( 11 ޖޫން 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އަމީން އިޙްސާންގެ ހުއްދަނެތި އެވަރުގެ ކަމެއް ނުކުރާނެކަމަށް ، ނުރުއޮތީ ބުނެފައެވެ. އެކަހަލަ ގޯހެއް ނޫރުއެއް ނުހަދާނެއެވެ. މުރުތަޟާގެ މަޤާމް މަތިކޮށް ، މުސާރަބޮޑުކޮށް ހެދިއިރު ، އަމީން އިޙްސާނަށް ނޭނގެނީ ބާވައެވެ. އެމައްސަލަ އެއީ ބޮޑުކަމަކަށް ވެގެން ، ކުރިމައްޗަށް އެއައީ ކީއްވެގެންބާވައެވެ.
ގޭގެ މަތީބުރިން ފައިބައިގެން އައިއިރު ، ރަމްޝާ އޭނާގެ ރައްޓެހިންނާ ދައްކަމުންގެންދިޔަ ވާހަކަތައް ނޫރުއަށް އިވުނެވެ. ރަމްޝާ ބުނަމުން ގެންދިޔައެވެ.
" ބައްޕަގާތު ބުނެގެން ، މާލަހެއް ނުވެ ، ގޭގައި ބޮޑުޕާޓީއެއް ބާއްވާނަމެވެ. ބައްޕަ އައިސް އެބައުޅެއެވެ. އެ އަންހެންމީހާއަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. އަހަރެން މިހުންނަނީ މަންމައާ ވަކިވެގެން އައިސް ބައްޕަ ގާތުގައެވެ. އަހަރެންނަކީ ބައްޕްގެ ހުރި ، ހަމައެކަނި ދަރިއެވެ. އަހަރެން ބުނާ އެއްވެސްކަމެއް ނުކޮށްދީ ، ބައްޕަޔަކަށް ކެތެއް ނުވާނެއެވެ. އެހެން ނޫނަސް ، އަހަރެން މަންމައާ ވަކިވެގެން ބައްޕަގާތަށް މިގެޔަށް މިއައީ ، އަހަރެން ކުރަން ބޭނުންވާ ކަންތައްތަކެއް ނިންމައިގެންނެވެ. އެކަން އަހަރެން ޙާޞިލް ކުރާނަމެވެ. ތިކުދިން ، ޕާޓީއަށް އަންނަން ތައްޔާރު ވާށެވެ. އަންނަ ހަފުތާ ބަންދަށްވުރެ ، ލަހެއް ނުވާނެއެވެ. "
ނޫރު ގޭތެރޭގައި އުޅޭތަން ފެނިގެން ، މިއަދު އޮފީހަށް ނުދަނީ ކީއްވެތޯ ރަމްޝާ ސުއާލުކޮށްލިއެވެ. ކުންފުނީގެ އެންޑީ ގޭގައި އުޅެގެން ކުންފުނި ، ރަނގަޅަކަށް ނުހިނގާނެ ދޯއެވެ ؟ ރަމްޝާ އެކުރި ސުއާލަށް ޖަވާބުދޭކަށް ނޫރު ބޭނުމެއް ނޫނެވެ. އެހެނަސް ، ރަމްޝާ އެދައްކާ ވާހަކައާއި އެކުރާ ޖެއްސުމަކީ ރަނގަޅުކަމެއް ނޫންކަން ، ހަނދާން ކޮށްދިނެވެ. ރަމްޝާގެ ވިސްނުން އެކަހަލަ ގޮތަކަށް ހުރެދާނެކަމަކަށް ، ނޫރުއަށް ހީކުރެވިފައެއް ނެތެވެ. އެއީ ވަރަށް ވިޔާނުދާ ކުދިންގެ ސިފައެކެވެ. އަމީން އިޙްސާންފަދަ ، މުއްސަނދި މަހުޖަނެއްގެ ހަމައެކަނި ހުރި ދަރިޔަކީ ، އެއްވެސް އަޚުލާޤެއް ސުލޫކެއްނެތް ކުއްޖަކަށް ވުމަކީ ، ކުރިމަގުގައި އިޙްސާނަށް ކުރިމަތިވާނެ ވަރަށްބޮޑު ގެއްލުމެކެވެ. މަންމަ އެހުރީ ،މރަމްޝާ ހަލާކުކޮށްލާފައެވެ.
