ވިހަ ތީރު (8)

( 23 ޖުލައި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( ޙަމްޒާ ދިއުމުން ، ގެޔަށްވަދެ ، ރިދާވެސް މަންމަޔަށް އެތައް އާދޭހެއް ކުރިއެވެ. ކޮންމެފަދަ ކަމެއްވެސް ، ޙަމްޒާ ކޮށްފާނެއެވެ. އެހެންނަމަވެސް ، ބުޝްރާ އޭނާގެ ގޮތެއް ދުލެއް ނުކުރުއެވެ. ޙަމްޒާގެ ކައިވެންޏަށް ، އެޢާއިލާއިން އެއްބަސްވާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ، ބުޝްރާ ނިންމިއެވެ. )

ހެނދުނު ތެދުވެގެން ، ދިލްނަޝީން އައިސް ސިޓިންގރޫމުގައި މަޑުކޮށްލިއިރު ، ހެނދުނުގެ ނާސްތާކުރަން މަންމަ އިނެވެ. ދިލްނަޝީން އިނީ ހާސްވެފައެވެ. އިރުއިރުކޮޅުން ، ފޯނާކުޅެ ، މެސެޖެއް ކުރެއެވެ. މަންމަ ބުނީމަވެސް ، ބޭނުމެއްނެތޭ ބުނެ ނާސްތާކުރާކަށް ނައެވެ. ވާހަކައެއް ދައްކަން ބޭނުމޭ ބުނެ ، އަނީސާ އެތައް ވަރަކަށް ކިޔައިގެން ، ގަދަކަމުން ، ކާމޭޒުދޮށަށް ދިލްނަޝީން ގެނައެވެ. ކައިވެންޏާމެދު ، ދިލްނަޝީން ނިންމީ ކޮންގޮތަކަށްތޯ އަނީސާ ސުއާލު ކުރިއެވެ. އޭނާގެ ކައިވެންޏަށް އެ އައި ހުށަހެޅުމަކީ ، ދިލްނަޝީން އިތުރަށް ވިސްނަން ބޭނުންވާ ކަމެއްނޫނެވެ. އޭނާގެ ފަރާތުން އެކަމަށް އެއޮތީ އިންކާރު ކޮށްފައެވެ. އޭނާ އެކައިވެންޏެއް ނުކުރާނެއެވެ.

ދިލްނަޝީން ، އެއްބަސް ނުވިޔަސް ، އެކައިވެންޏަށް އާނއެކޭ ބުނުމަށް ، އަނީސާ ނިންމިކަން ހާމަކުރިއެވެ. އެ ކުރިމަތިވި މުޞީބާތަކީ ، ދިލްނަޝީންގެ ކޮންކުށެއް އޮވެގެން އައި މުޞީބާތެއް ހެއްޔެވެ ؟ އެއީ މުޞީބާތެއް ނޫނެވެ. ﷲ ގެ ރަޙުމަތް ފުޅެވެ. އެހެންކަމަށް ވަންޏާ ، ދިލްނަޝީން ކައިވެނި ކުރާނީ ކާކާތޯ އަނީސާ ސުއާލު ކުރިއެވެ.

އެއްވެސް މީހަކާ އިންނާކަށް ، ދިލްނަޝީން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، އެކައިވެނި ކުރުވަން ، އަނީސާ ބޭނުމެވެ. އިތުރު ބަހަނާ ނުދައްކާ ، އެކަމަށް އެއްބަސްވުމަށް ، ދިލްނަޝީނަށް އަނީސާ އަމުރު ކުރިއެވެ.

ކުއްލިޔަކަށް ، ދިލްނަޝީން އިންތިޒާރުކޮށްގެން އިންފޯނު އައެވެ. ފޯނު ނެގުމާއެކު ، ޙަމްޒާ ބުނީ ، ކޮންމެވެސް ތާކަށްގޮސް އެމީހުން ވާހަކަ ދައްކައިލަން ބޭނުންވާ ކަމުގައެވެ. ފަރީއޭ ގޮވަމުން ، އަޑު ނުލިބޭކަމަށް ހަދައިގެން ހަލޯއޭ ކިޔަމުން ، ދިލްނަޝީން އެތަނުން ދުރަށް ޖެހިލިއެވެ. ފޯނުން ވާހަކަ ދައްކަމުން ، އަޑުނީވޭކަމަށް ހަމަދުން ، ދިލްނަޝީން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިޔަށް ވަނުމާއެކު ، ޙަމްޒާއަށް ގޮވައިލާ ، ކަންކަންދަނީ ކިހިނެއްތޯ ސުއާލު ކުރިއެވެ.

