ޤުދްރަތީ ވަޞީލަތަކީ ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަމުން އުފައްދަވައި ، ދުނިޔޭޠޭގައި އިންސާނުން ބޭނުންކުރުމަށް ، ރަޙުމަތާއި ނިޢުމަތުން ފުރި ، ދިރިދެމިގެންވާ ގޮތަށް ލައްވާފައިވާ ވަޞީލަތްތަކެކެވެ. މިޒަމާނުގައި ، ގްރީން ކެޕިޓަލިޒަމް ، އެންވަޔަރަންމަންޓަލް ކެޕިޓަލިޒަމް އަދި އިކޯ-ކެޕިޓަލިޒަމް ގެ ނަމުން ނަންދީ ، ތަފާތު ނަންތަކެއް ދެވިފައިވީނަމަވެސް ، އެއީ ހަމަ ޤުދްރަތީ ވަޞީލަތްތަކެވެ. ދުނިޔޭގައި ޤާއިމްކުރެވިފައިވާ ހުރިހާ ވަޞީލަތްތަކެއް ފެށިގެން އަންނަނީ ޤުދްރަތީ ނިޒާމުގެ ތެރެއިންނެވެ. އެނިޒާމުން ބޭރުން ، ދުނިޔޭގެ އެއްވެސްކަމެއް ނުހިނގައެވެ. އަދި ދުނިޔޭގެ މާއްދިއްޔަތު ބިނާވެގެންވަނީވެސް ، ޤުދްރަތީ ވަޞީލަތްތަކުގެ މައްޗަށެވެ. ދުނިޔޭގައި އެކި ފަރާތްފަރާތާއި ، އިންސާނުންގެ މައްޗަށް ބެހިފައިވާ މުއްސަނދިކަމާއި މިލްކިއްޔާތަކީ ، ޤުދްރަތީ ވަޞީލަތްތަކުން އުފެދިގެން އެކި ފަރާތްތަކަށް ، އަދި އެކި އިންސާނުންގެ މައްޗަށް ބެހިގެން ނުވަތަ ވާރުތަވެގެން ގޮސްފައިހުންނަ ޤުދްރަތީ ވަޞީލަތެވެ.
ކެޕިޓަލިޒަމަކީ ، އިޤްތިޞާދީ ނިޒާމެއްގެ ތެރެއިން އުފެދި ، އެކި ފަރާތްތަކާއި އެކިމީހުންގައި އެކިކަންކަމުގެ މައްޗަށް އުފެދޭ ޝަޢުޤުވެރިކަމެއްގެ ތެރެއިން ، އުފަންވާ މުއްސަނދިކަމާއި މިލްކިއްޔާތުން ، އެއެއްޗަކަށް ބޭނުންވާ މިންވަރާއި އުފެއްދޭ މިންވަރެއްގެ މައްޗަށް އަގު ކަނޑައެޅިގެން ، ޖަމާޢަތަށް އެންމެ ފައިދާހުރިގޮތުގައި ، ފޯރުކޮށްދެވޭ ޚިދުމަތެއްގެ މައްޗަށް ބިނާވެފައި އޮންނަ އަގުހުރި އެއްޗެކެވެ. ކެޕިޓަލިޒަމްގެ އެންމެ މުހިންމު ސިފަޔަކީ ، ފައިދާގެ ވިސްނުމާއި ފިކުރުން އެ ނިޒާމް ބަނދެވިފައި އޮންނަ އޮތުމެވެ.
އިންސާނުން ހިމެނޭގޮތަށް ، ޚަލްޤު ކުރައްވައި ، ދިރުންދެއްވައި ، މި ބިންމަތީ ލެއްވި ދިރޭތަކެތީގެ ޚިދުމަތުގައި ، އެބިމުގައި އެކަލާނގެ ލައްވާފައިވާ ނިޢުމަތްތަކާއި ، ޤުދްރަތީ ވަޞީލަތްތަކާބެހޭގޮތުން ، ކީރިތި ޤުރުއާނުގެ މޫރިތި އެތައް އާޔަތެއް ، ﷲ ތަޢާލާވަނީ ބާވައިލައްވާފައެވެ. އަލްޙިޖްރު ސޫރަތުގެ 17 ވަނަ އާޔަތުންފެށިގެން 22 ވަނަ އާޔަތުގެ ނިޔަލަށް ، ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.
وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ ﴿١٧﴾ إِلاَّ مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ ﴿١٨﴾ وَٱلأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِىَ وَأَنْبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ ﴿١٩﴾ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ ﴿٢٠﴾ وَإِن مِّن شَيْءٍ إِلاَّ عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلاَّ بِقَدَرٍ مَّعْلُومٍ ﴿٢١﴾ وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ ﴿٢٢﴾
މި ހަ އާޔަތުގެ މާނަޔަކީ : އަދި ، ﷲ ގެ ރަޙުމަތުން ބޭރުކުރައްވާފައިވާ ކޮންމެ ޝައިތާނެއްގެ ކިބައިން ، ތިމަންރަސްކަލާނގެ އެ އުޑު ރައްކާތެރި ކުރެއްވީމެވެ. (17) އެހުމުން ، ވައްކަންކުޅަ ޝައިތާނަކު މެނުވީއެވެ. (18) އަދި ، ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ، ހަރުލައި ހުންނަ ފަރުބަދަތައް ، އެބިމުގައި ލެއްވީމެވެ. އަދި ، މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް ، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ. (19) އަދި ، ތިޔަބައިމީހުންނަށްޓަކައްޔާއި ، އެތަކެއްޗަށް ތިޔަބައިމީހުން ރިޒުޤުދޭކަމުގައި ނުވާ ތަކެއްޗަށްޓަކައި ، ދިރިއުޅުމުގެ ވަސީލަތްތައް ތިމަންރަސްކަލާނގެ އެބިމުގައި ލެއްވީމެވެ. (20) އެ އެއްޗެއްގެ ޚަޒާނާތައް ، ތިމަންރަސްކަލާނގެ ޙަޟުރަތުގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ، ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ ، ތިމަންރަސްކަލާނގެ އެއެއްޗެއް ބާވައެއް ނުލައްވަމެވެ. (21)
މިއާޔަތްތަކުން އެނގޭގޮތުގައި ، އުޑުހައްދަވައި ، އެ އުޑުދަށުގައިވާ ބިން އުފައްދަވައި އެބިންގަނޑު ހަރުލެއްވުމަށްޓަކައި ، ބިމުގައި ފަރުބަދަތައް ލައްވާފައިވަނީ ، ﷲ ގެ ކުޅަދުންވަންތަކަމުންނެވެ. އެކަލާނގެ އިރާދަކުރައްވާ މިންވަރެއްގެ މައްޗަށް ، ބިމުގައި ގަސްގަހާގެހި ފަޅުއްވައި ، އެތަކެއްޗަށް ދިރުން ދެއްވިއެވެ. ފޮރުވިގެންވާ މަޢުދަނާއި ޚާޒާނާތައް އެބިމުގައި ލެއްވިއެވެ. އެބިމުގައި ދިރިއުޅޭ ، ފުރާނަ އެޅުއްވި ތަކެތީގެ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާ ވަސީލަތްތައް ބިންމަތީގައި ލެއްވިގެން ވެއެވެ. އެކަލާނގެ ޙަޟުރަތުގައި ޖަމާވެގެން ނުވާ އެއްވެސް އެއްޗެއް ނުވަތަ ވަސީލަތެއް ނުވެއެވެ. އެއިން ކޮންމެ އެއްޗަކީ ، އެކަލާނގެ މިންވަރުކުރައްވާ ގޮތެއްގެމަތިން ، ވަކިމިންވަރަކަށް ބިމުގައި ލެއްވިގެންވާ ތަކެއްޗެވެ. އެތަކެއްޗަކީ ، އިންސާނާގެ ދިރިއުޅުން އާބާދު ކުރުމަށްޓަކައި މިބިންމަތީ ލެއްވިގެންވާ ، ޤުދްރަތީ އެންމެހައި ވަސީލަތްތަކެވެ.
އަދި ހަމަ އެފަދައިން ، ކީރިތި ޤުރުއާނުގެ އަލްފަޖްރު ސޫރަތުގެ 15 ވަނަ އާޔަތުން ފެށިގެން 20 ވަނަ އާޔަތުގެ ނިޔަލަށް ، ބާވައިލައްވާފައިވާ ވަޙީގެ ބަސްފުޅަކީވެސް ، ޤުދްރަތީ ވަސީލަތްތަކުގެ މަތިން އިންސާނާއަށް ހަނދުމަކޮށްދެއްވާފައިވާ ބަސްފުޅު ތަކެކެވެ.
فَأَمَّا ٱلإِنسَانُ إِذَا مَا ٱبْتَلاَهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّيۤ أَكْرَمَنِ ﴿١٥﴾ وَأَمَّآ إِذَا مَا ٱبْتَلاَهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّيۤ أَهَانَنِ ﴿١٦﴾ كَلاَّ بَل لاَّ تُكْرِمُونَ ٱلْيَتِيمَ ﴿١٧﴾ وَلاَ تَحَاضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ ﴿١٨﴾ وَتَأْكُلُونَ ٱلتُّرَاثَ أَكْلاً لَّمّاً ﴿١٩﴾ وَتُحِبُّونَ ٱلْمَالَ حُبّاً جَمّاً ﴿٢٠﴾
މި އާޔަތްތަކުގެ މާނަޔަކީ : ފަހެ ، އިންސާނާ ދަންނާށެވެ ! އޭނާގެ ވެރިރަސްކަލާނގެ ، އޭނާ އިމްތިޙާން ކުރައްވައި އަދި ، އޭނާ މާތްކުރައްވައި ، އަދި އޭނާއަށް ނިޢުމަތް ދެއްވއިފި ހިނދު ، ފަހެ ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ، ތިމަން މާތްކުރައްވައިފިއެވެ. (15) އަދި ، ދަންނާށެވެ ! އެކަލާނގެ ، އެ އިންސާނާ އިމްތިޙާން ކުރައްވައި ، އަދި އޭނާގެ ރިޒްޤު ދަތިކުރައްވައިފި ހިނދު ، ފަހެ ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ، ތިމަން ނިކަމެތި ކުރައްވައިފިއެވެ. (16) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ. (17) އަދި ، ތިޔަބައިމީހުން ، މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ. (18) އަދި ، ( ޙަރާމެއް ޙަލާލެއް ނުބަލައި ) ތިޔަބައިމީހުން ، ވާރުތަމުދާ ގިނަގިނައިން ކައި އުޅެމުއެވެ. (19) އަދި ، ތިޔަބައިމީހުން ، ގަދަވެގެންވާ ލޯތްބަކުން ، މުދަލަށް ލޯބިކުރަމުއެވެ. (20)
މިއާޔަތްތަކުން އެނގި ބަޔާންވާގޮތުގައި ، މިބިންމަތީ ލައްވާފައިވާ ޤުދްރަތީ ވަސީލަތްތަކަކީ ، އިންސާނުންނަށްޓަކައި ﷲ ތަޢާލާ ލައްވާފައިވާ ، ރަޙުމަތާއި ނިޢުމަތުން ފުރިގެންވާ ވަސީލަތްތަކެކެވެ. އެ ވަސީލަތްތަކުގެ ބޭނުން ހިފަންވީ ގޮތުގެ މައްޗަށްވެސް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ، ﷲ ތަޢާލާވަނީ ، އެކަލާނގެ ބަސްފުޅު ވަޙީކުރައްވާފައެވެ.
މީގެ އިތުރަށްވެސް ، ކީރިތި ޤުރުއާނުގެ އެތައް ސޫރަތެއްގައި ، ޤުދްރަތީ ވަސީލަތްތަކާބެހޭގޮތުން ، ﷲ ތަޢާލާވަނީ ބަސްވަޙީ ކުރައްވާފައެވެ. އޭގެ ބައެއް ސޫރަތްތަކުގެ ތެރޭގައި ، އަލްޢައުރާފް ސޫރަތާއި ، ނޫޙު ސޫރަތް އަދި އިބްރާހީމް ސޫރަތާއި ބަޤަރާ ސޫރަތް ، އަންޢާމު ސޫރަތާއި ފުރުޤާން ސޫރަތް ، އަންނަޙުލު ސޫރަތާއި ސޫރަތުލްމާޢިދާ ، އަލްޤަމަރު ސޫރަތާއި އައްލައިލު ސޫރަތް ހިމެނެއެވެ. އެ ސޫރަތްތަކުގެ އެކި އާޔަތުގައި ބިމާއި ޤުދްރަތީ ވަސީލަތްތަކާބެހޭގޮތުން ، ﷲ ތަޢާލާ ބަސްވަޙީ ކުރައްވާފައި ވެއެވެ.
