ވިހަ ތީރު (11)

( 4 އޯގަސްޓް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( އެއީ ޙައިދަރަށް ލިބޭ ، އޭނާގެ މާމަ ދެދަރިންކަމަށް ބުނެ ، ކުލްސޫމްގެ ހިތުގައި ، އޭނާގެ ދަރިފުޅަށްޓަކައި ކުރެވޭ ފޮނި އުއްމީދުތައް ހާމަ ކުރިއެވެ. ގޭތެރެޔަށް ވަންނަމުން އައި ޙައިދަރަށް ، މަންމަގެ ވާހަކަތައް ސާފުކޮށް އިވުނެވެ. އޭނާއަށްޓަކައި މަންމަ ކުރަމުން ގެންދާ އުއްމީދުތަކުގެ ފޮނިކަން ، ޙައިދަރަށް އިޙްސާސް ކުރެވުނެވެ. )

ޙައިދަރުގެ ކައިވެނީގެ ހުށަހެޅުމަށް ، ދިލްނަޝީންގެ ޢާއިލާގެ ފަރާތުން ، އާނބަސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ކުލްސޫމަށް އޮތެވެ. އެހެންކަމުން ، މިއަދުން ފެށިގެން ، ތަންކޮޅެއް އަވަހަށް އޮފީހުން ގެޔަށް އައުމަށް ކުލްސޫމް ، އޭނާގެ ދަރިފުޅަށް ލަފާދިނެވެ. އެހެނީ ، ޙައިދަރު އަންނަންދެން މަންމަ މަޑުކުރިނަމަވެސް ، އަނބިމީހާއެއް މަޑެއް ނުކުރާނެއެވެ.

 

ދިލްނަޝީންމެން ސިފައިންގޭގައި ތިއްބާ ، ދިލްނަޝީންގެ ފޯނަށް ޙަމްޒާގެ މެސެޖެއް އައެވެ. ޙަމްޒާ ބުނެފައިވަނީ ، އޭނާގެ ނަންބަރު ބަދަލުކުރި ވާހަކައެވެ. އޭނާގެ މެސެޖް ދެން އަންނާނީ ބަދަލުކުރި ނަންބަރުން ކަމުގައެވެ. އެވަގުތު ، ސިފައިންގެ ބޮޑުމީހަކު އެތަނަށް އައިސް ، މައްސަލައިގެ ޚުލާޞާއެއް ދޭން އެދުނެވެ. އޮފިސަރ ، ޚުލާޞާ ކޮށްދިނުމަށްފަހު ، އެފޯނަށް ޙަމްޒާ ފޮނުވި މެސެޖްގެ ޚަބަރުވެސް ދިނެވެ. އަދި އެ ނަންބަރަށް ފޯނުކުރަންވީތޯ ސުއާލު ކުރިއެވެ.

ޙަމްޒާ ފިލައިގެން އުޅެނީ ރައްޓެއްސަކާ އެކީގައެވެ. އެގޮތަށް ފިލައިގެން ނޫޅެ ، މައްސަލަޔާ ކުރިމަތިލައި ، އެކަމަށް ޙައްލެއް ހޯދުމަށް ، ޙައިދަރުގެ ރަޙުމަތްތެރިޔާ ނަސޭޙަތްތެރިވިއެވެ. އެހެނަސް ، އެކަން އެގޮތަށް ކުރާކަށް ޙަމްޒާ ބޭނުމެއް ނޫނެވެ. ޙަމްޒާ ބުނިގޮތުގައި ، ދިލްނަޝީންގެ ފޯނު އަންނާކަށް މާލަހެއް ނުވާނެއެވެ. އަދި އެ ކައިވެންޏަށް ރުހިގެން ، ޙަމްޒާގެ މަންމައާއި ބައްޕަ އެގެޔަށް އައިސްތިބި ވާހަކަ ދިލްނަޝީން ބުނާނެއެވެ.

ބުޝްރާމެންގެ ގޮތްދޫކޮށް ، އޭނާގެ ކައިވެނީގެ މައްސަލައިގާ ، އެމީހުންނާ އެއްފެންވަރެއްގެ ބަޔަކާނޫނީ ، ބުޝްރާ މުޢާމަލާތު ނުކުރާނެކަން ، ޙަމްޒާއަށް ޤަބޫލުކުރެވިފައެއް ނެތެވެ. އޭނާގެ ހުރިހާ ބޭނުންތަކެއް މަންމަ އައީ ފުއްދައި ދެމުންނެވެ. ބައްޕަ ދެކޮޅުހަދާ ހުރިހާކަމެއްވެސް ޙަމްޒާއަށް ފުއްދައިދެނީ މަންމަގެ ނުފޫޒުންނެވެ. އެހެންވީމާ ، އޭނާގެ ކައިވެނީގައި ދިމާވެގެން މިއުޅޭ ކަންކަމުގައިވެސް ، ޙަމްޒާ ގެޔަށް ނުގޮސް ދެދުވަހެއް ވާއިރަށް ، މަންމަގޮތް ދޫކުރާނެއެވެ. އެކައިވެންޏަށް އެއްބަސް ވާނެއެވެ.

އެ ދެރަޙުމަތްތެރިން ވާހަކަ ދައްކަމުން ގެންދަނިކޮށް ، ޙަމްޒާގެ ރަޙުމަތްތެރިޔާގެ ފޯނަށް ، ދިލްނަޝީންގެ މެސެޖެއް އައެވެ. ދިލްނަޝީނަށް ފޯނުކޮށްފައި ، ވާހަކަ ދައްކައިލުމަށް ޙަމްޒާ ބޭނުންވިއެވެ. ޙަމްޒާގެ ޚަބަރެއް ނުވެގެން ، ދިލްނަޝީންވެސް ހުންނާނީ ކަންބޮޑުވެފައެވެ.

ދިލްނަޝީނަށް ގުޅުމުން ، ފޯނުކަނޑައިލިއެވެ. ދިލްނަޝީން ސިފައިންގޭގައި އިންކަމެއް ޙަމްޒާއަކަށް ނޭނގޭނެތާއެވެ. ޙަމްޒާގެ ފޯނު ނަގަން އޮފިސަރ އުޅެނިކޮށް ، ސިފައިންގެ ބޮޑުމީހާ އެކަން މަނާކޮށް ފޯނުކަނޑައިލުމަށް އެންގިއެވެ.

" މެސެޖް ކުރާށެވެ ! ބޭބެ އަހަރެންގާތު އިނީމަ ، އަހަރެންނަށް މިވަގުތު ފޯނުނެގޭކަށްނެތޭ ލިޔާށެވެ ! " މަލާމާތުގެ ހިނިގަނޑެއް ޖަހައިލަމުން އޮފިސަރ ބުންޏެވެ.

ޙަމްޒާ ތިހުރީ ކޮންތާކުތޯ އަހައި މެސެޖް ކުރުމަށްވެސް އޮފިސަރ އެންގިއެވެ. ޙަމްޒާގެ ޖަވާބުވެސް ވަގުތުން ލިބުނެވެ.

" އަހަރެންނާމެދު ކަންބޮޑު ނުވާށެވެ ! އަހަރެން ރަނގަޅެވެ. އަހަރެން މިހުރީ ، ރައްޓެހި ކުދިންކޮޅަކާއެކީ ، ރައްޓެއްސެއްގެ ޢާއިލީ ފާރމްހައުސްއެއްގައެވެ. " ޙަމްޒާގެ މެސެޖްގައި ލިޔެފައި ވެއެވެ.

އަދިވެސް ލިޔާށެވެ ! ސީނިއަރ އޮފިސަރ ، ފޯނުގެންގުޅޭ އޮފިސަރަށް އެންގިއެވެ.

" ލޯތްބާއެވެ ! އަހަރެންގެ ފުރާނަޔާއެވެ ! އަހަރެންވެސް ތިތަނަށް މި އަންނަނީއެވެ. އަހަރެންނަކަށް ދެން ، ކެތެއްނުވާނެއެވެ. "

މެސެޖް ފޮނުވުމަށްފަހު ، ޙަމްޒާގެ ނަންބަރު ނޯޓުކޮށް ، އެނަންބަރުން ފޯނިކުރި ސަރަޙައްދާއި ތަން ހޯދުމަށް ސީނިއަރ އޮފިސަރ އެންގިއެވެ. އަދި ، ދިލްނަޝީންގެ ފޯނު އަނބުރާ ދިނުމަށްފަހު ، އެމީހުން ދިޔަޔަސް ދެން އެންމެ ރަނގަޅުކަމަށް ބުނެ ، ދިލްނަޝީނާއި އައްވަލް ގެޔަށް ދިއުމުގެ ހުއްދަ ދިނެވެ.

