އިންޤިލާބީ ޢާލަމް

އިންޤިލާބީ ޢާލަމް ނުވަތަ ވާޗުއަލް ވޯލްޑަކީ ، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އުފެއްދުމަށް އަމާޒު ހިފައި ، އަލަށް ތަޢާރުފްކުރާ ވާޗުއަލް ނޭޝަންސް ނުވަތަ އިންޤިލާބީ ޤައުމުތަކަށް ނިސްބަތްވާ ދުނިޔެއެކެވެ. އެއީ ވާޗުއަލް ނުވަތަ ސިންތެޓިކް  ނުވަތަ މަސްނޫއީ ނުވަތަ ޤުދުރަތީ ވަސީލަތް ފިޔަވައި ، އިންސާނާ އަމިއްލަޔަށް އުފައްދައި ، ދިރިއުޅުން ބިނާކުރުމަށް ތައްޔާރުވާ ދުނިޔެއެކެވެ. ސިންތެޓިކް އެއްޗެއްގެ މިސާލަކަށް ބަލާއިރު ، ފުޓްބޯޅަ ކުޅޭ ބައެއް ދަނޑުދަނޑުގައި ސިންތެޓިކް ގްރާސް އަޅާފައި ހުރެއެވެ. ޤުދުރަތީ އެއްޗެއްގެ ބަދަލުގައި ، އިންސާނާ އަމިއްލަޔަށް އުފައްދާ އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން ، އިންސާނާ މިހާރު ، މަސައްކަތްކުރަމުން އެގެންދަނީ ، ޤުދްރަތީގޮތުން އުފެދިފައިވާ ޤައުމުތަކާއި ، ޤުދްރަތީ އެ ނިޒާމުން ބޭރުވެ ، އަމިއްލަ ވާޗުއަލް ޤައުމާއި ، އެޤައުމުތަކުގެ ރައްޔިތުންނަށް ވެގެން ދުނިޔޭގައި ދިރިއުޅުމުގެ އިންޤިލާބީ ބަދަލާ ދިމާލަށެވެ.

ޢާލަމީއަކީ ، ކޯވިޑްގެ ތެރޭގައި 2020 ވަނަ އަހަރު އަޑުއިވެން ފެށި ބަހެކެވެ. މިބަހަކީ ، ދިވެހިރަދީފުގައި ހިމެނިފައިވާ ބަހެއްނޫނެވެ. އެހެނަސް ، ކޯވިޑްގެ ބަލިމަޑުކަމަށް ނިސްބަތްކޮށް ،  ކޯވިޑްގެ " ޢާލަމީ ވަބާ " ބޭނުން  ކުރެވެމުން ދިޔައެވެ އަދި ، މިހާރުވެސް ބޭނުންކުރެވެމުން ދެއެވެ. ޢާލަމީ ، މިބަސް އުފެދިގެންދިޔައީ ، " މުޅި ދުނިޔެ " އަށް . ނިސްބަތްކުރެވޭ މާނައެއްގައެވެ. ޢާލަމީ ވަބާ މާނަކުރެވިގެން ދިޔައީ ، " މުޅިދުނިޔެ " އަށް ނިސްބަތްކޮށް ، ދުނިޔެއަށް ކުރިމަތިވި ވަބާއެއްގެ ގޮތުގައެވެ.

ދިވެހިބަހުގައި ޢާލަމް އެއީ ، " ދުނިޔެ " މާނަކޮށްދޭ ބަހެކެވެ. އެއްމާނަޔަކީ ، އެއީ ، ހައްދަވާފައިވާހާ އެއްޗެއް ކަމުގެ މާނައެވެ. އަނެއް މާނަޔަކީ ، ދުނިޔެއެވެ. ދީނީ ނަޒަރަކުން ވިސްނާއިރު ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ، އެތައް ޢާލަމްތަކެއް ، ނުވަތަ އިންސާނާ ދިރިއުޅެމުން މިގެންދާ ދުނިޔެ ފިޔަވައި ، އެތައް ދުނިޔެތަކެއް ހައްދަވާފައެވެ. އޭގެ ތެރެއިން ، އިންސާނާ ދިރިމިއުޅޭ ދުނިޔެއަކީ ، އެއްދުނިޔެއެވެ. މިދުނިޔެ ދޫކޮށް ދެންދާނީ ޢާޚިރަތަށެވެ. އެއީ އަނެއް ދުނިޔެއެވެ. ދެދުނިޔޭގެ ސަވާބާއި ދަރުމަ މިންވަރުކޮށްދެއްވުން އެދި ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަ މަތިވެރި ޙަޟުރަތަށް ، އިންސާނާ ދުޢާ ދަންނަވާ ސަބަބަކީ އެއީއެވެ. އެއީ އިންސާނާއަށް ޚާއްޞަކުރެވިގެންވާ ދެދުނިޔެއެކެވެ. އޭގެ އިތުރު ދުނިޔެތަކެއްވެސް ، ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ހައްދަވާފައެވެ. މިސާލަކަށް ، މަލަކޫތީ ޢާލަމަކީ ، މަލާއިކަތްބޭކަލުންގެ ދުނިޔެއެވެ. ﷲ ސުބްޙާާނަހޫ ވަތަޢާލާ އުފައްދަވާފައިވާ އެއްވެސް އެއްޗަކާ އެއްފަދަ އެހެން އެއްޗެއް އުފެއްދުމުގެ ކުޅަދާނަކަމެއް އިންސާނުންނަކަށް ލިބިގެންނެއް ނުވެއެވެ. އިންސާނުންނަށް އުފެއްދޭނީ ، އެކަލާނގެ މިންވަރުކުރައްވައި ، އިންސާނުންނަށް ދެއްވާފައިވާ ޢިލްމާއި ޙިލްމުން އުފެއްދެންހުރި އެއްޗެކެވެ. އެވެސް ، އެކަލާނގެ މިންވަރު ކުރައްވައި އިރާދަކުރައްވާ ގޮތެއްގެ މަތިންނެވެ.  ހުވަފެނީ ދުނިޔެއަކީ އަދި އެހެން ޢާލަމެކެވެ. އެއީ ނިދާފައި އޮއްވާ ފެންނަ ޚިޔާލީ ދުނިޔެއެކެވެ.