" އަހަރެންނަކީ މައްކާރު ، ގޮތެއްފޮތެއްނެތް ، ލަދެއް ޙަޔާތެއްނެތް މީހެކެވެ. ނޫރުލްޢައިނު ބުނަން ބޭނުންވަނީ އެހެން ނޫން ހެއްޔެވެ ؟ އެސިފަތަކަކީ ، ނޫރުލްޢައިނުގެ ހުރި ސިފަތަކެއްކަމަށް އެއްބަސްވާށެވެ ! އަހަރެންގެ ބައްޕަގެ ޙަޔާތަށް ތިއައީ ކިހާ މަކަރުވެރި ، ޙީލަތްތެރި ރޭވުމަކުންކަން އަހަރެންނަށް އެނގެއެވެ. އޭގެ އިތުރަށް ، ބައްޕަގެ ވިޔަފާރީގެ ނާޖާއިޒް ފައިދާ ނަގަމުން ތިގެންދަނީ ، މީހަކަށް އެކަން ނޭނގޭނެކަމަށް ހެއްޔެވެ ؟ މުރުތަޟާ ޙަސަނަކީ ، ނޫރުލްޢައިނުގެ ދެބެންގެ ދެދަރި މީހެއްނޫނެވެ. އެއީ ނޫރުލްޢައިނުގެ ކުރީގެ ލޯބިވެރިޔާއެވެ. އަހަރެންގެ ބައްޕަގެ ވިޔަފާރީގެ ތެރޭގައި ، އެކަން ނޭނގޭ މީހަކު މިހާރަކު ނޫޅޭނެއެވެ. އެކަން އޮންނާނީ ބޭޒާރު ކޮށްލާފައެވެ. އަހަރެން ހުރިހާކަމެއް ތަޙުޤީޤުކޮށް ބަލައިފީމެވެ. މުރުތަޟާ އެގެންދަނީ ، އޭނާގެ އަންހެނުންނަށް މަކަރުހަދައި އޮޅުވައިލަމުންނެވެ. ނޫރުލްޢައިނު ތިގެންދަނީ ، އަހަރެންގެ ބައްޕަޔަށް އޮޅުވައިލަމުންނެވެ. " ރަމްޝާ ، ނޫރުއާ ދިމާކުރަމުން ގެންދިޔައެވެ.
ނޫރު ހުރީ ، ރަމްޝާ ދައްކަމުން އެގެންދާ ވާހަކަޔަށް ، ރައްދުގައި އެއްވެސް އެއްޗެކޭ ނުބުނުމަށް ނިންމައިގެންނެވެ. އެކަމަކު ، ރަމްޝާގެ އެ ލަދުހުތުރު ވާހަކަތަކަށް ރައްދުނުދީ ، ނޫރުއަށް ހުރެވެނީކީ ނޫނެވެ. އެހެންނަމަވެސް ، ކެތްނުވެގެންގޮސް ، ނޫރުއަށް ރަމްޝާގެ ނަމުންގޮވައި ހަޅޭއްލަވައި ގަނެވުނެވެ.
ނޫރު ، އަޑުގަދަކޮށް ހަޅޭއްނުލެވުމަށް ރަމްޝާ ބުންޏެވެ. އެއީ އޭނާގެ ބައްޕަގެ ގެކަން ނޫރުއަށް ހަނދާން ކޮށްދިނެވެ. މުއްސަނދި މަހުޖަނުންނާ އިނދެގެން އުޅުމަކީ ، އެހާ ފަސޭހަކަމެއްނޫނެވެ. ރަމްޝާގެ މަންމަވެސް ، ބައްޕަޔާއެކީ އުޅުނުއިރު ، އުޅެފައިވަނީ ނޫރު އެއުޅޭގޮތަށްކަމަށް ، ރަމްޝާ ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އިތުރު އަންހެނަކު ، އޭނާގެ ބައްޕަގެ ދިރިއުޅުމަށް އައިސް ، ބައްޕަގެ މުއްސަނދިކަމުގެ ނާޖާއިޒް ފައިދާ ނެގިޔަނުދޭނެކަމުގައި ރަމްޝާ ބުންޏެވެ.