ޙަމްޒާގެ މައިންބަފައިން ، އެމީހުންގެ ކައިވެންޏަށް އިންކާރު ކުރިވާހަކަ ބުނުމުން ، ދިލްނަޝީންގެ ބަސް ހުއްޓުނެވެ. އެކަމަކު ، އެކަމާ ދިލްނަޝީން ކަންބޮޑުވާނެކަމެއް ނެތެވެ. އެކައިވެންޏަށް އެއްބަސް ކުރުވައި ، ދިލްނަޝީންގެ ގެޔަށް ، އޭނާގެ މައިންބަފައިން ދާން ، މަޖުބޫރު ކުރުވުމަކީ ޙަމްޒާގެ ކަމެކެވެ. އެކަން އޭނާ ކުރާނެއެވެ. އެކަމާ ، ދިލްނަޝީން ހާސްވާނެ ކަމެއް ނެތެވެ.

" ޙަމްޒާއެވެ ! އެއްވެސް ކަމެއް ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ ؟ ޙަމްޒާގެ މައިންބަފައިން ، އަހަރެމެންގެ ކައިވެންޏަށް އިންކާރު ކުރިއިރު ، އަހަރެންގެ މަންމަ އަނެއް ކައިވެންޏަށް އެއްބަސްވުމަށް ، އެބަ މަޖުބޫރު ކުރުވައެވެ. އަހަރެންނަށް މަންމަޔަށް ޖަވާބެއްނުދީ ، މާ ގިނައިރު ހުރެވޭނެ ހެއްނެއް ހިއެއްނުވެއެވެ. " ދިލްނަޝީން ބުނަމުން ގެންދިޔައެވެ.

އެކަން ޙައްލުކުރަން ކުޑަ ވަގުތުކޮޅެއް ނަގާނެއެވެ. އެކަމަކު ، ހުރިހާކަމެއް ރަނގަޅުވާނެއެވެ. އެކަމުގައި ޙަމްޒާ ، އޭނާގެ ގޮތެއް ދުލެއް ނުކުރާނެއެވެ. ދިލްނަޝީން ދެކެ އިންތިހާއަށް ލޯބިވާކަމަށާއި ޙަމްޒާއަށް އިތުބާރު ކުރުމަށް އޭނާ ދިލްނަޝީންގެ ކިބައިން އެދުނެވެ. ދިލްނަޝީނަށް ރޮވެމުން ދިޔައެވެ. އޭނާވެސް ޙަމްޒާދެކެ ލޯބިވާކަމަށް ބުނެ ، ފަހަތަށް އެނބުރިލިއިރު ، އޭނާގެ ކުރިމަތީ އެހުރީ އަނީސާ އެވެ. ދިލްނަޝީންގެ ވާހަކަ އެހިސާބުން ހުއްޓުނެވެ. އަދި ، ވަގުތުން ފޯނު ކަނޑައިލިއެވެ.

ދިލްނަޝީން ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ދެލޯބޮޑުވެ ، ތަންމިނަށް އަނގަހުޅުވިފައެވެ. އޭނާގެ ކަކުލުން ވާގިދޫވާހެން ހީވިއެވެ. މަންމަގެ ފަރާތުން ، ދެން އޭނާއަށް ކުރިމަތިވާނީ ކޮންފަދަ އަދަބެއްކަމެއްވެސް ނޭނގެއެވެ. އަނީސާ ، ހަށަންބަނދެގެންހުރެ ، ދިލްނަޝީނާ ގާތަށް ޖެހިލިއެވެ.

" ދަރިންނަށް ، މައިންބަފައިންނަށް އޮޅުވައިލުމަށްޓަކައި ، މަކަރުހަދައި ، ޑްރާމާ ކުޅެވޭނީ ތިހާވަރަށެވެ. ތި ވާހަކަ ދެއްކީ ކާކާ ހެއްޔެވެ ؟ " އަނީސާ ސުއާލު ކުރިއެވެ.

އޭނާ ވާހަކަ އެ ދެއްކީ ، ރިދާގެ ބޭބެ ޙަމްޒާ އާ ކަމުގައި މަންމަގާތު ބުނާކަށް ، ދިލްނަޝީން އެއްވެސް ޖެހިލުމެއް ނުވިއެވެ.