މި ލިޔުމުގައި އަލިއަޅުވައިލެވޭތޯ ބަލާނީ ، އެތައް ބައްރެއްގެ ، އެތައް ޖަމާޢަތަކަށް ނިސްބަތްވާ ، އެތައް ޤައުމެއް ހިމެނޭ މި ދުނިޔެ ފިޔަވައި ، ހަމަ މިދުނިޔޭގައި ޤާއިމްކުރުމަށް ، އިންސާނާ މަސައްކަތް ކުރަމުން ގެންދާ ، ( ނުއުފަން އަދި ނުފެންނަ ) އިންޤިލާބީ ޢާލަމް ، ނުވަތަ ވާޗުއަލް ވޯލްޑް ، އަދި ( ނުއުފަން އަދި ނުފެންނަ ) އިންޤިލާބީ ޤައުމު ، ނުވަތަ ވާޗުއަލް ނޭޝަން ، އަދި ( ނުއުފަން އަދި ނުފެންނަ ) އިންޤިލާބީ ރައްޔިތުކަން ، ނުވަތަ ވާޗުއަލް ސިޓިޒެންޝިޕް ގެ މައްޗަށެވެ.

ވާޗުއަލް ވޯލްޑް އާއި ވާޗުއަލް ކޮމިޔުނިޓީތައް ، މިހާރުވެސް  މިދުނިޔޭގައި ޤާއިމްކުރެވި ޙަރަކާތްތެރިވަމުން އެބަދެއެވެ. ވާޗުއަލް ގޭމްސް އާއި މުނިފޫހި ފިލުވުން ، އާކިޓެކްޗަރ ، މެޑިސިން އަދި މިލިޓަރީ ތަމްރީންތައް ، އޮންލައިން ކްލާސްތައް ، ވާޗުއަލް ޓުއަރސް މެދުވެރިކޮށް ، ތަންތަން ބަލައި އެތަންތަނަށް ޒިޔާރަތް ކުރުން ، އޮންލައިން ވިޔަފާރި ، ވާޗުއަލް އޮކްޝަން ، އަދި އޮންލައިން ޑޮކްޓަރީ ފަރުވާ ، އޮންލައިން ވިސާ ފަދަ އެތައްކަމެއް އިންސާނާގެ ޙަޔާތުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރަމުން އެބަގެންދެއެވެ. އިންތިޚާބުތަކުގައި އޮންލައިންކޮށް ވޯޓު ލެވެއެވެ.  ވީއާރ ، ނުވަތަ ވާޗުއަލް ރިއަލިޓީއަކީ ، އިންސާނާ ދުނިޔޭގައި އުޅުމަށްބޭނުންވާ ގިނަ ކަންތައްތަކަކަށް ބޭނުންކުރެވެމުންދާ އިންޤިލާބީ ވަޞީލަތެވެ. އެހެންނަމަވެސް ، ވާޗުއަލް ނޭޝަން އަކާއި ވާޗުއަލް ސިޓިޒެންޝިޕެއްގެ އަޑު އިވެން މިފެށީ ދާދި މިދާކަށް ދުވަހުއެވެ.

ވާޗުއަލް ނޭޝަން އާއި ވާޗުއަލް ސިޓިޒންޝިޕަކީ ، 2040 ވަނައަހަރު ޤާއިމް ކުރުމަށް މަސައްކަތް ކުރެވެމުންދާ ޙަރަކާތެވެ. އެ މަޝްރޫޢު މިހާރުވަނީ ހިންގަން ފައްޓާފައެވެ. ވާޗުއަލް ނޭޝަން އުފެދޭއިރު ، އެ ޤައުމު ހިންގަން ވެރިޔަކު ހުންނާނެއެވެ. ރައީސެއް ނުވަތަ ބޮޑުވަޒީރެކެވެ. ކެބިނެޓެއް އޮންނާނެއެވެ. ކެބިނެޓް މިނިސްޓަރުން ތިބޭނެއެވެ. މާލީ އިދާރާތައް ހުންނާނެއެވެ. ޓެކްސްގެ ނިޒާމްވެސް މަސައްކަތް ކުރާނެއެވެ. މުދާ އުފައްދާ ކާރުޚާނާތަކާއި ، ޞިނާޢަތްތައް އުފެދިފައި އޮންނާނެއެވެ. އެއީ ޚިޔާލީ ދުނިޔެއެއް ނޫނެވެ. އަދި ޚިޔާލީ ޤައުމެއްވެސް ނޫނެވެ. ޓެކްނޮލޮޖީގެ ދާއިރާއިން އިންސާނާ ހޯދާފައިވާ ކުރިއެރުމާ އަދި ސައިންސާއި ޢިލްމީ ހުނަރުތަކުން ، އުފައްދާފައި އޮންނަ ޤައުމެކެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގެ ރައްޔިތަކަށްވެސް ، ވާޗުއަލް ނޭޝަންގެ ރައްޔިތަކަށް ވެވިދާނެއެވެ. ނުވަތަ ޑުއަލް ސިޓިޒެންޝިޕް ހޯދިދާނެއެވެ. ވާޗުއަލް ނޭޝަންގެ ، ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

