ފުރާވަރާއެކު ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ކުދިންނަށް ދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މެންސްޓުރަލް ހައިޖީން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވީ އުމުރަށް އަންނަ ބަދަލުތަކާއި ފުރާވަރު އުމުރަށް އެޅުމާއެކު ޖިސްމާނީގޮތުންނާއި ބައޮލޮޖިކަލް ގޮތުން އަންހެން ކުދީންނާއި ފިރިހެން ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ހެދިބޮޑުވުމާއި ޒުވާން އުމުރުފުރާގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އުމުރާ އެކަށީގެންވާގޮތަށް ލިބުމަކީ ފުރާވަރުގެ އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މައްސަރު ކަންތައްތަކަކީ އަންހެނުންނަށް ތަބީޢީ ގޮތުން ދިމާވާ ކަމަކަށްވާއިރު ބެލެނިވެރީންނާއި ބަލަދުވެރީން އެ ކުދިންނަށް އެކަމުގެ ވާހަކަތައް އުމުރާ ގުޅޭގޮތުން ކިޔައިދިނުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ނޫންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވިދާޅުވިއެވެ.