ވިހަ ތީރު (14)

( 13  އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ހެޔޮ ހިތަކައިގެން ، އެގޭތެރެއިން ، އޭނާއާ ވާހަކަދައްކައިލަނީ ހަމައެކަނި ފަހަރި ، ޢާފިޔާއެވެ. ބޭބެއާއި މަންމަ އެތިބެނީ އޭނާދެކެ ރުޅިއައިސް ރަތްވެފައެވެ. ދިލްނަޝީނަށް ހަދާނެގޮތް ބޮޑުވިއެވެ. އެއިންގޮތަށް ގަބުވެފައި އިނދެ ، އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ.)

" ޙަމްޒާ އަދިވެސް ނެތެދުވަނީ ހެއްޔެވެ ؟ " ހެނދުނުގެ ނާސްތާކުރަމުން ، ކާމޭޒުދޮށުގައި އިނދެ ، ޞާދިޤް އަމީން ސުއާލު ކުރިއެވެ.

ހެވިފައި އިނދެ ، އާނއެކޭ ބުނެ ، ޞާދިޤްގެ ސުއާލަށް ޖަވާބުދިނީ ، ބުޝްރާ އެވެ. އެ ކައިވެންޏަކީ ނުކުރެވޭނެ ކައިވެންޏެއްކަން ، ޙަމްޒާއަށް ވިސްނައިދީފިންތޯ ޞާދިޤް ސުއާލު ކުރިއެވެ.

" އަހަރެންވެސް ވަރަށް ވިސްނައިދީފީމެވެ. ޙަމްޒާ ބޭނުންވީ ދިލްނަޝީނާ ގުޅައި ފޯނުން ވާހަކަ ދެއްކުމަށެވެ. ދިލްނަޝީންގެ ފޯނު އޮތީ ނިއްވައިލާފައެވެ. އެހެންވީމާ ، ދިލްނަޝީނަކާ ޙަމްޒާއަކަށް ވާހަކައެއް ނުދެއްކުނެވެ. " ރިދާ ބުންޏެވެ.

ރިދާގެ ވާހަކަ ނުނިމެނިސް ، ބުޝްރާގެ ޝަކުވާ ރިދާއަށް އަމާޒުވިއެވެ. ރިދާއަށް ވިސްނައިދެވޭނީ ކޮންކަމެއް ހެއްޔެވެ. ހުރިހާވެސް ގޯހެއް ހެދީ ، ރިދާއެވެ. ރިދާއަށް އެހުރިހާކަމެއް އެނގޭއިރު ، އެކަން ބުޝްރާމެންނަށް ސިއްރުކޮށްގެން އެހާ ގިނަދުވަހު ހުރީތީ ، ބުޝްރާ އިނީ ، ރިދާދެކެ ހިތްހަމަ ނުޖެހިފައެވެ. އެހެނަސް ، އެކަމުގައި ރިދާގެ އޮތީ ކޮން ކުށެއް ހެއްޔެވެ. ދިލްނަޝީންދެކެ ޙަމްޒާ ލޯބިވެއެވެ. ޙަމްޒާގެ ޙަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި ، ދިލްނަޝީން އިޚްތިޔާރުކުރީ ، ޙަމްޒާ އަމިއްލަޔަށެވެ. ދިލްނަޝީންގެވެސް އަދި ، ރިދާގެވެސް އެއްވެސް ކުށެއް އެކަމުގައި ނެތްކަން ރިދާ ސާފުކޮށްދިނެވެ. އެކަމަށް އިސްނެގީވެސް ޙަމްޒާއެވެ. ރިދާގެ ބެސްޓް ފްރެންޑް ކަމަށްވާތީ ، އެގުޅުން ކުރިޔަށް ނުގެންދަން ، ދިލްނަޝީން އެތައް މަސައްކަތެއް ކުރިއެވެ. ޙަމްޒާ ގޮތްދޫނުކޮށް ، ދިލްނަޝީނަށް އެކަމަށް މަޖުބޫރު ކުރުވީއެވެ. އެކަމަކު ، އެއީ ރިދާގެ މަންމަމެންނަށް ޤަބޫލު ކުރެވޭނެ ވާހަކައެއްނޫނެވެ.  އެ ޢުމުރުގައި ފެންނަ ، ރީތި ކޮންމެ އަންހެންކުއްޖަކަށް ހިތްކިޔުމަކީ ، މިޒަމާނުގެ ޒުވާންކުދިންގެ އާދައެކެވެ.