2040 ވަނައަހަރު އުފައްދަން އަމާޒުހިފާފައިވާ ، ވާޗުއަލް ނޭޝަން އަކީ ، މި ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ކުރިމަތިވެފައިވާ ދިރިއުޅުމުގެ ދަތިތަކާއި ، ޢާމްދަނީ ހޯދުމުގައި ހުރި ހުރަސްތަކާއި ، އިޤްތިޞާދާއި ސަލާމަތީ އަދި މާލީ ކަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ، ޤައުމީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އުފައްދަން މަސައްކަތް ކުރެވެމުންދާ ޤައުމީ އާ ނިޒާމެކެވެ. ވާޗުއަލް ނޭޝަންގެ ރައްޔިތަކަށް ވުމުން ، ދުނިޔެ އުޅުމުގައި މިހާރު ކުރިމަތިވެފައިވާ ހުރިހާ ތަކުލީފަކާއި ނުރައްކަލަކާ އަދި އުނދގޫތަކުން ސަލާމަތް ވާނެއެވެ. އެއީ އެހެން ދުނިޔެއެކެވެ. އެއީ ދުނިޔެއިން ނުފެންނަ ، އެހެނަސް ފަސޭހަ އަދި އަމާން ނިޒާމުތަކެއް ޤާއިމްކުރެވިފައި އޮންނަ ، ޤައުމެކެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައި އަދި ކޮންމެ ތާކު ހުރިކަމުގައިވިޔަސް ، ވާޗުއަލް ނޭޝަންގެ ރައްޔިތަކަށް ވުމުން ، އެ ޤައުމުގެ ރައްޔިތަކަށް ލިބޭ ހުރިހާ ޙައްޤުތަކެއް ކަށަވަރުވެގެންދާނެއެވެ.

ޢިލްމަކީ ، ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވާފައިވާ އަގުބޮޑު ނިޢުމަތެކެވެ. ޢިލްމު އުނގެނެން ބޭނުންވާމީހާއަށް އެކަމުގެ ދޮރުތައް ހުޅުއްވައި ދެއްވަތެވެ. އެއީ ، ﷲ ގެ ޙަޟުރަތުގައި ހުސްވުމެއްނެތް އެއްޗެކެވެ.

ސޫރަތުލް ޢަލަޤްގެ 5 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.

عَلَّمَ ٱلإِنسَانَ مَا لَمْ يَعْلَمْ

މި އާޔަތުގެ މާނަޔަކީ ، " އިންސާނާ ނުދަންނަ ކަންތައް ، އޭނާއަށް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. "

ހަމަމިއާއެކު ، އެ ސޫރަތުގެ 6 ، 7 އަދި 8 ވަނަ އާޔަތުގައި އިންޒާރުގެ ބަސްފުޅެއްވެސް ވަނީ ވަޙީ ކުރައްވާފައެވެ.

كَلاَّ إِنَّ ٱلإِنسَانَ لَيَطْغَىٰ (6) أَن رَّآهُ ٱسْتَغْنَىٰ (7) إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰ (8)

މިތިން އާޔަތުގެ މާނަޔަކީ ، " އެހެންނެއް ނޫނެވެ. ( ހަމަ ޙަޤީޤަތެވެ ) ހަމަކަށަވަރުން ، އިންސާނާ އަނިޔާވެރިކަމުގައި ހައްދު ފަހަނަޅައިދާކަން ކަށަވަރެވެ. (6) އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާއަށް ފެނުމުންނެވެ. (7) ހަމަކަށަވަރުން ، އެނބުރި ދިއުންވަނީ ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށެވެ. "

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަމުން ، އިންސާނާގެ ދުނިޔެ ތަރައްޤީކުރުމަށް ބޭނުންވާ އެތައް އީޖާދަކާއި އެތައް ޢަޖައިބެއް ، އަދި ކުރިން އެނގިފައިނުވާ އެތައްކަމެއް ، އިންސާނާގެ ސިކުނޑިޔަށް ވައްދަވައި ، އެ ސިކުނޑިވަނީ ، ޢިލްމުން ތަނަވަސްކޮށްދެއްވާފައެވެ. ޢިލްމާއި ޙިލްމުން ، އިންސާނާވަނީ ، އެ ޢަޖައިބުތައް ދުނިޔެއަށް ގެނެސްފައެވެ. ހަމައެއާއެކު ، އާ އުފެއްދުންތަކާއި އީޖާދުތަކުން ، އިންސާނިއްޔަތަށް ގެއްލުންހުރި އެތައްކަމެއް އިންސާނާގެ ޢަމަލުތަކުގައި އެބަހުއްޓެވެ. ﷲ ސުންޙާނަހޫ ވަތަޢާލާ ، އިންސާނާއަށް މިންވަރު ކުރެއްވި އެ ޢިލްމާއި ޙިލްމުން ، އިންސާނީ ޙައްޤުތައް ގެއްލުވައިލައި ، އެތައްބަޔެއްގެ ފުރާނަ ގެއްލުވައިލަމުން އެބަދެއެވެ. އެއީ ، އަނިޔާވެރިކަމުގައި ހައްދުފަހަނަޅައި ދިއުންނޫން އެހެންކަމެއްނޫނެވެ. އިންސާނާއަކީ ، އެބައިމީހުން ހޯދައިގަތް ކަމެއްގައި ފުދިގެންތިބި ބަޔަކުކަމުގައި ، އެބައިމީހުންނަށް ފެނެއެވެ. އެއީ އަނިޔާވެރިވެ ، މީހުން މެރުންކަމަށްވިޔަސް މެއެވެ. މީހުންގެ ޙައްޤުތަކަށް އަރައިގަތުންކަމަށްވިޔަސް މެއެވެ. ޢަލަޤް ސޫރަތުގެ 7 ވަނަ އާޔަތް ނިމިގެންދަނީ ، އެފަދަމީހުންނަށް ، އެކަލާނގެ ދެއްވަވާ އިންޒާރުގެ ބަސްފުޅަކުންނެވެ. އަދި އިންސާނާގެ ޢަމަލުތައް ހަނދާންވެސް ކޮށްދެއްވަމުންނެވެ. އެނބުރި ދިއުންވަނީ ، އެކަލާނގެ ޙަޟުރަތަށްކަން އިންސާނާއަށް ހަނދާން ކޮށްދެއްވަމުންނެވެ.

