ވިހަ ތީރު (16)

( 20  އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( އަނީސާގެ ވާހަކަޔަށް ކުލްސޫމް ތާއީދުކުރިއެވެ. އެއީ ، އޭނާގެ ހިތުގައިވެސް އެކަމުގައި އޮތްގޮތެވެ. ބުނަން ނުކެރިފައި އިނީއެވެ. އެންގޭޖްމަންޓާއި ކައިވެނީގެ ތާރީޚު ކަނޑައެޅި އެ ނިމުނީއެވެ. އެކަމަށް ދެޢާއިލާއިންވެސް އެއްބަސް ވިއެވެ.)

ބޭރަށް ނުކުމެ ، ރެސްޓޯރެންޓަކަށްދިޔަނަމަވެސް ، ދިލްނަޝީންގެ ކަންބޮޑުވުމަކަށް ބަދަލެއް ނާދެއެވެ. ދައްކާނެވާހަކައެއް އޭނާއަކަށް ނޭނގެއެވެ. ދިލްނަޝީން ، ގަދަކަމުން ގެއިން ނެރެގެން އެހާބޮޑު ، ނުރައްކާތެރި ފިޔަވަޅެއް ޙަމްޒާ އެއެޅީ ދިލްނަޝީނާ ވާހަކަ ދައްކައިލައިގެން އޭނާ ހަމަޖައްސައިލެވޭތޯ ބެލުމަށެވެ. އެއީ ، ޙާލަތުގެ ގޮތުން ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫނެވެ. ހަމަޖެހިލައިގެން ދިލްނަޝީން ވާހަކަ ދެއްކުމަށް ޙަމްޒާ އެދެމުން ގެންދިޔައެވެ. އެހެނަސް ، ދިލްނަޝީން އެއިނީ ވާހަކަ ދެއްކޭފަދަ ޙާލަތެއްގައެއްނޫނެވެ. ދިމާވެގެން އެއުޅެނީ ، ދިލްނަޝީންގެ ޙަޔާތާގުޅޭ ކަމެކެވެ. ދިލްނަޝީންގެ ހިތުގައިވާ އުދާސްތައް ޙަމްޒާއަކަށް ނުވިސްނެއެވެ. ޙަމްޒާ ބޭނުންވަނީ ދިލްނަޝީނަކީ އޭނާގެ މިލްކަކަށް ވުމެވެ. އޭރަށް ، ދިލްނަޝީންގެ ހިތުގެ ހުރިހާ އުދާސްތަކެއް ، އޭނާ ބޭރުކޮޢްލަދޭނެއެވެ. ދިރިއުޅުމުގެ ހުރިހާ އުފަލަކާއި ހަމަޖެހުމެއް ، ދިލްނަޝީނަށް ހޯދައިދޭނެއެވެ. ދިލްނަޝީންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް އަޔަކަ ނުދޭނެއެވެ.

ލަސްވަމުން ދިޔަވަރަކަށް ، ދިލްނަޝީންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އޭނާ ގެޔަށް ލައިދިނުމަށް ޙަމްޒާގެ ކިބައިން އެދުނެވެ. ލަސްކުރަން ހަދައިގެން ދެން ކުރިމަތިވާނީ ކޮންފަދަ މުޞީބާތަކާކަމެއްވެސް ނޭނގެއެވެ. މަންމަމެން ގެޔަށް އައުމުގެ ކުރިން އޭނާއަށް ގެޔަށް ނުދެވިއްޖެނަމަ ، ދެންވާނެގޮތެއް ޚިޔާލުކޮށްލަންވެސް ނޭނގެއެވެ.

