ވިހަ ތީރު (18)

( 27  އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

(މެހެމަލްގެ އަތުގައި އަމިއްލަ ކާރެއް މިއަދު އެބަ އޮތެވެ. ޑްރައިވަރެއް އެބަހުށްޓެވެ. ބޭނުން އިރަކު ، ބޭނުން ކޮންމެ ތާކަށް ދާންވީއެވެ. އެކަމަކުވެސް ، އެއީ ދިރުމެއް އޮތް ޙަޔާތެއް ހެއްޔެވެ ؟ އޭނާދެކެ ލޯބިވާ މީހަކު ، މެހެމަލްއާ އެކީ ، މިއަދަކު ނެތެވެ. ޙައިދަރުގެމަތިން ހަނދާންކުރަން އޭނާގެ ހިތް މަޖުބޫރުކުރުވަނީ ، އެސަބަބުތަކަށްޓަކައެވެ.)

މެހެމަލްއަށް ޙައިދަރުގެ ގެޔަށް ދެވުނުއިރު ، ބޭރަށް ދިއުމަށްޓަކައި ކާރާދިމާލަށް ހިނގައިލާފައި އައި ޙައިދަރު އޭނާގެ ސަމާލުކަމަށް އައެވެ. އަވަސް ހިނގުމެއްގައި ، ޙައިދަރުގާތަށްގޮސް ، ވަރަށް ރަނގަޅު ނިންމުމެއްކަމުގައިބުނެ ، ޙައިދަރަށް މަރުޙަބާ ކިޔެވެ.

" މާޒީގެ ހަނދާންތަކުގައި ހައްޔަރުވެފައި ، ޙައިދަރަށް ހުރެވޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ ؟ " ޙައިދަރާ މުޚާތަބުކޮށް މެހެމަލް ބުންޏެވެ.

މީހަކާ އިންނަން ޙައިދަރު ނިންމީ ، އެއްވެސް މީހެއްގެ ހަނދާނުގައި އޭނާ ހައްޔަރުވެފައި ހުރެގެން ނޫންކަމުގައި ޙައިދަރު ބުންޏެވެ. މީހަކާ ނީނދެ އެހާގިނަދުވަހު ، ޙައިދަރަށް ހުންނަންޖެހުނީ ، އޭނާގެ ވިޔަފާރީގެ ކަންކަމުގައި އަވަދިނެތި އުޅެން ހަދައިގެން ، ކައިވެންޏަކާމެދު ވިސްނަން ވަގުތު ނުލިބިގެންނެވެ.

މެހެމަލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ، ޙައިދަރަށް ފޯނެއް އައެވެ. ފޯނުނެގުމަށްފަހު ނަންބަރަށް ބަލައިލައި ، އެއީ ފަހަރެއްގައި ދިލްނަޝީންގެ ފޯނެއްކަމަށް ވެދާނޭ ބުނެ ، ފޯނުނަގައި ދިލްނަޝީނަށް ގޮވައިލަމުން ، މެހެމަލްއާ ދުރަށް ޖެހިލިއެވެ. އަދި ، ގޭތެރޭގައި ވަރަށް ކަންތައް އެބަހުރިކަމަށް ބުނެ ، މެހެމަލްވެސް ގޭތެރެޔަށް ދިއުމަށް އިޝާރާތް ކުރިއެވެ.  ފޯނުން ވާހަކަ ދެއްކީ ފިރިހެނެކެވެ. އެމީހަކު އެގުޅީ ، އޯޑަރުކުރި ތަކެތި ތައްޔާރުވެފައިހުރިކަން ޙައިދަރަށް އަންގައިލުމަށެވެ. އެކަމާ ކަންބޮޑުނުވާށޭ ބުނެ ، ބައިގަޑިއެއްހައި އިރުތެރޭ އޭނާ ދާނެކަމަށް ބުނަމުން މެހެމަލްއާ ދުރަށް ޙައިދަރު ޖެހިލިއެވެ. އެހެންނަމަވެސް ، މެހެމަލް ދުރަށް ދިއުމާއެކު ، އެތަކެތިބަލައި ، މީހަކު އެބަދާކަމަށް ބުނަމުން ޙައިދަރު ، އޭނާގެ ފޯނު ބޭއްވިއެވެ.

 

މާމެލާމެލިން ފުރާފުރިހަމަވެފައިއޮތް ބަގީޗާއެއްފަދައިން ، މުޅިތަން ނަލަކޮށް ، ޒީނަތްތެރިކުރެވިފައިވާ ރީތި ކޮޓަރިއެއްގައި ، ދިލްނަޝީން އެކަނި އިށީނދެލައިގެން އިނެވެ. އެއްވެސްމީހަކު ފެންނަންނެތި ، ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމަށް ، ދިލްނަޝީން ނިންމިއެވެ. ދަބަހަށްލައި ފޮރުވާފައިއޮތް ފޯނުނަގައި ޙަމްޒާއާ ގުޅިއެވެ. ޙަމްޒާ އޮތީ ، އެނދުހުރަހަށް އެނދުމައްޗަށް ވެއްޓިފައެވެ. ފޯނެއް އައުމާއެކު ، ޗޮކެއްކަނޑައި ބަލައިލިއިރު އެއީ ދިލްނަޝީނެވެ. އެހިސާބުން ޙަމްޒާގެ ލޯ ހުޅުވުނެވެ. އަދި ، ފޯނުނަގައި ދިލްނަޝީނަށް ގޮވައިލިއެވެ.

ދިލްނަޝީން މާނޭވާއެއްލިއެވެ. އަދި ، މަޑުއަޑަކުން ބުނެލިއެވެ. " ޙަމްޒާވެސް އަހަރެންގެ ބޭނުންހިފާފައި ، އެހެންމީހުން ހަދާހެން  ދޫކޮށްލީ ދޯއެވެ. "

އާދޭސް ކޮށްކޮށްފައި ޙަމްޒާ ދެއްކި އެއްވެސް ވާހަކައެއްގެ އަޑު ، އެއްވެސްމީހަކު ނޭހިކަމަށް ޙަމްޒާ ބުންޏެވެ. ދިލްނަޝީނަށް ވީ ވަޢުދު ، ޙަމްޒާއަކަށް ނުފުއްދުނެވެ. އެކަމާ ކަންބޮޑުވެގެން ، ދިލްނަޝީނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ ؟ އެއީ ، ދިލްނަޝީނަށް މައްސަލައެއްނޫނެވެ. ވާންނެތްކަމެއް ނުވާނެއެވެ. ވާންހުރިކަމެއްވިއްޔާ ، އެކަމެއް ވާނެއެވެ.

" އަހަރެން މިފޮނުވަނީ ، ޙައިދަރުގެ އަނބިމީހާގެ ފޮޓޯއެވެ. އެކުއްޖާ ހެނދުންއަޅުވައި ، ތައްޔާރުކުރެވިފައިވަނީ ، ޙަމްޒާވެސް ޙަމްޒާގެ އަނބިމީހާ ތައްޔާރުކުރަން ބޭނުންވާނެ ގޮތަށެވެ. އެފޮޓޯތަކަށް ބަލައިލާފައި އޭނާ ރީތިއްޔާ ރީތިވާހަކަ އަދި ހުތުރިއްޔާ ހުތުރު ވާހަކަ ، ޙަމްޒާއަށް ފެންނަގޮތަކަށް ބުނެލަދޭށެވެ ! " ހިނިތުންވެލަމުން ، ދިލްނަޝީން ބުންޏެވެ.

އެއިން އެއްވެސް ފޮޓޯއެއް އޭނާއަށް ނުފޮނުވުމަށް ، ޙަމްޒާ އެދުނެވެ. އެހެނަސް ، ދިލްނަޝީން އޭނާގެގޮތް ދުލެއް ނުކުރިއެވެ. އޭނާއަށް އެފޮޓޯތައް ނުފޮނުވަން އާދޭސް ކޮށްކޮށް އޮއްވައި ، އެފޮޓޯތައް ދިލްނަޝީން ، ޙަމްޒާއަށް ފޮނުވިއެވެ. ގާތްމީހަކު ނިޔާވެއްޖެ ނަމަ ނިޔާވިމީހާގެ ޖަނާޒާގައި ބައިވެރިވެ ، ވަޅުލުމާ ހަމަޔަށް ، އެމީހަކާއެކީ ވުމަކީ ،  ކުރަންޖެހޭނެކަމެއްކަމަށް މީހުން ބުނެއުޅޭ ނޫންހޭ ބުނަމުން ، ދިލްނަޝީން ޙަމްޒާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެ ފޮޓޯތަކުން ފެންނާނީ ، ދިލްނަޝީންގެ ޖަނާޒާއެވެ. އެއީ ، ޙަމްޒާވެސް ކޮންމެހެން ބައިވެރިވާންޖެހޭނެ ކަމެކެވެ. އެއީ ، ދުނިޔެމަތިން ޙަމްޒާއާ ، ދިލްނަޝީން ވަކިވާ ހިނދުކޮޅެވެ. ހިނިތުންވެލައިގެންއިނދެ ، ދިލްނަޝީން ނަގާފައިވާ ފޮޓޯތައް ލިބުނުލިބުނުހެން ، ނުބަލަން ހުރެފައިވެސް ، ޙަމްޒާއަށް ބަލަމުން ގެންދެވުނެވެ. ހިތަށް ތަދުވެ ، ލިބެމުންދާ ތަކުލީފުތަކުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް އޮހެމުންދިޔައިރުވެސް ، އެފޮޓޯތައް ބެލުން ، ޙަމްޒާއަކަށް ހުއްޓައެއް ނުލެވުނެވެ.

ފޮޓޯތައް ފޮނުވައިލުމަށްފަހު ، ކައިރީގައިހުރި ޑަސްބިންއަށް ، ދިލްނަޝީންގެ އަތުގައިއޮތް ފޯނު ވައްޓައިލިއެވެ. އެއީ ، ދިލްނަޝީނަށް ޙަމްޒާދިން ފޯނެވެ. އެފޯނުގެ ޖަނާޒާވެސް ނިމި ވަޅުލެވުނީއެވެ. އެފޯނުގެ ބޭނުން ، ދުނިޔެއަށް ކެނޑުނީއެވެ. އެފޯނަކުން ދެން ، ދިލްނަޝީނަކަށް ފޯނެއް ނުކުރެވޭނެއެވެ. ޑަސްބިންއަށް ފޯނުވައްޓައިލުމަށްފަހު ، ކައިރީހުރި ގޮނޑިޔަށް ދިލްނަޝީން ފެތުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކެއް އޭނާއަކަށް މައިތިރިއެއް ނުކުރެވުނެވެ.

 

އެއްވެފައި އޮތް މެހެމާނުންގެ ތެރެއިންލާފައި ، އެންގޭޖްވާ ދެމީހުންނަށް ޚާއްޞަކުރެވިފައިވާ ތަނަށް ، ދިލްނަޝީން ގެންދެވުނެވެ. އެއްފަރާތުގައިހުރީ ސާރާއެވެ. އަނެއްފަރާތުގައިހުރީ ޢާފިޔާއެވެ. އެންމެންގެ ކަޅި ، ދިލްނަޝީންގެ މޫނަށް ހުއްޓިގެންދިޔައެވެ. އެއްބަޔަކު ، ދިލްނަޝީންގެ ރީތިކަމާއި ނަލަކަމުން އާގަމަވެފައި ތިބިއިރު ، އަނެއްބަޔެއްގެ އަނގަ ތަންމިނަށް ހުޅުވި ، ޙައިރާންވެފައި ތިއްބެވެ. އެއްބަޔަކު ، ވައިއަޑުން ވާހަކަ ދައްކައެވެ. އެއީ ، ސާރާމެންގޭގައި އޮތްޕާޓީގައި ، ތަޅު ނުހުޅުވިގެން  ކޮޓަރިއެއްގެ ތެރޭގައި ތާށިވެފައި ތިއްބާ ، ޙައިދަރާއެކު ނެރުނު ކުއްޖާކަމަށްވެސް ބައެއްމީހުން ބުނެއުޅުނެވެ. ސާރާގެ މައިދައިތައަށްވެސް ، އެތަން ފެނުނުކަމަށް ބުނިއަޑުވެސް އިވުނެވެ. ކޮންމެ ސަބަބެއް ދިމާވެގެން ނަމަވެސް ، ބަންދު ކޮޓަރިއެއްގައި ފިރިހެނަކާއި އަންހެނަކު ތިބޭއިރު ، ހީވެސް ނުކުރާކަހަލަ ކަންކަން ވާނެއެވެ. މިއަދު އެފެންނަނީ އޭގެ ނަތީޖާކަމަށްވެސް ވެދާނެއެވެ. އެއްވެސް މީހަކަށް އަންގައިނުލާ ، އެދެމީހުން އެކަން އެ ނިންމައިލީއެވެ. އެކަން އެއްވެސްމީހަކަށް ފާހަގަ ނުކުރެވުނީކަމަށްވެސް ވެދާނެއެވެ. އެހެނަސް ، އެދެމީހުން ، އެއޮތީ އެ ލިބުނު ފުރުސަތުގެ ބޭނުން ، އެންމެ ފުރިހަމަޔަށް ހިފާފައެވެ. އަނީސާމެންގެވެސް ބޯ ބޮޑީއެވެ. އެކުއްޖާ އެތަނުން ނެރުނުއިރު ، އަނީސާވެސް އެތާ ހުށްޓެވެ. އެއަޑުތައް އިވޭހިސާބުގައި ، މެހެމަލް ހުއްޓިލައިގެން ހުރިއިރު ، އެވާހަކަތަކަށް އޭނާއަށް ސަމާލުކަން ދެވުނެވެ. މެހެމަލްގެ އަތްދަށުން ، ޙައިދަރު ދޫވެގެން ދިޔަތާ ދުވަސްކޮޅެއްވެއްޖެކަމުގެ އިޙްސާސް ، މެހެމަލްއަށް ކުރެވުނެވެ. އެއިންކަމެއްގެ ހިލަމެއްވެސް އޭނާއަކަށް ނުވެއެވެ. ޙައިދަރަށް އެއްވެސް ބަދަލެއް އައިކަމުގެ އިޙްސާސެއްވެސް ، މެހެމަލްއަކަށް ނުކުރެވެއެވެ.

