް އެވަގުތަކު ނެތެވެ.
އަނެއްކޮޅުން ، ދިލްނަޝީންމެންގެ ގޭތެރޭގައި ، ކައިވެނީގެ ރަސްމިއްޔާތަށް ދިލްނަޝީން ތައްޔާރުކުރުމުގައި ޢާފިޔާ އަވަދިނެތި އުޅެމުން ގެންދެއެވެ. ދިލްނަޝީން އިނީ އޭނާގެ މާޒީގެ ޞަފުޙާތަކުގެ ތެރެޔަށް ގެއްލިފައެވެ. މަންޒަރަކަށްފަހު ، މަންޒަރެއް އޭނާގެ ކުރިމަތީ ނިއުޅެމުން ދެއެވެ.
ޙައިދަރުވެސް ، އޭނާގެ ކައިވެންޏަށް ތައްޔާރު ވުމަށް މަސައްކަތް ކުރަމުން ގެންދެއެވެ. ހެދުން އަޅައި ރީތިވަމުން ދަނިކޮށް ، މަންމަ އެތަނަށް އައެވެ. ސާރާ އަދިވެސް ނާދެއެވެ. ސާރާގެ ޚަބަރެއް ބެލުމަށް ، ކުލްސޫމް އެތަނުން ނުކުމެގެން ދިޔަތަނުން ، މެހެމަލް އައިސް ވަނެވެ. މެހެމަލް ފެނުމާއެކު ، ޙައިދަރުގެ ޙަރަކާތްތައް ހުށްޓުނެވެ. ބޮލުގައި އަޅަން ނެގި ބުރުޝް ޑްރެސިންޓޭބަލް މައްޗަށް އެއްލައި ލެވުނެވެ. އޭނާ ، ފެންނަނީ ކޮންގޮތަކަށްތޯ ، މެހެމަލްކުރެން ޙައިދަރު އަހައިލިއެވެ.
މެހެމަލްއަށް ޙައިދަރު ފެންނަނީ ، ނުދަންނަމީހެއްގެ ގޮތުގައެވެ. އެއީ މީގެ ދުވަސްތަކެއްކުރިން ، ޙައިދަރަށްވެސް މެހެމަލް ހެދިގޮތެވެ. އެތައް އާދޭހެއް ކުރިއިރުވެސް ، ޙައިދަރަކީ އޭނާ ދަންނަމީހަކަށް އެދުވަހު ، މެހެމަލްއެއް ނުހަދައެވެ. ވެދިޔަކަމެއް ވެ ނިމިގޮސް ، ކުރިޔަށް ފިޔަވަޅު އެޅުމުގެ ވަގުތު އެއޮތީ އައިސްކަމުގައި ޙައިދަރު ބުންޏެވެ. ޙައިދަރު އެހުރީ އެގޮތަށް ނިންމައިގެންނެވެ. އެހެންވީމާ ، ފަހަތް ބަލާކަށް ޙައިދަރު ބޭނުމެއް ނުވެއެވެ. މެހެމަލްއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ހިތުގައި އޮބިއަޅައިގެން ، އާގަމަވެފައި ، ބުދެއްހެން ހުރެވުނެވެ.
ޕާޓީއަށް މެހެމާނުން ޖަމާވަމުން ދިޔައެވެ. މުޅިތަން އޮތީ ކުލަބޮކިތަކުން ދިއްލި ޒީނަތްތެރި ވެފައެވެ. އެކި ކަންކަމުގައި އެތައްބަޔަކު ، ކޮޅުކޮޅުމައްޗަށް ޙަރަކާތްތެރިވަމުން ދިޔައެވެ. އައްވަލްވެސް އެތަނަށް އައިސް ، އެކިކަންކަން ކުރަންވީގޮތް ، މީހުންނަށް ކިޔައިދެމުން ގެންދާތަން ފެނެއެވެ.
ޙަމްޒާއޮތީ މަރުގެ ތުންފަތްމަތީގައެވެ. އެއްވެސްމީހަކާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ލޯވަނީ ހުޅުވިފައެވެ. ކައިރީގައި މީހަކު ނުއިންނަ ވަގުތެއް ނުދެއެވެ. އެވަގުތުވެސް އެތަނުގައި އިނީ ، ޙަމްޒާގެ ބައްޕަ ޞާދިޤެވެ.
