( 27 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ނޫރު އެބުނީ ލައްކަ ވާހަކައެވެ. ނޫރުއާއި ތަހުނިޔާއާ ދެމީހުންގެ ރަޙުމަތްތެރިކަން ދަމަހައްޓަން ، ތަހުނިޔާއަށް ދަސްނުވި ވާހަކައެވެ. ހަމައެއާއެކު ، ތަހުނިޔާއާއި މުރުތަޟާއާ ދެމީހުންގެ ކައިވެނީގެ ގުޅުން ދަމަހައްޓަންވެސް ، ތަހުނިޔާއަށް ދަސްނުވި ވާހަކައެވެ. އެއީ ނޫރުއަށް ފެންނަ ގޮތެވެ. އެކަމުގައި ތަހުނިޔާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟
އެވަގުތަކީ ، ނޫރުއާ ބައްދަލުކުރަން ދިއުމުގެ ވަގުތުކަމުގައި އިޙްސާނަށް ފެނުނެވެ. ތައްޔާރުވެލައިގެން އެގެޔަށް ދިއުމަށް އިޙްސާން ނިންމިއެވެ. ނަސީބަކުން ކޮޓަރިން ނުކުމެ ބޭރުގޭތެރޭގައި ނޫރު އުޅެއެވެ.
ނޫރުގެ ބައްޕަ ނިޔާވި ޚަބަރު އިވިފައި ، ވަރަށް ދެރަވިކަމަށް ، އިޙްސާން ބުންޏެވެ. ތަޢުޒިޔާކިއުމަށް ފުރުސަތެއް ލިބުނުކަމަށްޓަކައި އުފާކުރާކަމަށް ނޫރު ބުންޏެވެ. ފާރުގަނޑެއް ފަސޭހަވުމުން ، އެފާރުގަނޑުން ހަށިގަނޑަށްލިބެމުންދިޔަ ވޭނާއި ތަދު ކެނޑޭނެއެވެ. ހަށިގަނޑުގައި ފާރުކޮޅެއް އިންކަން ، އިސާހިތަކު ހަނދާން ނެތޭނެއެވެ. އޭގެފަހުން ، އެ ފާރުކޮޅުގެ ވާހަކަ ދެއްކުމަކީ ، ވަގުތު ބޭކާރުވާނެ ކަމެކެވެ. އެއީ ، އަގެއްހުރި ކަމެއްނޫނެވެ.
ވަގުތު ބަރުބާދުކުރަނީ ނޫރުލްޢައިނުކަމުގައި އިޙްސާން ބުންޏެވެ. އެ ގޭގެ ހަތަރުފާރުގެ ތެރޭގައި ، ނޫރުގެ އަމިއްލަ ނަފްސު ބަނދެވި ކަސްތޮޅު އެޅޭނެ ޙާލަތެއް ނެތެވެ. އަމިއްލަ ނަފްސަށް އިމެއް ކަނޑައަޅައި އެއިމުގެ ތެރޭގައި ނަފްސު ތާށިކުރުމުގެ ބޭނުމަކީ ކޮބައިތޯ ، އިޙްސާން ސުއާލު ކުރިއެވެ.
" ތި ބުނަނީ ، އަހަރެން ގޮވައިގެން އިޙްސާންގެ ދިރިއުޅުމުގެ ދުވަސްތައް ކުރިޔަށް ގެންދާ ވާހަކަ ހެއްޔެވެ ؟ " ނޫރު ސުއާލު ކުރިއެވެ.
