ފަލްސަފާ (105)

( އެންމެ ފަހުބައި )

( 4  ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ތަހުނިޔާއަށް ، ހެނދުނު ހޭލެވިގެން ބަލައިލިއިރު މުރުތަޟާއެއް އެނދަކު ނެތެވެ. އޭރުހުރީ ކުޑަކޮށް ލަސްވެސް ވެފައެވެ. ރޭގަނޑު ދަންވަރު ނިދަން އުނދަގޫ ވެގެން ފުރޮޅިފުރޮޅިފައި އޮވެގެން ، އެރޭގެ ހަމަނިދި ، ތަހުނިޔާއަކަށް ނުލިބެއެވެ. ތަހުނިޔާގެ ފަރާތުން ލިބުނު އެއްބާރުލުމުން ، ހިތަށް ލިބުނު ހަމަޖެހުމުގައި މުރުތަޟާއޮތީ ، އަރާމުކޮށް ނިދާށެވެ. ތެދުވެގެން ، ބޭރަށް ނުކުތްއިރުވެސް ، މުރުތަޟާއެއް ބޭރަކު ނެތެވެ.

މުރުތަޟާ ދިޔައީ ، ފައިސާގެ ކަންތައް ހަމަޖެއްސުމަށްކަމުގައި ޙަފުޞާ ބުންޏެވެ. ހުރިހާ ލިޔުންތަކެއް ހަމަޔަށް ގެންދިޔަތޯ ތަހުނިޔާ ސުއާލު ކުރިއެވެ. މުރުތަޟާ ދިޔައީ އެހުރިހާކަމަކަށް ތައްޔާރުވެގެންކަމުގައި ޙަފުޞާ ބުންޏެވެ.

 

ގޭގެ ފަތާ ފެންގަނޑު ކައިރިޔަށް ދިއުމަށް އަމީން އިޙްސާން ، ހިނގައިގަތް ވަގުތު ، ރަމްޝާ ފޯނުން ވައިއަޑުން ، މީހަކާ ވާހަކަދައްކާ އަޑު އިވުނެވެ. އިރުކޮޅަކު މަޑުކޮށްލުމުން ، ރަމްޝާ ވާހަކަ ދައްކަނީ އޭނާގެ މަންމައާކަން އެނގުނެވެ. ރަމްޝާ ބުނި އަޑު އިވުނެވެ.

" މަންމަ ބުނިގޮތަށް ، އެއްގާގަނޑުން އަހަރެން ތިންދޫނި މަރައިފީމެވެ. އެ ނޫރުލްޢައިނުއޭކިޔާ މީހާގަނޑު މިގެއިން ބޭރުކޮށްލައިފީމެވެ. ޕާކިސްތާނުގައިހުރި ބައްޕަގެ ހުރިހާ ވިޔަފާރިއެއް އަހަރެންގެ ނަމަށް ބަދަލުކޮށްފީމެވެ. އެކިޔާ މުރުތަޟާ ޙަސަންވެސް ކުންފުނިން ބޭކާރުކޮށްލައިފީމެވެ. ހަމައެކަނި ފުރިހަމަނުވި ކަމަކީ ކުންފުނީގެ އެމްޑީކަން ނުލިބުމެވެ. އަހަރެން ކިޔަވައި ނިމުނީމާ އެކަންވެސް ވާނެއެވެ. މަންމަ ބޭނުންވާ ގޮތަކީ އެއީ ނޫންހެއްޔެވެ ؟ ދޮގާއި މަކަރާ ޙިލަތްހަދައި ޑްރާމާ ކުޅެގެން މަންމަޔަށް ނުވި ހުރިހާކަމެއް އަހަރެން މި ފުރިހަމަ ކުރީއެވެ. ބައްޕަގެ ސިކުނޑިއާ ކުޅެލަން މަންމަޔަށްވުރެ ، އަހަރެން މާމޮޅުކަން އެއޮތީ ސާބިތުކޮށްދީފައެވެ. " ރަމްޝާ ވާހަކަ ދައްކަމުން ގެންދިޔައިރު ، އަމީން އިޙްސާންގެ މުށްކެވެމުން ބާރުވަމުން ދިޔައެވެ.

ދަރިފުޅުގެ ރޭވުމުން ، އޭނާގެ ދިރިއުޅުން ބަރުބާދުވެގެންދިޔަ ނަމަވެސް ، އެ ދަރިފުޅާދިމާއަށް އެއްޗެކޭ ބުނެ ، އިޙްސާންގެ މައްޗަށް ، އޭނާގެ ހިތްބަރުވާނެގޮތެއް ހަދާކަށް އިޙްސާން ބޭނުމެއް ނޫނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިޔަކީ އެއީއެވެ. އޭނާއަށް ނިސްބަތްވާ އެހެން އެއްވެސް ނަފުސެއް އެނޫނީ މިދުނިޔެއަކު ނެތެވެ. ކެތްކޮށްލާނީއެވެ. ވީކަމެއް ވެދިޔައީއެވެ. އެއިން އެއްވެސްކަމެއްއޮތީ ، އަނބުރާ ގެނެވޭވަރަށްވުރެ ގޯސްކޮންނެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. އެވަގުތު ، ނޫރުލްޢައިނުގެ މައްޗަށް ، އިޙްސާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނޫރުއާ ދޭތެރޭ އޭނާއަށް ކަންތައް އެކުރެވުނީ ، އެއްވެސް އިންސާފެއް ނެތިއެވެ.  ނޫރުގެ ހުރިހާ ޙައްޤެއް ގެއްލިގެން ، އަބުރާއި ޢިއްޒަތަށް އަރައިގަނެވި ، ނޫރުގެ ބައްޕަ ނިޔާވި ވަގުތު ، އިޙްސާނަށް އެކަންތައް ކުރެވުނީ ، އެވަރުގެ މީހަކު ކަންތައް ކުރާނެ ގޮތަކަށް ނޫނެވެ. ހިންދިރުވާލާފައި ، މަޑުމަޑުން ހިނގާލާފައި އައިސް ، އެތާހުރި ގޮނޑިއެއްގައި އިޙްސާން ޖައްސައިލިއެވެ.