" މިހާރު އަހަރެންވެސް މިހުރީ ބޮޑުވެ ތަޞައްރަފު ފުދިފައެވެ. އަންހެންކުދިންނަކީ ، ބައްޕަގެ ޙަޔާތުގައި އައިސްގޮސްވާނެ ބަޔެކެވެ. އެއީ ، ބައްޕަގެ އަމިއްލަ ކަމެކެވެ. އެހެނަސް ، ދަރިޔަކަށް ހުންނާނީ އަހަރެން އެކަންޏެވެ. ބައްޕަގެ ޙަޔާތަށް އެހެން އަންހެންކުދިން އައިސް ގޮސްވާކަން އަހަރެންގެ މަންމަޔަށް އެނގެއެވެ. އެކަން މަންމަޔަކަށް ނުހުއްޓުވުނެވެ. އެކަން ހުއްޓުވުމަކީ ، މިހާރު އަހަރެންގެ ކަމެކެވެ. އަހަރެން އެކަން ކުރާނަމެވެ. ތިކަހަލަ ސަތޭކަ ނޫރުލްޢައިނު އަޔަސް ، ބައްޕަގެ ޙަޔާތުން ބޭރުކުރަމުން ގެންދާނަމެވެ. ނޫރުލްޢައިނަކަށްވެސް ، އަދި އެއިން އެކަކަށްވެސް އަހަރެންނަކަށް އެއްގޮތެއްވެސް ނުހެދޭނެއެވެ. " ރަމްޝާ ، ނޫރުއާ ދިމާއަށް އެއްޗެތި ގޮވަމުން ގެންދިޔައެވެ.
ރަމްޝާގެ ވާހަކަތައް އަޑުއަހަން ، އިތުރަށް ކެތް ނުވެގެން ނޫރު އެތަނުން ދުރަށް ދިޔައެވެ. ރަމްޝާ ހުރީ ، މަކަރުވެރި ހިނިތުން ވުމެއްގައެވެ. ފިސާރި ކެރިގެން ނޫރުއާ ކުރިމަތިލައިގެންނެވެ. ކިތަންމެ މަކަރެއް ހެދިޔަސް ، ކިތަންމެ ދޮގެއް ހެދިޔަސް ، އޭނާގެ ވާހަކަ އިޙްސާން ޤަބޫލުކުރާނެކަން ، ރަމްޝާއަށް އެނގެއެވެ. ރަމްޝާ އެއައީ ، އެކަމަށް ތައްޔާރު ވެގެންނެވެ. ބައްޕަ ހައްލައިލާނެ އުކުޅުތައް މަންމަގެ ގާތުން ، އޭނާއޮތީ ދަސްކޮށްފައެވެ.
ތަހުނިޔާ އޭނާގެދަށުން މަސައްކަތްކުރަމުންގެންދާ ހުރިހާ މުއައްޒަފުންނާ ބައްދަލުކޮށް ، ކުރިޔަށްއޮތް ދުވަސްތަކުގައި އެމީހުންގެ މަސައްކަތް ގެންދާނެގޮތާއި ، މުސްތަޤްބަލަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ދެމުން ގެންދިޔައެވެ. އެމީހުންނަށް ލިބުނު ކާމިޔާބީއެއް ވިއްޔާ އެލިބުނީ ، މުއައްޒަފުންގެ ހިތްވަރާއި ބުރަމަސައްކަތުންކަށް ބަޔާންކޮށް ، އެމީހުންނަށް ތަޢުރީފު ކުރިއެވެ. ތަހުނިޔާގެ ވާހަކަ ނުނިމެނިސް ، މުޙުޞިނާގެ ސެކްރެޓަރީ އައިސް ، ތަހުނިޔާ ، ސާހިބުކަމަނާ މުޙުޞިނާގެ އޮފީހަށް އައުމަށް އެދޭކަމުގައި ބުންޏެވެ. ވާހަކަ ކުރުކޮށްލާފައި ، މުޙުޞިނާގެ އޮފީހަށް ދިއުމަށް ތަހުނިޔާ އަވަސްވެގަތެވެ.
ތަހުނިޔާގޮސް މުޙުޞިނާގެ އޮފީހަށް ވަތްއިރު ، މުޙުޞިނާއިނީ ވަރަށް އުފާވެފައެވެ. ޑުބާއީގައި ބޭއްވި އެމީހުންގެ އެގްޒިބިޝަނުގެ ކާމިޔާބީއާ ގުޅިގެން ، އޭނާގެ ވިޔަފާރިއަށް އިތުރަށް ދިރުން ލިބިއްޖެކަމުގައި މުޙުޞިނާ ބުންޏެވެ. އެހުރިހާ ކާމިޔާބީއެއް ޙައްޤުވަނީ ތަހުނިޔާއަށެވެ. ޚުދު ، މުޙުޞިނާއަށްވެސް އެކަން ނުކުރެވޭވަރަށް ، ތަހުނިޔާވަނީ ، އެގްޒިބިޝަނުގެ ކަންކަން ފުރިހަމަކޮށް ހިންގާފައެވެ. ޑުބާއީގެ ވިޔަފާރިތަކުން ، މުޙުޞިނާއަށް އެތައް އޯޑަރުތަކެއް ލިބިއްޖެއެވެ. މީންދުވަހަކު ، އެއޯޑަރުތައް ނިންމައިނުލެވޭވަރަށް އޯޑަރު ލިބެމުން އެބަދެއެވެ. އެކަންކަމާގުޅިގެން ، ތަހުނިޔާއަށް މުޙުޞިނާ ޝުކުރު އަދާކުރިއެވެ.
