ވިހަ ތީރު (10)

( 30 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

(އެހެނޭ ކިޔާފައި ، އެމީހުންގެ ދަރިފުޅު ، ބޭނުންގޮތަކަށް އުޅެން ދޫކޮށްލާކަށްވެސް ޞާދިޤްވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން ، އެކަމުގައި ، އިންސްޕެކްޓަރ ޖެނެރަލްގެ އެހީތެރިކަން ހޯދުމަށް ، ޞާދިޤް ނިންމިއެވެ. އިންސްޕެކްޓަރ ޖެނެރަލްއަކީ ، ޞާދިޤްގެ ކުޑައިރުގެ ރަޙުމަތްތެރިޔެކެވެ. )

 

ހިނަވަން ބާއްވާފައި އޮތް މައްޔިތެއްހެން ، އެނދުގައި އޮށޯވެލައިގެން އަނީސާ އޮތެވެ. ފިކުރު ބޮޑުވެ ހާސްވެގެން ގޮސް ކުރާނެކަމެއް ނޭނގިފައެވެ. ދިލްނަޝީން ، މަޑުމަޑުން ހިނގަމުން އައިސް ، މަންމާއޭ ގޮވަމުން ކޮޓަރިޔަށް ވަނެވެ. އަދި ، އޭނާއަށް މާފުކުރުމަށް އެދުނެވެ. ދިލްނަޝީނަށް އަދިވެސް ހުރީ ރޮވިފައެވެ. ރިދާގެ މައިންބަފައިންނަކީ އެކަހަލަ ބައެއްނޫނެވެ.  އެއީ ވަރަށް ހެޔޮލަފާ ބަޔެކެވެ. ޙަމްޒާ ބުނެފައި އޮތްގޮތުގައި ، އޭނާގެ މައިންބަފައިން ، ޙަމްޒާދެކެ ވަރަށް ލޯބިވާނެއެވެ.

ދިލްނަޝީންގެ ވާހަކަ އަނީސާ ހުށްޓުވިއެވެ. ޙަމްޒާގެ ނަންގަންނަން ލަދެއް ނުގަނޭތޯ އަހައި ، އޭނާގެ ދަރިފުޅާ ، އަނީސާ ސުއާލު ކުރިއެވެ. ދިލްނަޝީން އެބުނި އެއްޗެއްގެ މާނަޔަކީ ، އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތްކަން ހާމަ ކުރުމެވެ. ޙަމްޒާ އެކުރި އެއްވެސްކަމެއް ދިލްނަޝީނަކަށް ނޭނގެއެވެ. ޙަމްޒާގެ ބައްޕަމެން އެގެޔަށް އައިސް އެދެއްކި ވާހަކަތަކުން ދިލްނަޝީންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެކަން އެހެންވާނެކަމަކަށް ދިލްނަޝީނަށް ހީކުރެވިފައެއް ނެތެވެ.

" އެކަމަކު ، އެކަންވާނީ އެހެންކަން އަހަރެންނަށް އެނގެއެވެ. ދިލްނަޝީން ވިހި ވަގުތު ، އަހަރެންގެ ގައިގެ އެތަންމިތާ އެޅި ވޭނުގެމަތިން ، އަހަރެން އަދިވެސް ހަނދާން އެބަހުށްޓެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް އެހާ ތަދުވިއެވެ. އަހަރެންނަށް ދިލްނަޝީން މި ދުނިޔެއަށް ގެނެވުނީ ، މަރާ ހަނގުރާމަ ކޮށްގެން އެހާ ވޭނާއި ތަކުލީފާ އެކީގައެވެ. ދިލްނަޝީން ނިންދެވުމަށްޓަކައި އެރޭގެ ހަތަރުދަމު ، އަހަރެންގެ އަތްދަނޑިމައްޗަށް ދިލްނަޝީން ލައިގެން ހިނގީމެވެ. އެކަމަކުވެސް އެރޭގެ ހަތަރުދަމު ، ދިލްނަޝީން އޮތީ ،  ހުއްޓައި ނުލައި ރޯށެވެ. އަހަރެން އެންމެ ހިނދުކޮޅަކަށްވެސް ތަނެއްގައި އިށީނދެލިޔަކަ ނުދެއެވެ. އެރޭ ، އަހަރެންނަށް ދިލްނަޝީން ދިން ހުރިހާ ތަކުލީފަކާއި ވޭނެއްގެ މަތިން މިރޭ  އެބަ ހަނދާން ވެއެވެ. އެކަމަކު ، މިރޭ މިލިބުނު ވޭނާއި ތަކުލީފު ، އެރޭ ، ދިލްނަޝީން ވިހަން އަހަރެންގެ ހަށިގަނޑުގައި އެޅި ވޭނަށްވުރެ ބޮޑެވެ. ދަރިންގެ ފަރާތުން މައިންބަފައިންނަށް ލިބޭ ތަކުލީފަށްވުރެ ބޮޑު އަނިޔާއެއް އެބައިމީހުންނަކަށް ނުލިބޭނެއެވެ. އެއީ އެކުދިންގެ ފަރާތުން ، މައިންބަފައިންނަށް ޙައްޤު އެއްޗެއްނޫނެވެ. " ކަޅިޖަހައިނުލާ މައްޗަށް ބަލަހައްޓައިގެން އޮވެ ، އަނީސާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އަނީސާގެ ވާހަކަތަކަށް ކެތްކުރަން ދިލްނަޝީނަށްވެސް އުނދަގޫ ވިއެވެ. މަންމަޔާ ގާތަށް ޖެހިލުމަށް ދިލްނަޝީން މަސައްކަތް ކުރިއެވެ. އެކަމަކު ، އެކަން އަނީސާ ހުށްޓުވިއެވެ. ދިލްނަޝީން އަނީސާއާ ގާތަށް ޖެހުނުވަރަކަށް އޭނާގެ ނޭވާ ކުރުވަމުންދާހެން ހީވެއެވެ. ދިލްނަޝީން ވިހެއުމަކީ ، މިދުނިޔެމަތީ ، އަނީސާއަށް ކުރެވުނު އެންމެ މޮޔަކަންތަކެވެ. ދިލްނަޝީން ބަލައި ތަރުބިއްޔަތުކޮށް ބޮޑުކުރުމުގައި ، އަނީސާ އެވަނީ ނާކާމިޔާބު ވެފައެވެ. ދިލްނަޝީން އޭނާއާ ގާތަށް ނައުމަށް ، އަނީސާ އެދުނެވެ. އެރޭ އެ އިޙްސާސްކުރަން ޖެހުނުފަދަ ، ލަދުވެތިކަމެއް ، މުޅި ޢުމުރުގައިވެސް ، އެހެން މީހެއްގެ ފަރާތުންވެސް އަނީސާއަށް ފެނިފައެއް ނެތެވެ. އެވަރުގެ ބޭއަދަބީ ބަސްތަކަކުން ، އަބުރުކަތިލެވިގެން ދިޔަ އެއްވެސް މީހަކު އެޢާއިލާގައި އަދިއެއް ނެތެވެ.  ދިލްނަޝީނަށް ދުވަހަކުވެސް ، އަނީސާ މަޢާފެއް ނުކުރާނެއެވެ. ކައިވެނިކޮށްގެން އެގެއިން ދިލްނަޝީން ނުކުމެގެން ދާއިރުވެސް އަދި އޭގެފަހުންވެސް ، ދިލްނަޝީނަކަށް އޭނާ މާފެއް ނުކުރާނެއެވެ. އޭނާގެ މޫނުދެކެން ނައިސް ، ދިލްނަޝީން ހުއްޓަސް ވަރިހަމައެވެ.

އެގެޔަށް އެ ޢާއިލާއަށް އުފަންވެ ، އެފަދަ އަންހެންދަރިޔަކު އޭނާއަށް އެލިބުނީ ކީއްވެގެން ހެއްޔެވެ؟ އަނީސާގެ ކޮންކުށެއް އޮވެގެން ހެއްޔެވެ ؟ ވިހެއުމުގެ ތެރޭގައި އަނީސާގެ ފުރާނަ ދިޔަނަމަވެސް މާރަނގަޅުވީސްކަމުގައި ، އަނީސާއަށް ބުނެވުނެވެ.

އަނީސާ ވާހަކަ ދެއްކިދެއްކިހެން ، ދިލްނަޝީންގެ ރުއިން ގަދަވަމުން ދިޔައެވެ. އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ ؟ އޭނާއަށް ހިތްގައިމުވި ހިތްއެދުނު އިންސާނަކު ދެކެ ލޯބިވުން ހެއްޔެވެ ؟ އެހެންކަމަށް ވަންޏާ މިދުނިޔެއަކީ ހާދަ އަނިޔާވެރި ، ކެހިވެރި ތަނެކެވެ. ހިތުގައި އުފެދޭ ޖަޒުބާތުތައް ، ހުއްދަ ހޯދައިގެން އުފައްދާނީ ކިހިނެއް ހެއްޔެވެ ؟ އިންސާނަކަށް އޭނާގެ ހިތް ، އެވަރަށް ކޮންޓްރޯލް ކުރެވޭނީ ކޮންގޮތަކުން ހެއްޔެވެ ؟ ޙަމްޒާ ދެކެ އޭނާއަށް ލޯބިވެވުނީ ބޭ އިޚްތިޔާރުގައެވެ. އެކަމަށް ނަގަންޖެހޭ ހުއްދައެއް އޮންނާނެކަމަށް ހީކުރެވިފައި އޮތްނަމަ ، އެކަންވެސް ދިލްނަޝީން ކުރީހެވެ.

ދިލްނަޝީނަށް ކެތްނުވެގެން މަންމަގެ ދެފައިގައި ހިފައިލިއެވެ. އެވަގުތު ، އަނީސާގެ ދެފައި ފޮޅުވާލައި ، އޭނާއާ ދުރަށް ދިލްނަޝީން ދާށޭބުނެ ހަޅޭއްލަވައިގަތެވެ. ދިލްނަޝީން ، މަޑުމަޑުން ފަހަތަށްދަމުންދަމުންގޮސް އޭނާގެ އެނދުގައި ލައިގަތެވެ.

ދިލްނަޝީން އަނެއްކާވެސް ، މަންމަގެ ކިބައިން މާފަށް އެދުނެވެ. އޭނާއަށް އެކުރެވުނުކަމެއް ، އެހާ ވޭންދެނިވި ޙާލަތަކަށް ބަދަލުވެގެން ހިނގައިދާނެކަމަކަށް ، ފަހަރެއްގައިވެސް ، ޚިޔާލަށްވެސް ގެނެވިފައެއް ނެތެވެ. އޭނާއަށް އެ ކުރެވުނީ ވަރަށްބޮޑު ކުށެއްކަމަށް ދިލްނަޝީން އިޢުތިރާފް ވިއެވެ. އޭނާއަކީ ވަރަށް ވިޔާނުދާ އަދި އެހާމެ ބަދުނަސީބު އިންސާނެކެވެ.

އަނީސާ މޫނުމަތީ ފޮތިގަނޑު އަޅައިގެން އޮށޯތެވެ. ދިލްނަޝީން ، ރޮއެރޮއެފައި ، އާދޭސްކުރަމުން ދައްކަމުން ގެންދިޔަ އެއްވެސް ވާހަކައެއް އަޑުއަހާކަށް ، އަނީސާ ބޭނުމެއް ނޫނެވެ. އެނދުކައިރީ ބިތްވެފައި އިނދެ ، ދިލްނަޝީން ރޮމުން ގެންދިޔައެވެ.

 

ހެނދުނުގެ ނާސްތާގެ ވަގުތު ، މޭޒުދޮށުގައިތިބީ ހަމައެކަނި އައްވަލާއި އަނީސާއާ ދެމައިންނެވެ. އެކަކަށްވެސް ސައި ބޮވެނީކީ ނޫނެވެ. އަނގަޔަކުންވެސް ނުބުނެއެވެ. ޙައިދަރުގެ މަންމަޔާ ގުޅާފައި ، އެކައިވެނި އަވަސްކޮށްދޭން އެދުމަށް އައްވަލް ، އޭނާގެ މަންމަގެ ކިބައިން އެދުނެވެ. އަނީސާއަކީ ، ދިލްނަޝީންގެ މަންމަކަމަށްވާތީ ، ކައިވެނީގެ ވާހަކަ އިސްވެ ދައްކަން އަނީސާއަށް އުނދަގޫވިއެވެ. އެވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ ، ޢާފިޔާކަމަށް އަނީސާއަށް ފެނުނެވެ. ޙައިދަރުގެ ކޮއްކޮ ސާރާއަކީ ، ޢާފިޔާގެ ފަހަރިއެވެ. އެކަން ކޮށްދިނުމަކީ ، ޢާފިޔާއަށް އުނދަގޫކަމެއްނޫނެވެ. ދިހައެއްޖެހީމާ ، ޢާފިޔާ ސާރާއަށް ފޯނުކޮށްފައި އެވާހަކަ ބުނާނެއެވެ.

އެވަގުތު ، ގޭގެ ބޭރުދޮރުގެ ރަނގަބީލު ވިއެވެ. ދޮރުހުޅުވަން ދިޔައީ އައްވަލެވެ. އައްވަލް ގޮސް ދޮރު ހުޅުވައިލިތަނުން ދިޔައީ ސިއްސައިގެންނެވެ. ގޭގެ ދޮރުމަތީ އެތިބީ ސިފައިންނެވެ. އައްވަލު އަޙްމަދަކީ އެއީތޯ ، ސިފައިންގެ ބޮޑަކަށް ހުރިމީހާ ސުއާލު ކުރިއެވެ. އޭގެ އިތުރަށް ، ދިލްނަޝީން އަޙްމަދުވެސް ގޭގައި އުޅޭތޯ ސުއާލު ކުރިއެވެ.

އައްވަލާއި ދިލްނަޝީން ، އެމީހުންނާއެކީ ސިފައިންގެޔަށް ދިއުމަށް އެންގުނެވެ. ދިލްނަޝީން އަންނައިރު ، ސިމްއާއެކީ އޭނާގެ ފޯނު ހިފައިގެން އައުމަށްވެސް ސިފައިން އެންގިއެވެ. އޭރަށް ، ތަޙުޤީޤަށް ފަސޭހަ ވާނެއެވެ. އަނީސާ ދުވަމުން އައިސް ، އެމީހުންނާ އެމައްސަލަޔާ އެއްވެސް  ގުޅުމެއް ނެތްކަމަށްބުނެ ، އޭނާގެ ދެކުދިން ސިފައިންގެޔަށް ނުގެންދިއުމަށް ، ސިފައިންގެ ކިބައިން އެދުނެވެ.

" އެމީހުންގެ ދަރިފުޅު ފެނޭތޯ ދުޢާ ކުރާށެވެ ! އެހެންނޫނީ ، އެމައްސަލަ އެހާ ސަހަލުގޮތަކަށް ނުދާނެއެވެ. " ސިފައިންގެ އޮފިސަރު ބުންޏެވެ.

އަނީސާއާއި ޢާފިޔާ ގޮސް ، ދިލްނަޝީން ގޮވައިގެން އައުމުން ، ސިފައިން އެދެބެން ގޮވައިގެން ނައްޓައިލިއެވެ. އެދެބެން ، ސިފައިން ގެނދިޔައީ ، ބަޑިހިފައިގެންތިބި ސިފައިންގެ ޖިޕެއްގައެވެ. މުޅި އެހިސާބުގެ އެންމެން މަގުމައްޗަށް ނުކުމެ ކުޅިބަލަން ތިއްބެވެ. އެއީ ، އިންސާނީ ކަރާމާތުގެ ނަޒަރުން ބަލާއިރު ، އެ ޢާއިލާއަށް ލިބުނު ވަރަށްބޮޑު ނިކަމެތި އަދި ، ލަދުގަންނަންޖެހޭފަދަ ޙާލަތެކެވެ. އެއީ ، މުޅި އެއަވަށުގެ އެންމެންވެސް ދަންނަ ، އަބުރުވެރި ޢާއިލާއެކެވެ. ދިލްނަޝީނު އިނީ ކަންބޮޑުވެފައެވެ. އޭނާގެ ސަބަބުން ، އޭނާގެ ލޯބިވާ ބޭބެޔަށް އެލިބޭ ތަކުލީފަކީ ، އޭނާއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. އޮފީހަށް ދާން ޓައީއަޅައިގެން ބޭބެ ނުކުތްތަނުން އެޖެހުނީ ބަޑިހިފައިގެންތިބި ، ސިފައިންނާއެކީ ސިފައިންގެޔަށް ދާށެވެ.

 

" މަންމާއެވެ ! ބައްޕާއެވެ ! ހެޔޮ ނުވާނެއެވެ. ދިލްނަޝީންމެންނަށް ތިޔަހެން ނުހަދާށެވެ ! " ރިދާ ، އޭނާގެ މަންމައާއި ބައްޕަޔަށް އާދޭސް ކުރަމުން ގެންދިޔައެވެ.

ދިލްނަޝީނަކީ އެކަހަލަ ވިޔާނުދާ ކުއްޖެއްނޫންކަން ، އޭނާގެ މައިންބަފައިންނަށް ވިސްނައިދެވޭތޯ ، ރިދާ މަސައްކަތްކުރަމުން ގެންދިޔައެވެ. އެހެނަސް ، އެކަމުގެ އެއްވެސް ފައިދާއެއް ނުކުރިއެވެ. އެ މުޞީބާތް އެމީހުންނަށް އެކުރިމަތިވީ ، ރިދާގެ ސަބަބުންނެވެ. އެދެމީހުންގެ ގުޅުން އެހާ މައްޗަށް ނުދަނިސް ، މަންމަގާތު ބުނެލިނަމަ ، މިދުވަސް ދެކޭކަށް ނުޖެހޭނެއެވެ. ބުޝްރާ ، އެކަމުގެ ހުރިހާ އިލްޒާމެއް އަޅުވަމުން ގެންދިޔައީ ، ރިދާގެ ބޮލުގައެވެ. ބުޝްރާއަށް ބެލެވިފައި އޮތީ ، ދިލްނަޝީން އެގެޔަށް އެއަންނަނީ ހަމައެކަނި ރިދާގެ ރައްޓެހިކަމުގައި ކަމަށެވެ. ރިދާގެ ހެދުން ބޭނުންވެގެން ކަމަށެވެ. އެގޭގެ ވެރިކަން ބޭނުންވެގެން ހުވަފެން ދެކެން އައިކަމަކަށް ބުޝްރާއަށް ހީކުރެވިފައެއް ނެތެވެ.

ދިލްނަޝީންމެންގެޔަށް ސިފައިން ފޮނުވައިގެން އައްވަލްބޭބެއާއި ދިލްނަޝީން ، ސިފައިންގެޔަށް ގެންގޮސް ، އެމީހުންގެ އިންސާނީ ކަރާމާތަށާއި އަބުރަށް އެލިބުނު ، ގެއްލުމަކީ ، ރިދާއަށް ވަރަށްބޮޑު ކަމަކަށް ވިއެވެ. އެދެބެންނަށް އަނިޔާކޮށްގެން ވިޔަސް ، ޙަމްޒާގެ ޚަބަރެއް ހޯދުމަށް ، އިންސްޕެކްޓަރ ޖެނެރަލަށް ޞާދިޤްއޮތީ އަންގާފައެވެ.