އޮފިސަރަށް ޝުކުރު އަދާކުރުމަށްފަހު ، އައްވަލާއި ދިލްނަޝީން ، ގެޔަށްދިއުމަށްޓަކައި ފުލުސްއޮފީހުން ނުކުތެވެ.

 

މަންމަޔާ ގުޅައިނުލާތާ ، ގިނަދުވަސްވެގެން ، ސާރާ އޭނާގެ މަންމަޔަށް ފޯނުކުރިއެވެ. ކުލްސޫމްހުރީ ، ޙައިދަރުގެ ކައިވެންޏާ ބެހޭގޮތުން ، ސާރާގެ ފަރާތުންވެސް ޚަބަރެއް ނުލިބިގެން ކަންބޮޑުވެފައެވެ. ސާރާއާއި ޢާފިޔާއަކީ ވަރަށް ގާތް ދެމީހުންނެވެ. އަނީސާ އެކައިވެންޏާމެދު ނިންމިގޮތެއް ޢާފިޔާއަށް އެނގޭނަމަ ، އެންމެ އަވަހަށް އެވާހަކަ ބުނާނީ ސާރާގާތުގައެވެ. އަނީސާމެންގެ ފަރާތުންވެސް އެއްވެސް ޚަބަރެއް އަދި ނުލިބެއެވެ. ޢާފިޔާގާތު އަހައިގެން އެމީހުންގެ ޖަވާބަކީ ކޮބައިތޯ ބަލައިދިނުމަށް ކުލްސޫމް ، އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ. ޢާފިޔާ ސާރާމެންގެޔަށް ދިޔައިމަ  ، އެވާހަކަ އަހާލާކަށް ، ކުލްސޫމަކަށް އިންތިޒާރެއް ނުކުރެވުނެވެ. މިހާރުން މިހާރަށް ، އަނީސާމެންގެޔަށްގޮސް ، އެމީހުންގެ ޖަވާބަކީ ކޮބައިތޯ ޢާފިޔާކުރެން އަހައިދިނުމަށް ކުލްސޫމް އެދުނެވެ. އަދި ޖަވާބަކަށްވާންވާނީ ، އާނއެކޭކަމުގައި ހަދައިގެން އެކަން ނިންމާފައި ގެޔަށް އައިސް ، ކުލްސޫމަށް ފޯނުކުރުމަށް އެދުނެވެ. ސާރާގެ ބޭބެއަށްޓަކައި އެކަން ކޮށްދިނުމަކީ ، ސާރާ ކުރަންޖެހޭނެ ކަމެއްކަން ހަނދާން ކޮށްދިނެވެ. ޙައިދަރުގެ ހިތްކިޔާކަހަލަ ކުއްޖަކާ ދިމާވެ ، ކައިވެންޏަކަށް އެ އެއްބަސްވީ ، އެތައް ޒަމާނެއްފަހުންނެވެ. އެކަމަށް ، ކުލްސޫމު އިންތިޒާރު ކުރަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ޢާފިޔާއާއި އަނީސާ ، ސިޓިންރޫމުގައި ގަބުވެފައި ތިބިއިރު ދެމީހުންވެސް ތިބީ ރޯށެވެ. އެކެއްގެ ޙާލު އަނެކަކަށް ބަލައިލެވޭވަރެއް ނޫނެވެ. ކުއްލިޔަކަށް ، ބޭރު ދޮރުގެ ރަނގަބީލު ޖެހުނެވެ. އެމީހުން އެއައީއޭ ބުނެ ، ދޮރުހުޅުވަން ދިޔައީ ޢާފިޔާއެވެ.

ދޮރުހުޅުވައިލިއިރު ، ކުރިމަތީގައި އެހުރީ ސާރާއެވެ. ގެޔަށް ވަނުމަށް ސާރާގާތު އެދެމުން ، ޢާފިޔާ ނޭފަތްދަމަމުން އޭނާގެ ލޯ ފުހެމުން ގެންދިޔައެވެ. ޢާފިޔާގެ ދެލޯ ރަތްވެ ރޮވިފައި ހުރުމުން ، ޢާފިޔާ ބަލިވެ އުޅޭނީތޯ އަހައި އެކަމާ ސާރާ ސުއާލު ކުރިއެވެ.  ރޯގާޖެހިގެން އުޅޭކަމަށްބުނެ ، ވެގެން އުޅޭގޮތެއް ޢާފިޔާ ސިއްރު ކުރިއެވެ. އަދި ، އަނީސާއަށް ގޮވައިލާ ، ސާރާ އައިކަން އަންގައިލިއެވެ. އަނީސާވެސް ދެލޯ ފުހެމުން ، އަވަސް އަވަހަށް ކޮޓަރިޔާ ދިމާއަށް ދުއްވައިގަތެވެ. ހަމަޖެހިލައިގެން ނޫނީ ސާރާގެ ކުރިމައްޗަށް އަންނާކަށް އަނީސާ ބޭނުމެއް ނުވިއެވެ.