އެހުރިހާ ވާހަކަތަކަކާއެކުވެސް ، އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއްގެ އަޑުތައްވެސް އެތަނުގައި ގުގުމާފައި އޮތެވެ. ދިލްނަޝީންގެ ރީތިކަމުގެ ވާހަކައެވެ. އެންމެފަހުން ، ކުލްސޫމް އޭނާގެ ޅީދަރިޔަކަށް އެހޯދީ ، އެސަހަރުން ނުފެންނާނެފަދަ ، ނަލަ ޕަރީއެއްކަމުގެ ވާހަކައެވެ. ދިލްނަޝީންގެ ލޫޅާފަތިކަމާއި ، ހެދިހުރި ހަށިގަނޑުގެ ފުރިހަމަކަމާ އަދި އެހެން އަންހެންކުއްޖަކާ އަޅުވައި ނުކިޔޭނެ ރީތީގެ ރާނީއެއްކަމުގެ ވާހަކަތަކެވެ. އެވާހަކަތަކުގެއަޑު އިވުނުއިވުނުހެން ، މެހެމަލްގެ ހިތުގެ ތެޅުން ގަދަވަމުން ދިޔައެވެ.

ދިލްނަޝީންގެ އިނގިލީގައި ، ޙައިދަރުގެ އަތުގައި އޮތް އަނގޮޓި އަޅުވައިދިނެވެ. އަގުބޮޑު ، ކުދިބޮޑު ޑައިމަންޑްތަކާއި ޖަވާހިރުން އަތްކަންކުރެވިފައިވާ ، ރަނުގެ އަގުހުރި އަނގޮޓިއެކެވެ.

" ޔާރައްބީއެވެ ! މިއަޅާގެ ހިތް އެމީހަކާ ބައްދަލުނުވާ މީހަކާ ބައްދަލުވުމަށް ، މިއަޅާގެ އިނގިލިތަކުގެ ނާރުތައް އެތުރުއްވެވީ ކޮންފަދަޔަކުން ތޯއެވެ ؟ " ދިލްނަޝީންގެ ހިތަށް އެރިއެވެ.

ގަދަކަމުން ހިނިތުންވެލައިގެން އިނދެ ، ދިލްނަޝީންވެސް ،  އޭނާގެ އަތަށް ޢާފިޔާ ދިއްކޮށްލި އަނގޮޓި ، ޙައިދަރުގެ އިނގިލީގައި އެޅުވިއެވެ. އެއީ ވަރަށް އާދައިގެ ، އެހެނަސް ރަން އަނގޮޓިއެކެވެ. އެއްވެސް އެހެއްޖަހާފައި ނެތް ، ރީތި ނަލަ ބޭންޑެކެވެ.

އަނގޮޓި އެޅުވިގެންދިޔައިރު ، އެތަނަށް އެއްވެފައިތިބި އެންމެންގެ މޫނުމަތިންވެސް  ފެންނަމުންދިޔައީ ، ހިނިތުންވުމާއި އުފާވެރިކަމެވެ. އެހެންނަމަވެސް ، ދިލްނަޝީނާއި ޙައިދަރުގެ މޫނުމަތިން ، އެންމެ ފަހަރަކުވެސް ، އެވަގުތަށް އެމީހުންނަށް އިޙްސާސް ކުރެވެންޖެހޭނެ ހިތަގައިމުކަމުގެ އެއްވެސް ނިޝާނެއް ފާޅެއް ނުވެއެވެ. ދެމީހުންގެ މޫނުމަތިންވެސް ހިނިތުންވުމެއް ނުފެނެއެވެ. ފޮރުވިފައި އޮތް ކަންބޮޑުވުމާއި ، ނަފުސަށް ލިބިފައިވާ ތަކުލީފުތަކުގެ ވިހަ ތީރުތައް ދެމީހުންގެ ހިތަށްވެސް ހެރެމުން ދާކަން ، އިޙްސާސް ކުރެވޭނީ ، ހަމައެކަނި އެދެމީހުންނަށެވެ. ޙައިދަރުގެ ލޮލަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންހުރި މެހެމަލް އަށް ، ޙައިދަރުގެ ލޮލުން އެކަންކަން ފާޅުވާކަން އެނގުނެވެ. ދިލްނަޝީންގެ މޫނުމަތީގައިވެސް އުފާވެރިކަމުގެ ކަންފުޅެއްވެސް ނެތްކަން ، މެހެމަލްއަށް އެނގެއެވެ. ނޭނގޭ ކޮންމެވެސް ސިއްރުތަކެއް ، އެދެމީހުން ، ދުނިޔެއަށް އެބަ ސިއްރު ކުރެއެވެ. އެ ސިއްރުތައް ، މެހެމަލް އަދި ހޯދާނެއެވެ. ޙައިދަރާ ކުރަންވެފައިހުރި އެތައް ސުއާލެއް ، މެހެމަލް މިހާރުވެސް އެގެންދަނީ އޭނާގެ ހިތުގައި ލިޔަމުންނެވެ. އެހާ ފަސޭހައިން ، މެހެމަލްގެ ލޯބި ޙައިދަރުގެ ހިތުން ފުހެވިގެންނެއް ނުދާނެއެވެ. އެއަށްވުރެ ބޮޑަށް ޙައިދަރުހުރީ ، މެހެމަލްއަށްޓަކައި ދީވާނާ ވެފައެވެ. ޙައިދަރު އެއްބަސް ނުވިނަމަވެސް ، އެހާ ގިނަދުވަސްވަންދެން ، މީހަކާ ނުއިނދެ ޙައިދަރު އެހުރީ ، އޭނާގެ ހިތުގައި މެހެމަލްގެ މައްޗަށް އުފެދިފައި އޮތް ލޯބީގެ ފުންކަމުންނެވެ. އެހުރިހާ ކަމެއްވެ ނިމިދާއިރު ، އިރުއިރުކޮޅުން ، މެހެމަލްއާ ދިމާލަށް ޙައިދަރަށް ބަލައިލެވޭކަން ، މެހެމަލް ފާހަގަ ކުރިއެވެ. ޙައިދަރުގެ ހިތުން މެހެމަލްގެ ލޯބި ، ފުހެވިގެންދިޔަނަމަ ، އިރުއިރުކޮޅުން ، މެހެމަލްއާ ދިމާލަށް ބަލައިލުމަށް ޙައިދަރުގެ ހިތް އޭނާއަކަށް މަޖުބޫރެއް ނުކުރީހެވެ.

މެހެމަލްގެ އުއްމީދުތަކަށް އަދި ، ނިމުމެއް ނާދެއެވެ. އެ އުއްމީދުތަކުގައި މާބޮޑު ދިރުމެއް ނެތަސް ، އޭނާއަތުން ޙައިދަރު ޖަހައިގަނެގެން ، އެއްވެސް މީހަކަށް ނުގެންދެވޭނެއެވެ. އޭނާގެ ލޯބީގައި ކަސްތަޅުއަޅުވައިގެން އަދިވެސް ، ޙައިދަރު ގެންގުޅެވިދާނެއެވެ. އެކަމަކު ، މިއަދު އެކަމަށް އެއެޅުނީ ވަރަށްބޮޑު ހުރަހެކެވެ. އެ ހުރަސް އެއީ އޭނާއަށް އެއްވެސް ހިލަމެއްވެސް ނެތި އައި ހުރަހެކެވެ. އެގެޔަށް އައުމަށް ގެއިން ނުކުތުމުގެ ކުރިން ، ޙައިދަރުގެ އެންގޭޖްމަންޓްގެ ޚަބަރު ، އެއްވެސްމީހެއްގެ ފަރާތުން މެހެމަލްއަށް ލިބިފައެއް ނެތެވެ. އެތަނުގައި ހުންނަން މެހެމަލްއަށް އުނދަގޫވާން ފެށުމާއެކު ، އެތަނުން ނުކުމެގެން ދާން މެހެމަލް ނިންމިއެވެ. ޙައިދަރާދިމާލަށް ، ފުންނަޒަރަކުން ބަލައިލުމަށްފަހު ، ބޭރަށް ނުކުންނަންހުރި ދޮރާދިމާލަށް މެހެމަލް ހިނގައިގަތެވެ. މެހެމަލް ނުކުމެގެންދިޔަތަން ބަލަން ކަޅިޖަހައިނުލާ ، ޙައިދަރަށް އެހުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

