ފަލްސަފާ (92)

( 29 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ގެޔަށް ދިއުމަށްޓަކައި ، އައިމަލްގެ ހެދުންތައް ފަށްޖަހައި ދަބަހަށް އެޅުމުގެ މަސައްކަތުގައި ތަހުނިޔާ އުޅެމުން ގެންދަނިކޮށް ، އެތަނަށް ޠާހިރާ އައިސް ވަނެވެ. ތަހުނިޔާ ތަނަކަށް ދާންއުޅެނީތޯ ޠާހިރާ ސުއާލުކުރިއެވެ. ތަހުނިޔާ އެއުޅެނީ މަންމަގާތަށް ދިއުމަށެވެ. ވަޒީފާއަށް ނުކުންނަން ފެށިފަހުން ، މަންމަގާތަށް ގޮސް މަޑުކޮށްލެވެނީ ގަޑި ދެގަޑިއެއްހާ އިރަށެވެ. ޠާހިރާ ހައިދަރު އާބާދުން އައިމަ ، މަންމަގާތުގައި ހުންނަން ދާން ، ކުރިންވެސް ތަހުނިޔާ އޮތީ ނިންމާފައެވެ. ތަހުނިޔާގެ ވާހަކަތަކާ ، ލޮލުންފެންނަ އަސަރުތަކުން ، ޠާހިރާގެ ހިތުގައި ޝައްކު އުފެދި ، މުރުތަޟާއާއި ތަހުނިޔާއާ މައްސަލައެއް ޖެހިގެން އުޅެނީތޯ ސުއާލު ކުރިއެވެ. މައްސަލައެއް އެބައުޅޭކަން ، އެ ސުއާލަށް ތަހުނިޔާދިން ޖަވާބުން ޠާހިރާއަށް ޔަޤީންވިއެވެ. މުރުތަޟާގެ ދިފާޢުގައި އެއްޗެއް ބުނަން ޠާހިރާއަކަށް ފުރުސަތެއް ނުލިބުނެވެ. މުރުތަޟާއަށް ހުރިހާކަމެއް އެނގޭނެކަމުގައި ތަހުނިޔާ ބުންޏެވެ. ތަހުނިޔާ އެގޭގައި ހުއްޓަސް އަދި ނެތަސް މުރުތަޟާއަށް ތަފާތެއް ނެތްކަމުގައި ތަހުނިޔާ ބުންޏެވެ.

މުރުތަޟާއަކީ އެކަހަލަ މީހެއް ނޫންކަން ތަހުނިޔާއަށް ވިސްނައި ދިނުމަށްޓަކައި ޠާހިރާ ކުރަމުންގެންދިޔަ މަސައްކަތް ވީ ބޭކާރެވެ.

 

ރަމްޝާ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ކުއްލިފަރުވާއެއް ދިނުމަށެވެ. އޭނާގެ ޙާލު މިހާރު ރަނގަޅެވެ. ޕާޓީގައި އުޅުނުކުދިން އޭނާއަށް ނޭނގި އޯޑަރުކޮށްގެން ، އިހިގެނައީއެވެ. އަދި ، އެ އިހިތައް ފެނުމާއެކު ، އޭނާއަށް ނުކައި ނުހުރެވުނީއެވެ. އަދި ހަމަ ކެއުމާއެކު އަނބުރައިގަތީއެވެ. ނޫރު އައިސް ، ރަމްޝާ ބާއްވާފައި އޮތް ކޮޓަރިޔަށް ވަތްއިރު ، ރަމްޝާއިނީ އޭނާގެ މަންމަޔާ ވާހަކަ ދައްކާށެވެ. ނޫރުއައުމާއެކު ، އެ އަންހެނާ އައިއްސިއޭ ބުނެ ، ފަހުން ފޯނުކޮށްލާނަމޭ ބުނަމުން ، ރަމްޝާ ފޯން ބޭއްވިއެވެ.