ސާރާ އިނދެގެންއުޅެނީ ޢާފިޔާގެ ބޭބެ ޢާޞިމް އާއެވެ. ޢާފިޔާ ބަލިވެ އުޅޭއިރު އަންގައި ނުލީތީ ސާރާ ޝަކުވާކުރިއެވެ.  އަދި އޭނާއައީ ޑްރައިވަރާއެކުގައި ކަމަށްބުނެ ، ޢާފިޔާ ޑޮކްޓަރަށް ގެންދަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، ޢާފިޔާ ޑޮކްޓަރަށް ދާނީ އައްވަލު ގެޔަށް އައުމުން އޭނާއާއެކީގައި ކަމަށްބުނެ ، ސާރާ ހުއްޓުވިއެވެ.

ސާރާ އެގެޔަށް އެއައީ ، މަންމަ ދޫނުކޮށްގެންކަމަށާއި ، އެމީހުންގެ ޖަވާބަކަށް މަންމަހުރީ ކެތްމަދުވެފައިކަމަށް ބުނެ ، ސާރާ ސުއާލު ކުރިއެވެ. ޢާފިޔާ ފުންނޭވާއެއްލައި ހަމަޖެހިލިއެވެ. މަންމަ އެއުޅެނީ  ، ކުލްސޫމް ދައްތަޔަށް ގުޅަންކަމުގައިބުނެ ، ދޮގެއް ހަދައިލިއެވެ.

ނަސީބަކުން ، އަނީސާވެސް އެވަގުތު ކޮޓަރިން ނުކުމެ ، ސާރާއަށް ސަލާމް ގޮވައިލިއެވެ. ސާރާ އެހާ ކުއްލިގޮތަކަށް އެއައީ ކިހިނެއްވީތޯ އަނީސާ ސުއާލު ކުރިއެވެ. ސާރާދައްތަ އެއައީ އެމީހުންގެ ޖަވާބަކީ ކޮބައިތޯބަލަންކަމަށް ބުނެ އަނީސާގެ ސުއާލަށް ޖަވާބުދިނީ ޢާފިޔާއެވެ. އަނީސާއަށް ލިބުނު ކުއްލި ސިހުން ، ސާރާއަށްވެސް ފާހަގަ ކުރެވުނެވެ. އަނީސާމެންގެ ހުރިހާ މުހުތާދުތަކެއް މަންމަ ފުއްދައިދޭނެކަމަށާއި ، އެއްވެސް ޝަރުތެއް އޮތްނަމަ ބުނުމަށް ސާރާ އެދުނެވެ.

ސާރާގެ ބޭބެއާއި މަންމަޔަކީ ، ރަނގަޅުބަޔެއްކަމަށް އަނީސާއަށް ޤަބޫލު ކުރެވެއެވެ. ކައިވެނީގެ ބަދަލުގައި ، ދިލްނަޝީންގެ އުފަލާއި ހަމަޖެހުން ފިޔަވައި އިތުރު އެއްޗެއް އެމީހުން ބޭނުމެއްނުވެއެވެ. އެހެން ޢާއިލާތަކުން ، ކައިވެންޏަށް ހުށަހަޅާ ގެޔާއި ކާރާ އަގުބޮޑުމުދާ ފަދަ ޝަރުތުތަކަކީ ، އަނީސާމެން ބޭނުން އެއްޗެއް ނޫނެވެ. އަނީސާ ބޭނުމީ އޭނާގެ ދަރިފުޅަށް ބާއްޖަވެރި ދިރިއުޅުމެއް ލިބުމެވެ. އެހެންކަމުން ، އެމީހުންގެ ފަރާތުން ، އެކައިވެންޏަށް ރުހި އެއްބަސްވާކަން ، އަނީސާ ހާމަކުރިއެވެ. އަނީސާގެ ކަންބޮޑުވުން ، ސާރާއަށް ރަނގަޅަށް އިޙްސާސް ނުކުރެވުނަސް ، އުފަލުންގޮސް ، ޢާފިޔާގެ ގައިގާ ބައްދައިގަނެވުނެވެ. އެޚަބަރު ލިބުމުން ، އެންމެ ބޮޑަށް އުފާވާނީ އޭނާގެ މަންމައެވެ.