މަންމައާ ދައްކަނހުރި ވާހަކަތައް ދައްކައި ނިމިގެން  ، ކުޑައިރުކޮޅަކުން ރަމްޝާވެސް ފަތާފެންގަނޑާދިމާއަށް ބޭރަށް ނުކުތެވެ. އިޙްސާން އެކަނި ، ފިކުރެއްގެ ތެރެޔަށް ގެއްލިފައި އިންތަން ރަމްޝާއަށް ފެނުނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ބައްޕަގާތަށް ރަމްޝާ ގޮސް ، ކުރިމަތީހުރި ގޮނޑީގައި އިށީނެވެ. ދަރިފުޅު ފެނުމާއެކު ، އަމީން އިޙްސާން ހިނިތުންވެލިއެވެ. އޭނާއާ ދިމާއަށް ބައްޕަ އެހީލީ ގަދަކަމުންކަން ރަމްޝާއަށް އެނގުނެވެ. ބައްޕަޔަށް ލިބިފައިވާ ހިތްދަތިކަން އެވަގުތު ، ރަމްޝާއަށްވެސް އިޙްސާސް ކުރެވުނެވެ.

" ބައްޕަ ދެރަވެފައި އިންނަތަން ފެނުމަކީ ، އަހަރެންނަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. " ރަމްޝާ ބުންޏެވެ.

ރަމްޝާއަށް ދޭނީ ކޮންޖަވާބެއްކަމެއް އިޙްސާނަކަށް ނޭނގެއެވެ. ބުނެވުނުހާވެސް އެއްޗަކީ ، ދެރަވާންޖެހެނީ ، ހިތް ހަލާކުވުމުން ކަމުގައެވެ. ހިތަށްލިބޭ ތަކުލީފަކީ ، އިންސާނާގެ މޫނުމަތިން ފެންނާނެ އެއްޗެކެވެ. އެއީ ފައިސާ ހޭދަކޮށްގެން ދުރުކުރެވޭ އެއްޗެއްނޫނެވެ.

އެކަމަކު ، އެއަންހެންމީހާ ، ބައްޕަގެ ޙަޔާތުން ވަކިވެދިއުމުން ، ބައްޕަޔަށް ތަފާތެއް އައިސްގެން ނުވާނެކަމަށް ރަމްޝާ ބުންޏެވެ.

" ރަމްޝާއެވެ ! ލޭގެ ގުޅުމަކީ ، އިންސާނާގެ ހިތް އޭގެމައްޗަށް ލަންބުވައި ، އެހެން ހުރިހާކަމެއް ހަނދާން ނައްތައިލާފަދަ ގުޅުމެކެވެ. ލޭގެ ގުޅުމަށް ތަބާވެ ، ކިޔަމަންވެ ، ލޯބިވުމަށް އިންސާނާއަށް މަޖުބޫރު ކުރުވާނެއެވެ. އަދި ، އެފަދަ ގުޅުމެއް ކެނޑިގެންދާނެގޮތަކަށް ޢަމަލުކުރުން އެއީ ، އިންސާނާއަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. " އިޙްސާން ބުންޏެވެ.

ބައްޕަ އެވާހަކަ ދައްކަނީ އޭނާއަށް ކަމުގައި ރަމްޝާއަށް ވިސްނި ، ވާހަކަ ބަދަލުކޮށްލުމަށް ނިންމިއެވެ. ނޫރުލްޢައިނުދެކެ ، ބައްޕަ ލޯބިވޭތޯ ، ރަމްޝާ ސުއާލު ކުރިއެވެ.