އެކަން އޮތީ ނޫރުގެ އަތްމަތީގައިކަމަށް އިޙްސާން ބުންޏެވެ. ނޫރު ބޭނުންކަމަށް ވަންޏާ ، އިޙްސާންގެ ދިރިއުޅުމުގައި ހުންނަންވީއެވެ. ދެގޮތަށްވެސް ނޫރުއަށް އިޚްތިޔާރު ލިބިފައި އެބަ އޮތެވެ. އިޙްސާން ބޭނުންވީ ، ނޫރު ބޭނުންގޮތެއް އިޚްތިޔާރު ކުރުމަށެވެ. އިޙްސާނާއެކު ދިރިއުޅެންޖެހޭ ގޭގެ ހަތަރުފާރު ވަރަށް ރީތިވެފައި ނަލައެވެ. އެކަމަކު ، ހަމަނޭވާ ލެވިގެން މިނިވަންކަމާއެކު އުޅެވޭނެ އުއްމީދެއް އެ ހަތަރުފާރުގެ ތެރޭގައި ނުވެއެވެ. އެއީ އިޙްސާންގެ ގޭގެ ހަތަރުފާރުތެރޭގައި ނެތް އެއްޗެކެވެ. ނޫރު އެ ހުންނަނީ ، އެގޭގެ ހަތަރުފާރުގެ އެތެރޭގައި ނޭވާހާސްވެފައެވެ. އެއީ ، އިޙްސާންގެ ޢަމަލުތަކުން ކުރިމަތިވި ޙާލަތެކެވެ. ދިރިއުޅުމުގައި ، ވިސްނުމާއި ފިކުރުގެ ބޭނުމެއް ނުކުރެވޭ ޙާލަތެއްގައި އެ ދިރިއުޅުން އެވަނީ މަރުވެފައެވެ. އެހުރިހާ ހުރަސްތަކެއްގެ މައްޗަށް ބިނާވެފައިވާ ގަނޑުވަރެއްގައި ، ދިރި ދުނިޔޭގައި އުޅުމަށޭ ކިޔާފައި އޭނާކުރާނީ ކީއްތޯ ، ނޫރު ސުއާލު ކުރިއެވެ. އެސުއާލަށް ، އިޙްސާންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބޭނެކަމަކަށް ނޫރު އުއްމީދެއް ނުކުރެއެވެ. އެހެންކަމުން ، ތެދުވެގެން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ނޫރު ތެދުވެގެން ދާން ފެށުމާއެކު ، ނޫރުއަށް ގޮވައިލައި އިޙްސާން ބުންޏެވެ.
" އެހެން ވީމާ ، ނޫރު ވަކިގޮތެއް ނިންމީދޯއެވެ ؟ "
ޝަރުތުތައް އިއްވީ އިޙްސާން އެވެ. ނޫރުއަށް ، އެ ދިރިއުޅުމުގައި އޮތް މިނިވަންކަމުގެ ހައްދުތައް ކިޔައިދިނީ އިޙްސާނެވެ. ގޮތް ނިންމީ ނޫރުއެއް ނޫނެވެ. ވަކިގޮތެއް ނިންމަން ނޫރުއަށް މަޖުބޫރުކޮށް ، އެހެން ގޮތެއް ނުދެއްކީ އިޙްސާނެވެ. އެކަމުގައި ނޫރުގެ ކުށަކީ ކޮބައިހެއްޔެވެ ؟ އިޙްސާނުގެ ވިސްނުމުގައި ، ނޫރުއާމެދު ކަންކުރަން ޚިޔާލުކޮށްފައި އޮތީ ކޮންގޮތަކަށްކަމެއްވެސް ނޫރުއަކަށް ނޭނގެއެވެ. އިޙްސާން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްތޯ ނޫރު ސުއާލު ކުރިއެވެ.
އިޙްސާން އައިސް ، ނޫރުގެ ކުރިމައްޗަށް ހުއްޓުނެވެ.
" ނޫރު ބޭނުންވަނީ ، އަހަރެންނާއެކު ދިރިއުޅުން ކުރިޔަށް ގެންދަން ހެއްޔެވެ ؟ ނުވަތަ ވަކިވާން ހެއްޔެވެ ؟ " އިޙްސާން ސުއާލު ކުރިއެވެ.
އަމީން އިޙްސާން ، އެންމެފަހުން ނޫރުއާ ބައްދަލުކުރުމަށް އެގެޔަށް އައީތީ ރައިދާ ޝުކުރު ކުރިއެވެ. އޭނާ އެއައީ އެންމެ ރަނގަޅު ވަގުތުގައެވެ. ނޫރުގެ ވިސްނުން އެހުރިގޮތް ، ރައިދާއަކަށް އެހާ ރަނގަޅެއްނޫނެވެ. ދެމީހުން ވާހަކަ ދައްކައިގެން ކޮންމެވެސް ހަމަޖެހޭ ރަނގަޅުމަގެއް ހޯދާނެއެވެ.
ހާރިސްވެސް ، ހުރީ ރައިދާއާ އެއްކޮޅަށެވެ. ނޫރުއަކީ ވަރަށް ބަސްނާހާ ، ވިސްނުންކޮށި މީހެއްކަމަށް ހާރިސްވެސް ބުންޏެވެ. މީހަކު ރަނގަޅަށް ދައްކާ ވާހަކައެއް ، އަދި ރަނގަޅަކަށް ކުރާކަމެއް ހެޔޮހިތުން ބަލައެއް ނުގަންނާނެއެވެ. އަބަދުވެސް ނޫރުގެ ގޮތަކީ އެއީއެވެ.
