ވިހަ ތީރު (12)

( 6  އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ސާރާއާއި ޢާފިޔާއަކީ ދެފަހަރިންނަށް ވެފައި ، ޢާފިޔާގާތަށް އެގެޔަށް ދޭތެރެދޭތެރެއިން އަންނާތީ ، ސާރާދަންނަ އެތައްބަޔަކު އެހިސާބުގައި އުޅޭނެއެވެ. އަވަށްޓެރިއެއްގެ ފަރާތުން އެއިންކަމެއް ސާރާއަށް ނޭނގި އެމީހުން ސަލާމަތްވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. )

އައްވަލަށް ނުހުރެވިގެން ، އަނެއްކާވެސް ގޮސް ، ދިލްނަޝީންގެ ކަރުގައި ދެއަތުން ހިފައި ،  ދިލްނަޝީނަކީ އެ ޢާއިލާއަށް ކުރިމަތިވި މުޞީބާތެއްކަމަށް ބުނެ ، ހަޅޭއްލަވައިގަތެވެ. ކުއްލިޔަކަށް ޢާފިޔާ ދިލްނަޝީނާ ގާތަށް ޖެހި ، އައްވަލް ކޮއްޕާލައި ، ދިލްނަޝީން ސަލާމަތްކުރިއެވެ. ދިލްނަޝީނަށް ނޭވާލެވުނީ ހަމަކިރިޔާއެވެ. އޭނާގެ މަންމަ ، ދިލްނަޝީން ވިހޭކަމަށްޓަކައި ، އައްވަލް ހިތާމަކުރިއެވެ. އަނީސާގާތަށް ޖެހިލައި ، މިއަންހެންކުއްޖާގެ ފޯނުގައިހުރި މެސެޖްތައް ކިޔަން މަންމަ ލަދުގަންނާނެކަމަށް ބުނެ ، އަނެއްކާވެސް ދިލްނަޝީނާ ދިމާއަށް ފުންމައިގަތެވެ. މިފަހަރު ، އައްވަލާއި ދިލްނަޝީނާ ދެމެދަށް ވަނީ އަނީސާއެވެ. އޭރުވެސް އައްވަލް ހަޅޭއްލަވަމުން ގެންދިޔައެވެ. އޭނާ ދުވަހަކުވެސް ކަމަކާ ލަދުނުގަންނަވަރަށް ، ސިފައިން އޭނާ ލަދުގަންނުވައިލައިފިއެވެ. އޭނާއާ ދިމާލަށް އެމީހުން ހީ މަލާމާތް ކުރިއެވެ. ހުރިތަނުން ވަޅުކޮނެ ބިމަށްވަދެ ފޮރުވިގެންދާނެނަމައޭ އައްވަލްގެ ހިތަށް އެރިއެވެ.

ދިލްނަޝީން ، ރޮމުންރޮމުން އޭނާގެ ބޭބެޔަށް އާދޭސް ކުރަމުން ގެންދިޔައެވެ. ބޭބެމެން ލަދުގަންނަން ޖެހޭނެ އެއްވެސްކަމެއް އޭނާ ނުކުރާކަމުގައި ބުނެ ، މަޢާފަށް އެދި ދެއަތް އުފުލައި ބޭބެއާ ކުރިމަތިލިއެވެ. އައްވަލްގެ އަތުގައި އަނީސާ ހިފިއެވެ. އަދި ގަދަކަމުން އައްވަލް ގެންގޮސް ކޮޓަރިޔަށް ވެއްދިއެވެ. ދިލްނަޝީން ، ޢާފިޢާގެ ގައިގާ ބައްދާލައިގެން އޮވެ ގިސްލަމުން ރޮމުން ގެންދިޔައެވެ.

