( 15 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މުރުތަޟާގެ ވަޒީފާގެ ކުރިއެރުމާއި މުސާރަބޮޑުކުރުން އެއީ ، އެންމެ ރަނގަޅުގޮތްކަމަށް ފެނިގެން ނޫރު ކުރި ކަމެކެވެ. އެކަންކުރީ ، އިޙްސާންކުރެންވެސް އަހާފައެވެ. މުރުތަޟާއާއި ނޫރު އެކުގައި ނެތުމަކީ މައްސަލައެއް ނޫނެވެ. އެއްދިރިއުޅުމެއްގައި ނެތުމަކީވެސް މައްސަލައެއް ނޫނެވެ. ހިތުގެ މަންޒިލަކީ ، ދުވަހަކުވެސް ބަދަލުނުވާނެ އެއްޗެކެވެ. އެހެންނޫންތޯ ނޫރު ސުއާލު ކުރިއެވެ.
ނޫރު އެ ދައްކާ ވާހަކައެއް މުރުތަޟާއަކަށް ސާފެއް ނުވިއެވެ.
" މުރުތަޟާއެވެ ! ޝަރަފްވެރި ، މަތީ މަޤާމްތަކަށް މުރުތަޟާ ދިއުމަކީ ، އަހަރެން އަބަދުވެސް ކުރަމުން އައި އުއްމީދެކެވެ. މުރުތަޟާގެ ވަޒީފާއަށް ކުރިއެރުން ދެވުނީ ، އަހަރެންގެ ހިތުގައި އެކަން އޮތްލެއް ބޮޑުކަމުންނެވެ. އެކަން ކޮށްދިނުމުގެ ފުރުސަތު އަހަރެންނަށް ތަނަވަސްވެފައި އޮތީމައެވެ. އަހަރެން އެކަންކުރީ އެ މަޤްޞަދުގައެވެ. މުރުތަޟާގެ ވަޒީފާގައި ކުރިއަރައި ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް މުރުތަޟާއަށް ފުރިހަމަވެފައި އޮތުމަކީ ، އަހަރެންގެ އުފަލެކެވެ. އެކަމަކު ، އެކަމުގެ އަދަބު އަހަރެންނަށް މިހާރު މިއޮތީ ލިބިފައެވެ. ކުންފުނީގެ އެމްޑީގެ މަޤާމުން އަހަރެން ދުރުކުރެވިއްޖެއެވެ. އެ މަޤާމުގައި އަހަރެން ހުންނާކަށް އަމީން އިޙްސާން ބޭނުމެއް ނުވެއެވެ. އޮފީހަށް ދިއުންވެސް އޮތީ މަނާވެފައެވެ. އެހާ އުހުގައި މަތީގައި އޮވެފައި ބިންމައްޗަށް ވެއްޓޭތަން އިޙްސާސް ވުމަކީ ، ކެތްކުރެވޭވަރުގެ ކަމެއްވެސް ނޫނެވެ. " ނޫރު ބުންޏެވެ.
އައިމަލް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަވާހަކަ ، ޙަފުޞާއާ ހަމަޔަށްވެސް ހިނގައްޖެއެވެ. އެވާހަކަ ޙަފުޞާގާތު ބުނީ ޠާޙިރާއެވެ. ޠާހިރާ ބޭނުންވީ ، މަންމަ ހޮސްޕިޓަލަށް ދާށެވެ. އެހެންނަމަވެސް ، ހޮސްޕިޓަލަށްދާކަށް ޙަފުޞާ ބޭނުމެއް ނުވިއެވެ. ޙަފުޞާ ބޭނުންވީ ، މުރުތަޟާގެ ޢާއިލީ ޒިންމާއާއި ވާޖިބު އަދާކުރުމަށްޓަކައި ، މުރުތަޟާ ހޮސްޕިޓަލަށް ފޮނުވުމަށެވެ. އެކަހަލަ ކަންކަމަކީ ، އިންސާނުންނަށް ހަމަވިސްނުންލިބި ، ކުރެވޭ ކުށްތައް އެނގި ، އިޞްލާޙުވާން މެދުވެރި ކުރައްވާ ކަންކަމެވެ. މުރުތަޟާއަށް ފޯނުކޮށްފައި ، އައިމަލް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަވާހަކަ ބުނުމަށް ޠާހިރާ ގާތު ބުންޏެވެ.
