( 3 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( ކައިވެނީގެ ކުރިން ދެމީހުން ވަކިން ބައްދަލުކޮށްލައި ، އެކަކު އަނެކަކަށް ދަސްވެލުމަށްވެސް ، އޭރަށް ފުރުޞަތު ލިބޭނެއެވެ. ސާރާގެ ވިސްނުން ކުލްސޫމަށް ވަރަށް ކަމުދިޔައެވެ. އެކަމަކު ، އަނީސާ އެކަމަށް ހުއްދަ ދޭނެކަމާމެދު އެދެމައިންނަށްވެސް ޝައްކެވެ.)
އެކަމާބެހޭގޮތުން ، ސާރާ ވާހަކަ ދައްކާނީ ، ޢާފިޔާއާ ކަމުގައި އޭނާ ނިންމިއެވެ. ޙައިދަރާ ވާހަކަ ދައްކާނީ މަންމައެވެ. ޢާފިޔާއާ ވާހަކަ ދައްކަން ސާރާ ނިންމީ ، ކުލްސޫމް ، ޙައިދަރާ ވާހަކަ ދައްކައިގެން ، ދިލްނަޝީނާއެކު ބާޒާރަށްދާން އެއްބަސްވީމައެވެ.
***************************
މެހެމަލްއަށް ހެނދުނު ހޭލެވިގެން ބަލައިލިއިރު ، އެނދުގައި އަންސާބެއް ނެތެވެ. އެރޭ އެހިނގި ހުރިހާ ކަމަކުން ، މެހެމަލްގެ ބޮލުގައި އުފެދުނު ރިހުން އަދިވެސް ނުފިލައެވެ. ކޮފީތަށި ހިފައިގެން ، ކޮޓަރިޔަށް ވަތް ނޯކަރު ކުރެން އަންސާބު ކޮބައިތޯ އަހައިލުމުން ، ސާހިބުމީހާ ސައިބޯން އެބައިންކަމުގައި ބުނެ ، އެކުއްޖާ ޖަވާބު ދިނެވެ. ސާހިބުމީހާގެ މެހެމާން ކޮބައިތޯވެސް މެހެމަލްއަށް އަހައިލެވުނެވެ. ޖެހިލުންވެ ނުބުނަން ހުރެފައި ، އެ އަންހެންކުއްޖާ ދެންމެއަކު ހިނގައްޖޭ ބުނެ ނޯކަރު ، ޖަވާބު ދިނެވެ.
ފުންމައިގެން އެނދުން ތެދުވެ ، ތައްޔާރުވެލައިގެން މެހެމަލް ތިރިޔަށް ދިޔައިރު ، އަންސާބު ސައިބޯން އިނެވެ. އޭނާއިނީ ފޯނަށް އައިސްހުރި މެސެޖްތަކެއް ކިޔާށެވެ. މެހެމަލް އައިނަމަވެސް ، އަންސާބުގެ އެއްވެސް ސަމާލުކަމެއް މެހެމަލްއަކަށް ނުދެއެވެ. އިސްއުފުލައި ބަލައިވެސް ނުލައެވެ. މެހެމަލް އައިސް ، އަންސާބުގާތަށް ހުއްޓިލައި ، ހިނިތުންވެލުމަށްފަހު ސަލާމް ގޮވައިލިއެވެ. މެހެމަލްގެ ސަލާމަށްވެސް އަންސާބު ޖަވާބެއް ނުދެއެވެ. އެ މަންޒަރު ބަލަން ގޭގެ ދެނޯކަރުން ދުރުގައި ތިއްބެވެ. މެހެމަލްގާތަށް އައި ރުޅީގައި ، ގޮނޑި ދަމައިގަތުމަށްފަހު ގޮނޑީގައި ބާރަށް އިށީނދެލިއެވެ. އަދި ، ކައިރީގައިހުރި ބިއްލޫރިތަށި ނަގައި ، މޭޒުމަތީ ބާރަށް ބެހެއްޓިއެވެ. މެހެމަލްގެ މަޤްޞަދު ކާމިޔާބު ވިއެވެ. އަންސާބަށް އުނދަގޫ ވެގެން ، ތިކުރަނީ ކޮން އުނދަގުލެއްތޯ ސުއާލުކޮށް މެހެމަލްއާ ދިމާލަށް ލޯއަޅައިގަތެވެ.
