ފަލްސަފާ (100)

( 23 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ބައްޕަޔާ ވާހަކަ ދައްކަން އިނދެފައި ، ފޯނެއްކޮށްލާށޭ ބުނެ ، ނޫރު އޭނާގެ ކޮޓަރިޔަށްވަދެ ، މިހާރު މާގިނައިރު ވެއްޖެއެވެ. ވަޞީމު އިނީ އެކަމާ ކަންބޮޑުވެފައެވެ. ނޫރުއަށް ނިދުނީކަމަށް ވަޞީމަށް ހީވިއެވެ. ނޫރުއަށް ގޮވައިލުމަށް ދާން ވަޞީމު ތެދުވިތަނާ ، ރައިދާ އޭނާ ހުށްޓުވިއެވެ. އެމީހުން އެއުޅެނީ ، ރޭގަނޑޫ ނުވެސް ކައެވެ. ކައިގެން ނޫނީ ނޫރުވެސް ނިދާކަށް ނޫޅޭނެއެވެ.

ނޫރުއަކީ ، ކުޑައިރުއްސުރެވެސް ، އަމިއްލަ ނަފުސަށް ނުވިސްނާ ކުއްޖެކެވެ. ހިތަށްއެރި ކޮންމެކަމެއްވެސް ކުރާނެއެވެ. ނުކައި ނިދާވެސް ފާނެއެވެ. ރައިދާގެ ބަސް ޤަބޫލުނުކޮށް ، ކާން ހަދާށޭ ބުނެ ، ނޫރުއަށް ގޮވުމަށްޓަކައި ، ވަޞީމު ތެދުވެގެން ދިޔައެވެ.

ނޫރު ކޮޓަރިޔަށް ދިޔައީ ، އިޙްސާންގެ ފޯނެއް އައިމައެވެ. ބައްޕަމެން ތިއްބާ ވާހަކަ ނުދެއްކޭނެތީއެވެ.

އިޙްސާން އެވަރަށް މަނާކުރީމަވެސް ، ހަވީރު ގެޔަށް ނައިސް ބައްޕަމެންގާތު ، ނޫރު މަޑުކުރީމަ ، އިޙްސާން ހުރީ ނައްޓާފައެވެ. އެކަމާ ހިތްހަމަނުޖެހިގެން ، ނޫރުއާ ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވަމުން ގެންދިޔައެވެ. އޭނާ ބައްޕަގާތު މަޑުކުރަންޖެހުނު ސަބަބު ސާފުކޮށްދިނުމަށް ނޫރު މަސައްކަތްކުރަމުން ގެންދިޔައެވެ. އެކަމާބެހޭގޮތުން ނޫރުދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އިޙްސާން ބޭނުމެއްނޫނެވެ. ބައްޕަގެ ޞިއްޙީ ޙާލަތު ރަނގަޅުނޫންކަމަށާއި ، ބައްޕަމެންގާތު ވަގުތުކޮޅެއް ހޭދަކޮށްލަން ކޮންމެހެން ބޭނުންވާތީ މަޑުކޮށްލީކަމަށް ނޫރު ބުންޏެވެ.

" ބައްޕަގާތު ވަގުތުކޮޅެއް ހޭދަކޮށްލަން ހެއްޔެވެ ؟ ނޫނީ އަވަށްޓެރިޔާގާތު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވީ ހެއްޔެވެ ؟ މިއަދު ، އޭނާއަށް އޮފީހުގައި ކުރިމަތިވި ކަންކަމުގެ ވާހަކަ ، ނޫރުއަށް ކިޔައިދީ ، ނޫރުގެ އެހީތެރިކަމާއި ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރާނެކަން ، އަހަރެންނަށް ޔަޤީނެވެ. " އިޙްސާން ބުންޏެވެ.

