ފަލްސަފާ (98)

( 17 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ނޫރުއާއި އަމީން އިޙްސާންގެ ބަހުސް އަދިވެސް ނުނިމެއެވެ. އެދެމީހުން އެކުގައި އުޅުމަށް ވިސްނުމުގައި ހުރަސްތަކެއް އެބަހުރިކަން ނޫރު ފާހަގަ ކުރިއެވެ. އެންމެ ރަނގަޅުގޮތަކީ ، ދެމީހުންގެ މިސްރާބު ބަދަލުކޮށް ، އެމީހަކު ބޭނުންވާ މީހަކާ ގުޅުމެވެ. ނޫރުގެ އެވާހަކަތަކުން ، އިޙްސާނަކަށް މާބޮޑު އަސަރެއް ނުކުރިއެވެ.

" އެމީހަކު ބޭނުންވާ މީހަކާ ގުޅުމެއްނޫނެވެ. ނޫރުލްޢައިނުގެ ބެސްޓް ފްރެންޑާ ގުޅުމެވެ. " އިޙްސާން ބުންޏެވެ.

ނޫރުގެ އެއްވެސް މައްސަލައެއް ނެތެވެ. ކުންފުނީގެ ކުރިއެރުމަށް ކުރެވުނު ކޮންމެ މަސައްކަތެއްގައިވެސް މަސައްކަތްކުރީ ، ކުންފުނީގެ ކާމިޔާބީއަށް ވިސްނައިގެން ދެމީހުން އެކީގައެވެ. ޖަޒުބާތީ އެއްވެސްކަމެއް ވިޔަފާރީގެ ތެރެޔަކަށް ނުވައްދައެވެ. ދެމީހުންވެސް އިސްކަންދިނީ ރަސްމީ ޙައިޞިއްޔަތަށެވެ. އެހެންނޫނަސް ، މުރުތަޟާގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެކެވެ. ކިޔަމަންތެރި އަނތްބަކާއި ތުއްތުތުއްތު ދަރިފުޅެއްގެ ރަޙުމަތުން ، މުރުތަޟާ އެއުޅެނީ ، ޢާއިލީ ޒިންމާ އުފުއްލައިގެން ، ހިތްހަމަ ޖެހުމާއެކީ އުފަލުގައެވެ. ނޫރުގެ އެ ވާހަކަތައް އަޑުއަހާފައި ، ނޫރުލްޢައިނުގެ ޙާލަކީ ކޮބައިތޯ އިޙްސާން ސުއާލުކުރިއެވެ.

ނޫރުވެސް އުޅެމުންގެންދިޔައީ އުފަލުގައިކަމަށް ނޫރު ބުންޏެވެ. އެކަމަކު ، ދިރިއުޅުމެއް އާބާދުކޮށް ބާއްޖަވެރިކުރުމަށް ނޫރުކުރި އުއްމީދުތަކެއް ހުށްޓެވެ. ހިތްވަރު އުފެދުނެވެ. ދެކެން ބޭނުންވި ހުވަފެންތަކެއް ހުށްޓެވެ. އެއަށްފަހު ، ނޫރުގެ ޙަޔާތަށް އައީ އުފާވެރި އުއްމީދުތަކެއް އުފެދެމުންނެވެ. ދާން ބޭނުންވި މަޤާމަށް ވާޞިލުވެވިއްޖެކަމުގެ އުފާވެރި އިޙްސާސްތަކާ އެކީގައެވެ. އެހެންނަމަވެސް ، އަމީރު އިޙްސާންގެ ދަރިފުޅު ރަމްޝާ .................