ޙަމްޒާއަކީ އެކަހަލަ މީހެއްނޫންކަން މަންމަމެންނަށް ސާފުކޮށްދެވޭތޯ ، ރިދާ ކުރިމަސައްކަތްވީ ބޭކާރެވެ. ދިލްނަޝީންދެކެ ޙަމްޒާ ލޯބިވެދާނެކަމަކަށް ، ބުޝްރާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންކަމުން ، އެކައިވެންޏާ ދުރަށް ޙަމްޒާ ގެންދެވޭތޯ ބަލަންޖެހޭކަމަށް ބުޝްރާއަށް ފެނުނެވެ.

" ދުރުތާކަށް އެހެން ޤައުމަކަށް ، ދުވަސްކޮޅަކަށް ޙަމްޒާ ފޮނުވައިލަންވީ ނޫންހެއްޔެވެ ؟ ރަށުން ބޭރަށް ދެވުނީމަ ، ޙަމްޒާގެ ހިތަށް ހަމަޖެހުން ލިބި ، ދިލްނަޝީންމަތިންވެސް ހަނދާން ނެތިދާނެއެވެ. މިއަދު އޮފީހަށްގޮސް އަހަރެން ، ޙަމްޒާގެ ޓިކެޓް ނަގަން ބުނާނަމެވެ. ބޭނުންކަމަށްވަންޏާ ، ބުޝްރާވެސް ޙަމްޒާއާއެކީ ދިޔަސް އެންމެ ރަނގަޅެވެ. " ޞާދިޤް އޭނާގެ އަންހެނުންނާ މުޚާތަބުކޮށް ބުންޏެވެ.

ޙަމްޒާ ފާޚާނާއިން ނުކުތްއިރު ، ބުޝްރާ އުޅެނީ ، ޙަމްޒާގެ ހެދުންތައް ފައްޖަހައި ، ފޮށްޓަށް އެޅުމުގެ މަސައްކަތުގައެވެ. މަންމަ އެކުރަނީ ކީއްތޯ ، ޙަމްޒާ ސުއާލު ކުރިއެވެ. އެކަމާ ، ޙަމްޒާ ޙައިރާންވާނެކަމަށް ބުނެ ، ޙަމްޒާ އާއި ބުޝްރާއާ ދެމައިން ، ބޭރު ޤައުމަކަށްދާން ދަތުރު ތައްޔާރު ކުރަނީކަމަށް ބުޝްރާ ބުނުމާއެކު ، ޙަމްޒާ ނެއްޓިއެވެ. މަންމަގެ މަޤްޞަދު ޙަމްޒާއަށް ވަގުތުން ވިސްނުނެވެ. އަދި އޭނާ ޤައުމުން ބޭރަށްދާން އިންކާރު ކުރިއެވެ. ބޭރު ޤައުމަކަށް ދެވޭތީ އުފާކުރަން ޙަމްޒާއަކީ ، ކުޑަކުއްޖެއްނޫނެވެ.

ކުޑަކުއްޖެއް ނޫންކަމަށް ވަންޏާ ، ބޮޑުމީހެއްގެ ގޮތް އިޚްތިޔާރުކުރުމަށް ބުޝްރާ ބުންޏެވެ. ބޮޑުވެ ، ތަސައްރުފު ފުދި ، ހަމަވިސްނުން ލިބިފައި ހުރިމީހަކު ، އިއްޔެ އެހެދިގޮތަށް ، ގެ ދޫކޮށްލާފައި ދާނެހެއްޔޭ އަހައި ޙަމްޒާއަށް މަލާމާތް ކޮށްލިއެވެ.

މަންމަމެން އެހެންމަގެއް ނުދެއްކީމަ ، ގެއިން ނުކުމެގެންދާން އޭނާއަށް މަޖުބޫރުވީކަމަށް ޙަމްޒާ ބުންޏެވެ. އެކަމާ ގުޅިގެން ، ޙަމްޒާ ބޭނުންވީ އެކަނި ހުރެލުމަށެވެ. ގެއިން ނުކުމެގެންދާން ޖެހުނު ސަބަބަކީ އެއީއެވެ.

