ދައުލަތުގެ ބަޖެޓުން 4 ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފަ: ނައިބު ރައީސް

ދައުލަތުގެ ބަޖެޓުން 4 ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފައި ކަމުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އޭސީސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމަށާއި ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމެންޓް ޓޫލްކިޓް ޑިޖިޓައިޒްޑް ޕްލެޓްފޯމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތަރައްޤީއާއި ކުރިއެރުން ހުއްޓި، ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ވެރިކަމުގެ އެންމެ ފުރަތަަމަ ދުވަހުވެސް ހަރުދަނާ ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ފެއްޓެވިކަމަށެވެ.

މިގޮތުން އެންމެ މުހިންމު އެއް ފިޔަވަޅަކީ އެކި ނަންނަމުގައި ދައުލަތުން ބަދަލު ދިނުމަށް ކުރީ ސަރުކާރުގައި އުފެއްދެވި ސެޓަލްމެންޓް ކޮމެޓީ އުވާލެއްވުންކަމަށް ވިދާޅުވިއެވެ. އަދި އޭރު މަޝްރޫޢުތައް ހިންގުމުގެ ނަމުގައި 3 ގުނައަށް އިތުރަށް ދައުލަތުން ކުރަމުން ދިޔަ ހޭދަ ހުއްޓުވައި، ދައުލަތުގެ ފައިސާ އިސްރާފުކުރުމަށް ހިންގަމުން ދިޔަ އެތައްކަމެއް ރައީސުލްޖުމުހޫރިއްޔާ ހުއްޓުމަކަށް ގެންނެވިކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވައި، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން 4 ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.