ވިހަ ތީރު (19)

( 1 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް ބުނެ ، ކެތްތެރިވުމަށް ، ޙަމްޒާއަށް ބުޝްރާ ނަސޭޙަތްތެރި ވިއެވެ. އެކަންކަން ހަމަޔަކަށް އެޅެން ކުޑަވަގުތުކޮޅެއް ނަގާނެއެވެ. ޙަމްޒާއަށްވެސް އެކަންތައްގަނޑުން ، މާލަހެއްނުވެ ނުކުމެވޭނެއެވެ. )

" އެއްކަމެއްވެސް ރަނގަޅެއްނުވާނެއެވެ. ކަލޭމެންގެ ކަންތައްތައް ތިހުންނަނީ ، ކަމެއް ރަނގަޅުވާނެ ގޮތަކަށް ހެއްޔެވެ ؟ " އޭނާގެ މަންމަޔާ ދިމާލަށް ޙަމްޒާ ހަޅޭއްލަވައިގަތެވެ.

ޙަމްޒާގެ އެ ޢަމަލުން ، ޞާދިޤްގާތަށް ރުޅިއައެވެ. މިހާރު ތިދަނީ ހައްދުން މައްޗަށޭ ބުނެ ، ޞާދިޤްވެސް ޙަމްޒާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ރުޅިމަޑުކޮށް ، ހަމަޖެހިލެވޭތޯ ޙަމްޒާ މަސައްކަތް ކުރިއެވެ. ބައްޕަމެންގެ ޢަމަލުތައް އެދަނީ ، އޭނާއަށް ކެތްކުރެވޭވަރަށްވުރެ މައްޗަށެވެ. އޭނާގެ ހިތުގެ އިޙްސާސްތައް ، އެދެމީހުންކުރެ މީހަކަށް ނުވިސްނެއެވެ.

އެންމެ އަންހެންކުއްޖަކާ ހިސާބުން ، ދުނިޔެ ނިމިގެން ނުދާނެކަމަށް  ޞާދިޤް ބުންޏެވެ. އެހެނަސް ، ޙަމްޒާގެ އެ ދުނިޔެއަކީ ، ހަމައެކަނި ދިލްނަޝީންކަމެއް ، ޙަމްޒާގެ މައިންބަފައިންނަކަށް ނުވިސްނެއެވެ. ދިލްނަޝީން އެ ދުނިޔޭގައި ނެތްނަމަ ، ޙަމްޒާއެއް އެދުނިޔެއަކު ނުހުންނާނެއެވެ. އެކަން ޤަބޫލު ކުރުމަށް ޙަމްޒާ ، އޭނާގެ މަންމައާއި ބައްޕަޔަށް ، އާދޭސްކުރަމުން ބުނަމުން ގެންދިޔައެވެ. ދިލްނަޝީން އެ އަންނަނީ ، މުއްސަނދި ޢާއިލާއެއްގެ ބޮޑު ގަނޑުވަރަކުން ކަމަށް ނުވިއްޔާ ވާނީ ކީއް ހެއްޔެވެ ؟ އެމީހުންގެ އަތުގައި ހުރިހާ އެއްޗެއް އެބަހުށްޓެވެ.

ބުޝްރާއަށް މައްސަލަޔަކީ ، އެ އަންހެންކުއްޖާގެ ޢާއިލާގެ ނިކަމެތިކަމެވެ. އެހެންނޫނަސް ، އެމީހުން ޤަބޫލު ކުރިޔަސް އަދި ނުކުރިޔަސް ، އެކުއްޖާ މިހާރު އެހުރީ މީހަކާ އިންނަން އެންގޭޖްވެފައެވެ. އެމީހުންގެ ބަހަކާނުލައި ، އެކައިވެންޏަށް ޙަމްޒާގެ މައިންބަފައިން އެއްބަސް ވިޔަސް ، އެ އެންގޭޖްމަންޓް ރޫޅައިލައި ، އެ އަންހެންކުއްޖާގެ ޢާއިލާއިން ، ޙަމްޒާގެ ކައިވެންޏަށް އެއްބަސްވާންވީ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ.

