ފަލްސަފާ (99)

( 20  ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ބައްޕަޔާ ބައްދަލުކޮށްލުމަށް ނޫރުއައުމުން ، އޭނާގެ ބައްޕަ ވަޞީމް ހުރީ ވަރަށް އުފާވެފައެވެ. ނޫރު ފެނުމާއެކު ، ވަޞީމަށް ދެއްކުނީ ނޫރުއެހާ ހިތްހަމަ ޖެހޭކަހަލަ ވާހަކަތަކެއްނޫނެވެ. ނޫރު ލޮލަށް ނުފެނި މަރުވެދާނެތީ ވަޞީމް ހުންނަނީ ކަންބޮޑުވެފައެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ނޫރު ބުންޏެވެ. ރައިދާ ބުނިގޮތުގައި މިފަހަކަށް އައިސް ބައްޕަ ހުންނަނީ ވަރަށް ޖަޒުބާތީ ވެފައެވެ. ޚާއްޞަކޮށް ، ނޫރުގެ ވާހަކަ ދެކެވޭ އިރެއްގައި ބައްޕަ ވަރަށް ދެރަ ވެއެވެ. ކައިރީގައި ނޫރު ފެންނަން ނެތީމާ ކަމަށް ވެދާނެއެވެ. ބައްޕަ އެހާބޮޑަށް ނޫރުއަށް ބޭނުންވާއިރު ، އެރޭ ގޭގައި މަޑުކޮށްލުމަށް ރައިދާ ، ނޫރުގެ ކިބައިން އެދުނެވެ.

ނޫރުއަކީ މިހާރު ވަރަށް ޒިންމާދާރު މީހެކެވެ. ބަލަހައްޓަންޖެހޭ ގެޔެއް އެބަހުށްޓެވެ. އޮފީހެއް އެބަ ހިންގައެވެ. ފިރިމީހާއަށް ޚިދުމަތްކުރަން ޖެހެއެވެ. އެކަހަލަ ވާހަކައެއް ދެއްކުމުގެ ކުރިން ، ނޫރުއަށް ހުސްވަގުތުކޮޅެއް އެބައޮތްތޯ އަހައިލަން ޖެހޭނެކަމަށް ވަޞީމު ބުންޏެވެ. ވަޞީމް އެހެން ބުނުމާއެކު ، ނޫރުގެ ކުރިމަތީ ނިއުޅިގެން އެދިޔައީ ، އޭނާގެ މުއްސަނދި ފިރިމީހާ ، އޭނާއާ ދިމާއަށް ގޮވި އެއްޗިއްސާއި އޭނާ ވައްޓާލާފައިވާ ދަރަޖައެވެ. އެކަން ހަނދާން ނައްތާލާފައި ، އެރޭ އެގޭގައި މަޑުކޮށްލައި ބައްޕަމެންނާއެކީ ހުންނާނެކަމަށް ނޫރު ބުންޏެވެ. ވަޞީމަށް އެއީ އެހާ ފަސޭހައިން ޤަބޫލުކުރެވުނު ކަމެއްނޫނެވެ. އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ނޫރުއަށް ކިޔައިދިނެވެ.

" ދަރިފުޅާއެވެ ! ދިރިއުޅުމުގެ ކާމިޔާބީއަކީ ، ވަރަށް އުނދަގުލުން ޙާޞިލްވާ އެއްޗެކެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށް ކުރާ މަސައްކަތުގައި ، ލޯބިވާމީހުންނާ ވަކިވެ ، ދުރުގައި ހުންނަން ޖެހިދާނެއެވެ. ބައްދަލުނުވެ ގިނަދުވަސް ވެދާނެއެވެ. އެމީހުންގެ ޚަބަރެއް ދަބަރެއް ނުވިޔަސް ، އެންމެ ރަނގަޅުވެސް ވެދާނެއެވެ. ދަރިފުޅަކީ ވަރަށް ކެތްތެރި ، ހިތްވަރުގަދަ އިންސާނަކަށް ވާން ޖެހޭނެއެވެ. " ވަޞީމު ބުންޏެވެ.

ނޫރުގެ ދެބަފައިން ވަރަށްގިނައިރުވަންދެން ވާހަކަ ދައްކަން ތިއްބެވެ. އެމީހުން ތިބިތަނުން ތެދުވީ ، ރޭގަނޑު ކާންހަދާފައި ރައިދާ ގޮވީމައެވެ.

