މިއަހަރުގެ އެންމެ އަސަރުގަދަ ހުކުރު ޚުތުބާ

12 ޞަފަރު 1446 ، 16 އޯގަސްޓް 2024 ވީ ހުކުރު ދުވަހުގެ ހުކުރު ޚުތުބާއަކީ ، މިއަހަރުގެ އެންމެ އަސަރުގަދަ އެންމެ ޢިބްރަތްތެރި އަދި ދީނީ ، ތާރީޚީ މަޢުލޫމާތުން ފުރިގެންވީ އެންމެ މުހިންމު އެއް ޚުތުބާއެވެ. އެދުވަހުގެ ޚުތުބާ ޚާއްޞަކުރެވިފައި އޮތީ ، ފަލަސްތީނާއި މުސްލިމުންގެ މައްޗަށެވެ. ހުކުރު ދުވަހު ، މުޅިރާއްޖެޔަށް އިއްވޭ ހުކުރު ޚުތުބާގައި ހިމެނޭ ދީނީ ފިލާވަޅާއި ދީނީ ޝިޢާރަކީ ، ފަށްފަށްކޮށް ، މީސްތަކުންނަށް ހަނދާންކޮށްދޭން ، ލިޔެވެންޖެހޭ  އަދި ކިޔެންޖެހޭ މުހިންމު ޢިލްމީ މަޢުލޫމާތެކެވެ. އެއީ ، ހަމައެކަނި ހުކުރުދުވަހު ، ހުކުރު ކުރައްވާ ޚަތީބުގެ ފަރާތުން އިއްވޭ އެއްޗަކަށް ވެގެން ، ފުއްދައިލެވޭނެ އެއްޗެއްނޫނެވެ. ޓީވީއާއި ރޭޑިއޯއިން ޚުތުބާ ފޮނުވެއެވެ. މިންބަރަށް އަރައި ހުންނަވާ ، އިމާމާ އިއްވަވާ ޚުތުބާގެ އަޑު އެންމެ ފުރިހަމަގޮތުގައި އަޑުއެހެނީ ކިތައްމީހުންނަށް ބާވައެވެ. ރޭޑިއޯއާއި ޓީވީން އިއްވޭ ޚުތުބާއަށް ކަނުލައި އަޑުއެހެނީ ކާކަށް ހެއްޔެވެ ؟ ހުކުރަށްގޮސް ތިބޭއިރު ، ޚުތުބާއަށް ކަނުލައި އެހުމަކީ ހުކުރު ޞައްޙަވުމުގެ ޝަރުތެކެވެ. ދުނިޔެ މިދަނީ ހުރިހާގޮތަކުންވެސް ދަތިވަމުންނެވެ. އެއްވެސް އިންސާނެއްގެ ދުނިޔެއާއި ދިރިއުޅުން ، އެންމެ ފުރިހަމައެއް ނުވާނެއެވެ. ދުނިޔެއަކީ އަދި ، ދިރިއުޅުމަކީވެސް އިމްތިޙާނެކެވެ. ކުރިއަރައި ތަރައްޤީވެފައިވާ ދުނިޔެ ކުޑަވަމުންދާއިރު ، މަސައްކަތާހުރެ ދުވަސްވެސް ދަނީ ކުރުވަމުންނެވެ. ހުކުރުގެ ކުރިން ވިޔަފާރީގައި އަދި ދިރިއުޅުމުގެ އެކިމަސައްކަތުގައި ، ބައެއްމީހުން އަވަދިނެތި އުޅެމުންގޮސް ، ލިބިފައި އޮންނަ އެ ވަރުބަލިކަމުގައި ފެންވަރާލައިގެން މިސްކިތަށް ދެއެވެ. ހުކުރު ގަޑި ކައިރިވާވަރަކަށް ، ފެންވަރަން ފެންލިބުން މަދުވެއެވެ. އޭގެ މާނަޔަކީ ، ގިނަމީހުންނަށް ހުކުރަށްދާން ފެންވެރެނީ ވަރަށްލަހުން ކަމެވެ.

އެއްބަޔަކު ، ފަރުވާބަހައްޓައިގެން ، ކަހަފު ސޫރަތް ކިޔަވައިލާނެވަގުތު ލިބޭވަރަށް ކުރީބައިގާ ހުކުރަށް ދެއެވެ. އަނެއްބަޔަކަށް މިސްކިތަށް ދެވެނީ ކިރިޔާ ވަލަޛިކްރުﷲ އަކުބަރަށެވެ. އެއްބަޔަކު ތިބެނީ މިސްކިތުން ބޭރުގައި މިސްކިތު ގޯތިތެރޭގައި ނުވަތަ މަގުމަތީގައި އަވީގައެވެ. ވާރޭވެހޭ ދުވަހެއްވިއްޔާ ، ވާރެޔަށް ބަލައިގެން މިސްކިތަށް ދެވޭއިރު ހުކުރު ޚުތުބާ އޮންނަނީ ނިމިފައެވެ. މިސްކިތްތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު ، އެއްބަޔަކު ތިބެނީ ނިދިޖެހިފައެވެ. އަނެއްބަޔަކު ތިބެނީ ، ދިރިއުޅުމުގެ ޙާލަތަށް ދެންކުރިމަތިވެދާނެ ދައްޗަކުން ހިތްނުތަނަވަސް ވެފައެވެ. ހިތަށްއަރާ ފައިބާ އެތައްކަމަކުން ، ހިތް ނުތަނަވަސް ވެފައެވެ. އެހެނަސް ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ، ފަރުޟު ފަސްނަމާދަށް އާދަކޮށް ނުދާމީހުންވެސް ހުކުރަށް ދާކަމެވެ. މިކަމާބެހޭގޮތުންވެސް ، 16 އޯގަސްޓް 2024 ވީ ހުކުރުދުވަހުގެ ހުކުރު ޚުތުބާގައި ، އަލިއަޅުއްވާލައްވާފައި ވެއެވެ.