" އެކަން ކުރަން ، އެ އަންހެންކުއްޖާގެ ޢާއިލާއިން އެއްބަސްވާނަމަ ، ޙަމްޒާ އޭނާއާ ކައިވެނިކުރަން ދާށެވެ ! އެކަމަކު ، އެ އަންހެންކުއްޖާ ގޮވައިގެން މިގެޔަށް އައިސްގެން ނުވާނެއެވެ. އެގޭގައި ދިރިއުޅޭށެވެ ! " ބުޝްރާ ބުންޏެވެ.

ޙަމްޒާ ފުންމައިގެން ތެދުވިއެވެ. އަދި ބާރުބާރަށް ހިނގާފައި އޭނާގެ ކޮޓަރިޔާ ދިމާލަށް ދިޔައެވެ. އެކަމާ ޞާދިޤް ކަންބޮޑުވިޔަސް ބުޝްރާ ހާހެއް ނުވެއެވެ. ޞާދިޤް އިނީ ހަދާނެގޮތް ބޮޑުވެފައެވެ. އެއީ ، ބޮޑުވެފައިހުރި ޒުވާން ފިރިހެން ކުއްޖެކެވެ. އަތުންފައިން ގޯހެއް ހަދައިފިއްޔާ ، ޞާދިޤްމެންގެ އަބުރާއި ޢިއްޒަތް އެދިޔައީއެވެ. ބުޝްރާއެއް އެކަމަކާ ހާހެއް ނުވެއެވެ. އެ ކުއްޖާގެ އެންގޭޖްމަންޓްވެސް އެވީއެވެ. ޙަމްޒާވެސް އެހުރީއެވެ. އެ ކުއްޖާގެ ކައިވެނި ކުރެވެންދެންވެސް ޙަމްޒާ ހުންނާނެއެވެ. އެއްވެސްކަމެއް ކުރާކަށް ޙަމްޒާއަކަށް ނުކެރޭނެއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ. ޙަމްޒާގެ ޙަޔާތަށްވެސް ، ކޮންމެވެސް އަންހެންކުއްޖަކު އަންނާނެއެވެ. ބުޝްރާގެ ހަރުކަށިކަމާއި ގޮތްދޫނުކުރުން ހުރީ އެކަހަލަ ގޮތަކަށެވެ.

 

އެންގޭޖްމަންޓްގެ ރަސްމިއްޔާތުން ނުކުމެގެން ، ގެޔަށް ދިޔައިއްސުރެ ، މެހެމަލްއަށް ހަމަނޭވާއެއް ނުލެވެއެވެ. ބޭރަށް ނުނުކުމެ ކޮޓަރިތެރޭ ، އެނދުހުރަސްވެފައި އެނދުމައްޗަށް ވެއްޓިފައި އޮތެވެ. ދިލްނަޝީންގެ އިނގިލީގައި ޙައިދަރު އަނގޮޓި އެޅުވި މަންޒަރު ، މެހެމަލްގެ ޚިޔާލަށް ތަކުރާރުކޮށް ފެންނަމުން ދިޔައެވެ. މެހެމަލްގެ ހިތަށް އެކަމުން ލިބުނު ތަކުލީފުތަކުން ، އޭނާ އެއޮތީ ހަތަރެސްކަން ހަމަވެފައެވެ. މޭގައި އަތްއަޅައި ބޮލުގައި ދެއަތުން ހިފަހައްޓަމުން ، އޭނާގެ ހިތުގެ އިޙްސާސްތަކާއި އަމިއްލަ ނަފްސާ ، ސުއާލުކުރަމުން ގެންދިޔައެވެ. މާޒީގައި އޭނާއަށް ކުރެވިފައި އެއޮތީ ކިހާވަރެއްގެ ކަމެއްކަން ، މިހާރު އެބަ އިޙްސާސް ކުރެވެއެވެ.

މެހެމަލްގެ ވިސްނުން ކޮށިކަމުން ، ވަޤުތީ ކުއްލި  މުއްސަނދިކަމަކަށް ، އޭނާގެ ހިތް އެދުމުގެ ނަތީޖާ އެއޮތީ ފެންނާށެވެ. ޙައިދަރު ދެއްކި އެއްވެސް ވާހަކައެއްގެ  އަޑުނާހައި ، ބޮޑުބޭބެގެ ބަހަށް ހެއްލި ، ތާކުންފެނުނު މުއްސަންޖަކާ ، ކައިވެނިކޮށްގެން މުއްސަނދިކަމެއް ފިޔަވައި އޭނާއަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ ؟ އެއްވެސް ހިތްހަމަޖެހުމެއް އަދި އުފަލެއް ނެތެވެ. އޭނާގެ ފިރިމީހާގެ ފަރާތުންވެސް ،  ބޭވަފާތެރިކަން ފިޔަވައި އެހެންކަމެއް ނުފެނެއެވެ. އިޙްތިރާމާއި ޤަދަރުގެ ކަންފުޅެއްވެސް ނެތެވެ. އެހެނަސް ، އެއީ އޭނާ އަމިއްލަޔަށް ބުއި ބޮނޑިއެކެވެ.

މެހެމަލްއަށް އޭނާގެ ފަރާތުން އެއްވެސް ލޯތްބެއް ނުލިބޭނެކަމަށް ، ކައިވެނީގެ ކުރިންވެސް އަންސާބު އޮތީ ބުނެފައެވެ. އޭގެ މާނަޔަކީ ، ދެރެއިން އެއްރޭ މެހެމަލްގެ ކުރިމަތީ ، އެގެޔަށް އަންހެންކުދިން ގެނެސް ، އެ ކުދިންނާއެކީ ކުރާނެކަމެއް ކުރުމެއް ނޫނެވެ. އުޅޭނެ ކޮންމެ ގޮތަކަށް އުޅުމެއްނޫނެވެ. މައްސަލައެއް ނެތެވެ. އެކައިވެނިކުރީ ، އޭނާއަށް އަޅައިނުލާނެ ކަމަށާއި ލޯބިވެސް ނުލިބޭނެކަމަށް ، އަންސާބު ބުނަމުން ގެންދަނިކޮށެވެ. މެހެމަލްއަށް މިހާރުވަނީ ކުއްޖަކުވެސް ލިބިފައެވެ. އެއީ ، އަންސާބުގެ ދަރިއެކެވެ. އެކުއްޖާއަށް ހަތަރުއަހަރު ވަނީއެވެ. އަންސާބުގެ އުޅުމަކަށް ބަދަލެއް ނުގެނެއެވެ. ކޮންމެ ރެޔަކު ނިދަން ކޮޓަރިޔަށް ވަންނަނީ ، ޖެހިގެންހުރި ކޮޓަރީގައި ހިލޭ އަންހެންކުއްޖަކު ގޮވައިގެން އުޅެފައެވެ. އެގޭގައި އުޅޭ ހުރިހާ ނޯކަރުންނަށްވެސް އެކަން އެނގެއެވެ.

މެހެމަލްގެ ލޮލަށް އެވަނީ ، އޭނާ އަމިއްލަޔަށް ފޭހުނު އިލޮށިގަނޑު ހެރިފައެވެ. އެވީ ހުރިހާ ދުވަހަކުވެސް ، މެހެމަލް މަޑުކޮށްގެންހުރީ ، އޭނާއަށް އެކަމުގައި ކުރެވޭނެ އެއްވެސްކަމެއް ނެތިގެންނެވެ. އެހެނަސް ، ޙައިދަރުގެ އެންގޭޖްމަންޓާގުޅިގެން ، މެހެމަލްގެ ވިސްނުން ބަދަލުވެއްޖެއެވެ. އޭނާއަށް އެ ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ވިސްނިއްޖެއެވެ. އޭނާގެ ފަރާތުން ޙައިދަރަށް އެ ދެވުނީ ވަރަށްބޮޑު އަނިޔާއެކެވެ. މެހެމަލްގެ ދިރިއުޅުން ބަރުބާދުވެގޮސް ،  އޭނާއަށް މިއަދު އެ ލިބެމުންދާ ހިތްދަތިކަމާއި ވޭނާ އަދި ތަކުލީފަކީ ، އެކަމުގެ ބަދަލުގައި އޭނާއަށް ލިބެމުންދާ އަނިޔާއެކެވެ.