އިންސާނާ ، އޭނާގެ ދުނިޔެ ބިނާކުރަންވީއެވެ. މިބިންމަތީ ލައްވާފައިވާ ހުރިހާ އެއްޗެއް ލައްވާފައިވަނީ އިންސާނުންނަށްޓަކައެވެ. އިންސާނުންގެ ބޭނުންތަކަށްޓަކައެވެ. އެހެނަސް ، ދުނިޔެ ހޯދަންޖެހޭނީ އަދި ބޭނުންކުރަން ޖެހޭނީހެޔޮގޮތުގައެވެ. އިންސާނިއްޔަތަށްހުރި ހެޔޮކަމެއްގެ ގޮތުގައެވެ. އިންސާނާ ދިރި ދުނިޔޭގައި އުޅުމަށް މަގުފަހިކޮށްދޭ ވަޞީލަތެއްގެ ގޮތުގައެވެ. ޢާޚިރަތުގެ ގޮވައްޗަށް ދަތުރުކުރުމަށް އިޚްތިޔާރު ކުރެވޭ ވަޞީލަތެއްގެ ގޮތުގައެވެ.

ވާޗުއަލް ވޯލްޑް ، އަދި ވާޗުއަލް ނޭޝަން އަކީ ، ދުނިޔެ މިހާރު ދަތުރުކޮށްފައި އޮތް ހިސާބުން ، އިންސާނާއަށް ދުނިޔޭގައި ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ، ޙައްލެއް ހޯދުމަށް ، ޢިލްމީގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިން ، އިންސާނާއަށް ލިބިހުރި ޢިލްމަކާއި ޙިލްމަކާ އަދި މުއްސަނދި ވަޞީލަތްތަކާއި ހުނަރެއް ބޭނުންކޮށްގެން ، އުފައްދައި ބިނާ ކުރާ ، ސިންތެޓިކް ޤައުމެއް ނުވަތަ ދުނިޔެއެކެވެ.

ވާޗުއަލް ރިއަލިޓީ ، ނުވަތަ ވީއާރ އަކީ ، މަސްނޫޢީ ނިޒާމެއްގެ ޙަޤީޤަވެ. އެ ޙަޤީޤަތަކީ ، އެ ނިޒާމް ބޭނުންކުރާ މީހާ ، ޙަޤީޤީ ދުނިޔެއިން ބޭރަށް ފޮނުވައިލުމެވެ. އެހިނދު ، މުއްސަނދި މާޙައުލެއްގައި އަމިއްލަ ބާރު ލިބިއޮވެ ، ހިތްއެދޭގޮތަކަށް ، އެހެންފަރާތެއް މެދުވެރިނުކޮށް ، އެ މާޙައުލު ތަޖުރިބާކުރުމުގެ ފުރުޞަތު ސީދާސީދާ އެމީހާއަށް ލިބެއެވެ.

ވާޗުއަލް ވޯލްޑް ނުވަތަ ސިންތެޓިކް ، މަސްނޫޢީ ، އަދި ލޮލަށް ނުފެންނަ ދުނިޔެއަކީ ، އުޅުމާއި ގުޅުމާ އަދި ޝަޢުޤާއި އުފަލުން ފުރިގެންވާ ، މިންގަނޑުތަކެއް ހިފެހެއްޓިފައި އޮންނަ އިންޤިލާބީ ދުނިޔެއެކެވެ. 2040 ގައި ، ދުނިޔެއަށް އުފަންކުރަން މަސައްކަތް ކުރެވެމުން އެދަނީ ، އެފަދަ ދުނިޔެއެއްގައި އޮންނަ އެފަދަ ޤައުމު ތަކެކެވެ.

ގިނަބަޔެއްގެ އުއްމީދަކީ ، 2040 އަންނައިރު ، މިފަދަ ވާޗުއަލް ޤައުމުތައް އުފެދުމެވެ. ވާޗުއަލް ޤައުމެއްގެ ރައްޔިތަކަށް ވުމުގެ ޝަޢުޤުވެރިކަން ، އެތައްބަޔެއްގެ ހިތުގައި މިހާރުވެސްވަނީ އުފެދިފައެވެ. ވާޗުއަލް ނޭޝަންސްގެ ރައްޔިތަކަށްވުމުގެ ނިޒާމް ، ސައިބަރ ކޮމިޔުނިޓީތަކާއި ވާޗުއަލް ނޭޝަންސް ގެ ޕްލެޓްފޯމްތަކުގައި މިހާރުވެސް ދަނީ ރަސްކަން ކުރަމުންނެވެ. އެކަމަށް ، އެތައްބަޔެއްގެ ސަމާލުކަން ދަމައިގަނެ ، އެނިޒާމު އެދަނީ ބާރުވެރިވަމުންނެވެ. ވާޗުއަލް ޤައުމެއްގެ ރައްޔިތަކަށްވުމަކީ ، އެމީހަކަށް ލިބިގެންވާ ނުފޫޒާއި ބާރާ އަދި ތަނަވަސްކަމާއި މިލްކިއްޔާތަށް ރިޢާޔަތްކޮށް އިޚްތިޔާރުކުރަން ފުރުޞަތު އޮންނަ ނިޒާމެކެވެ. މިނިޒާމުގެ ސަބަބުން ، ދުނިޔެ މިހާރު ތަކުރިބާކުރަމުން މިގެންދާ ސިޔާސީ ޙަރަކާތްތަކާއި ، މާލީ ނިޒާމު ، ބައިބައިވެގެން ދާނެއެވެ. އަދި ޑުއަލް ސިޓިޒެންޝިޕް ލިބުމުގެ ފުރުޞަތު އެތައްބަޔަކަށް ތަނަވަސްވެގެން ދާނެއެވެ. އޭގެ މާނަޔަކީ ، ދުނިޔޭގައި މިހާރު މިއޮތް ، މާލީ ނިޒާމާއި ސިޔާސީ ނިޒާމާއި އިޖްތިމާޢީ ޢަދާލަތާއި ފަރުދީ މިނިވަންކަން ބައިބަޔަށް ބެހިގެން ދިއުމެވެ.