ސިފައިންގެޔަށް ގެންގޮސް ، އެންމެ ފުރަތަމަވެސް ، އެމީހުން ބޭނުންވީ ، ދިލްނަޝީންގެ ފޯނު ޗެކްކުރާށެވެ. އޭނާ އަތަށް ފޯނުދިނީމަ ޕާސްވޯޑް ޖަހައިދޭނެކަމަށް ދިލްނަޝީން ބުނުމާއެކު ، އޭނާއަށް އަމުރުކުރެވޭކަމެއް ކުރުމަށް ބުނެ ، އޮފިސަރ ހަޅޭއްލަވައިގަތެވެ. ދިލްނަޝީން ، އޭނާގެ ފޯނުގެ ޕާސްވޯޑް ކިޔަމުން ގެންދިޔައެވެ. އެޗް އޭ އެމް އާހިސާބަށް ދިލްނަޝީނަށް ބުނެވުނުތަނާ ، ޒެޑް އޭ އޭބުނެ ، ޕާސްވޯޑް ފުރިހަމަކުރީ ސިފައިންގެ އޮފިސަރެވެ. ދިލްނަޝީން ލަދުން އިނދެ ޕާސްވޯޑް ކިޔަމުން ގެންދިޔައިރު ، އައްވަލް އިނީ އެއަށްވުރެ ބޮޑަށް ލަދުގެންފައެވެ.

ދިލްނަޝީނާއި ޙަމްޒާއާ ދެމެދު ބަދަލުކުރެވިފައިހުރި ، ލޯބީގެ މެސެޖްތައް ، އޮފިސަރ ކިޔަމުން ގެންދިޔައީ އަޑުގެ ނެތްތަނަށެވެ. އޭނާގެ ބޭނުމަކީ ، ދިލްނަޝީން ރޮއްވާލައި ، އައްވަލް ލަދުގަންނުވައިލުމެވެ. އެ މެސެޖްތައް ، އޮފިސަރ ކިޔަމުން ގެންދިޔަވަރަކަށް އައްވަލްގެ މުށް ކެވެމުންދިޔައެވެ. އޭނާއަށް ކެތްނުކުރެވިގެން ، މޭޒުމަތީ ބާރަށް ޖެހުމަށްފަހު ، އެހެން ނުހެދުމަށް ބުނެ އޮފިސަރާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

އެމީހުންނަށް ނަފްސާނީގޮތުން އަނިޔާނުކޮށް ، ޖަލަށްލާން ބޭނުންކަމަށް ވަންޏާ ، އޭނާ ޖަލަށްލުމަށް އެދުނެވެ. އެހެންނަމަވެސް ، އެދެބެންގެ ޙާޟިރުގައި އެކިޔާ ލަދުވެތިބަސްތަކުން ، ދިލްނަޝީންގެ ހިތަށް އަނިޔާ ނުދިނުމަށް އެދި އޮފިސަރަށް އާދޭސް ކުރިއެވެ.

އެމީހުންގެ ޢިއްޒަތް ދާންވީވަރަށް އަދި ، ޚަރާބުވެގެން ނުދާކަމަށް ބުނެ އޮފިސަރ ، އައްވަލާދިމާލަށް ހަޅޭއްލަވައިގަތެވެ. ޞާދިޤްމެން އެދިގެން ، ސިފައިން އެ މައްސަލަ ބަލަމުން އެގެންދަނީ ވަރަށް ސިއްރުންނެވެ. އެހެން ނޫންނަމަ ، އެކަމުގެ މަޢުލޫމާތު މިހާރު އޮންނާނީ ނޫސްތަކުގެ ފަލަ ޝުރުޚީއަށްވެސް އަރާފައެވެ. ޝުރުޚީއަކަށް އޮންނާނީ ، " ކަރާޗީގެ މުއްސަނދި މަހުޖަނެއްގެ ފިރިހެންދަރިޔަކު ، ދިލްނަޝީންއެވެ ކިޔާ އާދައިގެ އަންހެން ކުއްޖެއްގެ ލޯބީގައިޖެހި ޤުރުބާން ވެއްޖެ " އޭކަމަށް ބުނެ ، އައްވަލް އިތުރަށް ލަދުގަންނުވަމުން ގެންދިޔައެވެ.