ނޫރުއާއި މުރުތަޟާގެ ވާހަކަ ކުރިޔަށް ދިޔައެވެ. އެއީ އިންސާފުން ކުރެވުނުކަމެއްނޫންކަމަށް މުރުތަޟާއަށް ފެނުނެވެ. އެކަން އެގޮތަށް ނޫރު ކުރީ ކީއްވެގެންތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެހާބޮޑު ތަކުލީފެއް ނޫރުއަށް ލިބި ، ނޫރުގެ ދިރިއުޅުން ބަރުބާދުވެގެންދާފަދަ ޢަމަލެއް ، މުރުތަޟާއަށްޓަކައި ކުރީ ކީއްވެގެން ހެއްޔެވެ ؟
ނޫރު އެކަންކުރީ މުރުތަޟާއަށްޓަކައެވެ. އެހެންނަމަވެސް ، މުރުތަޟާއަށްޓަކައި ، އެވަރުގެ ތަކުލީފެއް އުފުއްލަން ނޫރުއަށް ޖެހުމަކީ މުރުތަޟާ އެދޭގޮތެއްނޫނެވެ. އޭނާގެ ވަޒީފާއިން ވަގުތުން އިސްތިޢުފާދިނުމަށް މުރުތަޟާ ނިންމިއެވެ. މުރުތަޟާއާއި ކުންފުންޏާ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގައިވާގޮތުން ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރިން މުރުތަޟާ އިސްތިޢުފާދީފިނަމަ ، ކުންފުނިން ކޯޓަށް ދާނެއެވެ. އަދި ، ވަރަށްބޮޑު ޖޫރިމަނާއެއް ދައްކަން މުރުތަޟާއަށް ޖެހޭނެއެވެ. އެހެންކަމަށްވިޔަސް ، އެކަމުގެ ޙައްލަކީ އެއީކަމުގައި މުރުތަޟާ ނިންމިއެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތުގައި މުރުތަޟާއަށް އެކުންފުނީގައި މަސައްކަތްކުރުމަކީ ، އެކަށީގެންވާ ކަމެއްނޫނެވެ.
އެކަމުގެ ޙައްލެއް ނޫރުއަށް ހޯދިފައިވާކަމުގައި ނޫރުބުންޏެވެ. އެކަން ނޫރުއަށް ކުރެވޭނީ ، މުރުތަޟާ އެކަމުގައި ނޫރުއަށް އެހީތެރިވެދީގެންނެވެ. އެކަން ފުރިހަމަކުރުމުގައި ، ނޫރުއާއެކީގައި މުރުތަޟާއަށް ހުރެވިދާނެތޯ ނޫރު ސުއާލު ކުރިއެވެ.
އެވަގުތު ، މުރުތަޟާއަށް ފޯނެއް އައެވެ. އެއީ ޠާހިރާގެ ފޯނެކެވެ. ފޯނުނެގުމާއެކު ، ތަހުނިޔާ ، މުރުތަޟާއާ ގުޅިތޯ ޠާހިރާ ސުއާލު ކުރިއެވެ. ތަހުނިޔާ ނުގުޅާކަމަށް މުރުތަޟާ ބުންޏެވެ. ޠާހިރާ އެ ގުޅީ ، އައިމަލްއާ ބެހޭވާހަކައެއް ބުނަންކަމުގައި ޠާހިރާ ބުންޏެވެ. އައިމަލް ބަލިވެގެން ، އެކުއްޖާފުޅު ގޮވައިގެން ، ތަހުނިޔާ ހޮސްޕިޓަލަށް ހިނގައްޖެއެވެ. ތަހުނިޔާގެ މަންމައާއި ބައްޕަވެސް ވީ ހޮސްޕިޓަލުގައެވެ. ސާޖިދާ ބުނިގޮތުން ، އައިމަލް އެނދުމަތިވެސް ކުރަން ޖެހިދާނެއެވެ. ޠާހިރާއަށް އެކަން އެނގުނީމާ ، މުރުތަޟާއަށް އަންގައިލީއެވެ. ހަދާނެގޮތެއް އެނގޭނީ މުރުތަޟާ އަށެވެ.