" އަންސާބު އަހަރެންނަށް ތިކުރަނީ ކޮން ޖެއްސުމެއް ހެއްޔެވެ ؟ އެއީ ކުރަން އެންމެ ރަނގަޅު ކަމެއް ހެއްޔެވެ ؟ " މެހެމަލް ސުއާލުކުރިއެވެ.
އޭނާކުރާ ކަމަކުން މެހެމަލްއަށް ކުރާނެ އަސަރަކަށް އަންސާބު ވިސްނައެއް ނުލައެވެ. އެއީ އޭނާ ސަމާލުކަންދޭ ކަމެއްނޫނެވެ. މެހެމަލްއަކީ ، އޭނާގެ ވަށައިގެން އެނބުރޭ މާބުރެކެވެ. ލައްވާ ބޫންއަޑުން އުނދަގޫވުން ފިޔަވައި ، އެހެންކަމެއް އޭނާއަކަށް އިޙްސާސެއް ނުވާނެއެވެ. އެގޭގައި މެހެމަލް އުޅުނަސް އަދި ނޫޅުނަސް ، އަންސާބަށް އެއީ ތަފާތެއް އަންނާނެކަމެއް ނޫނެވެ.
" އަހަރެންނާމެދު ވިސްނަން އަންސާބަށް ޖެހޭނެއެވެ. އެއީ އަންސާބުގެ ވާޖިބެކެވެ. އަހަރެންނަށް މިލިބޭ ތަކުލީފާއި ހިތަށްލިބޭ ވޭނުގެ އެއްވެސް އިޙްސާސެއް އަންސާބަކަށް ނުވޭ ހެއްޔެވެ ؟ މެހެމަލް ސުއާލު ކުރިއެވެ.
އެއީ ، އަންސާބު ޖަވާބުދޭންޖެހޭނެ ސުއާލެއްކަމަކަށް އޭނާއަކަށް ނުފެނެއެވެ. އިރުއިރުކޮޅުން އެވާހަކަތައް ދައްކައިގެން ، އަންސާބަށް އަންނާނެ ބަދަލެއް އަދި މެހެމަލްއާމެދު އަންސާބުގެ ހިތުގައި އުފެދޭނެ ހަމްދަރުދީއެއް ނޯންނާނެކަން ވިސްނޭވަރަށް ، އެދެމީހުންގެ މެދުގައި އެތައް ފަހަރަކު އެވާހަކަ ދެކެވިއްޖެއެވެ. އެއީ ، ކައިވެނީގެކުރިންވެސް ، އެދެމީހުންގެ މެދުގައި ދެކެވިފައި އޮތް ވާހަކަ އެކެވެ. އެކަން ބަދަލުކުރާކަށް އަންސާބު ބޭނުމެއް ނޫނެވެ. މެހެމަލްއަކީ ދުވަހަކުވެސް ، އޭނާގެ ޙަޔާތުގައި ބައިވެރިކުރާނެ މީހެއްނޫންކަން ، ކައިވެނީގެ ކުރިން ، އަންސާބު އޮތީ މެހެމަލްއަށް ސާފުކޮށް އަންގައިދީފައެވެ. އެމިނިވަންކަން ، އަބަދުވެސް މެހެމަލްއަށް އޮންނާނެއެވެ. ކައިވެންޏާ ގުޅިގެން މެހެމަލް ބޭނުންވީ ހަމައެކަނި އުފަލާއި އަރާމާ އަދި މުއްސަނދި ދިރިއުޅުމެކެވެ. ކައިވެންޏާ ގުޅިގެން ، އަންސާބުވަނީ މެހެމަލްއަށް އެ ވަޞީލަތްތައް ހަމަޖައްސައިދީފައެވެ. އެހެނަސް ، އޭނާގެ ހިތުންނާއި ދިރިއުޅުމުން ، ރެވިއޮށްޓަރެއްގެ މިންވަރުވެސް މެހެމަލްއަކަށް ނުލިބޭނެއެވެ. އެކަންވެސް ވަނީ ސާފުކޮށްދީފައެވެ.
