ރައީސް އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރު ކުރުމަށް: ނައިބު ރައީސް

މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ދިވެހި ޤައުމަށް އިސްކަންދިނުން، "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ މިނިވަންކަމާ، އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށާއި، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވުމަށްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް ވާޞިލްވުމަށް އެންމެން އަޒުމު ކަނޑައަޅައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"މިއަދު އަޅުގަނޑުމެން ދިވެހީން އެއްރޫޙެއްގައި އަތާއަތްގުޅައި ޢަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނު ފަދަ ބަޠަލުންގެ ހިންމަތުން ޢިބްރަތް ޙާޞިލްކޮށް، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވީޑިއޯ މެސެޖު ނިންމަވާލައްވާފައިވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، ޤައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާއެކު އަދާކުރެއްވުމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ޕޯސްޓެއްވެސް ޙިއްޞާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.