އަނީސާ އިތުރު ވާހަކައެއް ނުދައްކައެވެ. ފޯނުދޭށޭ ބުނެ ، ދިލްނަޝީންގެ އަތުން ފޯނު އަތުލިއެވެ. އިތުރަށް ބުނިހާވެސް ވާހަކަޔަކީ ، ދިލްނަޝީންގެ ބޭބެ ގެޔަށް އައިހާ އަވަހަކަށް ، ހައިދަރާއި ދިލްނަޝީންގެ ކައިވެންޏަށް ، އެމީހުން ރުހިގެންތިބިކަން ، ހައިދަރުގެ މަންމަޔަށް އަންގާނެ ކަމުގައެވެ.

އެކަން އެގޮތަށް ނުކުރުމަށް ދިންނަޝީން ކުރަމުންގެންދިޔަ އާދޭހުގެ އަޑެއް އަނީސާއެއް ނާހައެވެ. ޙަމްޒާމެންފަދަ ، މުއްސަނދިން އެގެޔަކަށް ނާންނާނެއެވެ. އެމީހުންނާ އެއްފެންވަރަކުން ދައްކަން ، އެގޭގައި އޮތީ ކޮން އެއްޗެއް ހެއްޔެވެ ؟ އެންމެ ދެރަވެގެން ، ދިލްނަޝީން ލައިގެން މިހާރު އެހުރީވެސް ، އެމީހުންދިން ހެދުމެކެވެ.

ހައިދަރުގެ ފެރާތުން އޭނާގެ ކައިވެންޏަށް އެދުނުގޮތަށް ، ޙަމްޒާގެ ފަރާތުންވެސް ، އޭނާގެ ކައިވެންޏަށް އެދި އެމީހުންނަށް ނާދެވެންވީ ކީއްވެތޯ ، މަންމަޔާ ، ދިލްނަޝީން ސުއާލު ކުރިއެވެ. އަދި އޭނާއަށް އިތުރަށް ވަގުތުކޮޅެއް ދިނުމަށް އެދުނެވެ. އެކަހަލަ މުއްސަނދި ފިރިހެންކުދިންގެ ގޮތަކީ ، ރީތި އަންހެންކުދިން ހައްލައިލައިގެން ، އިންނާނަމޭ ކިޔައިގެން  އެމީހުންގެ ބޭނުންތައް ފުއްދުމަށް ބޭތިއްބުންކަން ވިސްނައިދެވޭތޯ އަނީސާ ވަރަށް މަސައްކަތް ކުރިއެވެ. އަދި ، އެންމެފަހުން އެފަދަ ކުދިން ކައިވެނިކުރާނީ ، އެކުދިންގެ މައިނންބަފައިން ބޭނުންވާ އަންހެންކުއްޖަކާއެވެ. އެފަދަ ހުރިހާ ކަމަކުން ، ހުރިހާ ގެއްލުމެއް ލިބޭނީ ހަމައެކަނި އަންހެންކުދިންނަށެވެ. އެއީ ދިލްނަޝީން މެންނަށް ވިސްނައިގަންނަން އުނދަގޫވާނެ ކަންކަމެވެ.

" މަންމާއެވެ ! ޙަމްޒާގެ ޢާއިލާގެ މީހުން އެގެޔަށް ފޮނުވާނެކަމަށް ، ޙަމްޒާ ވަނީ އަހަރެންނަށް ވަޢުދު ވެފައެވެ. އެމީހުން މިގެޔަށް އައިސް ، އަހަރެންގެ ކައިވެންޏަށް މަންމަގާތު އެދޭނެއެވެ. ކުޑަ ވަގުތުކޮޅެއް އަހަރެންނަށް ދޭށެވެ. އާދޭސް ކޮށްފައި ބުނަމެވެ. " ދިލްނަޝީން އޭނާގެ މަންމަގާތު ރޮމުންރޮމުން އާދޭސް ކުރަމުން ގެންދިޔައެވެ.

އަނީސާގެ ޖަވާބަކަށްވީ ނޫނެކޭއެވެ. ހައިދަރުގެ މަންމަ ، އަނީސާގެ ޖަވާބަކަށް އެދި ފޯނުކުރިހާ އަވަހަކަށް ، އެކައިވެންޏަށް އެޢާއިލާއިން ރުހިތިބި ވާހަކަ ބުނަން އަނީސާ ނިންމިއެވެ. އޭގެ ކުރިން ، ޙަމްޒާމެންގެ ޢާއިލާއިން އައިއްސިއްޔާ ، އެކަމާމެދު އަނީސާމެން އިތުރަށް ވިސްނާނެއެވެ. ޙަމްޒާގެ ޢާއިލާގެ މީހުން ނައިސް އޮއްވައި ، ޙައިދަރުގެ މަންމަ ފޯނުކޮށްފިއްޔާ ، ހައިދަރާއި ދިލްނަޝީންގެ ކައިވެންޏަށް އެމީހުން އާނއެކޭ ބުނަން ، އަނީސާ ނިންމިއެވެ.