" އަންސާބުއެވެ ! އަހަރެންގެ ހިތަށް ތަދުވެއެވެ. ތަކުލީފާއި އަނިޔާ އެބަ ލިބެއެވެ. އަހަރެންނާއެކީ އަންސާބު ، ވަގުތުކޮޅެއް ހޭދަކުރަން އަހަރެންނަށް ބޭނުންވެއެވެ. އަހަރެން މިއުޅެނީ ވަރަށް ހިތްދަތި ، އެކަނިވެރި ޙާލަތެއްގައެވެ. އަންސބުގެ ލޯބި އަހަރެންނަށް ބޭނުން ވެއެވެ. " އަންސާބުގެ އަތުގައި ހިފަހައްޓައިލައިގެން އިނދެ ، މެހެމަލް ބުނަމުން ގެންދިޔައެވެ.
ޙަޤީޤަތް ޤަބޫލުކުރަން ، މެހެމަލްއަށް ނޭނގިގެން އެއުޅެނީ ކީއްވެގެންކަމެއް ، އަންސާބަކަށް ނޭނގެއެވެ. އަންހެންކުދިން ފެނުމުން ، އަންސާބުގެ ހިތް އެކުދިންގެ މައްޗަށް ލެބިގެންދެއެވެ. އެކުދިންނާ ގަޔާވާގޮތް ވެއެވެ. އެކަމަކު އެއީ ވަކި ފެންވަރެއްގެ ކުދިންނަށް ވާން ޖެހެއެވެ. ނަސީބު ދެރަކަމުން ، އޭނާގެ ވަށައިގެން ކިތަންމެ ވަރަކަށް އެނބުރުނަސް ، މެހެމަލްގެ މައްޗަކަށް އޭނާގެ ހިތެއް ނުލެނބެއެވެ. މީހަކު އުޅޭހެންވެސް ހީއެއް ނުވެއެވެ. ހތްކިޔާގޮތެއް ނުވެއެވެ. އޭގެ ބަދަލުގައި ، މެހެމަލް ފެނުމުން ވަނީ ފޫއްސެވެ. ލޯތްބަކީ ގަދަކަމުން ވެވޭ އެއްޗެއްނޫނެވެ. ހިތްކިޔުމަކީވެސް ގަދަބާރުން އުފެއްދޭނެ އިޙްސާސެއްނޫނެވެ. އެއީ އަންސާބުގެ ހިތުގައި މެހެމަލްއާއި އެހެން އަންހެންކުދިންނާމެދު އޮންނަ އިޙްސާސްތަކެވެ.
އަންހެންކުއްޖެއްފެނުމުން ހިތްކިޔައިފިނަމަ ، އެކުއްޖަކު އަންސާބަކަށް ދޫކޮށެއް ނުލެވޭނެއެވެ. އެކުއްޖާގެ މައްޗަށް ހިތް އެނބުރިގެން ދާނެއެވެ. މެހެމަލްގެ ޢަމަލުތައް ހުރިގޮތުން ، ސިކުނޑިއަށް ގެއްލުންވެފައިހުރި މީހެއްކަމަށް ފެންނާތީ ، ނަފްސާނީ ފަރުވާދޭ ޑޮކްޓަރަކަށް ދެއްކުމަށް ފެންނަކަމަށް ބުނަމުން ، އަންސާބު އޮފީހަށްދާން ތެދުވިއެވެ.
