ޝޭޚު ޙަސީނާގެ ނިމުން : ރައްޔިތުންގެ ބާރުގެ މިސާލެއް

ޝޭޚު ޙަސީނާއަކީ ، ބަންގްލަދޭޝްގެ ބައްޕަގެ ނަމުން މަޝްހޫރުވެފައިވާ ، އެޤައުމުގެ ބާނީ ޝޭޚު މުޖީބުއްރަޙްމާންގެ ފަސްބޭފުޅުންކުރެ އެއްބޭފުޅެކެވެ. އުފަންވެވަޑައިގަތީ ، 28 ސެޕްޓެމްބަރ 1947 ގައެވެ. އެކަމަނާގެ މެދުމަދްރަސީ ތަޢުލީމީ ޙަޔާތްޕުޅު ފެއްޓެވީ ، ބަންގްލަދޭޝްގެ އީޑްން ޔުނިވަރސިޓީގެ ގާރލްސް ކޮލެޖުންނެވެ. ސިޔާސީ ވިސްނުންފުޅުވެސް ތަރައްޤީކުރެއްވީ އެކޮލެޖުންނެވެ. ޢުމުރުފުޅުން 19 އަހަރުގައި ، ސްޓޫޑެންޓްސް ޔުނިއަން އޮފް އީޑްން ގާރލްސް ކޮލެޖްގެ ރައީސާއަކަށް ވެވަޑައިގަތެވެ. ޑާކާ ޔުނިވަރސިޓީން ، 1973 ގައި ތަޢުލީމީ ޙަޔާތްޕުޅު ނިންމަވައިލެއްވިއިރު ، ސްޓޫޑެންޓް ޔުނިއަންތަކާއި ލީގް ތަކުގައި އިސްދައުރެއް އަދާކުރައްވައި ، 1966 ގައި ބަންގްލަދޭޝްގައި ހިނގި ދާޚިލީ ދެކޮޅުވެރިކަމުގެ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ. ސިޔާސީ ޙަރަކާތްތަކުގައި އަވަދިނެތި އުޅުއްވަމުންވެސް ، ކައިވެނީގެ ޙަޔާތްޕުޅު ފެއްޓެވިއެވެ. ޝޭޚް ޙަސީނާގެ ފިރިކަލުންނަކީ ، ނިއުކުލިއަރ ސައިންޓިސްޓެއްކަމުގައިވާ ޑރ. އެމް ވާޒިދް މިއާ އެވެ. އަންހެން ބޭފުޅަކާއި ފިރިހެންބޭފުޅެއް ލިބިވަޑައިގަތެވެ.

ސެޕްޓެމްބަރ 1975 ގައި ، ބަންގްލަދޭޝްގެ ސިފައިންގެނައި ޢަސްކަރީ އިންޤިލާބެއްގައި ، އެކަމަނާގެ ބައްޕާފުޅު ،އަދި އޭރުގެ ބޮޑުވަޒީރު ، ޝޭޚް މުޖީބުއްރަޙުމާނާއެކު ، ޝޭޚް ޙަސީނާގެ ޢާއިލާގެ ހުރިހާ ބޭފުޅުން އަވަހާރަ ކޮށްލިއެވެ. ހަމައެކަނި ސަލާމަތްވީ ޝޭޚް ޙަސީނާއާއި ޝޭޚް ރޭޙާނާ އާ ދެބެންނެވެ. އެދެބޭފުޅުން ސަލާމަތްވެވަޑައިގަތީ ، ނަޞީބު ކަންދިމާކުރިގޮތުން ، އެވަގުތު ޤައުމުން ބޭރުގައި ، ހުޅަނގު ޖަރުމަނުގައި ޗުއްޓީއެއްގައި އުޅުއްވުމުގެ ސަބަބުންނެވެ.

