މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއް ނޫން: ޑރ. ޝަހީމް

މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއް ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަޙުޒީބީ މުޖުތަމަޢުއެއް ބިނާ ކުރެވޭނީ އެންމެގެ ހައްޤުތައް ދީގެންކަމަށާއި ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅުއްވާފައި ތިއްބަވާކަމަށެވެ.

މީގެ އިތުރުން ވަޒީރު ޑރ. ޝަހީމްގެ ޕޯސްޓުގައި މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ވަޒީފާގެ ޙައްޤު ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރުކޮށްދެއްވަން ޖެހޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވިދޅާުވީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ވެސް ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައެޅުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.