ނޫރު އައިސް ، ރަމްޝާގެ ޙާލު މިހާރު ކިހިނެއްތޯ ސުއާލު ކުރިއެވެ. ނޫރުގެ ސުއާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރަމްޝާ ކުރީ ސުއާލެކެވެ. އޭނާ ހަދައިގެން ބަލިވެގެން އައިސް ހޮސްޕިޓަލުގައި އޮތްކަމަށް ނޫރުއަށް ހީވަނީތޯ ސުއާލު ކުރިއެވެ. ނޫރު ހިނިތުން ވެލިއެވެ. އެގޮތަށް ހީކުރަންވީ ކީއްވެތޯ އަހައި ރަމްޝާއާ ސަމާސާ ކޮށްލިއެވެ. ނޫރުގެ ސަމާސާއަކީ ރަމްޝާއަށް ދުވަހަކުވެސް ޤަބޫކުރެވޭނެ ކަމެއްނޫނެވެ. އެމެރިކާގައި މަންމަ ހުއްޓާ ، ރަމްޝާ ބަލިވެގެން ނޯކަރު ފޯނުކުރީމަ ،  މަންމަޔާ ގުޅާށޭ ނޫރު ބުނިކަން ، ރަމްޝާ ހަނދާން ކޮށްދިނެވެ.

ނޫރުއަށް ދިމާވި ޙާދިސާ ކިޔައިދެވޭތޯ މަސައްކަތް ކުރިއެވެ. އަދި މިހާރުވެސް ، ބައްޕަ ހޮސްޕިޓަލުގައި ބާއްވާފައި އޮއްވާ ، އެތަނުގައި ނުހުރެ ، ރަމްޝާގާތަށް އައުން އެއީ ނޫރުގެ އިޚްލާޞްތެރިކަމާއި އަޅައިލުމުގެ ހެއްކަކަށް ނުފުދޭތޯ ނޫރު ސުއާލު ކުރިއެވެ. އެހެނަސް ، ރަމްޝާ އެވާހަކައެއް ޤަބޫލެއް ނުކުރިއެވެ. ނޫރުއަށް އޭނާ ބޭނުންވި އެންމެ މުހިންމު ވަގުތަކީ ، އޭނާ ބަލިވެގެން ވެއްޓުނު ވަގުތުކަމުގައި ރަމްޝާ ބުންޏެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ގޭގެ ނޯކަރުންނެވެ. މިހާރު ، އޭނާ ރަނގަޅެވެ. ނޫރު އޭނާގާތަށް އަންނަންވީ މިހާރުނޫންކަމަށް ރަމްޝާ ބުންޏެވެ. މިހާރު އޭނާއެދަނީ ރަނގަޅުވެގެން ގެޔަށެވެ. ކޮންމެހެން ގޮތްދައްކަން ، ޑްރާމާކުޅޭނެކަމެއް ނެތްކަމަށް ރަމްޝާ ބުނެ ، އެތަނުން ނޫރު ދިއުމަށް އެދުނެވެ.

ނޫރު ، ގެޔަށް އެދަނީ ރަމްޝާ އޭނާ އެތަނުން ދިއުމަށް ބުނެގެންކަމަށް ރަމްޝާގެ ބައްޕަގާތު ބުނާނެކަމަށް ނޫރު ބުންޏެވެ. ނޫރުގެ އެވާހަކަޔަށް ރަމްޝާ ، މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނޫރު އެތަނުގައި ހުންނާނީ އަމިއްލަޔަށް ފެނިގެންނެވެ. ރަމްޝާ ބޭނުންވެގެންނެއް ނޫނެވެ. ރަމްޝާގެ ރައްޓެހިން ، އޭނާ ގެޔަށް ގެންދިއުމަށްޓަކައި އެބަ އާދެއެވެ. ނޫރު އެތަނުގައި ހުއްޓާ ، ރަމްޝާގެ ރައްޓެހި ތިންއަންހެންކުދިން އެތަނަށް އައުމާއެކު ، ނޫރު އެތަނުން ނުކުތެވެ.

