ފަލަޞްޠީނުގެ ހިތްދަތި ޙާލަތާ ގުޅިގެން އެ ޤައުމަށް މިނިވަންކަމާއި އަމާންކަން މިންވަރުކޮށްދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިޔުމަށް މިއަދު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ޤުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވަނީ މަޣުރިބު ނަމާދާއި ފަތިސް ނަމާދަށްފަހު ކަމަށެވެ. އަދި މިއަދު މިކަން ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގާނެކަމަށެވެ.
މީގެ އިތުރުން މުސްލިމުންނަކީ އެއް ހަށިގަނޑެއްފަދަ ބައެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިދަނޑިވަޅުގައި އިޚުލާސްތެރިކަމާއެކު ދުޢާކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
ޤުނޫތު ނާޒިލާއަކީ މުސީބާތެއް ކުރިމަތިވާ ދަނޑިވަޅުގައި އެ މުސީބާތަކުން އަރައިގަތުމަށްކިޔޭ ޚާއްސަ ޤުނޫތެކެވެ. މީގެ ކުރިންވެސް ފަލަސްތީނުގެ ޙާލަތާ ގުޅިގެން ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ.
އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން ފަލަސްތީނުގެ ޣައްޒާގެ ރަފަޙަށް ޔަހޫދީން ވަނީ މިފަހަކަށް އައިސް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެގޮތުން ރަފަޙަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 40 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
ރަފަޙުގައި ރެފިއުޖީންގެ ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.