ސިފައިންގެ ޢަސްކަރީ އިންޤިލާބަށްފަހު ، ވެރިކަމަށް ވަޑައިގަތީ ، ޒިއާއުއްރަޙްމާނެވެ. ޒިއާއުއްރަޙްމާން ވެރިކަމަށް ވަޑައިގަތީ ، ޤައުމުގައި ދާދި އަވަހަށް މަދަނީ ވެރިކަމެއް ޤާއިމްކުރައްވާނެކަމުގެ ވަޢުދާ އެކުގައެވެ. ޒިއާގެ ޢަސްކަރީ ސަރުކާރުން ، ޝޭޚް ޙަސީނާ ، ޤައުމަށް އެނބުރި ވަޑައިގަތުން މަނާކުރެވުނެވެ. އެހެންކަމުން އަމިއްލަޔަށް އަރުވައިލެއްވިގެން އެކަމަނާއާއި ޢާއިލާގެ އެހެން ބޭފުޅުން ތިއްބެވީ ،  އިންޑިއާގެ ނިއުދިއްލީގައެވެ. އަރުވައިލެވިގެން ހުންނަވަނިކޮށް ، އެކަމަނާގެ ބައްޕަ އުފެއްދެވި ސިޔާސީ ޕާޓީ ، އަވާމީ ލީގް ގެ ރައީސާއަކަށް  1981 ގައި ، އެކަމަނާ އިންތިޚާބު ކުރެވުނެވެ. އެކަމާގުޅިގެން ،6 އަހަރުވަންދެން ޤައުމުން ބޭރުގައި ނިއުދިއްލީގައި އުޅުއްވުމަށްފަހު ،  17 މެއި 1981 ގައި އެނބުރި ޤައުމަށް ވަޑައިގަތެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ، އެތައް މިލިއަން ބަޔަކު ، ބޮޑެތި މަގުތަކަށް ނުކުމެ ، ޢަސްކަރީ ސަރުކާރާ ދެކޮޅު ޚިޔާލުތައް ފާޅުކުރަމުން ގެންދިޔައެވެ. ސިފައިންގެ ޢަސްކަރީ ސަރުކާރަށް އޭރުއޮތީ ސިޔާސީގޮތުން ދަތިތަކެއް ކުރިމަތިވެ ، މަދަނީ ވެރިކަމަކަށް ވީ ވަޢުދު ނުފުއްދާތީ ، ވެރިކަން ހިންގުމަށް ދަތިވެފައެވެ. އެކިއެކި ސިޔާސީ ޙަރަކާތްތަކުން ޤައުމު ހަލަބޮލިވަމުން ދިޔައެވެ.

ޝޭޚް ޙަސީނާ ވެރިކަމަށް ވަޑައިގަތީ ކިޔަވާކުދިންގެ ތާއީދާ އެކުގައެވެ. ވެރިކަން ދޫކުރައްވައި ، ޤައުމުން ބޭރަށް ވަޑައިގަންނަވަން މަޖުބޫރުކުރުވީ ، ކިޔަވާކުދިންގެ ދެކޮޅުވެރި ޙަރަކާތްތަކެވެ. މިއީ ވެރިކަމުގައި އޮންނަ ، ރައްޔިތުންގެ ބާރު ދައްކުވައިދޭ ރީތި މިސާލެކެވެ.