 

ހެނދުނު އޮފީހަށްދިޔަތަނުން ، އަމީން އިޙްސާން ބުނެގެން ، މުރުތަޟާ ، އިޙްސާންގެ ކެބިންއަށް ދިޔައެވެ. މުރުތަޟާ ވަދެ ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ، އެދުވަހުގެ ހެނދުނަށް ތައްޔާރުކުރުމަށް ، މުރުތަޟާއަށް އަންގާފައިވާ ރިޕޯޓާ ބެހޭގޮތުން އިޙްސާން ސުއާލު ކުރިއެވެ.  ރިޕޯޓް މިހާރު ހަމަ ނިމެނީކަމަށް ބުނެ ، ކުރިމަތީގައިހުރި ގޮނޑީގައި އިށީނުމަށް މުރުތަޟާ ގުދުވެލިއެވެ. އެހެނަސް ، މުރުތަޟާ އިށީންނަން ނުބުނާކަމަށް ބުނެ ، އިޙްސާން އޭނާ ހުއްޓުވިއެވެ.

އިޙްސާން އޭނާއާ ދޭތެރޭ ޢަމަލްކުރަމުން އެގެންދާ ގޮތުގެ ސަބަބު ސާފުކޮށްދިނުމަށް މުރުތަޟާ އެދުނެވެ. އިޙްސާން ބުނި ރިޕޯޓް ނުގެނެސްދިނަސް ، އެރިޕޯޓް އެއޮތީ ނިމިފައެވެ. އޭނާ އޮފީހަށް އައިސް އެވަނީ ، ހަމަ ދެންމެއެވެ. ކުރިންވެސް ، އޭނާއާ ކުންފުނިން ޙަވާލުކުރި ކޮންމެ މަސައްކަތެއް އޮތީ ގަޑިޔަށް ނިންމާފައެވެ. ރޭގަނޑު ގެޔަށްނުގޮސް ، އޮފީހުގައި ވަގުތު ހޭދަކޮށް ، ކޮންމެ މަސައްކަތެއްވެސް އޮތީ ، ވަގުތުން ނިންމާފައެވެ. އޭނާދެކެ ، އިޙްސާން އެހާ ރުޅިއަންނަންޖެހޭ ސަބަބަކީ ކޮބައިތޯ ، މުރުތަޟާ ސުއާލު ކުރިއެވެ.

މުރުތަޟާދެކެ އިޙްސާން ރުޅިއަންނަންޖެހޭ ސަބަބު ، އެންމެ ރަނގަޅަށް އެނގޭނީ މުރުތަޟާއަށްކަމުގައި އިޙްސާން ބުންޏެވެ. އެހެންކަމަށް ވަންޏާ ، އޭނާގެ މައްޗަށް އޮތް ޙުކުމަކީ ކޮބައިތޯ ، މުރުތަޟާ ސުއާލު ކުރިއެވެ.

" މުރުތަޟާއަށް ކަނޑައެޅިފައިވާ ޙުދޫދުގެ ތެރޭގައި ހުންނާށެވެ ! އަމިއްލަ ޙައިޞިއްޔަތު ދެނެގަނެ ، މާބޮޑުވެގެން ، ފެންމައްޗަށް އަރައިގެން ނޫޅޭށެވެ ! އެހެން ނޫންކަމަށްވަންޏާ ، މިކުންފުނީގައި ކީއްކުރަން ހެއްޔެވެ ؟ ކަރާޗީގައިވެސް ، މުރުތަޟާ ދިރިއުޅުނަކަ ނުދޭނަމެވެ. ނޫރުލްޢައިނުއަކީ ، އެއްޒަމާނެއްގައި މުރުތަޟާއާ ކައިވެނި ކުރެވެން އުޅުނު އަންހެންކުއްޖެއްކަން ހަނދާން ނައްތައިލާށެވެ ! ނޫރުލްޢައިނަކީ ، މުރުތަޟާގެ ސާހިބުމީހާގެ އަންހެނުންކަން ، އަބަދުވެސް ހަނދާން ބަހައްޓާށެވެ ! " އިޙްސާން ބުންޏެވެ.