ނޫރުލްޢައިނުދެކެ ، އިންތިހާއަށް ލޯބިވާކަމުގައި އިޙްސާން ، އޭނާގެ ދަރިފުޅުގެ ކުރިމަތީ އިޢުތިރާފް ވިއެވެ. އެކަމަކު އެއީ މިހާރު އޭނާގެ މާޒީއެވެ. އެގޮތަށް އޮޅުވައިލުމެއްގެ ތެރޭގައި ނޫރުއާ ކައިވެނި ނުކުރެވުނުނަމައޭ ހިތަށް އަރާކަމަށް ، އިޙްސާން ބުންޏެވެ. ކުރާނީ ކީއްހެއްޔެވެ ؟ ލޯބީގެ ޖަޒުބާތު ބައިބައިކުރަން ޖެހިއްޖެނަމަ ، އިންސާނާ އިޚްތިޔާރު ކުރާނީ ، އެމީހަކު އެންމެ ބޮޑަށް ލޯބިވާ ނަފްސެކެވެ. ނޫރުލްޢައިނުދެކެ ލޯބިވާ ފަދައިން ، އަބަދުވެސް ، ރަމްޝާދެކެވެސް އިޙްސާން އިންތިހާއަށް ލޯބިވާކަމުގައި ބުންޏެވެ. އެހެނަސް ، ދެމީހުންދެކެ އެ ވެވެނީ ދެބާވަތެއްގެ ތަފާތު ލޯބިކަން ރަމްޝާއަށް ވިސްނައި ދިނެވެ. އުފަންދަރިޔަކާއި ޙަޔާތުގެ ބައިވެރިޔެއްގެ ތަފާތެވެ. އެ ދެ ލޯބިން އިޙްސާނަށް އިޚްތިޔާރު ކުރެވުނީ އުފަންދަރީގެ ލޯތްބެވެ. އެހިސާބުން ، ރަމްޝާއަށް އެކުރެވުނީ ކީއްކަމާއި ، މަންމަގެ ބަހަށް ހެއްލި ، ބައްޕަގެ ދިރިއުޅުމާ އޭނާއަށް އެކުޅެވުނީ މާބޮޑަށްކަން އިޙްސާސް ކުރެވުނެވެ. އެކަމަކު ، މިހާރު އެއޮތީ ވާނެ އެއްޗެއް ވެ ނިމިފައެވެ. އެއިން އެއްވެސްކަމެއް އަނބުރާ އިޢާދައެއް ނުކުރެވޭނެއެވެ.

ރަމްޝާވެސް ، ބައްޕަދެކެ ލޯބިވާކަމަށް ބުންޏެވެ. ރަމްޝާއަށް ވިސްނެންފެށި ހިސާބުން ފެށިގެންވެސް ، އޭނާއަށް ބައްޕަ ސިފަކުރެވިފައި އޮތީ ، ރޮބޮޓެއްގެ ގޮތުގައެވެ. އަބަދުވެސް ، އަވަދިނެތި ކޮންމެވެސް ކަމެއްގައި ތާށިވެފައި ހުންނަ މީހެއްގެ ގޮތުގައެވެ. އެހެނަސް ، ބައްޕައާމެދު ކުރެވޭ އިޙްސާސާއި ތަޞައްވުރު މިހާރު ތަފާތެވެ. ބައްޕަގެވެސް ހިތެއް އޮންނަކަން ، މިއަދު އޭނާއަށް އެނގިއްޖެއެވެ. ރަމްޝާ ބޭނުންވަނީ ، ނުރުލްޢައިނަށްވުރެ ، ރަނގަޅު އެހެން އަންހެނަކު ، ބައްޕަގެ ޙަޔާތަށް އައުމެވެ.  " ޢުމުރުގެ މިހާތަނަށް އައިމަ ، ބައްޕަގެ ޙަޔާތުގައި ހުންނާނެ ހަމައެކަނި އަންހެނަކީ ، އަހަރެންގެ ލޯބިވާ ދަރިފުޅު ރަމްޝާއެވެ. އެހެން އަންހެނަކަށް ، ބައްޕަގެ ޙަޔާތުން ދެން ޖާގައެއް ނުދެވޭނެއެވެ. " އިޙްސާން ބުންޏެވެ.

އިޙްސާން އޭނާގެ ދަރިފުޅުގެ އަތުގައި ހިފައި ފިރުމައިލިއެވެ. ދެދުވަހެއްގެ ތެރޭގައި އޭނާ އެމެރިކާއަށް ދާވާހަކަ ބުންޏެވެ. ބައްޕަގެ ވިޔަފާރީގައި އެހީތެރިވެދޭން ބޭނުންވާހަކަ ، ރަމްޝާ އޮތީ އިޙްސާންގާތު ބުނެފައެވެ. އިޙްސާން އެނބުރި ޕާކިސްތާނަށް އަންނައިރު ، ރަމްޝާއަކީ ކާމިޔާބު ، އަންހެންވިޔަފާރިވެރިޔެއްގެ ގޮތުގައި ދެކެން ބޭނުމެވެ. ޕާކިސްތާނުގައިހުރި އޭނާގެ ހުރިހާ ވިޔަފާރިއެއް ދެން ބަލަހައްޓާނީ ރަމްޝާއެވެ. އެވަގުތު އިޙްސާންގެ ސެކްރެޓަރީ އައިސް ، ލިޔުންތަކަކާއި ޗެކެއް އިޙްސާންއަތަށް ދިނެވެ.

