ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ގާއިމުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2024)ގެ 8ވަނަ މާއްދާގެ (ހ)ގެ ދަށުން "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ"  ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/17 ނަންބަރު ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައެވެ.

ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށްވެސް ދެންނެވެމުގައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.