ރަޝިއާއިން ، ތިންވަނަ ބޮޑުހަނގުރާމައިގެ އިންޒާރުދީފި

ރަޝިއާއިން އެމެރިކާއަށް : " ބޭހާއި ނުކުޅޭތިބަޑި ، ނޭނގިހުއްޓާ އަނދައިދާނޭ ، ގޭމަކޮޔާ ފިހިދާނޭ "

ހުޅަނގުން މަސައްކަތް ކުރަމުންގެންދަނީ ، ހަމަނުޖެހުމެއްގެ ތެރެޔަށް ދުނިޔެ ގެންދިއުމަށްކަމަށް ވިދާޅުވެ ، ތިންވަނަ ބޮޑުހަނގުރާމައެއްގެ އިންޒާރު ، ރަޝިއާގެ ޚާރިޖީ ވަޒީރު ، ސަރްގޭ ލަވްރޯފް ، އެމެރިކާއަށް ދެއްވައިފިއެވެ. ލަވްރޯފް ، އެމެރިކާއަށް އިންޒާރު ދެއްވީ ، ރަޝިއާގެ އެތެރޭގެ ސަރަޙައްދުތަކަށް ޙަމަލާދެވޭވަރުގެ ހަތިޔާރު ދިނުމަށް ، ޔުކްރޭނުން އެމެރިކާގައި އެދިފައިވާ ދަނޑިވަޅެއްގައެވެ. މޮސްކޯގައި ، މިދިޔަ އަންގާރަދުވަހު ވާހަކަ ދައްކަވަމުން ، ލަވްރޯފް ވިދާޅުވީ ، އެމެރިކާއިން އެކުޅެނީ އަލިފާނާ ކަމުގައެވެ.

އއެމެރިކާއިން މިހާރުވެސް ބަނީ ، ދުރުރާސްތާގެ މިސައިލް  ، ޔުކްރޭނަށް ދީފައެވެ. އެމެރިކާއިން ދުރުރާސްތާގެ މިސައިލް ، ޔުކްރޭނަށް ދިނީ ، ޔުކްރޭނުގެ ބިމުން ދުރުރާސްތާގެ މިސައިލް ބޭނުންކުރަންވާނީ ، ރަޝިއާގެ ސަރަޙައްދުން ، ޔުކްރޭނަށްދޭ ޙަމަލާތައް ދިފާޢުކުރުމަށް އެކަނިކަމުގައި ޝަރުތު ކޮށްފައެވެ. އެހެންނަމަވެސް ، ޔުކްރޭނުން ގެންދަނީ ، ރަޝިއާގެ އެތެރޭގެ ސަރަޙައްދުތަކަށް ޙަމަލާދިނުމަށް ، ދުރުރާސްތާގެ މިސައިލް ބޭނުންކުރަން ހުއްދަ ދިނުމަށް ، ހުޅަނގުގެ ޤައުމުތަކުގައި ތަކުރާރުކޮށް އެދެމުންނެވެ. ޔުކްރޭނުން މިހާރުވަނީ ،  ރަޝިއާއާ ދެކޮޅަށް ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފައެވެ. ފުރަތަމަ ޓެސްޓް ބުރަކަށް ރަޝިއާއަށް ފޮނުވި ބެލިސްޓިކް މިސައިލް ކާމިޔާބު ކަމަށް ޔުކްރޭނުން ބުނެއެވެ. އެހެނަސް ، ބެލިސްޓިކް މިސައިލުން ރަޝިއާއަށް ޙަމަލާދިނުމުގެ ހުއްދަ ނުދިނުމަށް ، ރަޝިއާއިން އަންނަނީ ހުޅަނގަށް ގޮވައިލަމުންނެވެ. އެމެރިކާގެ ސިޔާސީ މަސްރަޙުގައި މިކަމާބެހޭގޮތުން މަޝްވަރާކުރެވި ، އެކަމަށް ހުއްދަދިނުމަށް ނިންމަމުންދާކަމުގެ މަޢުލޫމާތު ، ރަޝިއާއަށްވަނީ ލިބިފައެވެ. ތިންވަނަ ބޮޑުހަނގުރާމައިގެ އިންޒާރު ، ރަޝިއާއިން އެމެރިކާއަށްދިނީ ، މިކަމަށް އިޝާރާތް ކުރަމުންނެވެ. ރަޝިއާގެ ޚާރިޖީ  ވަޒީރު ލަވްރޯފް ވިދާޅުވީ ، އެމެރިކާއިން އެގެންދަނީ އަލިފާނާ ކުޅެމުން ކަމުގައެވެ. އެކަން ކޮށްފިނަމަ ، ނޭނގިހުއްޓާ އަނދައިދާނެކަމަށް ލަވްރޯފް ވިދާޅުވިއެވެ. " ބޭހާއި ނުކުޅޭތިބަޑި ، ނޭނގިހުއްޓާ އަނދައިދާނޭ ، ގޭމަކޮޔާ ފިހިދާނޭ "