 

" ޙަމްޒާއެވެ ! ތިކުރީ ވަރަށް ދެރަކަމެކެވެ. ތިކަން ތިގޮތަށް ކުރާކަށް ނުވާނެއެވެ. އެނގޭހެއްޔެވެ ؟ ބައްޕައާއި މަންމަ ، ދިލްނަޝީންގެ ގެޔަށްގޮސް ، އެމީހުން ލަދުގަންނުވާލައި ، އެއްޗެތި ގޮވިއެވެ. އަހަރެންވެސް އެކަމާހުރީ ލަދުންނެވެ. ސިފައިންގެޔަށް އަންގައިގެން ، ދިލްނަޝީނާއި އައްވަލްބޭބެ ، ސިފައިންގެޔަށް ގެންގޮސް ، ބައްޕަ ، އެމީހުންގެ އަބުރާއި ޢިއްޒަތް ދުއްވާލައިފިއެވެ. އެއީ ، ދިލްނަޝީންމެންނަށް ދެވުނު ވަރަށްބޮޑު ދެރައެކެވެ.  " ސާރާ އޭނާގެ ބޭބެއާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެވަގުތު ، ބުޝްރާ އެކޮޓަރިޔަށް ވަނެވެ. އަދި ، ދިލްނަޝީންގެ ގެޔަށް އެމީހުން ދިޔަކަމަށް އެއްބަސްވިއެވެ. ބުޝްރާގެ ވާހަކަތަކުގައިހުރީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ބުޝްރާމެން އެގެޔަށް ދިޔައީ ، ދިލްނަޝީންމެންގެ ފެންވަރު ، އެމީހުންނަށް ހަނދާން ކޮށްދޭން ވެގެންނެވެ. އަދި ، އެމީހުންގެ ފިރިހެންދަރި ހޯދަން ވެގެންނެވެ. އެންމެފަހުން ، ޙަމްޒާ އެހޯދުނީ ، އެއަންހެންކުއްޖާއަށް ޙަމްޒާކުރި ފޯނުކޯލެއްގެ ވަޞީލަތުންނެވެ.

" މަންމާއެވެ ! އަހަރެން މިދައްކާ ވާހަކައެއް މަންމަމެންނަކަށް ނުވިސްނެއެވެ. އަހަރެން މިހުރީ ، ދިލްނަޝީންދެކެ އިންތިހާއަށް ލޯބިވެގެންނެވެ. " ޙަމްޒާ އޭނާގެ މަންމައާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

ޙަމްޒާ ހަމަޖެހިލުމަށް ބުޝްރާ އަމުރުކުރިއެވެ. ޙަމްޒާގެ ބައްޕަ ހުރީ ރުޅިއައިސް ރަތްވެފައެވެ. މީގެފަހުން ، ޙަމްޒާ އެކަހަލަ ކަމެއް ނުކުރާނެކަމަށް ޞާދިޤްގާތު ، ބުޝްރާވަނީ ބުނެފައެވެ. އަދި ، އޭނާގެ ފިރިމީހާއަށް އެކަން ޔަޤީން ކޮށްދީފައެވެ. އެހެންވީމާ ، އެކަމާބެހޭގޮތުން ، ދެން އިތުރު އެއްވެސްކަމެއް ނުކުރުމަށް ޙަމްޒާއަށް ބުޝްރާ އެންގިއެވެ. މަންމަގެ ވާހަކަތަކުން ރުޅިއައިސް ، އެތަނުން ނުކުމެގެންދާށޭ ބުނެ ، ޙަމްޒާ އޭނާގެ މަންމަޔާދިމާލަށް ހަޅޭއްލަވައިގަތެވެ.

ރިދާ ، އޭނާގެ މަންމައާއި ބައްޕަޔަށް ވިސްނައިނުދިނީތީ ، ޙަމްޒާހުރި ، ރިދާދެކެވެސް ރުޅިއައިއްސައެވެ. އެކަމާ ބުނާނީ ކީކޭކަމެއް ރިދާއަކަށްވެސް ނޭނގުނެވެ. އޭނާހުރީ ، ދިލްނަޝީނަށް އެދިމާވި ދެރަޙާލަތާމެދު ކަންބޮޑުވެފައެވެ.