ވާޗުއަލް ނޭޝަންސްއާ ނުވަތަ ވާޗުއަލް ޖަމާޢަތްތަކާ ގުޅޭމީހުންގެ ވިސްނުން ވަރަށް އަވަހަށް ބަދަލު ވެއެވެ. ވަކިކަހަލަ ފުރުޞަތުތަކެއް ހޯދުމުގެ ނިޔަތުގައި އެއްޤައުމުން އަނެއްޤައުމަށް ، މީހުން ހިޖުރަކުރާ ބީދައިންނެވެ. އެއްޤައުމަށްވުރެ އަނެއް ޤައުމު އެމީހަކަށް ރަނގަޅުވެއްޖެނަމަ ، އެ ރަނގަޅުވި ޤައުމަކަށް އެމީހަކު ، ވާޗުއަލީ ހިޖުރަކުރާނެއެވެ. ބޭނުންކުރަމުން ގެންދާ ވާޗުއަލް ކަރަންސީވެސް ، އެއްޤައުމުން އަނެއްޤައުމަށް ޓްރާންސްފަރ ކުރާނެއެވެ.

މިހާރުވެސް ، ވާޗުއަލް 11 ޤައުމެއް ދުނިޔޭގައި އެބައޮތެވެ. އެ 11 ޤައުމުގައި 200 ބިލިއަންމީހުންގެ އާބާދީއެއް އެބައޮތެވެ. އެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށްޖެހޭ މިންވަރު 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗެވެ. އެ ޤައުމުތަކުގެ ރައްޔިތުންގެ އާމްދަނީ އިންތިހާއަށް މައްޗެވެ. ދިރިއުޅެނީ ، ރައްކާތެރިކަމާއެކު ބެލެހެއްޓޭ އަމާން މާޙައުލު ތަކުގައެވެ. އަމިއްލަ މިނިވަންކަމާއި ސަލާމަތާ އަދި ރައްކާތެރިކަން ކަށަވަރުވެފައި އޮވެއެވެ.

އެ ޤައުމުތަކުގެ ރައްޔިތުންނަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި ، ޞިއްޙީ ދުޅަހެޔޮކަމުގައި ހުރުމަށް ބޭނުންވާ ޚަރަދާއި ، ވަޒީފާގެ ރައްކާތެރިކަން އޮވެއެވެ. ލިބޭ ކޮންމެ ފައިދާއަކާއި ޚިދުމަތަކީ ، މިހާރު ދުނިޔެއިން މިފެންނަ އެއްވެސް ޤައުމަކުން ލިބޭ ފަދަ ފައިދާއާއި އަގުބޮޑު ޚިދުމަތަށްވުރެ ، އެތައްހާސް ގުނައެއް އިތުރު އެއްޗެކެވެ. އެބައިމީހުން ޓެކްސްވެސް ދައްކައެވެ. ދިރިއުޅުމުގެ ޙާލަތާއި މިލްކިއްޔާތާ އަދި މާލީ ފައިދާތަކުން މުއްސަނދި ވާޗުއަލް ޤައުމަކާއި ، އެމީހަކު އަސްލު ދިރިއުޅޭ ޤައުމެއްގެ ތަފާތުން ، މިދުނިޔެއާއި ވާޗުއަލް ނުވަތަ ސިންތެޓިކް ދުނިޔެ ތަފާތުކޮށްދެއެވެ. ދެދުނިޔެ ބައިބައި ކޮށްލައެވެ. ކަންމިހެން އޮތުމާއެކު ، ދުނިޔޭގެ ބައެއްޤައުމުތަކުން ، ވާޗުއަލް ނޭޝަންސްގެ ނިޒާމު މަނާކުރުމަށްވެސް ވިސްނަމުން އެބަގެންދެއެވެ.

ވާޗުއަލް ވޯލްޑް ، ނުވަތަ ސިންތެޓިކް ދުނިޔެއަށް ހިތްކިޔައި ހޭލުންތެރިވަމުން އައި ބައެއް ޒުވާނުން ނުވަތަ މީހުންނަށް ، އެއީ ކަމުދާ ކަމަކަށްވީ ، އެމީހުންނަށް އަޞްލު ލިބެންޖެހޭ އެތައް ޙައްޤުތަކެއް އެކި ސަބަބާހުރެ ، މިދުނިޔެއިން ނުލިބުމެވެ. ވާޗުއަލް ވޯލްޑްގެ ނަޞީބު ގަދަވެފައި ، ކުރިއަރައިދާނެ ފުރުޞަތު ތަނަވަސް ވެފައި އޮތުމެވެ. ވާޗުއަލް ވޯލްޑާއި ވާޗުއަލް ޤައުމުތައް އުފެދެން ދިމާވީ އެތައް ސަބަބުތަކަކާ ހުރެއެވެ.

