ސުޢޫދީ ޢަރަބިއްޔާ : ޣައްޒާގެ މައްސަލައިގައި ފެއިލްވީ ކީއްވެ ؟

އިޒްރޭލުން ޣައްޒާ ސުންނާފަތިކޮށް ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ޝަހީދުކޮށް ، އަވަދިކުރަމުން ގެންދާއިރު ، ޢަރަބި ދުނިޔެ އެއޮތީ ހިމޭނުންނެވެ. އިޒްރޭލާ ދިމާލަށް ވަށްކަޅިޔަކުން ބަލައިލާނެ ބަޔަކުވެސް ، އީރާނާއި ، ދެކުނު އެފްރިކާ އަދި ޔަމަނުކަރައިގެ އުތުރުގައި ، ދިރިއުޅޭ ، ބަނޫ ހަމްދާން ޤަބީލާއަށް ނިސްބަތްވާ ޙޫޘީން ނުވަތަ ހޫތީން ނޫން އެހެންބަޔަކު ނެތެވެ. ޤަތަރުފަދަ ޤައުމުތަކުން ، ސިޔާސީގޮތުން މަސައްކަތްތަކެއް ކުރިޔަސް ، އިސްރޭލާ ދެކޮޅަށް ބަހެއްބުނުމުގެ ހިތްވަރެއް ނެތެވެ. ސުޢޫދީ ޢަރަބިއްޔާއަކީ ، ޢަރަބި ދުނިޔޭގައި ނަގާކިޔަމުން އަންނަ ޤައުމެކެވެ. ހަމައެއާއެކު ، ހުޅަނގާދިމާލަށް ދިއުމަށް އެންމެ ބާރަށް ދަތުރުކުރާ ޤައުމުވެސް މެއެވެ. ޣައްޒާގެ މައްސަލައިގާ ، ސުޢޫދީ ޢަރަބިއްޔާ ހަނުއޮތުމަކީ ޢަޖައިބެއްނޫނެވެ. ބައެއް ކަންކަމުގައި އެޤައުމުގެ މިސްރާބު އަމާޒުވެފައި މިހާރު އޮތީ ، ޒަމާނާ އެއްގޮތަށް ދުނިޔެދައްކާ ގޮތްތަކުން ، އިސްލާމީވަންތަކަމަށް އަސަރުކުރިޔަސް ، އެގޮތަކަށް ދީލައިލާން ބޭނުންވާ ފަދަ މިންގަނޑެއްގައެވެ. ދެޙަރަމުގެ އިސްލާމީ ޝަޚުޞިއްޔަތާއި ، އިސްލާމީ އުއްމަތާމެދު ވިސްނާކަށް ، ފުރުސަތެއް ނެތެވެ. އިސްލާމީ އުއްމަތުގެ އެއްބައެއްވަންތަކަން ދެމެހެއްޓުމުގައި އިސްދައުރެއް އަދާކުރުމަށް ، ސުޢޫދީ ޢަރަބިއްޔާގެ މައްޗަށް ވާޖިބުވެފައި އޮންނާނެކަމަށް މުސްލިމުންބަލާ ، ވާޖިބަކީ ، ސުޢޫދީ ރަސްކަމަށް އެއްވެސް އަގެއްހުރި އެއްޗެއްނޫނެވެ. ދުނިޔޭގެ މާއްދިއްޔަތަށް ހެއްލި ދުނިޔެ ހޯދުމަށް މަސައްކަތްކުރާ ޤައުމުތަކުގެ އިސްސަފަށް ސުޢޫދީ ޢަރަބިއްޔާ އެއޮތީ ވަދެފައެވެ. މުސްލިމަކު ، އާޚިރަތުގެ މަތިން ހަނދާންނައްތައިލާ ، ދުނިޔޭގެ އުފަލާއި އަރާމު ހޯދަން މަސައްކަތްކުރާ ބީދަޔަކުންނެވެ.