ގްރީން ކެޕިޓަލިޒަމޭ ކިޔަސް ، އެންވަޔަރަންމަންޓަލް ކެޕިޓަލިޒަމޭ ކިޔަސް އަދި އިކޯ-ކެޕިޓަލިޒަމް އާއި މިނޫންވެސް މިފަދަ އެކިނަންނަން ދެވިފައިވާ ކެޕިޓަލަޒަމަކީ ، ޤުދްރަތީގޮތުން މިބިންމަތީ ލައްވާފައިވާ ޤުދްރަތީ ވަސީލަތްތަކެވެ.
ވަރަށްކުރީއްސުރެ ފެށިގެން ، ގިނަބަޔަކު ޤަބޫކުރަމުން އަންނަ ގޮތުގައި ، ދުނިޔެއަށް އެކިގޮތްގޮތުން ކުރިމަތިވެފައިވާ ދައްޗާއި އުނދަގުލުގެ ސަބަބަކީ ، ކެޕިޓަލިޒަމްގެ މައްސަލަތަކެވެ. ވަކިބަޔަކު މުއްސަނދިވެ ، ވަކިބަޔަކު ބާރުގަދަވެގެން ދިއުމާގުޅިފައިވަނީ ކެޕިޓަލިޒަމާ ގުޅުންހުރި މައްސަލަތަކުންނެވެ. ދީނީ ނަޒަރަކުން ބަލާއިރު ، ފަޤީރުން އިތުރަށް ފަޤީރުވެ ، މުއްސަދި މަހުޖަނުން އިތުރަށް މުއްސަނދިވެގެންދަނީ ، މަތީގައި ބަޔާންކުރެވުނު އާޔަތްތަކުގައި ، ﷲ ތަޢާލާ ވަޙީކކުރައްވައި އަންގަވައިފާ ފަދައިން ، ޔަތީމުންނާއި މިސްކީނުން އަދި ފަޤީރުންނާ އަޅައިނުލެވި ، ޙަރާމެއް ޙަލާލެއް ނުބަލައި ވާރުތަމުދާ ކައި އުޅުމާއި ، ދުނިޔޭގެ މާއްދިއްޔަތަށް ހެއްލި ، ޖާހިލުކަމުގެ މަގު އިޚްތިޔާރު ކުރެވި ، މުދަލަށް ލޯބިޖެހުމުގެ ސަބަބުންނެވެ. ތިމަތިމާމެންގެ އަމިއްލަ މަސްލަޙަތު އިސްކޮށް ، އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް ހަނގުރާމަކޮށް ، ނިކަމެތިން މަރައި ، ހަނގުރާމަޔަށް ވާގިދިނުމުގެ ސަބަބުންނެވެ. ބާރުގަދަ ޤައުމުތަކުން ކުދި ޤައުމުތަކުގެ މައްޗަށް ބާރުގަދަކޮށް ، މުއްސަނދިން ، ފަޤީރުންގެ މައްޗަށް އަތްގަދަ ކުރުމުގެ ސަބަބުންނެވެ. ޣައިރު މުސްލިމުން ، މުސްލިމުންނާ ހަނގުރާމަކޮށް ، މުސްލިމް އުއްމަތް ރޫޅައިލުމަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ. ނިކަމެތިވެދާ މުސްލިމުންނާއި މުސްލިމް ޤައުމުތަކަށް ، ޚުދު މުސްލިމް އުއްމަތުންވެސް އަޅައިނުލުމުގެ ސަބަބުންނެވެ. ދުނިޔެ ފަސާދަވެ ، ދިރިއުޅެން ދަތިވުމުގެ ސަބަބުތަކާ ، އެއިން ކޮންމެ ކަމެއްވެސް އޮތީ ގުޅިފައެވެ.