" ޔަހޫދީން ، ޤުދްސް ހިފައި އަލްމަސްޖިދުލްއަޤްޞާގައި ހުޅުޖެހިއެވެ. އެކަން ހިނގީ މީލާދީ ސަނަތުން 1967 ވަނައަހަރު އެވެ. އެކަން އެމަގަށް ހިނގުމުން ، އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު ، މޯޝޭ ދައްޔާނާ މުޚާތަބުކޮށް ، ނޫސްވެރިޔަކު ބުނިކަމަށް ވެއެވެ. މުސްލިމުން ދެކޭގޮތުގައި ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގެމަތިން ، މަސްޖިދުލްއަޤްޞާއަށް އެމީހުން ، ދެވަނަފަހަރަށް ވަންނާނެއެވެ. ޖަވާބުގައި ، މޯޝޭ ދައްޔާން ، ނޫސްވެރިޔާއަށް ބުންޏެވެ. ހާސްނުވާށެވެ ! މިޖީލުގެ މީހުންނެއް ނުވަންނާނެއެވެ. މުސްލިމުންނަށް އެކަންވާނީ ، ހުކުރު ނަމާދަށްދާ މުސްލިމުންގެ ޢަދަދަށް ، އެބައިމީހުން ފަތިސްނަމާދަށް ދާންފަށާ ދުވަހަކުންނެވެ. " ސުބްޙާނަﷲ.

ނިކަން ވިސްނައިލައްވާށެވެ ! އެއީ ޔަހޫދީއެއްގެ ވިސްނުން މުސްލިމުންނާމެދު އޮތް ގޮތެވެ. މުސްލިމް އުއްމަތް ބައިބައިވެ ، ދީނާމެދު މުސްލިމުން ޣާފިލްވެފައި އޮތްމިންވަރު އެ ބުނެދިނީ ކާފަރެކެވެ. އެއީ ، މީގެ 57 އަހަރުކުރިން ، ޔަހޫދީއެއްގެ ހިތުގައި މުސްލިމުންގެ ނިކަމެތިކަން އޮތްމިންވަރު ބުނެދިންގޮތެވެ. އިސްލާމްދީނާމެދު ، މުސްލިމުން ޣާފިލްވެފައިވާ މިންވަރެވެ. އޭގެފަހުން ކިތައް ޖީލު އުފެދިއްޖެތޯއެވެ ؟ މުސްލިމުންނަށް އައި އިޞްލާޙީ ބަދަލަކީ ކޮބައިތޯއެވެ ؟ ކިޔެވިކިޔެވިހެން ކާފަރުވާހެން ، ދުވަހެއްދުވަހަކަށް މިދަނީ ގޯސްވަމުން ނޫންތޯއެވެ ؟ ﷲ ތަޢާލާ ، އިސްލާމީ އުއްމަތަށް ހެޔޮގޮތް މިންވަރު ކުރައްވައި ، މުސްލިމުންގެ މެދުގައި ދީނަށް ލޯބިކުރުން އިތުރު ކުރައްވާށިއެވެ ! މުސްލިމުންގެ ހިތްތަކުގައި ތަޤްވާވެރިކަން އިތުރު ކުރައްވައި ، ދީނީހަމަތަކާއި ވާޖިބުތަކަށް އަހުލުވެރި ކުރައްވާށިއެވެ !

ހުކުރު ޚުތުބާއަކީ އިސްލާމްދީނަށް ގޮވައިލެވޭ ގޮވައިލުމެކެވެ. އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ދެވޭ ދަޢުވަތެކެވެ. އިސްލާމީ ތާރީޚުގެ ، އެންމެ ފުރަތަމަ ޚުތުބާ އިއްވެވީ ، މިއުއްމަތުގެ މާތް ނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަނައެވެ. އެއީ ، މައްކާގައި ، އިސްލާމްދީނަށް ގޮވައިލައްވައި ، އެދީނަށް ވަނުމަށް މައްކާގެ އަހުލުވެރިންނަށް ދެއްވި ދަޢުވަތެކެވެ. ފާޅުގައި އިސްލާމްދީނަށް ގޮވައިލައްވައި ، މީސްތަކުންނަށް ދެއްވި އެންމެ ފުރަތަމަ ދަޢުވަތެވެ.

އެކަލޭގެފާނުގެ ޚުތުބާ ފެއްޓެވީ ،  ﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަމުން ، އައްރާޢިދު އެވެ ކިޔުނު މީހެއްގެ ވާހަކައިންނެވެ. އައްރާޢިދަކީ ، މައްކާގެ އަހުލުވެރިޔެކެވެ. ފެނާއި ހުއި ހޯދުމަށް ، އޭނާގެ އަހުލުވެރިން ފޮނުވި މީހެކެވެ. ޚުތުބާ ކުރިޔަށް ގެންދަވަމުން ވިދާޅުވެފައި ވެއެވެ.

" އައްރާޢިދު ، އޭނާގެ އަހުލުވެރިންނަކަށް ދޮގެއް ނުހަދައެވެ. ﷲ ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނަކީ މީސްތަކުންނަށް އިތުރުފުޅު ހައްދަވާނެ ބޭފުޅެއްނަމަ ، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަކަށް އިތުރުފުޅެއް ނުހައްދަވާނަމެވެ. ތިމަންކަލޭގެފާނަކީ ، މީސްތަކުންނަށް އޮޅުވައިލައްވާނެ ބޭފުޅެއްނަމަ ، ތިމަންކަލޭގެފާނު ، ތިޔަބައިމީހުންނަކަށް އޮޅުވައެއް ނުލައްވާނަމެވެ.

ﷲ ގަންދެއްވައި ވިދާޅުވަމެވެ. އަޅުކަންކުރުން ޙައްޤުވެގެންވަނީ ، ތިޔަބައިމީހުން ހެއްދެވި ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށެވެ. ތިމަންކަލޭގެފާނަކީ ، ޚާއްޞަކޮށް ތިޔަބައިމީހުންގެ މައްޗަށް ، އަދި ޢާންމުކޮށް އެންމެހައި މީސްތަކުންގެ މައްޗަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި ރަސޫލަކީމެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ގާތަށް ނިދި އަންނަހާ ފަސޭހަގޮތަކަށް ތިޔަބައިމީހުންގެ ގާތަށް މަރު އަންނާނެއެވެ. އަދި ، ނިދިން ހޭލެވޭހާ ފަސޭހަގޮތަކަށް ، ކަށްވަޅުގައި ތިއްބާ ފުރާނަ އަޅުއްވައި ، ދިރުއްވައި ، މަޙުޝަރުގެ މައިދާނަށް ތިޔަބައިމީހުން އެއްކުރެވޭނެއެވެ. ދުނިޔެ އުޅުމުގައި ތިޔަބައިމީހުން ކުޅަ ކަންކަމުގެ ހިސާބު ބެލެވި ، ހެޔޮޢަމަލުގެ ސަވާބާއި ނުބައި ޢަމަލުގެ ޢަޒާބު ، ތިޔަބައިމީހުންނަށް އެދުވަހު ލިބޭނެއެވެ. ހަމަކަށަވަރުން އެއީ ، ސުވަރުގޭގެ ދާއިމީ އުފަލާއި ނިޢުމަތެވެ. ނުވަތަ ، ނަރަކައިގެ ދާއިމީ ވޭނާއި ޢަޒާބެވެ. "

ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ، އިސްލާމީ އުއްމަތަށް އެންމެ ފުރަތަ ދެއްވި މި ޚުތުބާގައި ، އެކަލޭގެފާނުގެ ރަސޫލުކަން އިޢުލާންކުރެއްވިއެވެ. އަދި ، އިސްލާމްދީނަށް ވަނުމަށް މީސްތަކުންނަށް ގޮވައިލައްވައި ދަޢުވަތު ދެއްވިއެވެ.

ހުކުރު ދުވަހަކީ ، ހަފުތާޔަކު އެއްފަހަރު ، މުސްލިމުންނަށް އަންނަ ޢީދެކެވެ. ހުކުރު ނަމާދަކީ ، ޚާއްޞަ ނަމާދެކެވެ. އެނަމާދުގެ ކުރިން ، ޚުތުބާ އިއްވެއެވެ. ފިޠުރުޢީދާއި އަޟްޙާޢީދާ ދެޢީދު ދުވަހު ކުރެވޭ ޢީދުނަމާދުގައި ، ޚުތުބާ އިއްވެނީ ، ނަމާދުގެ ފަހުންނެވެ.

މިޒަމާނުގެ ދިރިއުޅުމުގެ ޙާލަތަށްބަލާއިރު އަދި ދީނީކަންކަމަށް މީސްތަކުންދޭ ސަމާލުކަމަށް ވިސްނާއިރު ، ހުކުރު ޚުތުބާއަކީ ، ހަފުތާއަކު އެއްފަހަރު ދެވޭ ، ވަރަށް މުހިންމު ޚިތާބެކެވެ. ﷲ އަށް ތަޤްވާވެރިވެ ، އިސްލާމްދީންމަތީ ދެމިތިބުމަށް ނަޞޭޙަތްތެރިވެ ، ﷲ ގެ ޙަޟުރަތުން މިންވަރު ކުރައްވައި ، އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކާއި ރަޙުމަތުގެ މަތިން ހަނދާން ކޮށްދެވެއެވެ. އިންޒާރުގެ ބަސްފުޅުތަކާއި  ވަޢުދުގެ ބަސްފުޅުތައް އިއްވެއެވެ. ޢާލަމްތަކަށް ރަޙުމަތެއްކަމުގައި މުޅި އިންސާނިއްޔަތަށް ފޮނުއްވި ، މި އުއްމަތުގެ މާތްނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔަވައި ، ސަލާމްލެއްވުން އެދި ، ﷲ ގެ ޙަޟުރަތަށް ދުޢާކުރުން ގިނަކުރުމަށް ހަނދާން ކޮށްދެވެއެވެ. ދުނިޔޭގެ މާއްދިއްޔަތަށް ނުހެއްލި ، އާޚިރަތުގެ މަތިން ހަނދުމަކޮށް ، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރުމަށް ނަޞޭޙަތް ދެވެއެވެ. އިސްލާމީ ތާރީޚުގެ ޙާދިސާތައް ހަނދުމަކޮށްދީ ، ފިލާވަޅު ލިބިގަތުމަށް ފުރުޞަތު ހޯދައި ދެވެއެވެ.

16 އޯގަސްޓް 2024 ވީ ހުކުރުދުވަހު ، ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތްތަކެއްގައި ، ހުރިހާރަށެއްގައި އިއްވުނު ހުކުރު ޚުތުބާގައި ، މުސްލިމެއްކަމަށްވީތީ އެނގުން މުހިންމު އެތައް މަޢުލޫމާތެއް ހިމެނިފައި ވެއެވެ. އެ މަޢުލޫމާތުން ފިލާވަޅު ލިބިގަނެ ، އިސްލާމީ އުއްމަތުގެ އެއްބައެއްވަންތަ ކަމާއި ފަރުދީގޮތުން ވިސްނަންޖެހޭ ، ތާރީޚީ އެތައް ހެކިތަކެއް ހާމަކުރެވިފައި ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ، މިލިޔުމުގައި ފަށްފަށްކޮށް ތަކުރާރު ކޮށްލާނަމެވެ. ހަނދާން އާކޮށް ، ފިލާވަޅު ލިބިގަތުމަށްޓަކައެވެ.

