ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2024 އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރެވޭ އުސޫލު ބަދަލުކޮށް، ބޭރު ކުންފުނިތަކާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް، ވަކިކަންތައްތަކެއް ފުރިހަމަކުރުމުން ވިޔަފާރިކުރެވޭގޮތަށް އިޞްލާޙު ގެނެސްފައިވެއެވެ. އެގޮތުން، ބޭރުގެ ފަރާތަކީ ކުންފުންޏެއްނަމަ، ކުންފުނި ރާއްޖޭގައި ރީ-ރަޖިސްޓަރީކުރުމާއި، ކުންފުންޏަކަށްނުވާނަމަ، ކުންފުންޏާބެހޭ ޤާނޫނު ނުވަތަ ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ކުންފުންޏެއްގެ ނުވަތަ ޕާރޓްނަރޝިޕެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީކުރުމާއި، ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ހޯދުންފަދަ ކަންކަން ފުރިހަމަކުރުމަށް ލާޒިމުކޮށްފައިވެއެވެ.

އޭގެ އިތުރުން އިސްވެދެންނެވުނު ކަންކަން ފުރިހަމަކުރުމަކާނުލައިވެސް، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރެވޭނޭ މަގު ފަހިކޮށްދީފައިވެއެވެ. އަދި މި ސެކިއުރިޓީޒްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ، އެކުއިޓީގައި އިންވެސްޓްކުރަން އެދޭ ފަރާތެއްނަމަ، ސެކިއުރިޓީޒް މުޢާމަލާތެއްގައި އެފަރާތަކުން ގަންނަ ޙިއްޞާގެ މިލްކުވެރިކަން 10 އިންސައްތައަށްވުރެ އިތުރުވެގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.