އެކަނި ހުންނަން ބޭނުންކަމަށް ވަންޏާ ، ޙަމްޒާ އެކަނި އެދަތުރު ދާންވީއެވެ. އޭނާއާއެކީ ، އެހެން އެއްވެސް މީހަކު ނުދާނެއެވެ. ބުޝްރާ ދާން ނިންމީވެސް ، ޞާދިޤް އެކަމަށް އެދުނީމައެވެ. ބުޝްރާ ، އޭނާގެ ޓިކެޓް ކެންސަލްކޮށް ، ޙަމްޒާ އެކަނި ފޮނުވުމަށް ނިންމިއެވެ. އެކަނި ނަމަވެސް އެދަތުރު ނުގޮސް ޙަމްޒާއަށް ފަރަކު ނުޖެހޭނެއެވެ. އެއީ ބައްޕަގެ ނިންމުމެކެވެ.

" މަންމަޔަކީ މޮޔައެއް ހެއްޔެވެ ؟ އަހަރެން އެހެންތާކަށް ފޮނުވައިލީމަ ، ދާގޮތަށްގޮސް ، ދިލްނަޝީންމަތިން އަހަރެން ހަނދާން ނައްތައިލާނެކަމަށް ހީކުރާކަމަށް ވަންޏާ ، ތިކުރަނީ ވަރަށް މޮޔަ ކަމެކެވެ. ކޮންމެ ގޮތެއް އަހަރެންނަށް ހެދިޔަސް ، ދިލްނަޝީންގެ ހަނދާންތައް އަހަރެންގެ ހިތަކުން ފިލުވައެއް ނުލާނަމެވެ. " ޙަމްޒާ ބުންޏެވެ.

ޙަމްޒާ އެތާހުއްޓަސް ، އެހެންތާކު ހުއްޓަސް ދިލްނަޝީން މަތިން ހަނދާން ނައްތައިލާން ޖެހޭނެކަމަށް ބުނެ ، ބުޝްރާ ހަޅޭއްލަވައިގަތެވެ. އެހެންކަމަށް ވަންޏާ ، މަންމަމެންވެސް ، މަންމަމެންގެ ފިރިހެންދަރިއެއް ހުރިކަން ހަނދާން ނައްތައިލާށޭ ބުނެ ، ބުޝްރާއާ ދިމާލަށް ޙަމްޒާވެސް ހަޅޭއްލަވައިގަތެވެ. އަދި ، އެނދު ކައިރިޔަށް ޖެހިލައި ، ފައްޖަހާފައި ބުޝްރާ ފޮށްޓަށް އަލާފައިހުރި އޭނާގެ ހެދުންތައް ނަގައި ، ތަޅުންމައްޗަށް ހޫރައިލިއެވެ.

ޙަމްޒާ މީހަކާ ދެވަން ، މަންމަމެން ބޭނުން ނޫންކަމަށް ވަންޏާ ، ކައިވެނި ކުރާކަށް ޙަމްޒާވެސް ބޭނުމެއް ނޫނެވެ. ޙަމްޒާ ބޭނުންވަނީ ، އޭނާއާ ދިލްނަޝީންގެ ކައިވެންޏަށް މަންމަމެން ރުހި ، އޭނާ ދިލްނަޝީނާ އެންގޭޖް ވުމުގެ ހުއްދައަށެވެ. އެވަރުވެސް އޭނާއަށް މިވަގުތަށް އެންމެ ރަނގަޅެވެ. އެހެން ކައިވެންޏަކުން ދިލްނަޝީން ސަލާމަތްކުރެވެން ، އޮތްހަމައެކަނި ގޮތަކީ އެއީއެވެ. ކައިވެންޏަކީ ފަހުންވެސް ކުރެވިދާނެ ކަމެކެވެ. އޭނާވެސް އަދި ދިލްނަޝީންވެސް ކިޔަވައި ނިމުމުން ކައިވެނި ކުރެވުނަސް ، ޙަމްޒާއަށް އެންމެ ރަނގަޅެވެ. އެވަރުވެސް ، ޙަމްޒާއަށް ފުދެއެވެ. އެގޮތް އެންމެ ރަނގަޅުތޯ ، ޙަމްޒާ އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.

