ވިހަ ތީރު (21)

( 8 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ދިލްނަޝީންމެންގެ ގެޔަށްގޮސް ، ހެދުންތައް ދައްކާފައި ، ދިލްނަޝީން ބޭނުންވާ ހެދުމެއް ވަގުތުން އޯޑަރުކުރުމަށް ، ޙައިދަރަށް ކުލްސޫމް އެންގިއެވެ. ވަކި ހެދުމެއް ޙައިދަރަށް ރީތިވިޔަސް ، އެވާހަކަ ނުބުނެ ، ދިލްނަޝީން ބޭނުންވާ ހެދުމަކަށް އިސްކަން ދިނުމަށް ، ޙައިދަރުގެ ކިބައިން ކުލްސޫމް އެދުނެވެ.)

" އެ އަންހެންކުއްޖާ ، ޙައިދަރާއެކީ ބޭރަށްދާން އެމީހުން ހުއްދޭނެހެން ، ޙައިދަރުގެ މަންމަޔަށް ފެނޭހެއްޔެވެ ؟ އަހަރެންނަށް ފެނުނުގޮތުގައި އެއީ ފިކުރު ހަރުކަށި ބަޔެކެވެ. ފިރިހެނުންނާއެކީ ، އެމީހުންގެ އަންހެންކުދިން ތަންތަނަށް ފޮނުވާކަށް އެހާ ހިތްހަމައެއް ނުޖެހޭނެއެވެ. " މެހެމަލް އަނގަބާނައިގަތެވެ.

ކުލްސޫމަށް ފެންނަގޮތުގައި އެއީ ، އެއްވެސް ވަރަކަށް ހަރުކަށި ބައެއްނޫނެވެ. ދިލްނަޝީންގެ މަންމަ ، އަނީސާއަކީ ، ވަރަށް ޚުލްޤު ހެޔޮ އަންހެނެކެވެ. ފައިސާއާއި މުދަލަށްވުރެ ، އެމީހުންގެ އަބުރާއި ޢިއްޒަތަށް އިސްކަން ދެއެވެ. އެމީހުންގެ އަތުގައި އޮތް އެއްޗަކުން ފުއްދައިލައި ، މިންވަރަށް އީމާންވުމުގެ ރީތިސިފަ އެމީހުންގެ ކިބައިން ، ކުލްސޫމަށް އޮތީ ފެނިފައެވެ. އެއީ ، ވަރަށް ސާދާ ސީދާ ބަޔެކެވެ. އަނީސާމެން ، ދިލްނަޝީން ތަރުބިއްޔަތު ކޮށްފައިވަނީ ވަރަށް ޚުލްޤުހެޔޮ މަޑުމައިތިރި ސިފަތަކަކުންނެވެ. ޙައިދަރަށް އެންމެ އެކަށީގެންވާ އަންހެންކުއްޖަކަށްވާނީ ، ދިލްނަޝީނެވެ. އެއީ ، އެމީހުންނަށް ލިބުނު ޖަވާހިރެއްފަދަ އަގޮބޮޑު ކުއްޖެކެވެ.

ދިލްނަޝީނަށް ، ކުލްސޫމް ކުރަމުންގެންދިޔަ ތަޢުރީފަށް ، ހުރަސްއަޅަން ދައްކާނެ ޙުއްޖަތެއް މެހެމަލްއަކަށް ނުފެނުނެވެ. އަދި ތަންކޮޅެއް އަވަހެވެ. ފުރުޞަތު ލިބުމުން ، ކުލްސޫމްގެ ހިތުގައި ދިލްނަޝީންގެ މައްޗަށް އުފެދިފައިއޮތް ޚާއްޞަކަން ދުއްވައިލުމަކީ ، މެހެމަލްއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

ދިލްނަޝީނަށް ދެއްކުމުގެ ކުރިން ، އެހެދުންތައް މެހެމަލްއަށް ދައްކައިލުމަށް އޭނާ އެދުނެވެ. ކުލްސޫމަކީ ޒަމާނީ ޑިޒައިންތަކަށް އެހާފަރިތަ މީހަކަށް ނުވާނެކަމަށް ބުނެ ، މެހެމަލްއަށް އެހުނަރު ލިބިފައިވާކަމަށް މެހެމަލް ބުންޏެވެ. އެއީ ، ކުލްސޫމު ބޭނުންވާކަމެއްނޫނެވެ. މެހެމަލްގެ ގޮތް ، ކުލްސޫމަށް އެނގެއެވެ. އެ ޑިޒައިންތައް މެހެމަލްއަށް ދައްކައިލުމަށް ޙައިދަރުވެސް އެދުނެވެ. ޙައިދަރު ބުންޏަސް އެއީ ، އެހާ ފަސޭހައިން ، ކުލްސޫމު ކުރާނެކަމެއްނޫނެވެ. ޙައިދަރު އެތާހުރެގެން ، މެހެމަލްއަށް ހަދަން ، ކުލްސޫމް ބޭނުންވާގޮތެއް ނުހެދޭނެކަން ، އަނީސާއަށް ވިސްނުނެވެ. އެހެންކަމުން ، ދިލްނަޝީން ގޮވައިގެން ބާޒާރަށްދާން އަވަހަށް ގެއިން ނުކުންނާށޭ ބުނެ ، ޙައިދަރު އެތަނުން ފޮނުވައިލިއެވެ. ޙައިދަރު އެތަނުން ދިއުމާއެކު ، މެހެމަލްވެސް އެ ޑިޒައިންތައް ބަލާކަށް އިތުރަކަށް ބޭނުމެއް ނުވިއެވެ. ޙައިދަރުގެ މަންމައަށް ފެންނާނީ ރަނގަޅު އެއްޗެކޭ ބުނެ ، އެކަމުން ދުރުވެގަތެވެ. މެހެމަލް އިނީ ، ކަޅިޖަހައިނުލައި ޙައިދަރާދިމާއަށް ބަލަހައްޓައިގެންނެވެ. ޙައިދަރުގެ ލޯވެސް އަމާޒުވެފައިހުރީ މެހެމަލްގެ ލޮލަށެވެ. މީހަކާ އިންނަން ނިންމިނަމަވެސް ، ޙައިދަރުގެހިތާ އަދިވެސް ކުޅެލެވިދާނެކަން މެހެމަލްއަށް އެނގެއެވެ.

***************************

" ދިލްނަޝީން އަވަހަށް ތައްޔާރުވެލާށެވެ ! ކައިވެނީގެ ބައެއްތަކެތި ގަންނަން ، ދިލްނަޝީނާއެކީ ބާޒާރަށްދާން ޙައިދަރު އެބަ އާދެއެވެ. " ޢާފިޔާ ބަދިގެތެރެޔަށް އައިސް ބުންޏެވެ.

ދިލްނަޝީންހުރީ އެދުވަހު އެހިނގި ކަންކަމުގެ މައްޗަށް ފިކުރު ދޫކޮށްލައިގެން ، ސިންކު ކައިރީ ކޮޅަށެވެ. ދިލްނަޝީން ކުއްލިޔަކަށް ސިއްސައިގެން ދިޔައެވެ. އަދި ، އެކަމަށް މަންމަ ހުއްދަ ދިނީތޯ ޢާފިޔާއާ ސުއާލު ކުރިއެވެ.