މުޙުޞިނާ އަނެއްކާވެސް މާދަމާ އެފުރަނީ ޑުބާއީއަށެވެ. އެއީ ތަހުނިޔާއަށް އެއްވެސް މައްސަލައެއްނޫނެވެ. މުޙުޞިނާ އަބަދުވެސް އެއުޅެނީ ބޭރުގައެވެ. ޑުބާއީގައި އިގްޒިބިޝަން ބޭއްވިއިރުވެސް ހުރިހާކަމެއް ބެލެހެއްޓީ ތަހުނިޔާއެވެ. މުޙުޞިނާއެއް ނޫޅެއެވެ. ހުރިހާ އޯޑަރެއްވެސް ތާރީޚަށް ނިންމާ ޙަވާލުކުރާނެކަމަށް ތަހުނިޔާ ބުންޏެވެ.
ތަހުނިޔާ އޮފީހުގައި އުޅެނިކޮށް ، ސާޖިދާ ފޯނުކޮށްފައި އަވަހަށް ގެޔަށް އައުމަށް އެދުނެވެ. އެއީ އައިމަލްއާ ބެހޭކަމެއްގައެވެ. ތަހުނިޔާވެސް މިހަތަރުފަސް ދުވަހަކު ގޭގައި މަޑެއް ނުވެއެވެ. އައިމަލް ހުންއަންނަތާ ދެތިންދުވަސް ވެއްޖެއެވެ. ރޭގަނޑަށް ހުން މަޑުވާތީ ، ތަހުނިޔާއަކަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ކައިރީގައިހުރި ކްލިނިކަކަށް އައިމަލް ދެއްކީމަ އެތަނުން ބުނީ ، ރަނގަޅު ހޮސްޕިޓަލަކަށް އައިމަލް ދެއްކުމަށެވެ. ސާޖިދާ ފޯނުކުރީ ތަހުނިޔާގާތު އެވާހަކަ ބުނުމަށްޓަކައެވެ.
މުރުތަޟާ އޮފީހުގައި ކަންބޮޑުވެފައި އިނދެ ، ނޫރުގެ ޚަބަރުބަލައިލުމަށްޓަކައި ފޯނު ކުރިއެވެ. ނޫރުއިނީ ، ގޭގެ ބަގީޗާގައި ހައްދާފައިވާ މާގަސްތަކެއްގެ ތެރޭގައި އެކަނިމާއެކަނި އިށީނދެލައިގެންނެވެ. ނޫރު ، އޮފީހަށް ނައީ ކީއްވެތޯ އާއި ޙާލު ރަނގަޅުތޯ މުރުތަޟާ ސުއާލު ކުރިއެވެ.
ނޫރުއަށް ލިބިފައިވާ ހާސްކަމުގައި އެއިނީ ހަދާނެގޮތް ބޮޑުވެފައެވެ. އެކަމާބެހޭގޮތުން ވާހަކަ ދައްކައިލާ ޚިޔާލު ބަދަލުކޮށްލާނީ ކާކާކަމެއް ނޭނގެއެވެ. ކުރާނެ ވަކިކަމެއް ، ކަމެއް ކުރާނީ ކޮންއިރަކުކަމެއް ނޫރުއަކަށް ނުވިސްނެއެވެ. ނޫރު . ވާހަކަދައްކަމުން ދިޔައިރު ، އެއަޑު އިވޭ ހިސާބުގައި ރަމްޝާ ، ހިނިއައިސް ހުށްޓެވެ. ނޫރުއިނީ ވަރަށްބޮޑަށް ހާސްވެފައެވެ. މުރުތަޟާއާ ވާހަކަ ދައްކައިލަން ބޭނުންވާކަމުގައި ނޫރު ބުންޏެވެ. މުރުތަޟާވެސް ނޫރުއާ ވާހަކަ ދައްކައިލަން އެހުރީ ބޭނުންވެފައެވެ. އަދި އިތުރަށް ލަސްނުކޮށް ، ހަމަ އެދުވަހުން އެދުވަހަށް ބައްދަލުކުރަން ދެމީހުންނަށްވެސް މުހިންމެވެ.