އަމީން އިޙްސާންގެ ވާހަކަތަކުން ނޫރުގާތަށްވެސް ރުޅިއައެވެ. އޭނާގެ ބޮލުގައި ، އިތުރަށް އެއްވެސް އިލްޒާމެއް އެޅުވުމަށް ޖާގަނުދޭނެކަމަށް ނޫރު ބުންޏެވެ. އެވަގުތު ، ވަޞީމު އައިސް ނޫރުގެ ކޮޓަރީގެ ދޮރާ ހަމަވިއެވެ. ނޫރު ދައްކަމުންގެންދިޔަ ވާހަކަތައް ވަޞީމަށް ރީތިކޮށް އިވެއެވެ.

ނޫރުއާއި މުރުތަޟާއާ އެއްވެސް ގުޅުމެއްނެތްކަމަށް ނޫރު ބުނަމުން ގެންދިޔައެވެ. އެކަން ، އިޙްސާނަކަށް ޤަބޫލެއް ނުކުރެވެއެވެ. އިޙްސާން މަނާކުރީމަވެސް ، ބައްޕަޔާ ބައްދަލުކުރާށޭ ކިޔާފަ ، ނޫރު އެދިޔައީ މުރުތަޟާއާ ބައްދަލުކުރަންކަމުގައި އިޙްސާން ބުންޏެވެ. އޭނާއަކީ ނޫރު އެހީކުރާ ކަހަލަ މޮޔައެއް ނޫންކަމަށާއި ، ނޫރުއުޅޭ ހުރިހާ ގޮތަކާއި ވިސްނުމާއި ފިކުރު ހުރިގޮތް އިޙްސާނަށް މިހާރު ސާފުވެއްޖެކަމަށް ބުންޏެވެ.

އިޙްސާން ބޭނުންވަނީ ކޮންކަމެއްތޯ ނޫރު ސުއާލު ކުރިއެވެ. އިޙްސާން ބޭނުންވަނީ ގެޔަށް ދާން ނޫންހޭ ބުނެ ، ގެޔަށް ނުދާނެކަމަށް ނޫރު ބުނަމުން ގެންދިޔައެވެ. ނޫރުގެ ފަރާތުން ، އިތުރު އެއްވެސްކަމެއް ، އިޙްސާން މިހާރު ބޭނުމެއްނޫނެވެ. އިތުރު އަމުރެއްވެސް ނުކުރާނެއެވެ. އިތުރު ވާހަކައެއްވެސް ނުދައްކާނެއެވެ. އެކަމާގުޅިގެން ، ދެންދިމާވާ ކަންކަމުގެ ޒިންމާ އުފުއްލަންޖެހޭނީ ނޫރުކަމަށް ، އިޙްސާން ބުންޏެވެ. ހަމަޖެހިލައިގެން އޭނާގެ ވާހަކަވެސް އަޑުއަހައިލުމަށް ނޫރުބުނަމުން ގެންދަނިކޮށް ، އިޙްސާން ފޯނު ކަނޑައިލިއެވެ. ނޫރުވެސް ލެޕްޓޮޕްގައި އަތުންޖަހައި ލައްޕައިލިއެވެ.

އެވަގުތު ، ދޮރުކައިރިޔަށް މީހަކު ވެއްޓުނުއަޑު އިވުމުން ، ސިއްސައިގެންގޮސް ނޫރުއަށް ބަލައިލެވުނު އިރު ، ދޮރުމައްޗަށް ވެއްޓިފައި އެއޮތީ އޭނާގެ ބައްޕައެވެ. ވަޞީމަށް އިވުނު އަޑުތަކަށް ކެތްނުވެގެން ، ހިތަށް އަސަރުކޮށްގެން އަނބުރައިގަތީއެވެ. ދުވެފައިގޮސް ، ނޫރު އޭނާގެ ބައްޕަ ކޮޅަށް ނެގިއެވެ. އަދި ، ބޭބެއާއި ފަހަރިޔަށް އަޑުގެ ނެތްތަނަށް ގޮވަމުން ގެންދިޔައެވެ. ހާރިސް އާއި ރައިދާ އައިސް ، ތިންމީހުންވެގެން ވަޞީމު ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ކުޑައިރުކޮޅެއްފަހުން ، ކުއްލިފަރުވާދޭ ކޮޓަރިން ނުކުތް ޑޮކްޓަރ އެދިން ޚަބަރަކީ ، ނޫރުއާއި ހާރިސްއަށް އަޑުއަހަން ކުޅަދާނަ ވާހަކައެއް ނޫނެވެ. ވަޞީމު ހޮސްޕިޓަލަށް ގެނެވުނުލެއް ތަންކޮޅެއް ލަސްވީއެވެ. ވަޞީމު ، މިދުނިޔެދޫކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރީއެވެ.