ޙަމްޒާއަށް ޤަބޫލުކުރެވުނު ގޮތުގައި ، މަންމަމެން އެގެޔަށްގޮސް ވާހަކަ ދައްކައި ، ކައިބޮއިހަދައިގެންނޫނީ އެނބުރި ގެޔަކަށް ނާންނާނެއެވެ. ޙަމްޒާމެން ވާހަކަ ދައްކާލަން ފުދޭވަރަކަށް ވަގުތު އެބައޮތެވެ. ޙަމްޒާގެ ބައްޕަމެން ، ދިލްނަޝީންމެންގެ ގެޔަށް އައިސް ، ދިލްނަޝީންގެ މަންމައާއި ބޭބެގެ ކިބައިން މަޢާފަށް އެދޭނެކަން ، ޙަމްޒާ ކަށަވަރު ކޮށްދިނެވެ. ޙަމްޒާ އެދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ދިލްނަޝީނަކަށް ވަގުތެއް ނެތެވެ. ދިލްނަޝީން ބޭނުންވީ ހަމަ އެވަގުތު ، އޭނާ އެނބުރި ގެޔަށް ދާށެވެ.

މަންމަމެންނާ ދިލްނަޝީނުމެންނާ ދިމާވެއްޖެނަމަ ، އެކަމަށް ކުރިމަތިލައި ، އެމީހުންނާ ވާހަކަ ދެއްކުމަށްވެސް ޙަމްޒާހުރީ ތައްޔާރަށެވެ. އެކަމަކު ، ޙަމްޒާގެ ވާހަކަ އެމީހުން އަޑުއަހަންޖެހޭ ސަބަބެއް ދިލްނަޝީނަކަށް ނުވިސްނުނެވެ. މިދިޔަ ދެތިންދުވަހެއްގެ ތެރޭގައި އެ ހިނގައިދިޔަ ކަންތައްތަކުން އެމީހުންގެ ހިތަށް ލިބިފައިވާ ތަކުލީފާއި ވޭން ، އަދި ފިލަގެންނެއް ނުދާނެއެވެ. ޙަމްޒާގެ އެއްވެސް ވާހަކަޔަކުން ، އެމީހުންނަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ޙަމްޒާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށްވެސް އެމީހުން ބޭނުމެއް ނުވާނެއެވެ. އެކަމަކު ، ޙަމްޒާގެ ބައްޕަމެން އެގެޔަށް އައިސް ވާހަކަ ދައްކައިފިއްޔާ ، ފަހަރެއްގައި އެމީހުން އެވާހަކައެއް އަޑުއަހައިފާނެކަމަށް ، ދިލްނަޝީނަށް ފެނުނެވެ.  ޙަމްޒާއަށްވެސް ، އެކަންކުރަން އޮތް އެންމެ ރަނގަޅުގޮތަކީ އެއީކަމަށް ފެނުނެވެ.

 

އަނީސާއާއި އައްވަލް ، ޙައިދަރުގެ ގެއިން ނުކުތުމުގެ ވަގުތު ޖެހިއްޖެއެވެ. ޙައިދަރާއި އައްވަލާ ދެމައިން ވާހަކަ ދައްކަމުން ގެއިން ނުކުންނަން ހިނގައިގަތެވެ. ދިލްނަޝީނަށް ދިނުމަށް ، ކުލްސޫމްހުރީ ވަރަށްބޮޑު ތަށިބަރިއެއް ތައްޔާރު ކޮށްފައެވެ. އޭގައިހުރި ކާތަކެތި ، ދިލްނަޝީނަށް ކާންދިނުމަށް އަނީސާގެ ކިބައިން ކުލްސޫމް އެދުނެވެ. އަދި ، ދިލްނަޝީނަށް ހަދިޔާއަކަށް ތައްޔާރުކޮށްފައިހުރި ތަކެތި އަނީސާއާ ޙަވާލުކުރިއެވެ. އެއީ ޖަވާހިރާއި ގަހަނާ ކަމަށްވާތީ ، އެތަކެތި ޤަބޫލުކުރުމަށް އަނީސާ އިންކާރު ކުރިއެވެ. އަދި އެއުޅެނީ ، ދިލްނަޝީންމެން އެންގޭޖްވެސް ނުވެއެވެ. އެކަން އެހެން އޮތްއިރު ، އެފަދަ އަގުބޮޑު ޖަވާހިރާއި ގަހަނާ ބަލައިގަތުމަކީ އެޢާއިލާގެ އުސޫލުތަކާ ޚިލާފުކަމެއްކަމުގައި ، އަނީސާ ބުނަމުން ގެންދިޔައެވެ. އެތަކެއްޗާ ޙަވާލު ނުވުމަށް އަނީސާ މަސައްކަތްކުރި ނަމަވެސް ، ކުލްސޫމްގެ ވާހަކަތަކުން އަނީސާއަކަށް އެކަމުން ސަލާމަތެއް ނުވިއެވެ.