" ދަރިފުޅާއެވެ ! ތިވަރުގެ ނުރައްކާތެރިކަން ބޮޑުކަމެއްކުރިއިރު ، އެއްފަހަރުވެސް ބައްޕަމެންގެ މަތިން ހަނދާންނެއް ނުކުރަން ހެއްޔެވެ ؟ " ޞާދިޤް އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ.
ޙަމްޒާ ، އޭނާގެ ބައްޕަޔާ ދިމާލަށް މޫނު އަނބުރައިލިއެވެ. އޭނާއާ ދޭތެރޭވެސް ، އޭނާގެ މައިންބަފައިން ނުވިސްނާ ކަމުގައި ޙަމްޒާ ބުންޏެވެ. މަރުގެ ތުންފަތްމައްޗަށް އޭނާ ހުށަހެޅިގަތީ އޭނާގެ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އެއީ ، އޭނާގެ މައިންބަފައިން އޭނާލައްވައި ކުރަން މަޖުބޫރު ކުރުވި ކަމެކެވެ. މައިންބަފައިން ބޭނުންވީ އޭނާ މަރުވެ ދާށެވެ ! ކިރިޔާވެސް ކުލުނެއްހުރިނަމަ ، އޭނާ އެދެއްކި ވާހަކަތަކާއި ، އޭނާގެ ހިތުގައިހުރި ތަކުލީފާއި ވޭނަށް ވިސްނައިލާނެއެވެ.
އެހެން ނުބުނުމަށް ، ޞާދިޤް އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ. ޞާދިޤް ގެ މާޒީއާއި މިހާރާއި މުސްތަޤްބަލަކީވެސް ޙަމްޒާއެވެ. ޙަމްޒާއަކީ ، ޞާދިޤްގެ ހުރިހާ އެއްޗެކެވެ. ޞާދިޤްގެ ރޫޙާއި އުއްމީދަކީ ޙަމްޒާއެވެ. ޙަމްޒާއަށްވުރެ އަގުބޮޑު މިލްކިއްޔާތެއް އޭނާއަށް ލިބިގެންނެއް ނުވެއެވެ.
" އަހަރެންގެ އުއްމީދާއި ހިތްވަރާ އަދި މާޒީއާއި މުސްތަޤްބަލަކީވެސް ދިލްނަޝީނެވެ. އަހަރެންގެ ހުރިހާ އެއްޗަކީވެސް ދިލްނަޝީނުގެ ލޯތްބެވެ. ދިލްނަޝީނާ ނުލައި އަހަރެން ދުނިޔެއަކު ނުހުންނާނެއެވެ. " ޙަމްޒާ ބުންޏެވެ.
ޞާދިޤް އެންމެ ފަހުން ގޮތްދޫކުރާ ގޮތަށް ނިންމިއެވެ. ދިލްނަޝީންމެންގެޔަށް ގޮސް ، އެގޭ އެންމެންގެ ކިބައިން އޭނާ މާފަށް އެދޭނެއެވެ. އޭނާގެ ދަރިފުޅަށްޓަކައި ، ކޮންމެކަމެއްވެސް ޞާދިޤް ޤުރުބާން ކުރާނެއެވެ. ޞާދިޤްގެ ވިސްނުމާއި ފިކުރު ، މިއޮއްހުރިހާ ދުވަހު ، ކޮންޓްރޯލް ކުރަމުން އައީ އޭނާގެ އަންހެނުން ބުޝްރާއެވެ. ޙަމްޒާގެ އެއްވެސްކަމެއްގައި ދެން ، ބުޝްރާގެ އެއްވެސް ބަހެއް ނޭހުމަށް ޞާދިޤް ނިންމިއެވެ.
" ފަހަރެއްގައި ، ބައްޕަމެންނަށް އެމީހުން މާފުކޮށްފާނެއެވެ. އެކަމަކު ، އަހަރެންނަށް އަބަދުގެ އަބަދަށް ދިލްނަޝީން ގެއްލިއްޖެއެވެ. " ޙަމްޒާ ބުންޏެވެ.