ވަރީގެ ފޯމާއި ޗެކްގައި ސޮއިކުރުމަށްފަހު ، އެތަކެތި ނޫރުލްޢައިނަށް ފޮނުވުމަށް އިޙްސާން ބުންޏެވެ. އަދި ފިކުރުބޮޑުވެގެންގޮސް ލޮލުން ފެން އައެވެ. ރަމްޝާއަކަށް ބައްޕަޔާ ދުރަކު ނުއިނދެވުނެވެ. އިޙްސާންގާތަށް ޖެހިލައި ބިންމަތީ އިށީނދެ ، ބައްޕަގެ އަތުގައި ހިފައިލިއެވެ. ބައްޕަ އެކަނިވެރި ވެދާނެއޭ ބުނެ ، އިޙްސާންގެ އަތުގައި ބައްދައިލިއެވެ. އެކަހަލަ ގުޅުންތައް އެއީ އެހެން ނިމިދާ ކަންކަންކަމުގައި އިޙްސާން ބުންޏެވެ. ނިމި ނުދާނީ ހަމައެކަނި ލޭގެ ގުޅުމެވެ. ދުނިޔޭގެ ހުރިހާ މުދަލަކާއި ފައިސާއެއް އިންސާނާގެ މުށުތެރެޔަށް ލައިގެން ގެންގުޅުމަށްފަހު ، މުށް ހުޅުވައިލާއިރު އެއްވެސް އެއްޗެއް އެ މުށުތެރޭގައި ނުއޮންނާނެކަމަށް އިޙްސާން ބުންޏެވެ. ބައްޕަގެ އަޑުގައިވާ ވޭނާއި ކެކުޅުން ރަމްޝާއަށް އިޙްސާސް ކުރެވުނެވެ. ޙަޔާތުގެ އިމްތިޙާނަކީ އެއީއެވެ.

 

އޭނާއަށާއި ހާރިސްއަށް ، ސައިތަށްޓެއް ހަދައިގެން އައިސް  ،ރައިދާ ސިޓިންގރޫމުގައި އިށީނދެލި ތަނުން ނޫރުވެސް އެތަނަށް އައެވެ. ރައިދާ އާއި ހާރިސް ، އިސްލާމްއާބާދަށް ދިއުމަށްޓަކައި މާދަމާ ފުރާނެއެވެ. އަމީން އިޙްސާނާއެކީ ދެކެވުނީ ކޮން ވާހަކައެއްކަން ، އެމީހުންގާތު ނުބުނާނަންތޯ ނޫރުކުރެން ، ހާރިސް އަހައިލިއެވެ.

އޭނާ އެއައީ ، އަމީން އިޙްސާންގާތުން ވަރިވުމަށް އެދިފައިކަމަށް ބުންޏެވެ. ހާރިސް ދިޔައީ ސިއްސައިގެންނެވެ. ނޫރު އެދުނުގޮތަށް އެކަން ނިންމައިދޭނެކަމަށް އިޙްސާން ބުނެފައިވާކަން ނޫރު ހާމަކުރިއެވެ. ނޫރު އެބުނި ވާހަކަޔަކުން ، ހާރިސްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެހާ ބޮޑު ނިންމުމެއް ނިންމިއިރު ، ހާރިސްގާތު ނުވަތަ ރައިދާގާތު ބުނެނުލީ ކީއްވެތޯ ހާރިސް ސުއާލު ކުރިއެވެ. އެވަރުގެ ޙައްޤެއް އެމީހުންނަށް ހަމަ ނެތީ ހެއްޔެވެ ؟

އަމީން އިޙްސާނާއެކީ އޭނާގެ ދިރިއުޅުން ކުރިޔަށް ގެންދެވޭތޯ އޭނާ ނުކުރާ މަސައްކަތެއް ، ނުވާ ޤުރުބާނީއެއްނެތްކަމުގައި ނޫރު ބުންޏެވެ. ކައިވެނި ކުރެވުނު ދުވަހުންފެށިގެން ، ކަންހިނގަމުންދިޔަގޮތުގެ ކުރު ޚުލާޞާއެއް ހާރިސްއާއި ރައިދާއަށް ނޫރު ހުށަހެޅިއެވެ. އެއަށްފަހު ، މުރުތަޟާއާ ކައިވެނި ކުރުމަށްޓަކައި ، ުރުތަޟާގާތަށް އޭނާ ދިއުމުގައި އޮތް ކުށަކީ ކޮބައިތޯ ނޫރު ސުއާލު ކުރިއެވެ. ނޫރު އެބުނި ވާހަކަޔަކުން ، ހާރިސްއަށް ލިބުނު ސިހުން އަދި މާބޮޑެވެ. ކުއްލިޔަކަށް ފުންމައިގެން ތެދުވެވުނެވެ. ނޫރު އެދިމާކުރަނީ ، ބަޔެއްގެ ދިރިއުޅުން ހަލާކު ކޮށްލުމަށްކަން ހާރިސް ހަނދާން ކޮށްދިނެވެ. ރައިދާއަށް އެވަސް ދުވާތާ އެތައް ދުވަހެއް ވެއްޖެކަމަށް ބުންޏެވެ. އެ ކަންތައްގަނޑުގައި މުރުތަޟާ ހިމެނޭތޯ ހާރިސް ސުއާލު ކުރިއެވެ. ނޫރުލްޢައިނުގެ ޙަޔާތުގައި މުރުތަޟާނޫން މީހަކު ނެތްކަމަށް ނޫރު ބުންޏެވެ. މުޅި ވާހަކައިގާ އުޅެނީ ދެމީހެކެވެ. އެއީ މުރުތަޟާއާއި ނޫރުލްޢައިނެވެ. ދެން އޮތީ ނޫރުލްޢައިނުގެ ފަލްސަފާއެވެ. އެހެންމީހުންގެ ދިރިއުޅުން ބަރުބާދު ކުރުމަށް ނޫރުގެންގުޅޭ ފަލްސަފާއަށް އޭނާ ލަޢުނަތްދޭކަމުގައި ހާރިސް ބުންޏެވެ. އެއްކަމެއް ނޫރުގެ ހަނދާނުގައި ބެހެއްޓުމަށް ހާރިސް އެދުނެވެ. މުރުތަޟާއާއި ތަހުނިޔާގެ ދިރުއުޅުން ބަރުބާދުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ ، ނޫރުލްޢައިނުއާއި އޭނާއާއެކު އޮތް ރަޙިމުގެ ގުޅުން ކަނޑައިލާނެކަމަށް ހާރިސް ބުންޏެވެ. ނޫރުއަށް ބަދު ދުޢާކުރުމަށްފަހު ، ރުޅިއައިސް ރަތްވެފައިހުރެ ، ހާރިސް ނުކުމެގެން ދިޔައެވެ.