އެ ޚުތުބާ ޚާއްޞަކުރެވިފައި އޮތީ ، މުސްލިމުންނާއި ފަލަސްތީނުގެ މައްޗަށެވެ. ފަލަސްތީނުގެ މައްސަލަޔަކީ ، މުސްލިމުންގެ ޢަޤީދާއާއި ، އިސްލާމީ އުއްމަތުގެ ވިންދާ ގުޅިފައިވާ ، ވަރަށް ޚައްޞާސް މައްސަލައެކެވެ. ފަލަސްތީނުގެ ބިމާއި ރައްޔިތުންނާ ގުޅިފައިވާ ޙަޤީޤަތްތައް އޮޅުވައިލުމަށް ، ހުޅަނގާއި ހުޅަނގުގެ ޤައުމުތަކާ ގުޅިފައިވާ ޔަހޫދީން ، މަސައްކަތް ކުރަމުން އެބަގެންދެއެވެ. އެހެންނަމަވެސް ، އެއީ ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް ، އޮޅުވައިލެވޭނެ ޙަޤީޤަތްތަކެއް ނޫނެވެ. އެ ޙަޤީޤަތްތައް ގުޅިފައިވަނީ އިސްލާމީ ތާރީޚާއެވެ. އެ ތާރީޚުތައް މިހާރުވެސް ލިޔެވިފައި އެބަހުށްޓެވެ. ދުނިޔޭގެ ޤާނޫނަށް ގޮންޖަހައި ، ހުޅަނގުގެ ވާތްގާއި މަދަދާއެކީ ، ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަނިޔާގައި ، މިހާތަނަށް   ސާޅީސް ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްފިއެވެ. ލައްކައެއްހާ މީހުން ޒަޚަމްކޮށްފިއެވެ. ޢުމްރާނީ ބިނާތައް ބިމާހަމަކޮށް ، މުޅި ޣައްޒާ  ސުންނާފަތި ކޮށްފިއެވެ. ފަލަސްތީނުގެ އެތައް މިލިއަން މީހުން ގެދޮރުނެތި މަގުމަތި ކޮށްފިއެވެ. މުޅި ފަލަސްތީނުގެ އަސާސީ ޚިދުމަތަށް ހުރަސްއަޅައި ،  ޞިއްޙީ ޚިދުމަތް ހުށްޓުވައި ބޯފެނާއި ކާބޯތަކެތީގެ ތަދުމަޑުކަމެއް ގެނެސްފިއެވެ. ފުރާނަ އަތްމައްޗަށްލައިގެން ، ދެއަތް އުފުލައި ކުޑަކަކޫމައްޗަށް ތިރިވެ ، ދުނިޔެއަށް ސަލާންޖަހަން މަޖުބޫރު ކޮށްފިއެވެ. މިއީ ޒަޔަނިސްޓް ޔަހޫދީން ، ފަލަސްތީނުގެ ނަސްލު ނައްތައިލުމަށްޓަކައި ހިންގަމުންގެންދާ ޢުދުވާނެކެވެ. ދުނިޔޭގެ ފަހުގެ ތާރީޚުގައި ، މިފަދަ އިންސާނިއްޔަތުކަމެއްނެތް ، ނިރުބަވެރި ޢަމަލުތަކެއް ލިޔެވިފައެއް ނެތެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކޮށް އަޑުގަދަކުރާ މީހުން އެތިބީ ، ފަލަސްތީނުގެ މައްސަލަޔަށް ބީރުކަންފަތެއްދީ ، އެތުތަދުން ފުޅަށް އަޅައިގެން ، މަޑުތަންމަތީ ނިދާފައެވެ.

އިންސާނާ ޚަލްޤުކުރެއްވި ﷲ އަށް އަޅުކަން އަދާކުރުމަށްޓަކައި ، މިބިންމަތީ އެންމެ ފުރަތަމަ ކުރެވުނު ބިނާއަކީ ، މައްކާގައިވާ އަލްމަސްޖިދުލްޙަރާމެވެ. އެއަށްފަހު ، ދެވަނަޔަށް ބިނާކުރެވުނީ ، ފަލަސްތީނުގެ ބައިތުލްމަޤްދިސްގައިވާ ، އަލްމަސްޖިދުލްއަޤްޞާއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވާ ގޮތުގައި ، މަސްޖިދުލްޙަރާމާއި މަސްޖިދުލްއަޤްޞާއާ ދެމިސްކިތް ބިނާކުރެވުމާ ދެމެދު ، ސާޅީސް އަހަރު ވެފައި ވެއެވެ. ﷲ ގެ ރިސާލަތާއި ، މައްކާއާއި ފަލަސްތީނާ ދެމެދު އޮތްގުޅުން ، އިމާމް މުސްލިމްގެ ރިވާއިން ވަރަށް ސާފުކޮށް އެނގެއެވެ.