އެއްސަބަބަކީ ، 2010 އާއި 2020 އާ ދެމެދުގައި ، ވީއާރ ނުވަތަ ވާޗުއަލް ރިއަލިޓީއާ ގުޅިފައިހުރި ، އަދި ގުޅެމުންދިޔަ ނިޒާމްތަކަށް ، އަވަސް އަދި ކުއްލި އިންޤިލާބީ ބަދަލުތަކެއް އައުމެވެ. ކޯވިޑްގެ ޢާލަމީ ވަބާއާ ގުޅިގެން ، ދުނިޔެއަށް އައި އިންޤިލާބީ ބަދަލުތަކުގައި ، މީހުންގެ ވިސްނުމާއި ފިކުރަށް ބަދަލުއައިސް ، ގޭގައި ނުވަތަ ގޭބަންދުގައި ތިބެގެން މަސައްކަތް ކުރުމުން ލިބުނު ހިތްހަމަ ޖެހުމާއި ފަސޭހައިން ، ވާޗުއަލް ޕްލެޓްފޯމްތަކަށް ޝަޢުޤުވެރިކަން އިތުރު ވެގެން ދިއުންވެސް އޭގެތެރޭގައި ފާހަގަ ކުރެވެއެވެ. ކޯވިޑްގެ ޢާލަމީ ވަބާގައި ދުނިޔެ ކުރި ތަޖުރިބާއިން ، ޑިޖިޓަލް އަދި އޮންލައިން ވިޔަފާއިއާއި " ވޯކް ފްރޮމް ހޯމް " ގެ ތަޖުރިބާގައި ، ވަޒީފާއާއި މަސައްކަތަށް އޮތް ޔަޤީންކަން އިތުރުވެ ، ވާޗުއަލް ވޯލްޑް އަށް ހިތްޖެހުން ވެގެން ދިއުން އެއީ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމެވެ.

2020 ވަނައަހަރަކީ ، މުޅިދުނިޔެއަށްވެސް ހަމަނުޖެހުމާއި ބިރުވެރިކަމާ އަދި އިޤްތިޞާދީ ދަތިކަމާއި މާލީ ދަތިތަކެއް ތަޙައްމަލްކުރަން ޖެހުނު އަހަރެކެވެ. ދިރިއުޅުމަށް ދަތިވާފަދަ ، އިޤްތިޞާދީ ، ސިޔާސީ އަދި އިޖްތިމާޢީ އެތައް އުނދަގުލަކާއި މުޞީބާތެއް ދުނިޔެއާ ކުރިމަތިވިއެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެދި ، ހަނގުރާމަތައް ފެށުނެވެ. ކަނޑިއާއި ބަޑިން ނޫނަސް ފިނި ހަނގުރާމަތައް އުފެދުނެވެ. މިކަމާގުޅިގެން ، ދެންހެވޭ ބުނެ ، ޢިލްމާއި ހުނަރާ އަދި ވަޞީލަތްތައް ލިބިފައިވާ ފަރާތްތަކުން ، އެ މުޞީބާތްތަކުން ސަލާމަތްވުމަށް ނިންމައި ، ޑިޖިޓަލް ، ސައިބަރ އަދި ވާޗުއަލް ދުނިޔެއެއް ޤާއިމް ކުރިއެވެ.

އެތައް ޤަރުނެއްވަންދެން ، ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ހިނގަމުން އައި ، މިނިވަންކަމާއި ، ސަލާމަތާއި ރައްކާތެރިކަން އަދި ގެދޮރުގެ ދަތިކަމާއި އާމްދަނީ ހޯދުމާއި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ނުފުދުމުގެ ގޮންޖެހުންތައް ، އެތައް ޖީލަކަށް ވާރުތަވަމުން އައިސްފައިވަނީ ހިތި ތަޖުރިބާއެއްގެ ގޮތުގައެވެ. މިހުރިހާ ބޭނުންތަކެއް ، ވާޗުއަލް ދުނިޔޭގައި ފުރިހަމަވެ ، އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީން ، މީސްމީހުން މުއްސަނދިވެގެންދާތަން އެބަ ފެނެއެވެ. އެ ޚިދުމަތާއި އާމްދަނީ ލިބޭނެގޮތެއްނެތި ދިރިއުޅުމާ ހަނގުރާމަ ކުރަމުންދާ މި ދުނިޔެއަކު ނޫނެވެ. ވާޗުއަލް ދުނިޔޭގައެވެ. ކުރިއެރުމުގެ ވާދަވެރިކަން ފިޔަވައި ، ހަނގުރާމައާއި ހަމަނުޖެހުމަކީ ، ވާޗުއަލް ވޯލްޑްގެ ރަދީފުގައި ނެތް ކަންކަމެވެ. އެހެނަސް ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދެކޭގޮތުގައި ، ދުނިޔޭގައި ހަމަނުޖެހުން އުފައްދައިގެން ، ވާޗުއަލް ވޯލްޑްގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ބާރު ، ހަމައެކަނި ލިބިގެންވަނީ އެ ޤައުމުތަކަށެވެ. އެހެންކަމުން ، ކުރިއަރާފައިވާ ޤައުމުތަކުން ، ވާޗުއަލް ވޯލްޑަށް އަމާޒުކޮށް ސައިބަރވޯރ ނުވަތަ ވާޗުއަލް ހަނގުރާމަ މިހާރުވެސްވަނީ އިޢުލާންކޮށް ، އަދި ޙަމަލާދޭންވެސް ފަށާފައެވެ. އޭގެ ބަދަލެއްގެ ގޮތުގައި އެ ޙަމަލާތަކުން ދިފާޢުވުމަށްޓަކައި ، ވާޗުއަލް ޤައުމުތަކަށްވެސް މަޖުބޫރުވެގެން ،  ސައިބަރ ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން މިހާރުވަނީ ފައްޓާފައެވެ.  އެބައިމީހުންގެ ޙަމަލާތަކުގެ ބާރުވެސް މާ ގަދައެވެ. ބައެއް ޤައުމުތަކުގެ މާލީ ނިޒާމާ ކުޅެލައެވެ. މަތިންދާ ބޯޓުފަހަރުގެ ދަތުރުތަކަށް ދަތިކުރެއެވެ. އެއަރޕޯޓްތައް ހުއްޓުމަކަށް ގެނުވައެވެ. ބޭންކް އެކައުންޓްތައް ހުސްކުރުވައި ، އޮޅުވައިލައެވެ.