ތިމަންނަ ދާންއެބަޖެހެޔޭ ބުނެ ، ނޫރުގެ ކިބައިން މަޢާފަށް އެދެމުން ، މުރުތަޟާ އެތަނުން ނުކުތެވެ. ނޫރު އިނީ ވެގެން އުޅޭގޮތެއް ނޭނގި ، ކަންބޮޑުވެފައެވެ. މުރުތަޟާ އެދިޔައީ ، މިހާރު ކުރިމަތިވެގެން މިއުޅޭ މައްސަލަޔަށްވުރެ ބޮޑުކަމެއް ދިމާވެގެންކަމުގައި ޤަބޫލުކޮށް ، ނޫރު ހަމަޖެހިލިއެވެ.
ކުކުރާލަކުކުރާލަ އޮތް ، އައިމަލް އުރާލައިގެން އެދުމަތީގައި ސާޖިދާ އިނެވެ. އުފާވެރިކަމެއް ކުރިމަތިވެގެން އަންނައިރަށް ، އެ އުފާވެރިކަން ނައްތައިލާނެ ކޮންމެވެސް ކަމެއް ، ތަހުނިޔާއަށް އެބަ ކުރިމަތިވެއެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ، ސާޖިދާ ، ތަހުނިޔާއަށް ނަޞޭޙަތްދިނެވެ. ތަހުނިޔާގެ އުފާވެރިކަން ނައްތައިލާކަށް ކަމެއް ނުވެއެވެ. ދިރިއުޅުމުގައި އުފަލާއި ހިތާމައާ ކުރިމަތިލާން ޖެހޭނެއެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. ދުނިޔެއަކީ ، އެއްވަތުމަތިން އަނެއްވަތުގެ ދަށުން ، ތޮށަލިދުޅަޔަށް ހިނގާ އެއްޗެކެވެ. އުފަލަކަށްފަހު ހިތާމައެއް ، އަދި ހިތާމަޔަކަށްފަހު އުފަލެއް އަންނާނެއެވެ. އަބަދު އެއްގޮތެއްގައި އޮވެގެން ހިނގާކަށް ދުނިޔެއަކަށް ނޭނގޭނެއެވެ. އެއީ ދުނިޔެއިން އިންސާނާއަށް ކުރިމަތިވާ އިމްތިޙާނެކެވެ. ސާޖިދާގެ ވާހަކަޔަށް ، ޢާޞިމްވެސް އެއްބަސްވިއެވެ.
ތަހުނިޔާ ކުޑައިރުވެސް ، ސާޖިދާމެން އުޅުނީ އެފަދަ ޙާލެއްގައިކަމަށް ޢާޞިމް ބުންޏެވެ. ބައްޕައާއި މަންމަ އަބަދުވެސް އުޅެންޖެހޭނީ ހާސްވެގެންނެވެ. އުފާވެރިކަމެއް އައްޔާ ހިތާމައެއް މެދުވެރިވާނެއެވެ. އެކަމަކު ، ތަހުނިޔާ އެކަމާ ނުވިސްނުމަށް ޢާޞިމް އެދުނެވެ. ތަހުނިޔާގެ ކަންބޮޑުވުމަކީ ، އޭރު އޭނާޔާއެކީ ބައްޕައާއި މަންމަ ތިބިއިރު ، އައިމަލްއާއެކު އޭނާއެކަނި ހުންނަން ޖެހުމެވެ. އައިމަލް ބަލިވިއިރު ، މުރުތަޟާއެއް އޭނާއާއެކީގައެއް ނެތެވެ. މުރުތަޟާއެއް ހޮސްޕިޓަލަކަށް ނުވެސް އާދެއެވެ. ދަރިންގެ ޒިންމާ ، ހަމައެކަނި މައިންގެ މައްޗަށް އޮންނަންވީ ސަބަބެއް ، ތަހުނިޔާއަކަށް ނުވިސްނެއެވެ.