މެހެމަލްގެ އަތުގައި އޮތް ބިއްލޫރިތަށި ތަޅުންގަނޑުމައްޗަށް އެއްލައި ތަޅައިލިއެވެ. ތެދުވެގެންގޮސް ، އަންސާބުގާތަށް ހުށްޓުނެވެ. އަދި ، މިއަދުންފެށިގެން އޭނާގެ ގެޔަށް އެއްވެސް އަންހެންކުއްޖަކު ގެނެސްގެންނުވާނެކަމަށް ބުނެ ، އަންސާބަށް އިންޒާރު ދިނެވެ. އަންސާބު ، އޭނާގެ ޖަވާބު ވަގުތުން ދިނެވެ. އޭނާގެ ގެޔަށް ، އެކުދިން އަންނާނެކަމަށް ބުނަމުންނެވެ. އޭނާ އެ ދިރިއުޅެނީ އޭނާގެ ގޭގައި ކަމުގައި ، މެހެމަލްއަށް ސާފުކޮށްދެމުންނެވެ. އެގެޔަށް އެއަންނަނީ ، އާދައިގެ ކުދިންނެއް ނޫނެވެ. އެއިން ކޮންމެ ކުއްޖަކީ މަތީ މަޤާމްތަކުގައި ވަޒީފާ އަދާކުރާ ، އަދި މުޖުތަމަޢުގައި ޤަދަރުވެރި ، މޮޅެތި ކުދިންނެވެ. އެކުދިންނަކާ ، މެހެމަލްއަކަށް ފައިހަމަކޮށެއް ނުލެވޭނެއެވެ. އެގެޔަށް އެކުދިން އެ އަންނަނީ ، އެކުދިންނަށް ރައްކާތެރިކަން ލިބިފައި އޮންނާނެކަން ޔަޤީންވާތީއެވެ.
" މިގޭގައި އަހަރެމެން މިގެންގުޅޭ ނޯކަރުން ، ހީކުރާނީ ކީކޭކަމާމެދު ، އަންސާބު ވިސްނައިލިން ހެއްޔެވެ ؟ އަންސާބުގެ އަބުރާއި ޤަދަރަކަށްވެސް ވިސްނައިލާކަށް ބޭނުމެއް ނޫންހެއްޔެވެ ؟ " މެހެމަލް ބުންޏެވެ.
އެގެޔަށް އެ އަންނަ ކުދިންނާމެދު އެއްވެސް އެއްޗެއް ބުނުމުގެ ޙައްޤެއް އެގޭގައި އުޅޭ އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. އެއީ ، އަންސާބުގެ އަމިއްލަ ގެޔެވެ. އެގޭގައި އުޅެވޭނީ ، އަންސާބު ހުއްދަދިން މީހަކަށެވެ. އޭނާގެ އަމިއްލަ ގޭގައި އުޅޭ އެއްވެސް މީހަކަށް ، އަންސާބުގެ އެއްވެސް ޢަމަލަކަށް އެއްޗެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެއެވެ. އެއްޗެއް ބުނަން ބޭނުންކަމަށް ވަންޏާ ، އެގެއިން ނުކުމެގެން ދާންވީކަން ، އަންސާބު ސާފުކޮށްދިނެވެ. އެހެންކަމަށް ވަންޏާ ، އަންސާބު އެކުރަމުންގެންދާ ކަހަލަ ކަންކަން މެހެމަލް ކުރާނަމަ ، އަންސާބުގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނެތޯ މެހެމަލް ސުއާލު ކުރިއެވެ.