 

ބަދިގެތެރޭގައި ތަށިތައް ދޮވުމުގެ މަސައްކަތުގައި ޠާހިރާ އުޅެނިކޮށް ، ތަހުނިޔާ އައިސް ވަދެ ޠާޙިރާއަށް އެހީތެރިވުމަށް އުޅުމުން ، އެކަން ޠާހިރާ މަނާކުރިއެވެ. އޭރު ހުރިހާ ތަށިތަކެއް ދޮވެ ނިމެނީއެވެ. ތަހުނިޔާ ބަދިގެތެރެއިން ނުކުމެގެން ދަނިކޮށް ޠާހިރާ ގޮވައިލިއެވެ. އަދި ، އެއްޗެއް ހީނުކުރާނެކަމަށް ވަންޏާ ވާހަކައެއް އަހައިލަންތޯ ސުއާލު ކުރިއެވެ. ޠާހިރާއަކީ އޭނާގެ ދައްތައެއްފަދަ މީހެއްކަމަށާއި ، ޠާޙިރާ ބުނާ އެއްވެސް އެއްޗަކުން އޭނާ ހިތްބަރު ނުކުރާނެކަމަށް ތަހުނިޔާ ބުންޏެވެ. ތަހުނިޔާއާއި މުރުތަޟާއާ މެދުގައި އުފެދުނު މައްސަލަ މިހާރު ޙައްލު ކުރެވިއްޖެތޯ ޠާހިރާ ސުއާލު ކުރިއެވެ.

" ތެދުތެދަށް ބުނާކަމަށް ވަންޏާ ، ޚުދު އަހަރެންނަށްވެސް އެކަމެއް އަދި ނޭނގެއެވެ. އެކަމަކު ، މުރުތަޟާއަކީ ، ވަރަށް މާތް ، ރަނގަޅު އިންސާނެކެވެ. އަހަރެންނަށް ހީވާގޮތުގައި ، މުރުތަޟާގެ ހިތާހަމަޔަށް ވާޞިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ އޮޅުންބޮޅުން ބޮޑު އުނދަގޫ މަސައްކަތެކެވެ. ފަހަރެއްގައި އެއީ ، އަހަރެންނަށް ކުރެވިދާނެކަމަކަށް ނުވެވެސް ހިނގައިދާނެއެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ވާހަކަ ޤަބޫލުކުރަން ޠާހިރާއަށް އުނދަގޫވިއެވެ. އޭނާގެ ކޮއްކޮއަކީ ، އެކަހަލަ މީހެއްނޫންކަން ސާފުކޮށްދިނުމަށް ޠާހިރާ މަސައްކަތް ކުރިއެވެ. އެއީ ، މީހުންދެކެ ވަރަށް ލޯބިވާ އިންސާނެކެވެ. މީހުންނަށް އަޅާލައި އޯގާތެރިވުމުގެ މިސާލެކެވެ. އޭނާގެ ކޮއްކޮއަކީ ކާކުކަން ، ޠާހިރާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމުގެ ޖަވާބު ދޭނީ ވަގުތު ކަމުގައިބުނެ ، އެވާހަކަ ތަހުނިޔާ ކުރުކޮށްލިއެވެ.