ޢާޞިމް ތެދުވެގެން އައިސް ތަހުނިޔާގާތު ހުށްޓުނެވެ. ވަގުތާއި ޙާލަތަށްބަލާއިރު ، މުރުތަޟާއަށް ފޯނުކޮށްލަން ތަހުނިޔާއަށް ޖެހޭކަމުގައި ޢާޞިމް ބުންޏެވެ. ސާޖިދާވެސް އެކަމަށް ތާއީދު ކުރިއެވެ. މުރުތަޟާ ނުގުޅިއްޔާ ތަހުނިޔާ ، ފޯނުކުރުމަށް ބުންޏެވެ. އެއީ އައިމަލްގެ ޙައްޤެކެވެ. މުރުތަޟާއަށް އެކަން އެންގުމަކީ ތަހުނިޔާގެވެސް ވާޖިބެކެވެ. ޢާޞިމްއާއި ސާޖިދާގެ ބާރުއެޅުމުގެ މަތިން ، މުރުތަޟާއަށް ފޯނުކުރުމަށް ، ތަހުނިޔާ އެންމެފަހުން އެއްބަސްވިއެވެ.
ތަހުނިޔާ ބޭރަށްނުކުމެ ، މުރުތަޟާއަށް ފޯނުކުރަންވީތޯ އޭނާގެ އަމިއްލަ ނަފުސާ ސުއާލުކުރިއެވެ. ޠާހިރާގޮސް ، މުރުތަޟާގާތު އެވާހަކަ ނުބުނެއެއް ނުހުންނާނެއެވެ. އައިމަލްއަކީ ، މުރުތަޟާގެ ފުރާނައެވެ. ލޮލުގެ ދިރުމެވެ. ޠާހިރާ ބުނީމަވެސް ، ގޮތްދޫނުކޮށް އައިމަލްގާތަށް ނައިސް ހުންނަން ، މުރުތަޟާއަށް ކެރިދާނެ ބާވައެވެ. ދެފިކުރުގައި ހުރެފައި ، ފޯނުނަގައި މުރުތަޟާއަށް ގުޅިއެވެ. ތަހުނިޔާ އިސްއުފުލާލައި ކުރިމައްޗަށް ބަލައިލިއިރު ، ކުރިމަތީގައި އެހުރީ މުރުތަޟާއެވެ. ލިބުނު ޙައިރާންކަމުގައި ތަހުނިޔާ އާގަމަވެފައި ހުއްޓައި ، މުރުތަޟާ އައިސް ، އައިމަލް ކޮބައިތޯ ސުއާލު ކުރިއެވެ. އެތެރޭގައޭ ބުނަމުން މުރުތަޟާއާއެކީ ، ތަހުނިޔާ ހިނގައިގަތެވެ.
މުރުތަޟާ އައިސް ވަނުމާއެކު ، ސާޖިދާއާއި ޢާޞިމްގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ފުރުސަތުބަލާފައި ، ޢާޞިމް ، ސާޖިދާއަށް އިޝާރާތް ކޮށްލައި ، އެމީހުން ގެޔަށް ޖައްސައިލަމާހޭ އަހައިލިއެވެ. ގެޔަށްގޮސް ރީތިވެލައިގެން އަންނާށެވެ.
މުރުތަޟާއަށް އެއީ މައްސަލައެއްނޫނެވެ. އައިމަލްގާތު މުރުތަޟާ މަޑުކުރާނެކަމަށް ބުންޏެވެ. މުރުތަޟާ އައިސް އައިމަލް އުރާލައި ، ސަމާސާކުރަމުންދިޔަތަން ފެނިފައި ތަހުނިޔާގެ ހިތަށްވެސް ހަމަޖެހުން ލިބުނެވެ. އެތައް ދުވަހަކަށްފަހު ، ތަހުނިޔާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ.
މުރުތަޟާއާ ބައްދަލުކުރުމަށްފަހު ، ނޫރު އައިސް ގެޔަށްވަތްއިރު ، އެމީހުންގެ ކޮޓަރީގައި އޭނާގެ އިންތިޒާރުގައި ، އަމީން އިޙްސާން އިނެވެ. ރީތިވެލައިގެން ނޫރު ހުރިތަން ފެނިފައި ، އެހާ ރީތިވެގެން ނޫރު އެހުރީ ކީއްވެތޯ އިޙްސާން ސުއާލު ކުރިއެވެ. ނޫރު އެއައީ ކޮންތާކަށް ގޮއްސައިތޯ ، އިޙްސާން ސުއާލު ކުރިއެވެ. ނޫރު އެއައީ ރައްޓެއްސަކާ ބައްދަލުކޮށްލާފައި ކަމުގައި ބުންޏެވެ.
އިޙްސާންގެ މޫނުމައްޗަށް ވެރިވި މަކަރުވެރި ހިނިތުންވުން ނޫރުއަށް ފެނުނެވެ. ރައްޓެއްސަކާތޯ ނޫނީ ޚާއްޞަ ރަޙުމަތްތެރިޔަކާތޯ އިޙްސާން ސުއާލުކުރިއެވެ. އިޙްސާންއިނީ ނޫރުގެ މޫނަށް ބަލަހައްޓައިގެންނެވެ. ނޫރުވެސް އިޙްސާނާ ކުރިމަތިލިއެވެ.
" ކުންފުނީގެ އެމްޑީގެ މަޤާމުން އަހަރެން ވަކިކޮށްފީމެއްނޫން ހެއްޔެވެ ؟ ކުންފުނީގެ އެއްވެސް ކަމެއްގައި އަހަރެން އުޅޭކަށް އިޙްސާންގެ ހުއްދައެއް ނެތެވެ. މީހުންނާ ބައްދަލުކޮށް އުޅުމަކީވެސް އަހަރެންނަށް މަނާކަމެއް ހެއްޔެވެ ؟ " ނޫރު ބުންޏެވެ.
އެއީ އޭނާގެ ސުއާލުގެ ޖަވާބުނޫންކަމަށް އިޙްސާން ބުންޏެވެ. ތެދުވެގެންގޮސް ނޫރުކުރިމަތީ ، އޭނާގެ ގައިގާ ޖެހޭހިސާބުގައި އިޙްސާން ހުށްޓުނެވެ. އޭނާގެ ސުއާލަކީ ، ނޫރު އެއައީ ކާކާ ބައްދަލުކޮށްފައިތޯ ކަމަށް އިޙްސާން ބުންޏެވެ. ނޫރު އެއަކަށް ޖަވާބެއް ނުދެއެވެ.
" ޔަޤީން ކަށަވަރެވެ. ނޫރުލްޢައިނު ތިއައީ މުރުތަޟާ ޙަސަންއާ ބައްދަލުކޮށްފައެވެ. އެއީ ، ބައްދަލުކުރަން ނޫރުއަށް އަހަރެން މަނާކޮށްފައިވާ ޝަޚުޞެކެވެ. " ދެލޯ ބޮޑުކޮށްގެންހުރެ އިޙްސާން ވާހަކަ ދައްކަމުން ގެންދިޔައެވެ.