ބުޝްރާގެ ޖަވާބަކަށްވީ ނޫނެކޭ އެވެ. ދިލްނަޝީނާ ޙަމްޒާއާ ދެމީހުންގެ ކައިވެންޏަކީ ، އެއްވެސް ޙާލެއްގައި ވާނެކަމެއް ނޫނެވެ. ޙަމްޒާ އުޑުގަ ޖެހިފައި ބިމުގަ ޖެހުނަސް ، އެކަމަކަށް އެމީހުން އެއްބަހެއް ނުވާނެއެވެ.

 

އައްވަލާއި ރާފިޢާ އަދި އަނީސާއާ ތިންމައިން ، ހެނދުނުގެ ނާސްތާކުރަން ކާމޭޒުދޮށުގައި ތިއްބެވެ. ދިލްނަޝީން އޭނާގެ ތަށިހިފައިގެން ކާމާޒުދޮށަށް އައުމާއެކު ، އައްވަލްގެ ކާތަކެތި ކޮޓަރިޔަށް ގެންގޮސް ދޭން ޢާފިޔާގާތު ބުނެ އެތަނުން ދާން ތެދުވިއެވެ. ބޭބެގެ ވާހަކައިންނާއި ޢަމަލުން ، ދިލްނަޝީނަށް އަސަރުކޮށް ފެންކަޅި ވިއެވެ. އަދި ، އޭނާކާނީ ފަހުންކަމަށް ބުނެ ، އެތަނުން ، ދިލްނަޝީން ދިޔައެވެ.

" ކައިވެންޏަށް ހޭދަކުރަންޖެހޭ ފައިސާއަށް ލޯނެއްނަގަން ، އައްވަލް މާދަމާ ބޭންކަށް ދާށެވެ. ދެން ، މިގޭގައި އިތުރަށް އެންމެ ދުވަހަކުވެސް އަހަރެންނަކަށް ދިލްނަޝީނެއް ނުބެހެއްޓޭނެއެވެ. ވީ އެންމެ އަވަހަކަށް ، ދިލްނަޝީން މިގެއިން ފޮނުވައިލެވޭނެގޮތެއް ހަދައިދޭށެވެ ! ދިލްނަޝީނު މިގޭގައި ބަހައްޓައިގެން ، އަހަރެންނަކަށް އެންމެ ދުވަހަކުވެސް ކެތެއް ނުކުރެވޭނެއެވެ. " އަނީސާ ، އޭނާގެ ދަރިފުޅު އައްވަލްގާތު ބުންޏެވެ.

