ވިހަ ތީރު (15)

( 18  އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( އޭރު ، ގޭތެރޭގައި ތިބި ، ދިލްނަޝީނާއި ޙަމްޒާއަށް ދުނިޔެ އޮޅިގެންދިޔައެވެ. ދިލްނަޝީންގެ ބޮލަށް އެނބުރުން އެރިއެވެ. ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. ޙަމްޒާ އެގޭތެރޭގައި ހުއްޓާ އައްވަލަށް ފެނިއްޖިއްޔާ އެދެމީހުންގެ ދުވަސް ، އެހިސާބުން އެދިޔައީއެވެ.)

ޙަމްޒާ ފިލަން ވަންނާނެ ތަނަކަށް ވަނުމަށް ދޫކޮށްލުމަށްފަހު ، ގެންފައިހުރި ބިރާއެކު ، ދިލްނަޝީންގޮސް ދޮރުހުޅުވައިލިއެވެ. އައްވަލް އައިގޮތަށް އައިސް ، ދޮރުތަޅުލައިގެން ހުންނާށޭ ބުނެ ، މެޓާ ޕެކެޓް ހިފައިގެން ނުކުތެވެ. ޙަމްޒާވެސް އެހުރިތާކުން ނުކުމެގެން ގޭތެރެޔަށް ވަނެވެ. ދިލްނަޝީން ގެންފައިހުރިބިރު ފިލުވައިލުމަށް ، ޙަމްޒާ މަސައްކަތްކުރަމުން ގެންދިޔައެވެ. ދިލްނަޝީނަށް އޭރުހުރީ ރޮވިފައެވެ. އެގެއިން ނުކުމެގެން ދިއުމަށް ، ޙަމްޒާގާތު ދިލްނަޝީން އެދެމުން ގެންދިޔައެވެ. ޙަމްޒާ އެތަނުގައި ނެތްނަމަ ، ދިލްނަޝީން ރޯތަނެއް ، ޙަމްޒާއަކަށް ނުފެންނާނެއެވެ. އެހެނަސް ، ދިލްނަޝީން ރޮއެރޮއެ ހުއްޓާ އެގެއިން ނުކުމެގެންދާކަށް ޙަމްޒާ ބޭނުމެއް ނުވިއެވެ. ހިތްދަތިކަމާއި ރުއިމަކީ ، ދިލްނަޝީންގެ ނަސީބުގައި ލިޔެވިފައިވާ ކަމެއްކަން ، ޙަމްޒާއަށް ، ދިލްނަޝީން ސާފުކޮށްދިނެވެ. އެކަމަކު ، ޙަމްޒާ އެހުރީ ދިލްނަޝީންގެ ، އެ ނަސީބު ބަދަލުކޮށްދޭން ، ދިލްނަޝީންގެ ޙަޔާތަށް އައިހެވެ. ޙަމްޒާ ބޭނުންވީ ، ބޭރަށްގޮސް ، ހަމަޖެހިލައިގެން މިނިވަންކަމާއެކު އެ ދެމީހުން ވާހަކަ ދައްކައިލާށެވެ. ދިލްނަޝީން އެކަމަކަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން ، ޙަމްޒާވެސް ނިންމީ ، ދިލްނަޝީން އޭނާގެ ބަސް ނާހާކަމަށް ވަންޏާ ، ޙަމްޒާވެސް ދިލްނަޝީން ބުނާގޮތެއް ނުހެދުމަށެވެ. ޙަމްޒާގޮސް ، ގޭގެ ސިޓިންގރޫމުގެ ސޯފާގައި ޖައްސައިލިއެވެ.

" އަހަރެންގެ ޢާއިލާމީހުން އެދިޔައީ ކޮންތާކަށްކަން އެނގޭ ހެއްޔެވެ ؟ އެމީހުން އެދިޔައީ ، އަހަރެންގެ ކައިވެނިވާ ފިރިހެންމީހާގެ ގެޔަށެވެ. ތާރީޚު ކަނޑައަޅާށެވެ. " ދިލްނަޝީން ބުންޏެވެ.

ދިލްނަޝީންގެ އެވާހަކައިން ، ޙަމްޒާއަށް ސިހުން ލިބުނެވެ. އެ ކައިވެންޏަށް ، ދިލްނަޝީން އެއްބަސްވީތޯ ސުއާލުކުރިއެވެ. ޙަމްޒާގެ ސުއާލަށް ދިލްނަޝީން ޖަވާބެއް ނުދިނެވެ. އޭނާގެ ސުއާލަށް ޖަވާބުދޭށޭ ބުނެ ، ޙަމްޒާ ހަޅޭއްލަވައިގަތެވެ. ގޭތެރޭގެ ޙާލަތު އޭރުއޮތީ ، އެ ކައިވެންޏަށް އާނއެކޭވެސް އަދި ނޫނެކޭވެސް ، ދިލްނަޝީނަށް ބުނެވޭފަދަ ގޮތަކަށްނޫނެވެ. އެކަމުގެ ޤާބިލްކަމެއް ، ދިލްނަޝީނަށް ލިބިގެންނެއް ނުވެއެވެ. އޭނާއަށް އެކަމުގައި އެއްޗެއްބުނުމުގެ ޙައްޤު ، އޭރުއޮތީ ގެއްލިފައެވެ. އެކަން އެހާމައްޗަށް ދިޔައީ ، ޙަމްޒާގެ މައިންބަފައިންގެ ސަބަބުންނެވެ.

އެހާއަވަހަށް އުއްމީދު ކަނޑައިނުލުމަށް ޙަމްޒާ ، ދިލްނަޝީންގެ ކިބައިން އެދުނެވެ. އޭނާ އެހުރީ ދިލްނަޝީނާ އެކުގައިކަން ހަނދާން ކޮށްދިނެވެ. އެހެންނަމަވެސް ، ދިލްނަޝީނާއެކުގައި އެއްވެސްމީހަކު ހުރުމަކަށް އޭނާ ބޭނުމެއްނޫނެވެ. ޙަމްޒާގެ ބަހަށް ހެއްލިގެން ދިލްނަޝީނަށް އެކުރެވުނީ މޮޔަކަމެއްކަމުގައި ދިލްނަޝީން ބުންޏެވެ. އޭގެ ބަދަލުގައި ، ޙަމްޒާގެ މަންމަ އެގެޔަށް އައިސް ، ދިލްނަޝީންގެ މަންއާއި ބޭބެއާ ދިމާލަށް ނުގޮވާކަ އެއްޗެއްނެތެވެ. ޙަމްޒާގެ ބައްޕަގެ ނުފޫޒުން ، ސިފައިންގެޔަށް އަންގައިގެން ، އެއްވެސް ކުށެއްނެތި ،ދިލްނަޝީންގެ ބޭބެ ސިފައިންގެޔަށް ގެންގޮސް ، އެތައް އަނިޔާއެއްދީފިއެވެ. އަބުރު ކަތިލައި ލަދުގަންނުވައިލައިފިއެވެ.

" އަދި އެނގޭ ހެއްޔެވެ ؟ އަހަރެން ކޮލެޖަށް ދިއުން މަނާކޮށް ކިޔެވުމަށް ހުރަސް އެޅިއްޖެއެވެ. އެއީ ، އަހަރެންނާއެކީ ޙަމްޒާ ހުރީމަ ދިމާވި ކަމެކެވެ. އަހަރެންގެ ހިތުގައި އަޅާނެ ވޭން ޙަމްޒާއަށް އިޙްސާސް ކުރެވޭ ހެއްޔެވެ ؟ " ދިލްނަޝީން ބުންޏެވެ.

އެހުރިހާކަމެއް ޙަމްޒާއަށް އިޙްސާސް ކުރެވެއެވެ. އެކަމަކު ، ޙަމްޒާގެ ހިތުގައި ، ދިލްނަޝީންގެ މައްޗަށް އޮތް ލޯބި ، ދިލްނަޝީނަކަށް ވަޒަނެއް ނުކުރެވެއެވެ. ލޯބީގެ ނަންބޭނުންކޮށްގެން ، އެލޯތްބަށް ވަކާލާތު ނުކުރުމަށް ، ދިލްނަޝީން އެދުނެވެ. އެ ލޯތްބަކީ ، ދިލްނަޝީންގެ ޢާއިލާއަށް އަނިޔާއާއި ތަކުލީފުލިބޭ އެއްޗެއްކަމުގައި ވަންޏާ ، ދިލްނަޝީނެއް އެލޯބި ބޭނުމެއްނޫނެވެ. އެއީ ، ލޯތްބެއްނޫނެވެ. އެއީ ، ގެއްލުމާއި ހަލާކެވެ. އެލޯބިން ، އޭނާއަށް އަދި އޭނާގެ ޢާއިލާއަށް ލިބޭނެ އުފަލެއްނެތްކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީނަށް މިހާރު ، ޙަޤީޤަތް ހާމަވެއްޖެއެވެ.

ދިލްނަޝީނަށް އެނގުނީ ކޮން ޙަޤީޤަތެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޙަމްޒާ އެހުރީ ، އެހާ ފަސޭހައިން ދިލްނަޝީން ދޫކޮށްލާ ގޮތަކަށްނޫނެވެ. އެހާ ފަސޭހައިން ، ދިލްނަޝީނަކަށް ޙަމްޒާގެ ކިބައިން ސަލާމަތެއް ނުވެވޭނެއެވެ. ޙަމްޒާ މިހާރު އެހުރީ ދިލްނަޝީން ދޫކޮށްލާފައި ކަމުގައި ބުނެ ، އެގެއިން ނުކުމެގެން ދިއުމަށް ޙަމްޒާގެ ކިބައިން ދިލްނަޝީން އެދުނެވެ.

ޙަމްޒާ އެގޭކުރިމަތީ ، ފެންބޮވައިގަނެ ، ބަނޑުހައިވެފައި އިންނަތާ އެތައް އިރެއް ވެއްޖެއެވެ. އޭނާހުރީ އެރޭ އިރުއޮއްސުނަސް ، ދިލްނަޝީނާ ބައްދަލުކޮށްފައިނޫނީ ނުދާން ނިންމައިގެންނެވެ. ދިލްނަޝީން އަދި އެހެން ބުނެލިޔަކަސް ޙަމްޒާއެއް ނުދާނެއެވެ. ދިލްނަޝީންގެ ފޯނުއޮތީ ނިއްވައިލާފައެވެ. ދިލްނަޝީންގެ ޙާލު ބެލޭނެ އެއްވެސްގޮތެއް ޙަމްޒާއަކަށް ނެތެވެ. އެގެޔަށް އަންނަން އޭނާއަށް މަޖުބޫރުވި ސަބަބަކީ އެއީއެވެ. އައްވަލްގާތަށް އައި ރުޅީގައި ، ދިލްނަޝީންގެ ފޯނުވަނީ ހަލާކުކޮށްލާފައެވެ.

ބޭރަށް ދެވޭކަށް އޮތީކީ ނޫނެވެ. ކޮލެޖަށްދިއުންވެސް އޮތީ މަނާކުރެވިފައެވެ. ދިލްނަޝީން ދެންހަދާނީ ކިހިނެއްތޯ ޙަމްޒާ ސުއާލު ކުރިއެވެ. ޙަމްޒާ ، ކައިވެންޏެއް ކުރާށެ ބުނެ ، ދިލްނަޝީން ވަގުތުން ޖަވާބު ދިނެވެ.

" އަހަރެންގެ ކައިވެނި ކުރެވޭނީ ހަމައެކަނި ދިލްނަޝީނާއެވެ. އެހެންމީހަކާ ، އަހަރެންނެއް ނީންނާނަމެވެ. އަދި ،  އެހެންމީހެއްގެ އަނތްބަކަށް ވާން ، އަހަރެންނަކަށް ދިލްނަޝީން ދޫކޮށެއް ނުލެވޭނެއެވެ. " ޙަމްޒާ ބުންޏެވެ.

ދިލްނަޝީންގެ އަތުގައިހިފައި ، ކައިވެނިކުރަން އޭނާއާއެކީ ދިއުމަށް ޙަމްޒާ އެދުނެވެ. ޙަމްޒާ ބޭނުންވީ ، ހަމަ އެވަގުތު ކޯޓަށްގޮސް އެދެމީހުން ކައިވެނި ކުރުމަށެވެ. އެހެންނަމަވެސް ، ދިލްނަޝީން އެކަމަށް ދެކޮޅުހަދައި ، ޙަމްޒާގެ އަތްފޮޅުވައިލިއެވެ.

" ޙަމްޒާގެ މަންމައާއި ބައްޕަ މިގެޔަށް އައިސް ، އަހަރެންގެ މަންމައާއި ބޭބެގެ އަބުރު ކަތިލައި ، ހެއްދެވި ނުހެއްދެވިޔަށް ގޮވާފައި އޮއްވައި ، އަހަރެންގެ ޢާއިލާގެ މީހުންނަށް ސިއްރުން ، ޙަމްޒާއާ އަހަރެން ކައިވެނި ކުރާނެހެން ހީވޭހެއްޔެވެ ؟ އަހަރެން އެކަމެއް ނުކުރާނަމެވެ. " ދިލްނަޝީން ބުންޏެވެ.

ޙަމްޒާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަދާނެގޮތެއް ނުވިސްނުނެވެ. އޭނާ ހަދަންވީ ކިހިނެއްތޯ ، ދިލްނަޝީނާ ސުއާލު ކުރިއެވެ. ދިލްނަޝީން ބުނާ ކޮންމެ ގޮތެއް އޭނާ ހަދާނެއެވެ.

އޭނާގެ މަތިން ހަނދާން ނައްތައިލުމަށް ، ޙަމްޒާގެ ކިބައިން ދިލްނަޝީން އެދުނެވެ. އަދި ، ޙަމްޒާއާ ދުރަށްގޮސް ހުއްޓިލިއެވެ. ދިލްނަޝީންގެ މަތިން ހަނދާން ނައްތައިލުމަކީ ، ޙަމްޒާއަށް ކުރެވޭނެކަމެއް ނޫނެވެ. އެކަން ޙަމްޒާއެއް ނުކުރާނެއެވެ. ޙަމްޒާގޮސް ، ދިލްނަޝީންގެ ކުރިމަތީ އިށީނދެލިއެވެ. އަދި ، އޭނާއަށް ދިލްނަޝީން ބޭވަފާތެރި ނުވުމަށް އެދުނެވެ. ލޯބިވީ ދެމީހުންނެވެ. ދެމީހުންގެ ހިތުގައިވެސް އެލޯބި އެބައޮތެވެ. އެހެންވީމާ ، ދިލްނަޝީނަކަށް ، ޙަމްޒާގެ ލޯތްބަށް ބޭވަފާތެރިއެއް ނުވެވޭނެއެވެ. އޭނާއަށް އޮޅުވާލައި ލަނޑެއް ނުދެވޭނެއެވެ. ދިލްނަޝީނާ ނުލައި ޙަމްޒާއަކަށް ދިރިއެއް ނުހުރެވޭނެއެވެ. ޙަމްޒާގެ ނަފުސަށް ގެއްލުމެއް ލިބިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިލްނަޝީން އެދުނެވެ. އެހެންކަމަށް ވަންޏާ ، ޙަމްޒާ ދެން ހަދަންވީ ކިހިނެއް ހެއްޔެވެ ؟