އައިމަލްއާ ތަހުނިޔާ ދެކެލުމަށްޓަކައި ، ތަހުނިޔާމެންގެ ގެޔަށް ޠާހިރާ އައެވެ. އެވަގުތަކީ ، އައިމަލް ގޮވައިގެން ހޮސްޕިޓަލްއަށް ދިއުމަށްޓަކައި އެމީހުން ކާރަށް އަރަމުންދިޔަ ވަގުތެވެ. އެމީހުން އެދާ ތަނަކާ ބެހޭގޮތުން ޠާހިރާ ސުއާލުކުރިއެވެ. ޠާހިރާއަށް ޖަވާބުދިނީ ސާޖިދާއެވެ. އެމީހުން އެދަނީ ، އައިމަލް ބައލިވެގެން ހޮސްޕިޓަލަށްކަމަށް ސާޖިދާ ބުންޏެވެ. ފަހަރެއްގައި ހޮސްޕިޓަލުގައި އެނދުމަތިވެސް ކުރަންޖެހިދާނެއެވެ. އައިމަލްއާއެކު ޠާހިރާވެސް ހޮސްޕިޓަލަށް ދާން އެދުނެވެ. އެހެނަސް ، ސާޖިދާ އެކަމަށް އެއްބަހެއް ނުވިއެވެ. އެއީ ކޮންމެހެން ބޭނުންކަމެއްނޫންކަމަށް ސާޖިދާ ބުންޏެވެ.
މުރުތަޟާއާއި ނޫރުލްޢައިނު ބައްދަލުކޮށް ، ކުރިމަތިވެފައިވާ މައްސަލަތަކާމެދު އެކަކުއަނެކަކަށް ސުއާލު ކުރަމުން ގެންދިޔައެވެ. މުރުތަޟާގެ މަސައްކަތަށް އަމީން އިޙްސާން އެހާ ހިތްހަމަ ނުޖެހޭއިރު ، އޭނާގެ ވަޒީފާމަތިކޮށް ، މުސާރަބޮޑު ކުރީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެއީ ނާޖާއިޒް ފައިދާއެއްގެ ގޮތުގައި މުރުތަޟާއަށް ހަމަޖެހިގެންދިޔަކަމެއް ކަމަށް އެއްވެސްމީހަކަށް ހީވުމަކީ ، މުރުތަޟާއަށް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އަދި އަމްދުން ، އަމީން އިޙްސާނަށް އެކަހަލަ ގޮތަކަށް ހީވެގެން ، އެކަމާބެހޭ ތަޙުޤީޤުފެއްޓުން އެއީ ، މުރުތަޟާގެ ނަފުސަށްލިބޭ ހުތުރެކެވެ.
ކުންފުނީގެ އެމްޑީގެ މަޤާމަށް ނޫރު ޢައްޔަންކުރީ ، ޚުދު އަމީން އިޙްސާނެވެ. ނޫރުއަކީ ، އެއްވެސް މީހަކަށް ޙައްޤުނޫން ކަމެއް ހުއްދަކޮށް ، ނުފޫޒަކަށް ހެއްލި އިންސާފުން ބޭރުވާނެ މީހެއްނޫނެވެ. މުރުތަޟާއާ ބެހޭގޮތުންވެސް ، މުރުތަޟާގެ ވަޒީފާމަތިކޮށް މުސާރަބޮޑުކުރުމަށް ފެންނަ ސަބަބުތައް ، ނޫރުވަނީ އިޙްސާނަށް ކިޔައިދީފައެވެ. އެއީ އިޙްސާނަށް ނާންގައި ނޫރުކުރި ކަމެއްނޫނެވެ. ހުރިހާކަމެއްވެސް ނޫރުކުރަމުން ގެންދިޔައީ ، އިޙްސންގެ ލަފަޔާއި ހުއްދަ ލިބިގެންނެވެ.
އެހެންކަމަށް ވަންޏާ ، މުރުތަޟާއާ ބެހޭގޮތުން އަމީންގެ ވިސްނުން އެހުރީ ދިމާއިދިކޮޅަށެވެ. އެއީ ކީއްވެގެންތޯ މުރުތަމާ ސުއާޅު ކުރިއެވެ.