އަނީސާގާތު ، ކުލްސޫމް އެވާހަކަ ބުނުމުން ، ޙައިދަރާއެކީ ދިލްނަޝީން ފޮނުވަން ވަގުތުން ނިންމީއެވެ. އެއީ ދިލްނަޝީން ނޭދުނަސް އޭނާއަށް ކުރަންޖެހިފައިވާކަމެއްކަމަށް ދިލްނަޝީން ނިންމިއެވެ. ޙައިދަރާއެކީ ވަގުތުކޮޅެއް ހޭދަކޮށްލީމަ ، އެއީ ކިހާ ރަނގަޅުމީހެއްކަން ދިލްނަޝީނަށް އިޙްސާސް ކުރެވޭނެކަމަށް ބުނެ ޢާފިޔާވެސް ، ޙައިދަރަށް ތަޢުރީފް ކުރިއެވެ. ދިލްނަޝީންގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ޙައިދަރާއެކީ ބޭރަށްދާކަށް ، ދިލްނަޝީން ބޭނުމެއް ނުވެއެވެ. ކައިވެނި ކުރެވުނީމަ ، ޙައިދަރާ ބައްދަލުވެ ވަގުތު ހޭދަ ކުރެވޭނެއެވެ. އޭގެކުރިން ، ޙައިދަރާއެކީ ، އެއްތަނެއްގައި ވަގުތު ހޭދަކުރުމަކީ ، ދިލްނަޝީންގެ ހިތަށް ކުޅަދާނަކަމެއްނޫނެވެ. އެކަމަށް މަންމަ ހުއްދަ ދިނީތީވެސް ، ދިލްނަޝީންހުރީ ހިތްހަމަ ނުޖެހިފައެވެ.

ދިލްނަޝީން އެކަމަށް އެއްބަސް ކުރުވޭތޯ ޢާފިޔާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ޙައިދަރު ، އެގެޔަށް މިހާރު އެބަ އާދެއެވެ. ޙައިދަރާއެކީ ދިލްނަޝީން ނުގޮއްސިއްޔާ ، ޙައިދަރުގެ ހިތުގައި ދިލްނަޝީނާމެދު ޝައްކު އުފެދޭނެއެވެ. ފިރިހެނުންނަކީ ވަރަށް ވިސްނުންތޫނު ބަޔެކެވެ. ދިލްނަޝީންގެ މޫނުމަތިން އެފެންނަ ހިތްދަތި އަސަރުތަކުން ، ޙައިދަރަށް އެތައް ކަމެއް ވިސްނޭނެއެވެ. އަނެއްކޮޅުން ، މިދެދުވަހެއްގެ ތެރޭގައި ، ޙަމްޒާގެ ޚަބަރެއް ނުވެއެވެ. ދިލްނަޝީންގެ ޚަބަރުވެސް ބަލައިލީކީ ނޫނެވެ. އެވަރުގެ މީހަކަށް އިންތިޒާރުކޮށް ، ހިތާމަކޮށް ކަންބޮޑުވުމަކީ ބޭކާރުކަމެއްކަމުގައި ޢާފިޔާ ، ދިލްނަޝީނަށް ވިސްނައިދެމުން ގެންދިޔައެވެ.

ކުޑައިރުކޮޅަކުން ، ޙައިދަރުވެސް އައިސް އެގެޔަށް ވަނެވެ. ކޮޓަރިތެރޭގައި އިނދެ ، ކުރިމަތިވެފައި އޮތް ޙާލަތު ދިލަންޝީނަށް ވިސްނައިދެވޭތޯ ، އަނީސާ މަސައްކަތްކުރަމުން ގެންދިޔައެވެ. އެވަގުތަށް އޮތް އެންމެ ރަނގަޅުގޮތަކީ ، ހުރިހާ ކަމެއް ދޫކޮށްލާފައި ، ދިލްނަޝީންގެ ހުރިހާކަމެއް ކައިވެންޏަށް ހުސްކޮށްލުންކަމަށް އަނީސާއަށް ފެނުނެވެ. ދިލްނަޝީން ބޭނުންވިޔަސް އަދި ނުވިޔަސް ، ހިތާދެކޮޅަށް ، އެކައިވެންޏަށް އާނއެކޭ ބުނުމަށް އޭނާއަށް މަޖުބޫރު ކުރުވީ ދިލްނަޝީނެވެ. ޙަމްޒާގެ ޢާއިލާއިން އަނީސާމެންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ، އެކަމުން ސަލާމަތްވުމަށް ، ﷲ މިންވަރުކުރެއްވި މަގަކީ އެއީކަން ، ދިލްނަޝީނަށް ވިސްނައިދެވޭތޯ އަނީސާ މަސައްކަތް ކުރިއެވެ. ޙައިދަރުގެ ގާތުގައި ދިލްނަޝީންގެ މާޒީގެ އެއްވެސް ވާހަކައެއް ނުދެއްކުން އެދި ދިލްނަޝީނަށް އާދޭސް ކުރިއެވެ. އެފަދަ ކަމަކުން ، ދިލްނަޝީންގެ ދިރިއުޅުމަށް ކޮށްފާނެ ނޭދެވޭ އަސަރު ، ދިލްނަޝީނަށް ކިޔައިދެމުން ގެންދިޔައެވެ. އެތައް ނަސޭޙަތެއް ދިނުމަށްފަހު ، އިރުކޮޅަކުން ތިރިޔަށް އަންނާށޭ ބުނެ ، ޙައިދަރަށް މަރުޙަބާ ކިޔުމަށް އަނީސާ ތިރިޔަށް ދިޔައެވެ. އޭރުވެސް ދިލްނަޝީން އިނީ ފެންކަޅިވެފައެވެ. ޙަމްޒާ އޭނާއާ ނުގުޅާތާ ދެތިންދުވަސް ވެއްޖެއެވެ. ޙަމްޒާދިން  ފޯނުވެސް ، ދިލްނަޝީންވަނީ ، ޙައިދަރުމެންގޭގެ ކުނިވަށިގަނޑަކަށް ވައްޓައިލާފައެވެ. ޙަމްޒާއާ ގުޅޭނެ އެއްވެސް ގޮތެއް ދިލްނަޝީނަކަށް ، އެވަގުތަކު ނެތެވެ.