ގެޔަށް އައުމަށްޓަކައި ، ދިލްނަޝީނާއި އައްވަލް ކާރެއްގައި އޭރު ، ދަތުރުކުރަމުން ގެންދެއެވެ. ދެބެންވެސް ތިބީ އެކަކު އަނެކަކަށް ވާހަކަ ދައްކަން ލަދުންނެވެ. ދެމީހުންގެ ލޮލުންވެސް ފައިބަމުންދަނީ ކަރުނައެވެ.

ސާރާއަށް ސައިހަދައިގެން އަނީސާއައުމުން ، އެހާބޮޑަށް ރަސްމީ ނުވުމަށާއި ، އެދެޢާއިލާއަކީ މާލަހެއްނުވެ ، އެއްބަޔަކަށްވާނެ ބަޔެއްކަން ސާރާ ހާމަކުރިއެވެ.

ސާރާއަށް އެގެއިން ނުނުކުމެވި އުޅެނިކޮށް ، އައްވަލްމެން ގެޔަށް އައިސް ދޮރުގެ ރަނގަބީލު ޖެހިއެވެ. އައްވަލްމެން އެއައީއޭ ބުނަމުން ، ދުވެފައިގޮސް ދޮރު ހުޅުވީ ޢާފިޔާއެވެ. އައްވަލްމެންނާއެކީ ސިފައިންގެމީހުން ތިބެދާނެތީ އަނީސާއިނީ ވަރަށް ކަންބޮޑުވެފައެވެ. އެކަން އެހެން ވެއްޖެނަމަ ، އެހިސާބުން އެމީހުންގެ ހުރިހާކަމެއް އެނިމުނީއެވެ. މަޑުމަޑުން ދޮރުހުޅުވައިލުމަށްފަހު ، ޢާފިޔާ ދޮރުންބޭރަށް ނުކުތެވެ. އަދި ، އައްވަލް ސަމާލުވުމަށް އަތުން ޢިޝާރާތްކޮށް ، ސާރާ އެގޭގައި އިންކަން އަންގައިލިއެވެ. އަދި ، ޙަމްޒާއާއި ދިލްނަޝީންގެ ކައިވެންޏަށް މަންމަ އާނއެކޭ ބުނިކަންވެސް އައްވަލަށް އަންގައިލިއެވެ. އައްވަލް އޭނާގެ ކޮއްކޮ ، ދިލްނަޝީނާ ދިމާލަށް ބަލައިލިއެވެ. ގޭގެ ބިއްދޮށަށްގޮސް ، ވަލުދޮރޯށިން ގޭތެރެޔަށް ވަނުމަށް ދިލްނަޝީނަށް އެންގިއެވެ. ދިލްނަޝީން އެހުރި ޙާލަތުން ، އެއްވެސް މީހަކަށް ދިލްނަޝީން ފެންނާކަށް އައްވަލް ބޭނުމެއް ނޫނެވެ. އައްވަލަށް ، އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭނެއެވެ. އެހެނަސް ، ދިލްނަޝީނަށް ، އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުން އެއީ ދަތި އުނދަގޫ ކަމަކަށްވާނެކަން އައްވަލަށް ވިސްނުނެވެ. ލޯކަނުމީހަކު ދިލްނަޝީނާ ދިމާލަށް ބަލައިލިނަމަވެސް ، ދިލްނަޝީން ގެންފައިވާ ލަދާއި ވެފައިހުރި ކަންބޮޑުވުން އެނގޭނެއެވެ. އެހާވަރަށް ، އޭނާގެ ބޭބެގެ ކުރިމަތީގައި ސިފައިންގެ އޮފިސަރުންވަނީ ، ދިލްނަޝީން  ލަދުގަންނުވައިލާފައެވެ. އޭނާގެ އަބުރާއި ޢިއްޒަތަށް އަރައިގެންފައެވެ. ސިފައިންގެ މީހެއްގެ އަތުގައި ޖެހުނީމަ އެކަން އެހެން ނުވެއެއް ނުދާނެއެވެ. އެކަން އައްވަލަށްވެސް އެނގެއެވެ. އެކަމަކު ، ޞާދިޤް އަމީންގެ ބާރާއި ނުފޫޒުން ، އެދެބެއިންނަށް ، ސިފައިން އެކުރީ ތަންފުކެއް ބޮޑުވަރެކެވެ.

އައްވަލް ހަމަޖެހުމުގެ ނޭވާއެއްލައި ، މަޑުމަޑުން ގޭތެރެޔަށް ވަދެ ، ސާރާއަށް ސަލާމް ގޮވައިލިއެވެ. ކައިވެނީގެ ވާހަކަ ދެއްކޭ ގަޑިއެއްގައި ، ކުލްސޫމް ނެތުމުގެ އުނިކަން ، އައްވަލް ފާހަގަކުރިއެވެ. އެހެންނަމަވެސް ، ސާރާ އެހެންލާފައިދަމުން ޢާފިޔާއަށް ގޮވައިލަން ވަދެލީކަމަށާއި ، ދެން ފަހަރަކުން މަންމަގޮވައިގެން އަންނާނެކަމަށް ބުނެ ، އެކަން ހަމަޖައްސައިލިއެވެ. އަދި ، އަންނަ އާދީއްތަދުވަހު ، އެޢާއިލާއަށް މެންދުރުގެ ކެއުމަށް ދަޢުވަތު ދިނެވެ.  ކައިވެނީގެ އުފާވެރި ޚަބަރުން އެންމެ އުފާވާނެމީހަކީ ކުލްސޫމެވެ. އަދި ، ވީއެންމެ އަވަހަކަށް އެކައިވެނި ކުރުމަށް ، ކުލްސޫމް ބޭނުންވާނެކަން ސާރާ ހާމަ ކުރިއެވެ.

" ކައިވެނި އަވަސްކުރަން އަހަރެމެންވެސް ބޭނުމެވެ. " އައްވަލަށް މަޑުމަޑުން ބުނެލެވުނެވެ.

ނަސީބަކުން އައްވަލް އެބުނި ވާހަކައެއްގެ އަޑު ރަނގަޅަށް އިވުނީ ހަމައެކަނި ޢާފިޔާއަށެވެ. ބުނިވާހަކައެއް ރަނގަޅަށް ނީވުނަސް ، އައްވަލް ، އެއްޗެކޭ ބުނިކަން ސާރާއަށްވެސް އެނގުނެވެ. ސާރާ އިތުރު ސުއާލެއް ކުރުމުގެ ކުރިން ، އެބަ އަންނަމޭ ކިޔާފައި އައްވަލް އޭނާގެ ކޮޓަރިޔާދިމާލަށް ހިނގައިގަތެވެ.

 

ޙަމްޒާ ގޮވައިގެން ސިފައިން އައިސް ، އޭނާގެ ގެޔަށް ޙަމްޒާ ވެއްދިއެވެ. ދޮރުން ވަތްއިރު ، ޙަމްޒާގެ ބައްޕައާއި މަންމަ އަދި ކޮއްކޮ ކުރިމަތީގައި ތިއްބެވެ.

ތިކުރީ ކޮންކަހަލަ މޮޔަކަމެއްހޭ ބުނެ ، ޞާދިޤް އަމީންގެ އަތުގައި ހުރިބާރެއްލާފައި ޙަމްޒާގެ ކަންކަށިމަތީ އެތިފަހަރެއް އަޅުވައިލިއެވެ. އަދި ޙަމްޒާ ފެނުނީ ކޮންތާކު ހުއްޓައިތޯ ސިފައިންނާ ސުއާލު ކުރިއެވެ. ސިފައިން ބުނިގޮތުގައި ، އެމީހުން ޙަމްޒާ އަތުލައިގަތީ ، ޙަމްޒާގެ ރައްޓެހި ކުއްޖެއްގެ ޢާއިލާއަށް ނިސްބަތްވާ ފާރމްހައުސް އެއްގައި ހުއްޓައެވެ.

ޙަމްޒާ އޭނާގެ ކޮޓަރިޔަށް ގެންދިއުމަށް ބުޝްރާ ، ރިދާއަށް އެންގިއެވެ. ޙަމްޒާހުރީ އަނގައިންވެސް ނުބުނެއެވެ. މިތަނުން ދުރަށްދާށޭ ބުނެ ، ޞާދިޤް އަމީން  ހަޅޭއްލަވައިގަނެ ، އެތާތިބި އެންމެން ސިއްސުވައިލިއެވެ. ބޭބެ ގޮވައިގެން ކޮޓަރިޔަށް ދިއުމަށް ، ބުޝްރާ އަނެއްކާވެސް ރިދާއަށް އެންގިއެވެ.