އަރުވައިލެއްވިގެން ޤައުމުން ބޭރުގައި ހުންނެވުމަށްފަހު ، އެނބުރި ވަޑައިގަތުމާގުޅިގެން ،  އެކަމަނާގެ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ދިޔައީ ، ފަތުއަޑުކިޔާފައެވެ. 15 ޕާޓީއެއްގެ މައްޗަށް އެކުލެވޭ އިއްތިޙާދަކުން ، ވަރުގަދަ ސްޓޫޑެންޓް މޫވްމަންޓެއް އުފައްދަވައި ، އިސްކޮށް ހުންނަވައިގެން ، ޖެނެރަލް ޙުސައިން މުޙައްމަދު އިރުޝާދުގެ އަސްކަރީ ވެރިކަމާ ދިމާކުރެއްވިއެވެ. މުޒާހަރާތައް އިންތިޒާމްކުރައްވަމުން ގެންދެވިއެވެ. ޑާކާ ޔުނިވަރސިޓީގައި ، 14 ފެބްރުއަރީ 1983 ގައި ބޭއްވުނު ވަރުގަދަ ސިޔާސީ ޙަރަކާތެއް ރޫޅައިލުމަށްޓަކައި ، ސިފައިންވަދެ ކަރުނަގޭސް ބޭނުންކޮށް ، ބަޑިޖަހައިފާ ވެއެވެ. ހަލަބޮލި އަދި ހަމަހިމޭން މުޒާހަރާތަކުން ، އުފުރާލައިގެން ގެންގޮސް ، ޝޭޚް ޙަސީނާވަނީ އެތައްފަހަރަކު ބަންދުކޮށްފައެވެ. އެއިން ކޮންމެ ފަހަރަކުވެސް ، ރައްޔިތުންގެ ދެކޮޅުވެރިކަމާގުޅިގެން އެކަމަނާ ދޫކޮށްލަން އަސްކަރީ ސަރުކާރަށް މަޖުބޫރު ވެއެވެ. އެކިފަހަރުމަތިން ، ޝޭޚް ޙަސީނާ އަވަހާރަކޮށްލުމަށް ، 19 ޙަމަލާއެއް އަމާޒު ކުރެވިފައި ވެއެވެ. އެއިން ކޮންމެ ޙަމަލާއަކުންވެސް އެކަމަނާ ސަލާމަތްވެ ވަޑައިގަންނަވަނީ ، އެކަމަނާއާ އެކުގައި ރައްޔިތުންތިބެ ، ރައްޔިތުންގެ ބާރާއި ނުފޫޒުންނެވެ.

އިރުޝާދުގެ ޚުދުމުޚުތާރު އަސްކަރީ ސަރުކާރުން 26 މާރޗް 1986 ގައި ބޭއްވި އިންތިޚާބުގައި ، ރައްޔިތުންގެ މަޖިލީހުގެ 104 ގޮނޑި ކާމިޔާބުކޮށް ، ޝޭޚް ޙަސީނާއަކީ ، އިދިކޮޅު ލީޑަރުގެ ގޮތުގައި ކާމިޔާބު ހޯދި އިއްތިހާދުން ނިންމިއެވެ.

އިރުޝާދުގެ އަސްކަރީ ސަރުކާރުން ، ޝޭޚް ޙަސީނާއަށް އެތައް ޙަމަލާތަކެއް އަމާޒުކުރިއެވެ. މުޒާހަރާތަކުގައި ބައިވެރިވާ އެތައްބަޔަކު މަރައިލައެވެ. އެއިން ކޮންމެ ފަހަރަކުވެސް ، ސިފައިންގެ އެ ޙަމަލާތަކާއި އުނދަގޫތަކުން ، ޝޭޚް ޙަސީނާ ސަލާމަތްވެވަޑައިގަންނަވަނީ ، ރައްޔިތުންގެ ތާއީދު ބޮޑުކަމުންނެވެ. މުޒާހަރާތަކުގެ ބައިވެރިންނާއި ރައްޔިތުންދޭ ޙިމާޔަތުންނެވެ.

ޖެނެރަލް އިރުޝާދަށް ، އަސްކަރީ ވެރިކަން ނުދެމެހެއްޓި ، ސިޔާސީ އަރައިރުންތައް ބޮޑުވުމާއެކު ، 4 ޑިސެމްބަރ 1980 ގައި ވެރިކަމުން ދުރުވެވަޑައިގަތެވެ. ޙުސައިން މުޙައްމަދު އިރުޝާދުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ، ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޒިއާއުއްރަޙްމާންގެ ދަރިކަނބަލުން ، ޚާލިދާ ޒިއާވެސް ، ޝޭޚް ޙަސީނާއާ އެކީ މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެންނަމަވެސް ، ޖެހިގެން އައި އިންތިޚާބުގެ ކުރިން ، މިދެބޭފުޅުން ސިޔާސީގޮތުން ވަކިވެވަޑައިގެން ، ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވިއެވެ. 1991 ގައި ބޭއްވުނު އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޚާލިދާ ޒިއާއެވެ. ޝޭޚް ޙަސީނާއަށް ވެރިކަން ލިބިވަޑައިގަތީ 1996 ގެ އިންތިޚާބުގައެވެ.