އިންސާނާ ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު ، 21 ވަނަ ޤަރުނުގައި ، އެއިންސާނާގެ ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތަކަށް ކުރިއެރުންތަކެއްވަނީ ހޯދާފައެވެ. ޞިއްޙީ ފަރުވާއާއި ކާބޯތަކެތި އުފެއްދުމާ އަދި ދަތުރުފަތުރުގެ ނިޒާމާއި މިނޫންވެސް ދިރިއުޅުމާ ގުޚުންހުރި ދާއިރާތަކުން ، އިންސާނާ ހޯދާފައިވާ ކުރިއެރުންތަކަކީ ، ކެޕިޓަލިޒަމުގެ ވަސީލަތްތަކުން ހޯދާފައިވާ އެއްޗެކެވެ. އެއިން ކޮންމެ ކުރިއެރުމެއް ޙާޞިލްކުރުމުގައިވެސް ، ކެޕިޓަލިޒަމް އަދާކޮށްފައިވާ ދައުރު ވަރަށް މުހިންމެވެ. މިދެއްކެނީ ، ޤުދްރަތީ ވަސީލަތްތަކުގެ ވާހަކަ ފިޔަވައި އެހެން ވާހަކައެއްނޫނެވެ. މި ޙަޤީޤަތާ އިދިކޮޅަށް ވަކާލާތުކުރާ މީހުންނަށް ފެންނަ ގޮތުގައި ، ކެޕިޓަލިޒަމްގެ ނިޒާމަކީ ، ވާރުތަވަމުން އައިސް އޭގެ އަސްލުން ބޭރުވެފައި އޮތް އެއްޗެކެވެ. އެއީ ދެމެހެއްޓެނިވި ގޮތަކަށް ، ހަރުދަނާކަންމަތީ އޮވެދާނެ ނިޒާމެއް ނޫނެވެ.
ޤުދްރަތީ ވަސީލަތްތައް ކުރިއަރުވައި ، އެ ވަސީލަތްތަކުގެ އަގު މަތިކޮށް ، އިންސާނާގެ ދުނިޔެ އާބާދުކޮށް ތަރައްޤީ ކުރުމުގައި ، އިންސާނީ ވަސީލަތާއި ، ތަފާސްހިސާބާ އަދި ޓެކްނޮލޮޖީ އަދާކުރާ ދައުރާމެދު ، 2020 ވަނައަހަރުން ފެށިގެން ، އަޑުއުފުލެމުން ގޮސްފައި ވެއެވެ. އިންސާނީ ވަސީލަތަށް ބޭނުންވާ މަސްނޫޢީ ވަސީލަތްތަކުގެ ކުރިއެރުމަކީ ، ދުނިޔެއަށް މިހާރު މިއޮތް ޙާލަތުން ، ކޮންމެހެން ބޭނުންވާ ކަމެއްގެ ގޮތުގައި މުޅިދުނިޔެ ، މިހާރު އެބަ ހެކިވެއެވެ. ކުރިއެރުމާއި ތަރައްޤީއަށް ކުރެވޭ އުއްމީދުތަކުގައި ކުލަޖެހިގެންދާނީ ، މިހުރިހާ ވަސީލަތެއް އެކުއެކުގައި މަސައްކަތްކޮށްގެން ކަމަށް ، ވިޔަފާރިވެރިން އެއްބަސް ވެއެވެ. އަދި އެއީ ، ބާރުގަދަ ނިޒާމެއްގެ ގޮތުގައި ޤަބޫލުކުރެއެވެ. އީސީޖީ ، ނުވަތަ އިކޮނޮމީ ފޯރ ދަ ކޮމަން ގުޑް ގެ ހަމަތަކާއި އުޞޫލުތަކަކީ ، އެއާ ނުލައި ދުނިޔެ ތަރައްޤީކުރެވެން ނެތްކަމެއްގެ ގޮތުގައި ، ކުންފުނިތަކުގެ ބޯޑުންނާއި ، އިންވެސްޓްކުރާ އިދާރާތަކުންވެސް އެއްބަސް ވެއެވެ. މިއީ ، މައިގަނޑު ޙިއްޞާދާރުންނާއި މާލީއިދާރާތަކާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިސްއޮފިޝަލުންގެ ބައްދަލުވުންތަކުގައި އެންމެ އޮލަކޮށް ދެކެވޭ އެއްވާހަކައެކެވެ.