ސިފައިންގެ އޮފިސަރ ، ޞާދިޤް އަމީނާ ގާތަށް ޖެހިލިއެވެ. ޙަމްޒާ އުޅޭނޫޅޭގޮތް ބަލައި އޭނާ ރަނގަޅަށް ބެލެހެއްޓުމަށް ، ޞާދިޤް އަމީންގެ ކިބައިން އޮފިސަރ އެދުނެވެ. ލިބިފައި އޮތް ބާރަކާއި ނުފޫޒެއް ފޯރުވައިގެން ސިފައިން ލައްވާ ، ޞާދިޤް އަމީނަށް އެ ކުރުވުނީ ރަނގަޅުކަމެއް ނޫންކަން އޮފިސަރ ހަނދާން ކޮށްދިނެވެ. އެމީހުންނަށް ސިފައިންގެޔަށް އެ ގެންދެވުނީ ވަރަށް އަބުރުވެރި ޢާއިލާއެއްގެ ދެބެންނެވެ. އެއްވެސް ކަމަކުންކުރެ ކަމަކާނުލައި ، ދިލްނަޝީންގެ ޢާއިލާއަށް ސިފައިންގެ ފަރާތުން އެދެވުނީ ޙައްޤުނޫން ބޭއަދަބީ އަދަބެކެވެ. އެގެޔަށް ސިފައިން ފޮނުވައިގެން ، މުޅި އެހިސާބުގެ މީހުންގެ ކުރިމަތީ ، ޞާދިޤަށް އެއަރައިގަނެވުނީ ، ކުށެއްނެތް ބަޔެއްގެ  އަބުރަށެވެ. އެއީ ، މުޖުތަމަޢުގައި އެމީހުންނަށް ލިބިގެންވާ އަދަބާއި އިޙްތިރާމް ގެއްލޭފަދަ ހުތުރު ޢަމަލެކެވެ. އެއީ އެމީހުންގެ ކިބައިން ، ޞާދިޤް އަމީން މަޢާފަށް އެދެންޖެހޭފަދަ ކަމެކެވެ.

 

ދިލްނަޝީންމެންގެ ގެއިން ސާރާ ނުކުމެގެން ، ކާރަށް އެރުމުގެ ކުރިން ، ދިލްނަޝީންގެ ޢާއިލާއިން އެކައިވެންޏަށް ރުހުނުވާހަކަ ، މަންމަޔަށް ފޯނުކޮށްފައި ބުންޏެވެ. އަދި ، އަންނަ އާދީއްތަ ދުވަހުގެ މެންދުރުގެ ކެއުމަށް އެގެޔަށް އައުމަށް އެމީހުންނަށް ދަޢުވަތުދިންކަންވެސް މަންމަޔަށް އަންގައިލިއެވެ. ދިލްނަޝީންމެން އެގެޔަށް އަންނައިރު ، ހަދިޔާއެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމުގައި ކުލްސޫމަށް ފެނުނެވެ. އެހެންކަމުން ، ދިލްނަޝީންގެ އިނގިލީގެ މިނާއި އަތުކުރީގެ މިން ބަލާފައިނޫނީ ގެޔަށް އައިސްގެން ނުވާނެކަމަށް ސާރާއަށް އެންގިއެވެ. ސާރާއަށް އެހެންގޮތެއް ނެތިގެން ، އަނބުރާ ދިލްނަޝީންގެ ގެޔަށް ވަންނަން މަޖުބޫރުވިއެވެ. އޭރު ، އެ ގޭތެރޭގައި އޮތީ އެކަކު އަނެކަކަށް ހިތްހަމަނުޖެހިގެން ، އިސްވެ އަނގައިން ބުނާނެމީހަކު ނޭނގި ހަމަހިމޭންކޮށް އޮތް ، އެހެނަސް ހޫނު މާޙައުލެކެވެ. އެވަގުތު ސާރާ އެގެޔަށް ވަދެފިއްޔާ އަނީސާމެން ބޭޒާރު ނުވެއެއް ނުހުންނާނެއެވެ. އައްވަލް މަޑުމަޑުން އައިސް ދިލްނަޝީންއާ ގާތަށް ޖެހިލައި ، އަތުގައި ނެތްބާރު ލާފައި ، ދިލްނަޝީންގެ މޫނުމަތީ ޖެހިއެވެ. އަދި ދިލްނަޝީން ކޮލެޖަށް ދިއުން މަނާކުރިއެވެ. އައްވަލްހުރީ ރުޅިއައިސް ރަތްވެފައެވެ. މަންމަގާތަށް ޖެހިލައި ، ދިލްނަޝީން އެގެއިން ނެރެލުމަށް އެންގިއެވެ. ދިލްނަޝީން ދާނެތާކަށް ދާންވީއެވެ. އެގެޔަކު ދިލްނަޝީނަކަށް އެއްވެސް ޖާގައެއް ނެތެވެ.