ދިލްނަޝީންގެ ފޯނު އަތުލައިގެން ގޮސް ، އަނީސާގެ އަލަމާރިޔަށް ލައި ތަޅުލިއެވެ. އެހެން ނުހެދުމަށް ދިލްނަޝީން އެދެމުން ގެންދިޔައެވެ. ޙަމްޒާ ގުޅިޔަސް ، ދިލްނަޝީނަކަށް ޖަވާބެއް ނުދެވޭނެއެވެ. ދެމީހުންކުރެ މީހަކަށް ވާނުވާވެސް އަންގައެއް ނުލެވޭނެއެވެ. އެހެނަސް ، އަނީސާ އޭނާގެ ގޮތެއް ދުލެއް ނުކުރިއެވެ. އެމީހުން ގުޅަންޖެހޭނީ އަނީސާއަށް ކަމަށާއި ، ދިލްނަޝީނަށް ނޫންކަމަށް ބުނެ ، އަލަމާރި ތަޅުލާފައި ކޮޓަރިން ބޭރަށް ނުކުތެވެ.

ދިލްނަޝީންގެ ހިތަށް ލިބުނު ތަދާއި ތަކުލީފަށް ކެތް ނުވެގެން ، އެނދުމައްޗަށް ތިރިވިއެވެ. އެހާ ވޭނާއި ހިތްދަތިކަން ލިބޭ ހިތެއް އޭނާގެ ހަށިތެރޭ ނުއޮވެ ، ނުކުމެގެން ދިއުންވެސް މާރަނގަޅުވާނެއެވެ. މިހާރު ރޭވެ ، އަނދިރިވެސް ވެއްޖެއެވެ. ކަމެއް ކުރާކަށް އެރެޔަކު މިހާރަކު ވަގުތެއް ނެތެވެ. ދިލްނަޝީނަށް ޙަމްޒާއާ ގުޅައިލެވޭނެ އެއްވެސް ގޮތެއް ނެތެވެ.

 

އެރޭގެ އިރާކޮޅު ، ޙަމްޒާމެންގެ ގޭގައި އޮތީ ހާސްކަމާއި ބިރުވެރިކަމެވެ. ހެނދުނުއްސުރެ ފެށިގެން ޙަމްޒާގެ ޚަބަރެއް ނުވެއެވެ. ބުޝްރާވެސް ދެރަވެގެން ރޮމުން ގެންދިޔައިރު ، އަމީން ޞާދިޤް އަދިވެސް އޮފީހަކުން ނާދެއެވެ. ރިދާގެ ރުއިމަކަށްވެސް ހުއްޓުމެއް ނާދެއެވެ. ރިދާއަކަށް ދިލްނަޝީނަކާވެސް އަދި ޙަމްޒާއަކާވެސް ނުގުޅެއެވެ. އެދެމީހުންގެ ފޯނުވެސް އޮތީ ނިއްވައިލާފައެވެ. އެދެމައިން ތިބީ ، ހާސްވެގެންގޮސް ، ހަދާނެގޮތް ބޮޑުވެފައެވެ.

އެންމެފަހުން ، ބުޝްރާ އޭނާގެ ފިރިމީހާ އަމީން ޞާދިޤާ ގުޅާފައި ، ހެނދުނު އެގެއިން ނިކުމެގެން ޙަމްޒާ ދިޔަފަހުން އަދިވެސް އެއްވެސް ޚަބަރެއްނުވާކަން އަންގައިފިއެވެ. އެތައް މަސައްކަތެއް ކޮށްގެންވެސް ، ޙަމްޒާ ދިޔަތަނެއް ނޭނގުނެވެ. ޙަމްޒާގެ ރައްޓެހިންނަކަށްވެސް ، އޭނާވީތަނެއް ނޭނގެއެވެ.