މިޒަމާނަށްފެތޭ ، އެންމެ ބާރަށް ހިނގާ އަދި އެންމެން ޤަބޫލުކުރާ ކެޕިޓަލިޒަމްގެ އަސާސްކަމުގައިވާ ، އިކޯ – ކެޕިޓަލިޒަމް މިހާރު މިވަނީ ދުނިޔެއަށް ތަޢާރުފް ވެފައެވެ. އެހެނަސް ، އަދި އެނިޒާމަށް އިތުރު ދިރުން ގެންނަން އެތައް މަސައްކަތެއް ކުރަން ޖެހެއެވެ. މިހިސާބަށް އައިއިރު ، ދުނިޔޭގެ ބޮޑެތި ވިޔަފާރިތައް އޮތީ މީގެ ވިހިއަހަރުކުރިން އޮތް ހިސާބުގައެވެ. ފައިސާއާއި ކުރިއެރުމަކީ ، ކެޕިޓަލިޒަމްގެ އިންޖީނެވެ. އެއާ ނުލައި ކެޕިޓަލިޒަމަކަށް ދުއްވައެއް ނުގަނެވޭނެއެވެ. އެހެންކަމާއެކުވެސް ، ގިނަކުންފުނިތަކުން ބޭނުންވަނީ ، ފެހި އިޤްތިޞާދެވެ. ނުވަތަ ފެހި އިޤްތިޞާދަކާ ދިމާއަށް މިސްރާބު ޖަހާށެވެ.
ސަރުކާރުތަކުން ، ޤާނޫނީގޮތުން އީސީޖީ އަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާއެކުވެސް ، ފެހި އިޤްތިޞާދާއި ގްރީން ޓެކްނޮލޮޖީދަނީ ބާރުދުވެއްޔެއްގައި ކުރިއަރަމުންނެވެ. އޭގެފައިދާވެސް ފެންނާތީއެވެ. ޖައްވު ތަޣައްޔަރު ނުކޮށް ، ކުނިނައްތައިލެވިގެން ، ދުނިޔެ އާބާދު ކުރެވޭތީއެވެ. އެހެނަސް ، ދުނިޔެއަށް ބޭނުންވާ ވަރަށްވުރެ ގިނައިން މުދާ އުފެއްދުމާއި ، ވަރުބަލިކަމެއްނެތި އިޤްތިޞާދު ކުރިއެރުވުމުގެ ނަމުގައި މަސައްކަތް ކުރުމަކީ ، މިޒަމާނަށް ފެތޭ ކަންކަމެއްނޫނެވެ. ހަމައެއާއެކު ، އިސީޖީ ގެ ހަމަތަކާއި އުސޫލުތަކާމެދު ސުއާލު އުފައްދައިގެން ، ޖަމާޢަތުގެ ފައިދާއާއި ލާބައާއި މަންފާއަށް ހުރަސްއެޅުން ނޫންކަމެއް ސަރުކާރުތަކުންނެއް ނުކުރެއެވެ. ކުރިއަރައިދާނެ ޖާގައެއް ހޯދުމަކީ ފަސޭހަކަމެއްނޫނެވެ. ރިޝްވަތާއި ކަރަޕްޝަނާނުލައި ކުރިޔަށްދެވޭނެ އެއްވެސް މަގެއް ނުދައްކައެވެ. ޖަމާޢަތަށް ނުވަތަ ޤައުމަށް ފައިދާހުރި ކަމެއްކުރުމުގެ ހެޔޮނިޔަތެއް އޮންނަ ބަޔަކު އެފަދަ ކަމެއް ނުކުރާނެއެވެ.