ނޫރުއަށް ނުކޮށް ނުހުރެވޭނެކަންކަން ، އޭނާއަށް މަނާ ނުކުރުމަށް ނޫރު ބުންޏެވެ. ކައިވެނިކުރިއިރު ނޫރު ހީކުރީ ، އޭނާއަށް ކައިވެނި އެ ކުރެވެނީ ، ވިސްނުންތޫނު ހަރުދަނާ މީހަކާކަމުގައެވެ. ނޫރުއަށް ޙަޤީޤަތް މި އެނގުނީ މާފަހުންނެވެ. އޭނާއާމެދު ، ނޫރު ކޮންމެ ގޮތަކަށް ދުށްނަމަވެސް ، ނޫރުގެ މަޤްޞަދު ، އިޙްސާނަށް މިހާރު ވަރަށް ސާފެވެ. ވަފާތެރިވުމާއި އިޙްސާންތެރިކަން އެއީ ، ނޫރުގެ ޑިކްޝަނަރީގައި ނެތް އެއްޗެއްކަން އެނގިއްޖެކަމުގައި އިޙްސާން ބުންޏެވެ.
" މުއްސަނދި މަހުޖަނަކާ އިނދެގެން ، ކުރީގެ ލޯބިވެރިޔާގެ ދުނިޔެ އާބާދުކޮށް ، އޭނާއާއެކީ ވަގުތު ހޭދަކުރާނެގޮތް ރާވައި ، އޭނާ ޙާޞިލްކުރުން އެއީ ފެށުމުގައިވެސް ނޫރުގެ ސިކުނޑީގައި އޮތް ވިސްނުމެވެ. " ދެލޯބޮޑުކޮށްގެންހުރެ ، އިޙްސާން އޭނާގެ އަޑުގެ ނެތްތަނަށް ނޫރުއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.
އައިމަލްގެ ބަލި ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރ ބުންޏެވެ. މިރޭ ވާގޮތެއް ބަލާފައި ، މާދަމާ ހެނދުނު ގެޔަށް ފޮނުވުމާމެދު ގޮތެއް ނިންމިދާނެއެވެ. ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް ނެތެވެ. އައިމަލްގާތަށް އައުމަށްފަހު ، ޑޮކްޓަރ ހިނގައްޖެއެވެ.
ކާންދަމާ ހިނގާށޭ ތަހުނިޔާއަށް މުރުތަޟާގާތު ބުނެވުނެވެ. އެހެނަސް ، ކާންދާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. އޭނާއާމެދު ތަހުނިޔާ ފިކުރުނުކުރުމަށް މުރުތަޟާ އެދުނެވެ. އަދި މުރުތަޟާ ބަނޑުހައިނުވާކަމަށްވެސް ބުންޏެވެ. ތަހުނިޔާ ، އެކަމާ އިތުރަކަށް ނުވިސްނައެވެ. އޭނާއާއެކީ ކެއުން އެއީ ، މުރުތަޟާއަށް މައްސަލަޔަކަށް ވަންޏާ އެކަނިގޮސް ނަމަވެސް އެއްޗެއް ކައިލުމަށް ތަހުނިޔާ އެދުނެވެ. މެންދުރުއްސުރެ ، ދެމީހުންކުރެ އެކަކުވެސް އެތިބީ އެއްވެސް އެއްޗެއް ނުކައެވެ. އޮފީހުން އަންނައިރު ، މުރުތަޟާ ބަނޑުހައިނުވާނެކަން ، ތަހުނިޔާއަށް އެނގެއެވެ. ނޫރުލްޢައިނާއެކު ، ރަސްމީ ކޮންމެވެސް ކެއުމެއް އަބަދުވެސް އޮންނާނެއެވެ. ތަހުނިޔާ ހިތްހަމަ ނުޖެހިފައިހުރެ ، އެތަނުން ދުރަށް ޖެހިލަން ބޭނުންވިއެވެ. މުރުތަޟާވެސް ތަހުނިޔާގެ ފަހަތުން ދިޔައެވެ. މުރުތަޟާ ބުނަމުން ގެންދިޔައީ ، ތަހުނިޔާ މާބޮޑަށް ޒާތީވަމުންދާ ކަމުގައެވެ.