ޝޭޚް ޙަސީނާއަށް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ފުރަތަމަ ލިބިވަޑައިގަތީ 12 ޑިސެމްބަރ 1996 ގައެވެ. ދެވަނަފަހަރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ، 29 ޑިސެމްބަރ 2008 ގައެވެ. ތިންވަނަ ފަހަރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ، 5 ޖެނުއަރީ 2014 ގައެވެ.

12 ޑިސެމްބަރ 1996 ގައި ، އިންޑިއާއާއެކު ، ޢަހުދުނާމާ އެއްގައި ، ޝޭޚް ޙަސީނާ ސޮއިކުރެއްވިއެވެ. އެއީ ގަންގާ ކޯރާބެހޭ ޓްރީޓީ އެކެވެ. ގަންގާ ކޯރާ އިންވެގެން އޮންނަނީ އިންޑިއާއާއި ބަންގްލަދޭޝް އާއި ޓިބެޓެވެ.

24 އޯގަސްޓް 2017 އަކީ ، ޝޭޚް ޙަސީނާގެ ސަރުކާރަށް ވަރަށްބޮޑު އިމްތޙާނެއް ކުރިމަތިވި ދުވަހެކެވެ. އެދުވަހަކީ ، މުޔަންމާ ނުވަތަ ބަރުމާ ސަރުކާރުން ، ރޯހިންގޔާ މުވަތަ ރޮހިންޖާ އިންނާ ދެކޮޅަށް ޤަތްލު ޢާންމު ހިންގުމާގުޅިގެން ، ރޯހިންގޔާއިން ބަންގްލަދޭޝްއަށް އަންނަންފެށި ތާރީޚީ ދުވަހެވެ. މިލިއަނެއްހާ ރޯހިނގޔާއިން ބަންގްލަދޭޝްއަށް އައެވެ. އެހެން ޤައުމުތަކުން އެމީހުން އެތެރެވުން މަނާކުރިއިރު ، އެބައިމީހުންނަށް ބޯހިޔާވަހިކަން ދީ ، ކާބޯތަކެތި ފޯރުކޮށްދިނީ ޝޭޚް ޙަސީނާގެ ސަރުކާރުންނެވެ.

ރޯހިނގްޔާގެ މައްސަލަޔަކީ 21 ވަނަ ޤަރުނުގައި ކުރިމަތިވި އެންމެ ނާޒުކު ރެފިއުޖީ މައްސަލައެވެ. އެމައްސަލަ ޙައްލުކުރުމުގައި ޝޭޚް ޙަސީނާގެ ދައުރުގެ އަގު ވަޒަންކޮށް ، " އިންސާނިއްޔަތުގެ މަންމަ " ގެ ނަމުން އެކަމަނާއަށް މީހުން ނަންދެމުން ގެންދިޔައެވެ.

ޝޭޚް ޙަސީނާއަށް ، 4 ވަނަފަހަރަށް ، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ، ބަންގްލަދޭޝްގެ 11 ވަނަ ޢާންމު އިންތިޚާބުގައި ، 300 ގޮނޑީގެ ތެރެއިން، އެކަމަނާގެ އަވަމީ ލީޤް ޕާޓީން ،  288 ގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ.