އިސްލާމީ ތާރީޚަށް ބަލާއިރު ، ސަލާމްލެއްވި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ކޮއްކޯފުޅު ، ސަލާމްލެއްވި ލޫތުގެފާނު ، ﷲ ގެ ރިސާލަތަށް ގޮވައިލައްވައި ، ތައުޙީދުގެ ދިދަ އުފުއްލެވީ ފަލަސްތީނުގެ ބިމުގައެވެ. ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދެދަރިކަލުން ، ސަލާމްލެއްވި އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނު ، ރައްކާވެވަޑައިގަތީ ފަލަސްތީނުގެ ބިމުގައެވެ. ސަލާމްލެއްވި ޔަޢުޤޫބުގެފާނާއި ޔޫސުފުގެފާނު ދިރިއުޅުއްވީވެސް ހަމަ އެބިމުގައެވެ. ހަމައެއާއެކު ، ސަލާމްލެއްވި ދާއޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ، ސުލައިމާނުގެފާނުގެ ނަބީކަމުގެ މަންހަޖުގެމަތީ ، ތައުޙީދުގެ ރަސްކަމެއް ބިނާކުރައްވައި ހިންގެވީވެސް ، ފަލަސްތީނުގެ މަތިވެރި ބިމުގައެވެ. ސަލާމްލެއްވި ޔަޙުޔާގެފާނުގެ ދުޢާފުޅު އިޖާބަކުރައްވައި ، މާތް ﷲ ، އެކަލޭގެފާނަށް ޔަޙުޔާގެފާނު ދެއްވީވެސް ފަލަސްތީނުގެ ބިމުގައެވެ. ހޫނު މޫސުމުގައި ފިނިމޫސުމުގެ މޭވާއާއި ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާ ، ﷲ ގެ ކަށަކުޅަދުންވަންތަކަމުން ، މަރްޔަމްގެފާނަށް ދެއްވާފައިވަނީވެސް އެބިމުގައެވެ. ސަލާމްލެއްވި ޢީސާގެފާނު ރައްކައުވެ ، ތުއްޕުޅުކަމުގެ ދާންކޮޅުމަތީ ، މީސްތަކުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ޢަޖައިބަކީވެސް ، ފަލަސްތީނުގެ ބިމުން ފާޅުވެގެންދިޔަ މުޢުޖިޒާތެކެވެ. މި އުއްމަތުގެ މާތްނަބިއްޔާ ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ، މުޢުޖިޒާތްތަކުން ފުރިގެންވާ އިސްރާގެ ދަތުރުފުޅު ކުރެއްވީ މައްކާގެ މަސްޖިދުލްޙަރާމުން ، ފަލަސްތީނުގެ މަސްޖިދުލްއަޤްޞާއަށެވެ. ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ނަމާދުފުޅު ކުރެއްވީ ، މާތްވެންވާ މަސްޖިދުލްއަޤްޞާގައެވެ. އެއަށްފަހު ، ހަތްވަނަ އުޑަށް އަރައިވަޑައިގަތުމަށް ، މިޢުރާޖުގެ މާތްދަތުރުފުޅު ފެށްޓެވީ ، ފަލަސްތީނުގައިވާ މަސްޖިދުލްއަޤްޞާއިންނެވެ.

މިހުރިހާ ތާރީޚީ ، ޙަޤީޤަތްތަކަކާއެކު ، ފަލަސްތީނުގެ މައްސަލަޔަކީ ، އިސްލާމީ އުއްމަތުގެ އެންމެ މުހިންމު ޤަޟިއްޔާއަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަލްމަސްޖިދުލްއަޤްޞާއަކީ ، މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އެއީ ، މުސްލިމުންގެ އެންމެ ޙުރުމަތްތެރިވެގެންވާ ، ތިންމިސްކިތްކޮޅުގެ ތެރެއިން އެއްމިސްކިތްކޮޅެވެ.  އަޅުކަމެއްގެ ގޮތުގައި ދަތުރުގެ ބުރަ އުފުއްލައިގެން ދިއުން ޝަރުޢު ކުރައްވާފައިވާ ، ތިންމިސްކިތްކޮޅުގެ ތެރެއިން އެއްމިސްކިތްކޮޅެވެ.

ރޯމަނުންގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ދަށުގައި ހަތްސަތޭކަ އަހަރުވަންދެން ، ފަލަސްތީނު އޮތެވެ. ﷲ ގެ މަދަދާއި ވާގިފުޅާއެކު ، މުސްލިމުންގެ ހިތްވަރާއި ޖިހާދުން ، ޤުދްސް މިނިވަންކުރެއްވީ ، އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ޚިލާފަތުގައެވެ. އިސްލާމީ އުއްމަތުގެ ޚަލީފާއަކަށް ހުންނަވައި ، މަދީނާގެ ބިމުން ފުރަތަމަ ފަހަރަށް ނުކުމެވަޑައިގެން ، ބައިތުލްމަޤްދިސަށް ދަތުރުކުރައްވައި ، ޤުދްސްގެ ތަޅުދަނޑިއާ ، ޢުމަރުގެފާނު ޙަވާލުވެވަޑައި ގެންނެވިއެވެ.

މުސްލިމުން ، ބައިތުލްމަޤްދިސް ފަތަޙަކުރާނެކަމުގެ އުފާވެރި ޚަބަރަކީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އިސްލާމީ އުއްމަތަށް ދެއްވާފައިވާ ޚަބަރެކެވެ. އެކަލޭގެފާނު ޙަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ.