އިންސާނާގެ ދިރިއުޅުމުގެ ޙާލަތާއި ފެންވަރު މަތިކޮށް ، ދުނިޔެ ތަރައްޤީކުރުމުގައި ، ކެޕިޓަލިޒަމުގެ ނިޒާމުތަކުންވަނީ ދުނިޔެއަށް ކާމިޔާބީތަކެއްގެނެސް ، ނަތީޖާ ނެރެފައެވެ. އެހެންނަމަވެސް ، އަދިވެސް އެންމެ ފުރިހަމަގޮތުގައި އެކަމެއް ނުކުރެވެއެވެ. 2020 ވަނައަހަރުގެ ކުރީކޮޅުން ފެށިގެން ، ދުނިޔެ ދެކެމުން މިދަނީ އިޤްތިޞާދީގޮތުން ދަތި ދުވަސް ތަކެކެވެ. ފިނިހަނގުރާމައިގެ އިތުރަށް ، ބޮމާއި ރޮކެޓާ އަދި މިސައިލުން ހަނގުރާމަކޮށް ދުނިޔެވަނީ ބިރުވެރި ތަނަކަށް ހަދާފައެވެ. ކޯވިޑްގެ ފަހުން ، ދުނިޔެއަށް ކުރިމަތިވަމުން އަންނަ ދަތިތައް މިދަނީ ދިރިއުޅެން އުނދަގޫވާވަރަށް ފުޅާވަމުންނެވެ. އެންމެންގެ ވިސްނުމާއި ފިކުރު ، މިސްރާބުޖަހާފައި ހުރީ ، ކުރުމުއްދަތަކުން ހޯދައިގަނެވޭ ފައިދާއަކާ ދިމާލަށެވެ. ޖަމާޢަތަށް އެތައްގޮތަކުން ފައިދާލިބޭ ދުރުރާސްތާގެ ފައިދާގެ މަތިން މިހާރުވަނީ ، ފޫހިވެފައެވެ.
ގިނަކުންފުނިތަކުން މިއަދު އެވަނީ ، އިކޯ ނުވަތަ ގްރީން ކެޕިޓަލިޒަމްގެ އުސޫލުތަކުގައި ހިފައިގެން ، ކުރިއަރައި ދިއުމުގެ ވިސްނުން އިޚްތިޔާރު ކޮށްފައެވެ. ޚަރަދު ކުޑަކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅައިގެންނެވެ. އުފެއްދުންތެރިކަމުގައި ، ޚަރަދުކުޑަކޮށް ތަކެތި އުފެއްދޭނެ ގޮތްތައް ހޯދާފައެވެ. ކަރަންޓް ޚަރަދު ކުޑަކުރެވޭނެ ނިޒާމުތައް ޤާއިމްކޮށްފައެވެ. ދަތުރުފަތުރާއި މުދާ އުފުލުމާއި ގެންގުޅުމުގައި ޚަރަދުކުޑަވާނެގޮތްތައް ހޯދާފައެވެ. އެހެންނަމަވެސް ، އުފެދޭ ސުއާލަކީ ، މިއީ ދުރުރާސްތާއަށް ބަލާއިރު ، ޤައުމަށާއި ޖަމާޢަތަށް އެންމެ ފައިދާހުރިގޮތްތޯ އެވެ ؟ މިސުއާލަށް ޖަވާބެއް ހޯދަން ފިކުރުކުރާއިރު ، ދުލުކުރިޔަށް އަންނާނެ އެންމެ ފުރަތަމަ ސުއާލަކީ ، އެއީ ޖަމާޢަތަށް އެންމެ ފައިދާހުރި ގޮތްތޯ ބެލުމަށް ކުރެވޭ ސުއާލެވެ. މުދާ ބޭނުންކުރަން ތިބޭ މީހުންނަށް ނުވިސްނައި މުދާ އުފެއްދުން އިތުރުކުރާނަމަ ، އެއީ ދުރުރާސްތާގެ ފައިދާއަށް އޮތް ޙައްލެއްނޫނެވެ. އިރުގެ ހޫނުން ކަރަންޓް އުފެއްދުމުގެ ވަސީލަތްތަކާއި ، ބިންބޭނުން ނުކޮށް ، ކުރެވޭ ޒަމާނީ ދަނޑުވެރިކަމުން ކާބޯތަކެތި އުފެއްދުމާއި ، މަސައްކަތްކުރުމުގެ ފައިދާހުރި އާގޮތްތައް އެއީ ކާމިޔާބީއަކަށް ވެދާނެއެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމާއި އާހޯދުންތަކުން އަސަރުކުރާނެ އެއްބަޔަކީ އިންސާނުންނެވެ. އަސަރު ކުރާނީ އިންސާނުންގެ އާމްދަނީއަށެވެ. އެހެންކަމުން ، އިންސާނާ ބޭނުންވާނީ ކުރިއެރުން މަޑުޖައްސައިލައިގެންނަމަވެސް ، އެމީހުންގެ އާމްދަނީ ސަލާމަތް ކުރުމަށެވެ. އެއީ ، ކެޕިޓަލިޒަމާ އިދިކޮޅަށް އަޅަންޖެހޭ ފިޔަވަޅެކެވެ.