އަނީސާ އެބުނި ވާހަކަ ، ދިލްނަޝީނަށް އިވުނެވެ. ލޯނެއް ނަގާކަށް ، އައްވަލް ބޭނުމެއްނޫނެވެ. ލޯނެއް ނުނެގިޔަސް ، ކައިވެނީގެ ޚަރަދުތައް އެނާއަށް ހަމަޖއްސައި ލެވޭނެއެވެ. މާބޮޑު އެއްޗެއް ޚަރަދު ކުރާކަށް ނުޖެހޭނެއެވެ. އެކަމާ ރާފިޢާ ކަންބޮޑުވިއެވެ. ކައިވެނީގެ ކަންކަމުގައި އެމީހުން ކުރާކަމެއްކުރަންވާނީ ، ޙައިދަރުމެންގެ ފެންވަރުގައެވެ. އެ ފެންވަރުގައި ކައިވެންޏެއް ކުރާއިރު  ، ފުދޭވަރެއްގެ ޚަރަދެއް ހިނގާނެއެވެ. ލޯނެއް ނުނަގާ އެކަން ހަމަޖެއްސޭނެކަމަކަށް ރާފިޢާއަކަށް ނުފެނެއެވެ. ޢާފިޔާއަށް ގޮވައިލުމަށްފަހު ، އެއީ ވަރަށް އާދައިގެ ކައިވެންޏެއްގެ ގޮތުގައި ބެލުމަށް އައްވަލް އެދުނެވެ. ޙައިދަރުމެންގެ ފެންވަރުން ، ފަސްތަރީގެ ހޮޓަލެއްގައި އައްވަލްމެންނަކަށް އެކައިވެނީގެ ރަސްމިއްޔާތެއް ނުބޭއްވޭނެއެވެ. އެކައިވެނި ކުރާނީ އަނީސާމެންގެ ފެންވަރުންކަމުގައި ބުނެ  ، އައްވަލް އެބުނާ އެއްޗަކަށް އަނީސާވެސް އެއްބަސް ވިއެވެ. އަނީސާ ބޭނުންވަނީ ، މީހަކާ އިނދެގެން ، ސަލާމަތުން ، އިޙްތިރާމާއެކީ ، ދިލްނަޝީން އޭނާގެ ފިރިމީހާގެ ގެޔަށް ދިއުމެވެ. ވީއެންމެ އަވަހަކަށް ، އެ ޙަމްޒާގެ ޢާއިލާގެ ކިބައިން ދިލްނަޝީން ސަލާމަތް ކުރުމެވެ. އެމީހުންގެ އަބުރު އިތުރަށް ކަތިލެވިގެން ، އަވަށްޓެރިންގެ މެދުގައި އިތުރަށް އެމީހުން ބޭޒާރުވެ ޢާއިލާގެ ނަންހުތުރުވާކަށް ، އަނީސާ ބޭނުމެއްނޫނެވެ.

މަންމަގެ ބަސްމަގު ހުރިގޮތުން ، ހިތަށް އުނދަގޫވެގެން ، ދިލްނަޝީންގޮސް ކޮޓަރިޔަށް ވަތްގޮތަކަށް ނުނިކުމެއެވެ. ހެނދުނު ސަޔެއްވެސް ނުބޮޔެވެ. އެނދުމަތީ ، އޮށޯވެ ރޯން އޮތް އިރު ، އެގެ ފެންނަހިސާބުގައި ، ދުރުގައި ކާރު ހުއްޓާލައިގެން ، ޙަމްޒާ އިންކަން ، ދިލްނަޝީނަށް އެނގޭނީ ކިހިނެއް ހެއްޔެވެ ؟ އެގޭގެ ކިޑިކީދޮރާދިމާލަށް ، ޙަމްޒާއަށް އިރުއިރުކޮޅުން ބަލައިލެވެއެވެ. އެތައް އިރެއްވީއިރުވެސް ، އެއްވެސްމީހެއްގެ ހިލަމެއް ނުވެއެވެ. ދިލްނަޝީން ނޫނަސް ރާފިޢާ ފެނިލިނަމަވެސް ، ޢިޝާރާތް ކޮށްލައިގެން ، އޭނާއަށް ފެންނަހިސާބަށް ދިލްނަޝީން ގެނެވުނީހެވެ. ރާފިޢާއަކީ ، ޙަމްޒާގެ އިޙްސާސްތައް ދެނެގަނެވޭވަރުގެ ގާތް މީހެކެވެ. ރަނގަޅަށްވިއްޔާ ދިލްނަޝީން މިހާރު އޮންނާނީ ، ރާފިޢާގާތު ، އެމީހުންގެ ގުޅުމުގެ ވާހަކަ ކިޔައިދީފައެވެ.

އެތައް އިރެއްކޮށްފައި ، ދިލްނަޝީން ބޭރަށް ނުކުތްއިރު ، ހެދުން އިސްތިރިކުރަން ، ރާފިޢާ ހުއްޓާ ފެނުމުން ، އެމީހުން ތަނަކަށްދަނީތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. ރާފިޢާ ބުނިގޮތުގައި ، އެމީހުން އެތައްޔާރުވަނީ ، ޙައިދަރުމެންގެޔަށް ، މެންދުރުގެ ކެއުމަށް ދާށެވެ. ކައިވެނީގެ ހުރިހާކަމެއްގެ އިންތިޒާމާބެހޭގޮތުން ، އެދުވަހު ހުރިހާކަމެއް ނިންމާނެއެވެ.