އެގެޔަށް މިފަހަރު އައުމުގެކުރިން ، ތަހުނިޔާވަނީ މުރުތަޟާއަށް އެއް ޝަރުތެއް ހުށަހަޅާފައެވެ. އެއީ ، މުރުތަޟާއާއި ތަހުނިޔާއާ ދެމަފިރިންގެ ދެމެދަށް ، ނުރުލްޢައިނު ވަދެގެން ނުވާނެކަމެވެ. މުރުތަޟާއާއި ތަހުނިޔާއާ ދެމަފިރިންގެ މެދުގައި އުފެދޭ ހުރިހާ މައްސަލަތަކަކާއި ، ހިތްހަމަނުޖެހުންތަކުގެ އަސްލަކީ ނޫރުލްޢައިނެވެ.

ޠާހިރާއާއި ތަހުނިޔާއަށް ގޮވަމުން ، ޙަފުޞާ ރޮމުންރޮމުން ކޮޓަރިން ނުކުތެވެ. ތަހުނިޔާވެސް އަދި ޠާހިރާވެސް ކަންބޮޑުވެފައި ތިބެ ޙަފުޞާގާތަށް ގޮސް ، ވީކީއްތޯ ސުއާލު ކުރިއެވެ.

ވަޞީމު ނިޔާވި ޚަބަރު ޙަފުޞާ ދިނެވެ. ވަޞީމަކީ ، ޙަފުޞާމެންގެ ދުރުތާ ތިމާގެ ބޭބެއެކެވެ. މުރުތަޟާއަށްވެސް އެޚަބަރު ދިނުމަށް ޙަފުޞާ އެދުނެވެ.

ބައްޕަ ނިޔާވުމާގުޅިގެން ނޫރުއަށް ލިބުނު ހިތާމަތައް އިންތިހާއަށް ދިޔައެވެ. ކޮޓަރި ތަޅުލައިގެން ބޭރަކަށް ނުނިކުމެއެވެ. އެއްޗެއް ކައިބޮއެ ހެދުމެއް ނެތެވެ. ހާރިސް އާއި ރައިދާއަށް ، ނޫރުގެ އެޙާލަތަށް ކެތްކުރެވޭވަރެއްނޫނެވެ. އެމީހުން އެންމެ ކަންބޮޑުވި އެއްކަމަކީ ، ނުރުގެ ފިރިމީހާގެ ފަރާތުން ހަމައެކަކުވެސް ، ނޫރުމެންގެ ހިތާމައިގާ ބައިވެރިވުމަށް ނައުމެވެ. އެންމެ ދެރަވެގެން ، ނޫރުގެ ފިރިމީހާ ، އަމީން އިޙްސާންވެސް ނާދެއެވެ. އޭނާހުރީވެސް ޕާކިސްތާނުގައެވެ. އެމެރިކާއަކު ނޫނެވެ. އެއީ ، ކޮންކަހަލަ އިންސާނެއް ހެއްޔެވެ ؟ ކިތަންމެ މުއްސަނދި މަހުޖަނަކަސް ، އަނބިމީހާގެ ބައްޕަ ނިޔާވުމުން އެކަމުގެ ހިތާމައިގާ ބައިވެރިވާން ޖެހޭނެއެވެ. އެއީ ، އަމީން އިޙްސާނަށްވެސް އަންނާނެ ދުވަހެކެވެ.

ނޫރުއާއި އަމީން އިޙްސާނާ ދެމެދު ، ކޮންމެވެސް މައްސަލަތަކެއް އެބައުޅޭކަމަށް ހާރިސްއަށްވެސް އަދި ރައިދާއަށްވެސް ޝައްކުވިއެވެ. ނޫރުގެ ހިތާމައިގެ އަސްލަކީ ހަމައެކަނި ބައްޕަ ނިޔާވުން އެކަންޏެއްނޫނެވެ. ނޫރުގެ ދިރިއުޅުމުގެ އެހެން ޙާލަތްތަކެއް އޭނާގެ ހިތަށް އެބަ އުނދަގޫ ކުރެއެވެ. އެވާހަކަ އެއްވެސްމީހަކާ ޙިއްޞާކުރާކަށް ނޫރު ބޭނުމެއްނޫނެވެ.