 

ވަޞީމު ގެޔަށް ގެނެސްފިއެވެ. ހާރިސްއާއި މުރުތަޟާވެސް ، ވަޞީމާއެކު ގެޔަށް އައެވެ. ގެޔަށް އައިސް ، އެންމެ ފުރަތަމަވެސް ވަޞީޟު ސުއާލުކުރީ ނޫރުއާ ބެހޭގޮތުންނެވެ. މުރުތަޟާއަށް ބުނާނެ ވަކި އެއްޗެއް ނޭނގި ހުއްޓާ ، ނޫރު އަންނާނެކަމަށާ އަދި ހާރިސް ގޮސް ނޫރުގޮވައިގެން އަންނާނެކަމަށް ހާރިސް ބުންޏެވެ. މުރުތަޟާއަށް ބަލައިލުމަށްފަހު ، ވަޞީމު އޭނާއަށް ޝުކުރުއަދާކުރިއެވެ. ހާރިސްވެސް މުރުތަޟާއަށް ޝުކުރު އަދާކުރިއެވެ. ވަޞީމު ހޮސްޕިޓަލުގައި ބޭއްވިފަހުން ، މުރުތަޟާ މުޅިންވެސް އުޅުނީ ، ހޮސްޕިޓަލުގައެވެ. ބޭނުންވާ އެކި ކަންކަން ފުރިހަމަކޮށްދިނުމުގައެވެ.

 

އައިމަލް ގޮވައިގެން ތަހުނިޔާ ، އޭނާގެ މަންމަގާތަށް ދިޔައެވެ. ތަހުނިޔާ އައިގޮތުން ، ސާޖިދާއަށް ޝައްކުތަކެއް ވިއެވެ. އެ ޝައްކުތަކާގުޅިގެން ، ސާޖިދާކުރި އެއްވެސް ސުއާލަކަށް ތަހުނިޔާ ، ރަނގަޅަކަށް ޖަވާބެއް ނުދިނެވެ.

އަނެއްކޮޅުން ، މުރުތަޟާމެންގޭގައި ސިޓިންގރޫމުގައި މުރުތަޟާއާއި ޙަފުޞާއާ ދެމައިން ވާހަކަ ދައްކަމުން އެ ގެންދަނީ ، ތަހުނިޔާ ކުއްލިޔަކަށް ގެޔަށްދިޔަ މައްސަލައިގައެވެ. ޙަފުޞާއަށް ހީވާގޮތުގައި ، މުރުތަޟާއާއި ނޫރު އެކުގައި މަސައްކަތް ކުރުމަކީ ތަހުނިޔާ ހިތްހަމަޖެހޭ ކަމެއްނޫނެވެ. މުރުތަޟާއަށް އެހެންނެއް ހިއެއް ނުވެއެވެ. އެވާހަކަ ޙަފުޞާގާތުބުނީ ކާކުތޯ މުރުތަޟާ ސުއާލު ކުރިއެވެ. ޙަފުޞާގާތު އެއްވެސް މީހަކު އެކަހަލަ ވާހަކައެއް ނުދައްކައެވެ. އެހެނަސް ، ތަހުނިޔާ ކުއްލިޔަކަށް ގެޔަށް ދިއުމުގައި ސަބަބެއް އޮންނާނެއެވެ. ވިސްނާވިސްނާވެސް ، ނޫރުލްޢައިނުނޫން މީހަކާ އެކަމާ ، ޙަފުޞާއަކަށް ގުޅުވައެއް ނުލެވުނެވެ.

