
މާލެ ސަރަހައްދުގައި ޓްރެފިކް ހާލަތު ގޯސްވީ ކުރީ ސަރުކާރުތަކުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅުމަށް އުނދަގޫވާ ވަރަށް މިހާރު ޓްރެފިކް މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
މިކަމުގެ ސަބަބަކީ ނިމިދިޔަ ސަރުކާރުތަކުން ގަވާއިދާ ހިލާފަށް ގަރާޖް ސިޓީގެ ލިޔުންތައް ދޫކުރުމާއި، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާމެދު ފިޔަވަޅެއް ނޭޅުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލެއާއި ހުޅުމާލޭގެ މަގުތައް ގޮނޑަކަށްވާން ކުރީ ސަރުކާރުތަކުން ދޫކޮށްލާފައިވާކަން އެންމެންނަށް ވެސް އެނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މި މައްސަލައަށް ކަނޑައެޅިގެންވާ ވަކި ހައްލެއް ނެތް ނަމަވެސް، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިކަމާ ގުޅިގެން ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށެވެ.