ޤައުމީ މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން ށ. ފުނަދޫގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ދުވަސް ފާހަގަކުރުމަށް މާމަ ކާފައިންނަށް ޚާއްސަ ހަވީރު ސަޔަކާއި އާއިލީ ހަވީރެއް ވަނީ ބާއްވާފައެވެ.
ޕެންޝަން އޮފީހާއި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން އޮގަސްޓް 29 ވަނަ ދުވަހު ށ. ފުނަދޫ ރިސޯސް ސެންޓަރުގައި ބޭއްވި "މާމަ ކާފައިންނާއެކު ހަވީރު ސައި" އިވެންޓް ޚާއްސަ ވެގެންދިޔައީ އުފާވެރި މާޙައުލެއްގައި މާމަ ކާފައިންނާ ބައްދަލުކޮށް އެ ފަރާތްތަކަށް ބޭނުންތެރި ބައެއް މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ.
މި އިވެންޓުގެ ތެރެއިން ޕެންޝަން އޮފީހުގެ ޚިދުމަތްތައް ފަސޭހައިން ހޯދާނެ ގޮތްތަކާ ބެހޭ މުހިންމު މައުލޫމާތުތަކާއި، އިސްރަށްވެހިންނާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން މާމަ ކާފަ ދުވަހާއި ގުޅުވާ އޮގަސްޓް 30 ވަނަ ދުވަހު ށ. ފުނަދޫ ލައިސެންސް ޓްރެކްގައި އާއިލީ ހަވީރެއް ކުރިއަށް ގެންގޮސްފައިވާއިރު، މާމަ ކާފައިންނާ އެކު އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ލިބިގެން ދިޔަކަން ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ.
މި އާއިލީ ހަވީރުގައި އެކި މުއައްސަސާތަކުން ވަނީ ހުރިހާ އުމުރުފުރައެއްގެ މިހުންނާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
މީގެތެރޭގައި މާމަކާފައިންނާއި، މާމަކާފަކުދިންގެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކެއްވެސް ހިމެނެއެވެ.
ގައުމީ މާމަކާފައިންގެ ދުވަހަކީ ސެޕްޓެންބަރު 1 ވަނަ ދުވަހެވެ. މާމަކާފައިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މާމަކާފައިން ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މާމަކާފައިންނާއި މާމަ ކާފަ ދަރިންނާއެކު އޮންނަ ގުޅުން ބަދަހިކުރުމެވެ.
ށ. ފުނަދޫގައި މިދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދެވުނު ހަރަކާތްތަކަކީ އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޕެންޝަން އޮފީހުގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް، ށ. އަތޮޅު ކައުންސިލް، ށ. ފުނަދޫ ކައުންސިލް އަދި ށ. ފުނަދޫގައި ހަރަކާތްތެރިވާ އެކި އޮފީސްތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.