އިންސްޕެކްޓަރ ގާތަށް ރުޅިއައިސް ، މޭޒުމަތީ ޖެހުމަށްފަހު ، ދިލްނަޝީނާއި ޙަމްޒާގެ އެންމެ ފަހުގެ ވޮއިސްމެސެޖްތައް މުޅިތަނަށް އިއްވައިލިއެވެ. އެއީ ، ދިލްނަޝީންގެ މައްޗަށް ދަޢުވާ އުފުލޭވަރުގެ ހެއްކެއްކަމަށް ބުނެ ، އައްވަލް މައިތިރި ކުރިއެވެ. ޙަމްޒާ މަރުނުވެ ސަލާމަތުން ހުއްޓައި ފެނޭތޯ އެދެމީހުން ދުޢާކުރުމަށާއި ، ޙަމްޒާއަށް ދެރަގޮތެއް މެދުވެރި ވެއްޖެނަމަ ، ދިލްނަޝީން ޖަލުން ނުކުތުމުގެ ފުރުޞަތު ، ޞާދިޤް އަމީން ނުދޭނެކަމަށް ބުނެ ، ދިލްނަޝީން ބިރުގަންނުވައިލިއެވެ.

 

ކުލްސޫމް އިންތިޒާރުކުރަމުން އެގެންދަނީ ، ދިލްނަޝީންގެ މަންމަ ، އަނީސާގެ ފަރާތުން ހައިދަރުގެ ކައިވެނީގެ އާނބަސް އަންނާނެ ވަގުތަކަށެވެ. ގޭގައި ގެންގުޅޭ ނޯކަރު ގެނެސް ، އޭނާއަތަށް ލާރިކޮޅެއްލައިދީ ، އެކަން ހިންމަވައިދެއްވުން އެދި ، އޭނާވެސް ﷲ އަށް ދުޢާކޮށްދިނުމަށް ކުލްސޫމް އެދުނެވެ. ޙައިދަރުގެ ކައިވެނި ކުރެވުމުން ، ރަމްޝާއާއި އަޔާން ގޭތެރެ ހަޑިކުރީމާ ، އެތަންތަން ސާފުކޮށްދޭންޖެހޭނީ އެ ނޯކަރަށެވެ. ގޭގެ މަސައްކަތް ހައްތާ ގިނަވާނެއެވެ. ރަމްޝާއާއި އަޔާން އެއީ ކޮންބައެއްތޯ ނޯކަރު ސުއާލު ކުރިއެވެ.

އެއީ ޙައިދަރަށް ލިބޭ ، އޭނާގެ މާމަ ދެދަރިންކަމަށް ބުނެ ، ކުލްސޫމްގެ ހިތުގައި ، އޭނާގެ ދަރިފުޅަށްޓަކައި ކުރެވޭ ފޮނި އުއްމީދުތައް ހާމަ ކުރިއެވެ. ގޭތެރެޔަށް ވަންނަމުން އައި ޙައިދަރަށް ، މަންމަގެ ވާހަކަތައް ސާފުކޮށް އިވުނެވެ. އޭނާއަށްޓަކައި މަންމަ ކުރަމުން ގެންދާ އުއްމީދުތަކުގެ ފޮނިކަން ، ޙައިދަރަށް އިޙްސާސް ކުރެވުނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.