ރަމްޝާގެ ނަން އައުމާއެކު ، ރަމްޝާގެ ނަން ނޫރުގެ ދުލުން ނުކިއުމަށް ބުނެ ، އިޙްސާން ހަޅޭއްލަވައިގަތެވެ. އިޙްސާންގެ އިނގިލި ހުރީ ނޫރުއާ ދިމާއަށް ދިއްކުރެވިފައެވެ. ރަމްޝާއަކީ އޭނާގެ ދަރިފުޅުކަމަށް އިޙްސާން ބުންޏެވެ. އެއީ ވަރަށް ހުޝިޔާރު ، ވިސްނުންތޫނު ކުއްޖެކެވެ. އަމީން އިޙްސާނަށް ، ނޫރުގެ ޙަޤީޤަތް އެނގުމުގެ ކުރިން ، ރަމްޝާގެ ތޫނު ވިސްނުމުން ، ނޫރުގެ ޙަޤީޤަތްތައް ދެނެގަނެފިކަމަށް އިޙްސާން ބުންޏެވެ. ނޫރުއާއި އިޙްސާނާ ދެމެދަށް މީހަކު އައިކަމަށްވަންޏާ އެއީ މުރުތަޟާ ޙަސަނެވެ. ރަމްޝާއެއްނޫނެވެ. ނޫރުއާއި މުރުތަޟާގެ ގުޅުން އެއީ ޙަޤީޤަތެއްކަން ރަމްޝާއަށް ނޭނގުނުނަމަ ، ނޫރުގެ އެއްވެސް ކަމަކާ ރަމްޝާއެއް ނުބެހޭނެއެވެ.

ނޫރު އޭނާގެ ނަފްސުގެ ދިފާޢުގައި ބުނާކަށް މާގިނަ ވާހަކަތަކެއް ނެތެވެ. އެއިން ވާހަކައެއް އެއީ އިޙްސާނަށް މިހާރު ، ޤަބޫލުކުރެވޭނެ އެއްޗެއްނޫނެވެ. ރަމްޝާގެ ޙީލަތްތެރި ރޭވުމުން ، އިޙްސާންގެ ސިކުނޑި އެވަނީ އެއްކޮށް ދޮވެލާފައެވެ. ނޫރުގެ ރަނގަޅު އެއްވެސްކަމެއް ނުފެންނަ ވަރަށެވެ. އިޙްސާނަށް އެއްވެސް ވަރަކަށް ، ނޫރުއަކަށް މިހާރު އިތުބާރެއް ނުކުރެވެއެވެ.

" އިޙްސާން ވަކިގޮތަކަށް ނިންމައިގެން ހުރިއްޔާ ، އަހަރެން ހަދަންވީގޮތެއް ބުނާށެވެ ! " ނޫރު ބުންޏެވެ.

އިޙްސާން އޭނާގެ ނިންމުން އިއްވިއެވެ. ނޫރު ، އެއްގޮތަކަށްވެސް ، އޮޅިގެންވެސް މުރުތަޟާއާ ބައްދަލުކޮށްގެން ނުވާނެއެވެ. ކުންފުނީގެ އެއްވެސް މުޢާމަލާތަކާ ނޫރު ބެހިގެން ނުވާނެއެވެ. ކުންފުނީގައި ހުޅުވާފައިވާ ، އެދެމީހުންގެ ޖޮއިންޓް އެކައުންޓުން ނޫރުގެ ސޮއި ކެންސަލް ކުރެވޭނެއެވެ. ކަނޑައެޅޭ ވަކި މިންވަރަކަށް ، ކޮންމެ މަހަކުވެސް ނޫރުއަށް ފައިސާ ލިބޭނެއެވެ. ނޫރުގެ ކޮންމެ ޙަރަކާތެއް ، ދާ ކޮންމެ ތަނަކާއި ބައްދަލުކުރާ ކޮންމެ މީހަކާބެހޭ މަޢުލޫމާތު ، އިޙްސާން މޮނިޓަރ ކުރަމުން ގެންދާނެއެވެ. ދެންހަދަންވީ ގޮތެއް ނިންމާނީ ނޫރުކަމަށްބުނެ އިޙްސާން ނުކުމެގެން ދިޔައެވެ.

 

އައިމަލްގެ ޙާލު ރަނގަޅުވެގެން ، ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާގޮތަށް ނިންމާފައި އޮތްކަމަށް ، ތަހުނިޔާ އޭނާގެ މަންމަގާތު ބުންޏެވެ. ފޯނުން ވާހަކަ ދައްކަމުން ގެންދިޔައިރު ، ތަހުނިޔާއަށް ބަދަލުތަކެއް އައިސްފައިވާކަން ސާޖިދާއަށް ފާހަގަ ކުރެވުނެވެ. ޢާޞިމް އެބުނީ ރަނގަޅު ވާހަކަ އެކެވެ. ދަރިފުޅު ބަލިވެގެން އެދެމަފިރިން އެރޭ ހޮސްޕިޓަލުގައި ތިބިއިރު ، އޮންނާނީ ލައްކަ ވާހަކަ ދެކެވިފައެވެ. މުރުތަޟާ ބޭނުންވަނީ ، މުރުތަޟާމެންގެޔަށް ތަހުނިޔާދިއުންކަމަށް ތަހުނިޔާ ބުނުމާއެކު ، ސާޖިދާގެ އެ ހީކުރުން ކަށަވަރު ވިއެވެ. އެހެންނަމަވެސް ، ތަހުނިޔާ އެގެޔަށްދާން މަންމަމެންނަށް ފެނޭތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ސާޖިދާ އިތުރަކަށް އެކަމަކާ ނުވިސްނައެވެ. އަވަހަށް އެގެޔަށް ދާށޭ ތަހުނިޔާގާތު ބުންޏެވެ. ތަހުނިޔާއާއި އައިމަލް އެގެޔަށް ގެންދަން މުރުތަޟާ ބޭނުންވާނަމަ ، އެއީ ވަރަށް އުފާވެރި ޚަބަރެއްކަމަށް ސާޖިދާ ބުންޏެވެ. ޢާޞިމް އިނީ ތަހުނިޔާއާ ވާހަކަ ދައްކައިލުމަށް ކެތް މަދުވެފައެވެ. ސާޖިދާ އަތުން ފޯނު އަތުލައި ، ޢާޞިމް އޭނާގެ ދަރިފުޅާ ވާހަކަ ދައްކަން ފެށްޓިއެވެ.

މުރުތަޟާގެ ހިތުން ރުހުމުން އެދެމައިން ގެޔަށްގެންދަން ބޭނުމިއްޔާ ، އަވަހަށް ދާންވީކަމަށް ޢާޞިމް ބުންޏެވެ. އެހެނަސް ، މިހާރު އެދިމާވެގެންއުޅޭ މައްސަލަ ދެވަނަފަހަރަށް ދިމާނުވާނެގޮތަކަށް ވިސްނުން ބެހެއްޓުމަށް ތަހުނިޔާގެ ކިބައިން އެދުނެވެ. އެއީ ކުޅޭކުޅޭ ކުޅިވަރެއްނޫނެވެ. މާގިނަގިނައިން ދިރިއުޅުމުގައި އެކަހަލަ ކަންކަން ދިމާވާން ވެއްޖިއްޔާ ހިތް ހަލާކުވެދާނެއެވެ. ތަހުލީފުތަކުން ހިތް ކުދިކުދިވެދާނެއެވެ. އިންސާނުންނަށް ކެތްކުރެވޭނީވެސް ވަކި މިންވަރަކަށެވެ. ދިމާވެގެން އެއުޅެނީ ތިން އިންސާނަކާ ގުޅިފައިވާ ވަރަށް ނާޒުކު މައްސަލައެކެވެ. ތުއްތުތުއްތު ދަރިފުޅަކުވެސް އޭގެތެރޭގައި އެބަ ހިމެނެއެވެ. އޭނާ އެބުނާ އެއްޗެއް ސާފުވެއްޖެތޯ ޢާސިމް ސުއާލު ކުރިއެވެ.