ޞާދިޤް ހީކޮށްގެންހުރީ ، ޙަމްޒާ ރުޅިއައިސް ، ގެއިން ނުކުމެގެން ހެނދުނު ދިޔަޔަސް ، ރުޅިމަޑުވީމާ ހަވީރު އެނބުރި ގެޔަށް އަންނާނެ ކަމަށެވެ. އެހިސާބުން ، ޞާދިޤްވެސް ކަންބޮޑުވިއެވެ. އޭނާގެ ދަރިފުޅު ، އޭނާއަކަށް ދަހެއް ނުވިއެވެ. ޑްރައިވަރުގާތު ބުނެގެން ރަށުގެ އެތަންމިތަން ހޯދުމުގެ މަސައއްކަތް ޞާދިޤްވެސް ފެއްޓިއެވެ. އެމަސައްކަތުގައި އެތައް އިރެއް ހޭދަވިފަހުން ، އަތިރިމަތީގެ އެއްފަރާތުގައި ޙަމްޒާގެ ކާރުބާއްވާފައި އޮތްތަން ފެނިއްޖެއެވެ. ކާރުގެ ޑްރައިވަރު ޝީޓާދިމާލަށްހުރި ދޮރު ހުރީ ތަންމިނަށް ހުޅުވާފައެވެ. އެވާނީ ، ދޮރު ހުޅުވިގޮތަށް ލައްޕާނުލައި ، ޙަމްޒާ އެދިޔަތާކަށް ދިޔައީ ކަމަށެވެ. ޞާދިޤްވެސް އެތައްފަހަރަކު ، ޙަމްޒާއާ ގުޅިއެވެ. ފޯނު އޮތީ ނިއްވައިލާފައެވެ.

ޞާދިޤް ، ގެޔަށް އައިސްވަތްއިރު ، ބުޝްރާއާއި ރިދާތިބީ ރޯށެވެ. ޙަމްޒާގެ ޚަބަރެއް ނުވިވާހަކަ ބުނިތަނުން ، އެދެމައިންގެ ރުއިމުގެ އަޑު ބާރުވިއެވެ.

ދިލްނަޝީންގެ ގެ ހުންނަތަން ރިދާއަށް އެނގޭތޯ ، ޞާދިޤް ސުއާލުކުރިއެވެ. އެއީ ، ދިލްނަޝީން ގެޔަށް ލުމަށްޓަކައި ، ޢާންމުކޮށް ރިދާ ގޮސްއުޅޭ ގެޔެކެވެ. އެގޭ ޑްރައިވަރުންނަށްވެސް އެގެ ހުންނަތަން އެނގޭނެއެވެ. ދިލްނަޝީންގެ ގެޔަށް ދިއުމަށް ޞާދިޤް ނިންމިއެވެ.

ދިލްނަޝީންގެ ބޭބެ އައްވަލް ހުރީ ، ގޭގައި ހުންނަ ފޮތްއަލަމާރިއެއްގެ ކައިރީ ހުއްޓިލައިގެން ، ކިޔައިލާނެ ފޮތެއް ހޯދާށެވެ. ކުއްލިޔަކަށް ، ވަރަށް އަވަސް އަވަހަށް ، ގޭގެ ރަނގަބީލު ޖެހެން ފެށުނެވެ. ރޭގަނޑު އެހާ ލަސްގަޑިއެއްގައި ، ކެތްމަދުވެގެން އުޅެނީ ކާކުހޭ ކިޔަމުން ، އައްވަލް ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީ ތިބީ ކޮންބަޔެއްކަމެއް އައްވަލަކަށް ނޭނގެއެވެ. އެކަމަކު ، އެތަނުން އެކަކު އައްވަލަށް އެނގެއެވެ. އެއީ ރިދާއެވެ. ދިލްނަޝީންގެ ބެސްޓް ފްރެންޑެވެ.

އައްވަލް ބޭބޭއޭ ބުނެ ސަލާމް ގޮވައިލުމަށްފަހު ، ވާހަކަ ދެއްކީ ރިދާއެވެ. އަދި ، އޭނާގެ ބައްޕައާއި މަންމަ ، އައްވަލަށް ތަޢާރުފް ކޮށްދިނެވެ. އެމީހުން އެއައީ ދިލްނަޝީނާ ބައްދަލު ކުރާށެވެ. ދިލްނަޝީން ގޭގައި އުޅޭތޯ ، ރިދާ ސުއާލު ކުރިއެވެ.