" މިގެޔަށް އައިސް ، އަހަރެންގެ މަންމައާއި ބޭބެގެ ކިބައިން މާފަށް އެދިފައި ، އަހަރެންގެ ކައިވެނި މަންމަމެންނަށް ހުށަހެޅުމަށް ޙަމްޒާގެ މަންމައާއި ބައްޕަގާތު ބުނާށެވެ ! އޭރަށް ، ފަހަރެއްގައި މަންމަމެން އަހަރެމެންގެ ކައިވެންޏަށް އެއްބަސް ވެދާނެއެވެ. އެކަމަކު ، އެކަން އަހަރެންނަކަށް ޔަޤީނެއްނޫނެވެ. މަންމަމެން އެދިޔައީ ، އަހަރެންގެ ކައިވެނިވާ މީހާގެ ގެޔަށް ކައިވެނީގެ ވާހަކަ ދައްކާށެވެ. އަންނާނީ ހުރިހާކަމެއް ނިންމައިގެންނެވެ. ރޫޅައިލަން ޖެހިއްޖިއްޔާ އަހަރެން ، އެކައިވެނި ރޫޅާލަފާނަމެވެ. ބައްޕަމެންގާތު މިގެޔަށް އަންނަން ބުނާށެވެ ! އަދި އަހަރެންގެ ކައިވެންޏަށް އެދޭށެވެ. ޙަމްޒާގެ ކައިވެންޏަށް ، މަންމަ އަހަރެންނަށް ފުރުސަތު ދިނެވެ. މިހާރު ހުށަހެޅިފައިވާ ކައިވެންޏަށް އެއްބަސް ވުމުގެކުރިން ، ޙަމްޒާގެ ބައްޕަމެން އައިނަމަ ، އެ ފުރުސަތު ތަނަވަސްވީހެވެ. އެކަމަކު ، އެމީހުން އައީ އަހަރެމެންނަށް އަނިޔާދޭށެވެ. އަހަރެންގެ މަންމައާއި ބޭބެއާ ދިމާލަށް އެއްޗެތި ގޮވާށެވެ. " ދިލްނަޝީން ބުންޏެވެ.

އެހުރިހާކަމެއް ވެފައި އޮއްވައި ، ދިލްނަޝީންގެ ޢާއިލާއިން ، ޙަމްޒާގެ ކައިވެންޏަށް އެއްބަސްވެދާނެކަމަކަށް ޙަމްޒާއަކަށް ނުފެނެއެވެ. އެހެނަސް ، ރާފިޢާ ފަހަރިގާތު ބުނެގެން ، އެކަމަށް ދިލްނަޝީން މަސައްކަތް ކުރާނެއެވެ. ޙަމްޒާގެ މައިންބަފައިން އެކަމަށް އެއްބަސް ކުރުވުމަކީ ޙަމްޒާގެ ކަމެކެވެ. އެކަން ، އޭނާ ކުރާނެކަމަށް ޙަމްޒާ އެއްބަސް ވިއެވެ. އޭނާއަށް އިތުބާރުކުރުމަށް އެދުނެވެ.

ޙަމްޒާ އެނބުރި އަންނަންދެން ، ދިލްނަޝީން އޭނާގެ ޖާނާއި ނަފުސަށް ބެލުމަށް ޙަމްޒާ އެދުނެވެ. ޙަމްޒާގެ މައިންބަފައިން އެގެޔަށް އައިސް ، މަންމަމެންނާ ވާހަކަ ދެއްކުމުގެ ކުރިން ، ޙަމްޒާވެސް އެގެޔަށް ނައުމަށް ދިލްނަޝީން އެދުނެވެ. އަދި ، އެކައިވެނި ނުކުރެވޭކަމަށް ވަންޏާ ، ޙަމްޒާ އޭނާގެ މަތިން ހަނދާން ނައްތައިލުމަށް ދިލްނަޝީން އެދުނެވެ.

" ދިލްނަޝީނެވެ ! އަހަރެންގެ މައިންބަފައިން މިގެޔަށް އަންނާނެއެވެ. ދިލްނަޝީންގެ ކައިވެންޏަށްވެސް އެދޭނެއެވެ. އެކަން އަހަރެންނަށް ޔަޤީނެވެ. އަހަރެން މިބުނާ ބަހަށް އިތުބާރު ކުރާށެވެ. ދިލްނަޝީންގެ މަތިން ހަނދާން ނައްތައިލާކަށް އަހަރެންނަކަށް ނުޖެހޭނެއެވެ. " ޙަމްޒާ ބުންޏެވެ.