ތިންވަނަ ބޮޑުހަނގުރާމައެއް ފެށިއްޖެނަމަ ، އެކަމުގެ ގެއްލުން ލިބޭނީ ހަމައެކަނި ރަޝިއާއަށް ނޫންކަމަށާޢި ޔޫރަޕާއި އެމެރިކާއަށްވެސް އެކަމުގެ ގެއްލުން ލިބޭނެކަމަށް ލަވްރޯފް ވިދާޅުވިއެވެ. ރަޝިއާއަކީ ، ހުޅަނގާ ކުޅެލެވޭވަރަށްވުރެ . އަޝްކަރީގޮތުން ބާރުގަދަ ޤައުމެކެވެ.

ރަޝިއާއިން ތިންވަނަ ބޮޑުހަނގުރާމަ ފަށައިފިނަމަ ....

ރަޝިއާއަކީ ، ދުނިޔޭގެ އެންމެ ބޮޑު ޤައުމެވެ. ދުނިޔޭގެ ބިމުގެ އެގާރަ އިންސައްތައަކީ ރަޝިއާގެ ބިމުގެ ސަރަޙައްދެވެ. ދެވަނަޔަށް އެންމެ ބޮޑު ޤައުމަކީ ކެނެޑާއެވެ. ތިންވަނަޔަށް ޗައިނާއެވެ. ބިމުގެ ސަރަޙައްދުގެ ބޮޑުމިނަށް ބަލާއިރު އެމެރިކާ އަންނަނީ ހަތަރުވަނަޔަށެވެ. ރަޝިއާއިން މިހާރުވެސްވަނީ ، އެޤައުމުގެ ސަރަޙައްދެއްކަމަށް ނިންމައި ، ޔުކްރޭނުގެ ބާރުގެ ދަށުގައި އިރުމަތީގައިއޮތް ކްރަމިއާ ހިފާފައެވެ. އަދި ކްރަމިއާގައި ، ޔުކްރޭނުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ޖަމާޢަތްތަކަށް ރަޝިއާއިން އަންނަނީ ވާގިވެރި ވަމުންނެވެ.