 

ދިލްނަޝީންމެން ގެޔަށް އައިއިރު ، މަންމަމެންނަކަށް އަދި ގެޔަކަށް ނާދެވެއެވެ. އޭރުވެސް ، ދިލްނަޝީންހުރީ ކަންބޮޑުވެގެންގޮސް ހާސްވެފައެވެ. ޙަމްޒާހުރީ ހަމަޖެހިލައިގެންނެވެ. މަންމަމެންނަށް ގެޔަށް ނާދެވޭނެކަން ޙަމްޒާއަށް ޔަޤީންވިއެވެ. އެކަމަކު ، ޙަމްޒާގެ ހިތުގައި އޮންނަ އެ ޔަޤީންކަން އެއީ ، އެދެމީހުންނަށް ، މިއަދު ތަޙައްމަލް ކުރެވެމުންދާ ތަކުލީފުގެ އަސްލެވެ. އެކަން ދިލްނަޝީން ، ޙަމްޒާއަށް ހަނދާން ކޮށްދިނެވެ. ދިލްނަޝީނަކީ ، އޭނާގެ މިލްކަކަށްވާނެކަމާއި ، ދިލްނަޝީންގެ ކައިވެނި ކުރެވޭނީ އޭނާއާއެކީ ކަމުގައި ، ޙަމްޒާއަށް ޔަޤީން ކުރެވެއެވެ. އެކަމަކު ، ދިލްނަޝީނަށް ޤަބޫލުކުރެވޭގޮތުގައި ، ޙަމްޒާގެ އެޔަޤީންކަން ، މިއަދު ތޮޅިޔަށް ދާނެއެވެ. މަންމަމެން އެނބުރި ގެޔަށް އަންނާނީ ، ޙައިދަރާއި ދިލްނަޝީންގެ ކައިވެނީގެ ކަންކަމުގެ ފުރަތަމަ މަރުޙަލާ ފުރިހަމަ ކޮށް ، އެކަމަށް ބިންގާ އަޅާފައެވެ.

މަންމަމެން ، ގެޔަށް އައުމުގެ ކުރިން ޙަމްޒާ އެގެއިން ނުކުމެގެން ދިއުމަށް ދިލްނަޝީން އެދުނެވެ. ދިލްނަޝީން ދޫކޮށްލާފައި ، އެގެއިން ނުކުމެގެން ދާކަށް ޙަމްޒާ ބޭނުމެއްނޫނެވެ. ޙަމްޒާއަކަށް ދިލްނަޝީނަކާ ފޯނަކުންވެސް ވާހަކައެއް ނުދެއްކޭނެއެވެ. ދިލްނަޝީންގެ އަޑު އިވުމަކީ ، ޙަމްޒާގެ ހިތަށް ހަމަޖެހުންލިބި ، އުއްމީދު އާގެންދާ ކަމެކެވެ. އޭނާގެ ފުރާނަޔަށް ދިރުންލިބިގެންދާ ކަމެކެވެ. ޙަމްޒާގެ ފޯނު ނަގާ ، ދިލްނަޝީންގެ އަތަށް ދިނެވެ. އަދި އެފޯނުން އޭނާއާ ވާހަކަ ދެއްކުމަށް އެދުނެވެ. އެހެންނަމަވެސް ، ޙަމްޒާގެ ފޯނު އޭނާގެ އަތުގައި ބާއްވާކަށް ދިލްނަޝީން ބޭނުމެއްނޫނެވެ. އެކަމުގައި އިތުރަށް ކަމެއްކުރަން އޮތްނަމަ އެކަމަކީ ، ޙަމްޒާގެ ބައްޕަމެން އެގެޔަށް އައިސް ، އޭނާގެ މަންމައާއި ބޭބެގެ ކިބައިން މަޢާފަށް އެދުންކަމަށް ، ދިލްނަޝީން ބުންޏެވެ.