އެއީ އަންސާބުގެ ހިތަށް އަދި މާބޮޑަށް ތަސައްލީ ލިބިގެންދާނެ ކަމެކެވެ. އެގޭގައި އެފަދަ ހުރިހާކަމެއް ކުރުމުގެ ޙައްޤު ، މެހެމަލްއަށްވެސް ލިބިގެން ވެއެވެ. އެހެނަސް ، އެކަހަލަ އެއްވެސްކަމެއް ކުރާކަށް މެހެމަލްއަށް ނުކެރޭނެއެވެ. އެއީ ، މެހެމަލްގެ ނަމާ ގުޅިފައި އޮތީ އަންސާބުގެ ނަންކަމަށްވާތީއެވެ. އެކަމުން ، އަންސާބުގެ ތަޞައްވުރަށް ގެއްލުން ލިބޭނެތީއެވެ. އެއްވެސް އަޚުލާޤެއްނެތް އަންހެނަކާ އަންސާބުގެ ނަން ގުޅިފައި އޮތުމަށް ، އޭނާ ހުއްދައެއް ނުދޭނެއެވެ.
ފިރިހެނަކަށްވީތީ ، އަންސާބަށް އެފަދަ ހަޑި މުޑުދާރު ކަންކަން ކުރެވެންވީ ކީއްވެތޯ މެހެމަލް ސުއާލު ކުރިއެވެ. މެހެމަލްގެ އެ ސުއާލަކީ ، އަންސާބަށް ޖަވާބުދޭން އުނދަގޫ ސުއާލަކަށް ނުވިއެވެ. ފިރިހެނުންނަކީ ފިރިހެނުންނެވެ. ފިރިހެނުންނަކީ ، އަބުރާއި ޢިއްޒަތް ރައްކާތެރި ކުރެވިގެންވާ ބަޔެކެވެ. ފިރިހެނަކަށްވީތީ ، ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އެކަމަކު ، އެމީހުންކުރާ ކަންކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ދުވަހެއް އަތުވެދާނެއެވެ. އެކަމަކު ، އެކަމެއް އަބަދަކަށް ނޯންނާނެއެވެ. އެއީ ، މެހެމަލްއަށް ޤަބޫލުކުރެވޭކަމެއް ނޫންކަމަށްވަންޏާ ، މެހެމަލްއަށް އޭނާއާ ވަކިވެވިދާނެކަމަށް އަންސާބު ބުންޏެވެ. އެކަމަކަށް އެއްވެސް ވަރަކަށް އަންސާބު ، ދެކޮޅެއް ނުހަދާނެއެވެ. އެހިސާބުން ، މެހެމަލްއަށްވެސް ފިރިހެނުންނަށް ލިބިގެންވާފަދަ މިނިވަންކަމެއް ލިބިގެންދާނެއެވެ. މެހެމަލް ބޭނުންވާ ކޮންމެ ތާކަށްގޮސް ، ބޭނުން ކޮންމެ ކަމެއް ކުރުމަށް މަގުފަހި ވާނެއެވެ.
އެހެންނަމަވެސް ، އެފަދަ އަގުހުރި މުދަލާއެކު ، މުއްސަނދި ދިރިއުޅުމެއް ދޫކޮށްލާފައި ، މެހެމަލްއަށް އެގެއިން ނުކުމެގެން ދާކަށް ނުކެރޭނެކަމަށްބުނެ ، އަންސާބު ، މެހެމަލްއަށް ގޮންޖެހިއެވެ. އެފަދަ މުއްސަނދިކަމަކާ ނުލައި މެހެމަލްއަށް ދުނިޔޭގައި ނޫޅެވޭނެކަން އަންސާބަށް އެނގެއެވެ. އެއީ ކައިވެނި ކުރުމުގެ ކުރިންވެސް ، އަންސާބަށް އެނގިފައި އޮތް އެއްޗެކެވެ. މެހެމަލްއާ އަންސާބު ކައިވެނިކުރީ އެކަން ރަނގަޅަށް އެނގި ހުރެއެވެ. އެކަމާ ފުންކޮށް ވިސްނާށޭ ބުނަމުން ، އޮފީހަށްދާން އަންސާބު ނުކުތެވެ.