 

ކޮޓަރިތެރޭ އިރުކޮޅަކު އެނބުރިލުމަށްފަހު ، އައްވަލް އޭނާގެ މަންމަގެ ކޮޓަރިޔަށް ދިޔައެވެ. އަނީސާއިނީ ، ރޯށެވެ. އޭގޭގެ މާޙައުލަކީ އެމީހުންނަށް އެހާ ކަމުދާ މާޙައުލެއްނޫންކަން ، އައްވަލަށް އިޙްސާސް ކުރެވުނެވެ. ގޭތެރެޔަށް ވެރިވެފައި އޮތް ނާމާންކަމާއި ބިރުވެރިކަމަކީ ، މީހަކު މަރުވެގެން އުފެދޭނެފަދަ ހިތާމަވެރި ޙާލަތެކެވެ. އަނީސާއަށްވެސް ކުރެވެނީ ، މީހަކު މަރުވެގެން ، އޭނާގެ ޖަނާޒާ އެގޭގައި ބޭއްވޭކަހަލަ އިޙްސާސެކެވެ. އެއާއެކީ ، އެމީހުންގެ ޢިއްޒަތުއްނަފްސުވެސް ކަފުން ކުރެވިއްޖެއެވެ. ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުގައި ، ވާންހުރިކަމެއްވިއްޔާ ވާނެއެވެ. ދެންއޮތީ ، ދިލްނަޝީންގެ ކައިވެންޏެވެ. އެކައިވެނި ، ވީ އެންމެ އަވަހަކަށް ކުރުވުމަކީ ، އައްވަލްވެސް އަދި އަނީސާވެސް އެދޭ ގޮތެވެ. އެކަން އަވަސްކޮށްދިނުމަށް ، އަނީސާގެ ކިބައިން އައްވަލް އެދުނެވެ. އެކަމާބެހޭ ނިންމުން ނިންމަން ، އަންނަ އާދީއްތަ ދުވަހު ، އެމީހުން ، ޙައިދަރުގެ ގެޔަށްދާނެއެވެ. އެހެން ނޫނަސް ، ކުލްސޫމުމެންވެސް އެތިބީ އަނީސާމެންނަށްވުރެ ބޮޑަށް ، އެކައިވެނި އަވަސްކުރުމަށް އެދިގެންނެވެ.

ދިލްނަޝީން ކޮލެޖަށް ދިއުމަކީ ، އައްވަލް އެދޭކަމެއް ނޫނެވެ. އެކަން ދިލްނަޝީނަށް މަނާކުރުމަށް މަންމަގާތު ، އައްވަލް އެދުނެވެ. އަނީސާ އެހުރީ ، ދިލްނަޝީން އެގެއިން ބޭރަށް އެންމެ ފިޔަވަޅެއްއަޅަންވެސް ހުއްދަދޭ ގޮތަކަށްނޫނެވެ. އެވެދިޔަކަމެއް ވެގެން އެދިޔައީ އަނީސާއަށް އެއްވެސް ހިލަމެއް ނުވެއެވެ. ދިލްނަޝީންގެ އުޅުމުން ، އެފަދަ އެއްވެސްކަމެއް އަނީސާއަކަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. އަނީސާމެންނަށްވެސް ، ދިލްނަޝީނަށް މާބޮޑަށް މިނިވަންކަންދީ ، އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވުނީއެވެ. ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ، އެތައް ބަހަނާއެއް ދައްކައިގެން ރިދާގެ ގެޔަށް ނުގޮހެއް ނުހުރެވެއެވެ. އެކަހަލަ ސަކަރާތެއް ދިލްނަޝީން ޖަހާނެކަމަކަށް ، އަނީސާއަށް  ވިސްނައިލެވިފައެއް ނެތެވެ. އަނީސާ މިހާރު ނިންމައިގެން އެހުރީ ، ކޮލެޖަށް ދާން ނުކުމެއްޖިއްޔާ ، ދިލްނަޝީންގެ ދެފައި ބިންދައިލާ ގޮތަށެވެ.