ހިނިތުންވެލައިގެންހުރެ ، ތިރިޔަށްގޮސް ، ޙައިދަރަށް މަރުޙަބާ ކިޔައި ، ޖެހިގެންހުރި ގޮނޑީގައި އަނީސާ އިށީނދެލިއެވެ. އެހާ ބުރަކޮށް އުޅެމުން ، ދިލްނަޝީން ބާޒާރަށް ގެންދާން ޙައިދަރު އައުން ، އެއީ އެހާ ބޭނުންހުރިކަމެއްކަމަކަށް އަނީސާއަކަށް ނުފެނުނެވެ. ޙައިދަރު ބޭނުންވާ އެއްޗެއް ގަތީމަ ، އެއެއްޗެއް ހިތުން ރުހުމުން ، ދިލްނަޝީން ޤަބޫލުކުރާނެއެވެ. އެހެންނަމަވެސް ، ޙައިދަރު ބޭނުންވީ ، އެކަމުގައި ދިލްނަޝީންވެސް ބައިވެރިކޮށް ، ދިލްނަޝީން ހިތްހަމަޖެހޭ އެއްޗެއް ގަތުމަށެވެ. އެއީ ، ދިލްނަޝީންގެ ހިތަށް ހަމަޖެހުން ލިބޭނެކަމަކަށްވާތީއެވެ. އަދި ، އެގަންނަ އެއްޗެތި ލާންހުންނާނީވެސް ދިލްނަޝީންކަމަށް ވާތީއެވެ.

އެގެއިން ސައިތަށްޓެއް ބޮއިލުމަށްފަހު ، ބާޒާރަށް ދިއުމަށްޓަކައި ، ޙައިދަރާއި ދިލްނަޝީން ނައްޓައިލިއެވެ. އެއީ ، އެހާ ބޮޑު އަދި އަގުބޮޑު ކާރަކަށް ދިލްނަޝީން އެރި ފުރަތަމަ ފަހަރެވެ. ޙަމްޒާގެ ކާރަށްވުރެ ޙައިދަރުގެ ކާރު ބޮޑެވެ.

މައިމަގަށް ނުކުތުމަށްޓަކައި ، ޙައިދަރު އޭނާގެ ކާރު ފަހަތަށް ދުއްވައިލިއެވެ. އޭގެ ތަންކޮޅެއް ފަހަތުގައި ، ޙަމްޒާ އޭނާގެ ކާރުގައި އިނެވެ. ޙައިދަރުގެ ކާރުގެ ފަހަތުން ، ޙަމްޒާވެސް އޭނާގެ ކާރު ދުއްވައިލިއެވެ. އެމީހުން އެދާތާކަށް އޭނާވެސް ދިއުމަށްޓަކައެވެ.