ޔުކްރޭނުން ނޭޓޯއާ ގުޅޭކަށް ރަޝިއާ ބޭނުމެއްނޫނެވެ. އިރުމަތީ ޔޫރަޕަށް ނޭޓޯ ފުޅާވެގެންދާކަށް ރަޝިއާ ބޭނުމެއް ނުވެއެވެ. އެއީ ރަޝިއާގެ ޤައުމީ ސަލާމަތާގުޅޭކަމެއްކަމަށް ނިންމައި ، ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަފެށީ ، ނޭޓޯގައި ބައިވެރިވުމުގެ ޝަޢުޤްވެރިކަން ފާޅުކޮށް ޔުކްރޭނުން ، ރަސްމީގޮތުން ، ނޭޓޯގައި އެދުމުންނެވެ. ޔުކްރޭން ނޭޓޯގައި ބައިވެރިކުރުމާމެދު ، ނޭޓޯއިން އަދި ވަކިގޮތެއް ނުނިންމައެވެ. ހުޅަނގާއި އެމެރިކާގެ ކިބައިން ޔުކްރޭން ސަލާމަތްކުރުމަކީ ، މޮސްކޯއަށް ވަރަށް މުހިންމު ކަމެކެވެ. އެއީ ނޭޓޯގެ ބާރު ޔުކްރޭނާހަމަޔަށް އަތުވެއްޖެނަމަ ، ރަޝިއާގެ ސަރަޙައްދާ އިންވެގެން ، ނޭޓޯގެ ޤައުމެއް އޮތުމުން ، ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވާނެތީއެވެ. ރަޝިއާގެ މައްޗަށް ނުފުޒާއި ބާރު ފޯރުވުމުގެ މަގު ، ނޭޓޯއާއި ހުޅަނގުގެ ޤައުމުތަކަށް ތަނަވަސްވެގެން ދާނެއެވެ.

ނޭޓޯއަކީ ތިރީސް ޤައުމެއްގެ މައްޗަށް ހިމެނޭ ޖަމާޢަތެކެވެ. އެމެރިކާއާއި އިނގިރޭސި ވިލާތް އަދި ކެނެޑާއާއި ނެދަރލޭންޑަކީ ނޭޓޯގެ މުހިންމު ޤައުމުތަކެވެ. އެ ޖަމާޢަތުގެ އެންމެ ބޮޑު މަޤްޞަދަކީ ، އެޖަމާޢަތުގެ އެއްވެސް ޤައުމަކަށް ، ބޭރުގެ ބާރަކުން އަރައި އެ ޤައުމެއް ހިފުމަށް ފުރުޞަތު ނުދިނުމެވެ. ޔުކްރޭނުން ނޭޓޯގައި ބައިވެރިވާން ބޭނުންވުމުގެ އެންމެ ބޮޑު ސިއްރަކީ އެއީއެވެ. ޔުކްރޭނާ އިންވެގެން އޮންނަ ރަޝިއާއިން ، ޔުކްރޭން ހިފުމުގެ ދޮރު ބަންދު ކުރުމެވެ. ޔުކްރޭނާއި ރަޝިއާއަކީ ، އެތައް ޒަމާނަކުއްސުރެ ، ކޯޅެމުން އަންނަ ދެޤައުމެވެ. ރަޝިއާގެ އެއްވެސް ނުފޫޒެއް ، ޔުކްރޭނުގެ މައްޗަށް އޮންނާކަށް ޔުކްރޭނުން ބޭނުމެއް ނުވެއެވެ. އެހެނަސް ، ރަޝިއާގެ ޤައުމީ ސަލާމަތަށްޓަކައި ، ރަޝިއާގެ ނުފޫޒު ޔުކްރޭނުގެ މައްޗަށް އޮތުމަކީ ، ރަޝިއާއިން ބޭނުންވާ ކަމެކެވެ. ހުޅަނގާއި ނޭޓޯގެ ބާރާއި ނުފޫޒު ، ޔުކްރޭނުގެ މައްޗަށް އޮތުމަކީ ނޭޓޯގެވެސް އެދުމެކެވެ. އެއީ ، ރަޝިއާއިން ބޭނުންހައި ގޮތެއް ހަދަން ދޫކޮށްލާކަށް ނޭޓޯވެސް ބޭނުމެއް ނޫނެވެ. އިޒްރޭލަކީ ، އެމެރިކާއާއި އިނގިރޭސިވިލާތުގެ ނަހަލާލު ދަރިއެކެވެ. ޔުކްރޭނަކީ ، ޔަހޫދީ އާބާދީއެއް އޮންނަ ޤައުމެކެވެ. އެހެންކަމުން އެމެރިކާއާއި އިނގިރޭސިވިލާތުން ، ޔުކްރޭނު ދިފާޢުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއްވެސް ކުރާނެއެވެ.

މިޙާލަތުގައި ، ރަޝިއާއިން އެބައިމީހުންގެ އަމިއްލަގޮތްތަކެއް އިޚްތިޔާރުކުރަން މަޖުބޫރު ވެއެވެ. ނޭޓޯފަދަ އެހެން ޖަމާޢަތެއްގައި ރަޝިއާއިން ބައިވެރިވެ ، އިސްދައުރެއް އަދާކުރެއެވެ. އެއީ ކުރީގެ ރޫސީވިލާތަށް ނިސްބަތްވާ ހަ ޤައުމެއް ބައިވެރިވެ " ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޮގަނައިޒޭޝަން " ގެ ނަމުގައި އުފައްދާފައި އޮންނަ ނޭޓޯފަދަ ޖަމާޢަތެކެވެ.

ހުޅަނގުގެ މަކަރާއި ޙީލަތްތެރިކަމުން ، ފިނިހަނގުރާމައިގައި ރަޝިއާ ބަލިކޮށްފައި އޮތަސް ، ރަޝިއާއަކީ ، މިހާރުވެސް ދުނިޔޭގެ ބޮޑުބާރެކެވެ. ހުޅަނގުވެސް އަދި ނޭޓޯވެސް ޖެހިލުންވާ ބާރެކެވެ. ތިންވަނަ ބޮޑުހަނގުރާމައެއް ފެށުމުގެ ކުޅަދާނަކަން ރަޝިއާއަށް ލިބިގެން ނުވާކަމަށް ޤަބޫލުކުރުމަކީ ، ހުޅަނގުގެ ޤައުމުތަކުގެ މޮޔަވިސްނުމެކެވެ. ކިއުބާއަކީ ، މިހާރުވެސް ރަޝިއާއާ ގުޅުން އޮތް ، ހުޅަނގާދުރު ޤައުމެކެވެ. ތިންވަނަ ބޮޑުހަނގުރާމައެއްގައި ، ރަޝިއާގެ ހަނގުރާމަމަތީ ބާރުތައް ކިއުބާއަށްގޮސް ، ހުޅަނގާ ދިމާކޮށްލައިފިނަމަ ، އެއީ ، ހުޅަނގަށް މައިތިރި ކުރެވޭވަރަށްވުރެ ، އުނދަގޫ ކަންތައްތަކެއް އުފަންވެދާނެ ޙާލަތެކެވެ.

ރަޝިއާގެ ފުދުންތެރިކަމަށް ބަލާއިރު ، އެ ޤައުމުގެ ދިފާޢީ ބަޖެޓަކީ 2 ބިލިއަން ޑޮލަރެވެ. 3.5 މިލިއަން ސިފައިން އެބަތިއްބެވެ. އެއްލައްކަ ރަޝިއާސިފައިން ، އަބަދުވެސް ހަނގުރާމައިގެ ފުރަތަމަ ސަފުގައި ފައިހަރުކޮށް ކޮޅަށް ތިބެއެވެ. ހަނގުރާމަމަތީ ބޭނުންކުރާ 13 ހާސް ޓޭންކް އެބަހުއްޓެވެ. މިއީ ، ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ޓޭންކް ހުރި ޢަދަދެއްނޫނެވެ. ބަރުހަތިޔާރު އުފުލާ 27 ހާސް އުޅަނދު އެބަހުއްޓެވެ. އެއީ އެންމެ ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވިފައިވާ އުޅަނދު ތަކެކެވެ. ހަހާހަށްވުރެ ގިނައިން ، ނިއުކުލިއަރ ރޮކެޓް އެބަހުއްޓެވެ. އެ ރޮކެޓަކީ ، މަތިން ، މަތިންދާ ބޯޠުންނާއި އަޑިން ، ސަބްމެރިނުންވެސް ފޮނުވައިލެވޭވަރަށް ޒަމާނީ ކުރެވިފައިވާ އެއްޗެކެވެ.