ކޮންމެވެސް ފަންޑިތައެއް ހަދާފައި ، ނޫރު ހައްލާލައިގެން ، އިޙްސާނާއެކީ އެގެޔަށް ނޫރު ފޮނުވައިލެވޭނެ މަގެއް ހޯދުމަށް ހާރިސް އަށް ރައިދާ ލަފާދިނެވެ. ނޫރު އެގެޔަށް ނުގޮއްސިނަމަ ، އެމީހުންނަށް ވަރަށް އުނދަގުލާ ކުރިމަތިލާން ޖެހޭނެއެވެ. ޖެހިގެންހުރި ގޭގެމީހުންނަށްވެސް އެއީ މުޞީބާތަކަށް ވާނެއެވެ. ޚާއްޞަކޮށް ތަހުނިޔާގެ ދެމަފިރިންނަށެވެ. ނޫރުގެ ފިރިމީހާގެ ގެޔަށް ފޮނުވައިލެވޭތޯ އެތައްގޮތަކަށް ، ހާރިސް މަސައްކަތް ކޮށްފިއެވެ. ނޫރުއަކީ ކުޑަކުއްޖެއްނޫނެވެ. ހާރިސް ދެއްކި އެއްވެސް ވާހަކައެއް ނޫރު އަޑެއް ނާހައެވެ. ގޮތްދޫނުކޮށް ، ނޫރުގެ ގޮތުގައި ހުރެ ، އިޙްސާންގެ ގެޔަށް ދާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ، ނަސީބަކުން ، އިޙްސާން އެގެޔަށް އަންނަ ހިތް ޖެއްސެވިކަން އެއީ ރަޙުމަތެކެވެ.
އިޙްސާންގެ ސުއާލަށް ޖަވާބު ދިނުމަށްޓަކައި ނޫރު ދެލޯ މަރައިލިއެވެ.
" އިޙްސާން ބޭނުންވަނީ ، ގޭގައި ބަންދުކޮށްފައިހުރި ބަންދުމީހެއްގެ ގޮތުގައި އެގޭގައި އިނދެ ، އިޙްސާންގެ ދަރިފުޅު ބަލަން ، އަހަރެން އެގެޔަށް ގެންދަންކަމަށް ވަންޏާ ، އަހަރެންނަށް މަޢާފު ކުރާށެވެ ! " ނޫރު ބުންޏެވެ.
ނޫރު ، އިތުރަށް ވިސްނައިލުމަށް އިޙްސާން އެދުނެވެ. ނޫރު މިހާރު އެހުރި މަޤާމުން ، އޭގެ މައްޗަށް ޤަދަރު އުފުލިގެންވާ ޢިއްޒަތާއި ޝަރަފްގެ މާމަތީ މަޤާމަކަށް ގެންދަން ބޭނުންވާކަމުގައި އިޙްސާން ބުންޏެވެ. އިޙްސާނާ އެކުގައި ހުރެގެން ނޫރުއަކަށް އެއްވެސް ގެއްލުމެއް ނެތެވެ. އޮތީ ހުސް ފައިދާއެވެ. ކޮށްލަންޖެހޭނީ ކުޑަ ހިތްވަރެކެވެ. އެއީ ނޫރުގެ ހިތާގުޅިފައި އޮތްކަމެއްކަމަށް ވިޔަސް ހިތުގައި އޮބި އަޅައިގެން ހިފަހައްޓައިލަނިކޮށް ހުރިހާކަމެއް ހަމަޖެހޭނެއެވެ. ރަމްޝާއާ ދިމާނުކުރުމަށް އިޙްސާން އެދުނެވެ. ދުވަސްކޮޅަކުން ، މީހަކާ އިނދެގެން ، ރަމްޝާ އެހެންގެޔަކަށް ހިނގައިދާނެއެވެ. އޭރަށް ، ނޫރުއަށް ރަމްޝާއާ ހަނގުރާމަކުރާކަށް ނުޖެހޭނެއެވެ. އެހިސާބުން ހުރިހާ އެއްޗެއް އޮންނާނީ ނޫރުއަށެވެ.
އަންހެނެއްގެ ކެތްތެރިކަމާއި މަޑުމައިތިރިކަން ، އެ އަންހެނާގެ ހަށިގަނޑުގައި ހުރީ ކިހާވަރަކަށްތޯބަލައި ތަޖުރިބާ ކޮށްލުމަށް ، ފިރިހެނުން ބޭނުންވާނެއެވެ. މިވަގުތަކީ ، ނޫރުއަށް އެ ފުރުސަތު ލިބި ، ނޫރު އިމްތިޙާނު ކުރެވޭ ވަގުތެވެ. ޤާބިލް ، ކެތްތެރި އަދި ޒަމާނަށްފެތޭ އަންހެނެއްކަން ސާބިތުކޮށްދިނުމުގެ ކުޅަދާނަކަން ، ނޫރުގެ ކިބައިގާ ހުންނާނެކަން އިޙްސާނަށް ޔަޤީން ކުރެވެއެވެ.
އޭނާގެ އަމިއްލަ ޙަޔާތާއި ، ފުރިހަމަ މިނިވަންކަން ވަރަށް މުހިންމުކަން ނޫރު ފާހަގަ ކުރިއެވެ. ނޫރުގެ ޝަޚުޞާއި އަދަބު އަޚުލާޤަށް ރިޢާޔަތްކޮށް ، ވަކިމިންގަނޑަކަށް ފެތޭގޮތަށް ، މީހަކު ސެޓްފިކެޓެއް ދޭކަށް ނުޖެހޭނެއެވެ.
" އަހަރެން އިޙްސާނާ އިނީ ، އަޚުލާޤީ ސެޓްފިކެޓެއް ހޯދާކަށް ނޫނެވެ. އިޙްސާނާ އަހަރެން ކައިވެނިކުރީ ، ކުރިމަގުގެ އުޖާލާކަމަށް އުއްމީދުކޮށްގެން ލަނޑުދަނޑިތަކެއް ޙާޞިލްކުރާ މީހެއްކަމަށް ފެނިގެންނެވެ. ދިރުންހުރި އުއްމީދެއްގައެވެ. އިޙްސާންގެ އަތުގައިވާ ފައިސާ އާއި މުދަލެއް އަހަރެން އޮޑިޓެއް ނުކުރަމެވެ. އެހެނަސް ، އެތަކެތި ގުނަގުނަޔަށް އިތުރުކުރުމުގެ އުއްމީދާއި ވިސްނުން އަހަރެންގައި ހުށްޓެވެ. އުނދަގުލުން ޙާޞިލްކުރެވޭ ތަކެތި ޙާޞިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލުމަކީ އަހަރެން ކުރާހިތްވާ ކަމެކެވެ. އެކަމަކު ، އިޙްސާން ބޭނުންވަނީ އަހަރެންގެ ފިޔަތައް ކޮށާލައި ކޮށްޓަކަށްލައި ބަންދުކޮށްފައި ބައިންދަން ހެއްޔެވެ ؟ އެހެން އެކަން ވެއްޖެނަމަ ، ފަހަރެއްގައި އަހަރެން މަރުވެދާނެއެވެ. " ނޫރު ބުންޏެވެ.
ނޫރު ބުނަންވީ އެއްޗެއް ބުނުމަށްފަހު ، އަނެއްކާވެސް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަދިވެސް ، ނޫރުއަށް ފުރުސަތު އެބައޮތްކަން ހަނދާންކޮށްދީ ، އެ ފުރުސަތު ނަގައިނުލުމަށް އިޙްސާން އެދުނެވެ.
" އަހަރެންނާއެކު ދިރިއުޅުން ކުރިޔަށް ގެންދިއުމުގައި ނޫރުގެ ތަޞައްވުރު ވިދަމުންދާނެއެވެ. އުހަށް އެރުމަށް ނޫރުއަށް ބޭނުންވާނެ ފްލައިޓަކީވެސް އެއީއެވެ. އަހަރެންނާ ގުޅުން ކަނޑާލައިފިނަމަ ، ފޫނުބެއްދޭވަރުގެ ބޮޑުގެއްލުމެއް ނޫރުއަށް ލިބޭނެއެވެ. އެކަމާ ރަނގަޅަށް ވިސްނައިލާށެވެ. " އިޙްސާން ބުންޏެވެ.
