ކިޔަވާ ކުދިން ޙާލުގައި ނުޖައްސާނެކަމުގެ ޔަޤީންކަންދެން: މިނިސްޓްރީ

ސަރުކާރުން އެހީ ފޯރުކޮށްދީގެން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 2163 ދަރިވަރަކު މި ވަގުތު ކިޔަވަމުން އެބަދެއެވެ. މި ދަރިވަރުންގެ ކޯސްފީއާއި ލިވިންގ އެލައުންސާއި އެހެނިހެން ޚަރަދުތައް ހަމަޖެހިފައިވާ އުޞޫލުން، ކަނޑައެޅިފައިވާ މުއްދަތައް ބަރާބަރަށް، ދެއްކުމަކީ މި މިނިސްޓްރީން އަބަދުމެ ކުރަމުން އަންނަކަމެކެވެ. ނަމަވެސް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާކަމަށް ޤަބޫލުކުރަމެވެ. އެއީ މިއަދަކު އެކަނިވިކަމެއް ނޫނެއެވެ. މީގެ ކުރިން ވެސް މިފަދަ ޙާލަތްތައް މެދުވެރިވެފައި އެބަހުއްޓެވެ.

ޢާއްމުކޮށް ޕޭމަންޓްތައް ލަސްވުމުގައި ދިމާވާ މައިގަނޑު ސަބަބަކީ ކަނޑައެޅިފައިވާ ވަގުތަށް، މި މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިއުންތައް ލަހުން ލިބުމާއި ދަރިވަރު ކިޔަވަމުން ދާކަން، ޔުނިވަރސިޓީން ނުވަތަ ކޮލެޖުން ކަށަވަރު ކުރުމުގައި ނަގާ ވަގުތެވެ. ކަންމިހެން ހުރުމާއެކު، މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ޚިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ޚިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންނެވެ.

އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެންމެހައި ދަރިވަރުންނަށް، ދޭންއޮތް ޔަޤީންކަމަކީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާފަދަ ކަމެއް މެދިވެރިވިޔަ ނުދިމުނަށް، ކުރެވެންއޮތް ކޮންމެކަމެއް ދިވެހިސަރުކާރުން ކުރާނެކަމެވެ. ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ދިވެހި ދަރިން ހެއުގޮތުގައި ބިނާކޮށް، މި ޤައުމު އާރާސްތުކުރުމުގައި އެ ދަރިންގެ ޙިއްޞާ އިތުރު ކުރުމެވެ.

ދަރިން ބިނާކުރުމުގެ މި ފަދަ ޤައުމީ އަދި މުހިއްމު މަސައްކަތަކާއި ގުޅުވައިގެން، ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް، ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ގެނެސްދިނުމަކީ މިމިނސްޓްރީން އެކަމާ ކަންބޮޑުވެ، ހިތާމަ ކުރާކަމެކެވެ. އަދި، މި މިނސްޓްރީގެ އިލްތިމާސަކީ ދަރިވަރުންގެ ކަންކަމާއި ގުޅުވައިގެން ޢާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޚަބަރު ފަތުރާ ވަސީލަތްތަކުން ޢަމަލު ނުކުރުމަށެވެ. އެހެނީ ޙަޤީޤަތް އޮޅޭގޮތަށް ގެނެސްދެވޭ ޚަބަރަކުން، ކުރާނެ މަންފާއެއް ނޯންނާނެތީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.