އިޙްސާން ދައްކަމުންގެންދިޔަ ، ތާކުންތާކު ނުޖެހޭ ވާހަކަތައް އަޑުއަހަން ، މުރުތަޟާހުރީ ޙައިރާން ވެފައެވެ. އަމީން އިޙްސާނަށް ދޮގު މަޢުލޫމާތުދީ ، މުރުތަޟާއާއި ނޫރުލްޢައިނުގެ ނުބައި ތަޞައްވުރެއް ދެއްކީ ކާކުކަމެއް ، މުރުތަޟާއަކަށް ނޭނގެއެވެ. މުރުތަޟާއަށް އެނގޭހާވެސް އެއްޗަކީ ، މިސިޒް އަމީން އިޙްސާނަކީ ، އޭނާގެ ކުރިމަތީގައި ، ވަރަށް ޤަދަރުވެރި ، އިޙްތިރާމް ލިބިގެންވާ ޝަޚުޞެއްކަމެވެ.

އިޙްސާން އޭނާގެ ވާހަކަ ބުނެ އިއްވައިފިކަމަށް ބުންޏެވެ. އިތުރަށް އޭނާއަށް ސާފުކޮށްދޭންޖެހޭ އެއްޗެއް ނެތެވެ. ނިންމާފަ އޮތް ރިޕޯޓް އޭނާގެ މޭޒުމައްޗަށް ގެނެސްދިނުމަށް އިޙްސާން ބުނީ ، ރުޅިވެރިކަމާއެކު ، ދަތްކުނޑި ވިކައިގެން ހުރެއެވެ. އޭނާގެ ކުންފުނީގައި ، މުރުތަޟާގެ މަޤާމް ދެމިއޮތުން ބިނާވެފައި އޮންނާނީ އެރިޕޯޓްގެ މައްޗަށްކަމުގައި ، އިޙްސާން ބުންޏެވެ. ވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ، މުރުތަޟާގެ މުސާރަ ދެގުނަޔަށް ބޮޑުވީ ، ކޮން މަސައްކަތެއް މުރުތަޟާއަށް ކުރެވިގެންކަން އެނގެން ، އިޙްސާންވެސް ބޭނުންވިއެވެ. އެވަރުގެ ބޮޑުކަމެއް މުރުތަޟާ ޙާޞިލްކުރީ ކޮންފަނޑިތައެއް ހަދައިގެންކަން އެނގެން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އިޙްސާންގެ މަލާމާތަށް ރައްދު ދިނުމަކީ ، މުރުތަޟާ ބޭނުންވި ކަމެއްނޫނެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ، މުރުތަޟާ އެތަނުން ނުކުތެވެ.

 

ރައިދާއާއި ނޫރު ، ބަދިގެ ތެރޭގައި ކެއްކުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެކި ވާހަކަތައް އެދެފަހަރިންގެ މެދުގައިވެސް ދެކެވެމުން ދިޔައެވެ. ރައިދާ އާއި ހާރިސްއަށް ، ނޫރުގެ އެހީބޭނުންވާ ކަމުގައި ، ކުއްލިޔަކަށް ރައިދާ ބުންޏެވެ. ބައްޕަޔަށް އެއްޗެއް ވިސްނައިދޭން އެބަ ޖެހެއެވެ. ބައްޕަޔަށް ވިސްނައިދޭންޖެހެނީ ކޮން އެއްޗެއްތޯ ނޫރު ސުއާލުކުރިއެވެ.

ހާރިސްގެ ވަޒީފާ ، އިސްލާމްއާބާދަށް ބަދަލުވެއްޖެއެވެ. ހާރިސްމެންނާއެކީ އިސްލާމްއާބާދަށް ދާކަށް ބައްޕަ ބޭނުމެއް ނޫނެވެ. ބައްޕަ އެކަނި އެގޭގައި ހުންނަން ދޫކޮށްލާފައި ދިއުމަކީ ، ހާރިސްއަށް ވަރަށް އުނދަގޫ ކަމެކެވެ. ވަޞީމުގެ ޙާލު މިހާރު އެހާ ރަނގަޅެއްނޫނެވެ. އެކަނި ގެޔަށް ދޫކޮށްލާފައިދާން ހެޔޮ ނުވާނެއެވެ. ރައިދާމެންނަށް އެއުޅެނީ އެމައްސަލަ ޙައްލު ނުކުރެވިގެންނެވެ. އެކަން ކުރެވޭނީ ނޫރުއަށެވެ. ނޫރު ބުނެފިއްޔާ ، ރައިދާމެންނާއެކީ ، ވަޞީމު ހިނގައިދާނެއެވެ. ހާރިސްގެ ވަޒީފާ ބަދަލުނުކޮށް ވާނެ އެއްވެސް މަގެއް ނުފެނުނެވެ. އެކަން ހުއްޓުވުމަށް ، ހާރިސް ވަރަށް މަސައްކަތް ކޮށްފިއެވެ. އިސްލާމްއާބާދަށް ނުގޮސްވާން ނެތިއްޔާ ،  ވަޒީފާ ދޫކޮށްލާ ވާހަކަވެސް ، މިހާރު ދެކެވިއްޖެއެވެ. އިސްލާމްއާބާދަށް ނުދަންޏާ ، ހާރިސްގެ ވަޒީފާގެ ކުރިއެރުމެއް ނުލިބޭނެއެވެ. އެމީހުންނާއެކީ އިސްލާމްއާބާދަށް ދިއުމަށް ، ބައްޕަޔާ ވާހަކަ ދައްކައިދިނުމަށް ، ނޫރުގެ ކިބައިން ރައިދާ އެދުނެވެ.