ނޫރު ، އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލައި އިޙްސާނާ ކުރިމަތިލައި ، އެގުޅުން އިތުރަށް ދަމަހައްޓަން ވެއްޖިއްޔާ އޭނާ ދުނިޔެއިން ގެއްލި ހަލާކުވެދާނެކަމަށް ބުންޏެވެ. އަދި އެތަނުން ހިނގައިގަތެވެ.
އަމީން އިޙްސާން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، އެގެއިން ނުކުމެގެންދާން ހިނގައިގަތެވެ. ގެއިން ނުކުންނަނިކޮށް ، ހާރިސްމެންނާ ދިމާވިއެވެ. އިޙްސާނަށް ގޮވަމުން ، ހާރިސް ބޭރަށް ނުކުތެވެ. އޭނާއަށް ހަދާފައިހުރި ސައިތަށި ބޯލައިގެން ދިއުމަށް އިޙްސާންގާތު ހާރިސް އެދުނެވެ. އެހެނަސް ، ދެވަނަ ފަހަރަށް އެގެޔަށް ވަންނާކަށް އިޙްސާން ބޭނުމެއްނޫނެވެ. ދައްކާ ވާހަކައިން ނަތީޖާއެއް ނުނެރެވޭ މާޙައުލެއްގައި ، އެއްޗެއްބޮއެ ، ކަރުތެންމައިގެން ކުރެވޭނެ ކަމެއް ނޯންނާނެކަމަށް އިޙްސާން ބުންޏެވެ. ނޫރުއަކީ މޮޔައެއްކަމަށްވެސް އިޙްސާން ބުންޏެވެ.
މޮޔައަކީ ، ނޫރުލްޢައިނުކަމަށާއި ، ދެންތިބި މީހުންނާއެކީ ، އިތުރަށް ވާހަކަ ދައްކާލަނިކޮށް ގޮތެއް ފެނިދާނެކަމަށް ހާރިސް ބުންޏެވެ. އަދި ގޭތެރެއަށް ވަނުމަށް އިޙްސާންގެ ކިބައިން އެދުނެވެ. އެހެނަސް ، އެކަމަށް އިޙްސާން ތައްޔާރެއްނޫނެވެ. ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރުމުގެ ޤާބިލްކަން ނޫރުގެ ކިބައިގާ ހުންނަންޖެހޭނެ ކަމަށާއި ، އެހެންނަމަވެސް ، ނޫރުގެ ކިބައިގާ އެ އާދަ ނެތްކަމަށް އިޙްސާން ބުންޏެވެ. ނޫރުގެ ވިސްނުމުގައި އޮތީ އެހެން ކަމެކެވެ.
" ތިހާބޮޑަށް އެކަމަށް ސަމާލުކަން ދެންޏާ ، ހާރިސްމެން އެންމެންގެ މެދުގައި އެންމެ ފުރަތަމަ ވާހަކަ ދައްކައިލާފައި ، ޙައްލެއް އޮތްކަމަށް ފެނިއްޖެނަމަ ، އަހަރެންނަށް އަންގައިލާށެވެ. އޭރަށް ، އިތުރަށް ވާހަކަ ދެއްކިދާނެއެވެ. އެހެންނޫނީ ، ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އަހަރެންގެ އަތުގައި ، ދުނިޔޭގައި ނެތްއެއްޗެއް ނެތެވެ. ވަގުތު ފިޔަވައެވެ. " އިޙްސާން ބުންޏެވެ.
ހާރިސްއަކަށް އިޙްސާނެއް ނުހުއްޓުވުނެވެ. އިޙްސާން ދިއުމާއެކީ ، ބާރުބާރަށްގޮސް ، ނޫރުގެ ކޮޓަރިއަށް ހާރިސް ވަނެވެ. ރުޅިއައިސް ރަތްވެފައި ހުރެ ނޫރުއާ ދިމާއަށް އެއްޗެތި ކިޔަން ފެށްޓިއެވެ.
އަމީން އިޙްސާން އަމިއްލަޔަށް އެއައީ ނޫރު ބަލައެވެ. އޭނާއާއެކީ ނޫރު ނުދާންވީ އެއްވެސް ސަބަބެއް ހާރިސްއަކަށް ނުވިސްނެއެވެ. އިޙްސާން އެއައީ ، އޭނާ ބަލައި ނޫންކަމަށް ނޫރު ބުންޏެވެ. އޭނާ އެއައީ ކަން ދައްކަން ވެގެންނެވެ. ކަން ދެއްކި ކަމުގައިވިޔަސް ، އެކަމުގައި ތަފާތަކީ ކޮބައިތޯ ހާރިސް ، ސުއާލު ކުރިއެވެ. ތިމާގެ އަމިއްލަ ދިރިއުޅުމާއި ކައިވެނި ސަލާމަތްކުރުމަށްޓަކައި ، އެވަރުގެ ޤުރުބާނީއެއްވެސް ނޫރުއަށް ނުވެވުނީ ، ކޮން ސަބަބަކާހުރެ ކަމެއް ހާރިސްއަކަށް ނުވިސްނެއެވެ. އެންމެ ދެރަވެގެން ، އިޙްސާނަކީ ނޫރުގެ ފިރިމީހާކަމަށް ، އިޙްސާން ޤަބޫލު ކުރެއެވެ. އަދި ، ދެމީހުންގެ ކައިވެނި ދެމެހެއްޓުމަށްޓަކައި އިޙްސާން އެވަނީ ދޮރުތަކެއް ހުޅުވައިދީފައެވެ. އިޙްސާނާއެކީ ދިރިއުޅެގެން ނޫރުއަށް ގެއްލުމެއް ނެތްކަން ހާރިސްއަށް ޔަޤީނެވެ. ހީވަނީ ، ނޫރުގެ ޒިންމާތަކުން ސަލާމަތް ނުވެވިގެން ހާރިސް އުޅޭ ހެންނެވެ. ނޫރުގެ ޙާލާމެދު ، ވިސްނާ ހަމައެކަކުވެސް ނެތެވެ. އަމީން އިޙްސާން ބޭނުންވާ ގޮތަކަށް ، އޭނާގެ ބޭނުންތައް ފުރިހަމަކުރުމަށްޓަކައި ، ޤުރުބާނީތަކެއްވުމުގައި ނޫރުގެ އޮތް މައްސަލައަކީ ކޮބައިހެއްޔެވެ ؟ ބަދަލުގައި އުފަލާއި އަރާމާ އަދި ފައިސާއާއި މުދާލިބުންނޫން އެހެންކަމެއް ނެތްކަމަށް ހާރިސް ބުނަމުން ގެންދިޔައެވެ.
އެއްވެސް ޙާލެއްގައި ނޫރު ، އެކަން ނުކުރާނެކަމަށް ކަނޑައެޅިގެން ބުންޏެވެ. އިޙްސާން މިއަދު އެއައީ ، ނޫރުއަށް ހެޔޮއެދިގެންނެއް ނޫނެވެ. އިޙްސާން އެއައީ ، މަކަރުވެރި ރޭވުމަކުން ، ނޫރުގެ ޢަބުރާއި ޢިއްޒަތް ދުއްވާލާފައި އެގެޔަށް ގެންދާށެވެ. އެކަން ބޭބެއަށް ނުވިސްނެނީ ކީއްވެގެންކަމެއް ނޫރުއަކަށް ނޭނގެއެވެ. ނޫރުގެ ގޮތް ދޫނުކުރުމާއި އެއަންނަ ރުޅިގަނޑުގެ ބަދަލު ، ހިތިގޮތަކަށް ނޫރުއަށް ލިބޭނެކަމަށް ހާރިސް ބުންޏެވެ.
ނޫރު މިއަދު ، އިޙްސާނާއެކު އެގެޔަށް ދިޔަނަމަ ، ނޫރުގެ ހުރިހާކަމެއް ބަރުބާދުވެގެންދާނެއެވެ. އިޙްސާންގެ ޝަރުތުތަކާ އެއްގޮތަށް ، އޭނާގެ މުޅިޢުމުރުގައި ހޯދިހާ ކާމިޔާބީއަކާއި ތަޖުރިބާ އާއި ހުނަރެއް ޤުރުބާން ކުރަން ޖެހޭނެއެވެ. އެއީ ، އެއްވެސް ޙާލެއްގައި ނޫރު ، ކުރާނެކަމެއްނޫނެވެ. އަމީން އިޙްސާނަކީ ، ނޫރުއަށް ހެޔޮއެދިގެން އޭނާގެ ޙަޔާތައް އައިމީހެއްނޫނެވެ. (ނުނިމޭ)
ވަރަށް ވަރަށްވެސް ރީތި
ޝުކުރަން
ދެން ޝާއިޢުކުރެވޭބައަކަށް އިންތިޒާރު ކުރަން ވަރަށް
ރީތި ވާހަކައެއް