ޙައިދަރުވެސް އަދި ދިލްނަޝީންވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެންމެފަހުން ، ޙައިދަރަށް ނީނދެވިގެން ، ކޮންމެވެސް އެއްޗެކޭ ބުނުމަށް ، ދިލްނަޝީންގެ ކިބައިން ޙައިދަރު އެދުނެވެ. ދިލްނަޝީން ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ ؟ އޭނާއަށް އެއިނދެވުނީ ، އެކާރަށް އެރުނީތީވެސް ހިތްނުތަނަވަސް ވެފައެވެ. ދިލްނަޝީނާ ބެހޭގޮތުން ، ކޮންމެވެސް އެއްޗެކޭ ބުނެ ، އޭނާއާ ވާހަކަ ދެއްކުމަށް ، އަނެއްކާވެސް ޙައިދަރު އެދުނެވެ.

އޭނާއަކީ ، ދިލްނަޝީން ކަމުގައި ދިލްނަޝީން ބުންޏެވެ. އެކަމަށް ، ޙައިދަރުވެސް އެއްބަސްވިއެވެ. ދިލްނަޝީންގެ މާނަޔަކީ ، ލޯބިކަމެވެ. އެހެންކަމުން ، އޭނާއަކީ ލޯބި އިންސާނެއްކަމަށް ޙައިދަރުވެސް ޤަބޫލުކުރިއެވެ.

" އަހަރެން މިބުނީ އަހަރެންގެ ނަމަކީ ، ދިލްނަޝީން ކަމުގައެވެ. " ދިލްނަޝީނަށް އޭނާގެ ނަން ބުނެވުނުގޮތް ރަނގަޅުކޮށްލިއެވެ.

ޙައިދަރު ބޭނުންވީ ، އެކައިވެންޏަށް ދިލްނަޝީން ހިތްހަމަޖެހޭތޯ އާއި އެއީ ކުރަން ބޭނުންވާ ކަމެއްކަން ދެނެގަތުމަށެވެ. އެކައިވެންޏަށް ދިލްނަޝީން ވަރަށް އުފާކުރާކަމުގައި ބުނެ ، އޭނާގެ ހިތުގައިވާ އިޙްސާސްތައް ދިލްނަޝީން ފޮރުވިއެވެ.

" އަހަރެންގެ ފަރާތުން ދިލްނަޝީންކުރާ އުއްމީދެއްވެސް އޮންނާނެއެވެ. އަދި ، އަހަރެން ދިލްނަޝީނަށް ކޮށްދޭން ދިލްނަޝީން ބޭނުންވާ ކަމެއްވެސް އޮވެދާނެއެވެ. އެކަންކަން ، ސާފުކޮށްލަން އަހަރެން ބޭނުމެވެ. އަހަރެންނަށް ދިލްނަޝީންގެ ބޭނުންތައް ފުއްދައިދޭން ރަނގަޅަށް އެނގޭނީ އޭރުންނެވެ. " ޙައިދަރު ބުންޏެވެ.

ކައިވެންޏާ ގުޅިގެން ، ދިލްނަޝީން ކުރާ އެއްވެސް އުއްމީދެއް ނެތެވެ. އަދި ބޭނުންވާ އެއްޗެއްވެސް ނެތެވެ. ދިލްނަޝީން ބޭނުންވަނީ ، އޭނާގެ ޢާއިލާގެ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. ކައިވެނިވާ ފިރިހެނާގެ ފަރާތުން ، ދިލްނަޝީންކުރާ އެއްވެސް އުއްމީދެއް ހަމަނެތީތޯ ، ޙައިދަރު ސުއާލު ކުރިއެވެ.

ޙައިދަރަކީ ވަރަށް މާތް އިންސާނެކެވެ. ޙައިދަރާ ކައިވެނިކުރެވޭތީ ، ދިލްނަޝީން ވަރަށް އުފާވެއެވެ. އެއަށްވުރެ އިތުރަށް ، އެކަމާބެހޭގޮތުން ބުނާނެ ވަކި އެއްޗެއް ، ދިލްނަޝީނަކަށް މިވަގުތަކު ނުވިސްނެއެވެ. މީހަކާ އިންނަން ނިންމާ ހިސާބުން ، އަންހެންކުއްޖާގެ ހިތުގައި އުއްމީދުތަކެއް އުފެދޭނެއެވެ. އެއީ އިންސާނީ ތަބީޢަތެވެ. އެހެނަސް ، ދިލްނަޝީންގެ ހިތުގައި އެފަދަ އިޙްސާސެއް ނެތުން އެއީ ޙައިދަރު ވިސްނައިލަން ބޭނުންވި ކަމެކެވެ.

ހިތުގައި އުއްމީދެއް ބާއްވައިގެން ކަމަކާ ކުރިމަތިލައި ، އެކަން ޙާޞިލް ނުވެއްޖެ ޙާލަތެއްގައި ހިތަށް ލިބޭނެ ތަކުލީފުގެ މަތިން ، ދިލްނަޝީން ، ޙައިދަރަށް ހަނދާން ކޮށްލަދިނެވެ. އެއަށްވުރެ ، ހިތުގައި އެއްވެސް އުއްމީދެއް ނެތުންވެސް މާ ހިތަށް ފަސޭހަވާނެއެވެ. އޭރަކަށް ހިތް ހަލާކެއް ނުވާނެއެވެ.

ޙައިދަރުގެ ފަރާތުން ދިލްނަޝީނަށް އެއްވެސްކަމެއްގައި މާޔޫސްކަމެއް ކުރިމަތިވިޔަ ނުދޭނެކަމަށް ޙައިދަރު ވަޢުދުވިއެވެ. ދިލްނަޝީންގެ ހިތުގައި އެއްވެސް އެދުމެއް ނެތްކަމުގައިވިޔަސް ، ދިރިއުޅުމުގައި ކުރިމަތިވާ އެއްވެސްކަމެއްގައި ، ދިލްނަޝީންގެ ހިތަށް ތަކުލީފެއްލިބޭނެ އެއްވެސްކަމެއް ޙައިދަރެއް ނުކުރާނެއެވެ.

ދިލްނަޝީންގެ ވާހަކަ މަދުކަމުން ޙައިދަރު އިނީ ކަންބޮޑުވެފައެވެ. އެންމެ ފުރަތަމަ އެދެމީހުން ބައްދަލުވީ ، ބަންދު ކޮޓަރިއެއްގައެވެ. އެދުވަހު ، ދިލްނަޝީން ވަރަށް ވާހަކަ ދެއްކިއެވެ. މިއަދު ، ދިލްނަޝީން އެވާހަކަ ދައްކަނީ ، ޙައިދަރު އެއްޗެކޭ ބުނުމުން ޖަވާބެއްދޭން މަޖުބޫރުވެގެންނެވެ. އެއީ ، އެދުވަހު ، ޙައިދަރާ ދިމާވި ދިލްނަޝީނެއް ނޫނެވެ. ދިލްނަޝީން ، މިއަދު އެއިނީ ވަރަށްބޮޑަށް ބަދަލު ވެފައެވެ. އެކަމުގައި ސަބަބުތަކެއް އޮވެދާނެކަން ، ޙައިދަރަށް ޤަބޫލު ކުރެވުނެވެ. އެހެންނަމަވެސް ، އެކަމާބެހޭގޮތުން މާގިނަ ވާހަކަ ދައްކައި ، އެ ސަބަބެއް ހޯދުމަށް އުޅުން އެއީ މިވަގުތަށް އެހާ މުނާސަބުކަމެއްނޫނެވެ.