ވާޗުއަލް ޤައުމުތަކާއި ، ދުނިޔޭގެ ޤައުމުތަކުގައި ހިނގަމުންދާ ، ކުރިއެރުމާއި އުފެއްދުންތެރިކަމުގެ ވިސްނުމާއި ފިކުރާއި ޚިޔާލާތުގެ ތަފާތު ، މިހާރުވެސް އަންނަނީ ފެންނަމުންނެވެ. ދެބައިމީހުންގެ މެދުގައި އުފެދިފައި އޮތް ބައިބައިވުން ، ފެށިގެން އައީ 2010 ވަނަ އަހަރުއެވެ. އެކަމަށް މެދުވެރިވި އެއްސަބަބަކީ ، ދުނިޔޭގެ ގިނަ ޤައުމުތަކުން އިންޓަނެޓްގެ ނިޒާމަށް ހުރަސްއަޅައި ، ވާޗުއަލް ބޯޑަރުތައް ބަންދުކޮށް ، އޭގެތެރެއިން ނުނުކުމެވޭނެ ، ނުވަތަ އެ ނިޒާމަށް ނުވަދެވޭނެ ފިޔަވަޅުތައް ފެށުމެވެ. ބައެއް ޤައުމުތަކުން ، ވައިބަރ އަދި ވަޓްސްއެޕަށް ނުވަދެވޭނެ ގޮތް ހެދިއެވެ. ގޫގްލް ބޭނުން ނުކުރެވޭގޮތަށް ހަމަޖެއްސިއެވެ. މިހާރުވެސް ބައެއް ޤައުމުތަކުގައި އެފަދަ ޚިދުމަތް މަނާކުރެވިފައި އެބަހުއްޓެވެ. އެހެނަސް ، ޚާއްޞަ ވީޕީއެން އެއް ބޭނުންކޮށްގެން ، ހަމަ އެޤައުމުތަކުގައި އެ ޚިދުމަތްތައް ބޭނުންކުރެވޭނެމަގު ، ވާޗުއަލް ވޯލްޑުން ވަނީ ހަމަޖައްސާފައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަކަށް އެކަމެއް ނުހުއްޓެވުނެވެ. މުއާޞަލާތުގެ ނިޒާމަށް ހުރަހެއް ނޭޅުވުނެވެ. އެހެނަސް ، އިންސާނުންކަމަށްވާތީ ، އެހުރަސްތަކަށް ކިޔަމަން ނުވުމާއި ، ހުރަސްތަކުން ހިތްހަމަނުޖެހި ، ރުޅިވެރިކަމާއި ދެކޮޅުވެރިކަމުގެ ވިސްނުން އޮތީ އުފެދިފައެވެ.

މިހުރިހާކަމަކާ އެކު ، އުފެދޭ ސުއާލަކީ ، ވާޗުއަލް ޤައުމުތަކުން ލިބޭ ފައިދާއަކީ މަޖުބޫރު ކަމަކަށްވެ ، މީސްތަކުން އެކަމަށް ހިތްކިޔައި ، އެމީހުން ނިސްބަތްވާ ، ދުނިޔޭގެ ޤައުމުތައް ދޫކޮށްލަފާނެތޯ އުފެދޭ ސުއާލެވެ. އެ ސުއާލުގެ ޖަވާބަކީ އާނއެކޭއެވެ. މިހާރުވެސް ، މީސްތަކުން އެތިބެނީ ، ދުނިޔޭގެ ޤައުމުތަކުން ވާޗުއަލް ވޯލްޑަށް އަޅަމުންދާ ހުރަސްތަކަށް ރުޅިއައިހެވެ. އެންމެ އާދައިގެ ކަމަކަށް ބަލާއިރު ، ވަޓްސްއެޕް ބޭނުންކުރުން މަނާ ޤައުމަކަށް ދެވިއްޖެނަމަ ، އެމީހަކު އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ ، ވީޕީއެން އެއް ހޯދައި އިންޓަނެޓަށް ވަދެވޭނެ މަގުފަހިކޮށް ، ވަޓްސްއެޕްވެސް ބޭނުންކުރެވޭނެ ގޮތް ހޯދުމެވެ. އެޤައުމުތަކުން ، އެމީހުންގެ މުއާޞަލާތީ ޙައްޤުތަކަށް އަރައިގެންފައިވާތީ ، ޗޮކެއް ކަނޑާފައި އެކަމަށް ގޮން ޖަހާނެއެވެ.

