
މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ބިދޭސީންތަކެއް ޑީޕޯޓްކޮށްލަން އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެ އިދާރާއާ 6 ބިދޭސީއަކު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެ 6 ބިދޭސީންގެ ވިސާ ބާތިލުކޮށް ޑީޕޯޓްކޮށްލަން ނިންމާފައިވާކަމަށެވެ.
އިމިގްރޭޝަނުން މި 6 ބިދޭސީންގެ ފޮޓޯ އާންމުކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 29 އަހަރުގެ ދެ މީހުންނާއި، 38 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހެކެވެ.
ބެލެވޭ ގޮތުގައި މި 6 ބިދޭސީންނަކީ ބުދަ ދުވަހުގެ ރޭ އަސްރަފީ މަގުގައި ހިނގި މާރާމާރީގައި ބައިވެރިވި ބިދޭސީންނެވެ. މި މާރާމާރީގައި އަނިޔާލިބުނު 2 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދީފައިވާއިރު، 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.