ނޫރު ، މިހާރު ތަޙައްމަލުކުރަމުން އެގެންދާ ކަންތައްތައް އެނގިއްޖެނަމަ މުރުތަޟާ ޙައިރާންވާނެއެވެ. އެކަން ކިޔައިދިނުމަށް މުރުތަޟާ އެދުނެވެ.
އަމީން އިޙްސާން ގެޔަށް އައިތަނުން ފުރަތަމަވެސް ދިމާވަނީ ރަމްޝާއާއެވެ. ދެބަފައިން އެކަކު އަނެކަކަށް ސަލާމްކޮށްލައި ޙާލުއަޙުވާލު އޮޅުންފިލުވިއެވެ. ނޫރު ކޮބައިތޯ އިޙްސާން ސުއާލުކުރިއެވެ. އެއީ ބައްޕަގެ ފަރާތުން ކުރާނެ ސުއާލެއްކަމަށް ބަލައިގެން ، ރަމްޝާ އިންތިޒާރުކޮށްގެންހުރި ސުއާލެކެވެ. ނޫރުލްޢައިނު ދިޔައީ މުރުތަޟާއާ ބައްދަލުކުރަންކަމުގައި ރަމްޝާ ބުންޏެވެ. އަދި އެކަން ބައްޕަޔަށް އެނގިފައިނެތީ ކީއްވެތޯ ރަމްޝާ ސުއާލުކުރިއެވެ. ރަމްޝާއަށް އެކަން އެނގުނީ ކިހިނެއްތޯ އިޙްސާން ސުއާލުކުރިއެވެ. ރަމްޝައަށް އެކަން އެނގުނީ ، ނޫރުލްޢައިނު ފޯނުން މުރުތަޟާއާއެކު އެވާހަކަ ދައްކަމުން ދިޔައަޑު އިވުނީމައެވެ. މުރުތަޟާގެ ކާރު ދިޔަތަންވެސް ޑްރައިވަރު ލައްވައި ރަމްޝާވަނީ ބަލައިފައެވެ. އެންމެ ރަނގަޅޭބުނެ ، އިޙްސާން ހިނގައިގަތެވެ.
" ބައްޕާއެވެ ! މަޢާފު ކުރާށެވެ ! ހެކި ސާބިތުނުވާގޮތަށް އަހަރެން އެއްވެސްކަމެއް ނުކުރާނަމެވެ. އެ އަމިއްލައެދުން ބޮޑު އަންހެނާ ، ބައްޕަގެ ދިރިއުޅުން ހަލާކުކުރިޔަ ނުދޭނަމެވެ. ބައްޕަވެސް އަހަރެންނަށް އެހާ އަޅައިލައެވެ. އަހަރެންވެސް ބައްޕަޔަށް އަޅައިލަން ޖެހޭނެއެވެ. އެހެންވެ ، މިސް ނޫރުލްޢައިނު މިސިޒް އަމީން އިޙްސާނަށް ވީގޮތް އަހަރެން ދެނެގަންނަން ބޭނުމެވެ. " ރަމްޝާގެ ވާހަކަ ނިމުމުން ، އިޙްސާން އޭނާގެ ކޮޓަރިޔަށް މަތީބުރިޔަށް އަރައިގެން ދިޔައެވެ.
ރަމްޝާ ، އޭނާގެ ރޭވުމުގެ ކާމިޔާބީއަށް ހިނިތުން ވެލިއެވެ. ނޫރުގެ ކިބައިން ބަދަލުހިފުމަށްޓަކައި އޭނާ އެހުރީ ، ނޫރުއާ ޚިލާފަށް އެއްޗެކޭ ބުނެލަން ލިބޭ ކިތަންމެ ކުޑަ ފުރުޞަތެއްވެސް ދޫކޮށްލާގޮތަކަށް ނޫނެވެ. މަކަރުންކަމަށްވިޔަސް އަދި އޮޅުވައިލައިގެންކަމަށްވިޔަސް ، ބައްޕަގެ ހިތުގައި ނުރުލްޢައިނުގެ މައްޗަށް ނަފުރަތެއް އުފެދިދާނެ ކޮންމެކަމެއްވެސް އޭނާ ނުކޮށް ދޫކޮށެއް ނުލާނެއެވެ. އެއީ ، އޭނާ ދިރިހުރުމުގެ މަޤްޞަދުކަމަށް މިހާރު އެއޮތީ ވެފައެވެ. (ނުނިމޭ)