ޝޭޚު ޙަސީނާއަކީ ، އެންމެގިނަދުވަހު ، ޤައުމެއްގެ ވެރިކަން ކުރެއްވި އަންހެން ބޮޑުވަޒީރެވެ. ބަންގްލަދޭޝްގެ ވެރިކަމުގެ ނާރެހުގައި ޝޭޚް ޙަސީނާ އުޅުއްވާތާ ވިއްސަކަށް އަހަރު ވެއްޖެއެވެ. ރައްޔިތުންގެ ފުރިހަމަ ތާއީދާއި ކިޔަވާކުދިންގެ ލޯތްބާއެކު ، ވެރިކަމަށް ވަޑައިގެންނެވި ، ޝޭޚް ޙަސީނާ ، ކުއްލިގޮތަކަށް ވެރިކަން ދޫކުރައްވައި ،  ޤައުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަންނަވަން ޖެހުނު ސަބަބަކީ ، ދުނިޔެއަށް ލިބުނު ފިލާވަޅެކެވެ.

ޝޭޚް ޙަސީނާ އިސްތިޢުފާ ދެއްވައި ޤައުމުން ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު ،  5 އޯގަސްޓް 2024 ގައެވެ. ހަފުތާއެއްވަންދެން ، ބަންގްލަދޭޝްގައި ހިނގަމުންދިޔަ ހަމނުޖެހުންތަކާ ގުޅިގެންނެވެ. އެހަމަނުޖެހުންތަކުގައި 300 އަށްވުރެ ގިނަމީހުން މަރުވިއެވެ.

މިހަމަނުޖެހުންތައް އުފެދުނީ ، ބަންގްލަދޭޝްގެ ސަރުކާރުން އެތާނގެ ރައްޔިތުންނަށް ވަޒީފާދިނުމަށް ކަނޑައަޅާފައި އޮންނަ ކޯޓާގެ މައްސަލައިގައެވެ. އަމިއްލަޔަށް ޚަރަދުކޮށްގެން ޔުނިވަރސިޓީ ތަޢުލީމު ޙާޞިލްކުރުމުން ، އެމީހުންނަށް ސަރުކާރުގެ ވަޒީފާ ނުލިބޭގޮތަށް ކޯޓާ ސިސްޓަމަށް ބަދަލުގެނައި ހިސާބުންނެވެ. ވަޒީފާގެ ފުރުޞަތު ނުލިބި އުޅޭ 18 މިލިއަން މީހުން ، ބަންގްލަދޭޝްގައި ދިރިއުޅެއެވެ.

ޝޭޚް ޙަސީނާގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައި ކުޑަވެގެން ދިޔައީ ، މާގިނަދުވަހު ވެރިކަމުގައި ހުންނަވަން ހައދަވައިގެން ކަމަށްވެދާނެއެވެ. ވެރިކަމުގެ ހަމަތަކާއި ފިލޯސަފީއަށް ބަލާއިރު ، އެކަކު އެހާ ގިނަދުވަހު ، ޤައުމެއްގެ ވެރިކަމުގައި ހުރުމަކީ ، ޚުދުމުޚުތާރުކަމުގެ ހެއްކެއްކަމަށް ބެލެވެއެވެ. ފަހަކަށް އައިސް ، ޝޭޚް ޙަސީނާގެ މައްޗަށް އެތައް ތުހުމަތެއް ކުރެވިފައި އެބަހުއްޓެވެ. އިންސާނީ ޙައްޤުތަކާ ޚިލާފުވުމާއި ، ޝަރުޢީ ނިޒާމުގެ ތެރެއިން މީހުން މެރުމާ އަދި ހައްޔަރު ކުރުމާއި ، ނޫސްވެރިން ގެއްލުވައިލުމާއި ، ޚިޔާނާތުގެ ޢަމަލުތަކުގެ ވާހަކަތައް ވަރަށްގިނައިން އަޑު އިވެއެވެ. އެކަމަނާގެ އެކުވެރިންނާއި ޢާއިލާމީހުންނަށް ލިބޭ ކުއްލި މުއްސަނދިކަމުގެ ވާހަކަވެސް ދެކެވެއެވެ. އެއިން އެއްވެސްކަމަކީ ، މިނިވަންކަމާއެކީ ބެލެވޭ ކަންކަމެއްނޫނެވެ.