މެހެމަލް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަންސާބުގެ އަނގައިން ބޭރުވި އެ ޙަޤީޤަތްތަކަކީ ، މެހެމަލްއަށް ދެކޮޅުހެދެން ހުރި ކަންކަމެއްނޫނެވެ. އެއަށްވުރެ ، އޭނާގެ އަމިއްލަ އެދުން މާބޮޑެވެ. އެހެނަސް ، އޭނާގެ އަމިއްލަ އެދުންތައް ފުއްދުމަށްޓަކައި ޤުރުބާންކުރަން ޖެހިފައި އެވަނީ ، އޭނާގެ އަނދިރި އަދި ތަކުލީފުތަކުން ފުރިގެންވާ ޙަޔާތެވެ.
***************************
ކައިވެނީގެ ރަސްމިއްޔާތުގައި ދިލްނަޝީންލާނެ ހެދުމަކާބެހޭގޮތުން ، ކުލްސޫމާއި ޙައިދަރާ ދެމައިން މަޝްވަރާ ކުރަމުން ގެންދިޔައެވެ. ކުލްސޫމް އެ އިޚްތިޔާރުކުރި ހެދުމަކީ ، ދިލްނަޝީނާ ވަރަށް ގުޅޭނެ ހެދުމެކެވެ. އެ ހެދުމުގައި ، އޭނާގެ ޅީދަރިފުޅުގެ ފުރިހަމަކަން އެތައް ގުނަޔަކަށް އިތުރުވެގެންދާނެއެވެ. ރީތިޕަރީއެއްފަދައިން ، ފުރިހަމަ ނަލަކަމެއް ލިބިގެންދާނެއެވެ. އެއިން ހެދުމަކާނުލައިވެސް ، ދިލްނަޝީނަކީ އެހާ ރީތި ކުއްޖެކެވެ. އެކަހަލަ ހެދުމެއް ލައިފިނަމަ ، އޭނާގެ ފުރިހަމަކަން އިތުރަށް ފުރިހަމަވެގެންދާނެއެވެ. މީސްތަކުންގެ ކަޅި ، ދިލްނަޝީންގެ މައްޗަށް ހުއްޓި އާގަމަވާނެކަމަށް ބުނަމުން ، އޭނާއަށް އެންމެ ރީތިވި ހެދުމުގެ ޑިޒައިން ، ޙައިދަރަށް ދައްކަމުން ގެންދިޔައެވެ.
އެދެމައިން ހެދުމުގެ ޑިޒައިންތައް ބަލަމުން ވާހަކަ ދައްކަމުން ގެންދަނިކޮށް ، ކުއްލިޔަކަށް މެހެމަލް އައިސް ވަދެ ސަލާމް ގޮވައިލިއެވެ. މެހެމަލްގެ ސަލާމް ، ކުލްސޫމް ބަލައިގަތީ ލޯއަޅައިގެން އިނދެއެވެ. މެހެމަލްހުރީ ހިނިތުންވެފައެވެ. އެހާ ހެނދުނާ މެހެމަލް އެގެޔަށް އައުމުން ، ޙައިދަރުވެސްހުރީ ޙައިރާން ވެފައެވެ. އެގަޑީގައި މެހެމަލް އެގެޔަށް އަންނަންޖެހޭނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. އެހެނަސް ، މެހެމަލް ފެނުމާއެކު ، ޙައިދަރުގެ ހިތް ތެޅިލިއެވެ.
" ގޭގައި އިނދެއިނދެ ފޫހިވީއެވެ. އެހެންވެ ، މިގެޔަށް އަންނަން ހިތް އެދުނީއެވެ. ކައިވެންޏެއް ކުރެވޭ ގެޔެއްކަމަށްވާތީ ، ކުރަންވެފައި އެތައް ކަމެއް ހުންނާނެ ނޫންހެއްޔެވެ ؟ އަހަރެންނަށްވެސް ކަމެއް ކޮށްދެވެން އޮތިއްޔާ އެކަމެއް ކޮށްލަދޭން ބޭނުމެވެ. ކައިވެނީގެ ތާރީޚުވެސް މިހާރު އެއޮތީ ކަނޑައެޅި ނިމިފައެވެ. " މެހެމަލް ބުންޏެވެ.