 

ޙައިދަރު ކުއްލިގޮތަކަށް ގެޔަށް އައިސް ، ސާރާއާއި މަންމަޔަށް ގޮވަމުން ވަނެވެ. ސާރާއާއި ކުލްސޫމްމެން އޭރުތިބީ ، ތައްޔާރުވެގެންނެވެ. ޙައިދަރު އައިސް ގޭތެރެޔަށް ވަނުމާއެކު ، ސާރާ ދުވެފައި ދިޔައެވެ. އަދި ޙައިދަރުގެ އަނގަޔަށް ފޮނިކާއެއްޗެއް ލަވަން މަސައްކަތް ކުރިއެވެ. އެކަން މަނާކޮށް ޙައިދަރު އޭނާގެ މަންމަގާތަށް ޖެހިލިއެވެ. އޭނާއެހާ އަވަހަށް ، ކުއްލިގޮތަކަށް ގެޔަށް އެއައީ ، މަންމަޔަށް ކަމެއް ދިމާވެއްޖެކަމަށް ބުނެ ، އޭނާއަށް އެކަން އެންގުމުންނެވެ. އެކަމަކު މަންމަޔަކަށް އެއްވެސްކަމެއް ނުވެއެވެ. ޙައިދަރު އެއައީ ، ވަރަށް މުހިންމު ، ވިޔަފާރީގެ ބައްދަލުވުމެއްވެސް ކެންސަލް ކޮށްލާފައެވެ.

" ޙައިދަރަށް އަހަރެމެން ދޭންއޮތް މެސެޖަކީވެސް ، އެހާ މުހިންމު މެސެޖެކެވެ. އެވާހަކަ އިހަށް އަޑުއަހައިލަ ބަލާށެވެ. ޙައިދަރުގެ ކައިވެނި ކަށަވަރު ވެއްޖެއެވެ. ދިލްނަޝީނާއި އެ ޢާއިލާއިން އެކައިވެންޏަށް ރުހި އެއްބަސް ވެއްޖެއެވެ. " ސާރާގެ ފިރިމީހާ ، ޢާޞިމް ބުންޏެވެ.

އެގޭގެ އެންމެން އެކަމުގެ އުފަލުގައި މިހާރު އެތިބީ ފޮނިކާ އެއްޗެތި ކައިގެންނެވެ. ޙައިދަރަށް އެކެވެނީ އެންމެ ފަހުންނެވެ. ޙައިދަރަށް ލިބުނު ޙައިރާންކަން ފޮރުވުމަށް މަސައްކަތް ކުރިއެވެ. އެހާ އަވަހަށް ، އެކަން ހަމަޖެހުމުން އޭނާހުރީ އަޖައިބުވެފައެވެ. ނަސީބަކުން ، ކައިވެނިކޮށްދޭ މީހަކާބެހޭ މަޢުލޫމާތެއް މަންމަޔަކަށް ނޭނގެއޭ ބުނެ ، ޢާޞިމް ، ޙާއިދަރާ ސަމާސާ ކޮށްލިއެވެ. މަންމަޔަށް މައުޛޫނަކު އެނގޭނަމަ ، ޙައިދަރު ގެޔަށް އަންނަންވާއިރަށް ، ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް އޮންނާނީ ފުރިހަމަ ކޮށްފައެވެ. ޙައިދަރަށް އޮންނާނީ އިށީނދެލާފައި ހަމައެކަނި ، އަނބި ބަލައިގެންފީމޭ ބުނުން އެކަންޏެވެ. ޢާޞިމްގެ ސަމާސާއަށް ޢިޝާރާތްކޮށް ، އޭނާއަށް ލިބިފައިވާ އުފާވެރިކަމުގެ ނާޖާއިޒް ފައިދާ ނުނެގުމަށް ، ކުލްސޫމް އެދުނެވެ. ކުލްސޫމް އިނީ ހިނިއައިސް ، އުފަލުންގޮސް މަލެއްހެން ފޮޅިފައެވެ. ކުލްސޫމަށް ލިބުނު އުފަލުގައި ، ޙައިދަރުގެ އޮފީސް ހުރިހާ މުއައްޒަފުންނަށް ވާވަރަށް ފޮނިކާތަކެތިގަނެ ، އެތަކެތި މިހާރުވަނީ އެ އޮފީހަށް ފޮނުވާފައެވެ.