އަންސާބުގެ އެ ވިޔާނުދާ އުޅުމަށް ކެތްކޮށްގެން މެހެމަލް ނުހުންނަން ، މެހެމަލް ނިންމިއެވެ. އެވަޤުތުވެސް ، އަންސާބު އުޅެނީ ، އަންހެންކުއްޖަކު ގެނެސް ގެޔަށް ވައްދައިގެން ، ޖެހިގެންހުންނަ ކޮޓަރީގައެވެ. އެކޮޓަރިތެރޭ އެއުޅޭބަޔަކު ، ހީސަމާސާކުރާ އަޑު މެހެމަލްއަށް އިވެއެވެ. އެނދުހުރަސްވެފައި އޮތް މެހެމަލް ، ކުއްލިޔަކަށް ފުންމައިގެން ތެދުވިއެވެ. ބާރަށް ހިނގައިފައިގޮސް ، ޖެހިގެންހުރި ކޮޓަރިޔަށްވަދެ ، އަޑުގެ ނެތްތަނަށް އަންސާބަށް ގޮވައި ހަޅޭއްލަވައިގަތެވެ. އަންސާބު އިނީ ، އަންހެންކުއްޖާއާ ޖެހިގެން އެނދުމަތީގައި އިށީނދެލައިގެންނެވެ. މެހެމަލް އައިމަ އެމީހުންނަށް އުނދަގޫވާ ވާހަކައާއި ، ހަޅޭއްލަވާ ސަބަބަކީ ކޮބައިތޯ އަންސާބު ސުއާލު ކުރިއެވެ. މެހެމަލް އެކޮޓަރިޔަށް އައުމަކުން ، އަންސާބަކަށް އެއްވެސް ތަފާތެއް ނާދެއެވެ. ކައިރީގައި ޖެހިގެން އިން އަންހެން ކުއްޖާވެސް އިނީ ހެވިދިލިފައެވެ. މެހެމަލްއަކީ ، އެތަނަށް އަންނަންޖެހޭ އަންހެނެއްކަމަކަށް ، އެކުއްޖާވެސް ނުދެކެއެވެ.

މެހެމަލް އެއައީ އަންސާބާ ވާހަކަ ދައްކާށެވެ. އެހެނަސް ، އަންސާބު މިރޭ އެއިނީ ވާހަކަ ދެއްކޭފަދަ ގޮތަކަށް ނޫނެވެ. އަންސާބު ، މެހެމަލްއާ ވާހަކަ ދައްކާނީ މާދަމާކަމުގައި ނިންމިއެވެ. އެހެންނަމަވެސް ، މެހެމަލް އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. އޭނާ ވާހަކަ ދައްކަން ބޭނުންވަނީ ހަމަ އެވުތުކަމުގައި ބުނެ ، އަންސާބުގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

" އަހަރެން ، އަންސާބަށް ބޭނުން ވެއެވެ. އަހަރެން މިހުރީ ވަރަށް އެކަނިވެފައެވެ. ފިރިއެއްގެ ބޭނުން އަހަރެންނަކަށް ނުފުދެއެވެ. އަހަރެންނަށް ތިހެން ނުހަދާށެވެ !  " މެހެމަލް ބުނަމުން ގެންދިޔައެވެ.

މެހެމަލްގެ ވާހަކަތަކަށް ، އޭނާއަށް އެކަމުގައި ކުރެވެން އޮތީ ކޮންކަމެއްހޭ އަހައި ، އަންސާބުދިނީ ބީރު ކަންފަތެކެވެ. އަދި ، އޭނާއަށް އުނދަގޫ ނުކޮށް ، މެހެމަލްވެސް ބޭރަށް ގޮސް ، ލިބެންއޮތް ގޮތަކަށް އުފާ ހޯދުމަށް އަންސާބު ބުންޏެވެ. ފަހަތަށް އެނބުރިލައި ، އެތާހުރި އަންހެންކުއްޖާގެ އަތުގައި އަންސާބު ހިފައިލައި ، އެކުއްޖާއާ އެކީގޮސް އެނދުގައި އިށީނދެލިއެވެ.