" އަހަރެންގެ ކައިވެންޏަށް ، ދިލްނަޝީން އިޚްތިޔާރު ކުރިގޮތަކާމެދުވެސް ސުއާލެއް ނުކުރާނަން ހެއްޔެވެ ؟ އެކުއްޖެއްގެ އަމިއްލަ ނަފްސަށް އިޙްތިރާމްކުރާ ، ޚުލްޤު ހެޔޮ ކުދިން އަހަރެންނަށް ވަރަށް ކަމުދެއެވެ. ދިލްނަޝީނަކީ އޭގެތެރެއިން ކުއްޖެކެވެ. ދިލްނަޝީން ދާން އޮތްގޭގައި ދިރއުޅޭނީ ، އަހަރެންނާއި އަހަރެންގެ މަންމައެވެ. އަހަރެންގެ ކޮއްކޮ ، ސާރާ ދޭތެރެޔަކުން ގެޔަށް ވަދެލާނެއެވެ. މަންމަ އެހުރީ މިކައިވެންޏަށް ލަސްވެފައެވެ. މަންމަޔަށް ވެގެންވާނެނަމަ ، މިއަދުވެސް އަހަރެމެންގެ ކައިވެނި ކުރުވީހެވެ. " ޙައިދަރު ބުންޏެވެ.

ދިލްނަޝީންގެ ފަރާތުން ، ޙައިދަރުއެދެނީ ހަމައެކަނި އެންމެ އެދުމެކެވެ. އެއީ އޭނާގެ މަންމަޔަށް އިޙްތިރާމް ކުރުމެވެ. އަނީސާގެ ފަރާތުން ، ދިލްނަޝީނަށް އެއްވެސް ޝަކުވާއެއް ކުރިމައްޗެއް ނުވާނެއެވެ. ދިލްނަޝީންދެކެ ، މިހާރުވެސް އަނީސާ އެހާ ލޯބިވެއެވެ.  ދިލްނަޝީންގެ ފަރާތުންވެސް ، މަންމަޔަށް އެއްވެސްކަމެއްގެ ތަކުލީފެއް ނުޖެއްސުމަކީ ، ޙައިދަރުގެ ވަރަށްބޮޑު އެދުމެކެވެ. މަންމަގެ އެއްވެސްކަމަކުން ، ދިލްނަޝީނަށް ޝަކުވާއެއްކުރަން ޖެހިއްޖެ ޙާލަތެއްގައި ، ދެމީހުން ހަމަޖެހިލައިގެންތިބެ ، ވާހަކަ ދައްކައިގެން އެކަން ހަމަޖައްސާލާނީއެވެ. އެ ދެމީހުންގެ ދިރިއުޅުމުގައި ، މައްސަލައެއް އުފެދޭނެ އެއްވެސްކަމެއް ، އުފެދިގެން ދިއުމަކީ ޙައިދަރު އެދޭކަމެއްނޫނެވެ.

ޙައިދަރު ގޮސް ޝޮޕިންގމޯލެއްގެ ބޭރުގައި ކާރުޕާކް ކޮށްލިއެވެ. ޙަމްޒާވެސް އެހިސާބުގައި ޙައިދަރުގެ ކާރާޖެހިގެން އޭނާގެ ކާރު ޕާކްކޮށްލިއެވެ. ކާރުން ފޭބުމަށްޓަކައި ދިލްނަޝީނަށް ދޮރު ހުޅުވައިދިނުމާއެކު އޭނާފޭބިތަނުން ، ކުރިމަތީގައި އޮތް ކާރުގައި ޙަމްޒާއިންތަން ފެނުނެވެ. ޙަމްޒާ ފެނުނުކަމަކަށް ދިލްނަޝީނެއް ނުހަދައެވެ. ޙައިދަރާއެކީ ، ސޮޕިންގމޯލަށް ދިއުމަށްޓަކައި ދިލްނަޝީން ހިނގައިގަތެވެ. ދޮރުން ވަންނަމުން ، ދިލްނަޝީން ފަހަތް ބަލައިލިއިރު ، ޙަމްޒާއިނީ ކަޅިޖަހައިނުލާ ދިލްނަޝީނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ދެންވެދާނެ ގޮތަކާމެދު ، ދިލްނަޝީންގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ޙަމްޒާއަކީ ފާޑެއްގެ މީހެއްކަމަށް ވާތީއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.