( 25 އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( މިހާރު އެއޮތީ ވަގުތު ފާއިތުވެފައެވެ. ބޮޑުބޭބެ ދެއްކި މަހުޖަނަކާ ކައިވެނިކޮށްގެން ، މެހެމަލްއަށް ލިބޭ އެއްވެސް އުފަލެއް ނެތެވެ. އަމިއްލަ ނަފްސު ދެކެ އައިސްހުންނަ ރުޅިން ، އޭނާގެ އަމިއްލަ ދަރިފުޅާވެސް އަޅައިލެވެނީކީ ނޫނެވެ. މެހެމަލްގެ ޙަޔާތްއެވަނީ ބަރުބާދު ވެފައެވެ.)
ގޭގެދޮރުގެ ރަނގަބީލުވުމާއެކު ، ޢާފިޔާގޮސް ދޮރުހުޅުވައިލިއެވެ. އެގެޔަށް އެއައީ ، ދިލްނަޝީންގެ ރައްޓެހި ދެ އަންހެން ކުއްޖެކެވެ. ދިލްނަޝީން ކޮލެޖަށް ނުދާތީ ، އޭނާއާ ބައްދަލުކޮށްލަން ބޭނުންވެގެން އެގެޔަށް އައީއެވެ. އެ ދެކުދިން ގެޔަށް ވެއްދުމަށްފަހު ، ދިލްނަޝީނަށް ގޮވައިލާނަމޭ ބުނެ ، ޢާފިޔާ މައްޗަށް އެރިއެވެ.
ދިލްނަޝީނާއި އޭނާގެ މަންމަ ދިރިއުޅެނީ އެއްކޮޓަރިއެއްގައެވެވެ. ޢާފިޔާ ދިޔައިރު ، އަނީސާވެސް ކޮޓަރީގައި އުޅެއެވެ. ދިލްނަޝީނާ ބައްދަލުކޮށްލުމަށް ، އޭނާގެ ރައްޓެހި ދެކުއްޖަކު އައިސްތިބި ވާހަކަ ޢާފިޔާ ބުނުމާއެކު ، އެއީ ރިދާތޯ އަނީސާ ސުއާލު ކުރިއެވެ. އައިސްތިބީ ޢާފިޔާ ދަންނަ ކުދިންނެއްނޫނެވެ. އެކަމަކު ، ރިދާއެއް އޭގެތެރެޔަކު ނެތެވެ.
ދިލްނަޝީން ގޭގައި ނޫޅޭކަމަށް އެކުދިންގާތު ބުނުމަށް އަނީސާ ، ޢާފިޔާއަށް އެންގިއެވެ. އެހެނަސް ، ޢާފިޔާ އެއައީ އެކުދިން ގެޔަށް ވައްދައި ، ސިޓިންގރޫމުގައި ބައިތިއްބާފައެވެ. އެކަން އެގޮތަށް ކުރިއިރު ، އަނީސާގާތު ބުނެނުލީތީ އަނީސާ އިނީ ހިތްހަމަ ނުޖެހިފައެވެ. ފޫހިވެފައި އިނދެ ، ޢާފިޔާއާ ދިމާލަށް ، އަނީސާ ލޯ އަޅައިލިއެވެ.
" ދާށެވެ ! ދިލްނަޝީންގެ ކައިވެނި ކުރެވޭ ވާހަކައާއި ދިލްނަޝީން ކޮލެޖަށް ނުދާނެވާހަކަ އެކުދިންގާތު ބުނާށެވެ ! އަދި ދިލްނަޝީންގެ ރައްޓެހިންނާއެކީ ، އެއްވެސް ގުޅުމެއް ނުބާއްވާނެ ވާހަކަވެސް ބުނާށެވެ ! " އަނީސާ ބުންޏެވެ.
ޢާފިޔާއަށް އެކަމަކުވެސް އޭ ބުނެވުނުތަނާ ، ވާހަކަ ދެއްކުން މަނާކުރުމަށް އަނީސާގެ އަތްއުފުލައިލިއެވެ. އަދި ދިލްނަޝީންދެކެ އައިސްހުރި ރުޅިގަނޑު ޢާފިޔާއަށް ބާލައިލިއެވެ.