މެހެމަލް ދާނީ ކޮންތާކަށް ހެއްޔެވެ ؟ އެއީ ، އަންސާބުގެ އަނބިމީހާއެވެ. މެހެމަލް އަނެއްކާވެސް ގޮސް އަންސާބުގެ އަތުގައި ހިފިއެވެ. އަންސާބުގެ އަޅައިލުމާއި ގާތްކަން ، އޭނާއަށް ބޭނުންވެފައި އޮތް މިންވަރު ކިޔައިދެމުން ގެންދިޔައެވެ. އަންސާބުގެ މުއްސަނދިކަމުގެ ތެރެޔަށް އޭނާ ދޫކޮށްލައި އެކަނިވެރިކޮށް ނުލުމަށް ، މެހެމަލް އާދޭސް ކުރިއެވެ.

އިރުއިރުކޮޅުން ، ކޮންމެ ދުވަހަކު މެހެމަލް އަމުނަމުން އެގެންދާ ފަތިވަރުގެ އަޑު އިތުރަށް އަހާކަށް އަންސާބު ބޭނުމެއްނޫނެވެ. މެހެމަލްއަކީ ، އަންސާބު ބޭނުންވެގެން އެގެޔަށް އައިސްހުރި އަންހެނެއްނޫނެވެ. އެންމެ ފުރަތަމަ ދުވަހުވެސް ، އަންސާބުވަނީ މެހެމަލްއަށް އެކަން ސާފުކޮށްދީފައެވެ. މުއްސަނދިކަމާއި ފައިސާނޫން އެހެން އެއްވެސް އެއްޗެއް ، އޭނާގެ ފަރާތުން މެހެމަލްއަށް ނުލިބޭނެކަމަށް ބުނެފައެވެ. އެއީ މައްސަލައެއް ނޫންކަމަށްބަލައި ، އެދުވަހު އެކަން ބަލައިގަތީ ، އެއްވެސް މީހެއްގެ މަޖުބޫރުކަމެއްނެތި މެހެމަލްގެ އަމިއްލަ އިޚްތިޔާރުގައެވެ.

" މިގޭގެ ގޯތިތެރޭގައި އަގުބޮޑު ކާރުތައް އެހުރީ އަތުރައި ލެވިފައެވެ. ކޮންމެ ކާރަކަށް ޑްރައިވަރެއް ހުންނާނެއެވެ. މެހެމަލް ބުނާ ކޮންމެ ތާކަށް އެމީހުން ގެންގޮސް ދޭނެއެވެ. މެހެމަލްގެ ހިތްއުފާވާ ކޮންމެ ތާކަށްވެސް ދާންވީއެވެ. ހިތްއެދޭގޮތަކަށް މަޖާކުރަންވީއެވެ. އެކަން ހުއްޓުވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އަހަރެން މިކުރާ އެއްވެސްކަމެއް . މެހެމަލްއަކަށް ސިއްރެއް ނުކުރަމެވެ. އެކަމަކު ، އަހަރެންގާތު ނުބުންޏަސް ، މެހެމަލް ބޭނުން ކޮންމެ ކަމެއް ކުރަންވީއެވެ. " އަންސާބު ބުންޏެވެ.