އާދީއްތަ ދުވަސް އައުންވެސް ކުލްސޫމަށް އޮތީ ލަސްވެފައެވެ. އާދީއްތަ ދުވަހު މެންދުރުގެ ކެއުމުގެ ބަދަލުގައި ، އެންގޭޖްމަންޓްގެ ކަންތައް އެދުވަހު ނިންމުމަށް ، ކުލްސޫމް ބޭނުންވިއެވެ. ސާރާވެސް ބޭނުންވީ އެދުވަހުން އެދުވަހަށް އެކަން ނިންމުމަށެވެ. ދިލްނަޝީނަކީ ، ސާރާއަށްވެސް ވަރަށް ކަމުދާ ކުއްޖެކެވެ.

 

އަނީސާއާއި އައްވަލާ ދެމައިން ކޮޓަރިތެރޭ ވާހަކަ ދައްކަން ތިއްބާ ، ގޭގެ ރަނގަބީލުގެ އަޑަށް ދެމައިންވެސް ސިހި ، އެއްލިގެން ދިޔައެވެ. އެއީ އަނެއްކާ ކާކުބާވައޭ ، އަނީސާއަށް ބުނެލެވުނެވެ. ދެމައިންވެސް ތިބީ ބިރުގެންފައެވެ. އައްވަލް އެތަނުން ދާކަށް އަނީސާވެސް ދުލެއްނުކުރިއެވެ. އިރުކޮޅަކުން ޢާފިޔާ އައިސް ، ގޭގެ އަވައްޓެރި އަންހެނަކު އެގެޔަށް އައިސްއިން ވާހަކަ ބުންޏެވެ.

އެއީ ކީއްކުރަން އައި މީހެއްތޯ އަނީސާ ސުއާލުކުރިއެވެ. އޭނާ އެއައީ ކީއްކުރަންކަމެއް ޢާފިޢާއަކަށް ނޭނގެއެވެ. އެމީހަކު ބޭނުންވީ އަނީސާއާ ބައްދަލު ކުރާށެވެ. އޭނާ ގޭތެރެޔަށް ވަދެ ، މިހާރު އެއިނީ ސިޓިންގރޫމުގައި އިށީނދެގެންނެވެ. އޭނާ ގޭތެރެޔަށް ނުވައްދައި ފޮނުވައިނުލީ ކީއްވެގެންތޯ އަނީސާ ސުއާލު ކުރިއެވެ. އެހެންގޮތެއް ނެތިގެން ،މޫނާއެކު ދެލޯ ފުހެލައި ހަމަޖެހިލުމަށްފަހު ، އަނީސާ ތިރިޔަށް ދިޔައެވެ.

 

ޙައިދަރުގެ ޙަޔާތަށް އެއައި ކުއްލި ބަދަލާއެކު ، އޭނާގެ މާޒީގެ ހިތިހަނދާންތައްވެސް އޭނާގެފަހަތުން އައެވެ. އެބިޔަ ގޭގެ ތަނަވަސް ގޯތިތެރޭ ތައްޔާރުކޮށްފައިވާ ފުރިހަމަ ، ފަތާފެންގަނޑުކައިރިންލާފައި ، ޙައިދަރު ހިންގަމުން އައިއިރު ، އޭނާގެ ފަހަތުން އޭނާގެ މާޒީ ދުވަމުން އަންނަ ކަހަލައެވެ.