ރަޝިއާއިން ތިންވަނަ ބޮޑުހަނގުރާމަ ފަށާނަމަ ، ފުރަތަމަވެސް ހަނގުރާމަފަށާނީ ވައިގެ މަގުންނެވެ. އިލެކްޓްރިސިޓީ ދުއްވައިލައި ، ބްރިޖްތަކާއި ރޭލްވޭ މަގުތައް ހަލާކު ކޮށްލާނެއެވެ. ޙަމަލާ އަމާޒުވާ ޤައުމެއްގެ އިޤްތިޞާދު އިނދަ ޖައްސައިލާނެއެވެ. އޭރު ، ހަނގުރާމައިގެ ކަނޑު އުޅަނދުފަހަރު އޮންނާނީ ތައްޔާރަށެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނެތްފަދަ ކަނޑުގެ ޒަމާނީ އުޅަނދުފަހަރު ، ރަޝިއާގައި އެބަހުއްޓެވެ. ރަޝިއާގެ ނިއުކުލިއަރ ސަބްމެރިންތައް ، އެއްވެސް ޤައުމެއްގެ އައްސޭރިފަށުގައި ރުކުރުވައިލައިފިނަމަ ، އެއީ ބިރުވެރި ކަމެކެވެ. އެހިސާބުން ، އެ ޤައުމެއްގެ ދުވަސް  އެދިޔައީއެވެ.

ރަޝިއާއިން ، ތިންވަނަ ބޮޑުހަނގުރާމަ ފަށާއިރު ، ޔުކްރޭނުން އެހަނގުރާމަ ފަށައިފިނަމަ ، ނޭޓޯއިން މަޑެއްކޮށެއް ނޯންނާނެއެވެ. ސީދާ ހަނގުރާމައިގެ ތެރެޔަށް ނުވަތްކަމަށްވިޔަސް ، ރަޝިއާއާ ދެކޮޅަށް އިޤްތިޞާދީ ، ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެއެވެ. އެހެނަސް ، ރަޝިއާއާއެކީވެސް ، ދުނިޔޭގެ އެހެން ޤައުމުތައް އެބަތިއްބެވެ.

ރަޝިއާއިން އިންޒާރުކުރާގޮތުގައި ، ރަޝިއާ ލައްވައި ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމަ ފެއްޓުމުގެ މަސައްކަތް ، އެމެރިކާއިން އެގެންދަނީ ، ޙީލަތްތެރިކަމާއެކުގައި ރާވަމުންނެވެ. ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމަ ފެށުމަށް ، ރަޝިއާއަށް މަޖުބޫރު ކުރުވާނީ އެމެރިކާއެވެ. ދުނިޔޭގެ ޤައުމުތަކުން ، އެކަން ޤަބޫލުކުރިޔަސް އަދި ނުކުރިޔަސް އެއީ ޙަޤީޤަތެވެ. އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މެޑެލް ޖަހަމުންދާ އެމެރިކާއިން އިޒްރޭލަށް ވާގިދީގެން ، ފަލަސްތީނުގެ ނަސްލު ނައްތައިލައި ، ފަލަސްތީނުގެ ބިން ފޭރިގަތުމަށް އިޒްރޭލުން ކުރަމުންގެންދާ އަނިޔާވެރި ހަނގުރާމައިގައިވެސް ، އިޒްރޭލުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދ އަށާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ އަޑުވަނީ ، އެމެރިކާގެ ނުފޫޒުން ކަނޑުވައިލާފައެވެ. އެމެރިކާގެ އެ ޢަމަލަށް ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ޗުއްޕުވެސް ނުބުނެއެވެ. އެމެރިކާގެ މަޤްޞަދަކީ ، ރަޝިއާ ލައްވައި ތިންވަނަ ބޮޑުހަނގުރާމަ ފަށްޓައި ، އެކަމުގެ ޒިންމާއިންރެކި ، ރަޝިއާގެ ބޮލުގައި ހުރިހާ އިލްޒާމެއް އެޅުވުމެވެ. އެފަދަ ޙާލަތެއްގައިވެސް ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ، އެމެރިކާއާ ދެކޮޅަކަށް އެއްޗެއް ނުބުނާނެއެވެ.

