
މުޅި ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގައި މާލެ ސަރަހައްދުގެ ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭގްމެންޓް އޮތޯރިޓީއިން ކުރިއަށް ގެންދިޔަ އެސެސްމެންޓު ހެދުމުގެ ހަރަކާތުގައި ބައިވެރިވެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޓީމުތައް ގެތަކަށް ޒިޔާރަތްކޮށްފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ އެން.ޑީ.އެމް.އޭ އަދި މޯލްޑިވްސް ރެޑްކްރެސެންޓާއި ގުޅިގެން ޖުމްލަ 11 ޓީމަށް ބަހާލައިގެން މާލެ ސަރަހައްދުން ގެއްލުން ލެބިގެން ރިޕޯޓު ކުރި ގެތަކަށް ޒިޔާރަތްކޮށް އެސެސްމެންޓް ހަދާފައެވެ.
މީގެ އިތުރުން ވިއްސާރައިގެ އަތޮޅުތެރޭގެ ގެތަކުގެ ތެރެއިން ގެއްލުން ލިބުނު ގެތަކުގެ އާއިލާތަކުގެ ހާލަތު ބެލުމުގައި ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ.
އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ދައުލަތުގެ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތަކެވެ.
އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމުގައި އެ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ދެއެވެ.