ނޫރުލްޢައިނުއާ މުރުތަޟާއާ ދެމީހުން އެއްއޮފީހެއްގައި މަސައްކަތްކުރާ ވާހަކަ ތަހުނިޔާގާތުވެސް ވަރަށް ސާފުކޮށް މުރުތަޟާ ދައްކައިފިއެވެ. މަންމަގާތުވެސް ، މުރުތަޟާ ދައްކަން އޮތީ ހަމަ އެއްވާހަކައެކެވެ. އެއްއޮފީހެއްގައި އުޅެންޖެހޭތީ ، އެއްތާކުން ބައްދަލުވެ ، ވާހަކަދައްކައި އުޅެންޖެހުން އެއީ މައްސަލަޔަކަށްވާ މީހުންނަށް ދޭނެ ޖަވާބެއް މުރުތަޟާއަކަށް ނޭނގެއެވެ. އޭގެ އިތުރަށް ، ނޫރުއަކީ ، އަވަށްޓެރިއެކެވެ. ދުރުގާ ތިމާގެ މީހެކެވެ. ޙާލުއަޙުވާލު އޮޅުންފިލުވައި ހެދުމުގައިވެސް އެހެންމީހުންނާ ތަފާތުކަމެއް ހުރުމަކީ ، ގޯހެއްކަމަކަށް މުރުތަޟާއަކަށް ނުފެނެއެވެ.

ޙަފުޞާ އޭނާގެ ތަޖުރިބާގެ މައްޗަށް ބަރޯސާވެ ، އެކަމުގައި އޭނާއަށް ފެންނަގޮތުގެމައްޗަށް ، މުރުތަޟާއަށް ނަސޭޙަތްތެރި ވިއެވެ.  ތަހުނިޔާއަކީ އަންހެނެކެވެ. އަންހެނެއްގެ ވިސްނުމާއި ނަޒަރިއްޔާއިން ބަލާނަމަ ، ތަހުނިޔާއަށް އެހީވަނީ ކުށް ހީއެއްނޫނެވެ. މުރުތަޟާއާއި ނޫރުލްޢައިނުގެ މާޒީއާ ގުޅުވައިގެން ، މުރުތަޟާގެ މައްޗަށް ޝައްކުކުރާނެ އެތައް ކަމެއް ތަހުނިޔާއަށް އޮންނާނީ ތަޖުރިބާ ކުރެވިފައެވެ. ދިމާވެސް ވެފައެވެ. އެއީ ކެތްތެރި ކުއްޖެކެވެ. ތަހުނިޔާ ގެޔަށްދާނީ ވަރަށް ކެތްކޮށްފައެވެ. ތަހުނިޔާގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވައިލަން ، މުރުތަޟާ މަސައްކަތްކުރަންޖެހޭނީ ލޯބިންނެވެ. ޖަދަލުކޮށް ނުރުހުމުގެ ބަސްތަކަކުންނެއް ނޫނެވެ. ތަހުނިޔާގެ ސުއާލުތަކަށް މުރުތަޟާއަށް ޖަވާބުދެވެނީ ، ހަރުކަށިބަސްތަކުން ، އަޑުގަދަކޮށް ކަމަށްވަންޏާ ، ތަހުނިޔާގެ ހީ ހައްތާދާނީ ތެދުކުރަމުންނެވެ. ކުށްހީއަކީ ، ޙަޤީޤަތަކަށް ބަރޯސާވާ އެއްޗެއް ނޫނެވެ. އެއީ ޝައްކުގެ މައްޗަށް ބިނާވާ އެއްޗެކެވެ. އެއަށް އެކަށީގެންވާ ފަރުވާއެއް ނުދެވިއްޖެނަމަ ، ދެމަފިރިއެއްގެ ގުޅުމުގައި ރެނދުނުލައެއް ނުހުންނާނެއެވެ.

 

އަނެއްދުވަހުގެ ހެނދުނު ، ނޫރުލްޢައިނު އޮފީހަށް ނުދާތީ ، ބައްދަލުވުމަކަށް ފައިލެއް ބަލައި ހެނދުނުހެނދުނާ ، މުރުތަޟާ އެގެޔަށް ފިޔައެވެ. ނޫރުއިން ޙާލަތު ފެނިފައި މުރުތަޟާގެ ހިތުގައި ނޫރުގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. ނޫރުގެ މޫނުމަތިން އުފާވެރިކަންވަނީ ގެއްލިފައެވެ. ލޮލުން ހިލެމުންދާ ކަރުނަތަކަށް މެދުކެނޑުމެއް ނެތެވެ.

