އައްޑޫ ސިޓީ ހަންކެޑެ ބްރިޖްގެ މަސައްކަތް އަންނަ މަހު ނިމޭނެ: މޭޔަރު

އައްޑޫ ސިޓީ ހަންކެޑެ ބްރިޖްގެ މަސައްކަތް އަންނަމަހު ނިިމޭނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންނެވެ.

އަލީ ނިޒާރު ވިދާޅުވީ ބްރިޖްގައި ތާރު އަޅާ ނިމި، ކުރަހަންޖެހޭ ކުރެހުންތައް ވެސް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތްކަމަށް ނިޒާރު ވިދާޅުވިއެވެ.

މޭޔަރ ނިޒާރު ވިދާޅުވީ، އަންނަ މަހުގެ މެދެ ތެރޭގައި ބްރިޖް އާންމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީކުރާ ބްރިޖެކެވެ. އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ، އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔާ މަޝްރޫޢުއާއި އެކުއެކީގައެވެ.

ސަރުކާރުން އައްޑޫ މަގު ހަދަން ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއިއެވެ. އައްޑޫގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢުގެ އަގު 1.19 ބިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.