މެހެމަލްއަކީ މީހެއްގެ އަނތްބެކެވެ. އެތައް އާދޭހެއް ކޮށްކޮށް އޮއްވައި ، ޙައިދަރާ ވަކިވިތާ އެތައްދުވަހެއް ވެއްޖެއެވެ. މިއަދު ، ޙައިދަރަކީ ، ކައިވެންޏަކަށް އެންގޭޖްވެފައިހުރި މީހެކެވެ. އެ އެންގޭޖްމަންޓާއެކީ ، މެހެމަލްއާމެދު ޙައިދަރުގެ ހިތުގައި އޮތް އެއްޗެއް ކަފުންވެގެން އެދިޔައީއެވެ. މެހެމަލްއަކީ ، އޭނާގެ ޙަޔާތުންނާއި ހިތުން ބޭރުކުރެވިފައިހުރި މީހެކެވެ. އެހެނަސް ، ނޭނގޭ އަަދި އޭނާގެ ކޮންޓްރޯލްގައި ނެތް އިޙްސާސްތަކެއް ، ޙައިދަރުގެ ހިތުގައި އަދިވެސް އެބަ ހުށްޓެވެ. އެކަން އެއްވެސް މީހަކަށް އަންގާކަށް ޙައިދަރު ބޭނުމެއްނޫނެވެ. އެހެނަސް ، އެ އިޙްސާސްތައް ނުފިލާ ، އޭނާގެ ހިތުގައި ހުރެއްޖެނަމަ ، އެއީ ކޮންމެވެސް އެއްދުވަހަކުން ، ބޭރުވާނެ އެއްޗެކެވެ.

 

އެނދުމަތީ އެތައްއިރަކު ރޯން އޮތުމަށްފަހު ، ޙަމްޒާ ގޭތެރެޔަށް ނުކުތެވެ. ޞާދިޤް އަމީނާއި ބުޝްރާ ، ސިޓީންގރޫމުގައި އިށީނދެލައިގެން ތިއްބެވެ. ޙަމްޒާ ފެނުމާއެކު ، އޭނާއަށް ގޮވާލައި ، އެމީހުންގާތަށް އައުމަށް ބުންޏެވެ. ޙަމްޒާ އައިސް އޭނާގެ ބައްޕަގާތު ، އުޑުފައިން އިށީނެވެ. ޙަމްޒާގެ ލޮލުން ފައިބާފައިހުރި ކަރުނައިގެ އަސަރު އޭރުވެސް ނުފިލާ ހުށްޓެވެ.

" ބައްޕާއެވެ ! އާދޭސްކޮށްފައި ބުނަމެވެ. ދިލްނަޝީންގެ އެންގޭޖްމަންޓް މިއަދު ނިމިއްޖެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. އެ ކައިވެނި ހުއްޓުވޭނެ ކޮންމެވެސް ގޮތެއް ހޯދައިދޭށެވެ ! ދިލްނަޝީނާ ނުލައި އަހަރެންގެ ފުރާނައެއް މިހަށިގަނޑުގައި ނުހިނގާނެއެވެ. އަހަރެންނަށް ދިރިދުނިޔޭގައި އުޅެވޭނެމަގެއް ދެއްކުމަކީ ، ބައްޕަމެންގެ ވާޖިބެކެވެ. " ޙަމްޒާ ބުންޏެވެ.

ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް ބުނެ ، ކެތްތެރިވުމަށް ، ޙަމްޒާއަށް ބުޝްރާ ނަސޭޙަތްތެރި ވިއެވެ. އެކަންކަން ހަމަޔަކަށް އެޅެން ކުޑަވަގުތުކޮޅެއް ނަގާނެއެވެ. ޙަމްޒާއަށްވެސް އެކަންތައްގަނޑުން ، މާލަހެއްނުވެ ނުކުމެވޭނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.