ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާ އަދި ތަފާތު ވިސްނުންތައް ގެނެސްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން އަންނާނެ ހެޔޮބަދަލުތަކާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ގާރލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަޤުބަލުގެ ލީޑަރުން އުފެއްދުމުގެ ހަރަކާތެއް ނޫންކަމަށާ އޭގެ ބަދަލުގައި އެއީ އަންހެނުން ބާރުވެރިކުރުވުމާއި މުޅި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ހަރަކާތެއްކަމުގައެވެ. އެކަމަނާ ވިދާޅުވީ މިކަމަށް އެދެވޭ ބަދަލެއް ގެނެވޭނީ ކަންކަމުގައި އިރުޝާދު ދިނުމާއި ލީޑަރޝިޕް ތަމްރިނުތަކާއި، ނިންމުންތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމަށް ހިތްވަރުދިނުމާއި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި، މި ކަންކަމަށް އެއްބާރުލުން ދިނުމުގެ މާހައުލެއް އުފެއްދުމާއެކު އެފަދަ މުޖުތަމަޢުތައް އުފެދިގެންކަމަށެވެ.
އެކަމަނާގެ ވާހަކަފުޅުގައި މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މިހާތަނަށް ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް މިދަތުރު އަދި ނިމެން ގާތްވެސް ނުވާކަން ފާހަގަކުރެއްވިއެވެ. ލީޑަރޝިޕްގެ އެކިދައުރުތައް އަދާކުރާ އަންހެނުން ފާހަގަކޮށްލެވޭ މިންވަރަކަށް ހަރަކާތްތެރިވި ނަމަވެސް ތަފާތު ދާއިރާތަކުގައި އަންހެނުން ތަމްޞީލުކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން އަންހެނުން، އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރާއިރު، އަންހެނުންނަށް ކުރިއަށް ދެވޭނެ އަދި ކުރިއަރަންޖެހޭ ބައެއް ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދުކަން ފާހަގަކުރެވޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ގަރލް ގައިޑް ހަރަކާތަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރައްވައި އެ ހަރަކާތުގައި އުޅުއްވި ބައެއް ބޭފުޅުން ފަހުން ސަރުކާރާ ޕްރައިވެޓް ސެކްޓަރގައި ސީނިއަރ ރޯލުތައް އަދާކުރައްވާތަން ފެނިވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ވަނީ މިއަދާއި އަދި މުސްތަޤުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި މި ލީޑަޝިޕް ހަރަކާތް އިތުރަށް ފުޅާކޮށް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ހިތްވަރުދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އޭޝިއާ ޕެސިފިކް ސަރަހައްދާ ރާއްޖޭގެ ގަރލް ގައިޑުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.