 

މުރުތަޟާ ބޭރަށްދާން ނުކުންނަނިކޮށް ، ޙަފުޞާ އައިސް ، މުރުތަޟާއާ ބައްދަލުކުރުމަށް މެހެމާނަކު އައިސް އެބަހުރިކަމަށް ބުންޏެވެ. އެއީ ކާކުތޯ އަހައިލުމުން އެއީ ، ނޫރުލްޢައިނުކަމަށް ޙަފުޞާ ބުންޏެވެ.

މުރުތަޟާ ގޮސް ނޫރު ކުރިމައްޗަށް ހުއްޓުމާއެކު ، މުރުތަޟާއަށް މަރުޙަބާ ކިޔެވެ. މުރުތަޟާ ދައްކަންޖެހޭ ޖޫރިމަނާ ، ދެން ދައްކަން ނުޖެހޭނެކަމަށް ނޫރު ބުންޏެވެ.

" އަހަރެން މިހާރު މިހުރީ ، އަމީން އިޙްސާންގެ ކިބައިން މިނިވަންވެފައެވެ. އަހަރެން ، އަމީން އިޙްސާންގާތުން ވަރިވެއްޖައިމެވެ. އެ ދިރިއުޅުމެއްގައި މުރުތަޟާނެތް ދިރިއުޅުމެއް އަހަރެން ބޭނުމެއް ނެތެވެ. އެ ޙަޔާތެއްގައި މުރުތަޟާގެ ލޯބިނެތް ޙަޔާތެއްގައި އަހަރެންނަކަށް ދިރިއެއް ނޫޅެވޭނެއެވެ. ދުނިޔޭގެ ހުރިހާ އެއްޗެއް ދޫކޮށްލުމަށްފަހު ، އަހަރެން މިއައީ މުރުތަޟާ ކައިރިޔަށެވެ.  މުރުތަޟާއާ ނުލައި އަހަރެންނަކަށް ދިރިއެއް ނޫޅެވޭނެއެވެ. ހުރިހާ ކަމެއް ހަނދާން ނައްތައިލުމަށްފަހު ، އަހަރެމެން އާ ދިރިއުޅުމެއް ފަށާނީއެވެ. އަހަރެންގެ އެއްވެސް ޝަރުތެއް މިފަހަރަކު ނޯންނާނެއެވެ. ހަމައެކަނި އަހަރެންނާއި މުރުތަޟާއެވެ. " ނޫރު ބުންޏެވެ.

މުރުތަޟާއަށް ލިބިފައިހުރި ޙައިރާންކަމާއި ހަމަހިމޭންކަމަށް ނޫރުއަކަށް ކެތެއް ނުކުރެވުނެވެ. މުރުތަޟާ އެހުރީ އުފަލުންގޮސް ބުނާނެ އެއްޗެއް ނޭނގި ޙައިރާންވެފައިކަމަށް ނޫރުއަށް ޤަބޫލުކުރެވުނެވެ. މުރުތަޟާގާތަށް ޖެހިލައި ކޮންމެވެސް އެއްޗެކޭ ބުނުމަށް ނޫރު ، އާދޭސްކުރަމުން ގެންދިޔައެވެ. މުރުތަޟާ ، ނޫރުއާ ދުރަށް ޖެހިލިއެވެ. އަދި ވާހަކަ ދައްކަން ފެއްޓިއެވެ.

" ކުރިންވެސް އަދި މިހާރުވެސް ، ނޫރުއަކަށް އަހަރެންނެއް ނޭނގެއެވެ. އަހަރެން ދަހެއް ނުވެއެވެ. ނޫރުއަށް ހީވަނީ ކިހިނެއްހެއްޔެވެ ؟ ނޫރު ބޭނުންވީމަ އަހަރެން ދޫކޮށްލާފައި ދާންވީއެވެ. އަންނަހިތްވީމަ ، އަންނަންބޭނުން ދުވަހަކުން އެނބުރި އަންނަންވީއެވެ. ނޫރުގެ އިންތިޒާރުގައި އަހަރެން މުޅި ޢުމުރަށް ހުންނަންވީ ހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.