ސުޢޫދީ ވަލީޢަހުދު ، މުޙައްމަދު ބިން ސަލްމާން ނުވަތަ ހުޅަނގުގެ ބަހުންނަމަ އެމްބީއެސް އަކީ ، ޒަމާނަށް ފެތޭގޮތަށް ، ސުޢޫދީ ޢަރަބިއްޔާ ބަދަލުކުރެއްވުމަށް މަތިހަށިނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހުޅަނގުގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ލޯބިކުރައްވާ  ބޭފުޅެކެވެ. ހަމައެއާއެކު ، ޢަރަބި ދުނިޔޭގައި ބަސްވިކޭ ބޭފުޅެކެވެ. ސުޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ތަޚުތުގައި ސަލްމާން ރަސްގެފާނު އިންނެވި ނަމަވެސް ، ޤައުމު ހިންގަވަނީ ، ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު ބިން ސަލްމާން ނުވަތަ އެމްބީއެސް އެވެ.

އިޒްރޭލާއި ހަމާޝްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ، އެއްޗެއް ވިދާޅުވެ ކަމެއްކުރެއްވޭވަރަށްވުރެ ، އެމްބީއެސް ގެ މަސައްކަތްޕުޅު ގިނައެވެ. ބަދަލުވަމުންދާ ސުޢޫދީގެ ވެރިކަމުގައި އިސްނަންގަވައިގެން އުޅުއްވިނަމަވެސް ، އަމިއްލަފުޅު ޢާއިލާގެ ތެރޭގައި އަދި ، ސުޢޫދީ ޢަރަބިއްޔާގެ ދާޚިލީ ކަންކަމުގައި އެމްބީއެސް ގެ ދައުރު މިހާރުއޮތީ އެހާ ހިތްގައިމު ގޮތަކަށްނޫނެވެ. ގަނޑުވަރުގެ އެތެރެއިންނާއި ރައްޔިތުންގެ ފަރާތުން ، އެމްބީއެސްގެ ޒަޢާމަތަށް ގޮންޖެހުންތައް ކުރިމަތިވަމުން ގޮސް އެކަންކަމާ ކުރިމަތި ލައްވާފައި އެހެންކަމެއް ކުރައްވާނެ ވަގުތެއް އެމްބީއެސް އަކަށް ލިބިވަޑައެއް ނުގަންނަވައެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ޞުލްހަވެރި ވިސްނުމަކުން ނިންމޭތޯ ގަލްފުގެ ޤައުމުތަކުން މަސައްކަތްކުރިނަމަވެސް ، އެ އުއްމީދުވެސް މިހާރުވަނީ ފެނަށް ވެފައެވެ. މިވޭތުވެދިޔަ ނުވަމަހެއްހާ ދުވަހުގެ ތެރޭގައި ، އިސްރޭލުން ޣައްޒާގެ ރައްޔިތުން ޝަހީދުކޮށް ، ހޮސްޕިޓަލްތަކާއި ސްކޫލްތައް ހިމެނޭގޮތަށް ، ބިނާތަކާއި ޢިމާރާތްތައް ބިމާހަމަކުރަމުންދާއިރު ، ސުޢޫދީ ޢަރަބިއްޔާއިން ޗުއްޕުވެސް ބުނެފައި ނެތުމަކީ ، ސުޢޫދީ ޢަރަބިއްޔާއަކީ ، މިހާރު އިސްލާމީ އުއްމަތުގެ ބަސް އިއްވުމަށް ނުކުޅެދޭ ޤައުމެއްކަން އަންގައިދޭ ހެއްކެކެވެ.

އިޒްރޭލަކީ ، އިނގިރޭސީންނާއި އެމެރިކާގެ ހަރާންދަރިއެއްކަމަށް ، އަބަދުވެސް އަޅުގަނޑު މިއަންނަނީ ލިޔަމުންނެވެ. މިއަދުގެ ޙާލަތަށްބަލާއިރު ، ހަރާންނަމަވެސް ، ގެންގުޅެބޮޑުކުރާ ބައްޕަ އާއި މަންމަގެ ބަހެއްވެސް އިޒްރޭލަކުން ނާހައެވެ. މޮޔަކުއްތާވެސް ކާންދޭމީހާގެ އަތުގައި ދަތްނާޅާވާހަކަ ބުނާއަޑު އިވެއެވެ. އިޒްރޭލަކަށް އެވަރުވެސް ނުވެއެވެ. އެވަރުގެ ބަޔަކު ، ސުޢޫދީ ޢަރަބިއްޔާވެސް ހިމެނޭގޮތަށް ، ގަލްފުގެ ޤައުމުތަކުން ބުނާއެއްޗެއްގެ އަޑު އަހާނެކަމަށް ބެލުމަކީ މޮޔަކަމެކެވެ. އެހެންނޫނަސް އެއީ ، ހުޅަނގާއި އިޒްރޭލުން އެމީހުންބުނާ ބަހެއްގެ އަޑު އަހާވަރުގެ އުރުއްޕަތެއް އޮތް ބައެއްނޫނެވެ.

ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމަށް ، ސުޢޫދީ ޢަރަބިއްޔާއިން ކުރަމުންގެންދިޔަ މަސައްކަތް މިހާރު އެވަނީ ނާކާމިޔާބު ވެފައެވެ. އެކުވެރި ޢަރަބި ޢިމާރާތް ، ނުވަތަ ޔޫއޭއީ އާއި ޤަތަރުން ކޮށްލިވަރުވެސް ސުޢޫދީ ޢަރަބިއްޔާއަކަށް ނުވިއެވެ. ހަމާސް އާއި އިޒްރޭލާ ދެމެދު ، ވާހަކަ ދެއްކޭނެ ރަސްމީ މަގެއް ހޯދޭތޯ ، އެދެޤައުމުން މަސައްކަތް ކުރަމުން ގެންދިޔައިރު ، ސުޢޫދީ ވަލީޢަހުދު އެމްބީއެސް ހުންނެވީ ، ހަތަރު އަނގޮޅިއެއްގައެވެ. ދާނެ ދިމާލެއް ނޭނގި ކުޅިބަލާށެވެ. އެމްބީއެސްއަށް ބޮޑަށް އިސްކަންދެވުނީ ، ސުޢޫދީގެ އަމިއްލަ މަޞްލަޙަތަށެވެ. އެމެރިކާއާ އެކުއޮތް ގުޅުމަށް ހީނަރުކަން އަތުވެދާނެތީ ، ދާނެކޮޅެއް އިޚްތިޔާރެއް ނުކުރެއްވުނެވެ. ސުޢޫދީގެ ސަލާމަތާއި ރައްކާތެރިކަންވެސް އޮތީ އެމެރިކާގެ ބާރުގެ ދަށުގައެވެ. އެކަން ޤުރުބާންކޮށްފައި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާމެދު ވިސްނައިލުމަކީ ، އެމްބީއެސް އަށް ކުރެއްވެން އޮތްކަމެއްނޫނެވެ.  ފަލަސްތީނަށް ވާނެއެއްޗެއްވާން ދޫކޮށްލާފައި ، އިޒްރޭލާއެކު އޮތް ޢާންމުގުޅުން ދެމެހެއްޓުމަކީ ، އެމްބީއެސް އަށް މާމުހިންމު ކަމެކެވެ. އެމެރިކާ އުފާކުރުވޭނީވެސް އެގޮތަށް ޢަމަލުކޮށްގެންނެވެ.

ސުޢޫދީ ޢަރަބިއްޔާގައި " އަޔަން ޑޯމް " ހަރުކުރުމަކީ ، އިޒްރޭލާއެކު ޢާންމުގުޅުމެއް އުފެއްދުން ޝަރުތުކޮށް ، އެމެރިކާއިން ކޮށްދޭން ވަޢުދުވެފައި އޮތް ކަމެކެވެ. " އަޔަން ޑޯމް " އަކީ ، ބޭރުން އަންނަ ކުރުރާސްތާގެ ރޮކެޓާއި މިސައިލް ހުއްޓުވާ ، އެތަކެއްޗަށް ޙަމަލާދީ ނައްތައިލާ ނިޒާމެކެވެ. އިޒްރޭލުގައިވަނީ ، މިނިޒާމް ޤާއިމް ކޮށްފައެވެ. ސުޢޫދީ ޢަރަބިއްޔާވެސް އޮތީ މިނިޒާމަށް ބޭނުންވެގެން ، އެކަން ކޮށްދިނުމަށް އެމެރިކާގެ ކިބައިން އެދިފައެވެ. ސުޢޫދީ ޢަރަބިއްޔާގައި އެނިޒާމް ޤާއިމްކޮށްދޭން އެމެރިކާއިން އެއްބަސްވެފައި އޮތީ ، ސުޢޫދީން އިޒްރޭލާއެކު ޢާންމުގުޅުން އުފައްދައި ރަޙުމަތްތެރިކަން ދެމެހެއްޓުން ޝަރުތު ކޮށްފައެވެ. އެހެންކަމުން ، އެކަމުން މާނަކޮށްދެނީ ، ފަލަސްތީނަށް ވާނެގޮތެއް ވާންވީއެވެ. ސުޢޫދީން އޭގެތެރެޔަކަށް ނުވަންނާނެއެވެ.

ސުޢޫދީ ޢަރަބިއްޔާ މިހާރު އެއޮތީ ، އިޒްރޭލާއެކު ރައްޓެހިކަން ބާއްވާވާހަކަ ދައްކައިލާންވެސް ލަދުގަންނަ ފައްތަރެއްގައެވެ. ފަލަސްތީނުގެ މައްސަލަޔަށް ދާއިމީ ޙައްލެއް ހޯދުމަށް ، ނުވަތަ މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓައިލާ ، ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ވެވޭ ޞުލްޙައިގެ އެއްބަސްވުމަކަށް މަގުފަހިވާނެކަމެއް ކުރާކަށް ސުޢޫދީއަކަށް މިހާރަކު ނުކެރޭނެއެވެ. އެއީ ، ޢަޖައިބުވާންވީ ކަމެއްނޫނެވެ. ބައިނަލްއަޤްވާމީ މަޝްރަޙުގައި ނުވަތަ ޢަރަބި ދުނިޔޭގައި ، އިސްބަހެއްކިޔައި ، އިސްނަގައިގެން ، އިސް ދައުރެއް އަދާކުރެވޭވަރަށްވުރެ ، އެމްބީއެސް އަށް އަމިއްލަ ޤައުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް މާ މުހިންމުވެފައި ގިނައެވެ.

އިޒްރޭލުން ފަލަސްތީނަށް ޙަމަލާތައް ދޭން ފެއްޓީ 7 އޮކްޓޯބަރ 2023 ގައެވެ. އޭގެ އެއްހަފުތާކުރިން ، އެމެރިކާގެ ފޮކްސް ނިއުސްއަށް ، އެމްބީއެސް ބަސްދީގަތުމެއް ދެއްވިއެވެ. އިޒްރޭލާއެކު އާދައިގެ ގުޅުމެއް އުފެއްދުމުގެ ކަންކަން އޭރު ނިމިފައިވާކަން ، އެ ބަސްދީގަތުމުގައި ، ސުޢޫދީ ވަލީޢަހުދު ، މުޙައްމަދު ބިން ސަލްމާންވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭގެ ނުވަމަސްފަހުން ، ސުޢޫދީގައި ނެގުނު އެންމެ ޕޯލެއްގައިވެސް ، އިޒްރޭލާއެކު އާދައިގެ ގުޅުމެއް އުފައްދަން ދެކޮޅުހަދާކަމަށް ، 96 އިންސައްތަ ، ސުޢޫދީ ރައްޔިތުން ބުނެފައި ވެއެވެ. އެހިސާބުން ، ސުޢޫދީގެ ޚަބަރުފަތުރާ ރަސްމީ އިދާރާގެ މަސައްކަތަކަށްވީ ، އިޒްރޭލާއެކު ސުޢޫދީން އާދައިގެ ގުޅުމެއް އުފައްދަން އެހާ އަވަހަށް ނޫޅޭކަމުގެ ޚަބަރުތައް ޢާންމުކުރަން ފެއްޓުމެވެ. އެއީ ހަދައިގެން ދައްކާ ވާހަކައެއްކަމުގައި ބުނެ އޮޅުވައިލުމުގެ މަސައްކަތް ، އެއިދާރާއިން ކުރިޔަށް ގެންދިޔައެވެ.