މުރުތަޟާ އެއައީ ، ވަޞީމުގާތަށް ނޫރުގެންދިއުމަށްޓަކައި ނޫރު ބަލައެވެ. ހަމައެކަނި ފައިލް ބަލައެއްނޫނެވެ. ނޫރުއަށް ހިތްވަރު ދިނުމަށްޓަކައި މުރުތަޟާ ދައްކަމުންގެންދިޔަ ވާހަކަތައް ، ކުއްލިޔަކަށް ހުށްޓުނީ ، އެގޭގެމަތީބުރިން ، މީހަކު ގަދައޭ ގޮވައިލި އަޑަށެވެ. މަތީބުރީގެ ބެލްކަންޏަށް ނުކުމެ އެހުރީ ރަމްޝާއެވެ. މުރުތަޟާ އައީއްސުރެ ، ރަމްޝާ ގެންދިޔައީ ، ނޫރުއާއި މުރުތަޟާގެ ޙަރަކާތްތައް ބަލައި މޮނިޓަރ ކުރަމުންނެވެ. ދައްކަމުން ގެންދިޔަ ވާހަކަތައް އަޑުއަހަމުންނެވެ.

" ނޫނޭވާ ގަދައެވެ. ލޯތްބާއި ރަޙުމަތްތެރިކަން ބާއްވާނީ މުރުތަޟާއާ އެކީގައިކަމަށް ވަންޏާ ، އަހަރެންގެ ބައްޕަޔާ ނޫރުލްޢައިނު އިނީ ކީއްކުރަން ހެއްޔެވެ ؟ އަހަރެންގެ ބައްޕަގެ ފަރާތުން ، ނޫރުބޭނުންވަނީ ކޮންކަމެއް ހެއްޔެވެ ؟ " ރަމްޝާ ބުންޏެވެ.

މުރުތަޟާއަކީ ނޫރުލްޢައިނުއާ ދެބެންގެ ދެދަރިމީހެއްކަމަށާއި ، މުރުތަޟާއަށް ނިސްބަތްކޮށް އިޙްތިރާމާއެކު ވާހަކަ ދެއްކުމަށް ، ރަމްޝާއަށް ވިސްނައިދިނުމަށް ނޫރު މަސައްކަތް ކުރިއެވެ.

އޭނާއަކީ އަމީން އިޙްސާން ނޫންކަމަށާއި އޭނާއަކީ ރަމްޝާކަމަށް ، އަދި އެކަން ނޫރުގެ ހަނދާނުގައި އަބަދުވެސް ބެހެއްޓުމަށްބުނެ ރަމްޝާ ނޫރުއާ ޖަދަލު ކުރިއެވެ.

މުރުތަޟާއަށް ފެނުނުގޮތުގައި ، ރަމްޝާއާ ނޫރު ވާހަކަދައްކަން އެބަ ޖެހެއެވެ. އެހެން ނޫނީ ، ވަރަށްބޮޑެތި މައްސަލަތަކެއް ނޫރުގެ ދިރިއުޅުމުގައި އުފެދިގެން ހިނގައިދާނެއެވެ. މުރުތަޟާއާއެކީގައި ނޫރު ދިއުމަކީ މިހާރު އެންމެ ރަނގަޅުގޮތަކަށް ނުވާނެކަމަށްބުނެ ، މުރުތަޟާ އެގެއިން ނުކުތެވެ. އެހެނަސް ، ނޫރު ބަލައިގެން އުޅުމަށް ނަސޭޙަތްތެރި ވިއެވެ. މުރުތަޟާ ދިޔައީ އޭނާބަލައި އައި ފައިލްވެސް ނުލައެވެ.

ރަމްޝާ ކޮޓަރިޔަށް ވަތްގޮތަށްވަދެ ، އަމީން އިޙްސާނަށް ފޯނުކުރިއެވެ.