އެމީހުން ބޭރަށްގޮސް ، ވާހަކަ ދައްލައިލުމަށް ޙަމްޒާ އަނެއްކާވެސް އެދުނެވެ. އެއީ އެވަގުތު ، ދިލްނަޝީނަށް ކުރެވޭނެކަމެއް ނޫނެވެ. އެމީހުން ބޭރުގައި އުޅެނިކޮށް ، މަންމަމެން ގެޔަށް އައިއްސިއްޔާ ، އެހިސާބުން ހުރިހާކަމެއް އެނިމުނީއެވެ. އެހެނަސް ، ޙަމްޒާ އެއްގޮތަކަށްވެސް ، އޭނާގެ ގޮތެއް ދުލެއްނުކުރިއެވެ. ދިލްނަޝީންގެ އަތުގައި ހިފައިގެން ، ގަދަކަމުން ކަހަލަ ގޮތަކަށް ދިލްނަޝީން ގޮވައިގެން ގެއިން ނުކުތެވެ.

 

ޙައިދަރުމެންގެޔަށްގޮސް ، ގޭގެބޮޑުކަމާއި ހައިބަތާ އަދި ރީތިކަމުންގޮސް ، އަނީސާއިނީ އާގަމަ ވެފައެވެ. އެގޭތެރޭގައިހުރި ކޮންމެ އެއްޗަކީ އެހާ އަގުބޮޑު ތަކެއްޗެވެ. އެގެ ކުރެހީ ޙައިދަރެވެ. ގޭގައިހުރި ކޮންމެ އެއްޗެއް އިޚްތިޔާރުކޮށް ހޯދާފައިވަނީ ޙައިދަރެވެ. އެއިން ދައްކައިދެނީ ޙައިދަރުގެ ފުރިހަމަކަންނޫން އެހެން އެއްޗެއްނޫނެވެ. އެކަމަށްޓަކައި ކުލްސޫމްވެސް ފަޚުރުވެރިވިއެވެ. އޭނާގެ އުއްމީދަކީ ، އެގެޔާއި އެގެޔަށް ހޯދާފައިވާތަކެތި ، ބަލަހައްޓައިގެން އޭނާގެންގުޅުނުގޮތަށް ، ޙައިދަރުގެ ދިރިއުޅުންވެސް ބަލަހައްޓާނެ ކުއްޖަކު އެގެޔަށް އައުމެވެ. ކުލްސޫމުމެން އިޚްތިޔާރުކުރި ، ދިލްނަޝީނަކީ އެކަން ފުރިހަމަކުރުމުގެ ހުނަރާއި ޤާބިލްކަން ހުންނާނެ ކުއްޖެއްކަމަށް ކުލްސޫމް އުއްމީދު ކުރެއެވެ.

ދެޢާއިލާގެ ވާހަކައިގެ ތެރޭގައި ކައިވެނީގެ ބަދަލުގައި ފިރިހެންކުއްޖާއަށް އަންހެންކުއްޖާ ހޭދަކުރަންޖެހޭ އެއްވެސް އެއްޗެއް ، ކުލްސޫމް ބޭނުންނުވާކަން ހާމަކުރިއެވެ. އެމީހުންގެ އަތުގައި ނެތްއެއްޗެއް ނެތެވެ. ކުލްސޫމް ބޭނުންވަނީ ހަމައެކަނި ، ދިލްނަޝީނެވެ. ކައިވެނިކުރާނެ ތާރީޚެއް ، އަނީސާމެން ކަނޑައަޅައި ނިންމައިދިނުމަށް ކުލްސޫމް އެދުނެވެ. މާދަމާ ކައިވެނިކުރަންވިޔަސް ، އެޢާއިލާއިން އެތިބީ އެކަމަށް ތައްޔާރު ވެގެންނެވެ.