ދިލްނަޝީން އެފޯނު ނުބާއްވައިފިނަމަ ، އޭނާ އެނބުރި ނާންނާނެކަމަށް ޙަމްޒާ ބުނެ ، ދިލްނަޝީންގެ އަތަށް ފޯނުލައިދިނެވެ. އަދި ބައްޕަމެން އެގެޔަށް ފޮނުވާނެކަމަށް ބުނަމުން ، އެގެއިން ނުކުމެގެން ޙަމްޒާ ދިޔައެވެ.

 

ގެޔާ ހަމަޔަށް އަނީސާމެންނަށް ނާދެވެނިސް ، ޕެޓްރޯލް ހުސްވެގެން ، ގެޔާ ސަތޭކަވަރަކަށް ފޫޓާ ދުރަށް ކާރު ހުއްޓުނެވެ. އެއީ ޙަމްޒާވެސް އެގެއިން ނުކުތް ވަގުތެވެ. އަނީސާމެން ހިނގާފައި ގެޔާ ދިމާލަށް އައިއިރު ، ޙަމްޒާ އޭނާގެ މޫނު ފޮރުވަމުން ، އޭނާގެ ކާރާ ދިމާލަށް ދިޔައެވެ. ނަސީބަކުން ، އެމީހުންނަށް ފާހަގަ ނުކުރެވެނިސް ، ޙަމްޒާގޮސް ކާރަށް އެރިއެވެ. އަދި ، އެމީހުންނަށް ކާރާހަމަޔަށް ނާދެވެނިސް ، ޙަމްޒާއަށް  އޭނާގެ ކާރު ދުއްވައިލެވުނެވެ.

ދިލްނަޝީންހުރީ ، ޙަމްޒާގެ ފޯނު އޭނާގެ އަތަށްލައިގެން ،  ފޯނަށް ހަދާނެގޮތެއް ނޭނގި ، ދެކޮޅަށްދެކޮޅަށް ހިނގާލަ ހިނގާލައެވެ. އައްވަލް އައިސް ދޮރުގައި ޖަހައިލުމުން ، ދިލްނަޝީން ސިއްސައިގެން ދިޔައެވެ. ދޮރުހުޅުވައިދިނުމަށް ، ދިލްނަޝީނަށް އައްވަލް ގޮވަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އެފޯނު ހިފައިގެންގޮސް ދޮރުހުޅުވައިފިނަމަ ، އަނެއް ހަކަންތައް ލައިގަންނާނެއެވެ. ފޯނު ފޮރުވުމަށްޓަކައި ދިލްނަޝީން ދުއްވައިގަތީ އޭނާގެ ކޮޓަރިޔަށެވެ. ފޯނު ފޮރުވަން އެއްތާކަށް ލައި އެތަނުން ނަގައި އަނެއްތަނަކަށް ލަމުންގޮސް ، އެންމެ ފަހުން ، އޭނާއަށް ފެނުނު އެންމެ ރަނގަޅުތަނެއްގައި ފޯނު ފޮރުވިއެވެ.

ދިލްނަޝީން ތިރިޔަށް އައިއިރު ، މަންމަމެންތިބީ ، އައްވަލް އަތުގައި އޮތް ތަޅުދަނޑިން ދޮރުހުޅުވައިގެން ގޭތެރެޔަށް ވަދެއެވެ. އޭރުވެސް ، އަނީސާގެ އަޑުގެ ނެތްތަނަށް ދިލްނަޝީނަށް ގޮވަމުން ގެންދިޔައެވެ. ފޯނު ފޮރުވުމަށްފަހު ، ތެޅެމުން ފޮޅެމުން ، ދިލްނަޝީން ތިރިޔަށް އައެވެ. އޭރު ، އެމީހުން ވާހަކަ ދައްކަމުން ގެންދިޔައީ ، ޙައިދަރުމެންގެ ޢާއިލާގެ ސާދާކަމާއި ރަނގަޅުކަމުގެ ވާހަކައެވެ. އަޑުއަހަން ބޭނުންނުވިނަމަވެސް ، ދިލްނަޝީނަށް އެއަޑުއަހަން އެވަގުތުއޮތީ މަޖުބޫރުވެފައެވެ.