" ބައްޕަޔާހުރެ އަހަރެން ހަމަ ޙައިރާން ވެއްޖައިމެވެ. ވިސްނައިލުމެއްނެތި އެހާ އަވަހަށް ، ބައްޕަގެ ޙަޔާތަށް ތިގެނައި އަންހެނާގެ އޮތީ ހަމައެކަނި އެންމެ މަޤްޞަދެކެވެ. ފައިސާއާއި އަރާމު ދިރިއުޅުމެކެވެ. " ރަމްޝާ ރުޅިއައިސްހުރެ ބައްޕަޔާދިމާއަށް އެއްޗެތި ކިޔަމުން ގެންދިޔައެވެ.

އަމީން އިޙްސާން ، އޭނާގެ ދަރިފުޅުގާތުގައި ބުނިހާވެސް އެއްޗަކީ ، އެއީ ރަމްޝާއާ ބެހޭކަމެއްނޫން ކަމުގައެވެ. ނޫރުލްޢައިނަކީ ، އެމީހުންގެ ހަޔާތުގެ އެއްބައިކަމުގައި ޤަބޫލުކުރަން ، ރަމްޝާގާތު އިޙްސާން ބުންޏެވެ. ނޫރުއަށް އިޙްތިރާމް ކުރުމަކީވެސް ރަމްޝާގެ ވާޖިބެއްކަން ހަނދާން ކޮށްދިނެވެ. އެހެނަސް ، ރަމްޝާ އޭނާގެ ބައްޕަޔާ ކުރަމުންގެންދިޔަ ޖަދަލު ނިންމައެއް ނުލިއެވެ. އޭނާގެވެސް ހަމައެއް އޮންނާނެކަމުގައި ރަމްޝާ ބުންޏެވެ. ފައިސާއާއި މުދަލާ އަދި އަރާމު ދިރިއުޅުމެއްގެ ބޭނުމުގައި މީހެއްގެ ދިރިއުޅުމަށް އައި އަންހެނަކަށް އޭނާގެ ހިތުގައި އެއްވެސް ޖާގައެއް ނެތެވެ. ނޫރުލްޢައިނުގެ ކުރީގެ ލޯބިވެރިޔާއާ ވަކިވާން ޖެހުނަސް ، ފައިސާއާއި މުދަލާ އަރާމަށްޓަކައި ބައްޕަޔާ ގުޅުނު އަންހެނަކަށްވީތީ ،  އޭނާ ނޫރުލްޢައިނަކަށް އެއްވެސް އިޙްތިރާމެއް ނުކުރާނެއެވެ. ތާކުންތާކު ނުޖެހޭ ބޭކާރު ވާހަކަ ނުދެއްކުމަށް ރަމްޝާގާތު ، އިޙްސާން އެދުނެވެ. މުރުތަޟާ ބުނިގޮތަށް ، ރަމްޝާއާ ވާހަކަ ދައްކައިލުމަށްޓަކައި ނޫރު އެކޮޓަރިޔަށް އައިއިރުވެސް ރަމްޝާ ގެންދިޔައީ އިޙްސާނާ ވާހަކަ ދައްކަމުންނެވެ. އެހިސާބުން ، ރަމްޝާގެ ވާހަކަތައް ނޫރުއަށް ސާފުކޮށް އިވުނެވެ.