އިށިނދެލުމަށް އިޝާރާތް ކުރަމުން ، ޙައިދަރު މެހެމަލްއާ ދިމާލަށް ބަލައިލިއެވެ. އެހެނަސް ، މެހެމަލް އައުމުން ހިތްނުތަނަވަސް ވެފައިއިން ކުލްސޫމަކަށް ، މެހެމަލްގެ އެއައުން ޤަބޫލެއް ނުކުރެވުނެވެ. ކައިވެނީގެ ރަސްމިއްޔާތާ ގުޅޭ ހުރިހާކަމެއް މިހާރު އޮތީ ނިމިފައެވެ. ކުރާކަށް އިތުރުކަމެއް ނެތެވެ. އެހެންނޫނަސް ، މެހެމަލް ލައްވާ އޭނާގެ ދަރިފުޅުގެ ކައިވެނީގެ އެއްވެސްކަމެއް ކުރުމަކީ ، ކުލްސޫމް އެއްވެސް ވަރަކަށް ވިސްނާނެކަމެއްނޫނެވެ. މެހެމަލްއަކީ ކިހާވަރެއްގެ ކާކުކަން ކުލްސޫމަށް އެނގެއެވެ. މިހާރު ހަމައެކަނި އޮތްކަމަކީ ، ދިލްނަޝީނަށް ދައްކާފައި ހުރިހާކަމެއް މުޅިން ނިންމުމެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި ދިލްނަޝީންލާނެ ހެދުން ، މެހެމަލްއަށް ނުދައްކާ ނިންމީހޭ އަހައި އޭގެތެރެޔަށް މެހެމަލް އަނގަ ބޭނިއެވެ. އެއީ ، ކުލްސޫމް އެހާ ހިތްހަމަ ޖެހުނު ކަމަކަށް ނުވިއެވެ.
" އަހަރެންގެ ޅީދަރިފުޅަކީ ، ވަރަށް މަޢުޞޫމް އަދި ސީދާސާދާ އަންހެންކުއްޖެކެވެ. އަހަރެމެން އިޚްތިޔާރުކުރާ ކޮންމެ އެއްޗެއް އޭނާއަށް ރީތިވާނެއެވެ. އަހަރެމެން ދޭ ކޮންމެ އެއްޗެއް އޭނާ ޤަބޫލު ކުރާނެއެވެ. އަމިއްލަ އެއްވެސް އެދުމެއް އޭނާގެ ނުއޮންނާނެއެވެ. އޭނާއަކީ ރީތި އަޚުލާޤެއްގެ މަޔަކު ، ތަރުބިއްޔަތުކޮށް ބަލައި ބޮޑުކޮށްފައިހުރި އަންހެން ކުއްޖެކެވެ. އަހަރެން ހާދަ އުފަލެއް އެބަ ވެއެވެ. " ކުލްސޫމް ބުންޏެވެ.
ދިލްނަޝީންމެންގެ ގެޔަށްގޮސް ، ހެދުންތައް ދައްކާފައި ، ދިލްނަޝީން ބޭނުންވާ ހެދުމެއް ވަގުތުން އޯޑަރުކުރުމަށް ، ޙައިދަރަށް ކުލްސޫމް އެންގިއެވެ. ވަކި ހެދުމެއް ޙައިދަރަށް ރީތިވިޔަސް ، އެވާހަކަ ނުބުނެ ، ދިލްނަޝީން ބޭނުންވާ ހެދުމަކަށް އިސްކަން ދިނުމަށް ، ޙައިދަރުގެ ކިބައިން ކުލްސޫމް އެދުނެވެ. ( ނުނިމޭ )
Varahves reethi shukuran