 

އެދުވަހު ވަރަށް ރީތިކޮށް ، މޫސުން އޮވެފައި ކުއްލިޔަކަށް ވައިގަދަވެ ، ވިއްސާރަވެއްޖެއެވެ. ޙައިދަރު އިނީ ، އޭނާގެ މާޒީގެ ތެރެޔަށް ގެއްލިފައެވެ. އޭނާއަށް ކުރެވެން އެއުޅެނީ އޭނާގެ ހިތްއެދޭކަމެއްކަމެއް ނޭނގެއެވެ. ނޫނީ ، އޭނާގެ ހިތް ނޭދުނަސް ، މަންމަޔަށްޓަކައި ، އެހިތް އެކަމަށް މަޖުބޫރު ކުރުވަނީނޫންކަމެއްވެސް ޔަޤީނެއްނޫނެވެ. އޭނާއަށް އެނގޭހާވެސް ކަމަކީ ، ދިލްނަޝީނަކީ ރީތި އަދި ސާދާ މިޒާޖެއްގެ ކުއްޖެއްކަމެވެ. މެހެމަލްއާ ހާސްބައި ތަފާތުކަމެވެ. މެހެމަލްއަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. ހިތުގައި އުފެދޭ ފުރަތަމަ ލޯބި ، ހިތުން ފިލުވައިލުމަކީ ، އެއްވެސް އިންސާނަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެއްވެސް ސަބަބަކާހުރެ ، އެ ލޯތްބާ ދުރަށްދާންޖެހުނަސް ، އެންމެ ގާތުގައި އެލޯބި އޮންނާނެއެވެ. އެކި ސަބަބު މެދުވެރިވާހިނދު ، އެލޯބިއައިސް ހިތުގައި ޓަކި ޖަހާނެއެވެ. ޙައިދަރުގެ ވިސްނުމާއި ފިކުރު އޭނާގެ މާޒީގެތެރެޔަށް ގެންދިޔައެވެ.

އޭނާއާ ވަކިނުވުމަށް ، މެހެމަލްއަށް އޭނާކުރި އާދޭސްތަކުގެ ހަނދާންތަކުން ހިތަށް ތަދުވިއެވެ.

" އަހަރެންނާ ވަކި ނުވާށެވެ ! ދުނިޔޭގެ ހުރިހާ އުފަލެއް މެހެމަލްގެ ކުރިމައްޗަށް އަހަރެން ގެނެސްދޭނަމެވެ. މިއަދު ، އަހަރެން ކިތަންމެ ނިކަމެއްޗަސް ، އެއްދުވަހަކުން ، އަހަރެންނަކީ މި ސަހަރުގައި ނެތްވަރުގެ މަހުޖަނަކަށް ވާނަމެވެ. އަހަރެންގެ ވިޔަފާރިޔަކީ ފަޚުރުވެރި ކާމިޔާބު ވިޔަފާރިޔަކަށް ، އިރާދަކުރެއްވިއްޔާ ހަދާނަމެވެ. ﷲ ގެ އިރާދަފުޅާއެކު ، އަހަރެންނަކީ ، މި ޤައުމުގައި ނެތްފަދަ ، އާރކިޓެކްޓަކަށް ވާނަމެވެ. ބޮޑެތި  ޢިމާރާތްތައް ހަދާނަމެވެ. މެހެމަލް އާރކޭޑް އަދި މެހެމަލް ކޮލޮނީފަދަ ނަންނަމުން ، އެ ޢިމާރާތްތަކަށް މެހެމަލްގެ ނަމާގުޅުވާފައި ނަންދޭނަމެވެ. " މެހެމަލްއާ މުޚާތަބުކޮށް ، ޙައިދަރު ބުނެފައިވާ ބަސްތައް ޚިޔާލަށް އައެވެ.