ބައްޕަ އެބުނަނީ ކީކޭކަން ތަހުނިޔާއަށް ވިސްނެއެވެ. އެކަމަށް ތަހުނިޔާ އިތުރަށް ސަމާލުވާނެއެވެ. އައިމަލް ރީތިކޮށްލައިގެން މުރުތަޟާ އައިސް ވަނެވެ.

" މުރުތަޟާއެވެ ! މުރުތަޟާއާއެކީ ، މުރުތަޟާމެންގެ ގެޔަށް އަހަރެން ހަމަ ދާންވީ ހެއްޔެވެ ؟ ޔަޤީން ހެއްޔެވެ ؟ " ތަހުނިޔާ ސުއާލު ކުރިއެވެ.

މުރުތަޟާ އިރުކޮޅަކު ، ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އާނއެކޭ ބުންޏެވެ. އެމީހުން ދާނީ ތަހުނިޔާއާއި މުރުތަޟާގެ ގެޔަށެވެ. އައިމަލްގެ ގެޔަށެވެ. ކުރިމަގުގައި އެތިންމީހުންނަށް ނިސްބަތްވާ ޢާއިލާ ދިރިއުޅެން އޮތް ގެޔަށެވެ. މާ އަނގަގަދަ ނުކޮށް އަވަހަށް ތައްޔާރުވެލަންބުނެ ، މުރުތަޟާ ، ތަހުނިޔާއާ ސަމާސާ ކޮށްލިއެވެ.

" ތަހުނިޔާއެވެ ! ދަތި އުނދަގޫ ޙާލަތުގައި ، އެކަކު އަނެކަކަށް އެހީތެރިވުމަކީ ، ދިރިއުޅުމުގައި ކުރިމަތިވާ އިމްތިޙާނެކެވެ. އެއިމްތިޙާނުން ފާސްވާނީ ދެމީހެއްގެ މެދުގައި އިތުބާރު އުފެދި އޮވެގެންނެވެ. ދެމީހުން ދެކޮޅަށްގޮސްގެން އެ ދެމީހަކަށް އެއްމަންޒިލަކަށް ނުދެވޭނެއެވެ. " މުރުތަޟާ ބުންޏެވެ.

ދެވޭތަނަކާއި އެދެވޭތަނަކީ އުފަލާއި ހަމަޖެހުން ލިބިގެންވާ އަމާންތަނެއްކަން ކަށަވަރު ކުރުމަކީ އެކުގައި ދާންހުންނަމީހާގެ ވާޖިބެއްކަން ، ތަހުނިޔާ ހަނދާން ކޮށްދިނެވެ. ތަހުނިޔާ އެހުރީ ، މުރުތަޟާއާއެކީގައި ދާށެވެ ! އެކަމަކު ، ތަހުނިޔާގެ އިތުބާރާއި ޖަޒުބާތަށް އިޙްތިރާމްކޮށް ، މަގުންކައްސައިނުލާނެގޮތަކަށް ، ތަހުނިޔާ ގެންދިއުމަކީ މުރުތަޟާގެ ވާޖިބެކެވެ. އެފަދަގޮތެއް ދެން މެދުވެރިވެއްޖެނަމަ ، އެހިސާބުން އެނިމުނީކަމުގައި ތަހުނިޔާ ބުންޏެވެ. އަދި އެއްވާހަކައެއް ބުނަން އެބައޮތެވެ.