މިއީ ، ދިލްނަޝީންގެ ކޮލެޖްގެ އެންމެ ފަހު އަހަރެވެ. އެންމެދެރަވެގެން ، އޭނާ އިމްތިޙާނުގައި އިށީންނަންދެން އެކައިވެނި ފަސްކޮށްލެވޭކަށް ނެތްތޯ ދިލްނަޝީން ސުއާލު ކުރިއެވެ. މަންމަޔާ ރާފިޢާ ވާހަކަ ދައްކާލަނިކޮށް ، މަންމަ އެކަމަށް ފަހަރެއްގައި އެއްބަސް ވެދާނެއެވެ. އެކަމަކު ، އައްވަލެއް އެކަމަކަށް އެއްބަހެއް ނުވާނެއެވެ. އެކަމަކުވެސް ، ބޭބެއާ ވާހަކަ ދައްކައިގެން އެކަމަށް ބޭބެ އެއްބަސް ކުރުވުމަށް ، ރާފިޢާގެ ކިބައިން ދިލްނަޝީން އެދުނެވެ. ރާފިޢާވެސް ހުރީ އެކަމާބެހޭގޮތުން އައްވަލާ އެއްވެސް ވާހަކައެއް ދައްކާ ގޮތަކަށްނޫނެވެ. ރާފިޢާއަށްވެސް ފެނުނުގޮތުގައި ، ދިލްނަޝީނަށް އެންމެ ރަނގަޅުވާނީ ، ވިސްނުމާއި ފިކުރު ބަދަލުކޮށްގެން ، ދިލްނަޝީންވެސް އެކަމަށް ، ނަފުސާނީގޮތުންވެސް ތައްޔާރު ވުމެވެ. އެގޭގެ އެންމެންގެވެސް އެދުމަކީ އެއީއެވެ. ރާފިޢާ ކިތަންމެވަރަކަށް އާދޭސްކުރިޔަސް ، އައްވަލެއް އެކަމަކަށް އެއްބަހެއް ނުވާނެއެވެ.

އައްވަލް ވީ އޮފީހަށްގޮހެވެ. އައްވަލް އޮފީހަށް ދިޔައީ ރާފިޢާއާއި މަންމަ ބަލައި ، ގެޔަށް އަންނާނެކަމަށް ބުނެފައެވެ. އެކަމަކު ، މިހާރު މެންދުރުން އަނބުރައިވެސް ލައިފިއެވެ. ޙައިދަރުމެންގެޔަށްދާން ލަސްވެސްވަނީއެވެ. ނަސީބަކުން އިރުކޮޅެއްވީތަނާ އައްވަލްވެސް އައިއްސިއެވެ. ދިލްނަޝީން އެކަނި ގޭގައި ބަހައްޓާފައިދާކަށް އަނީސާ ބޭނުމެއްނޫނެވެ. އެހެންކަމުން އަނީސާ ނިންމީ ، ސާރާމެންގެޔަށް ދިލްނަޝީން ލާފައި ، އެ ތިންމައިން ޙައިދަރުމެންގެޔަށް ދާށެވެ. އޭނާ ގޭގައި ބަހައްޓާފައި ދިއުމަށް ދިލްނަޝީނު އެތައް ވަރަކަށް އާދޭސްކުރުމުން ، އަނީސާ އެކަމަށް އެއްބަސްވިއެވެ. ރާފިޢާވެސް އެކަމަށް ބާރުއަޅައިގެންނެވެ. ބޭރަށް ނުދިއުން ޝަރުތުކޮށް ، ގޭގެ ހުރިހާ ދޮރުތަކެއް ބަންދުކޮށްގެން އިނުމަށް ، ދިލްނަޝީނަށް އަނީސާ އަމުރު ކުރިއެވެ. އަދި ، އެއްވެސްމީހަކު އަޔަސް ދޮރުހުޅުވައިގެން ނުވާނެކަމަށް އެންގިއެވެ. އަނީސާމެން އެނބުރި އަންނަންވީމާ ، ފޯނުކޮށްފައި ބުނާނެއެވެ.

ޙަމްޒާއިނީ ، ތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްލައިގެން ، ދިލްނަޝީންމެންގެޔާ ދިމާލަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންނެވެ. އައްވަލާއި ރާފިޢާއާ އަދި އަނީސާއާ ތިންމައިން ، ގެއިން ނުކުމެގެން ކާރަށް އަރައިގެން ދިޔަތަން ، ޙަމްޒާއަށް ފެނުނެވެ. އެމީހުން ދިއުމާއެކު ، ކާރުން ފައިބައި ، ފަސްފަހަތްބަލަމުން ، ދިލްނަޝީންމެންގެ ގެޔާދިމާލަށް ، ޙަމްޒާ ހިނގައިގަތެވެ. އަދި އަވަސް އަރުވާލައިފާ ސިޑިން އަރައިގެންގޮސް ، ދިލްނަޝީނަށް ގޮވަމުން ގޭގެދޮރުގައި ތަޅައިގަތެވެ.

އަނީސާމެން ތަންކޮޅަކަށް ދުއްވައިލިތަނާ ، ޢާފިޔާ ކުއްލިޔަކަށް ސިހިފައި ކާރުހުއްޓައިލުމަށް އެދުނެވެ. އަދި ، އެނބުރި ގެޔަށް ދާން ޖެހޭވާހަކަ ބުންޏެވެ. ޢާފިޔާ އެއައީ އެގެޔަށް ގެންދަން ހޯދި މެޓާތައް ހަނދާންނެތި ، ގޭގައި ބަހައްޓާފައެވެ.

ދޮރުގައި ތެޅުން ހުއްޓައިނުލީމަ ، ބޮލަށް އުނދަގޫވެގެން ، ދޮރުނުހުޅުވަން މަންމަބުނި ހަނދާން ދިލްނަޝީންގެ ހިތުންފިލައިގެން ދިޔައެވެ. މަޑުމަޑުން އައިސް ދޮރުހުޅުވައިލިއެވެ. ކުރިމަތީގައި އެހުރީ ، ޙަމްޒާއެވެ. ދިލްނަޝީންހުރީ އަނގައިންވެސް ބުނަން ނޭނގިފައެވެ. ޙަމްޒާ ބުނިގޮތުގައި އޭނާ އެއައީ ، ދިލްނަޝީން ދެކިލަންވެގެންނެވެ. ވާހަކަ ދައްކައިލަން ވެގެންނެވެ. ޙަމްޒާއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނޫންކަމަށް ބުނެ ، ދޮރުލައްޕަން ދިލްނަޝީން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، ޙަމްޒާ ދޮރުގައި ހިފައި ލެއްޕިޔަކަ ނުދިނެވެ. އަދި މަޑުމަޑުން ގޭތެރެޔަށް ވަނެވެ. ޙަމްޒާ އެގެޔަށް އައިތަން މީހަކަށް ފެނިދާނެތީ ދިލްނަޝީންހުރީ ކަންބޮޑުވެފައެވެ. އަދި ، ޙަމްޒާ އެގެއިން ނުކުމެގެން ދިއުމަށް ދިލްނަޝީން އެދެމުން ގެންދިޔައެވެ. ގޭގެ ހުރިހާ މީހުން ގެއިން ނުކުމެގެން ދިޔައީ ޙަމްޒާ ކާރުގައި އިންދާ އޭނާގެ ކުރިމަތިން ލާފައެވެ. އެހެންވީމާ ، އެއްވެސް މީހަކު ، އެވަގުތު އެގެޔަކަށް ނާންނާނެއެވެ.

މެޓާބަލައި ، އަނބުރާ ގެޔަށް އައިސް ، ގެޔަށްވަނީ އައްވަލެވެ. ދިލްނަޝީނަށް ގޮވަމުން ، އައްވަލް ދޮރުގައި ތަޅަމުން ގެންދިޔައެވެ. އޭރު ، ގޭތެރޭގައި ތިބި ، ދިލްނަޝީނާއި ޙަމްޒާއަށް ދުނިޔެ އޮޅިގެންދިޔައެވެ. ދިލްނަޝީންގެ ބޮލަށް އެނބުރުން އެރިއެވެ. ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. ޙަމްޒާ އެގޭތެރޭގައި ހުއްޓާ އައްވަލަށް ފެނިއްޖިއްޔާ އެދެމީހުންގެ ދުވަސް ، އެހިސާބުން އެދިޔައީއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.