އައްވަލް ހުއްޓުވޭތޯ ޢާފިޔާއާއި އަނީސާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ދިލްނަޝީންގެ އަތުގައި ހިފައިގެން ދަމާފައި ދޮރާދިމާލަށް ގެންދިޔައެވެ. ދިލްނަޝީން އެގެއިން ބޭރަށް ނެރެލާން ވެގެންނެވެ.

އެވަގުތު ، ދޮރުގެ ރަނގަބީލު ޖެހުނެވެ. ދޮރު ހުޅުވުމުގެ ކުރިން އައްވަލް އެތަނުން ދިއުމަށް އެދި އަނީސާ އާދޭސް ކުރިއެވެ. ޢާފިޔާގޮސް ދޮރުހުޅުވައިލިއިރު ، ދޮރުމަތީ އެހުރީ ސާރާއެވެ. ސާރާ އެއައީ ، ދިލްނަޝީންގެ އަތުހުޅުގެ މިނާއި އިނގިލީގެ މިން ބަލަން މަންމަ ބޭނުންވެގެން ބުނީމައެވެ. މަންމަ ، އެއްގޮތަކަށްވެސް ގޮތްދޫނުކޮށްގެންނެވެ.

ސާރާ އެވަގުތު ގޭތެރެޔަށް ވައްދާކަށް ޢާފިޔާ ބޭނުމެއް ނުވިއެވެ. ގޭތެރެ އޮތީ އެއަށްވުރެ ހޫނުކޮށެވެ. ސާރާ ބޭރުގައި މަޑުކޮށްލުމަށް ބުނެ ގޭތެރެޔަށް ވަދެ ، ސާރާ އައި ވާހަކަޔާއި އައި ބޭނުން ، އަނީސާގާތު ބުންޏެވެ. އެއީ މާބޮޑުކަމަކަށް ނުހަދައި ، ޢާފިޔާގެ އަނގޮޓިއަކާއި ތަނޑުގަނޑެއް ސާރާއަށް ދިނުމަށް އަނީސާ އެދުނެވެ. ދިލްނަޝީނާއި ޢާފިޔާގެ އިނގިއްޔާއި އަތުގެހުޅު ހުންނާނީ އެއްސައިޒަކަށެވެ. ޢާފިޔާގޮސް ، އޭނާއާ ދިލްނަޝީން ބޭނުންކުރަނީ އެއްސައިޒެއްގެ އަނގޮޓިއާއި އުޅާކަމަށް ބުނެ ، އޭނާގެ އަތުގައި އޮތް އުޅަލާއި އިނގިލީގައި އޮތް އަނގޮޓިނަގައި ސާރާއަށް ދިނެވެ. އަދި މަންމަޔަށް ސަލާމްބުނާށޭ ބުނެ އަވަސްއަވަހަށް ، ސާރާ އެތަނުން ފޮނުވައިލިއެވެ. ނަސީބަކުން ، އެގޭތެރޭގައި އެރެއާއި އެދުވަހު ހިނގި ހަމަނުޖެހުންތަކުގެ އެއްވެސްކަމެއްގެ ޚަބަރެއް ސާރާއަކަށް ނޭނގުނެވެ. އެކަންކަން ސާރާއަށް ނާންގައި އެމީހުންނަށް ހަމަޖައްސައި ލެވުނީ ކިރިޔާއެވެ. ސާރާއާއި ޢާފިޔާއަކީ ދެފަހަރިންނަށް ވެފައި ، ޢާފިޔާގާތަށް އެގެޔަށް ދޭތެރެދޭތެރެއިން އަންނާތީ ، ސާރާދަންނަ އެތައްބަޔަކު އެހިސާބުގައި އުޅޭނެއެވެ. އަވަށްޓެރިއެއްގެ ފަރާތުން އެއިންކަމެއް ސާރާއަށް ނޭނގި އެމީހުން ސަލާމަތްވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.