އެދުވަހުވެސް އޭނާ އެ ދެއްކި އެއްވެސް ވާހަކައެއް ، މެހެމަލްއަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް ހިތްވަރުދޭކަށްވެސް ނުވިސްނިއެވެ. މެހެމަލްއަށް އެވަގުތު ބޭނުންވެފައި އޮތީ ، ބަނޑުހައިވެފައި ހުރީމާ ކާއެއްޗެކެވެ. ކާންބޭނުންވަނީ ކޮންއެއްޗެއްތޯއާއި ، ދާންވީ ކޮންތާކަށްތޯ ޙައިދަރުކުރި ސުއާލަށް ރައްދުވީ މެހެމަލްގެ މަލާމާތެވެ. ޙައިދަރަކީ ، ފަސްތަރީގެ ހޮޓަލަކަށް އޭނާ ގެންދެވޭ ފެންވަރުގެ މީހެއްނޫންކަމަށާއި ، އާދައިގެ ރެސްޓޯރެންޓަކަށް ގެންގޮސް ދޭށޭ ބުނެ ޙައިދަރަށް މަލާމާތްކުރަމުން ، ޙައިދަރު ދުއްވަން އިން ބާ ސައިކަލްގެ ފަހަތުގައި މެހެމަލް އިށީނެވެ.

މެހެމަލްގެ ލޯބި ، އޭނާގެ ހިތުން ފިލުވައިލުމަކީ ، ޙައިދަރަށް ކުރެވޭވަރުގެ ކަމެއްނޫނެވެ. އެހެންކަމަށްވަންޏާ ، ޒުވާން އަންހެންކުއްޖެއްގެ ޙަޔާތް ބަރުބާދުކޮށްލުމަށް ، އޭނާ އެ ކުރިމަތިލަނީ ކީއްވެ ހެއްޔެވެ ؟ އެކުއްޖާގެ ފަރާތުން އޭނާގެ ހިތަށް ލިބޭނެ އުފަލަކީ ކޮބައި ހެއްޔެވެ ؟ ހައިދަރުގެ ބޯހާސްވެގެންގޮސް ކޮޅަށް ތެދުވެ ، ދެކޮޅަށްދެކޮޅަށް ހިނގަން ފެށްޓިއެވެ.

މެހެމަލްއާ އޭނާއާ ދިމާވާންވީ ކީއްވެގެން ހެއްޔެވެ ؟ މެހެމަލްގެ ހިތުގައި އޭނާގެ މައްޗަށް ، އެއްވެސް މިންވަރެއްގެ ކުލުނެއް ނެތްއިރު ، އޭނާގެ ހިތުގައި މެހެމަލްގެ މައްޗަށް ، އެ ލޯތްބެއް އެ އުފެދުނީ ކީއްވެ ހެއްޔެވެ ؟ އެ ލޯބީގައި އޭނާގެ ޙަޔާތް ބަރުބާދުވާން އިރާދަފުޅުގައި އެއޮތީ ކީއްވެ ހެއްޔެވެ ؟  އެ އަނިޔާ އޭނާއަށް ލިބެންވީ ، އޭނާގެ ކޮންކުށެއް އޮވެގެން ހެއްޔެވެ ؟

 