ނޫރުލްޢައިނާއެކު ، މުރުތަޟާގެ ގުޅުންތައް އުފެދި ކުރިއަށްދާއިރު ، މުރުތަޟާގެ ފަރާތުން ފެންނަމުންދާ ކަންތައްތަކަށް ކެތްކުރަން ދަތިކަމުގައި ތަހުނިޔާ ބުންޏެވެ. އެއީ އޭނާއަށްލިބޭ ވަރަށްބޮޑު ތަކުލީފެކެވެ. އެންމެ ރަނގަޅުގޮތަކީ ، އެކަކު އަނެކަކަށް ނުފެންނަ ހިސާބު ދުރުގައި ތިބުމެވެ.
" ތިއޮއް ތުއްތުތުއްތު ކުއްޖާފުޅާމެދު ތަހުނިޔާ ވިސްނައެއް ނުލަން ހެއްޔެވެ ؟ އެކުއްޖާފުޅުގެ ކުށަކީ ކޮބައި ހެއްޔެވެ ؟ ދެމީހުން ދުރުގައި ތިބީމަ ، އެކުއްޖާފުޅަށް ކުރާނެ އަސަރު އިޙްސާސެއް ނުވޭ ހެއްޔެވެ ؟ ދެމީހުންގެ ޙާޟިރާއި ދެމީހުންގެ ވަސް އެކުއްޖާފުޅަށް ބޭނުންވާނެއެވެ. އެކުއްޖާފުޅު އެބަލިވީވެސް ، އެ އިޙްސާސްތައް ނުލިބި ދިއުމުންނެވެ. އަހަރެންގެ ބޭވަފާތެރިކަމާއި ގޮތެއްފޮތެއް ނެތްކަން އަމިއްލަޔަށް ކަނޑައަޅައި ، އަހަރެން އެކަމަށް ބަހެއްބުނަން ފުރުސަތުނުދީ ، މުޅިދުނިޔެއަށް އަހަރެން ބޭޒާރުކޮށްލައިފީމުއެވެ. އެކަމަކު މިއޮތް ތުއްތު ދަރިފުޅުގެ ޙައްޤު ކޮބައި ހެއްޔެވެ ؟ " އައިމަލް އަށް ޢިޝާރާތް ކުރަމުން މުރުތަޟާ ބުންޏެވެ.
ތަހުނިޔާ ، މުރުތަޟާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެކަންކަމަކީ އޭނާ ހިތްހަމަޖެހޭ އަދި އުފާވާ ކަންކަންތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ތަހުނިޔާގެ ހިތުގައި އުފެދިފައިވާ މާޔޫސްކަމާއި އިޙްސާސްތަކާ ، އުދާސްތައް މުރުތަޟާއަށް ނުފެނޭތޯ ސުއާލު ކުރިއެވެ. ތަހުނިޔާއަށް ހުރީ ރޮވިފައެވެ.
ތަހުނިޔާގެ ވާހަކައިން މުރުތަޟާއަށް ކުރިއަސަރުން ލޮލުން ކަރުނަ ފާއްދައިލިއެވެ. އޭނާގެ ގާތަށް ތަހުނިޔާ ދަމާލައި ތަހުނިޔާގެ ލޮލަށް ބަލައިލިއެވެ. އަދި ، އޭނާއަށް ކާއެއްޗެއް ދިނުމަށް އެދުނެވެ. އެދެމީހުންނަކީ ވަކިން ދުރުގައި ތިބެވޭނެ ބައެއްނޫންކަން މުރުތަޟާ ހަނދާންކޮށްދިނެވެ. ތަހުނިޔާގެ ލޮލުން ، ކަރުނަ އައުމަކީ ، މުރުތަޟާއަށް ކެތްކުރެވޭނެކަމެއް ނޫންކަމަށް ބުންޏެވެ. (ނުނިމޭ)
Vv.reethi shukuran