ހާރިސްމެންނަށް ކަރާޗީގައި އެހާގިނަދުވަހު ތިބެވޭކަށްނެތެވެ. ވަޒީފާ ބަދަލުވުމާގުޅިގެން ، ވީ އެންމެ އަވަހަކަށް އިސްލާމްއާބާދަށް ދާން އެބަޖެހެއެވެ. ކުޑަދުވަސްކޮޅެއް އެ ލިބުނީވެސް ބައްޕަ ނިޔާވުމާގުޅިގެންނެވެ. އެ ވާހަކަ ނޫރުގާތު ބުނާނެގޮތެއް ހާރިސްއަކަށް ނުވިސްނެއެވެ. ހާރިސްއަށް ވެގެންވިއްޔާ އެމީހުންދާއިރު ، ނޫރުވެސް އިސްލާމްއާބާދަށް ގެންދަން ބޭނުމެވެ.

 

އަމީން އިޙްސާން ބުނި ރިޕޯޓް ނިންމައި އީމެއިލް ކުރުމަށްފަހު ، އޭގެ ޕްރިންޓްއައުޓެއް ހިފައިގެންގޮސް ، މުރުތަޟާ ، އިޙްސާނާ އެރިޕޯޓް ޙަވާލުކުރިއެވެ. އެކުންފުނީގެ އެއްވެސްކަމަކާ މިހާރު ، ނޫރުއަކާ ބެހުމެއް ނެތްއިރު ،  އަމީން އިޙްސާނަށް ރިޕޯޓް މެއިލްކުރިއިރު ، ނޫރުއަށް އެ އީމެއިލް ކޮޕީކޮށްފައި އޮތްކަން ، އިޙްސާން ފާހަގަ ކުރިއެވެ.

މުރުތަޟާގެ ވިސްނުން އެކަމުގައި ތަފާތެވެ. އަމީން އިޙްސާންގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ނޫރުގެ އެއްވެސް ރޯލެއް ނެތެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. އެހެނަސް ، ނޫރުގެ ޒާތީ އަމިއްލަ ޙަޔާތުގައި ، އިޙްސާންއާ ގުޅުން އެބައޮތްކަން މުރުތަޟާ ހަނދާން ކޮށްދިނެވެ. ނޫރުގެ ބައްޕަ ނިޔާވުމުން ، އެންމެ ދެރަވެގެން އެއިންސާނާގެ ޖަނާޒާގައިވެސް އިޙްސާން ބައިވެރިވެއެއް ނުވެއެވެ. އިންސާނިއްޔަތުކަމުގެ އެއްވެސް މިންވަރެއް އިޙްސާންގެ ކިބައިން ފެނިފައެއް ނެތެވެ. ނޫރުއަށް އެ ލިބުނު ހިތާމައިގާ ، ފިރިމީހާގެ ހަމްދަރުދީއާއި ތަޢުޒިޔާ ، ނޫރުއަށް ޙައްޤެއްނޫންތޯ މުރުތަޟާ ސުއާލުކުރިއެވެ.

މުރުތަޟާއަކީ ، އޭނާއާ އެހުރިހާ ވާހަކައެއް ދައްކަން ކާކުތޯ އިޙްސާން ސުއާލުކުރިއެވެ. އެއީ ނޫރުލްޢައިނުއާއި އޭނާއާ ގުޅިފައި އޮތް ކަމެކެވެ. އިތުރުމީހަކަށް އެއިންކަމަކާ ބަހެއް ބުނުމުގެ ޙައްޤު ، އިޙްސާނެއް ނުދެއެވެ. އަމްދުން ، މުރުތަޟާއަކީ ، އެވާހަކަ ދެއްކުމުގެ ހުއްދަ  ، އިޙްސާން އެއްގޮތަކަށްވެސް ދޭނެމީހެއްނޫނެވެ.