" ނޫރުއާއެކީ ، މުރުތަޟާ ފެނުމަކީ އަހަރެން އެދޭކަމެއްނޫނެވެ. ލޯތްބަކީ ، ބައިބައިކޮށްފަ ބައިއެޅެން އޮންނަ އެއްޗެއްނޫންކަން މުރުތަޟާ ހަނދާން ކުރަން ޖެހޭނެއެވެ. އެއްވެސް އަންހެނަކީ ، ބަތްތަށްޓެއްގެ އެއްފަޅި ކާންބޭނުންވާނެ މީހެއްނޫނެވެ. މިއީ ، އަހަރެންގެ ގޮތްދޫނުކުރުންތޯ  ، ނުވަތަ ލޯބިތޯ  ބަލައި ވަކިކުރުމަކީ މުރުތަޟާގެ ކަމެކެވެ. "

މުރުތަޟާ ، ހިނިތުންވެލައިގެންހުރެ ، ތަހުނިޔާގެ ބޮލުގައި ފިރުމާލުމަށްފަހު ، ދެން ދަމާހިނގާށޭ ބުނެ ، އެމީހުން ހޮސްޕިޓަލުން ނުކުތެވެ.

 

ގޭގެ ބަގީޗާގައި ތައްޔާރުކުރެވިފައިހުރި ، މާލަމެއްގައި އިށީނދެލައިގެން ނޫރު އިނެވެ. އޭރުވެސް ނޫރުގެ ކަންފަތުގައި ފަށްފަށްވަމުންދަނީ ، އިޙްސާން އޭނާއާ ދިމާއަށް ގޮވަމުންގެންދިޔަ ހުތުރު އަދި އަމުރުވެރި ބަސްތަކެވެ. އިރުކޮޅެއްނުވެ ، ރަމްޝާއާއި އިޙްސާންވެސް އެތަނަށް އައެވެ. އެދެބަފައިން އައީ ރަމްޝާގެ ކިޔެވުމުގެ ވާހަކަ ދައްކަމުންނެވެ.

ރަމްޝާ މިހާރު އެހަދަނީ ފުރަތަމަ ޑިގްރީގެ ތިންވަނަ ސެމެސްޓަރ އެވެ. ޑިގްރީ ނިންމާފައި ، ރަމްޝާ ނިންމައިގެން އެހުންނަނީ މާސްޓަރސް ހަދަން ، ބައްޕަގާތަށް އެމެރިކާއަށް ދާށެވެ. އެމީހުންނާ ބެހުމެއްނެތް ގޮތަކަށް ، އިސްޖަހާލައިގެން އިން ، ނޫރުއާ ދިމާއަށް ރަމްޝާ ބަލައިލިއެވެ.

" އަހަރެން މާސްޓަރސް ހަދަން ދިއުމުގެ ކުރިން ، މަސައްކަތުގެ ތަޖުރިބާ ޙާޞިލްކުރުމަށްޓަކައި ، ބައްޕަގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ވަޒީފާގައި މަސައްކަތްކޮށްލަން ބޭނުމެވެ. " ރަމްޝާގެ އެ ވާހަކައިން އިޙްސާންވެސް ސިއްސައިގެން ދިޔައެވެ.

ރަމްޝާގެ އެބޭނުން މިވަގުތު ފުއްދައިދެވެން ނެތްކަމަށް އިޙްސާން ބުންޏެވެ. އަދި އޭނާ ބޭނުންވަނީ ، ރަމްޝާގެ ކިޔެވުމަށް ސަމާލުކަންދީ ، އިހަށް ކިޔަވައި ނިންމާށެވެ. ވަޒީފާއާ ބެހޭގޮތުން ، އެމީހުން ވާހަކަ ދައްކާނީ ފަހުންކަމަށް އިޙްސާން ބުންޏެވެ. އެހެނަސް އެއްކަމެއް ޔަޤީންކުރުމަށް ، ރަމްޝާގެ ކިބައިން އިޙްސާން އެދުނެވެ. އެއީ ރަމްޝާގެ ބައްޕަގެ ހުރިއްޔާހުރި އެއްޗަކީ ރަމްޝާގެ އެއްޗެއްކަމެވެ. ރަމްޝާ ވަށްކަޅިން ނޫރުއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އިޙްސާންވެސް އިނީ ނޫރުއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ދެބަފައިން އެދައްކާ ވާހަކައިގެ ތެރެޔަށް ވަންނާކަށް ނޫރު ބޭނުމެއް ނުވިއެވެ. ނޫރު ، އޭނާގެ ބައްޕަޔާ ބައްދަލުކޮށްލަން ދާންބޭނުންވާހަކަ ބުނެ ، އެކަމުގެ އިޒުނަޔަށް ، އިޙްސާންގެ ކިބައިން އެދުނެވެ. އެއީ ހެނދުނުގެ ވަގުތެވެ. ނޫރު ދިޔަޔަސް އެންމެ ރަނގަޅުކަމަށް ބުނެ ، އެކަމަށް އިޙްސާން ހުއްދަ ދިނެވެ. އެހެންނަމަވެސް ، ހަވީރު އިރުއޮއްސުމުގެކުރިން ،  އެނބުރި ގެޔަށް އައުން ޝަރުތު ކޮށްފައެވެ. ރޭގަނޑު މަޑުކޮށްގެން ނުވާނެއެވެ.

މުރުތަޟާ އެރޭ ނިދަން ގެޔަކަށް ނާދެއެވެ. ވީގޮތެއްވެސް ނޭނގެއެވެ. ޙަފުޞާވެސް އަދި ޠާހިރާވެސް ޤަބޫލުކޮށްގެން އެތިބީ ، އެމީހުންގާތު ނުބުންޏަސް ، މުރުތަޟާ އެރޭ އުޅޭނީ ހޮސްޕިޓަލްގައި ކަމުގައެވެ. އަދި ، އެކަމާ ގުޅިގެން ، މުރުތަޟާއާއި ތަހުނިޔާއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުން ނެތިގެންދާނެ ކަމުގައެވެ. ހެނދުނުގެ ނާސްތާކޮށްގެން ޙަފުޞާއާއި ޠާހިރާއާ ދެމައިން ، ސިޓިންގރޫމުގައި ޖައްސާލައިގެން ، ކަންބޮޑުވެފައިތިބެ ، ދައްކަމުން އެގެންދަނީ އެވާހަކައެވެ. ތަހުނިޔާއާއި މުރުތަޟާއާ ދެމީހުންގެ މެދަށް ނޫރުލްޢައިނު ވަދެ ، ނޫރުލްޢައިނު އެމީހުންނަށް ފެންނަ ހިސާބުގައި އުޅޭހާ ހިނދެއްގައި ، މުރުތަޟާއާއި ތަހުނިޔާއަށް އެއްގަލަކަށް އެރިދާނެކަމަށް ޠާހިރާއަކަށް ނުފެނެއެވެ. އެހުރިހާކަމެއް އެ ހިނގަނީ ނޫރުލްޢައިނުއާ ހުރެއެވެ. އެ މައްސަލައިގާ ޙަފުޞާގެ ވިސްނުން ތަފާތެވެ. މުރުތަޟާގެވެސް މައްސަލަތަކެއް އެބަހުށްޓެވެ. ފިރިމީހާގެ ފަރާތުން ، އަނބިމީހާއަށް ލިބެންވާ ލޯތްބާއި އަޅައިލުން ނުލިބޭކަމަށް ވަންޏާ ، އެހެން އަންހެނުންނަށް އެދެމެދަށް ވަންނަން ފަސޭހަ ވާނެއެވެ. އެކަމުގައި ކުށްވެރިވަނީ ނޫރުލްޢައިނު އެކަންޏެއްނޫނެވެ. މުރުތަޟާވެސް އަދާކުރަންޖެހޭ ޢާއިލީ ޒިންމާތަކެއް އެބަހުށްޓެވެ. ގޭތެރެއިން ލިބޭ އެއްޗަކަށް ހިތްހަމަ ނުޖެހިގެން ، ނުވަތަ ގޭތެރެއިން ބޭނުންވާ އެއްޗެއް ނުލިބިގެން ، ދެން ނުކުންނާނެ ނަތީޖާއަކީ ، ފިރިހެނުން ބޭނުންވާ ކަންކަން ބޭރުން ފުއްދުމެވެ. އެކަމަކު ، ތަހުނިޔާއަކީ އެކަހަލަ ކުއްޖެއްނޫނެވެ. މުރުތަޟާ ރަނގަޅަށް ހުރިއްޔާ ، މުރުތަޟާ ހިތްހަމަ ނުޖެހޭކަމެއް ، ތަހުނިޔާގެ ފަރާތަކުން ނުހިނގާނެއެވެ. ތަހުނިޔާއަށް ޙަފުޞާ ތަޢުރީފް ކުރަމުން ގެންދަނިކޮށް ، ކުއްލިޔަކަށް ޠާޙިރާއަށް އެ ފެނުނީ މުރުތަޟާއާއި ތަހުނިޔާއާ ދެމަފިރިން ، އައިމަލް ގޮވައިގެން އައިތަނެވެ. ޠާހިރާއަށް ފުންމައިގެން ތެދުވެވުނެވެ. އުފަލުންގޮސް ނަށައިގަނެވުނެވެ. ޙަފުޞާވެސް އުފަލުން ފޮޅުނެވެ.