އޭނާއަށް އެހެން ނުހެދުމަށް ، އަންސާބަށް ކުރަމުންގެންދިޔަ އާދޭސްތަކުން ، އަންސާބަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެމީހުންނަށް އުނދަގޫ ނުކޮށް ، އެތަނުން ނުކުމެގެން ދިއުމަށް ، މެހެމަލްއަށް އަންސާބު އަމުރުކުރިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ހިލޭ އަންހެނެއްގެ ކުރިމަތީ ، އޭނާގެ ޢިއްޒަތާއި ޤަދަރު ، އެހާ ދަށުދަރަޖަޔަކަށް ވެއްޓިގެންދާކަށް މެހެމަލްއަކަށް ކުޅަދާނައެއް ނުވިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، މެހެމަލް އެކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުތްގޮތަށް ، ނިދާހެދުމުގައިހުރެ ގޯތިތެރެޔަށް ނުކުމެ ، އޭނާއަށް ޚާއްޞަ ކުރެވިފައި އޮންނަ ކާރުކައިރީގައި ހުއްޓިލިއެވެ. އަދި ، މަތިބަލައިލައި ، މާނޭވާ ލަމުން ނިދާހެދުން ރަނގަޅުކޮށްލަމުން ، ދެކޮޅަށްދެކޮޅަށް ހިނގަން ފެއްޓިއެވެ.

" މައްސަލައެއް ނެތެވެ. ކިތަންމެ ބޮޑު ގަނޑުވަރެއް ބިނާކުރިނަމަވެސް ، އެގޭގައި އުޅެންޖެހޭނީ މެހެމަލް އެކަންޏެވެ. އެއްވެސް ހިތްހަމަޖެހުމެއް އަދި އުފާވެރިކަމެއް އެތާކު ނުއޮންނާނެއެވެ. ލިބޭނީ ހުސްތަކުލީފެވެ. އެތަކުލީފުތަކުން މެހެމަލްގެ ހިތް ކުދިކުދިވެ ފޮތިވަމުންދާނެއެވެ." އެއީ ، ޙައިދަރު ދޫކޮށްލުމަށް ނިންމި ހިނދު ، މެހެމަލްއާ ދިމާލަށް ޙައިދަރު ބުނެފައިވާ ބަސްތަކުން ތަންކޮޅެކެވެ. ބާރު ގުގުރިއެއްގެ އަޑުހެން ، މެހެމަލްގެ ކަންފަތްދޮށުގައި އެ އަޑު ތަކުރާރުވަމުން ދިޔައެވެ.

" އެކަމަކު ، މެހެމަލް ބޭނުންކަމަށް ވަންޏާ ، އަހަރެންވެސް ހަމަ އެވަރުގެ ގަނޑުވަރެއް މެހެމަލްއަށް ބިނާކޮށްދީފާނަމެވެ. ކުޑަދުވަސްކޮޅެއް ނަގާނެއެވެ. ކުޑަކޮށް ކެތްތެރިވެލައިފިއްޔާ އެއީ ނުވާނެކަމެއްނޫނެވެ. މެހެމަލްގެ ހިތަށް އުފަލެއް ލިއްބައިދޭނެ ހަމައެކަނި މީހަކީ އަބަދުވެސް އަހަރެންނެވެ. އެހެންމީހެއްގެ ފަރާތުން ، މެހެމަލްއަކަށް އެކަން ޙާޞިލެއް ނުވާނެއެވެ. ބަލަން ހުންނާށެވެ!  " އެއީވެސް ޙައިދަރުގެ އެހެން ބަހެކެވެ.

ޙައިދަރުގެ އެބަސްތަކަށް މެހެމަލް ދެމުންއައީ އެއްޖަވާބެކެވެ. ޙައިދަރަށް އެނގޭނީ ފޮނިކަނޑާށެވެ. މެހެމަލް ބޭނުންވާ އެއްވެސްކަމެއް ޙައިދަރަކަށް ފުއްދައެއް ނުދެވޭނެއެވެ. ބާ ސައިކަލްގަނޑެއްގައި ޙައިދަރު އިންނާށެވެ. މީހަކާ އިނދެގެން ވަރަށް އަވަހަށް ، ބޮޑު ގަނޑުވަރަކަށް މެހެމަލް ދާނެ ކަމުގައެވެ. މެހެމަލްގެ ދެލޯ މަރައިލައި ބާރަށް ތަގުޅި ކޮށްލިއެވެ. ދެއަތުން ބޮލުގައި ހިފައި އެ ބޯ ތަޅުވައިގަތެވެ. އެ ޙަޤީޤަތް ޤަބޫލުކުރުމުގެ ވަޤުތު އެއޮތީ ޖެހިފައެވެ. އެހެނަސް ، ވަޤުތު ފާއިތުވީ ފަހުންނެވެ.