މުރުތަޟާ އެކުރި ސުއާލުތައް އިޙްސާނާކުރަންޖެހޭނީ ނޫރުލްޢައިނުކަމުގައި އިޙްސާން ބުންޏެވެ. ނޫރުލްޢައިނުގެ ބައްޕަ ނިޔާވި ވާހަކަ ، އިޙްސާންގާތުގައި ، ނޫރުއެއް ނުބުނެއެވެ. ވައިޖެހޭ ދިމާ ދެނެގަތުމުގައި ، އިތުރު ގޯހެއް ހަދަން އޭނާ ބޭނުންނުވާކަމަށް އިޙްސާން ބުންޏެވެ. ގޯހެއް ހަދާފައި އެހެދުނީ ގޯހެއްކަމަށް އަމީން އިޙްސާނަށް ޤަބޫލު ނުކުރެވޭކަމަށް މުރުތަޟާ ބުންޏެވެ. ޙަޤީޤަތަކީ އެއީއެވެ. މުރުތަޟާގެ އެވާހަކައިން އިޙްސާންގާތަށް ރުޅިއައެވެ. އަދި ، މުރުތަޟާއަށް ،  އޭނާ ހުންނަންޖެހޭ ރޮނގު ހުރަސް ކުރެވެނީކަން ހަނދާން ކޮށްދިނެވެ.

އިޙްސާން ބޭނުމިއްޔާ ބޭނުންއިރަކު ، އޭނާ ވަޒީފާއިން ވަކިކުރަންވީ ކަމުގައި މުރުތަޟާ ބުންޏެވެ. އެއީ ، އޭނާއަށް އެއްވެސް މައްސަލައެއް ނޫނެވެ.

" ތިއީ އެންމެންނަށްވެސް އެނގޭ ކަމެއްނޫން ހެއްޔެވެ. އޮފީހުގައި ނޫރުލްޢައިނު ނޫޅެންޏާ ، މުރުތަޟާވެސް އުޅޭކަށް ބޭނުމެއްނުވާނެތާއެވެ. " އަމީން އިޙްސާން ބުންޏެވެ.

އަނެއްކާވެސް ، އަމީން އިޙްސާންގެ ވިސްނުން ގޯސްކަމަށް މުރުތަޟާ ބުންޏެވެ. އިޙްސާނާއި ނޫރުއާ ދެމެދަށް މުރުތަޟާއޭ ކިޔާމީހަކު ނުވަންނަކަމަށް މުރުތާޟާ ބުންޏެވެ. ދިމާވެގެން އުޅޭ މައްސަލަޔަކީ ، އަމީން އިޙްސާންގެ ވިސްނުމެވެ. އޭނާގެ އިޙްސާންތެރިކަމެއް ނެތުމެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތުމެވެ. ނޫރުލްޢައިނުގެ މުސްތަޤްބަލްގެ ފާގަތިކަމަށްޓަކައި ، މުރުތަޟާ އެހުރީ ، އޭނާގެ ވަޒީފާއިން ވަކިވުމަށް ތައްޔާރަށެވެ. އެކަން މުރުތަޟާކުރާނީ އުފަލާއެކުގައެވެ. އެހެނަސް ، މުރުތަޟާގެ އެދުމެއް އެބައޮތެވެ. އެއީ ، އަމީން އިޙްސާން ، ނޫރުލްޢައިނު ވަރި ނުކުރުމެވެ. އިޙްސާން ފިޔަވައި އެހެން އިތުރުމީހަކު ، ނޫރުލްޢައިނުގެ ޙަޔާތުގައެއް ނެތެވެ. ނޫރުލްޢައިނުގެ ޙަޔާތުގައިވަނީ އަމީން އިޙްސާން އެކަންޏެވެ.

