
އިސްލާމީ ޤައުމުތައް ތަމްސީލްކުރާ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
ޑރ ޝަހީމް އެމަޤާމަށް ޢައްޔަންކުރެއްވީ މިމަހުގެ 8ވަނަ ދުވަހު ބޭއްވި އެ އެކަޑަމީގެ އިދާރީ ބައްދަލުވުމުގައެވެ.
ފިޤްޙު އެކަޑަމީއަކީ ދީނީ ޚިލާފުތަކާއި ބޮޑެތި މައްސަލަތަކުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެކަންކަމުގައި ދީނީގޮތުން އެންމެ ރަނގަޅު ނިންމުންތައް ނިންމާ އެކަޑަމީއެވެ.
އޯއައިސީއަކީ އިސްލާމީ ޤައުމުތަކުގެ ސުލްޙައާއި މަސަލަސްކަމަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާގެ ބޮޑެތި މަޝްވަރާތަކާއި ނިންމުންތަކުގައި ރާއްޖެއިން ޚިޔާލު ހުށައަޅާ، މުހިންމު ނިންމުންތައް ނިންމުމުގައި ރާއްޖެއިން މުހިންމު ދަޢުރެއް އަދާކުރަމުންއާދެއެވެ.
ޑރ ޝަހީމް ވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި އެޖަމިއްޔާގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓަރ"ގެ ވެރިޔާގެ މަގާމުވެސް މީގެކުރީގައި ފުރުއްވާފައެވެ.
އިންޓަނޭޝަނަލް ފިޤުހު އެކަޑަމީގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ 57 މެންބަރު ޤައުމު ހިމެނެއެވެ. ފިޤުޙު އެކަޑަމީ އުފެދުނީ 1981 ވަނަ އަހަރުއެވެ.