ހެނދުނު ތެދުވެގެން ، ކާމޭޒުދޮށަށް މެހެމަލް އައިއިރު ، މޭޒުމަތީ ފޮނިކާ އެއްޗެއް ހުރިތަން ފެނުމުން އެކަމާ ނޯކަރާ ސުއާލު ކުރިއެވެ. އެއީ ، މެހެމަލްގެ ދެބެންގެ ދެދަރި ޙައިދަރުގެ ގެއިން ފޮނުވި އެއްޗެއްކަމަށް ނޯކަރު ބުންޏެވެ. ޙައިދަރުގެ ކައިވެނީގެ ތާރީޚު ކަނޑައެޅި ، ޙައިދަރު މީހަކާ އިންނަނީއެވެ. އެއީ ، އެކަމުގެ އުފަލުގައި އެގެއިން ފޮނުވި އެއްޗެކެވެ. ނޯކަރު އެބުނި ވާހަކައެއް ޤަބޫލުކުރާކަށް މެހެމަލް ބޭނުމެއްނުވިއެވެ. އެގޭގެ އެއްވެސް މީހަކު ފޮނިއެއްޗެތި ނުކާނެ ކަމަށާއި އެ ހުރިހާ އެއްޗެއް އުކައިލާށޭ ބުނެ ، ނޯކަރާ ދިމާލަށް މެހެމަލް ހަޅޭއްލަވައިގަތެވެ.

ޙައިދަރުގެ ކައިވެންޏަށް ، މެހެމަލްގެ ރުޅިގަނޑު ބާލައިލިތަން ފެނިފައި ނޯކަރުގާތަށްވެސް ހިނިއައެވެ. އެތަން ފެނިފައި ، މެހެމަލްގާތަށް އައިސްފައިހުރި ރުޅި ، އިތުރަށް ގަދަވެ ، ހުރިހާ އެއްޗެއް މޭޒުމަތިންނަގައި ހޫރައިލިއެވެ. ސައިވެސް ނުބޮއެ ، ސިޓިންރޫމަށްގޮސް ، ސޯފާމައްޗަށް ވެއްޓިގަތެވެ. ޙައިދަރުގެ ކައިވެންޏަކީ ، މެހެމަލްއަށް މަސްއަލަޔަކަށް ވާންވީ ސަބަބެއް ، ޚުދު އޭނާއަކަށްވެސް ނުވިސްނެއެވެ. މެހެމަލް އެއުޅެނީ ، މުއްސަނދި މަހުޖަނަކާ އިނދެގެންނެވެ. އެކައިވެންޏަށް ދަރިޔަކުވެސް ލިބިފައި އެބަހުއްޓެވެ. އެކަމަކުވެސް ، ދަތްކުނޑި ވިކިފައި ދެބުމަ ގޮށްޖަހައިގެން އެތައް އިރަކު މެހެމަލްއަށް އިނދެވުނެވެ. އޭގެ ސަބަބަކީ ، ޙައިދަރު އޭނާއަށް ހަނދާންކޮށްދެމުން އައިސްފައިވާ ގޮތަށް ، އެކައިވެނީގައި ހަމަޖެހުން ނެތީމާ ކަމަށް ވެދާނެއެވެ. މެހެމަލް ، އުފަލުގައި ބެހެއްޓޭނީ ހަމައެކަނި ، ޙައިދަރަށްކަމުގައި ، ޙައިދަރު ބުނަމުންއައި ބަސް ، މެހެމަލްގެ އަނގަޔަށް އެވަނީ ވަދެފައެވެ. މެހެމަލްގެ އަމިއްލަ ނަފްސުދެކެ އެކަމާ  ކިތަންމެ ރުޅިއެއް އަޔަސް ، މިހާރަކު ކުރެވޭނެ ކަމެއްނެތެވެ. މިހާރު އެއޮތީ ވަގުތު ފާއިތުވެފައެވެ. ބޮޑުބޭބެ ދެއްކި މަހުޖަނަކާ ކައިވެނިކޮށްގެން ، މެހެމަލްއަށް ލިބޭ އެއްވެސް އުފަލެއް ނެތެވެ. އަމިއްލަ ނަފްސު ދެކެ އައިސްހުންނަ ރުޅިން ، އޭނާގެ އަމިއްލަ ދަރިފުޅާވެސް އަޅައިލެވެނީކީ ނޫނެވެ. މެހެމަލްގެ ޙަޔާތްއެވަނީ ބަރުބާދު ވެފައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.