" ޙައިދަރެވެ ! އަހަރެމެންގެ ގާތް ރަޙުމަތްތެރިކަމުގެ ނާޖާއިޒް ފައިދާ ނުނަގައްޗެވެ. ޙައިދަރަށް ރަނގަޅަށް އެނގޭނެއެވެ. ޙައިދަރުގެ ޖަޒުބާތުތައް އިތުރުކުރާކަށް އަހަރެން އެއްވެސް މަސައްކަތެއް ނުކުރަމެވެ. " އެއީ އޭނާއާ ދިމާލަށް ، މެހެމަލް ބުނެފައިވާ އެންމެ ފަހުގެ ބަސްތަކުން ޖުމްލައެކެވެ.

މެހެމަލްގެ ހަމަހިމޭންކަމާއި ހިނިތުންވުމުގައި ފޮރުވިފައި އޮތް އެއްޗެއްވެސް ، ޙައިދަރުގެ ޖަޒުބާތުތައް ހުއްޓުވައެއް ނުލައެވެ. އެއީ ، ޙައިދަރަށް ކުރެވުނު ކުށްހީއެކެވެ. ހިތުގައި އުފެދުނު ޖަޒުބާތަކުން ، އެހިތް އޭނާއަށް އޮޅުވައިލީއެވެ. އޮޅުމަކުން ނަމަވެސް ، ޙައިދަރަށް އެކުރެވުނު ކަމެއްގެ ދެރަޔާއި ހިތާމަ ، ޙައިދަރަށް ފެންނާނެކަމަށް މެހެމަލް އޮތީ އޭނާގާތު ބުނެފައެވެ. މެހެމަލް އެހެންބުނާ  ކޮންމެ ފަހަރަކުވެސް ، އޭނާނޫނީ މެހެމަލް އުފަލުގައި ބެހެއްޓޭނެމީހަކު މިދުނިޔެމަތީ ނުހުންނާނެ ކަމަށް ، ޙައިދަރު އަންނަނީ ބުނަމުންނެވެ. ޙައިދަރު ދޫކޮށްލައިފިނަމަ ، މެހެމަލްގެ ޙަޔާތައްވެސް ، އެއްވެސް އުފާވެރިކަމެއް ނުއަންނާނެކަމަށް ، ޙައިދަރު އޮތީ މެހެމަލްގާތު ބުނެފައެވެ.

މެހެމަލް އެކުރަންއުޅޭ ކައިވެންޏަކީ ، އެފިރިހެނާގެ ހިޔަނިން މެހެމަލްއަށް ފެންނަ ދަޅައެއްކަމަށާއި ، އެ ދަޅައިގާ ނުޖެހުމަށް ، މެހެމަލް އަށް ، ޙައިދަރު އާދޭސްކުރިއެވެ. އޭނާގެ އަތުގައިހުރީ ހަމައެކަނި ފައިސާއެވެ. ލޯބީގެ ކަންފުޅެއްވެސް އޭނާގެފަރާތުން ، މެހެމަލްއަކަށް ނުލިބޭނެއެވެ. މެހެމަލްގެ މައިންބަފައިން ނިޔާވުމަށްފަހު ، މެހެމަލްގެ ބަލަދުވެރިޔާ ، އޭނާގެ ބޮޑުބޭބެ ، އެންމެ ފަހަރަކުވެސް ، މެހެމަލްގެ ޙާލުބަލައިލާފައެއް ނުވެއެވެ. އެވަރުމީހެއްގެ ބަހަށް ހެއްލި ، ގޮތްނޭނގޭ މީހަކާ ކައިވެނި ނުކުރުމަށް ، އެތައްވަރަކަށް ، މެހެމަލްއަށް ޙައިދަރު ނަސޭޙަތް ދިނެވެ. އޭނާއަށް އެފަދަ އަނިޔާއެއް ނުދިނުމަށް އެދި ، ރޮއެރޮއެފައި މެހެމަލްގެ ދެފައިގާ ހިފާ ، ޙައިދަރު ކުރި އާދޭސް ، މެހެމަލްއަށް އެއްވެސް އެއްޗަކަށް ނުވިއެވެ.