ނޫރުލްޢައިނުގެ ޙަޔާތުގައިވަނީ މުރުތަޟާކަމަށް ، އިޙްސާން ބުންޏެވެ. އެއީ ދޮގެއްތޯ އިޙްސާން ސުއާލު ކުރިއެވެ. މުރުތަޟާ އަށް އަނގަހިމޭނުންލައިގެންނެއް ނުހުރެވުނެވެ. އޭނާގެނެސް ، އޭނާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ އެއްވެސް ޙައްޤެއް ، އަމީން އިޙްސާނަށް ލިބިގެންނުވާކަމަށް މުރުތަޟާ ބުންޏެވެ. އަމީން އިޙްސާންފަދަ އިޙްސާންތެރިކަމެއްނެތް ، ވިސްނުންކޮށި އިންސާނެއްގެ ވަޒީފާގައި ހުންނަން ބޭނުންނުވާކަމަށް މުރުތަޟާ ބުންޏެވެ. މިއަދުންމިއަދަށް  ، މުރުތަޟާ އިސްތިޢުފާދޭން ނިންމިއެވެ.

މުރުތަޟާ އިސްތިޢުފާދީފިނަމަ ، ކުންފުންޏަށް ދައްކަން އެގްރީމެންޓްގައި އޮތް ޢަދަދު ކިޔަން އެނގޭތޯ ، އިޙްސާން ސުއާލުކުރިއެވެ. ފައިސާއަކީ ، މުރުތަޟާއަށް މައްސަލައެއްނޫނެވެ. އޭނާގެ އަބުރާއި ޢިއްޒަތުއްނަފުސަށް އިޙްތިރާމް ނުކުރެވޭ ތަނެއްގައި މަސައްކަތްކުރުމަށް ، މުރުތަޟާ ބޭނުމެއް ނުވެއެވެ. އަދިވެސް އިތުރަށް ، އެގްރީމެންޓްގައި އޮތް ޢަދަދު ކިޔަން އެނގޭތޯ ބަލައިލާށޭ ބުނެ ، އިޙްސާން މަލާމާތް ކުރިއެވެ. އެ ޢަދަދު ބަލައިލާފަ ، އެންމެން ކުށްވެރިކުރަން ތައްޔާރުވާން އިޙްސާން އެދުނެވެ. މުރުތަޟާއަށް ނޫރުވެސް ކުށްވެރި ކުރެވޭނެއެވެ. ސަބަބަކީ ، މުރުތަޟާ ވަޒީފާ ދޫކޮށްލައިފިނަމަ އެހާ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭގޮތަށް ، އެގްރީމެންޓްގައި ލިޔެފައި އެއޮތީ ޚުދު ، ނޫރުއެވެ. އެހާ ބޮޑު ޢަދަދެއްގެ ޖޫރިމަނާއެއް ދައްކާގޮތަށް ، އެ އެއްބަސްވުމުގައި ނޫރު ލިޔެފައި އެއޮތީ ވަކި މަޤްޞަދެއްގައެވެ. އެ މަޤްޞަދު މުރުތަޟާއަށް އެނގޭތޯ ، އިޙްސާން ސުއާލުކުރިއެވެ. އެއީ ، ނޫރުލްޢައިނުގެ ކުންފުނިން ވަކިވުމާމެދު ، މުރުތަޟާ ޚިޔާލުކޮށްލަންވެސް ފުރުސަތެއް ނުދިނުމުގެ ބޭނުމުގައެވެ. މުރުތަޟާ ގޮސް އަދިވެސް އެއްފަހަރު ، ވަޒީފާގެ އެއްބަސްވުން ކިޔައިލުމަށް އިޙްސާން ބުންޏެވެ. ހިތްވަރެއް ހުރިއްޔާ އިސްތިޢުފާދޭންވީއެވެ. އިޙްސާންގެ އެއްވެސް މައްސަލައެއް ނެތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.