ދިލްނަޝީން ގޭގައި އުޅޭކަމަށްބުނެ ، ގޭތެރެޔަށް އެމީހުން ވައްދައި އިށީނދެލުމަށް އެދުނެވެ. އަދި ، އެމީހުން އެއައީ ދިލްނަޝީނާ ބައްދަލު ކޮށްލުމަށް ކަމަށާއި ، އެއީ ރިދާގެ މަންމައާއި ބައްޕަކަމަށް ބުނެ ، މަންމަޔަށް އެމީހުން ތަޢާރުފް ކޮށްދިނެވެ.

ރިދާ އައިވާހަކަ ބުނެ ، ދިލްނަޝީނަށް ގޮވައިލީ އައްވަލެވެ. އަނީސާހުރީ ހާސްވެފައެވެ. ދިލްނަޝީނަށް ރިދާއައިވާހަކަ އިވުމާއެކު ، މޫނުމަތި އަލިވެގެންދިޔައެވެ. އޭރުވެސް ، ފަހަރިޔަށް ދިލްނަޝީން ސާފުކޮށްދެމުން ގެންދިޔައީ ، އޭނާ ޙައިދަރުގެ ހުށަހެޅުމަށް އިންކާރު ކުރި ސަބަބުތަކެވެ. އެންމެ މުހިންމު ސަބަބު އެނގޭނީ ، ތިރިޔަށްދިޔައިމާކަމަށް ބުނެ ، ފަހަރި ގޮވައިގެން ދިލްނަޝީން ތިރިޔަށް ފޭބިއެވެ. އޭނާގެ ޙަރަކާތްތައް ހުރީ އަވަސް ވެފައެވެ. އަވަހަށް ފައިބަން އުޅެންހަދައިގެން ސިޑިމަތިން ނުވެއްޓުނީ ކިރިޔާއެވެ.

އެމީހުން ބޭނުންވަނީ ކޮން އެއްޗެއްތޯ އައްވަލް ސުއާލު ކުރިއެވެ. އެގޭގައި އެހާމޮޅު އެއްޗެއް ނެތަސް ، ސައިތަށްޓެއް ނުވަތަ ކޮފީތަށްޓެއްނަމަވެސް އެމީހުންނަށް ދެވިދާނެއެވެ.

" އަހަރެންގެ ފިރިހެން ދަރިފުޅެވެ. " ޞާދިޤް އެބުނި އެއްޗަކުން ، އައްވަލަށްވެސް އަދި އަނީސާއަށްވެސް ޙައިރާންކަން ލިބުނެވެ.

ރިދާ ތިރިޔަށް އައީ ، ފަތިހަށް ފޮޅޭ ފިނިފެންމަލެއްހެން ފޮޅެމުން އުފަލުން ގޮސް ، ހިނިތުންވަމުންނެވެ. އެމީހުންނަށް ސަލާމްކޮށްލައި ، ފަހަރަކު މީހަކާ ދިމާލަށް ބަލައިލިއެވެ. ކޮލުދަތަށް ދަންދެން ފެންނަވަރަށް ، ރިދާ ހިނިތުންވެފައިހުރެ  ، އެންމެންނަށް ވަކިވަކިން ބަލައިލިނަމަވެސް ، އެތާތިބި އެކަކުވެސް ޖަވާބުގައި ، ރިދާއާ ދިމާލަށް ހިނިތުންވެލިތަނެއް ނުފެނުނެވެ. އެންމެންގެ މޫނުމަތިންވެސް ދިލްނަޝީނަށް ފެނުނީ ހާސްކަމާއި ކަންބޮޑުވުމެވެ. އެކަމަކުވެސް ، ރިދާއާ އޭނާގެ މޫނުމަތީހުރި އުފާވެރިކަން އެހުރިގޮތަށް ހުށްޓެވެ. އެއީ ، ޙަމްޒާ އޭނާގެ ވަޢުދު ފުއްދުމުން ދިލްނަޝީނަށް ލިބުނު އުފާވެރި ކަމެކެވެ. ޙަމްޒާ ވަޢުދުވިގޮތަށް ، އޭނާގެ މައިންބަފައިން އެތިބީ ، ދިލްނަޝީންގެ ގެޔަށް އައިއްސައެވެ. ދިލްނަޝީންގެ ބެސްޓް ފްރެންޑް ، ރިދާވެސް ޙަމްޒާގެ މައިންބަފައިންނާއެކީ އައިމަ ވަކިން ބޮޑަށް އޭނާހުރީ އުފާވެފައެވެ. އަލްޙަމްދު ލިﷲ އޭ ބުނެ ދިލްނަޝީން ، އޭނާގެ ދެއަތް މައްޗަށް އުފުލައިލިއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.