" އަހަރެންކުރެން ނާހާ ، ތިކަހަލަ ކަންތައް ނުކުރާށެވެ ! އަޑުގަދަވެގެން އަހަރެން ދައްކާ ވާހަކަ އެކުދިންނަށް އިވުނަސް ، އަހަރެންނަށް ހެވެވެ. ކޮލެޖަށޭކިޔާފަގޮސް ، އަހަރެމެންނަށް އަންގައިވެސް ނުލައި މީނދަ ، ދިލްނަޝީން އެގަތްގަނޑުވެސް ނިކަން ދެކިބަލާށެވެ ! ތި އައި ކުދިންވެސް އެކަހަލަ ގަނޑެއް ނުގަނެއެއް ނުތިބޭނެއެވެ. ފަހަރެއްގައި ޙަމްޒާގެ ލޯބީގެ މެސެޖް ހިފައިގެން އައީކަމަށްވެސް ވެދާނެއެވެ. އަންހެންދަރިންގެ އެކަހަލަ ކަންކަމަށް ނުވިސްނައި ، އަހަރެމެން ، ދެލޯމަރައިލައިގެން ތިބުމުގެ ނަތީޖާ މިއޮތީ ފެންނާށެވެ. ދާށެވެ ! ދިލްނަޝީނާ އެއްވެސް މީހަކާ ބައްދަލު ނުވެވޭނެކަމަށް ބުނާށެވެ . " އަނީސާ ބުންޏެވެ.
އެވަރަކުން އަނީސާއަކަށް ނުފުދުނެވެ. އެވާހަކަތައް ބުނަންދާނީ ތިމަންނައޭ ބުނެ ، ތެދުވެގެން ތިރިޔަށްދާން ހިނގައިގަތެވެ. އެވަގުތު ، ދިލްނަޝީން ތެދުވިއެވެ. އެވާހަކަ ބުނަންދާނީ ޚުދު އޭނާކަމަށާއި ، އެއްވެސް ކުއްޖަކާ ބައްދަލުކުރަން އޭނާ ނޭދޭކަމަށާ ، ކޮލެޖަށް ދިއުން ހުއްޓައިލިކަމަށާ ، އަދި ކައިވެނިކުރަން އުޅޭވާހަކަވެސް ، އެކުދިންގާތު ބުނާނެކަމަށް ، ދިލްނަޝީން ބުންޏެވެ.
އެކަމަކު އެގޮތް ، އަނީސާއަކަށް ކަމަކު ނުދިޔައެވެ. އެއްވެސް ތާކަށް ނުގޮސް ، އެތާ އިށީނދެ އިނުމަށް ދިލްނަޝީނަށް އަމުރު ކުރުމަށްފަހު ، ތިރިޔަށްދާން އަނީސާ ހިނގައިގަތެވެ.
އަނީސާ ތިރިޔަށްގޮސް އެކުދިންނަށް ސަލާމް ގޮވައިލިއެވެ. އަދި އެކުދިން އައީ ކޮންބޭނުމަކުތޯ ސުއާލު ކުރިއެވެ. އެކުދިންނަކީ ދިލްނަޝީންގެ ރަޙުމަތްތެރިންނެވެ. ދިލްނަޝީން ކޮލެޖަކަށްވެސް މިހާރަކު ނުދެއެވެ. ފޯނުވެސް އޮތީ ނިއްވައިލާފައެވެ. އެކުދިން އެއައީ ، ދިލްނަޝީން ބަލިވެ އުޅޭނީކަމަށް ބަލައިފައި ، ދިލްނަޝީންގެ ޙާލު ބަލައިލާށެވެ.
" ދިލްނަޝީން ކައިވެންޏެއްކުރަން ނިންމައި ، އެކަން މިހާރު ކުރިޔަށްދަނީއެވެ. މީގެފަހުން ކޮލެޖަކަށް ނުދާނެއެވެ. " އަނީސާ ބުންޏެވެ.
އެންމެފަހުގެ އިމްތިޙާނުގައިވެސް ދިލްނަޝީން ، ބައިވެރިނުވާނެތޯ އެކުދިންކުރި ސުއާލަށް ، އަނީސާ ޖަވާބުދިނީ ނޫނެކޭ ބުނެއެވެ. ދިލްނަޝީނާ ބައްދަލު ކުރެވިދާނެތޯ އެކުދިން ސުއާލު ކުރިއެވެ. އެ ސުއާލަށް ، އެހާ ހަރުކަށި ޖަވާބެއްދޭކަށް އަނީސާއަކަށް ނުކެރުނެވެ. ދިލްނަޝީން އޮތީ ނިދާފައިކަމަށް ބުނެ ، ދިލްނަޝީނާ ބައްދަލު ކުރުމަށް ، އެހެންފަހަރަކުން އައުމަށް އެކުދިންގާތު އެދުނެވެ. އެކުދިންގެ ސުއާލުތައް އެހިސާބަކުން އަދި ނުނިމުނެވެ. ދިލްނަޝީންގެ ފޯނު ނިއްވައިލައިފާ އޮންނަނީ ކީއްވެތޯ އެކުދިން ސުއާލު ކުރިއެވެ. ދިލްނަޝީންގެ ފޯނު ހަލާކުވެފައި އޮވެގެންކަމަށް ބުނެ ، އަނީސާ ޖަވާބު ދިނެވެ.