ހުޅަނގުންވާގިވެރިވެ ، ރަޝިއާގެ އެތެރެއަށް ، ޔުކްރޭނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްފިނަމަ ، ރަޝިއާއިންވެސް މަޑެއްކޮށް ނޯންނާނެއެވެ. ތިންވަނަ ބޮޑުހަނގުރާމަ ފެށުނަސް އަދި ނުފެށުނަސް ، ރަޝިއާގެ އިސްތިޤްލާލު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް ރަޝިއާއިން އަޅާނެއެވެ. ނިއުކުލިއަރ ހަތިޔާރުގައި އަތްލަންޖެހުނަސް ، އެފަދަ ޙާލަތެއްގައި ރަޝިއާއިން ފަހަކަށް ނުޖެހޭނެއެވެ.

ރަޝިއާގެ ކާރސްކް ސަރަޙައްދަށް ، މިމަހުގެ ހަވަނަ ދުވަހު ، ޔުކްރޭނުންވަނީ އަރާފަފައެވެ. ގިނަބަޔަކު ، ޤަބޫލުކުރާގޮތުގައި ، ޔުކްރޭނުން ، ރަޝިއާގެ އެ ސަރަޙައްދަށް ޙަމަލާދީ ، އެ ސަރަޙައްދު ހިފުންވެގެންދާނީ ، ތިންވަނަ ބޮޑުހަނގުރާމަ ފެށުމުގެ ސަބަބަށެވެ.  ރަޝިއާގެ ސަރަޙައްދަށް އަރައިގަތުމަށް ، ރަޝިއާއިން ޔުކްރޭނަކަށް ފުރުސަތެއް ނުދޭނެއެވެ. ޔުކްރޭނުން ރަޝިއާގެ ކަރސްކް ސަރަޙައްދަށް އަރައިގަތީ ، ޞުލްޙައިގެ ވާހަކަތައް ފެށުމަށް ، ރަޝިއާއަށް މަޖުބޫރު ކުރުވަން ވެގެންނެވެ. ހަނގުރާމައިގެ ބިރުވެރިކަން އުފެދި ، ޕުޓިންދެކެ ރަޝިއާގެ ރައްޔިތުން ރުޅިއައުމުން ، ހަނގުރާމައިގެ ޙާލަތު ބަދަލުކުރުމަށް ، ޕުޓިންއަށް މަޖުބޫރުވާނެކަމަށް ، ޔުކްރޭނުން ދެކެއެވެ. އެހެނަސް ، އެއީ ، ހެއްވާ އަދި މަޖާ ބައިކުޅޭމީހެއްގެ މޮޔަވިސްނުމުގައި އޮތް މޮޔަކަމެއްކަމުގައި ރަޝިއާއިން އަންނަނީ ބުނަމުންނެވެ. އަދި ކަރސްކުން ޔުކްރޭން ސިފައިން ބޭލުމަކީ ، ރަޝިއާއަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ދުނިޔޭގެ ތިންވަނަ  ބޮޑުހަނގުރާމަ ފަށަން މަޖުބޫރުވެއްޖެ ޙާލަތެއްގައި ، އެ ހަނގރުރާމަ ފެށުމުގެ ޤާބިލްކަން ރަޝިއާގެ ކިބާގައި އެބަހުށްޓެވެ. އަދި މަޖުބޫރީ ޙާލަތެއް ކުރިމަތިވެއްޖެނަމަ ، ރަޝިއާއިން އެ ހަނގުރާމަ ފަށާނެއެވެ. އަދި ޔޫރަޕާއެކު ނިއުކުލިއަރ ހަނގުރާމައެއް ފަށަން ޖެހިއްޖެނަމަ ، ރަޝިއާއިން އެކަންކުރުމަކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. ކޮންމެއަކަސް ، ތިންވަނަ ބޮޑުހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ، ރަޝިއާއިން އެއޮތީ އެމެރިކާއަށް ދީފައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.