ގޯތިތެރޭގައި އެތުރިފައިހުރި ކާރުތަކަށް އަދި އިސްއުފުލައިލައި ، ކުރިމަތީހުރި ބޮޑުގެޔަށް މެހެމަލްއަށް ބަލައި ލެވުނެވެ.

 

ސާރާއާއި ކުލްސޫމާ ދެމައިން ގޭތެރޭގައި އަވަދިނެތި އުޅެއެވެ. މިއަދު އޮތް މަސައްކަތަކީ ، ދިލްނަޝީންގެ ކައިވެންޏަށް ފަހަންޖެހޭ ހެދުމުގެ ޑިޒައިން ނިންމުމެވެ. ސާރާ ބޭނުންވީ ، އެމީހުން ދިލްނަޝީންގެ ގެޔަށްގޮސް ، އެ ޑިޒައިންތައް ދިލްނަޝީނަށްވެސް ދައްކައިގެން ، ދިލްނަޝީން ހިތްހަމަޖެހޭ ޑިޒައިނެއް ނިންމުމަށެވެ. ކުލްސޫމްވެސް އެދޭގޮތަކީ އެއީއެވެ. އެކަމަކު އަނީސާ އެގޮތެއް ބޭނުމެއް ނުވެއެވެ. ކުލްސޫމްގާތު ، އަނީސާ ބުނެފައިއޮތީ ، ކުލްސޫމްމެންނަށް ފެންނަ އެންމެ ރަނގަޅު ޑިޒައިނެއް ނިންމީމާ ، އެކަން އެނިމުނީކަމުގައެވެ. ކޮންމެހެން ދިލްނަޝީންގެ ހުއްދަ އެކަމަށް ހޯދާނެކަމެއް ނެތްކަމުގައެވެ. އެއީ ވަރަށް ގޮތް ދޫނުކުރާ މަންމައެކެވެ. ވަކިގޮތަކަށް ނިންމައިފިއްޔާ އެހިސާބުން އެ ނިމުނީއެވެ. ދިލްނަޝީންގެ ގޮތް ، އެންމެ ރަނގަޅަށް އެނގޭނީ އަނީސާއަށެވެ. ދިލްނަޝީނަކީ ، ވަކި އެއްޗެއް ވަކިގޮތަކަށް އޮތަސް ނެތަސް ވަރިހަމަ ކުއްޖަކީ ކަމަށް ވެދާނެއެވެ.

އެހެންކަމަށް ވަންޏާ އެކަމަށް އޮތް ޙައްލު ސާރާ ހޯދައިގަތެވެ. ދިލްނަޝީނާއި ޙައިދަރު ބާޒާރަށް ފޮނުވާނީއެވެ. އޭރަށް އެމީހުން ގަންނަ ތަކެއްޗަކީ ، ކޮންމެވެސް އެކެއްގެ ނިންމުމަށް ގަނެވޭ އެއްޗަކަށް ވާނެއެވެ. އެހެންޏާ ދިލްނަޝީނެވެ. ނޫނީ ޙައިދަރެވެ. އޭރުން ، އެމީހުން ގަންނަ އެއްޗަކަށް ، ދެމީހުންކުރެ އެކެއްގެ ހިތްހަމަޖެހުން ލިބިފައި އޮންނާނެއެވެ. ކައިވެނީގެ ކުރިން ދެމީހުން ވަކިން ބައްދަލުކޮށްލައި ، އެކަކު އަނެކަކަށް ދަސްވެލުމަށްވެސް ، އޭރަށް ފުރުޞަތު ލިބޭނެއެވެ. ސާރާގެ ވިސްނުން ކުލްސޫމަށް ވަރަށް ކަމުދިޔައެވެ. އެކަމަކު ، އަނީސާ އެކަމަށް ހުއްދަ ދޭނެކަމާމެދު އެދެމައިންނަށްވެސް ޝައްކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.