ނަސީބަކުން ، އެހެންކަމަށްވަންޏާ އެހެން ފަހަރަކުން އަންނާނަމޭ ބުނެ ، އެދެކުދިން ގެއިން ނުކުތެވެ. އެކުދިންނަށް ދޮރާހަމަޔަށް ދެވުނުތަނާ އަނީސާގެ ސުއާލެއް ކުރިމަތިވިއެވެ.
" ދިލްނަޝީންގެ ރަޙުމަތްތެރިޔެއް އުޅޭނެއެވެ. އޭނާއަށް ކިޔާނީ ރިދާ އެވެ. އޭނާ ނާދޭ ހެއްޔެވެ ؟ " އަނީސާ ސުއާލު ކުރިއެވެ.
އެތަނުން އެއްކުއްޖަކަށް ކަމެއް ހަނދާންވެގެން ، ރިދާ ނާންނަކަމަށާއި ، ރިދާއަށް ގުޅާލަދޭން ދިލްނަޝީންގާތު ބުނެދިނުމަށް އެކުދިން އެދުނެވެ. ރިދާ އުޅެނީ ، ދިލްނަޝީންގާތު ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވެގެންނެވެ. އެހެންކަމަށް ވަންޏާ އޭނާގެ މެސެޖެއްވެސް ރިދާއަށް ދިނުމަށް އަނީސާ އެދުނެވެ.
" އެންމެ އެކަށީގެންވާ ، މުއްސަނދި އަދި ބޮޑު ގެޔެއްގެ ކުއްޖަކާ ، ދިލްނަޝީންގެ ކައިވެނިކުރަން ހަމަޖެހިއްޖެއެވެ. މީގެފަހުން ، ދިލްނަޝީން ކޮލެޖަކަށް ނުދާނެއެވެ. އަދި ، ރައްޓެހި އެއްވެސް ކުއްޖަކާ ވާހަކައެއްވެސް ނުދައްކާނެއެވެ. "
އެމެސެޖް ، ރިދާއަށް ރައްދުކޮށްދޭނެކަމަށް ބުނެ ، އެކުދިން ނުކުމެގެން ދިޔައެވެ.
އެދުވަހު ، ޙަމްޒާ ގެޔަށް ދިޔައީ ރޭވެ ، ވަރަށް ލަސްވިފަހުންނެވެ. ދޮރުން އެތެރެޔަށް އެޅިފިޔަވަޅާއެކު ، ޞާދިޤް އަމީންގެ ސުއާލުތަކާ ކުރިމަތިލާން ޖެހުނެވެ. އޭނާ އެހާ ލަހުން އެއައީ ކޮންތާކު އުޅެފަތޯ ޞާދިޤް ސުއާލު ކުރިއެވެ.
އޭނާއަށް އުޅެވުނީ ކޮންތާކުކަމެއް ، އަދި ކުރެވުނީ ކޮންކަމެއްކަން ހަނދާން ނެތްކަމަށް ބުނެ ، ޙަމްޒާ އޭނާގެ ބައްޕަޔަށް ޖަވާބު ދިނެވެ. އޭނާގެ ހިތަށް ލިބިފައިވާ އަނިޔާއާއި ތަކުލީފުތަކެއް ، ބައްޕަމެންނަކަށް އިޙްސާސެއް ނުކުރެވެއެވެ.
" ޙަމްޒާ ތިއުޅެނީ ، ބޭނުމެއްނެތް ކަމެއްގައި ގޮތްދޫނުކުރަންވެގެންނެވެ. އެކަންކަން އަހަރެމެން ވިސްނާކަށް ބޭނުމެއްނޫނެވެ. ޙަމްޒާއަށް އެންމެ ރަނގަޅުވާނެގޮތް އެނގޭނީ އަހަރެމެންނަށެވެ. ރަނގަޅާއި ނުބައި އެނގޭވަރަށްވުރެ ބޮޑަށް ޙަމްޒާ ތިހުރީ ޒުވާންކަމުގެ ޖަޒުބާތުގައިޖެހި މަގުއޮޅިފައެވެ. " ޞާދިޤް ބުންޏެވެ.
އެއީ ، އޭނާގެ ގޮތްދޫނުކުރުން ނޫންކަމަށް ތަކުރާރުކޮށް ، ޙަމްޒާ ބުނަމުން ގެންދިޔައެވެ. އޭނާގެ ޙާލަތު ވަޒަންކޮށް ، އޭނާއަށް އެހީތެރިވުމަށް ޙަމްޒާ ، އޭނާގެ ބައްޕަޔަށް އާދޭސް ކުރިއެވެ. އެހެންނޫނީ ، އެމީހުންނަށް ޙަމްޒާ ގެއްލިދާނެއެވެ. ޙަމްޒާގެ އެންމެ އެދުމެއްގެ ވާހަކަ އަޑުއަހައިލުމަށް ޙަމްޒާ އެދުނެވެ. އެހެންނަމަވެސް ، އެއީ ދިލްނަޝީނާގުޅިފައިވާ ކަމެއްނަމަ ، އެކަމެއްގެ އަޑުއަހާކަށް ، ޞާދިޤް ބޭނުމެއްނޫނެވެ. އެއީ ޙަމްޒާއަށްޓަކައި އަޑުއަހަންޖެހޭ ވާހަކައެއްކަމަށް ބުނެ ، ޙަމްޒާ އެތައް ވަރަކަށް އާދޭސްކުރުމުން ، އެކަމެއްގެ ވާހަކަ ބުނުމަށް ޞާދިޤް ހުއްދަ ދިނެވެ.
" ބައްޕާއެވެ ! ބައްޕަގެ ދަރިފުޅު ދުނިޔެއިން ބާކީވެ ، އާވާރާވެގެންދާކަށް ބައްޕަމެން ބޭނުމެއް ނުވާނެ ނޫންހެއްޔެވެ ؟ އަހަރެން މިބުނާ ވާހަކަޔަކަށް ބައްޕަ ، ރުޅި ނާންނައްޗެވެ. އަހަރެން ހަމައެކަނި މިއެދެނީ ، ބައްޕަމެން ދިލްނަޝީންގެ ގެޔަށްގޮސް ، ދިލްނަޝީންގެ މަންމައާއި ބޭބެގެ ކިބައިން މަޢާފަށް އެދުމާއެކު ، އަހަރެންގެ ކައިވެނި ހުށަހަޅައި ދިނުމަށެވެ. މިނޫން އެހެން އެއްވެސްކަމެއް ، އަހަރެންގެ މުޅި ޢުމުރުގައިވެސް ، ބައްޕަމެންގެ ފަރާތަކުން ނޭދޭނަމެވެ. މިކަން އަހަރެންނަށް ކޮށްދިނުމުން ފުދެއެވެ. މިއީ އަހަރެންގެ އެންމެ ފަހުގެ އެދުމެވެ. އިތުރު އެއްވެސްކަމެއް ކޮށްދޭކަށް ބައްޕަމެންގެ ކިބައިން ، އަހަރެންނެއް ނޭދޭނަމެވެ. ދެފައިގައި ހިފައި ބައްޕަޔަށް އަހަރެން އާދޭސް ކުރަމެވެ. ބައްޕަ ، އަހަރެންދެކެ ލޯބިވާނަމަ ، މިކަން އަހަރެންނަށް ކޮށްދޭށެވެ. މިމައްސަލަ ކުރިމަތިވުމުން ، ދިލްނަޝީންގެ މަތިން ހަނދާން ނައްތައިލެވޭތޯ އަހަރެން މަސައްކަތްކޮށްފީމެވެ. އެކަމަކު އެކަމެއް އަހަރެންނަކަށް ނުވިއެވެ. އަހަރެންނަކަށް ، ދިލްނަޝީނާ ނުލައި ދިރިއެއް ނުހުރެވޭނެއެވެ. "
ޙަމްޒާގެ އާދޭސްތަކުން ޞާދިޤަށް އެއްވެސް އަސަރެއް ނުކުރިއެވެ. ޙަމްޒާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ، އަނގައިން ނުބުނެ ހިމޭނުން އިނުމަށްފަހު ، ޙަމްޒާއަށް ގޮވާލައި ، ނިދަން ކޮޓަރިޔަށް ދިއުމަށް ، ޞާދިޤް އެންގިއެވެ.