ހަމައެއާއެކު ، 1967 ގެ ސަރަޙައްދީ ރޮނގާހަމަޔަށް އިޒްރޭލުން ފަހަތަށްގޮސް ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރެވި ، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދްސްކަމުގައި ނުނިންމާހާ ހިނދެއްގައި ، އަދި އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ހުއްޓައިލާ ، ޣައްޒާގައި ހިފާފައިވާ ބިންތަކުގައި ތިބި އިޒްރޭލް ސިފައިން އެއްކޮށް ނުފައިބަނިސް ، އިޒްރޭލާއެކު ޚާރިޖީ އެއްވެސް ގުޅުމެއް ނުއުފައްދާނެކަން ، ސުޢޫދީންވަނީ ދާދިމިދާކަށްދުވަހު ، އެމެރިކާއަށް އަންގާފައެވެ.

ސުޢޫދީ ޢަރަބިއްޔާއިން ، މިކަން އެމެރިކާއަށް އަންގައި ދެފުށްދެގޮތް މަޢުލޫމާތު ފެތުރިނަމަވެސް ، ސުޢޫދީގެ އަމިއްލަ މަޞްލަޙަތު ދޫކޮށް ، ފަލަސްތީނުގެ ޙައްޤުގައި ކަމެއް ކުރުމުގެ ވިސްނުމެއް ، ނުގެންގުޅޭނެއެވެ. އެއީ ގިނަބަޔަކަށް މިހާރުވެސް އެނގޭ ޙަޤީޤަތެކެވެ.