" ޤިޔާމަތް ވުމުގެކުރިން، ދުނިޔޭގައި ހަ ކަމެއް ހިނގާނެއެވެ. ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމާއި ، ( މުސްލިމުން ) ، ބައިތުލްމަޤްދިސް ފަތަޙަ ކުރުން ، އޭގެތެރޭގައި ވެއެވެ. "

މީލާދީން އެއްހާސް ނުވަދިހަ ނުވަވަނަ އަހަރަކީ ، ޤުދްސްގެ ތާރީޚުގައި ފާހަގަ ކޮށްލެވޭ މުހިންމު އަހަރެކެވެ. އެއަހަރުގެ ޖުލައިމަހުގެ ތޭރަވަނަދުވަހު ، ޞަލީބީން ޤުދްސަށް އަރައި އެބިން ހިފިއެވެ. ހަނގުރާމައިގާ ބަލިވެ ، އަމާންދީފައިވާ މުސްލިމުންގެ ތެރެއިން ، ހަތްދިހަހާސް ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ޤަތުލުކޮށް ، ޝަހީދުކޮށްލިއެވެ. އެ ޤަތުލުޢާންމާގުޅިގެން ، ޤުދްސްގެ ސަރަޙައްދުގައި ލޭގެކޯރުތައް އުފެދުނެވެ. ޞަލީބީންގެ ސިފައިންގެ ވެރިޔާ ރީމޯންޑް ، އަލްމަސްޖިދުލްއަޤްޞާގެ ގޯތިތެރެޔަށްވަނީ ، ޖުލައިމަހުގެ ސާދަވަނަ ދުވަހުއެވެ. އޭނާ ، އަލްމަސްޖިދުލްއަޤްޞާގެ ގޯތިތެރެޔަށްވަނީ ، ޝާހީދުކޮށް ބިންމައްޗަށް އުކައިލެވިފައިވާ މުސްލިމުންގެ ހަށިތައްމަތިން ހިނގާފައެވެ. ޤުދްސްގެ މިސްކިތްތަކުގައި ބަންގިގޮވުން ، ޞަލީބީން މަނާކުރިއެވެ.

އޭގެ އަށްޑިހައަށްއަހަރު ފަހުން ، މުސްލިމުންގެ އަތްމައްޗަށް ޤުދްސް ގެނެވުނެވެ. އެފަހަރު ، ޤުދްސް ފަތަޙަ ކުރައްވައި ޞަލީބީންގެ މައްޗަށް ކާމިޔާބު ހޯއްދެވީ ، އިސްލާމީ އުއްމަތުގެ ފަޚުރުވެރި ، ހިތްވަރުފުޅުގަދަ ބަތަލު ، ޞަލާޙުއްދީނުލް އައްޔޫބީ ރަޙިމަހުﷲ އެވެ. ހަނގުރާމައިގާ ބަލިވި ޞަލީބީންނާމެދު ، އެކަލޭގެފާނު ޢަމަލުފުޅުކުރެއްވީ ، ޤުދްސް ހިފުމަށްފަހު ، ޞަލީބީން މުސްލިމުންނާމެދު ޢަމަލުކުރި އަނިޔާވެރި ގޮތަކަށްނޫނެވެ. އެކަލޭގެފާނު ޢަމަލުކުރެއްވީ ، އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ، އޯގާތެރި ވެރިޔަކު ޢަމަލުކުރައްވާނެ އެންމެ ފުރިހަމަ ގޮތަށެވެ.

މުޅި އިސްލާމީ ތާރީޚަށް ބެލިކަމުގައިވިޔަސް ، ޤުދްސަކީ ނިރުބަވެރި ޔަހޫދީންގެ ބިމެއްނޫންކަމުގެ ޙަޤީޤަތް ، ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ޤުދްސްގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ، ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުންނެވެ. އެއީ ، ސަލާމްލެއްވި ޢީސާގެފާނު ރައްކައުވުމުގެ ، ތިންހާސް ފަސްސަތޭކަ އަހަރު ކުރިންނެވެ. ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ، ޔަހޫޛާ ދަރިކޮޅުގެ މީހުން ، ޤުދްސްއަށް އައިސް ބަނޑަހަޖެހީ ، މާކުރީއްސުރެ ޢަރަބީން ، އެބިމުގައި ދިރިއުޅެމުން ދަނިކޮންނެވެ.

ޒަޔަނިސްޓް ޔަހޫދީން ، މިއަދު އެގެންދަނީ ، މަސްޖިދުލްއަޤްޞާގެ ވަށައިގެންވާ ސަރަޙައްދު ކޮންނަމުންނެވެ. އެކަން ކުރުމަށް އެމީހުން ދައްކާ ޙުއްޖަތަކީ ، ސަލާމްލެއްވި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުންކަމަށް އެމީހުން ބުނެއެވެ. އެހެންނަމަވެސް ، އެއީ އެއްވެސް އަސާސެއް އޮތް ޙުއްޖަތެއްނޫނެވެ. ޒަޔަނިސްޓުންގެ މަޤްޞަދަކީ ، އިސްލާމުންގެ އެ މުޤައްދަސް މިސްކިތް ހަލާކުކޮށް ނައްތައިލުމެވެ. އެއީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކަކާއި ޤަރާރުތަކަކާ ޚިލާފަށް ، ޒަޔަނިސްޓުން ހިންގަމުން ގެންދާ ޖަރީމާއެކެވެ.