ޙަމްޒާ އާދޭސްކުރަން ފެށުމުން ، ބާއްޖަވެރި ރޭގަނޑެކޭ ބުނެ ، ޙަމްޒާގެ ކޮޓަރިޔާ ދިމާލަށް ، ޞާދިޤްގެ ލޮލުން ޢިޝާރާތް ކުރިއެވެ.
" ބައްޕަ ހަނދާން ކުރައްޗެވެ ! ތި ނިންމި ނިންމުމަށް ، މުޅި ޢުމުރަށްވެސް ހިތާމަ ކުރަންޖެހޭނެއެވެ. " ދެރަވެ ރޮވިފައި އިނދެ ޙަމްޒާގެ ބަސް ތަކުރާރުކުރަމުން ގެންދިޔައެވެ.
ޙަމްޒާ އެންމެފަހުން ދެރަވެގެން ތެދުވެ ، އޭނާގެ ކޮޓަރިޔާދިމާލަށް ހިނގައިގަތެވެ. ބުޝްރާއާ ދިމާވެގެން ، ގޮވައިލިނަމަވެސް ، ޙަމްޒާ އަނގަޔަކުން ނުބުނެއެވެ. ބުޝްރާ ، ގޮސް ، އެއްވެސް ވާހަކައެއް ޙަމްޒާ ދެއްކީތޯ ، ޞާދިޤާ ސުއާލު ކުރިއެވެ.
" އަހަރެންނަށް ހީވަނީ ، އަހަރެމެންގެ ކޮޅު ބަލިވެ ، އަހަރެމެން ގޮތްދޫކުރަން ޖެހިއްޖެ ހެންނެވެ. ދަރިފުޅު އެހުރީ ބޮޑުވެފައެވެ. ގޮތްދޫކުރުމުގެ ކަންފުޅެއްވެސް ނެތެވެ. ބުޝްރާއަކަށް ދުލެއް ނުކުރެއެވެ. އަތުންފައިން ގޯހެއް ހަދައިފާނެތީ ، އަހަރެން ބިރުގަނެއެވެ. އެ ޢުމުރުގައި ލޯބީގެ ޖަޒުބާތުގައި ޒުވާނަކު ޖެހިއްޖިއްޔާ ، އޭނާގެ ދުވަސް ދާނެއެވެ. " އޭނާގެ އަންހެނުންނާ މުޚާތަބުކޮށް ޞާދިޤް ބުންޏެވެ. ޞާދިޤްގެ ވާހަކަތައް އަޑުއަހަމުން ގެންދިޔައިރު ، ނުރުހުންވެ ހުރެ ، ބުޝްރާގެ ބޯ ދެއަތަށް ހޫރަމުން ގެންދިޔައެވެ.
ބޭރަށްދިއުމަށްޓަކައި ، ރީތިވަމުން ގެންދިޔައިރު ، މެހެމަލް އަށް އޭނާގެ ސޫރަޔަށް ބަލައިލެވުމުން ، ޙައިދަރުގެ މަތިން ހަނދާން ވިއެވެ. މެހެމަލްގެ ރީތިކަމާއި ލޫޅާފަތިކަމުގެ ތަޢުރީފުތައް އަބަދުވެސް ، މެހެމަލްގެ ކުރިމައްޗަށް އޮހެމުން ގޮސްފައި އޮތްދުވަސް ، އޭނާގެ ހަނދާނަށް އައެވެ. ބޮލަށް ހުޅިޖެހުމަށްވުރެ ހުޅުވައިލާފައި އިސްތަށިގަނޑު އޮތުމުން ޙައިދަރަށް ރީތިވެއެވެ. ޙައިދަރަށް ރީތިވާގޮތެއް ހެދުމަކީ މެހެމަލް ، އޭރު ވިސްނިކަމެއްނޫނެވެ. އެކަމަކު މިއަދު އެކަން ތަފާތު ވެއްޖެއެވެ. ރީތިވަމުންގޮސް ، ބޮލަށް ހުޅިޖަހަން އުޅެފައި ، މެހެމަލް އޭނާގެ އިސްތަށިގަނޑު ނިއުޅައިލިއެވެ. ރީތިވެގެން ނުކުމެ ، އެދާތާކަށްދާން ، ކާރުގެ ފަހަތުޝީޓުގައި އިން އިރުވެސް ، މެހެމަލްއަކަށް ، މާޒީގެ ޚިޔާލުތަކާ ދުރެއް ނުވެވުނެވެ. އަންސާބާ ކައިވެނިކުރުމުގެ ކުރިން ، އެކައިވެންޏަށް ނޫނެކޭ ބުނުމަށް ، އަންސާބު އޮތީ ، މެހެމަލްގެ ކިބައިން އެދިފައެވެ. އެހެންނަމަވެސް ، ދުނިޔޭގެ އުފަލާއި އަރާމަކީ ، އެދުވަހު މެހެމަލްއަށް އެންމެ މުހިންމުވި އެދުމެވެ. އެކައިވެންޏަށް ނޫނެކޭ ބުނުމަށް އެތައް ވަރަކަށް ، އަންސާބު އެދުނަސް އެކަން ، މެހެމަލް އެއް ނުކުރާނެއެވެ. އެކަމާ ރުޅިއައިސްގެން ، އަންސާބު އައިސް ، ރުޅިއަރައިގެންފައިހުރެ ، މެހެމަލްއާ ސުއާލު ކުރިއެވެ. ދުވަހަކުވެސް ، އޭނާގެ ފަރާތުން މެހެމަލްއަށް ލޯބި ނުލިބޭނެކަމަށް ބުންޏެވެ. ކައިވެންޏަށް އިންކާރު ނުކުރީ ކީއްވެތޯ ، މެހެމަލްއާ ސުއާލު ކުރުމުން ، އެދުވަހު އަންސާބަށްދިން ޖަވާބު ، މެހެމަލްގެ ހިތުގައި އަދިވެސް ހަނދާން ނުފިލާ އެބައޮތެވެ.
" މި ކައިވެންޏަށް އިންކާރުކުރަންވީ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެން ބޭނުންވަނީ ، މި ކުޑަކުޑަގެއިން ބޭރަށް ނުކުންނާށެވެ ! ތަނަވަސް ، ބޮޑުގެޔެއްގެ ތެރެޔަށް ނޭވާލާން ، އަބަދުވެސް އަހަރެންގެ ހިތް އެދެއެވެ. ގޭތެރޭގައި ، އިންސާނުން އުޅޭކަމުގެ އިޙްސާސް ކުރެވޭނީ އޭރުންނެވެ. ބަކަރިއައިނެއް ، ލަވަމުން ކޮށްޓަށްލާހެން ، މީހުން އަރުވައިގެން އެ ދަތުރުކުރާ ، ބަހުގައި ދަތުރުކޮށްކޮށް އަހަރެން ފޫހިވެއްޖެއެވެ. އަހަރެންގެ އަމިއްލަ ، ބޮޑުކާރެއް އަހަރެންވެސް ބޭނުމެވެ. ކާރު ތެރޭގައި އިންނައިރު ، އެލިބޭ ފިނިކަމުގެ އަރާމާއި ، އަރިމަތިން ފެންނަ މަންޒަރުތަކުން އުފާހޯދަން ބޭނުމެވެ. " އެއީ ، އަންސާބަށް ، އެދުވަހު މެހެމަލް ދިން ޖަވާބެވެ.
މިއަދު ، މެހެމަލްގެ އަތުގައި އަމިއްލަ ކާރެއް އެބަ އޮތެވެ. ޑްރައިވަރެއް އެބަހުށްޓެވެ. ބޭނުން އިރަކު ، ބޭނުން ކޮންމެ ތާކަށް ދާންވީއެވެ. އެކަމަކުވެސް ، އެއީ ދިރުމެއް އޮތް ޙަޔާތެއް ހެއްޔެވެ ؟ އޭނާދެކެ ލޯބިވާ މީހަކު ، މެހެމަލްއާ އެކީ ، މިއަދަކު ނެތެވެ. ޙައިދަރުގެމަތިން ހަނދާންކުރަން އޭނާގެ ހިތް މަޖުބޫރުކުރުވަނީ ، އެސަބަބުތަކަށްޓަކައެވެ. (ނުނިމޭ)
ވަރަށްހީވޭއެބަ މެހްމަލް "އުނބަށް ޖަހަން" ހެންއުޅެނީ
ވަރަށް ރީތިވާހަކައެއް
ވަރަށް ރީތި