ވޭތުވެގެންދިޔަ ދުވަސްތަކުގައި ނޫރު އުޅުނީ ވަރަށް ހިތްދަތި ، ވޭނާއި ކެކުޅުމުން ފުރިގެންވާ ޙާލެއްގައި ކަމަށް ނޫރު ބުންޏެވެ. އެކަން ، މުރުތަޟާއަށްވެސް އެނގޭނެއެވެ. ނޫރުއަށް އެ ތަކުލީފާއި ވޭން ލިބުނީ މުރުތަޟާކުރިކަމަކުން ނޫންކަމަށާއި ، އެއީ ނޫރުގެ ޢަމަލުތައްހުރިގޮތުން ތަޙާއްމަލުކުރަންޖެހުނު ކަންތައްތަކެއްކަން މުރުތަޟާ ، ނޫރުއަށް ހަނދާން ކޮށްދިނެވެ.

" ނޫރުލްޢައިނުއެވެ. އަހަރެންނަކީ މިހާރު މީހަކާ އިނދެގެންއުޅޭ މީހަކީމެވެ. އަނތްބަކު އެބަ އިނެވެ. ލޯބިލޯބި އަންހެން ދަރިފުޅަކު އެބަހުށްޓެވެ. އިންސާނާގެ ޙަޔާތުގައި ދޫކޮށްލަންޖެހޭ ކަންކަމާއި ކެތްތެރިކަމާއެކު ތަކުލީފު އުފުއްލައިގެން ހަނދާން ނައްތައިލާން މަޖުބޫރުވާނެ ކަންތައްތަކެއް ހުންނާނެއެވެ. މިވާހަކަތަކަކީ ، ނޫރުލްޢައިނުގެ ހިތްދަތިކުރަން ދައްކާ ވާހަކައެއް ނޫނެވެ. އެއީ ދުނިޔެ ދައްކާ ޙަޤީޤަތެވެ. އަހަރެންނަކީ ނޫރުގެ ބެސްޓް ފްރެންޑް ނޫންހެއްޔެވެ ؟ މުޅި ޢުމުރަށް އަހަރެންގެ އަތުން އަތްދޫކޮށްނުލާނެކަމަށް ނޫރު ، ވަޢުދުވީމެއްނޫން ހެއްޔެވެ ؟ އެކަމަކު ، އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އެއްފަހަރުވެސް ، އަހަރެންގެ ހިތަށް ކުރާނެ އަސަރާމެދު ވިސްނައެއް ނުލައެވެ. " މުރުތަޟާ ފެންކަޅިވެފައިހުރެ ، ވާހަކަ ދައްކަމުން ގެންދިޔައެވެ.

އެއީ ، އޮފީސް ނިންމާފައި ތަހުނިޔާވެސް އައިސް ގެޔަށް ވަތް ވަގުތެވެ. މުރުތަޟާއާއި ނޫރުތިބި ހިސާބަށް އައިސް ދުރުގައި މަޑުކޮށްލިއެވެ.

މުރުތަޟާއާ ގާތަށް ނޫރު ޖެހިލިއެވެ. ކުރިމައްޗަށް އައި ފުރުސަތުތަކުން އޭނާ އިޚްތިޔާރުކުރަން ބޭނުންވި ގޮތަކަށް ނިންމުންތަކެއް ނިންމިކަމަށް ނޫރު އެއްބަސްވިއެވެ. އެކުށަށް ، އެހާ ވޭންދެނިވި އަދަބެއް އޭނާއަށް ނުދިނުމަށް ނޫރު އެދުނެވެ. މުރުތަޟާއާ ދުރަށްދެވޭތޯ މަސައްކަތްކުރިކަމަށް ނޫރު ބުންޏެވެ. ހަނދާން ނައްތައިލެވޭތޯވެސް މަސައްކަތް ކުރިމެއެވެ.

" އަހަރެން ކުރާނީ ކީއް ހެއްޔެވެ ؟ ނުވިސްނަން ހުއްޓަސް ހަމަ ވިސްނެނީއެވެ. ހަނދާން ވަނީއެވެ. އަހަރެން މުރުތަޟާދެކެ އިންތިހާއަށް ލޯބިވަމެވެ. އަހަރެންނަށް ތިހާބޮޑު އަދަބެއް ނުދޭށެވެ. " ރޮވިފައިހުރެ ، ނޫރު ބުނަމުން ގެންދިޔައެވެ. މަޢާފުކޮށްދިމުނަށް އެދި ދެއަތް ދިއްކޮށް މުރުތަޟާއަށް އާދޭސް ކުރަމުން ގެންދިޔައެވެ.

" ނޫރުލްޢައިނުއެވެ ! މާބޮޑަށް ލަސްވެއްޖެއެވެ. އަހަރެމެން ދެމީހުންގެ މެދުގައި އޮތް ހުރިހާކަމެއް މިހާރު ނިމިއްޖެއެވެ. ތަހުނިޔާއަކީ މިހާރު އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއެވެ. އަހަރެންގެ ދިރިއުޅުމަކީ ތަހުނިޔާގެ ޙައްޤެކެވެ. އެއީ އަހަރެންގެ އަނބިމީހާއެވެ. " މުރުތަޟާ ބުނަމުން ގެންދިޔައެވެ.