ސަރުކާރުތަކުން ކިތަންމެ މަސައްކަތެއް ކުރިޔަސް ، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ކުންފުނިތަކުން އިޙްތިރާމްކުރާކަމަށް ބުނިނަމަވެސް ، 2040 ވަނައަހަރު އަންނައިރު ، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ނުކުރެވޭނެކަމަށް ސައިންސްވެރިން އެއްބަސް ވެއެވެ. ހަމައެއާއެކު ، އިކޯ ކެޕިޓަލިޒަމްއާ ، ދުނިޔޭގެ ބޮޑެތި ކުންފުނިޔައް ދުރަށް ގެންދެވޭތޯ މަސައްކަތްކުރާ ބަޔަކުވެސް ދުނިޔޭގައި އެބ އުޅެއެވެ. އެމީހުންގެ މަޤްޞަދަކީ ، އުފެއްދުންތެރިކަން އިތުރުކޮށްގެން ، އިތުރު ފައިދާ ހޯދުމެވެ. އިކޯ ކެޕިޓަލިޒަމަކީ އެމީހުންނަށް އެހާ މުހިންމު އެއްޗެއްނޫނެވެ.
ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުން އުފައްދާފައިވާ ، އިޤްތިޞާދީ ތަރައްޤީގެ މޮޑެލްތަކާއި އީސީޖީ ގެ އުސޫލުތަކާއި ހަމަތައް ހިފަހައްޓާނެއެވެ. އެހެންނަމަވެސް ، ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި ، ޤުދްރަތީ ހުރިހާ ވަސީލަތްތަކެއް ހުސްވެ ، ސޯޝަލް ކެޕިޓަލް ނެތިގެންގޮސް ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައް ފުނޑުފުނޑުވެގެންދާނެ ދުވަހެއް އަންނާނެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރި ޤުރުއާނުގައި ވަޙީކުރައްވައި ، ދުނިޔެއަށް ދެއްވާފައިވާ އިންޒާރަކީ އެއީއެވެ. ދުނިޔޭގައި ވަކިމިންވަރަކަށް ލައްވާފައިވާ ޤުދްރަތީ ވަސީލަތްތައް ހުސްކޮށް ، މުދަލަށް ލޯބިޖެހި ، އިންސާނާ އޭނާގެ ދުނިޔެ ބަރުބާދުކުރާނެކަމުގެ އިންޒާރެވެ.
ކީރިތި ޤުރުއާނުގެ އަލްޒަލްޒަލާ ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައިވާ އާޔަތްތަކުގެ މާނައިގާ ވެއެވެ.
ބިންގަނޑު އޭގެ ( އެންމެފަހުގެ ) ހެލިގަތުމުން ހެލިގެންފި ހިނދެވެ (1) އަދި ، އެ ބިންގަނޑު އޭގެބުރަތައް ( އެބަހީ : ބިމުގެ އަޑީގައި ވަޅުލެވިފައިވާ ޚާޒާނާތަކާއި ކަށްތައް ) ނެރެ އުކައިލައިފި ހިނދެވެ. (2) އަދި ، އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފި ހިނދެވެ. (3) އެދުވަހުން ، އެ ބިންގަނޑު ، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ. (4) އެއީ ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ، އެބިމަށް އެކަން އިލްހާމް ކުރެއްވީތީއެވެ. (5)
ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކަކީ ، އެއާމެދު ވިސްނައި ފިކުރުކުރާ މީހަކަށް ، ހާދަގިނަ ފިލާވަޅުތަކަކާއި މަގުތަކެއް ދައްކައި އަންގައިދޭ އަލި ނޫރެކެވެ. ( ނިމުނީ )