ދުނިޔޭގެ ޤައުމުތަކަށް ކިޔަމަން ނުކުރެވޭ އެތައްކަމެއް ، ވާޗުއަލްވޯލްޑުން މިހާރުވަނީ ކިޔަމަންކޮށް ، 200 ބިލިއަންގެ އާބާދީއަކަށް ނިސްބަތްވާ އެހެން ދުނިޔެއެއް އުފައްދާފައެވެ. ވާޗުއަލް ވޯލްޑްގައި އެންމެ ނަންއަރާފައިވާ ނަންނަމަކީ ، ޑިސެންޓްރަލޭންޑް ، ސެކަންޑް ލައިފް ، ވޯލްޑް އޮފް ވޯރކްރާފްޓް ، މައިންކްރާފްޓް ، ހައިފިޑެލިޓީ ، ދަ ސިމްސް ، ރޮބްލޮކްސް ، ވީއާރޗެޓް ފަދަ ނަންނަމެވެ. މިއިން ކޮންމެ ނަމަކީ ، ވާޗުއަލް ދުނިޔެއެކެވެ. އެތައް ޚިދުމަތަކާއެކީ ފުރިހަމަކުރެވިފައި އޮންނަ މަސްނޫޢީ ޙަޤީޤަތް ތަކެކެވެ. އަދި އެތައް މިލިއަން ބަޔަކު އެ ޚިދުމަތެއް ހޯދައި ، މަންފާ ލިބިގަންނަމުންގެންދާ ތަންތަނެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތަކުން ، ވީއާރ އަށް އިންވެސްޓްކޮށް ތަރައްޤީކުރަމުން އެބަގެންދެއެވެ. ވީއާރ އަކީ މިހާރު ، ބައެއް ޤައުމުތަކުގެ ، ތަޢުލީމީ ނިޒާމުގައި ، ސްކޫލްތަކުގެ ރަސްމީ ކަރިކިއުލަމްގައިވެސް ހިމަނާފައިވާ މާއްދާއެކެވެ. ވީއާރ އަށް އެންމެ ބޮޑަށް އިންވެސްޓްކުރަމުން ގެންދާ ޤައުމުތަކުގެ ތެރޭގައި ، ޗައިނާއާއި އެމެރިކާ އަދި ފަރަންސޭސި ވިލާތާއި ، ޢަރަބި ޤައުމުތަކުގެ ތެރެއިން ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސް ހިމެނެއެވެ.

އިންސާނުންނަކީ ، ފަސޭހައާއި ފައިދާއަށް ހިތްކިޔާ މަޚުލޫޤެކެވެ. ވާޗުއަލް ރިއަލިޓީ ނުވަތަ ވީއާރ ގެ ޓެކްނޮލޮޖީގެ ދުނިޔެއަކީ ، އިންސާނުންގެ ހިތްކިޔާގޮތަށް އުފައްދަމުންގެންދާ ޚިދުމަތެކެވެ. ދިރިއުޅުމުގެ ފަސޭހަތަކާއި ، ވިޔަފާރީގެ އާ އުކުޅުތަކާއި ، ރައްކާތެރި މާޙައުލެއްގެ ޔަޤީންކަން ، އެނިޒާމުތަކުން އިންސާނާއަށް ހޯދައި ދެއެވެ.

ދުނިޔޭގެ ޤައުމުތަކުން ވާޗުއަލް ޤައުމުތަކާ އެއްބައިވެ ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ، ފުރިހަމަކޮށް ފަސޭހަކޮށް ނުދެވިއްޖެނަމަ ، އެންމެންވެސް ދާނީ ވާޗުއަލް ޤައުމުތަކާ ދިމާލަށެވެ. އެއީ ، އިންސާނާގެ ތަބީޢަތެވެ. މިހާރުވެސް ، ވާޗުއަލް 11 ޤައުމެއްގައި 200 ބިލިއަންމީހުންގެ އާބާދީއެއް އެބައޮތެވެ. އެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށްޖެހޭ މިންވަރު 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗެވެ. އަތުގައި ފައިސާ ފޮއްޗެއް އޮތްމީހަކު ވިއްޔާ ، ވާޗުއަލް ނޭޝަންސް އާ ދިމާލަށް ނުގޮހެއް ނުހުންނާނެއެވެ. އެއީ ، ފަސޭހައާއި އަރާމާ އަދި މަންފާ އާއި ފައިދާއިން ބަށްޓަންކުރެވިފައިވާ ، ވާޗުއަލް ޤައުމު ތަކެކެވެ. ވާޗުއަލް ޤައުމެއްގެ ރައްޔިތަކަށް ވުމަކީ ، ނުވަތަ ޑުއަލް ސިޓިޒެންޝިޕް ހޯދުމަކީ ، މިއަދުގެ ޖީލުގެ ގިނަ ޒުވާނުންނާއި މުއްސަނދިންގެ ފަޚުރެއްކަމަށް ބަލާނެދުވަސް މާ ދުރެއްނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. އާފަތިސް ނޫހުން މިހާރު މުޅިންހެން ފެންނަނީ ފާރޫޤުގެ ލިޔުއްވުން. ނަޢީމްގެ ލިޔުއްވުންވެސް މަދުންނަމަވެސް ފެނޭ. ފާރޫޤު ތިޔަ ކުރައްވާ ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަސް! މިނޫހުގައި މިނޫނަސް ވަރަށް ކުަޅަދާނަ ޢިލްމީ ބޭބޭފުޅުންވެސް މީގެކުރިން ލިޔުއްވި ފަދައިން އަލުން ލިޔުއްވަން ފަށްޓަވާނެ ނަމަ ހާދަރަނގަޅޭ ހިތަށްއަރާ...

  2. މިކަހަލަ ޢިލްމީ ދިރާސާތަކުން މަޢުލޫމާތު މުއްސަނދިކޮށްދޭ ލިޔުންތައް ގިނަގިނައިން އާފަތިހުން ފެންނާނެ ނަމައޭ ހިތަށް އަރައެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔޭގައި ހިނގަމުންދާ މިބާވަތުގެ ކަންކަމުގެ މަޢުލޫމާތަކީ ، ކޮންމެ އުމުރު ފުރައެއްގެ މީހަކަށްވެސް އެހާ މުހިންމު އެއްޗެކެވެ. މިހުންނަނީ ދުނިޔޭގައި އުޅޭއިރު އެނގެން ކޮންމެހެން ޖެހޭ ކަންކަމެވެ. މިފަދަ ލިޔުމެއް ކިޔާލެވުނީމަ ހިތަށް އެލިބޭ ހަމަޖެހުމާއި އުފާވެރިކަން ބުނެދޭންވެސް ނޭނގެއެވެ. ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރިއްޔާ ދަންނަވަމެވެ،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.