އަނެއްކޮޅުން ، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ފައިސާ އެއްކުރުމަށް ، ސުޢޫދީން ކުރިމަސައްކަތަކީވެސް ، ސިޔާސީގޮތުން ފެއިލްވިކަމެއްގެ ގޮތުގައި މިހާރުދަނީ ފަޅާއަރަމުންނެވެ. ފަލަސްތީނުގެ ޙާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ފައިސާހޯދުމަށް ސުޢޫދީގައި ހިންގި ޙަރަކާތުން ، 1.8 މިލިއަން ފަރާތަކުން އެހީލިބިގެން 180 މިލިއަން އެމެރިކާ ޑޮލަރު ހޯދުނުކަމަށް ، ބުނެ ޢާންމުކޮށްފައިވާއިރު ، ފައިސާދިން ފަރާތްތަކުގެ ނަން ހާމަކުރާކަށް ލަދެއް ނުގަތެވެ. އޭގެތެރޭގައި ، ސުޢޫދީގެ ޢާންމު ބައެއް ވިޔަފާރިވެރިންނާއި ، ސަރުކާރުގެ ތެޔޮކުންފުނި އަރަމްކޯގެ ނަން ހިމަނާފައި ވެއެވެ. ކަދުރާއި ބޭހުގެ ބާވަތްތަކާއި ، ކާތަކެތީގެ ބާސްކެޓްތަކުގެ ތަފްޞީލްވެސް އެޙަރަކާތުގެ ވެބްސައިޓްގައި ހާމަކޮށްފައި އޮތެވެ. ފަލަސްތީނަށް ދިން އެހީއަކީވެސް ، ރަސްގެފާނުގެ ދީލަތިއެހީގެ ދަށުން ، ސިޔާސީ ކުރެވިގެން އައި އެއްޗެއްގެ ސިފައޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ވިޔަފާރި މުޖުތަމަޢާއި ހެއޮއެދޭ ޚައިރާތްތެރިންގެ ޙިއްޞާއެއް އެއަކުން ފެންނާކަށް ނެތެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީއަކީ މިވަގުތަށް ވަރަށް މުހިންމު އެއްޗެކެވެ. އެހެނަސް ، ސުޢޫދީ ޢަރަބިއްޔާފަދަ ޤައުމަކުން ، ދިއްކޮށްލާ ކާއެއްޗަކަށްވުރެ ، މުހިންމު ދައުރެއް އަދާކުރެވެން އޮއްވައި ، އެކަމަށް ނުވިސްނައި ހަމައެކަނި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އެއީ ، ފެއިލްވެފައިވާ ސިޔާސަތެއްގެ އެއްސިފައެވެ. އަސްލު މައްސަލަޔަކީ ، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ވަރަށް ނާޒުކު މައްސަލައެކެވެ. އިޒްރޭލުން މިހާރުވަނީ ، ފަލަސްތީނުގެ 35 ހާސް ރައްޔިތުން ޝަހީދުކޮށްލާފައެވެ. ދެމިލިއަން މީހުންގެ ގެދޮރު ސުންނާފަތި ކޮށްލާފައެވެ. ރަނގަޅަށް މަސައްކަތްކުރާ އެންމެ ހޮސްޕިޓަލެއްވެސް އަދި އެންމެ ސްކޫލެއްވެސް އަދި މިސްކިތެއްވެސް ނެތެވެ. އެހުރިހާ ބިނާތަކެއްވަނީ ބިމާ ހަމަކޮށް ، ސުންނާފަތި ކޮށްލާފައެވެ. ޣައްޒާގައި ޙާލުގައި ޖެހިފައިވާ އެތައް މިލިއަންބަޔަކަށް އެހީވުމަށް ތަކެތި ފޮނުވައިގެން ، އިޝްތިހާރުވުމަށް ޢަރަބި ޤައުމުތަކުން ކުރާ މަސައްކަތް ފިޔަވައި ، އެ މައްސަލަޔަށް ދާއިމީ ޙައްލެއް ހޯދުމަށް އެއްވެސް ޤައުމަކުން ވިސްނުމެއް ނުގެންގުޅެއެވެ. އަނެއްބައި ޤައުމުތަކުން ، މި ހަނގުރާމައިގެ ނާޖާއިޒް ފައިދާނަގައި ، އަމިއްލަ މަޞްލަޙަތަށް އިސްކަންދެމުން ގެންދެއެވެ. އޭގެތެރޭގައި ، ސުޢޫދީ ޢަރަބިއްޔާގެ ނަން ލިސްޓްގެ ކުރީގައި ނުލިޔެވިއެއް ނުދާނެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަކީ ، އަބުރުވެރި އިންސާނުންކަމަށް ބަލައިގެން ، އެބައިމީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ، މަސްއޫލުވާން އެންމެ ވާޖިބު ޤައުމަކީ ސުޢޫދީ ޢަރަބިއްޔާއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރެވޭ ޙާލަތެއްގައި ، އެދުވަހަކުން އެކަމުގެ ފަޚުރާއި ޝަރަފް ރައްދުވާ އެއްޤައުމަކަށްވާނީ ސުޢޫދީ ޢަރަބިއްޔާއެވެ. މިހާތަނަށްވެސް ، އިސްލާމީ އުއްމަތަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި އިސްވެ ބަސްކިޔައި ޢަމަލީ ފިޔަވަޅަށް ތައްޔާރުވެ ، އެންމެ ގިނައިން އިސްނަގަނީ ސުޢޫދީ ޢަރަބިއްޔާއިންނެވެ. ރައްޔިތުންގެ ވިސްނުމާއި ފިކުރުން އެނގި ސާފުވާފޮތުގައި ، ސުޢޫދީ ޢަރަބިއްޔާގެ ޤައުމީ މަޞްލަޙަތު މިހާރުވެސް ގުޅިފައިއޮތީ ، ފަލަސްތީނުގެ މުސްލިމް ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމާއެވެ. އިޒްރޭލާއެކީ ، ޚާރިޖީ ގުޅުންތައް އުފައްދައިގެން އެމެރިކާ ރުއްސައިގެންނެއްނޫނެވެ. އިސްމާލީ އުއްމަތުން ސުޢޫދީ ޢަރަބިއްޔާ ހޯދާފައިވާ ފަޚުރުވެރި މަޤާމަކީ ، ހުޅަނގަށް ހިތްކިޔާ ދިރިއުޅުމަކަށް ޤައުމުބަދަލުކޮށް ، ޤުރުބާންކުރާ ވަރަށްވުރެ މުހިންމު މަޤާމެކެވެ. އެހެނަސް ، އެމްބީއެސްގެ ވިސްނުމާއި ފިކުރުހުރީ އެދިމާލަކަށް ނޫނެވެ.