ފަހުގެ ތާރީޚަށް ބަލާއިރު ، ނަވާރަ ސަތޭކަ ސާދައިން ނަވާރަ ސަތޭކަ އަށާރަޔަށް ، ދުނިޔޭގައި ހިނގި ،  ފުރަތަމަ ބޮޑުހަނގުރާމަޔަކީ ، ފަލަސްތީނުގެ މައްސަލަތައް އުފެދި ކުރިފެޅުމަށް މެދުވެރިވި ކާރިސާއެކެވެ. ފުރަތަމަ ބޮޑުހަނގުރާމައިގާ ހުޅަނގާ އެއްކޮޅުގައި އޮތީ ، އެމެރިކާއާއި ، އިނގިރޭސިވިލާތާ ، އިޓަލީވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަޕާނާއި ރޫސީވިލާތެވެ. އަނެއްކޮޅުން ހަނގުރާމަކުރަމުން ގެންދިޔައީ ، ޖަރުމަންވިލާތާއި އޮސްޓްރިއާއި ހަންގޭރީ އަދި ބަލްގޭރިއާއާއި ޢުސްމާނީ ޚިލާފަތެވެ. ހުޅަނގާއި ޔަހޫދީންގެ މަކަރުވެރި ރޭވުމުގެ ދަށުން ، ފުރަތަމަ ބޮޑުހަނގުރާމައިގައި ، ފަލަސްތީނުގެ ސަރަޙައްދުގައި އޮތް ޢުސްމާނީ ޚިލާފަތު ވައްޓައިލައި ، އިނގިރޭސީންގެ ބެލުމުގެ ދަށަށް ފަލަސްތީނު ގެންދިޔައެވެ. ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ވަޒަނެއް ހެދުމަށް އެހީތެރިވުމުގެ ވަޢުދެއް ، ޔަހޫދީންގެ މަކަރާއި ޙީލަތުން ، އިނގިރޭސީންގެ އަތުން ހޯދިއެވެ. އަދި ، މި ވަޢުދުގެދަށުން ، ދުނިޔޭގެ އެތަންމިތަނަށް ވިއްސިވިހާލިވެފައިތިބި ޔަހޫދީންތައް ފަލަސްތީނުގެ ބިމަށް އެތެރެކޮށް ވަޒަންވެރި ކުރުވަމުން ގެންދިޔައެވެ. އަދި ހުޅަނގުގެ ތާއީދާއެކު ، ހަތިޔާރު އެއްކޮށް ހަނގުރާމައިގެ ތަމްރީނު ހޯދައި ، ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނަކަށް ، ޤަރާރަކަށް އަދި އިންސާނިއްތުކަމަށްވެސް ނުބަލައި ، ފަލަސްތީނުގެ ބިމަށް އަތްގަދަކޮށް ، ފަލަސްތީނުގެ ރައްޔިތުން މަރައި ޝަހީދުކޮށް ، އެމީހުންގެ ވަޒަނުން ބޭރުކުރަމުން ގެންދިޔައެވެ. އަދި ، ޔަހޫދީންގެ މަކަރާއި ޙީލަތުން ، ހުޅަނގުގެ ތާއީދާއެކު އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ޤާއިމްކުރީއެވެ. އަމިއްލަ ފަސްގަނޑުގައި އަމިއްލަވެރިކަމެއް ހިނގާ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ޙައްޤުންވެސް ، ފަލަސްތީނުގެ ރައްޔިތުންވަނީ މަޙުރޫމް ކުރެވިފައެވެ. އެންމެފަހުން ، ޣައްޒާގައި މިހާރު ހިންގަމުން އެގެންދާ ޢުދުވާނަކީ ، ފަލަސްތީނުގެ ނަސްލު ނައްތައިލުމުގެ ބޮޑު ޖަރީމާއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު ، މިހާރުވަނީ ދެބިލިއަނަށް އަރާފައެވެ. ޔަހޫދީންގެ ޢަދަދަކީ ގާތްގަނޑަކަށް ފަނަރަ މިލިއަނެވެ. ކޮންމެ ޔަހޫދީއަކަށް ހައެއްކަ މުސްލިމުން ، ދުނިޔޭގައި އެބަ ދިރިއުޅެއެވެ. މިފަދަ ބައިމަދު ބަޔަކަށް ބައިބޯ މުސްލިމުންގެ މައްޗަށް އަތްގަދަކޮށް ، މުސްލިމުންގެ މުޤައްދަސް ބިނާތައް ފޭރި ، ނައްތައިލުމުގެ ފަހަތުގައިވަނީ ކޮން ސިއްރެއް ހެއްޔެވެ ؟ މިސުއާލުގެ ޖަވާބު ، މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ.

" ބަޔަކަށް ޖާފަތަކަށް އަންނާން ގޮވުމުން ، އެބައިމީހުން އައިސް ކާތަކެތީގެ މައްޗަށް އަރައިގަންނަފަދައިން ، ތިޔަބައިމީހުންގެ މައްޗަށް ، އުއްމަތްތައް އަރައިގަންނަ ދުވަސް ، ގާތް ވެއްޖެއެވެ. "

އެހިނދު ، ބޭކަލަކު ދެންނެވިއެވެ. އެކަން ، އެދުވަހަކުންވާނީ ، ތިމަންމެންގެ ބައިމަދުވެގެންތޯއެވެ ؟  ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެބޭކަލަކަށް ޙަދީސް ކުރެއްވިއެވެ.

" އަދި ، ކިއެއް ހެއްޔެވެ ؟ އެ ދުވަހަކުން ، ތިޔަބައިމީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު ، ތިޔަބައިމީހުން ވާހުށީ ، އޮއިކުނިތަކެއްފަދަ ، އެއްވެސް އަގެއްނެތް ބަޔަކަށެވެ. އަދި ، ތިޔަބައިމީހުންގެ ޢަދުއްވުންގެ ހިތްތަކުގައި ، ތިޔަބައިމީހުންގެ  މައްޗަށް އުފެދިފައިވާ ހައިބަވަންތަކަން ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، އެހިތްތަކުން ނެރެލައްވައިފާނެއެވެ. އަދި ، ތިޔަބައިމީހުންގެ ހިތްތަކަށް ، ވަހުނު ވައްދަވައިފާނެއެވެ. "

އެހިނދު ، ބޭކަލަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ ! ވަހުނަކީ ކޮން އެއްޗެއްތޯއެވެ ؟ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެބޭކަލަކަށް ޙަދީސް ކުރެއްވިއެވެ.