ތަހުނިޔާއާއެކީ މުރުތަޟާއަށް ދިރިއުޅެވޭނެތޯ ނޫރު ސުއާލުކުރިއެވެ. ލޯތްބާ ނުލައި ތަހުނިޔާއާ އެކީ ދިރިއުޅެވިދާނެ ހެއްޔެވެ ؟

" އަހަރެން ތަހުނިޔާދެކެ ލޯބިނުވާކަން އެނގެނީ ކިހިނެއް ހެއްޔެވެ ؟ އެވާހަކަ ބުނީ ކާކު ހެއްޔެވެ ؟ " މުރުތަޟާ ސުއާލު ކުރިއެވެ.

ތަހުނިޔާ ދުރުގައި ނުހުރެ އޭނާގާތަށް އައުމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާ އައުމާއެކު ނޫރުލްޢައިނަށް މުރުތަޟާ ގޮވައިލިއެވެ.

" ނޫރުލްޢައިނުއެވެ ! މިއީ ތަހުނިޔާއެވެ. އަހަރެންގެ އަނބިމީހާއެވެ. އަހަރެން އެމީހަކުދެކެ އިންތިހާއަށް ލޯބިވާ ، އަހަރެންގެ އަނބިމީހާއެވެ. ތަހުނިޔާ އަބަދުވެސް ހުރީ އަހަރެންނާއެކީގައެވެ. ދުވަހަކުވެސް އަހަރެން ،  ދޫކޮށްލާފައެއް ނުދެއެވެ. ތަހުނިޔާއަށް އަހަރެންނަށް ވަރަށްގިނަ ތަކުލީފުތައް ދެވުނެވެ. ހިތްވެސް ކުދިކުދި ކޮށްލެވުނެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެވަރުންވެސް ، ތަހުނިޔާ އަހަރެންނާ ވަތްކެއް ނުވެއެވެ. މުޅިޢުމުރަށް އަހަރެން ، ތަހުނިޔާއަށް ޝުކުރު އަދާކުރިޔަސް ، ތަހުނިޔާއަށް ޙައްޤު ޝުކުރު އަދާކޮށެއް ނުނިމޭނެއެވެ. އެހެންވީމާ ، މާޒީ ހަނދާން ނައްތައިލާށެވެ. ކުރިޔަށް ހިނގައިގަންނާށެވެ ! " މުރުތަޟާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

މުރުތަޟާގެ ޖީބުން ސިޓީއުރައެއް ނެގިއެވެ. އެއީ ، ވަޒީފާއިން އިސްތިޢުފާ ދިނީމަ ، މުރުތަޟާ ދައްކަންޖެހޭ ޖޫރިމަނާގެ ޗެކެވެ. އެ ފައިސާދިނީ ތަހުނިޔާއެވެ. އެޗެކް ގެންގޮސް އަމީން އިޙްސާނަށް ދިނުމަށް މުރުތަޟާ އެދުނެވެ. އަދި ، އެއްވާހަކައެއް އެބައޮތެވެ.

" ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި ، ރަޙުމަތްތެރިޔެއްގެ ބޭނުން ޖެހިއްޖެނަމަ ، ނޫރުއާ އެންމެ ގާތުގައި އަހަރެންނާއި ތަހުނިޔާ އަބަދުވެސް ތިބޭނަމެވެ. " މުރުތަޟާ ބުންޏެވެ.

ނޫރު އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ފަހަތަށް އެނބުރި އެގެއިން ނުކުތުމަށް ހިނގައިގަތެވެ. ދަމުންދަމުން ، މުރުތަޟާދިން ޗެކް މޭޒުމަތީ ބޭއްވިއެވެ. ނޫރު ނުކުމެގެން ދިޔައިރު އެއްފަރާތުގައި ހުއްޓިލައިގެން ޠާހިރާއާއި ޙަފުޞާ ތިއްބެވެ. ނޫރު ، އައިމަލްއާ ދިމާއަށް ބަލައިލާ ހިނިތުންވެލިއެވެ. ކުރިޔަށް ހިނގައިގަތްތަނާ ، ޙަފުޞާ އައިސް ނޫރުގެ އަތުގައި ހިފައިލިއެވެ.

" ބިމުގެ މަތިން ތަރިއެއް ދަތުރުކޮށް ހަވަޔަށް އަރައިގެންދާއިރު ، އެތަރިޔަކީ ، ބިމަށްވެސް އަދި ޖައްވަށްވެސް ނިސްބަތްވާ އެއްޗަކަށް ނުވެއެވެ. އަހަރެންގެ އެކަނިވެރިކަން ހައްޔަރުކުރެވިފައިއޮތީ ، އެކަނިވެރިކަމުންކަމުގައި ނުހެދުމަށް ، ބޭނުން އިރަކު ، ބޭނުންތާކަށް އަހަރެން އުދުހި ، ގޮސް ހަދާނަމެވެ. އަހަރެންގެ ފަލްސަފާއަކީ ބޭކާރު އެއްޗަކަށް ނުހަދާނަމެވެ. " މުރުތަޟާގެ ގެއިން ނުކުމެގެން ދިޔައިރު ، ނޫރުގެ ހިތަށް އަރަމުން ދިޔައެވެ.