ބައްޕަޔާ އެވާހަކަ ދައްކައިދޭން ނޫރު އެއްބަސްވިއެވެ. ނޫރުގެ ވާހަކަ އަބަދުވެސް ، ބައްޕަ ޤަބޫލުކުރާނެއެވެ.

 

ތަހުނިޔާ އޮފީހަށްގޮސް މުޙުޞިނާއާ ބައްދަލު ކުރިއެވެ. ތަހުނިޔާ އޮފީހަށް ނުދާތާ މިހާރު ތިންދުވަސް ވެއްޖެއެވެ. މަސައްކަތްތައް އޮތީ ފުނިޖެހިފައެވެ. ރެޔާއި ދުވާލު މަސައްކަތްކޮށްގެންވިޔަސް ، މިހާރުހުރި އޯޑަރުތައް ތާރީޚަށް ނިންމުމަށް މުޙުޞިނާ އެދުނެވެ. އިތުރު އެހެން ވާހަކައެއްވެސް މުޙުޞިނާ ބުންޏެވެ.

" އަހަރެމެން ދެމަފިރިން ޑުބާއީއަށްގޮސް އެތަނުގައި ވަޒަންވެރިވުމަށް ނިންމައިފީމެވެ. ޑުބާއީގައިވެސް އަހަރެމެން ކުރާނީ ހަމަ މިވިޔަފާރިއެވެ. ޕާކިސްތާނުގެ އެކިސިޓީތަކުގައި ހިންގަމުންގެންދާ އެމީހުންގެ ވިޔަފާރީގައި ދެން ، އެންމެ އިސްކޮށް ހުންނާނީ ތަހުނިޔާއެވެ. " މުޙުޞިނާ ބުންޏެވެ.

އެއީ ތަހުނިޔާއަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ. އެއޮއްބޮޑު ވިޔަފާރި އޭނާ ހިންގާނީ ކިހިނެއްކަން ޚުދު ތަހުނިޔާއަކަށްވެސް ނުވިސްނެއެވެ. މިއޮއް ހުރިހާ ދުވަހު ، ތަހުނިޔާ މަސައްކަތްކުރީ ، މުޙުޞިނާގެ ބެލުމުގެ ދަށުންނެވެ. އެވަރުގެ ބޮޑު ޒިންމާއެއް ތަހުނިޔާއަށް އުފުއްލޭނެކަމާމެދު ، ތަހުނިޔާގެ ހިތުގައިވެސް ޝައްކުތަކެއް އުފެދުނެވެ. މުޙުޞިނާމެންނާ އެއްވަރުގެ ތަޖުރިބާއެއް ތަހުނިޔާގެ ކިބަޔަކު ނުހުންނާނެއެވެ. މުޙުޞިނާއާއެކީ ތަހުނިޔާ މަސައްކަތްކުރީ ދެލޯމަރައިގެން ، މުޙުޞިނާގެ އަތުގައި ހިފައިގެންނެވެ.