އެހެން ނުބުނުމަށް ޞާދިޤް އެދުނެވެ. ދިލްނަޝީންގެ ބޭބެގެ ކިބައިން މާފަށް އެދި ، ދިލްނަޝީންގެ ކައިވެނިވެސް ހުށަހަޅާނެކަމަށް ޞާދިޤް ބުންޏެވެ. އޭނާގެ ދަރިފުޅަށް ދިލްނަޝީން ނުލިބިއްޖެ ޙާލަތެއްގައި ، ޙަމްޒާގެ އުފާވެރިކަން އެހެންމީހަކަށް ދޫކޮށެއް ނުލާނެއެވެ. ބާރާއި ނުފޫޒުން ، ޞާދިޤަށް ނުކުރެވޭނެ އެއްވެސްކަމެއް ނުއޮންނާނެއެވެ. އެކަން އެގޮތަށް ކޮށްދޭން އޭނާއަށް ވަޢުދުވުމަށް ޙަމްޒާ އެދުނެވެ.
" އަހަރެން ވަޢުދުވަމެވެ. ދިލްނަޝީންގެ ކައިވެނި ޙަމްޒާއާ ކުރުވާނަމެވެ. އެކަން ކޮށްދޭނެކަމަށް އަހަރެން ވަޢުދުވަމެވެ. " ޞާދިޤް ، އޭނާގެ ދަރިފުޅަށް ވަޢުދު ވިއެވެ.
ޙަމްޒާގެ މިލާފައިވާ މޫނުމައްޗަށް އުފާވެރިކަން އައެވެ. ހިކިފައިވާ ދެތުންފަތް ދުރުވެ ، ހިނިތުންވުމަކަށް ތެޅިލިއެވެ.
ޞާދިޤް އަމީން ގެޔަށް ދިއުމާއެކު ، ޙަމްޒާގެ ޙާލަކީ ކޮބައިތޯ ބުޝްރާ އެހިއެވެ. ހޭއެރުމާއެކީ ، ޙަމްޒާގެ ދުލުން ބޭރުވަމުން ދިޔައީ ހަމައެކަނި ދިލްނަޝީންގެ ނަމެވެ.
" އަގެއްނެތް ، އަގަލެއްނެތް ކުއްޖެއްގެ ގޮތުގައި ބުޝްރާ ، އަގުވައްޓައިލި ކުއްޖާ އަކީ އެއީ ނޫންހެއްޔެވެ ؟ އަހަރެންގެ ދަރިފުޅު ، މަރުގެ ތުންފަތްމައްޗަށް ހުށަހެޅުމުގައި ސަބަބަކަށް މެދުވެރިވި ކުއްޖަކީ އެއީ ނޫންހެއްޔެވެ ؟ ބުޝްރާގެ ގޮތްދޫކޮށް ، ޙަމްޒާގެ ޙާލާމެދު އެންމެ ފަހަރަކު ވިސްނައިލިނަމަވެސް ، މިނުރައްކާތެރި ޙާލަތަށް ޙަމްޒާ ހުށަހެޅިގެންނެއް ނުދާނެއެވެ. " ޞާދިޤް ބުންޏެވެ.
ބުޝްރާވެސް އޭނާގެ ގޮތް ދޫކުރާކަށް އަދިވެސް ބޭނުމެއްނޫނެވެ. ބުޝްރާ އެކުރިކަމެއްކުރީ ، އެމީހުންގެ ޖާހާއި ފެންވަރު ހިފަހައްޓަން ވެގެންކަމަށް ބުންޏެވެ. އެހެނަސް ، އޭނާގެ ދަރިފުޅުގެ ފުރާނަޔަށްވުރެ ، އެމީހުންގެ ފެންވަރާއި ޖާހު ބޮޑުނޫންކަމަށް ބުނެ ޞާދިޤް ، އޭނާގެ އަންހެނުންނާދިމާލަށް ހަޅޭއްލަވައިގަތެވެ. ( ނުނިމޭ )
Vvv.reethi shukuran
ވަރަށް ކިޔާހިތްވާ ރީތި ވާހަކައެއްމީ. އެއްދުވަހު ނަމަވެސް ދިގުކޮށް ގެނެސްދޭތީ ވަރަށް އުފާވޭ. އަހަރެންގެ ރައްޓެހި ބައެއްކުދިންނާ ދިމާވީމަ ފުރަތަމަވެސް ދައްކާނީ މިވާހައިގެ ރީތިކަމުގެ ވާހަކަ. ކޮންެމެދުވަހަކު އެހާދިގުކޮށް ގެނެސްދެއްވާނެ ނަަމައޭ ހިތަށްއަރާ. .ފާރޫޤު ސާރ އަށް ވަރަށް ވެދުން އަޅުގަނޑުމެންގެ ފަރާތުން