" އެއީ ، ދުނިޔެއަށް ދަހިވެތިވުމާއި ، މަރަށް ނުރުހުންތެރި ވުމެވެ. "

އިސްލާމީ އުއްމަތަށް ކުރިން ލިބިފައިއޮތް މަތިވެރި ޤަދަރާއި ޢިއްޒަތް ، މިހާރު މިވަނީ ނެތި އަޅިޔަށްވެފައެވެ. ކަރާމާތުން މަޙުރޫމް ވެފައެވެ. އެކަން އެހެން އެ ދިމާވީ ސަބަބުތަކެއް އޮވެގެންނެވެ. ދީނަށް ބޯ ނުލެނބުމެވެ. ދީނުގެ ހަމަތަކާއި އުޞޫލުތަކުގެ ބޭރަށް އިސްލާމީ އުއްމަތް ނުކުތުމެވެ. ދުނިޔޭގެ މާއްދިއްޔަތަށް ހެއްލި ، އާޚިރަތް ހަނދާން ނެތުމެވެ. އިސްލާމީ ޤައުމުތަކުގެ ވެރިން ، ފަސާދައިގެ މަގަށް ހެއްލި ، ދީނީ އުޞޫލުތައް އެއްކިބާކޮށް ، އަމިއްލަ ފައިދާއާއި އަމިއްލަ މަޞްލަޙަތު އިސްކުރުމެވެ. ދީނީ ވާޖިބުތައް ހަނދާން ނައްތައިލެވި ، ދީނަށްދެވޭ އަހަންމިއްޔަތުކަން ނުދެވުމުގެ ސަބަބުން ، އިސްލާމީ ޤައުމުތަކުގައި ކާފަރުންގެ ބަސްގަދަވުމެވެ. އިސްލާމްދީން ޤަބޫލުނުކުރާ ، ނުވަތަ ދީނަކަށް ތަބާނުވާ މީސްތަކުން ، އިސްލާމީ ޤައުމުތަކުގައި އިތުރުވަމުން ދިއުމެވެ. ޤައުމީ ދީނެއް ކަނޑައެޅިފައި އޮތަސް ، އެދީން ރައްކައުތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ޤައުމުތަކުގެ ވެރިން ކުރަންޖެހޭ މަސައްކަތްތަކަށްވުރެ ބޮޑަށް ވެރިކަން ދިފާޢުކޮށް ، ދެމެހެއްޓުމަށް ކުރަންޖެހޭ ސިޔާސީ މަސައްކަތަށް ، ވެރިންނަށް އިސްކަން ދެވުމެވެ.

އިސްލާމީ އުއްމަތުގެ ނާރެސްކަމުގައިވާ ، މާތްވެގެންވާ ދެ ޙަރަމްފުޅު ހުރި ، ސުޢޫދީ ޢަރަބިއްޔާއަށް ނިކަން ވިސްނައިލައްވާށެވެ ! ސުޢޫދީ ޢަރަބިއްޔާގެ ޤައުމީދީނަކީ ، އިސްލާމްދީނެވެ. ވައްހާބީ މަޛުހަބުގެ ސުންނީ މުސްލިމުންގެ އާބާދީއަކީ ، އައްޑިހަ ފަހެއް ނުވަތަ ނުވަދިހަ އިންސައްތައެވެ. އާބާދީގެ ފަސް އިންސައްތަ މީހުން ، ކަލަކުވޮޑިގެންވާކަން ޤަބޫލެއް ނުކުރެއެވެ. އެއީ ، އެމެރިކާގައިވެސް އެޢަދަދު އޮތް މިންވަރެވެ. އާބާދީގެ ނަވާރަ އިންސައްތަމީހުން ، އެއްވެސް ދީނެއް ޤަބޫލެއް ނުކުރެއެވެ. ދެމިލިއަން ޔަހޫދީން ދިރިއުޅެއެވެ. ހަތްލައްކަ ހިންދީންނާއި އެއްލައްކަ ބުޑިސްޓުންނާއި ބައިލައްކަ ސިކުން ، ސުޢޫދީގައި ދިރިއުޅެމުން އެބަ ގެންދެއެވެ. ޒަމާނީ ދުނިޔެއަކަށް ސުޢޫދީ ޢަރަބިއްޔާ މިސްރާބު ޖަހާފައިވާއިރު ، ތަބާވަމުންދަނީ އެމެރިކާއާއި ހުޅަނގުގެ ނުފޫޒަށެވެ. އިޒްރޭލާއެކު އާދައިގެ ގުޅުމެއް އުފައްދަން ސަރުކާރުން ކުރަމުން އައި މަސައްކަތްތައް ، ރައްޔިތުންގެ ފިއްތުންތަކާހުރެ ، މިވަގުތަށްވަނީ ހުއްޓިފައެވެ. ފަލަސްތީނުގެ މައްސަލަޔަށްވުރެ ، ސުޢޫދީ ޢަރަބިއްޔާގެ އެތެރޭގެ ދާޚިލީ މައްސަލަތަކަށް ސަމާލުވުމަށް ، ސަރުކާރަށްވަނީ މަޖުބޫރު ވެފައެވެ. ނުވަމިލިއަން ކާފަރުން ، އެކިމަސައްކަތުގައި ސުޢޫދީގައި ދިރިއުޅެމުން އެބަ ގެންދެއެވެ. އިސްލާމީ އުއްމަތުގެ ނާރެސް ، މިފަދަ ޙާލަތެއްގައި އޮތްއިރު ، އިސްލާމީ އެހެން ޤައުމުތަކުގެ ޙާލަތު އޮންނާނެގޮތް ވަޒަންކޮށްލައްވާށެވެ. ( ނިމުނީ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.