" މިހާރު މިއޮތީ ، ތަހުނިޔާ ލޯހުޅުވައިލާ ، މީހެއްގެ އަތުގައި ނުހިފައި ، އަމިއްލަޔަށް ކުރިޔަށް ދިއުމުގެ ގަޑި ޖެހިފައެވެ. ތަހުނިޔާއަށްވުރެ ހުނަރުވެރި ، ތަޖުރިބާހުރި މީހަކު މި ވިޔަފާރި ހިންގަން އަހަރެންނަށް ގެނެވިދާނެއެވެ. ވަޒީފާއަށް ކަމުދާމީހަކު ހޯދިދާނެއެވެ. އެކަމަކު ، އެކަން ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ސަބަބަކީ ، ތަހުނިޔާއަށް އިތުބާރުކުރާވަރަށް ، އެހެން އެއްވެސް މީހަކަށް ، އަހަރެންނަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ކުރާހިތުން ، ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ ، ރޭވުންތެރިކަމާއެކީގައި ތަހުނިޔާ މަސައްކަތް ކުރަމުންދާތަން ، އަހަރެންނަށް ފެނިއްޖެއެވެ. އަހަރެމެންގެ ބްރޭންޑް ފުޅާކޮށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ، ހޯދި މަޝްހޫރުކަން އެއީ އަހަރެންނަށްވެސް ނުކުރެވޭނެ ކަމެކެވެ. މިއަދު މިއީ ، ތަހުނިޔާ އުދުހިގަންނަންވީ ވަގުތެވެ. " މުޙުޞިނާ ބުންޏެވެ.

ތަހުނިޔާއަށް ލިބުނު އެ ޚަބަރުން ، އުފަލުންގޮސް ލޮލުން ކަރުނަ ހިލުނެވެ. ކޮޅަށް ތެދުވެގެން މުޙުޞިނާގާތަށްގޮސް ، ކުރިމަތީ ހުއްޓިހުރެ ، އޭނާއަށް އެކަން ކުރެވިދާނެތޯ ޔަޤީންކޮށްލުމަށް ، އެ ސުއާލު ތަކުރާރު ކޮށްލިއެވެ.

މުޙުޞިނާއަށް ، ތަހުނިޔާއަށް ބަރޯސާވެވޭނެ އެތައް ޙާލަތެއް ވަނީ ތަޖުރިބާ ކުރެވިފައެވެ. ތަހުނިޔާގައި އެ ފެންވަރާއި ހިތްވަރާއި ހުނަރު އެބަހުށްޓެވެ. އެކަން ، ތަހުނިޔާއަށް ނުކުރެވެންވީ އެންމެ ސަބަބެއްވެސް މުޙުޞިނާއަކަށް ނުފެނެއެވެ. މުޙުޞިނާއަށް ޝުކުރު އަދާކުރުމަށްފަހު ، އޭނާގެ ޢާއިލާގެ މީހުންނާ އެވާހަކަ ދައްކާލާފައި ނޫނީ ، ގޮތެއް ނިންމަން އުނދަގޫކަމަށް ތަހުނިޔާ ބުންޏެވެ.

އެދުވަހުގެ މަސައްކަތް ނިންމާފައި ، ތަހުނިޔާ ގެޔަށްދިޔައީ ފޮނިކާއެއްޗެއް ހިފައިގެންނެވެ. ގެޔަށްގޮސް ، ޙަފުޞާއާއި ޠާހިރާ އަދި އަރުސަލާނަށް ގޮވައި ގެނެސް ، ސިޓިންގރޫމަށް އެންމެން ނެރުނެވެ. ވެގެންއުޅޭގޮތެއް އެއްވެސްމީހަކަށް ނޭނގެއެވެ. ތަހުނިޔާ މަޑުކުރަމުން އެގެންދަނީ ، މުރުތަޟާ އަންނަންދެނެވެ. އެ އުފާވެރި ޚަބަރު އިޢުލާންކުރާނީ މުރުތަޟާގެ ޙާޟިރުގައެވެ. މާގިނައިރެއްނުވެ ، މުރުތަޟާވެސް އައިސް ގޭތެރެޔަށް ވަނެވެ. އެންމެންވެސް ތިބީ ކެތްމަދުވެފައެވެ.

" މިސިޒް ފާރޫޤުގެ ދެމަފިރިންގެ ދިރިއުޅުން ޑުބާއީއަށް ބަދަލުކުރަން ނިންމައިފިއެވެ. ޕާކިސްތާނުގެ ހުރިހާ ސިޓީތަކުގައި ހުޅުވާފައިވާ އެމީހުންގެ ވިޔަފާރި ހިންގުމުގައި ،  އިސްކޮށް ހުންނާނީ އަހަރެންކަމަށް ، އެމީހުން ނިންމައިފިއެވެ. އޭރަށް އަހަރެންގެ މަޤާމަކީ ، ކުރިން މިސިޒް ފާރޫޤުގެ މަޤާމެވެ. " ތަހުނިޔާ ބުންޏެވެ.