" މަންމާއެވެ ! ސާރާ ބުނިގޮތުގައި ، ދިލްނަޝީންގެ ކޯހުގެ ފަހުއަހަރުގެ އެންމެ ފަހު އިމްތިޙާން އޮތީ ވަރަށް ކައިރިވެފައެވެ. އިމްތިޙާން ނިމެންދެން މަޑެއް ނުކުރެވޭނެ ހެއްޔެވެ ؟ " އަޅައަޅައިގަންނަމުން ޙައިދަރު ބުންޏެވެ.

އެވާހަކަ ކުލްސޫމު ޤަބޫލެއް ނުކުރިއެވެ. ދިލްނަޝީންގެ އިމްތިޙާން ، އެގޭގައި ހުރެގެންވެސް ހެދިދާނެއެވެ. އެގޭގައި ހުރެގެން ކިޔެވުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެހާ ގިނަދުވަސް ވަންދެން ، ކައިވެނި ލަސްކުރާކަށް ކުލްސޫމް އެއްބަހެއް ނުވިއެވެ. ކުލްސޫމް ބޭނުންވީ އަންނަ ހަފުތާ ފެށޭއިރަށް އެންގޭޖްވެފައި ޖެހިގެން އަންނަ ހަފުތާގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށެވެ. އެންގޭޖްމަންޓާއި ކައިވެންޏާ ދެރަސްމިއްޔާތު އެކުއެކުގައި ، އަންނަ ހަފުތާގައި ބޭއްވުމަކުންވެސް ، ކުލްސޫމަކަށް މައްސަލައެއް ނެތެވެ.

" އަހަރެންވެސް ، ސާރާގާތުގައި މިބުނަނީ ، ކައިވެންޏަށްފަހު ، އަންހެންކުދިން ކިޔެވުމުގެ ސަކަރާތްޖަހާނެކަމެއް ނެތްކަމުގައެވެ. ކައިވެނިވީމަ ، ދިލްނަޝީންގެ ކިޔެވުން އެހިސާބުން އެ ނިނުމީއެވެ. ދިލްނަޝީނަށް ދެން އޮންނާނީ ފިރިމީހާގެ ގެޔާއި ފިރިމީހާގެ ކަންކަން ބެލެހެއްޓުމެވެ. " ސާރާއަށް އިޝާރާތް ކުރަމުން އަނީސާ ބުންޏެވެ.

އަނީސާގެ ވާހަކަޔަށް ކުލްސޫމް ތާއީދުކުރިއެވެ. އެއީ ، އޭނާގެ ހިތުގައިވެސް އެކަމުގައި އޮތްގޮތެވެ. ބުނަން ނުކެރިފައި އިނީއެވެ. އެންގޭޖްމަންޓާއި ކައިވެނީގެ ތާރީޚު ކަނޑައެޅި އެ ނިމުނީއެވެ. އެކަމަށް ދެޢާއިލާއިންވެސް އެއްބަސް ވިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. ކޮންމެ ދުވަހަކުވެސް ، މިވާހަކަ ކިޔާލަން ހިތްއެދޭ. އެފަދަގޮތެއް ވެދާނެ ނަމައޭ މަވެސް ހިތައްއަރާ ވަރަށް. އެކަމަކުވެސް ލިޔުންތެރިޔާގެ ވަގުތަކީ މުހިންމު އެއްޗެއް. އިޙްތިރާމް ކުރަންޖެހޭ އަގުހުރި އެއްޗެއް. އެކަމަކުވެސް އެބުނާހެން ތަންކޮޅެއް އަވަސް އަވަހަށް ގެނެސްދެއްވައިފިއްޔާ ކިތަންމެހާވެސް ރަނގަޅު. ވާހަކަޔަކަށް ދޫކުރާނެ ވާހަކައެއް ނެތް. ނަޢީމާއި ފާރޫޤަކީ ހަމަ އެއްރާހީގެ ދެބޭފުޅުން. އަދަބީ ލިޔުންތެރިކަމުގެ ލާމަސީލު ދެ ތަރުޖަމާނުން. މަސައްކަތުގައި ބަރަކާތް ލައްވާށި !

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.