" އަހަރެންނަކީ މިހާރު ކުޑަކުއްޖެއްނޫނެވެ. އަހަރެންނަށް ފެންނަކަންކަން ވަރަށް ރަނގަޅަށް ސާފުވާ ވަރަށް އަހަރެންގެ ސިކުނޑި ތޫނެވެ. މުރުތަޟާއޭ އެކިޔާ ފިރިހެނާޔާ ނޫރުލްޢައިނު އަދިވެސް ، އެބަ ބައްދަލު ކުރެއެވެ. އެމީހުން އެކުގައި ވަގުތުވެސް ހޭދަކުރެއެވެ. މުރުތަޟާއަކީ ނޫރުލްޢައިނުގެ މާޒީއެއްނޫނެވެ. މިހާރުވެސް މުރުތަޟާއަކީ ނޫރުލްޢައިނުގެ ދިރިއުޅުމުގެ ޙިއްޞާ އެކެވެ. ބައްޕަޔަށް ބޭވަފާތެރިވުމުގައި އެންމެ ތަންކޮޅެއްވެސް ނޫރު ފަހަކަށް ނުޖެހެއެވެ. މުރުތަޟާއަށް ބޭވަފާތެރިވެފައި ބައްޕަޔާ ގުޅުނު ގޮތަށެވެ. ދާދިއަވަހަށް ، ބައްޕަޔަށް ހުރިހާކަމެއް ފަޅާއަރާނެއެވެ. " ރަމްޝާ ބުނަމުން ގެންދިޔައެވެ.

ރަމްޝާގެ ވާހަކަތަކުން ، އިޙްސާންއަށް އެމައްސަލައާމެދު އިތުރަށް ވިސްނައިލަން މަޖުބޫރުވިއެވެ. ވަގުތު ޖެހުނީމަ އެކަމާމެދު އޭނާ ގޮތެއް ނިންމާނެކަމަށް އިޙްސާން ބުންޏެވެ. އޭނާ އިތުރަށް ފާރަލަމުން ގެންދާނެކަމަށް ބުނަމުން ރަމްޝާ ކޮޓަރިން ނުކުތެވެ. ކޮޓަރީގެ ބޭރުން ރަމްޝާއާ ދިމާވީ ނޫރުއެވެ.

އެހާ ކުޑަކުޑަކަމެއް ބޮޑުކަމަކަށް ހަދައިގެން ، ބައްޕަގާތު އެވާހަކަ ދައްކަން ރަމްޝާ ، ލަދެއް ނުގަނޭތޯ ނޫރު ސުއާލު ކުރިއެވެ. އެގޭގައި ރަމްޝާގެ މަންމަޔަށް އޮންނަންޖެހޭ ޢިއްޒަތާއި ޤަދަރު އޮންނަންޖެހޭނެކަން ، ރަމްޝާއަށް އެނގެންޖެހޭނެކަމަށް ނޫރު ބުންޏެވެ. ރަމްޝާގެ މަންމަގެ ނަން ، ނުގަތުމަށް ނޫރުއާ ދިމާއަށް އިނގިލި ދިއްކޮށްގެންހުރެ ، ރަމްޝާ ބުންޏެވެ.

އެއީ ކީއްވެތޯ ނޫރު ސުއާލުކުރިއެވެ. އިޙްތިރާމާއި ޢިއްޒަތާއި ޤަދަރަކީ ، ހަމައެކަނި ރަމްޝާގެ މަންމަޔަށް އެކަނި ދުނިޔޭގައި ޙައްޤުވާ އެއްޗެއް ހެއްޔެވެ. ނޫރުގެވެސް އަބުރެއް އޮންނާނެއެވެ. ﷲ އަށްޓަކައި ، ރަމްޝާ ނޫރުއާމެދު އެ ދެކޭގޮތް ބަދަލުކުރުމަށް ނޫރު އެދުނެވެ. ކައިވެނީގެ ގުޅުންތަކަކީ ، ވަރަށް އުނދަގުލުން ދެމެހެއްޓޭ އެއްޗެކެވެ. ނޫރުއާއި އަމީން އިޙްސާނާދެމެދު ، މައްސަލަތަކެއް އުފައްދައި ، އެދެމީހުންގެ ގުޅުން ގޯސްވާނެ ކަންކަން ނުކުރުމަށް  ނޫރު އެދުނެވެ. ރަމްޝާ އެކުރަނީ ވަރަށް ވިޔާނުދާ ކަމެއްކަމަށް ނޫރު ބުންޏެވެ.