ﷲ އަށް ޙަމްދުކޮށް ، ހުރިހާމީހުންވެސް ވަކިވަކިން ، ތަހުނިޔާއަށް މުބާރިކްބާދީ އަދާކޮށް ، އެ އުފަލުގައި ބައިވެރިވިއެވެ. ކޮފީއެއް ގެނެސްދޭށޭ ބުނަމުން ، ރުންކުރުވެފައިހުރެ މުރުތަޟާ ކޮޓަރިޔާދިމާއަށް ހިނގައިގަތެވެ.

ކޮޓަރިތެރޭގައި ، މުރުތަޟާއިނީ ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައި އަވަދިނެތިއެވެ. ތަހުނިޔާއަށް ލިބުނު ކާމިޔާބީއަށް މުރުތަޟާ އެހާ ހިތްހަމަ ޖެހޭކަމަކަށް ތަހުނިޔާއަކަށް ނުފެނެއެވެ. އޭނާ ، އެކަމާބެހޭގޮތުން ، މުޙުޞިނާއަށް ދޭނީ ކޮން ޖަވާބެއްތޯ މުރުތަޟާއާ ސުއާލު ކުރިއެވެ. ތަހުނިޔާއަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް ހެދީމާ ރަނގަޅުވާނެކަމަށް މުރުތަޟާ ބުންޏެވެ. މުރުތަޟާއަކަށް އަދިވެސް ، ތަހުނިޔާ އެދައްކާ ވާހަކަޔަށް ފުންކޮށް ވިސްނައިލާނެ ފުރުޞަތެއް ނުލިބެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އެ ކުރަމުންގެންދާ މަސައްކަތް މުހިންމެވެ.

މުރުތަޟާގެ ފަރާތުން އެކަމުގައި އެލިބުނު ފިނި ތަރުޙީބަށް ، ތަހުނިޔާ ހިތްހަމައެއް ނުޖެހުނެވެ. އެކަމާބެހޭގޮތުން ތަހުނިޔާ ދައްކަމުން ގެންދިޔަ އެއްވެސް ވާހަކައެއް ، މުރުތަޟާގެ ކަންފަތަކަށް ނުފޯރައެވެ. އެންމެފަހުން ، ތަހުނިޔާވެސް ހިތްހަމަ ނުޖެހުނެވެ. އެވާހަކަ ، ތަހުނިޔާގެ މައިންބަފައިންގާތަކުވެސް އަދި ނުބުނެއެވެ. މަންމަމެންގާތު އެވާހަކަ ބުނާނީ ، މުރުތަޟާގެ ފަރާތުން އޭނާއަށް ހިތްހަމަޖެހޭ ޖަވާބެއް ލިބުނީމައެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ، ތަހުނިޔާއަށް ބޭނުންވާނީ މުރުތަޟާގެ ފަރާތުންނެވެ. އެހެނަސް ، މުރުތަޟާއަކަށް ، ތަހުނިޔާގެ އެއްވެސް ވާހަކަޔަކަށް ސަމާލުކަމެއް ނުދެވުނެވެ. ތަހުނިޔާ އަނގަ ގަދަކުރަން ފެށީމަ ، މުރުތަޟާގާތަށް ރުޅިއައެވެ. ތަހުނިޔާ އޭނާއަށް އުނދަގޫ ކުރަނީކަމަށް ބުނެ ، ހިތްހަމަނުޖެހިގެން އެއްޗެތި ކިޔަމުން ، ކޮޓަރިން ނުކުމެގެން ދިޔައެވެ. މުރުތަޟާ ކަންތައް ކުރިގޮތުން ، ތަހުނިޔާވެސް ވަރަށް ފޫހިވިއެވެ. ހިތަށް ތަދުވިއެވެ. އޭނާއަށް ލިބުނު ކާމިޔާބީއަށް މުރުތަޟާ ހިތްހަމަނުޖެހިގެން އެއުޅެނީ ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ ތަހުނިޔާގެ ހިތަށް ލިބުނު ތަދަށް ތަސައްލީއެއް ހޯދުމަށްޓަކައި ، އައިމަލް އުރައިލާ ލޯބިކޮށްލިއެވެ. ހިތަށް ލިބުނު އުދާސްތައް ދުއްވާލައި ހިނިތުން ވެލިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.