މިއަދުގެ ޙާލަތު

އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ މިއަދުގެ ޙާލަތަށް ބަލާއިރު ، ލުބްނާނުގައި މަރުކަޒުވެގެންތިބޭ ޙިޒްބުﷲ ޖަމާޢަތުން ، މިއަދު ( 8 އޯގަސްޓް 2024 ) ބުނިގޮތުގައި ، އެޖަމާޢަތުން ، މިދިޔަ ހޯމަދުވަހު ، އިޒްރޭލުގެ އުތުރު ސަރަޙައްދަށް ޑްރޯން ޙަމަލާއެއްވަނީ ފޮނުވައިލާފައެވެ. އެ ޙަމަލާގައި އިޒްރޭލް ސިފައިންގެ ދެމީހަކު ޒަޚަމްވިކަމަށް އިސްރޭލުގެ އަސްކަރިއްޔާއިންވެސް ހާމަކޮށްފައި ވެއެވެ. ޙިޒްބުﷲ ގެ މި ޙަމަލާ ފޮނުވައިލާފައިވަނީ ، ޙިޒްބުﷲ ގެ އިސް ކޮމާންޑަރެއްކަމުގައިވާ ފުއާދު ޝުކުރާއި ، ހަމާސްގެ އިސްލީޑަރަކު ، އިސްމާޢީލް ހަނިއްޔާ ، އިޒްރޭލުން މިދިޔަ ހަފުތާގައި އަވަހާރަކޮށްލާފައި ވަނިކޮށެވެ. މި ދެޖަމާޢަތުގެ އިސް ދެލީޑަރުން އަވަހާރަކޮށްލުމާގުޅިގެން ، ބަދަލުހިފުމުގެ ހަނގުރާމައެއްގެ ނިޝާންތައް އެސަރަޙައްދުގައި ވަނީ ޢާންމު ވެފައެވެ. ޙިޒްބުﷲ އިން އިޒްރޭލަށް މިދިން ޑްރޯން ޙަމަލާއަކީ ، އީރާނާއި އީރާނާގުޅިފައިވާ ޖަމާޢަތްތަކުން އެންމެ ހިތްހަމަޖެހޭވަރަށް ދެވުނު ވަރުގަދަ ޙަމަލާއެއް ނޫނެވެ. އީރާނުންވެސް ދެކޭގޮތުގައި ، އިޒްރޭލަށް ދޭންޖެހޭނީ އެއަށްވުރެ ގެއްލުންބޮޑު ، ވަރުގަދަ ޙަމަލާއެކެވެ.

އީރާނުގެ ދީނީ ބައެއް ޒަޢީމުން ގެންދަވަނީ ، ދުނިޔޭގެ ޗާޓުން އިޒްރޭލް ފުހެލާނެކަމުގެ އިންޒާރު ދެއްވަމުންނެވެ. އިޒްރޭލުންވެސް ގެންދަނީ ، އީރާނުން އަތުވެދާނެ ޙަމަލާއަކަށް ތައްޔާރު ވަމުންނެވެ. އެމެރިކާއިންވަނީ ، އިޒްރޭލަށް އެހީވުމަށްޓަކައި  ހަނގުރާމަމަތީ އިތުރު މަތިންދާ ބޯޓެއް އެ ސަރަޙައްދަށް ފޮނުވާފައެވެ. ހަނގުރާމައިގާ ބޭނުންކުރާ ބަރުހަތިޔާރު ، ރަޝިޔާއިން އީރާނަށް ފޮނުވަން ތައްޔާރުވަމުން އެބަގެންދެއެވެ. އީރާނުގެ ޚާރިޖީވަޒީރު ، ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ، ސަރަޙައްދީ މައްސަލަތަކާބެހޭގޮތުން ،  މަޝްވަރާތައް ކުރައްވަމުން އެބަގެންދަވައެވެ. ހަމާސް އާއި ޙިޒްބުﷲ އާ ދެޖަމާޢަތުންވެސް ، މިހާރު ގެންދަނީ ހަނގުރާމައެއް ކުރަންޖެހިއްޖެ ޙާލަތެއްގައި ، އެކަން ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އީރާނާއި އުރުދުން އަދި ލުބުނާނުންވަނީ ، އެޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. ހުއްދަ ނުހޯދައި އެސަރަޙައްދަށް ވަންނަ ކޮންމެ އުޅަނދަކަށް އެ ޤައުމުތަކުން ޙަމަލާދޭނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. މި ނުޙައްމަދެއްގެ ވާހަކަެއް ދައްކާނެ ކަމެއްނެތް އިޒްރޭލް ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭނެ ވަކާލާތު ކުރާ މީހެއް އިޒްރޭލަށްވެސް މިކަމާ ޝޮކްއައި

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.