ގޯސްކޮށް ހުރިހާކަމެއްވެސް ކުރަނީ އޭނާގެ ބައްޕަކަމުގައި ރަމްޝާ ބުންޏެވެ. އޭނާ ، ކުރަމުން އެގެންދާ މަސައްކަތަކީ އެގޯހުގައި ހުރި ޕޮއިންޓްތައް ދުނިޔެއަށް ދެއްކުމެވެ. ނޫރުއަކީ އެހާ އިޚްލާޞްތެރި އަންހެނެއްކަމަށް ޤަބޫލުކުރެވެންޏާ ، އެކަން ސާބިތުކޮށްދިނުމަށް ރަމްޝާ ބުންޏެވެ. އެކަން ، ނޫރުއަށް ކުރެވިދާނެތޯ ރަމްޝާ ސުއާލު ކުރިއެވެ. ނޫރުގެ ހިތުގައި މުރުތަޟާގެ މައްޗަށް އެއްވެސް ޚާއްޞަކަމެއް ނެތްކަމަށް ވަންޏާ އެކަން ސާބިތުކޮށްދިނުމަށް ރަމްޝާ ބުންޏެވެ.

 

އަމީން އިޙްސާނާ ވާހަކަ ދައްކައިލުމަށްޓަކައި ފޯނު ކޮށްކޮށް ، ނޫރުގެ ފޯނަކަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން ، އޭނާގެ ފޯނުނެގުމަށް އެދި ، މެސެޖެއް ފޮނުވިއެވެ. އިޙްސާން އޭރު އިނީ ބައްދަލުވުމެއްގައެވެ. ބައްދަލުވުން ނިމިގެން ، ނޫރުގެ މެސެޖް ކިޔައިލިއެވެ. އަދި އެ މެސެޖަށް ޖަވާބުގައި ނޫރުއަށް މެސެޖެއް ފޮނުވިއެވެ.

" ނޫރުލްޢައިނުއެވެ ! އަހަރެން ކުރާނީ ކޮންކަމެއްކަމެއް އަހަރެންގާތު ބުނަން ނޫޅޭށެވެ ! އަހަރެންނަށް އަންނަ ފޯނުނަގާނެކަން އެނގޭނީ އަހަރެންނަށެވެ. ފޯނަށް ޖަވާބުދޭނެކަންވެސް އެނގޭނީ އަހަރެންނަށެވެ. އަހަރެންނަށް ނުފޫޒު ފޯރުވަން ނޫޅޭށެވެ." އިޙްސާންގެ މެސެޖްގައި ލިޔެވިފައި އޮތެވެ.

 

މުރުތަޟާ ނައިސްގެން މަސައްކަތް ނުފެށިފައި ނޫރު މަޑުކޮށްގެން އިންދާ ، މުރުތަޟާ އައިސް ނޫރުގެ ކެބިންތެރެޔަށް ވަނެވެ. ނޫރުގެ މޫނުމަތީގައިވާ ނުތަނަވަސްކަން މުރުތަޟާއަށް ފާހަގަ ކުރެވުނެވެ. އަދި ، ހުރިހާކަމެއް ރަނގަޅުތޯ ސުއާލުކުރިއެވެ. މުރުތަޟާއަށް ދޭނެ ޖަވާބެއް ނޫރުއަކަށް ނޭނގުނެވެ.

" އަހަރެންނަށް ހީވާގޮތުގައި ، މައްސަލަ މާ މައްޗަށް ނުދަނިސް އަހަރެން ، ވަޒީފާއިން އިސްތިޢުފާދޭން އެބަޖެހެއެވެ. " ވަގުތުގެ ނާޒުކުކަމަށް ބަލާފައި ، މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ އެ ނިންމުމާގުޅިގެން ، ނޫރުއަށް ލިބުނު ޙައިރާންކަން ވަރަށް ބޮޑުވިއެވެ. އެކަމަށް ދޭނެ ޖަވާބެއް ނޫރުގެ ހިތަކަށް ކުއްލިޔަކަށް ނައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.