ތަހުނިޔާއަށް ގޮވައިގެން ގެނެސް ، ތަހުނިޔާގެ ނިތްކުރީގައި ޙަފުޞާ ބޮސްދިނެވެ. ޠާހިރާގޮސް ، ތަހުނިޔާއަތުން އައިމަލް އަތުލައި ބޮސްދެމުން ގެންދިޔައެވެ. ތަހުނިޔާހުރީ ލަދުގެންފައެވެ. އެހެނަސް ، ރަކި ހިނިތުންވުމެއްގައެވެ. އަނތްބަކު ދެފަހަރަށް ގެނައިމަ ހުންނަ ގޮތަކަށެވެ. ތަހުނިޔާގެ ގެޔަކީ އެއީ ކަމުގައި ޙަފުޞާ ބުންޏެވެ. އަދި އެމީހުން ދޫކޮށްލާފައި ދެން އެއްގޮތަކަށްވެސް އެގެއިން ތަހުނިޔާ ނުދިއުމަށް ޙަފުޞާ އެދުނެވެ.

ތަންކޮޅެއް އަވަހަށް ، ކާއެއްޗެއް ހަދައިދިނުމަށް ، ޠާހިރާގާތު މުރުތަޟާ ބުންޏެވެ. އޭނާ އޮފީހަށްދާން މިހާރުވެސް ލަސްވެއްޖެއެވެ. އެހެނަސް ، މުރުތަޟާ އެދުވަހު އޮފީހަށް ދިއުމަކީ ޠާހިރާވެސް އަދި ޙަފުޞާވެސް އެދޭކަމެއްނޫނެވެ. ތަހުނިޔާ އެގެޔަށް އައުމުގެ އުފަލުގައި ، އެއްދުވަހުގެ ޗުއްޓީއެއް ނެގުމަށް މުރުތަޟާގާތު ، ޠާޙިރާ އެދުނެވެ.

މުރުތަޟާއަށް އެދުވަހު ، އޮފީހަށް ނުގޮސް ވާކަށް ނެތެވެ. އެކަމާބެހޭ ކިތަންމެ ވާހަކައެއް ދައްކަންވެފައި އެބަހުށްޓެވެ. އެހެނަސް ، އެއީ އެކަމަށް އެހާ މުނާސަބު ވަގުތެއްނޫނެވެ. އެދުވަހު އޭނާ އޮފީހަށް ދިއުމަކީ ، ހުރިހާ ކަމަކަށްވުރެ މުހިންމު ކަމެކެވެ. އެކަމާބެހޭގޮތުން ތަފުޞީލުކޮށް މަންމައާ ވާހަކަ ދައްކައިލާނީ ފަހުންކަމަށް މުރުތަޟާ ނިންމިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.