އެއީ ޙަޤީޤަތްކަމަށް ވެދާނެއެވެ. އެފަދަ ކަންކަމަށް މަގުފަހިކޮށްދީ ، ޚުދުމުޚުތާރު ވެރިކަމަކަށް ، އެކި ޤައުމުތައް ތަޖުރިބާ ކޮށްފައިވަނީ ، އެކަކު މާގިނަދުވަހު ، ވެރިކަމުގައި ހުރުމުންކަން ދުނިޔޭގެ ޙާލަތުވަނީ ސާބިތުކޮށްދީފައެވެ. ޝޭޚް ޙަސީނާގެ ނުފޫޒާއި ބާރު އަދި ވެރިކަން ބަންގްލަދޭޝްގައި ރަނިކަންކުރާތާ ވިއްސަކަށް އަހަރު ވެއްޖެއެވެ.

މިދިޔަ ޖެނުއަރީމަހު ، ބަންގްލަދޭޝްގައި ބޭއްވުނު އިންތިޚާބުވެސް ކާމިޔާބު ކުރެއްވީ ، ޝޭޚް ޙަސީނާއެވެ. އެހެނަސް ، އިދިކޮޅު ފަރާތްތަކުން އެ އިންތިޚާބުގެ ނަތީޖާ ޤަބޫލެއް ނުކުރެއެވެ. މިކަމާގުޅިގެން ، އިދިކޮޅު ލީޑަރުން ހައްޔަރުކުރުމާއި ގެއްލުމުގެ ޙާދިސާތައް ހިނގާފައި ވެއެވެ. އަދި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދި ، މުޅި ޤައުމު ހަލަބޮލިވެގެން ދިޔައެވެ. އެންމެފަހުން ، މިދިޔަ ޖުލައިމަހުގެ ތެރޭގައި ، ސިޔާސީ އަލިފާންގަނޑު ، މުޅި ޤައުމުގައި އުތުރި  ކެކިގެންދިޔައެވެ. މިހަމަނުޖެހުންތަކާއި މުޒާހަރާތަކާ އަދި ސަރުކާރާ އިދިކޮޅު ޙަރަކާތްތަކުގައި އިސްކޮށްތިބީ ކިޔަވާކުދިންނެވެ.

ޝޭޚް ޙަސީނާގެ ފިރިކަލުން ، ވާޒިދްމިއާވަނީ 2009 ވަނައަހަރު އަވަހާރަ ވެފައެވެ. ޢާއިލާގައި ދެންތިބީ ، ފިރިހެންބޭފުޅަކާއި އަންހެން ބޭފުޅެކެވެ. އަންހެން ދަރިކަނބަލުން ، ސާއިމާ ވާޒިދަކީ ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ، ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައިހުންނަ ރީޖަނަލް ޑިރެކްޓަރެވެ. ފިރިހެން ދަރިކަލުން ސަޖީބް ވާޒިދުގެ ވިސްނުމަކީ ، ބަންގްލަދޭޝްގައި އޮތް ޢާއިލީވެރިކަމުގައި ޝާމިލްވެގެން ސިޔާސީ ޙަރަކާތްތަކުގައި ކުރިޔަށް ދިއުމެވެ.

ޝޭޚް ޙަސީނާގެ ސިޔާސީ ތަރި އޮއްސުނީއެވެ. އެކަމަނާ ދެން ، ސިޔާސީ އެއްވެސްކަމެއްގައި ނުއުޅުއްވާނެއެވެ. ކިޔަވާކުދިންގެ ޖޯޝާއި ފޯރީގެ ތެރެއިން ލިބިވަޑައިގެންނެވި ވެރިކަން ، ހަމަ ކިޔަވާކުދިންގެ ނަފުރަތާއި ދެކޮޅުވެރިކަމުން ނިމިދިޔައީއެވެ. ވެރިކަމުގެ ބާރަކީ ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ އެއްޗެކެވެ. ވެރިކަން ހޯދައިދޭފަދައިން ، ވެރިކަމުން ބޭލުންވެސް އޮންނަނީ ރައްޔިތުންގެ އަތްމަތީގައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.