މާޒީގެ ޚިޔާލުތަކުން ، ޙައިދަރުގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އޭނާއަކަށް ނުހިފެހެއްޓުނެވެ. ހިތުގައި އެޅި ވޭނާއި ރިހުމުން ، އެކަރުނަތައް އޮހިގެން އެބަދާކަން ، ޙައިދަރަށްވެސް އިޙްސާސް ކުރެވުނެވެ. އެހެނަސް ، އެއީ އެއްދުވަހެކެވެ. މިއަދަކީ އެހެން ދުވަހެކެވެ. މިއަދު ، އޭނާ އެކައިވެނިކުރަނީ ، މަންމަގެ ފުރާނަޔަށްޓަކައެވެ. ހަމަ ، ގޮތް ނޭނގޭ އަންހެންކުއްޖަކާއެވެ. އެއޮޑިޔެއްގެ ވަރު އެނގޭނީ ، އެއޮޑިޔަކަށް އަރައި ދުއްވައިލީމައެވެ. ކޮންމެ ރުކަކީ ، ވަކަރަށްޖަހައި ، ވަކަރުލާކަން ކަށަވަރުކޮށްފައި ކެނޑޭނެ ރުކެއްނޫނެވެ. ދިރިއުޅުމަކީ އިމްތިޙާނެކެވެ. އެއް އިމްތިޙާނަށްފަހު ، އަނެއް އިމްތިޙާނު އަންނާނެއެވެ. ޙައިދަރު ، އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. އަމިއްލަޔަށް ހިނިތުންވެލުމަށްފަހު ، އިސް އުފުލައިލައި ، ކުރިޔަށް ހިނގައިގަތެވެ.

 

ގެޔަށް އައި އަންހެންމީހާއާ އަނީސާ ބައްދަލުކުރިއެވެ. އޭނާއައީ ، އަނީސާގެ ދިފާޢުގައި ވާހަކަ ދައްކާށެވެ. އޭނާގެ ފިރިމީހާއަކީ ސިފައިންގެ އާދައިގެ އޮފިސަރެކެވެ. އައްވަލްމެން ސިފައިންގެޔަށް ގެންދިޔަ ވަގުތު އަނީސާމެންވެސް ، ސިފައިންގެޔަށް ދާން ޖެހޭނެކަމަށް ، އޭނާގެ ފިރިމީހާ ބުނިކަމަށް ، އެއަންހެނާ އަނީސާއަށް ކިޔައިދިނެވެ. މިހާރު ދެން އެކަމާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެކަން އެއޮތީ ނިމިފައެވެ. އެއީ ސިފައިންނަށްވެސް އޮޅުމަކުން ކުރެވުނު ކަމެކެވެ. އެކަމަށް ސިފައިންވަނީ ، އެމީހުންގެ ކިބައިން މަޢާފަށްވެސް އެދިފައެވެ. ދިލްނަޝީން ސިފައިންގެޔަށް ގެންދިޔައީ ބަޔަކު ވައްކަން ކުރަން އުޅެނިކޮށް ފެނިގެން އެކަން ރިޕޯޓްކުރުމަށްކަމަށް ބުނެ ، އަނީސާ ދޮގެއް ހަދައިލިއެވެ. އެމީހުން އައީ ދިލްނަޝީންގެ ބަޔާން ރިކޯޑް ކުރުމަށެވެ. އެކަމަކު ، ދިލްނަޝީން ބޭނުންވީ ، ބޭބެޔާއެކީ ސިފައިބްގެޔަށްގޮސް ، އެތަނުގައި ބަޔާން ދޭށެވެ. ސިފައިންނާއެކީ ، ދިލްނަޝީނާއި އައްވަލަށް ދާންޖެހުނީ އެހެންވެގެންނެވެ. އަނީސާގެ ދޮގަށް ، އެގެޔަށް އެއައި އަންހެނާ ޝައްކުކުރިނަމަވެސް ، އިތުރު އެއްޗެކޭ ބުނެއެވެ. ޢާފިޔާއަށް ގޮވައިގެން ގެނެސް ، ސައިދީފައި އެއަންހެންމީހާ ފޮނުވައިލަން އަނީސާ މަސައްކަތް ކުރިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.