 

ތަހުނިޔާއާއި މުރުތަޟާ ، ޗުއްޓީއެއް ހޭދަކޮށްލުމަށް މަރީއަށް ޖައްސައިލިއެވެ. އެއީ ކަޝްމީރުގެ ޕާކިސްތާނާވީ ފަޅިއެވެ. މުރުތަޟާ އައިސް ތަހުނިޔާގާތު ހުށްޓުނެވެ. އަދި ބުންޏެވެ.

" ތަހުނިޔާއެވެ ! ވެދިޔަތަނުގައި ދެވިފައިވާ ހިތްދަތިކަމާއި ތަކުލީފުތައް ހިތުން ފުހެލައި ، އަހަރެންގެ ސުމާރެއްނެތް ލޯބި ޤަބޫލުކުރާނަން ހެއްޔެވެ ؟ މުރުތަޟާ ޙަސަންގެ އަތުގައި ، ތަހުނިޔާއަށް ދޭނެ އެހެން އެއްޗެއް ނެތެވެ. ސާފު ޠާހިރު ލޯބި ފިޔަވައެވެ. ޙަޤީޤަތް އިޙްސާސްވާން ކުޑަކޮށް ލަސްވީއެވެ. އަހަރެންގެ ހުރިހާވެސް އުފަލަކީ ތިޔައީއެވެ. " ތަހުނިޔާވެސް ، މުރުތަޟާއަށް ޖަވާބު ދިނެވެ.

" މުރުތަޟާއެވެ ! ހިތުގެ އިޚްލާޞްތެރި ލޯބި ފިޔަވައި އެހެން އިތުރު އެއްޗެއް ، މުރުތަޟާގެ ފަރާތުން އަހަރެން ދުވަހަކުވެސް ނޭދެމެވެ. "

މުރުތަޟާއާއި ތަހުނިޔާ ހިނގާލާފައިގޮސް ހޮޓަލަށް ވަތްއިރު ، ލޮބީތެރޭގައި ދެ ޢާއިލާގެ އެންމެން އެއްވެފައި ތިއްބެވެ. ޢާޞިމާއި ސާޖިދާ އަދި ޙަފުޞާއާއި ޠާހިރާގެ އިތުރުން ، އަރުސަލާނެވެ. އައިމަލްހުރީ ކުޑަގޮނޑިޔަކަށް އަރުވައި ކޭކެއްގެ ކައިރީ ބަހައްޓާފައެވެ. އެއީ އައިމަލްގެ ތިންވަނަ އުފަންދުވަހުގެ ޕާޓީއެވެ. ކޭކުފަޅައި އެކަކު އަނެކަކަށް ކޭކު ލަވަމުންގޮސް ، ޕާޓީ ނިމިގެންދިޔައީ ، މަޖަލާ އަދި އުފަލާއި ލޯބީގެ ހިތްގައިމު މާޙައުލަކުންނެވެ. ( ނިމުނީ )

 

ބައެއް ބޭފުޅުންނަށް ވާހަކަ ދިގުވެސް ވެއްޖެކަމަށް ޤަބޫލުކުރަމެވެ.  ވާހަކަ ގެނެސްދޭތާ އަހަރެއްހާ ދުވަސް ވީއެވެ. އެހެނަސް ، މިވާހަކަޔަކީވެސް ، ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ފިލާވަޅުތަކެއް ގެނެސްދީފައިވާ ވަރަށް ތަފާތު ވާހަކައެކެވެ. ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް ވަށްޓަފާޅިއަކާއި ފަލްސަފާއެއް އޮންނާނެއެވެ. ކޮންމެ މީހެއްގެ ލިޔުމުގައިވެސް ، ހުނަރަކާއި ތަޖުރިބާތަކެއް ހުންނާނެއެވެ. އެއީ ، ދުނިޔެ އުޅުމުގައި އިންސާނުން ކޮށްފައިވާ ހިތި އަދި ފޮނި ތަޖުރިބާއެވެ. ޚިޔާލާތާއި ފިކުރުން އުފެދޭ ތަޞައްވުރެކެވެ. ވާހަކަ ވިދާޅުވި ހުރިހާ ބޭފުޅުންނަށް ، ޚާއްޞަކޮށް ، ވާހަކަޔަށް ކޮމެންޓް ކުރެއްވި އެންމެ ބޭފުޅުންނަށް ، ވަރަށް ޚާއްޞަ ޝުކުރެއް އަރިސް ކުރަމެވެ. އިރާދަކުރެއްވިއްޔާ އިތުރު ވާހަކަޔަކަށް ، މާދިގު އިންތިޒާރެއް ކުރާކަށް ނުޖައްސާނަމެވެ.  وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. ވާހަކަ ނިމުން ގޮތް ރީއްޗެއްނޫން. މިވާހަކައިގައި ބަތަލާއަކީ ނޫރުކަމުގައި ވެފައި ނޫރުއަށް އެއްވެސް ރަނގަޅުގޮތެއްނުވެ ބަތަލްއަށް ހުރިހާމޮޅެއްލިބިގެން ނިމުނީމަ ނިމުން އެހާކަމަކުނުދިޔަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.